ބައެއް ގާނޫނުތައް އިސްލާހު ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 26/2014)

0 occurrences found.

ބައެއް ގާނޫނުތައް އިސްލާހު ކުރުމުގެ ގާނޫނު

(ގނޫނު ނަންބަރު 26/2014)

 

1 ވަނަ މާއްދާ 

މިއީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި އެ ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ ގާނޫނުތައް އިސްލާހުކުރުމުގެ ގާނޫނެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނުގެ 2 ވަނަ މާއްދާއިން ފެށިގެން 7 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކުރާ ގާނޫނުތަކުގެ މާއްދާތައް އިސްލާހުވީއެވެ.

2 ވަނަ މާއްދާ 

ގާނޫނު ނަންބަރ 4/1975 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނު) ގެ 2 ވަނަ މާއްދާގެ (ބ) އަށް އަންނަނިވިގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ބ) ގެ ފަހަތަށް އެ މާއްދާގެ (ޅ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުުރން.

2. (ބ) - ފެނިއްޖެނަމަ ނުވަތަ ހޮވައިފިނަމަ އަމަލުކުރަންވީ ގޮތް
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްޗެއް، އޮޔާދަނިކޮށް، ނުވަތަ ލަނގުވެފައި ވަނިކޮށް، ނުވަތަ އެ އެއްޗެއްގެ ވެރިފަރާތް ނުވަތަ އެ އެއްޗެއް ގެންގުޅޭ ފަރާތް ނޭނގޭފަދަ ގޮތެއްގައި ވަނިކޮށް، ނުވަތަ ހުއްދަ ލިބިފައިނުވާ ފަރާތަކުން އެ އެއްޗެއް ގެންގުޅެނިކޮށް ނުވަތަ ބަހައްޓާފައިވަނިކޮށް ފެނިއްޖެނަމަ، އެ ފެނުނު މީހަކު، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލަސްނުކޮށް އެކަން އަންގަންވާނެއެވެ. އަދި އެފަދަ އެއްޗެއް މީހަކު ހޮވައިފިނަމަ، އެ އެއްޗެއް ހޮވި މީހަކު ލަސްނުކޮށް އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

(1) މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރުން؛ ނުވަތަ
(2) އެ އެއްޗެއް ފެނުނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަރުކަޒެއް ގާއިމުވެފައިނެތް ރަށެއްގައިނަމަ، އެ ރަށުގައިވާ ޕޮލިސް ސްޓޭށަނާ ނުވަތަ ޕޮލިސް ޕޯސްޓާ ނުވަތަ އެ ރަށެއް ނިސްބަތްވާ ރަށު ކައުންސިލަކާ ނުވަތަ ސިޓީ ކައުންސިލަކާ ހަވާލުކުރުން.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ހޮވާ އެއްޗަކީ ހަނގުރާމަމަތީ ހަތިޔާރެއް ނުވަތަ އެފަދަ އެއްޗެއްކަމަށް ބެލެވޭ އެއްޗެއްނަމަ، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއަށް ލަސްނުކޮށް އެކަން އަންގަންވާނެއެވެ.

3 ވަނަ މާއްދާ 

ގާނޫނު ނަންބަރު 7/1996 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެޔަށް ފެތޭ އުޅަނދުތަކާއި އުރޭ އުޅަނދުތަކާ ބެހޭ ގާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ)، އަދި 3 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

2. ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދެއް ފެނިއްޖެނަމަ އަމަލުކުރަންވީ ގޮތް
(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އެއްވެސް ތަނަކަށް ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދެއް ފެނިއްޖެނަމަ، އެ އުޅަނދެއް ފެނުނު ފަރާތަކުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަނަށް، ނުވަތަ އެންމެ ކައިރީގައިވާ ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް ވަގުތުން އެކަން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ އުޅަނދަކާބެހޭ މައުލޫމާތު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަނަށް ލިބުމުން، އެ މިނިސްޓްރީން ލަސްނުކޮށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީއަށް އެ މައުލޫމާތު ދޭންވާނެއެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އެއްވެސް ތަނަކަށް ފެތިފައިވާ ނުވަތަ އުރިފައިވާ އުޅަނދަކާބެހޭ މައުލޫމާތު ރަށު ކައުންސިލަކަށް ނުވަތަ ސިޓީ ކައުންސިލަކަށް ލިބިއްޖެނަމަ، އެ ކައުންސިލަކުން ލަސްނުކޮށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަނަށާއި، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީއާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް އެ މައުލޫމާތު ދޭންވާނެއެވެ.

3. ދިވެހިރާއްޖޭގެ ސަރަހައްދަށް އުޅަނދެއް ފެތިއްޖެނަމަ ނުވަތަ އުރިއްޖެނަމަ އެ އުޅަނދަކާބެހޭ މައުލޫމާތުދިނުން
(ހ) މި މާއްދާގެ (ނ) އިން އިސްތިސްނާކޮށްފައިވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދެއް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން އެއްވެސް ތަނަކަށް ފެތިއްޖެނަމަ، ނުވަތަ އުރިއްޖެނަމަ، އެ އުޅަނދެއްގެ ވެރިފަރާތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަން، ނުވަތަ އެންމެ ކައިރީގައިވާ ރަށު ކައުންސިލަކަށް ނުވަތަ ސިޓީ ކައުންސިލަކަށް، ތިރީގައިވާ މައުލޫމާތު ވީހާ އަވަހަކަށް ދޭންވާނެއެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަން ނުވަތަ ކައުންސިލަކުން ލަސްނުކޮށް އެ މައުލޫމާތު އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީއަށް އަންގަންވާނެއެވެ.
(ނ) (3) ރަށްރަށުގެ ފަޅުތެރެއަށާއި ނެރު މައްޗަށް ފެތުމުން ނުވަތަ އުރުމުން، ތިމާވެށްޓަށް ގެއްލުމެއް ލިބިދޭފަދަ އެއްޗެއް އެ އުޅަނދަކުން ފަޅުތެރެއަށް އެޅުމަކާ ނުލައި، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ފުންކުރާ ނުވަތަ ނަގާ އުޅަނދު.

4 ވަނަ މާއްދާ 

ގާނޫނު ނަންބަރު 8/1996 (ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާބެހޭ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ)، އަދި 4 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

3. ކަނޑުން ލަނގުވާ ތަކެއްޗާމެދު އަމަލުކުރަންވީގޮތް
(ހ) ކަނޑުގައި އުފެދޭ ތަކެތި ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުން ލަނގުވާ އެއްވެސް އެއްޗެއް ފެނިއްޖެނަމަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ނުވަތަ އެންމެ ކައިރީގައި ހުރި ރަށު ކައުންސިލަކަށް ނުވަތަ ސިޓީ ކައުންސިލަކަށް އެ އެއްޗެއް ފެނުނު ފަރާތަކުން ލަސްނުކޮށް އަންގަންވާނެއެވެ.
(ށ) ކަނޑުގައި އުފެދޭ ތަކެތި ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުން އެއްވެސް އެއްޗެއް ހޮވައިފިނަމަ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ނުވަތަ އެންމެ ކައިރި ރަށު ކައުންސިލަކަށް ނުވަތަ ސިޓީ ކައުންސިލަކަށް އެކަމުގެ މައުލޫމާތު ލަސްނުކޮށް އަންގަންވާނެއެވެ. އަދި އެފަދައިން ހޮވި އެއްޗެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާ ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކާ ހަވާލުކުރަންވާނެއެވެ. ހޮވާތަކެތީގެ ތެރެއިން އެ އެއްޗަކީ ކޮން އެއްޗެއްކަން ނޭނގޭ އެއްޗެއްސާއި ނުރައްކާތެރި އެއްޗެހީގެ މައުލޫމާތު ލަސްނުކޮށް މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަންވާނެއެވެ.

4. ކަނޑުގައި އުފެދޭ ތަކެތި ހޮވުން
(ހ) ކަނޑުގައި އުފެދޭ އެއްޗެއް ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ހޮވައިފި މީހަކު ލަސްނުކޮށް އެކަމުގެ މައުލޫމާތު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް، ނުވަތަ އެންމެ ކައިރި ރަށު ކައުންސިލަކަށް ނުވަތަ ސިޓީ ކައުންސިލަކަށް އަންގަންވާނެއެވެ.


5 ވަނަ މާއްދާ 

ގާނޫނު ނަންބަރު 20/1998 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

7. ފަޅުރަށްރަށުން ލަކުޑި ކެނޑުން
(ހ) ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށަކުން ލަކުޑި ކަނޑަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުން ދޭ ލަކުޑި ސިޓީއަކަށް، އަތޮޅު ކައުންސިލަކުން ފޮނުވާ މީހަކާއި، އެ ރަށެއް ލިޔުއްވައިގެން އުޅޭ ނުވަތަ ހަވާލުވެގެން ހުރި ފަރާތެއްގެ، ނުވަތަ އެ ފަރާތުން ފޮނުވާ މީހެއްގެ ހާޒިރުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލަކުޑި ކަނޑަންވާނީ ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން އަމަލުކުރެވޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.


6 ވަނަ މާއްދާ 

ގާނޫނު ނަންބަރު 21/1998 (މީހުންއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ގާނޫނު) ގެ 2 ވަނަ މާއްދާ، 5 ވަނަ މާއްދާގެ (ހ)، 6 ވަނަ މާއްދާ، 7 ވަނަ މާއްދާ، 8 ވަނަ މާއްދާ އަދި 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

2. ރުއްގަސް އިންދުން
މީހުންއުޅޭ ރަށްރަށުގައި ނުވަތަ ސިޓީތަކުގައި ދިރިއުޅުމަށް ދޫކުރާ ގޯތިގޯއްޗާއި ވަގުފު ބިންތަކާއި އެކިއެކި ބޭނުމަށް އެކި ފަރާތްފަރާތާ ހަވާލުކޮށްފައިވާ ބިންތައް ނޫން އެހެން ތަންތާނގައި ރުއްގަސް އިންދަންވާނީ، ކަމާބެހޭ ގަވާއިދުތަކާއި ޕްލޭންތަކާ އެއްގޮތްވާ ގޮތުގެމަތިން، ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ހުއްދަ ހޯދުމަށްފަހު، އެ ކައުންސިލަކުން ކަނޑައަޅާ ތަނެއްގައެވެ.

5. އަމިއްލަ ރުއްގަސް ރަޖިސްޓަރީކުރުން
(ހ) މި ގާނޫނުގެ 2 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، މީސްމީހުން އިންދައި ހައްދާ އަމިއްލަ ރުއްގަސް، ކަމާބެހޭ ގަވާއިދުތަކާއި ޕްލޭންތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުގައި ރަޖިސްޓަރީކުރަންވާނެއެވެ. ދަނޑުބިމުގައި ހައްދާ ތަރުކާރީ، މޭވާ ނުވަތަ ގޮވާންލިބޭ ބާވަތްތައް، އެ ތަކެތި އިންދާ ދަނޑުބިން ރަޖިސްޓަރީކުރުމުން، މި މާއްދާގެ ދަށުން ރަޖިސްޓަރީކުރީކަމަށް ބެލޭނެއެވެ.

6. ރައްޔިތުންގެ ރުއްގަސް ކުއްޔަށްދީ ވަކިކުރުމާއި ރައްޔިތުންގެ ރުއްގަސް ބެލެހެއްޓުން ހަވާލުކުރުން
މީހުންއުޅޭ ރަށްރަށުގައި ނުވަތަ ސިޓީތަކުގައި ހުންނަ ރައްޔިތުންގެ ރުއްގަސް ކުއްޔަށްދީ، އެ ރުއްގަސް ކުއްޔަށް ދެވިފައިވާ ފަރާތްފަރާތުން ވަކިކޮށް، ރައްޔިތުންގެ ރުއްގަސް ބެލެހެއްޓުން އެކި ފަރާތްފަރާތާ ހަވާލުކޮށް، އެފަރާތްފަރާތުން އެކަން ވަކިކުރާނީ، ކަމާބެހޭ ގަވާއިދުތަކާއި ޕްލޭންތަކާ އެއްގޮތްވާ ގޮތުގެމަތިން، ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުންނެވެ.

7. ރައްޔިތުންގެ ރުއްގަސް ދިރުވައި ބެލެހެއްޓުން
މީހުންއުޅޭ ރަށްރަށުގައި ނުވަތަ ސިޓީތަކުގައި ހުންނަ ރައްޔިތުންގެ ރުއްގަސް ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކުން ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ރުއްގަސް ދިރުވައި، ބަލަހައްޓަންވާނެއެވެ.

8. ރައްޔިތުންގެ ރުއްގަސް ކެނޑުން
މި ގާނޫނުގެ 3 ވަނަ މާއްދާގައި ބުނެފައިވާ ރައްޔިތުންގެ ގަހެއް ނުވަތަ ރައްޔިތުންގެ ރުކެއް ކަނޑަންވާނީ، މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުގެ ލަފަޔާއެކު، ތިމާވެށި ހިމާޔަތް ކުރުމަށް ހެދިފައިވާ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ކަނޑައަޅާ އުސޫލެއްގެމަތިންނެވެ.

9. ދަރަށް ކޮށުން
މީހުންއުޅޭ ރަށްރަށުގައި ނުވަތަ ސިޓީތަކުގައި ހުންނަ ރައްޔިތުންގެ ރުއްގަހުގެ ތެރެއިން ދަރަށް ކޮށޭނީ، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން އަމަލުކުރެވޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުން ދަރަށް ކޮށުން މަނާކޮށްފައިވާ ބާވަތްތައް ނޫން އެހެން ގަސްގަހެވެ. އަދި އެފަދަ ގަސްގަސް ދަރަށް ކޮށަންވާނީ، މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުގެ މަށްވަރާއާއެކު، އެ ރަށް ނުވަތަ ސިޓީ ނިސްބަތްވާ ކައުންސިލެއްގެ ހުއްދަ ހޯދުމަށްފަހުގައެވެ.


7 ވަނަ މާއްދާ 

ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 10 ވަނަ މާއްދާ، 21 ވަނަ މާއްދާ، 23 ވަނަ މާއްދާގެ (ހ) އަދި (ނ)، 28 ވަނަ މައްދާގެ (ހ) ގެ (1)، 29 ވަނަ މައްދާގެ (ހ)، 38 ވަނަ މާއްދާގެ (ށ) އަދި 39 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

10. ދިރިއުޅުމަށް ގޯތި ދޫކުރުން
ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތްކުރުމަށް މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިމުން ދިރިއުޅުމަށް ގޯތި ދޫކުރާނީ، މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް ށާއިއުކުރާ އުސޫލުތަކާއި ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންނެވެ.

21. ގަންނަ މީހަކަށް ނުވަތަ ލިބޭ މީހަކަށް ރަޖިސްޓަރީކޮށްދިނުން
މި ގާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައިވާ ގޮތުގެމަތިން ގޯއްޗެއް ވިއްކާލައިފިނަމަ، ނުވަތަ ދީފިނަމަ، އެގޯއްޗެއް ގަތް ފަރާތަކަށް، ނުވަތަ ލިބުނު ފަރާތަކަށް، އެގޯތީގެ ރަޖިސްޓަރީއެއް، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުން ހަދައިދޭންވާނެއެވެ.

23. އަމިއްލަ ބިމާއި ގޯތި ރަޖިސްޓަރީކުރުން
(ހ) އަމިއްލަ ބިންބިމާއި، ގޯތިގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތްތައް، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުގައި ރަޖިސްޓަރީ ކުރަންވާނެއެވެ. އަދި މިގޮތުން ހަދާ ރަޖިސްޓަރީތަކުގެ މައުލޫމާތު މި ގާނޫނުގެ 6 ވަނަ މާއްދާގައިވާ ދިވެހިރާއްޖޭގެ ބިމުގެ ދަފްތަރުގައި ހިމެނުމަށްޓަކައި އެ ކައުންސިލަކުން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުވެއްޖެނަމަ، އެކަމުގެ ށަރުއީ ލިއުމާއެކު، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކަށް ހުށަހަޅައި،  އެ ބިމެއް ނުވަތަ ގޯއްޗެއްގެ ރަޖިސްޓަރީ، އެ ބިމެއް ނުވަތަ ގޯއްޗެއްގެ މިލްކުވެރިކަން ލިބުނު ފަރާތަށް ބަދަލުކުރަންވާނެއެވެ. އަދި އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއްގެ ރަޖިސްޓަރީކުރެވިފައިވާ މީހަކު މަރުވެއްޖެ ނަމަވެސް، ހަމަ މިގޮތުގެ މަތިން އެ ބިމެއް ނުވަތަ ގޯއްޗެއްގެ މިލްކުވެރިކަން ހަމަޖެހުނު ގޮތް އެނގޭނެ ށަރުއީ ލިޔުމާއެކު، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކަށް ހުށަހަޅައި، އެ ބިމެއް ނުވަތަ ގޯއްޗެއްގެ ރަޖިސްޓަރީ، އެ ބިމެއް ނުވަތަ ގޯއްޗެއްގެ މިލްކުވެރިކަން ލިބުނު ފަރާތަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ބަދަލުކުރަންވާނެއެވެ.

28. ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުމަކު ކުއްޔަށް ދިނުން
(ހ) 1. ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް، ދިރިއުޅުން ނޫން ބޭނުމަކު ކުއްޔަށް ދިނުމަށް، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުން ހުއްދަހޯދުން.

29. ދިރިއުޅުން ނޫން އެހެން ބޭނުންކުރުން
(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް ދިރިއުޅުން ނޫން އެހެން ބޭނުމެއް ކުރަންވާނީ، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުން އެކަމަށް ހުއްދަ ހޯދައިގެންނެވެ.

38 (ށ)
މި މާއްދާގެ (ހ) ގައި ބުނެފައިވާ ގަހަނާއެއް، ނުވަތަ ކަންވާރެއް، ނުވަތަ ފައިސާއެއް، ނުވަތަ އާސާރީ އެއްޗެއް، ނުވަތަ މައުދަނެއް، ރާއްޖޭގެ ބިމުން ފެނިއްޖެނަމަ، އެއެއްޗެއް ފެނުނު ފަރާތަކުން، އެކަން މާލޭގައިނަމަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް، މާލެ ފިޔަވައި އެހެން ސިޓީއެއްގައިނަމަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލަށް އަދި ރަށެއްގައިނަމަ އެ ރަށެއް ނިސްބަތްވާ ރަށު ކައުންސިލަށް ލަސްނުކޮށް އަންގަންވާނެއެވެ.

39. ވެއްޔާއި ގާ ނެގުން
އެކިފަރާތްތަކަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި، ބިމާއި، އަމިއްލަ ގޯތީގެ ބިމުން ގަލާއި ވެލިނަގައި، ވިއްކައި، ދީ ހެދޭނީ ސިޓީއެއްގައިނަމަ ސިޓީކައުންސިލްގެ ހުއްދަ، ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލްގެ ހުއްދަ ހޯދުމަށްފަހު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

8 ވަނަ މާއްދާ 

ބުނެވިދިޔަ ގާނޫނުތަކުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް އެ ގާނޫނުތަކުގައި ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.


9 ވަނަ މާއްދާ 

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com