-

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 1994-06) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2014-08)

 

1 ވަނަ މާއްދާ - މިއީ، ގާނޫނު ނަންބަރު 1994-06 ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމު(ދިވެހިރައްޔިތުންގެ ގެ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ގާނޫނެވެ.


2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

2. އިސްލާމީ ތަހުލީމު      
(ހ) ދިވެހިރާއްޖޭގެ ކުޑަކުދިންގެ މެދުގައި އިސްލާމްދީނަށް ލޯބިޖައްސައި މަޒްހަބީ ހިލާފުތަކުން އެއްކިބާވެތިބުމަށް ބާރުއަޅުވަނިވި އުސޫލަކުން ދީނީ ތަހުލީމުގެ މަންހަޖު ފަރުމާކޮށް ބައްޓަންކުރުމަކީ ތަހުލީމާގުޅޭ ސިޔާސަތުތައް ތަންފީޒުކޮށް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ މިނިސްޓްރީއަށާއި ތަހުލީމީ މުއައްސަސާތަކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ.

(ށ) އިސްލާމް މަޖްބޫރު މާއްދާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަދްރަސާތަކުގެ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 12 ގެ ނިޔަލަށް އުނގަންނައިދިނުމަކީ ސަރުކާރުގެ މަދްރަސާތަކާއި އަމިއްލަ މަދްރަސާތަކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަދްރަސާތަކުގައި އިސްލާމް ކިޔަވައިދެވޭނީ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ އިސްލާމީ ޔުނިވަރސިޓީއަކުން ނުވަތަ އެފަދަ ތަހުލީމީ މަރުކަޒަކުން ދީނީ ތަހުލީމުގެ ދާއިރާއިން މަތީ ތަހުލީމުގެ ސެޓްފިކެޓެއް ލިބިފައިވާ މީހުންނަށާއި، ދިވެހިސަރުކާރުން ގަބޫލުކުރާ ފެންވަރަށް އިސްލާމީ ތަހުލީމު ހާސިލުކޮށްފައިވާ މީހުންނަށެވެ. އަދި މި ހުއްދަ ދެވޭނީ ބިދޭސީއެއްނަމަ ސުންނަތް ޖަމާހަތުގެ މުސްލިމުންނަށެވެ.

(ރ) ދިވެހިރާއްޖޭގެ މަދްރަސާތަކުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ކުދިންގެ ހިތްތަކުގައި ލޯބިޖައްސަން މަސައްކަތްކޮށްގެން ނުވާނެއެވެ. އަދި އިސްލާމްދީން ނޫން އެހެން އެއްވެސް ދީނެއް މާއްދާއެއްގެ ގޮތުގައި ކިޔަވައިދީގެން ނުވާނެއެވެ.

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

2. ދީނީ ށިއާރު ފާޅުކުރުމުގެ އިހްތިސާސާއި ތަބާވާންޖެހޭ މުހިންމު ކަންތައް
(ހ) ދިވެހިރާއްޖޭގައި ދީނީ ށިއާރު ފާޅުކުރުމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމަކީ މިނިސްޓްރީގެ މަސްއޫލިއްޔަތެކެވެ. މިގޮތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ބިނާކޮށްފައިވާ މިސްކިތްތަކާއި
(ށ) ދީނީ ށިއާރު ފާޅުކުރުމުގައި ދިވެހި ދައުލަތުންނާއި މިނިސްޓްރީން ހައްޔަންކޮށްފައި ތިބޭ މުދިމުންނާއި އިމާމުންނާއި ހަތީބުންނާއި އަދި އެ މިނިސްޓްރީގެ ހުއްދަ ލިބިފައިވާ ދީނީ ށިއާރު ފާޅުކުރުމުގައި އިސްވެ އުޅެންޖެހޭ މަގާމުތަކުގައި ތިބޭ މީހުން އަޅުކަންކުރުމުގެ ކަންތަކުގައި ތަބާވާންޖެހޭނީ ސުންނަތް ޖަމާހަތަށެވެ.
(ނ) ދިވެހިރާއްޖޭގައި ދީނީ ތަގްރީރުކޮށް، ދީނީ ނަސޭހަތްދީ، އަދި ދީނީ ފޮތް ށާއިހުކުރެވޭނީ މިނިސްޓްރީން ލިޔުމަކުން ހުއްދަ ލިބިގެންނެވެ.

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

4. (ނ) ދީނީ ފިތުނައަކަށް މަގުފަހިވާފަދަ ހަމަލެއް އެއްވެސް މީހަކު ކޮށްގެންނުވާނެއެވެ. މިގޮތުން އަންނަނިވި ކަންތަކަކީ ކުރުން މަނާ ކަންތަކެވެ.

  1. ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި މިސްކިތް ނޫންގޮތަށް ކަނޑައެޅިފައިވާ ތަންތަނުގައި އާދަވެގެން ހާންމުންނާއެކު ޖަމާހަތް ހަދައިގެން ނަމާދު ކުރުން.
  2. ހުކުރު ކުރުމަށް މިނިސްޓްރީން ހާއްސަކޮށް ހުއްދަ ދީފައިނުވާ މިސްކިތްތަކުގައި ޖަމާހަތް ހަދައިގެން ހުކުރު ނަމާދު ވަކިން ކުރުން.
  3. ހުކުރު ހުތުބާ ފެށޭގަޑި އެއްގޮތް ނުވާފަދަ އުސޫލަކުން އެކި ގަޑިތަކުގައި ހުކުރު ހުތުބާކިޔަން ފެށުން.
  4. ސަރުކާރުން ކަނޑައަޅާ އުސޫލުތަކާ ހިލާފަށް މިސްކިތްތަކުގައި ދީނީ ތަގްރީރު ދިނުން.
  5. އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުން އަޅުކަންކުރާނެ ތަންތަން ހެދުމާއި، އިސްލާމްދީން ނޫން އެހެން ދީންތަކުގެ ށިއާރުކަމަށް ބެލެވޭ ތަކެތި ވިއްކުމާއި ގެންގުޅުމާއި އިށްތިހާރުކުރުން.
  6. އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރާއްޖޭގައި ކުރިއެރުވުމަށް ނުވަތަ ފެތުރުމަށް ބޭރުގެ ފަރާތްތަކުން އެހީ ހޯދުމާއި ލިބިގަތުން.
  7. އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތައް ދިވެހިރާއްޖެ ގެނައުމާއި، އެފަދަ ފޮތްތައް އިށްތިހާރުކުރުމާއި، ދިވެހިންނަށް ދެއްކުމާއި، އެފަދަ ފޮތްތަކުގެ މަހުރަޒުތައް ބޭއްވުމާއި، ވިއްކުމާއި، ދިނުމާއި، ދިވެހިރާއްޖޭގައި ހާންމުކޮށް ފެންނަގޮތަށް ގެންގުޅުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

5. ބޭރުގެ ފަރާތްތަކުން ދޭ މުސާރައާއި ހަދިޔާ  
ދިވެހިރާއްޖޭގައި ދީނީ ތަގްރީރުކުރުމާއި ދީނީ ނަސޭހަތް ދިނުމަށް ނުވަތަ ދީނީ ށިއާރު ފާޅުކުރުމާގުޅޭ ހަރަކާތެއް ހިންގުމަށް ބޭރުގެ ފަރާތަކުން  ދޭ މުސާރައެއް ނުވަތަ އުޖޫރައެއް ނުވަތަ ހަދިޔާއެއް، ނުވަތަ މިނޫން ގޮތަކަށްވިޔަސް އެހީއެއް ބަލައިގަންނަންވާނީ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

7. ގަވާއިދުތައް ހަދައި ހިންގުން
މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، މިނިސްޓްރީންނެވެ.

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

7. މާނަކުރުން  
މި ގާނޫނުގައި އެހެން ގޮތަކަށް މާނަ ދޭހަނުވާހާ ހިނދަކު އަންނަނިވި ލަފްޒުތަކުގެ މާނައަކީ މި މާއްދާގައި އެ ލަފްޒުތަކަށް ހާއްސަ ކުރެވިފައިވާ މާނައެވެ.
(ހ) "ދީނީ ށިއާރު" ކަމަށް ބުނެފައި އެވަނީ، ކީރިތި ގުރްއާނާއި ރަސޫލުﷲ ސައްލަﷲ ހަލައިހި ވަސައްލަމަގެ ސައްހަ ސުންނަތުގައި ބަޔާންވެގެންވާ އިސްލާމްދީނުގެ މަތިވެރި ހަގީދާއާއި ރުކުންތަކާއި ހުކުމްފުޅުތަކާއި އަމުރުފުޅުތަކާއި ވާޖިބުތަކާއި، އޭގެ ދަށުން ތަރުތީބުވެގެން އަންނަ އެންމެހައި ކަންކަމަށެވެ.
(ށ) "ދީނީ ށިއާރު ފާޅުކުރުން" ކަމަށް ބުނެފައި އެވަނީ، ހެޔޮކަންތައްތަކަށް އަމުރުކޮށް، ނުބައިކަންތައްތައް ނަހީކުރުމާއި، އިސްލާމްދީނުގެ ހަގީދާއާއި، ހުކުމްފުޅުތަކާއި، އަމުރުފުޅުތަކާއި، ވާޖިބުތަކާއި، އޭގެ ދަށުން ތަރުތީބުވެގެން އަންނަ އެންމެހައި ކަންތައްތަކެއް މީސްތަކުންނަށް ބަޔާންކޮށްދީ، އިސްލާމްދީން ގާއިމުކުރުމަށެވެ.
(ނ) "ދީނީ ތަގްރީރުކުރުމާއި ދީނީ ނަސޭހަތް ދިނުން" ކަމަށް ބުނެފައި އެވަނީ، ހަބަރުފަތުރާ ވަސީލަތަކުން ނުވަތަ ހާންމު މީހުން ޖަމާވެފައިވާ ތަނެއްގައި ދީނީ ތަގްރީރުކުރުމާއި ދީނީ ނަސޭހަތް ދިނުމަށެވެ.
(ރ) "ދީނީ ތަހުލީމުގެ ދާއިރާ" ކަމަށް ބުނެފައި އެވަނީ، އިސްލާމީ ށަރީހަތާއި ހަގީދާގެ ދާއިރާއަށެވެ.
(ބ) "މަތީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، އަންޑަގްރެޖުއެޓް ތައުލީމާއި އެއަށްވުރެ މަތީ ތަހުލީމަށެވެ.
(ޅ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިސްލާމްދީނާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ވުޒާރާއަށެވެ.


8 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން، އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

10 ވަނަ މާއްދާ - މި ގާނޫނަށް ހަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިހުކުރާތާ 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 1994-06)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1994-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު