-

އޮޑިޓް ގާނޫނު (ގާނޫނު ނަންބަރު 2007-04) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2014-30)

 

ގާނޫނު ނަންބަރު 2007-04 (އޮޑިޓް ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

2. އޮޑިޓަރ ޖެނެރަލް އައްޔަންކުރުން

(ހ) ދިވެހިރާއްޖޭގައި، ވަކިފަރާތަކަށް ބުރަނުވާ މުސްތަގިއްލު އޮޑިޓަރ ޖެނެރަލެއް ހުންނަންވާނެއެވެ.

(ށ) އޮޑިޓަރ ޖެނެރަލް ކަމަށް މީހަކު އައްޔަންކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) އޮޑިޓަރ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެއް ނަން ނުވަތަ އެއަށްވުރެ ގިނަ ނަން، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމަކީ ނުވަތަ ނަންތަކަކީ އާންމުކޮށް އިއުލާންކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަމެއް ނުވަތަ ނަންތަކެއް ކަމުގައި ވާންވާނެއެވެ.

(ބ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ މީހަކު، އޮޑިޓަރ ޖެނެރަލް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

3. އޮޑިޓަރ ޖެނެރަލްގެ އޮފީސް ގާއިމުކުރުން

(ހ) މި ގާނޫނުގެ ދަށުން އޮޑިޓަރ ޖެނެރަލާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި، ގާނޫނު ނަންބަރު 4/2007 (އޮޑިޓް ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު "އޮޑިޓަރ ޖެނެރަލްގެ އޮފީސް" ގެ ނަމުގައި އޮފީހެއް އުފެދުނީއެވެ.

(ށ) ގާނޫނު ނަންބަރު 4/2007 (އޮޑިޓް ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ބޭނުންކުރަމުން ގެންދިޔަ އެންމެހައި މުދަލާއި ވަސީލަތްތަކާއި، ދައުލަތުގެ ބަޖެޓުން އެ އޮފީހަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، އެ އޮފީހުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އެންމެހައި ހައްގުތަކާއި ވާޖިބުތަކާއި، ގާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮފީހުން އުފުލަންޖެހޭ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ގާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮފީހަށް ލިބިދޭ ހައްގުތަކާއި މަންފާތައް، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އުފެދޭ އޮޑިޓަރ ޖެނެރަލްގެ އޮފީސް އުފެދުމާއެކު، އެ އޮފީހަށް ބަދަލުވީއެވެ.

(ނ) އޮޑިޓަރ ޖެނެރަލްގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމާއި، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، އަދި މުދާ މިލްކުކުރުމާއި އެ މުދަލުން ފުރިހަމައަށް ބޭނުންކުރުމުގެ ހައްގު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ، މިނިވަން ގާނޫނީ ށަހްސެކެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

(ށ) އަންނަނިވި ތަންތަނުގެ އެކައުންޓްތަކާއި، ހިސާބުތަކާއި، މާލީ ހިންގުމާ ގުޅޭގޮތުން އޮޑިޓްކުރުން:

  1. މައިގަނޑު ގޮތެއްގައި ދައުލަތުގެ މުދަލާއި ފައިސާ ހޭދަކޮށްގެން ހިންގާ ކޮންމެ ތަނެއް؛
  2. އެ ވިޔަފާރިއެއްގައި ސަރުކާރުގެ ހިއްސާއެއް އޮތް ކޮންމެ ވިޔަފާރިއެއް.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ ކުރިއަށް އަންނަނިވި ތިން މާއްދާ އިތުރުކުރުން.

3. އޮޑިޓަރ ޖެނެރަލްގެ މަގާމުގެ މުއްދަތު

(ހ) މި ގާނޫނުގެ ދަށުން އައްޔަންކުރާ އޮޑިޓަރ ޖެނެރަލްގެ މަގާމުގެ މުއްދަތަކީ އޭނާ އައްޔަންކުރެވޭ ތާރީހުން ފެށިގެން 7 (ހަތެއް) އަހަރު ދުވަހުގެ 1 (އެކެއް) ދައުރެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މީހަކު ފިޔަވައި، އޮޑިޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވާ މީހެއްގެ މަގާމުގެ މުއްދަތު، އިތުރު 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރެވިދާނެއެވެ.

 

4. އޮޑިޓަރ ޖެނެރަލްގައި ހުރުން ލާޒިމުވާ ށަރުތުތައް

އޮޑިޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ މީހެއްގެ ކިބައިގައި އަންނަނިވި ސިފަތައް ފުރިހަމަވާންވާނެއެވެ.

(ހ) މުސްލިމަކު ކަމުގައިވުން؛

(ށ) ދިވެހި ރައްޔިތެއް ކަމުގައިވުން؛

(ނ) ބޭރު ގައުމެއްގެ ރައްޔިތެއް ކަމުގައިނުވުން؛

(ރ) އުމުރުން 35 (ތިރީސްފަހެއް) އަހަރު ވެފައިވުމާއެކު 65 (ފަސްދޮޅަސްފަހެއް) އަހަރު ވެފައިނުވާ މީހަކު ކަމުގައިވުން؛

(ބ) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން؛

(ޅ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން؛

(ކ) އޮޑިޓަރ ޖެނެރަލްގެ މަގާމުގެ އިތުރުން، އެހެން އެއްވެސް މަގާމެއް ފުރަމުންދާ މީހަކު ކަމުގައިނުވުން ނުވަތަ އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައިނުވުން؛

(އ) ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައިނުވުން ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައިނުވުން؛

(ވ) އޮޑިޓަރ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ ތައުލީމާއި ގާބިލުކަން ހުރި މީހަކު ކަމުގައިވުން. އެގޮތުން، އިންޓަރނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓަންޓްސް (އައިފެކް) އިން ގަބޫލުކުރާ އެކައުންޓިންގ ޖަމާއަތެއްގެ މެންބަރެއް ކަމުގައިވުމާއެކު، އެކައުންޓިންގގެ ދާއިރާގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 7 (ހަތެއް) އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން؛

(މ) ދައުލަތުގެ ނުވަތަ ދައުލަތް ބައިވެރިވާ ކުންފުންޏެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ހިއްސާއެއް އޮތް މީހަކު ކަމުގައި ނުވުން.

 

5. އޮޑިޓަރ ޖެނެރަލްގެ ސުލޫކީ މިންގަނޑުތައް

އޮޑިޓަރ ޖެނެރަލްގެ މަގާމުގެ މުއްދަތުގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި އޭނާއަށް ލިބިދޭ ބާރުތައް ބޭނުންކުރުމުގައި އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން ކަން ކުރުމަށް؛

(ށ) އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ނުވުން؛ އޭގެ ތެރޭގައި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަމާބެހޭ ފަރާތްތަކުން އަންގާ ގޮތުގެމަތިން އަމަލުކުރުމެއް ނުހިމެނެއެވެ.

(ނ) އެއްވެސް ފަރާތަކަށް ޖެހިލުންވުމެއް ނެތި، އަދި ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއް ނެތި، ތައައްސުބުން އެއްކިބާވެހުރެ މަސައްކަތް ކުރާ މީހެއް ކަމުގައިވުން؛

(ރ) އޮޑިޓަރ ޖެނެރަލްގެ މަސައްކަތުގެ އަސާސް، ހަމަހަމަކަމާއި، ހާމަކަމާއި، ޖަވާބުދާރީވުމުގެ މައްޗަށް ބިނާކުރުން؛

(ބ) ކުރާ ނުވަތަ ބައިވެރިވާ ކަމަކުން ނުވަތަ ދައްކާ ވާހަކައަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން ނުވަތަ އެނޫންވެސް އެހެން ގޮތަކުން، އޮޑިޓަރ ޖެނެރަލްގެ މުސްތަގިއްލުކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުން؛

(ޅ) މަގާމުގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އޭނާ އަދާކުރާ ވަޒީފާގެ ބޭނުން، އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލުކުރުމަށް، ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމަށް ބޭނުންނުކުރުން؛

(ކ) މަގާމުގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ މައުލޫމާތެއް، އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި ތިންވަނަ ފަރާތަކަށް ހާމަނުކުރުން؛

(އ) ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިނުވުން ނުވަތަ ކުންފުޏެއްގެ ހިއްސާދާރެއް ކަމުގައި ނުވުން ނުވަތަ އާމްދަނީ ހޯދުމަށް ފަންނީ މަސައްކަތެއްގައި ށާމިލުނުވުން ނުވަތަ އާމްދަނީއެއް ލިބޭ ފަދަ އެހެން އެއްވެސް މަސައްކަތެއް ނުކުރުން އަދި އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް ނުވަތަ އެހެން އެއްވެސް މަގާމެއް އަދާނުކުރުން؛

(ވ) ހުރިހާ ވަގުތެއްގައިވެސް، ހުރިހާ އަމަލެއްގައިވެސް މުޖުތަމައު ގަބޫލުކުރާ ފެންވަރުގައި އޮޑިޓަރ ޖެނެރަލްގެ އަހްލާގާއި އަބުރުގެ ރައްކާތެރިކަން ދެމެހެއްޓުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

6. އޮޑިޓަރ ޖެނެރަލްގެ ހުވައި

އޮޑިޓަރ ޖެނެރަލް އޭނާގެ މަގާމާ ހަވާލުވެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި އަންނަނިވި ހުވައިކޮށް، އެ ހުވައިގެ އިގްރާރުގައި ސޮއިކުރުމުންނެވެ.

"އަހުރެން ...... (މީހާގެ ނަން) ...... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރި ވުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، އޮޑިޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާ އެއީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އަންނަނިވި ގޮތަށް އެ މާއްދާއަށް (ށ) އެއް އިތުރުކުރުން.

11. (ށ) އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް ކޮންމެ އަހަރަކު ތައްޔާރުކޮށް، އެ އަހަރެއްގެ މާލީ ހިސާބުތަކާއެކު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އޮޑިޓަރ ޖެނެރަލް ފޮނުވަންވާނެއެވެ. އަދި އެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލް އެ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

12. މަގާމުން އިސްތިއުފާދިނުން

އޮޑިޓަރ ޖެނެރަލް އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނީއެވެ. އަދި އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އޮޑިޓަރ ޖެނެރަލް އެ މަގާމުން ވަކިވީއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

13. އޮޑިޓަރ ޖެނެރަލް މަގާމުން ވަކިކުރުން

އޮޑިޓަރ ޖެނެރަލް މަގާމުން ވަކިކުރެވޭނީ، އޮޑިޓަރ ޖެނެރަލްގެ މަގާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ އެ މަގާމު އަދާކުރުމުގެ ގާބިލުކަން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އޮޑިޓަރ ޖެނެރަލް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުންނެވެ. ރައްޔިތުންގެ މަޖިލީހުން އެފަދައިން ފާސްކުރުމުން، އެ ހިނދުން ފެށިގެން އޮޑިޓަރ ޖެނެރަލް އޭނާގެ މަގާމުން ވަކިވީއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

14. މުސާރައާއި އިނާޔަތްތައް

އޮޑިޓަރ ޖެނެރަލްގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ރައްޔިތުންގެ މަޖިލީހުންނެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

20. (ހ) (2) މި މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށެއްކޮށްފި މީހެއްގެ މައްސަލަ ބެލުމަށްފަހު، ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އޮޑިޓަރ ޖެނެރަލް ފޮނުވަންވާނެއެވެ.

 

11 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

13 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އޮޑިޓް ގާނޫނު (ގާނޫނު ނަންބަރު 2007-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު