-

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2013-02)

 

1 ވަނަ މާއްދާ - މިއީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އަށް ތިރީގައިވާ އިސްލާހުތައް ގެނައުމަށް ހުށަހަޅާ ބިލެކެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31، 32 ގެ (ރ)، 33، 35 ގެ (ހ)، 35 ގެ (ރ) އަދި 37 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

31. ދައުލަތުގެ ކޮންމެ އޮފީހަކުން، އެތަނަކަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އެތަނުން ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދު ހިމަނައިގެން އެ އަހަރަކަށް ލަފާކުރާ ބަޖެޓު އެކުލަވާލައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ތާރީހަށް، ނުވަތަ އެ ތާރީހުގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް އެ ބަޖެޓު ފޮނުވަންވާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރާނީ، އެއިން ކޮންމެ އޮފީހެއްގައި މި ގާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރު ވެރިޔާއެވެ.

32. (ރ) ދައުލަތުގެ ކޮންމެ އޮފީހަކަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އެތަނަކަށް ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދުގެ ހުލާސާ، ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ. އަދި ދައުލަތުގެ އޮފީސްތަކުން ކުރުމަށް ހުށަހަޅާ ބޮޑެތި ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދުތަކުގެ ތަފްސީލު ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ.

33. ދައުލަތުގެ އޮފީހަކާ ގުޅޭގޮތުން ހާއްސަ ކެޕިޓަލް ހަރަދުގެ ގޮތުގައި، ނުވަތަ ފާސްވެފައިވާ ބަޖެޓެއްގައި ވަކި ހިދްމަތަކަށް ދައުލަތުގެ ފައިސާ ކަނޑައަޅާފައިވަނިކޮށް، އެ މަސައްކަތުގެ ނުވަތަ އެ ހިދްމަތުގެ ޒިންމާ ދައުލަތުގެ އެހެން އޮފީހަކަށް ބަދަލުވެއްޖެނަމަ، ހަރަދުނުވެ ބަޖެޓުގައި ހުރި ފައިސާ، މިނިސްޓަރުގެ ހުއްދައާއެކު އަލަށް އެ މަސައްކަތް ހަވާލުވި ނުވަތަ އަލަށް އެ ޒިންމާއާ ހަވާލުވި އޮފީހަކަށް ބަދަލުކޮށް، އެ އޮފީހަކުން އެ ހަރަދު ކުރެވިދާނެއެވެ.

35. (ހ) ދައުލަތުގެ ކޮންމެ އޮފީހެއްގައި މި ގާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރު ވެރިޔާ، ކޮންމެ މީލާދީ އަހަރެއް ނިމޭތާ 3 މަސްދުވަހުގެ ތެރޭގައި، ތިރީގައިވާ މައުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ އަހަރީ ރިޕޯޓެއް، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

35. (ރ) ދައުލަތުގެ އޮފީހެއް އުވާލެވިއްޖެނަމަ، އެ އޮފީސް އުވާލެވުނު ދުވަހާ ހަމައަށް، އެ އަހަރަކުން ހިނގާފައިވާ މުއްދަތަށް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން، ތައްޔާރުކޮށްފައިވާ ރިޕޯޓެއް، އެ އޮފީހެއް އުވާލެވުނުއިރު އެ އޮފީހުގައި ހުރި، މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޒިންމާދާރު ވެރިޔާ ތައްޔާރުކޮށް، އެ އޮފީހެއް އުވާލެވޭތާ 6 މަސްދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

37. މި ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދައުލަތުގެ ކޮންމެ އޮފީހެއްގައި މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޒިންމާދާރު ވެރިޔާއަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓު ލިބޭތާ 1 މަސްދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓާއި، މި ގާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ ކޮޕީއެއް، އޭނާ ރައީސުލްޖުމްހުރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ހުއްދަނޫން އަމަލެއް މީހަކު ގަސްދުގައި ކޮށްފިނަމަ މަތީގައިވާ ޖޫރިމަނާ ކުރުން ނުވަތަ ޖޫރިމަނާ ނުކުރާނަމަ އެ މީހެއްގެ މައްސަލަ ށަރީއަތަށް ހުށަހެޅުމަށްޓަކައި ބަންޑާރަނައިބަށް މިނިސްޓަރު ފޮނުވަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގެ "ފާސްކުރާ ބަޖެޓް" މި ޕެރެގްރާފް އަންނަނިވި ގޮތަށް އިސްލާހުކުރުން.

"ފާސްކުރާ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 96 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މާލީ އަހަރަކަށް ކަނޑައެޅިފައިވާ ބަޖެޓާއި ހިނގަމުންދާ ބަޖެޓަކަށް އިތުރުކުރުމަށް ކަނޑައެޅޭ ފައިސާއަށެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގެ "ސަރުކާރުގެ އޮފީސް" މި ޕެރެގްރާފް އުނިކޮށް، "ދައުލަތުގެ އޮފީސް" ގެ ގޮތުގައި އަންނަނިވި ޕެރެގްރާފް އިތުރުކުރުން.

"ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނުހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކަށާއި، ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން އުފެދޭ އެންމެހައި މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ.

 

6 ވަނަ މާއްދާ -  މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުންނެވެ.

 

މައި ގާނޫނު

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މާލިއްޔަތުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2006-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު