-

ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2006-06) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2020-19)

 

ގާނޫނު ނަންބަރު 2006-06 (ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރުން 1-3

(ހ) ކޮމިށަނުގެ ވާޖިބު އަދާކުރުމުގައި، ކޮމިށަނުގެ މެންބަރުން އެއްވެސް ބިރަކަށް ނުވަތަ އެއްވެސް ނުފޫޒަކަށް ލެނބިގެން ނުވާނެއެވެ.

(ށ) ކޮމިށަނުގެ އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ މައްސަލައެއް ހިންގުމުގައި ނުވަތަ މަށްވަރާއެއް ކުރުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި ސީދާގޮތުންވެސް ނުވަތަ ނުސީދާގޮތުންވެސް އަމިއްލަ މަސްލަހަތެއް ހާސިލުކުރަން މަސައްކަތްކޮށްގެން ނުވާނެއެވެ.

(ނ) ކޮމިށަނުގެ ހުރިހާ ކަމެއްވެސް ކުރަންވާނީ، ކޮމިށަނުގެ މަގްސަދު ހާސިލުވާނެ ގޮތުގެމަތިން، ޢާންމު މަސްލަހަތަށްޓަކައެވެ.

(ރ) ކޮމިށަނުގެ މަސައްކަތްތައް ހިންގުމުގައާއި، ކޮމިށަނުގެ އިދާރީ އޮނިގަނޑު ތަރުތީބުވެގެންވާ ގޮތުގައާއި، ކޮމިށަނުގެ މަސައްކަތްތައް ކުރުމުގައާއި، ކޮމިށަނުގެ ޕްރޮގްރާމްތައް ރޭވުމުގައާއި، އިންސާނީ ހައްގެއް ނިގުޅައިގަތުން ހުއްޓުވުމަށް ކުރާ ކަންކަމުގައާއި، ކޮމިށަނުގެ ތަހްގީގުތައް ހިންގުމުގައާއި، ކޮމިށަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، ކޮމިށަނަށް ފުރިހަމަ ގާނޫނީ އިހްތިޔާރާއި މިނިވަންކަމާއި ބާރު ލިބިގެންވެއެވެ.

  

2 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތު.9

ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން، ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުސޫލުން، ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުށާދުދިނުން؛

(ށ) ކޮމިށަނުގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ބައްދަލުވުން ބާއްވާނެ ތާރީހާއި ވަގުތު ކަނޑައެޅުން ފަދަ ކޮމިށަން ހިންގުމާގުޅޭ ނިންމުންތައް ނިންމުން؛

(ނ) ކޮމިށަނާއި ކޮމިށަނުގެ މެންބަރުންނާއި ކޮމިށަނުގެ މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކައި، ޒަޢާމަތު ގާއިމުކުރުން؛

(ރ) ކޮމިށަނުގެ މަށްވަރާގެ މަތިން ކޮމިށަނުގެ އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލު ކަނޑައަޅައި، އެ އުސޫލާ އެއްގޮތަށް އިދާރީ ކަންކަން ހިންގަމުންދާކަން ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(ބ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛ އަދި

(ޅ) ކޮމިށަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން.

  

3 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މެންބަރުންގެ މަސްއޫލިއްޔަތު .13

ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް މިނިވަންކަމާއި، ޢަދުލުވެރިކަމާއެކު، އަދި ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި އަދާކުރުން؛

(ށ) ކޮމިށަނުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެ މެންބަރަކާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމާއި، ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކޮމިށަނުގެ ރައީސަށް ލަފާދިނުމާއި އެހީތެރިވެދިނުން؛

(ނ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ މިނިވަންކަމާއި، ނަޒާހަތްތެރިކަމުގެ ހަމަތައް ހިފެހެއްޓުން؛

(ރ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގައި ހުރިހާ ވަގުތެއްގައިވެސް ތެދުނިޔަތުގައި މަސައްކަތްކުރުމާއި، ކޮމިށަނުގެ މަގްސަދުތައް ހާސިލުކުރުމަށާއި މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްކަންދިނުން.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

ކޮމިށަނުގެ ޖަމާޢީ ސުލޫކު 1-13

(ހ) ކޮމިށަނުގެ މެންބަރުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައި ކޮމިށަނުގެ ގަދަރާއި ދަރަޖައާއި އަބުރުވެރިކަމަށް އުނިކަން އަންނަ ގޮތަށް ޢަމަލުކޮށްގެން ނުވާނެއެވެ.

(ށ) ކޮމިށަނުގެ ސިޔާސަތުތަކާއި ކޮމިށަނުގެ ނިންމުންތަކާއި ކޮމިށަނުން ޢަމަލުކުރާގޮތާ ގުޅޭގޮތުން ޖަވާބުދާރީވުމާއި ޒިންމާ އުފުލުމުގެ ވާޖިބު ކޮމިށަނުގެ މެންބަރުން އަދާކުރަންވާނީ ހާމަކަންބޮޑު ގޮތެއްގެމަތިންނެވެ.

 

މެންބަރުންގެ ޒާތީ ސުލޫކު 2-13

ކޮމިށަނުގެ ކޮންމެ މެންބަރަކުމެ، ފަރުދެއްގެ ހައިސިއްޔަތުންނާއި ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން، ހުރިހާ ހާލަތެއްގައިވެސް، އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.

(ހ) ކޮމިށަނުގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ވަގުތެއްގައި ނުކުރުން.

(ށ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ބުރޫއަރާފާނެ ފަދަ އެއްވެސް ކަމެއް ނުކުރުން.

(ނ) ގާނޫނާ ހިލާފު ޢަމަލެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ނުކުރުން.

(ރ) ކަނޑައެޅިގެން ވަކި މީހަކަށް ގެއްލުން ދިނުމުގެ ނިޔަތުގައި ނުވަތަ އޭނާގެ އަބުރު ނަގާލުމުގެ ނިޔަތުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ކަމެއް ނުކުރުން.

(ބ) ޢާންމު އުސޫލަކުން ކޮންމެ މީހަކަށްވެސް ލިބެންއޮތް ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް ފިޔަވައި އެނޫން ހަދިޔާއެއް، ނުވަތަ އެހީއެއް، ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް އެއްވެސް ފަރާތަކުން ނުހޯދުން.

(ޅ) ކޮމިށަނުގެ ބައްދަލުވުންތަކަށް ފަރުވާތެރިކަމާއެކު ހާޒިރުވެ، އެ ބައްދަލުވުންތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

 

މާލީ ހިސާބު ހުށަހެޅުން 3-13

(ހ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން އެހެންގޮތަކަށް ޢަމަލުކުރަމުން އައިކަމުގައިވީނަމަވެސް، ކޮމިށަނުގެ މެންބަރުން މާލީ ހިސާބު ހުށަހެޅުމުގައި މި ގާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ޢަމަލުކުރާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ކޮމިށަނުގެ މެންބަރުކަމަށް ޢައްޔަންކުރެވޭ މީހާ، އޭނާގެ މަގާމާ ހަވާލުވިއިރު، އޭނާއަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އެ މަގާމާ އޭނާ ހަވާލުވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލީ ހިސާބު ހުށަހެޅުމުގެ އިތުރަށް، ކޮމިށަނުގެ މެންބަރުކަމާ ހަވާލުވާ ތާރީހުން ފެށިގެން ކޮންމެ އަހަރެއްގެ މާލީ ހިސާބު އެ އަހަރެއް ނިމޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަމުން ގެންދަންވާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި އަހަރު ކަމަށް މާނަކޮށްފައި އެވަނީ، އެމީހަކު ކޮމިށަނުގެ މެންބަރުކަމާ ހަވާލުވާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވާ ތާރީހަށެވެ.

(ރ) ކޮމިށަނުގެ މެންބަރަކު މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިޢުފާ ދިނުމަށްފަހު ހިނގާ ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޭނާ މަގާމުން ވަކިވިއިރު އޭނާއަށް ލިބިފައިވާ އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ށ)، (ނ)، އަދި (ރ) ގެ ދަށުން ކޮމިށަނުގެ މެންބަރެއްގެ މާލީ ހިސާބު ހުށަހަޅާއިރު، އޭނާ އިނދެގެންއުޅޭ މީހާއާއި، 18 އަހަރު ނުފުރޭ ދަރިންގެ މާލީ ހިސާބުވެސް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގެ ދަށުން ހުށަހެޅުން ލާޒިމުކުރާ މާލީ ހިސާބުތައް ތައްޔާރުކުރާނީ، އޮޑިޓަރ ޖެނެރަލް ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ނަމޫނާއާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ކ) މި މާއްދާގެ ދަށުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅާ ބަޔާނުގައި މައްސަލައެއްވާކަމަށް އޮޑިޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި އެ މައްސަލައެއް އޮޑިޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

އިތުރު ވަޒީފާ އަދާނުކުރުމާއި މަސްލަހަތު ފުށުއަރާ ވިޔަފާރި ނުކުރުން 4-13

(ހ) ކޮމިށަނުގެ މެންބަރަކު، އާމްދަނީއެއް ލިބޭ އިތުރު ވަޒީފާއެއް އަދާކޮށް، ނުވަތަ މަގާމެއް ފުރައިގެން ނުވާނެއެވެ. ނުވަތަ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ.

(ށ) ކޮމިށަނުގެ މެންބަރަކު، އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކޮށްގެންނުވާނެއެވެ. އަދި ވިޔަފާރީގެ އުސޫލުން އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ. އަދި ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެންނުވާނެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުޢާމަލާތެއްގައި ސީދާގޮތުންވިޔަސް ނުވަތަ ނުސީދާގޮތުންވިޔަސް ކޮމިށަނުގެ މެންބަރަކު އެ މެންބަރެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ށެއަރހޯލްޑަރެއް ކަމުގައިނުވާ ގޮތުން، އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކުކުރުމަކީ، މި މާއްދާގެ ބޭނުމަށްޓަކައި ވިޔަފާރިކުރުން ކަމުގައެއް ނުބެލެވޭނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި "ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ށެއަރހޯލްޑަރެއް" ކަމަށް ބަޔާންކޮށްފައިއެވަނީ، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ހިއްސާގެ ރައުސުލްމާލުގެ %5 (ފަހެއް އިންސައްތަ) އަށްވުރެ ގިނަ ޢަދަދެއްގެ ހިއްސާގެ މައްޗަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބާރު ފޯރުވޭ މަގާމެއްގައި ހުރި ހިއްސާދާރަކަށެވެ.

(ރ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން މެނުވީ، ދައުލަތުގެ އެހެން އެއްވެސް ކޮމިށަނެއްގައި، ނުވަތަ ކައުންސިލެއްގައި، ނުވަތަ މަޖިލީހެއްގައި، ނުވަތަ ކޮމިޓީއެއްގައި، ނުވަތަ ބޯޑެއްގައި، ނުވަތަ އެނޫންވެސް ތަނެއްގައި، އުޖޫރައަކަށްވިޔަސް ނުވަތަ އުޖޫރައަކާ ނުލައި ނަމަވެސް، ބައިވެރިވެގެންނުވާނެއެވެ.

(ބ) ކޮމިށަނުގެ މެންބަރަކު، ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް މަސައްކަތްކޮށްދީގެންނުވާނެއެވެ.

(ޅ) ކޮމިށަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ފުށުއަރާފާނެ ބާވަތުގެ މަދަނީ ޖަމާޢަތެއްގެ މެންބަރަކަށް ކޮމިށަނުގެ މެންބަރަކު ވެގެންނުވާނެއެވެ.

(ކ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، ކޮމިށަނުގެ މެންބަރެއްގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް، ބާޒާރުގައި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއްގެ އަގު ޢާންމުކޮށް ހުރި އަގަށްވުރެ ބޮޑުނޫން އަގަކަށް ވިއްކާލުމާއި، އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް ބާޒާރުގައި ޢާންމުކޮށް ކުއްޔަށްދީއުޅޭ އަގަށްވުރެ ބޮޑުނޫން އަގެއްގައި ކުއްޔަށްދީގެން އާމްދަނީ ހޯދުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިޔަފާރިއާއި މަސައްކަތުގެ ތެރޭގައި ހިމެނިގެނެއް ނުވެއެވެ.

(އ) ކޮމިށަނުގެ މެންބަރުކަމުން ވަކިވުމަށްފަހު، ފުރަތަމަ ހިނގާ 12 (ބާރަ) މަސްދުވަހުގެ މުއްދަތު ފާއިތުވަންދެން، ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އޭނާ އަދާކުރި މަސްލަހަތާ ފުށުއަރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް، ކޮމިށަނުގެ މެންބަރަކު ކޮށްގެންނުވާނެއެވެ.

 

ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް 5-13

(ހ) ކޮމިށަނުގެ މެންބަރުން، އެމީހުންގެ މަގާމުގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.

  1.  ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކަށް ތަބާވެ، އެ ގާނޫނުތަކަށް އިހްތިރާމްކުރުމާއި، އެ ގާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއް ކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު އަދާކުރުމުގައި ތަބާވަމުންދިއުން.
  2. ޒާތީ އެއްވެސް ތަޢައްސުބަކާ ނުލައި، އަދި ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ނިންމުންތައް ނިންމުމާއި، އެކަން ކުރުމުގައި ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި، އިންސާފުވެރިވުމާއި، ފަރުވާތެރިވުން.
  3. ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައި އެހެން މީހުންނާ މުޢާމަލާތް ކުރުމުގައާއި، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތަކާ މުޢާމަލާތް ކުރުމުގައި، އިހްތިރާމާއެކު މުޢާމަލާތްކުރުން.
  4. ތިމާއަށް ލިބިދޭ ބާރާއި އިހްތިޔާރު ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުންނުކުރުމާއި، ގާނޫނުގެ ދާއިރާގެ ތެރޭގައި ލިބިދޭ އިހްތިޔާރު ސައްހަގޮތުގައި ބޭނުންކުރުމާއި، އެ އިހްތިޔާރު ބޭނުންކުރުމުގައި އެހެން މީހުންގެ ހައްގުތަކަށާއި ވާޖިބުތަކަށާއި ގާނޫނުގައި ސައްހަ މަސްލަހަތުތަކަށް އިހްތިރާމްކުރުން.
  5. މި ގާނޫނުގެ 2-13 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، އެއްވެސް ފަރާތެއްގެ އެހީއާއި ޢިނާޔަތާއި މެހެމާންދާރީއާއި ހަދިޔާ ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ނަމަވެސް ނުހޯދުން.
  6. ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅިދާނެ ނުވަތަ އެ ވާޖިބު އަދާކުރުމަށް ފަހުން ދަތިވެދާނެ ނުވަތަ މަސްލަހަތު ފުށުއަރާފަދަ އެއްވެސްކަމެއް ނުކުރުން.
  7.  ތިމާއަށް ވަކި މީހަކު ނުވަތަ ވަކި ފަރާތަކުން ކޮށްދީފައިވާ ކަމެއްގެ މުގާބިލުގައި، އެހެން ކަމެއް ތިމާ ކޮށްދޭންޖެހުން ލާޒިމުވާ ހާލަތަށް ތިމާ ނުދިއުން.
  8. މެންބަރުކަމުގައި ދެމިހުންނައިރު އަދި މެންބަރުކަމުން ވަކިވުމަށްފަހުގައިވެސް، ތިމާގެ މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ މަޢުލޫމާތުތަކާއި، މައްސަލަތަކާ ގުޅިގެންހުރި ސިއްރު ހިފަހައްޓަންޖެހޭ މަޢުލޫމާތުތައް ސިއްރުގެ ގޮތުގައި ހިފެހެއްޓުން.
  9. ގާނޫނުގައިވާ ގޮތުގެމަތިން، ސައްހަގޮތުގައި އެހެން ފަރާތަކަށް ހާމަކުރަންޖެހޭ މަޢުލޫމާތު ހާމަކުރުމާއި، އެ މަޢުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ރަސްމީ ވާޖިބު އަދާކުރުމުގައި ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ނުރަނގަޅު ނުވަތަ ދޮގު މަޢުލޫމާތާއި ހަގީގަތް އޮޅޭގޮތަށް މަޢުލޫމާތު ހާމަ ނުކުރުން.
  10. ކޮމިށަނުގެ މަސައްކަތަށް މީހުން އިހްތިޔާރުކުރުމުގައާއި މީހުން ޢައްޔަންކުރުމުގައި އެންމެ އަސާސީ ރުކުނަކީ މަސައްކަތަށް އެކަށޭނަ ގާބިލުކަމާއި ތަޢުލީމީ ފެންވަރު ހުރުން ކަމުގައި ބެލުމާއި، ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި މުވައްޒަފުންނާގުޅޭ އެހެނިހެން ކަންކަމުގައި ބަލަންޖެހޭ މައިގަނޑު މިންގަނޑަކީ ތަޢުލީމީގޮތުންނާއި އަހްލާގީގޮތުންނާއި މަސައްކަތުގެގޮތުން އެކަށޭނަ ބަޔަކަށްވުން ކަމުގައި ބެލުން.
  11. ސިޔާސީ ބަހުސްތަކުގައި ބައިވެރިނުވުމާއި، ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ވަޒީފާ ބޭނުންނުކުރުމާއި، ސިޔާސީ ހަރަކާތްތަކަށް ތާއީދުކުރަނީކަން ނުވަތަ ދެކޮޅުހަދަނީކަން ދޭހަވާފަދަ ކަމެއް ނުކުރުމާއި، ސިޔާސީ ނުފޫޒަށް ތިމާ ލެނބޭކަން ދޭހަވާ ފަދަ އެއްވެސްކަމެއް ނުކުރުން. މަދަނީ، ސިޔާސީ، އިޖްތިމާޢީ، އިގްތިސާދީ، ސަގާފީ އަދި މިނޫންވެސް އަސާސީ ހައްގުތަކާ ގުޅޭގޮތުން ކޮމިށަނުން ކުރަންޖެހޭ މަސައްކަތްތަކާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މި މާއްދާގައި ކުރުން މަނާކޮށްފައިވާ ފަދަ ކަމެއްކުރުން ކަމުގައި ނުބެލެވޭނެއެވެ.
  12. ކޮމިށަނުގެ މުވައްޒަފުން ކޮރަޕްށަންގެ ޢަމަލުތަކަށް ހުށަހެޅިދާނެ ހާލަތްތައް އަބަދުމެ ވަޒަންކުރަމުން ދިއުމާއި، ކޮރަޕްށަނަށް މަގުފަހިނުވާނެ ގޮތުގެމަތިން އެފަރާތްތަކުގެ ޢަމަލުތައް ހުންނާނެގޮތަށް، އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތު އަހްލާގާއި ކޮމިށަނުގެ އިދާރީ އުސޫލުތައް ބައްޓަންކުރަމުން ދިއުން.
  13. ކޮމިށަނުގެ މުވައްޒަފުންނާއި ކޮމިށަނުގެ މެންބަރުން ކޮރަޕްށަންގެ ޢަމަލުތަކުން ދުރުކުރުމަށްޓަކައި ހިންގަންޖެހޭ އުސޫލުތައް ހިންގުމާއި، އެމީހުންނަށް ތަޢުލީމާއި ތަމްރީނުދިނުމާއި، ނުހައްގު މުއްސަނދިކަމުން ސަލާމަތްވެ ތިބޭކަން ކަށަވަރުކުރުމުގެ ގޮތުން އެމީހުންގެ މާލީ ހާލަތަށް ސަމާލުވެތިބުމާއި، ކޮރަޕްށަނުން ރައްކާތެރިވެގެންވާ ނަމޫނާއެއް ކޮމިށަނުގެ މެންބަރުން ދެއްކުން.
  14. ކޮމިށަނުގެ މެންބަރެއް ނުވަތަ މުވައްޒަފަކު ސުލޫކީ ހަމަތަކާ ހިލާފަށް ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލަން އަންގާނަމަ ނުވަތަ ބާރުއަޅާނަމަ ނުވަތަ މަޖުބޫރުކުރުވާނަމަ، ނުވަތަ މުވައްޒަފުގެ މަސައްކަތް ނަޒާހަތްތެރިކަމާއެކު ކުރިއަށްގެންދިއުމަށް ހުރަސްއެޅޭފަދަ ނުރަނގަޅު ނުފޫޒެއް ފޯރުވާނަމަ، ލަސްނުކޮށް އެންޓި-ކޮރަޕްށަން ކޮމިށަނަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހެޅުން.
  15. ކޮމިށަނަށް މައްސަލައެއް ހުށަހަޅާ އެއްވެސް މީހަކާމެދު ނުރަނގަޅު ގޮތަކަށް، އެއްވެސް ކަމެއް ނުކުރުން.
  16. ކޮމިށަނުގެ މެންބަރުންނާއި މުވައްޒަފުންނަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ މުޢާހަދާތަކުން ލިބިދޭ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެ ހައްގުތައް ހިމާޔަތްކޮށް، ކުރިއަރުވާ ބަޔަކަށްވުން.

(ށ)  މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒިންމާތަކަކީ، ކޮމިށަނުގެ ރައީސާއި ކޮމިށަނުގެ މެންބަރުންނާއި ކޮމިށަނުގެ މުވައްޒަފުންގެވެސް ވަޒީފާގެ މައިގަނޑު އެއް އަސާސް ކަމުގައި ބެލެވޭނެއެވެ. އެއީ، ވަޒީފާގެ އެއްބަސްވުމެއް ނެތްނަމަވެސް، އަދި އޮތް ވަޒީފާގެ އެއްބަސްވުމެއްގައި އެއިން ކަމެއް ހިމެނިފައިނުވި ނަމަވެސްމެއެވެ. އަދި، އެއިން ކަމަކާ ހިލާފުވުމަކީ، އެމީހަކާމެދު ތައުދީބީ ފިޔަވަޅު އެޅުމުގެ ހާލަތެއް އުފަންވުން ކަމުގައި ބެލެވޭނެއެވެ.

 

ސިޔާސަތުތައް އެކަށައެޅުން 6-13

މި ގާނޫނުގެ 5-13 ވަނަ މާއްދާގައި ބަޔާންވެގެންވާ ހަމަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތަކާއި ތަމްރީނުތަކާއި ހަމަތަކާގުޅޭ ތަފްސީލުތައް މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮމިށަނުން އެކުލަވާލައި، ތަންފީޒުކުރަން ފަށަންވާނެއެވެ. އަދި އެ ހަމަތަކަށް ޢަމަލުކުރުމުގައި ކުރުން ހުއްދަވެގެންވަނީ ކޮން ކަމެއްކަން ނުވަތަ މަނާވެގެންވަނީ ކޮން ކަމެއްކަން އެނގޭނެ މިންވަރަށް އެ ހަމަތައް ތަފްސީލުކޮށްދޭންވާނެއެވެ.

 

ސުލޫކީ ހަމަތަކަށް ތަބާވުން  7-13

(ހ) ކޮމިށަނުގެ މެންބަރުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައި، މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ އެންމެމަތީ މިންގަނޑުގައި ހިފަހައްޓައި، އެހެން މީހުންނަށްވެސް އެ ހަމަތަކަށް ތަބާވާކަން އެނގޭ މިންވަރަށް، ހުރިހާ ހާލަތެއްގައިވެސް އެ ހަމަތަކަށް ތަބާވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކަށް ކޮމިށަނުގެ މެންބަރުން ތަބާވާ ފަދައިން، ކޮމިށަނުގެ މުވައްޒަފުންވެސް އެ ސުލޫކީ ހަމަތަކަށް ތަބާވާކަން، ކޮމިށަނުގެ ރައީސް ކަށަވަރުކުރަންވާނެއެވެ.

(ނ) ކޮމިށަނުގެ މެންބަރުން ވަކިވަކި ފަރުދުންގެ ހައިސިއްޔަތުންނާއި ކޮމިށަނެއްގެ ހައިސިއްޔަތުން ކޮމިށަނުގެ މިނިވަންކަމާއި، އަބުރުވެރިކަމާއި، ހަމަހަމަކަމާއި އަހްލާގީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.

 

ސުލޫކީ ހަމަތަކާ މެންބަރުން ހިލާފުވުން  8-13

(ހ) މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ކޮމިށަނުގެ މެންބަރަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއް އުފަންވީ ކަމުގައި ބެލެވޭނެއެވެ.

(ށ) ކޮމިށަނުގެ މެންބަރަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރި ކަމަކީ، އޭގައި ޖިނާއީ ކުށެއްގެ ޢަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅުމަކީ، ޖިނާއީ ދަޢުވާއެއް އޭނާގެ މައްޗަށް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.

 

ސުލޫކީ ހަމަތަކާ މުވައްޒަފުން ހިލާފުވުން  9-13

(ހ) ކޮމިށަނުގެ މުވައްޒަފަކު މި ގާނޫނުގެ 5-13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ހިލާފުވެއްޖެކަމަށްވާނަމަ، އެ ހިލާފުވި މިންވަރެއްގެ ކުޑަބޮޑު މިނަށް ބަލައި، އެ މުވައްޒަފަކާމެދު ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި ކޮމިށަނުގެ މުވައްޒަފުން ސުލޫކާ ހިލާފުވެގެން އެ މުވައްޒަފުންނާމެދު އެޅޭނެ ފިޔަވަޅުތައް، މި ގާނޫނުގެ ދަށުން ހަދާ ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ކޮމިށަނުގެ މުވައްޒަފަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރިކަމަކީ، އޭގައި ޖިނާއީ ކުށެއްގެ ޢަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަކީ، އޭނާގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ބައްދަލުވުންތަކުގެ ރެކޯޑު ބެލެހެއްޓުން 1-19

(ހ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުން އަކުރަށް ލިޔެ ބަލަހައްޓަންވާނެއެވެ. އަދި އެ ބައްދަލުވުންތަކުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.

(ށ) ޔައުމިއްޔާ ލިޔެ ތައްޔާރުކުރަންވާނީ، މެންބަރުން ދައްކާ ވާހަކައަށް އުނިއިތުރެއް ނުގެނެސް، ކޮމިށަނުގެ މެންބަރަކު ދައްކާ ވާހަކައެއް، އެ ދެއްކި ގޮތަކަށް ޔައުމިއްޔާއިން ފެންނާނެ، އަދި ޖަލްސާގައި ކަންހިނގައިދިޔަގޮތް ސާފުކޮށް އެނގޭނެ ގޮތުގެމަތިންނެވެ.

(ނ) ކޮމިށަނުން އެއްވެސް ތަހްގީގެއް ހިންގައިފިނަމަ ނުވަތަ އެއްވެސް ހެކިބަހެއް ހޯދައިފިނަމަ، އަކުރުން އަކުރަށް ޔައުމިއްޔާކުރަންވާނެއެވެ. އަދި އެ ތަހްގީގުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.

(ރ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާގައި، ކޮމިށަނުގެ މެންބަރުންގެ ހާޒިރީއާއި ވޯޓު ދިންގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ.

(ބ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ހާޒިރީ ކޮންމެ މަހަކު 1 (އެކެއް) ފަހަރު ކޮމިށަނުގެ ވެބްސައިޓުގައި ށާއިޢުކުރަންވާނެއެވެ.

(ޅ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްނަމަވެސް، މި މާއްދާގެ (ހ) އަދި (ނ) ގައި ވާ ލިޔެކިޔުންތަކާއި ރެކޯޑިންގތައް މަދުވެގެން 10 (ދިހައެއް) އަހަރުދުވަސް ވަންދެން ކޮމިށަނުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

 

6 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮމިށަނުގެ މަސްއޫލިއްޔަތުތައް  .20   

(ހ) މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް، ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެކަމަށްބުނެ، އެމީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ބަޔަކު ނުވަތަ ޖަމާޢަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، ބުނެވިދިޔަ ފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށްބުނެ، މީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ބަޔަކު ނުވަތަ ޖަމާޢަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، އިންސާނީ ހައްގެއް ނިގުޅައިގެންފައިވާކަމަށް ކޮމިށަނަށް ސާބިތުވެއްޖެ ހިނދެއްގައި މަދަނީ ފިޔަވަޅުއެޅުމާއި، އަނިޔާ ލިބުނު ފަރާތަށް މަދަނީ ބަދަލު ނަގައިދިނުމާއި، މި ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

 

7 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

.20 (ށ)            

މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް، ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެކަމަށް ކޮމިށަނަށް ފެންނަ މީހުން ނުވަތަ ފަރާތްތަކުގެ މައްސަލަތަކާއި، އެފަދަ ކަމެއް ހިނގާކަމަށް، ނުވަތަ ހިނގާފައިވާކަމަށް ކޮމިށަނަށް ގަބޫލުކުރެވޭ މައްސަލަތައް ތަހްގީގުކޮށް ބެލުމާއި، ބުނެވިދިޔަ ފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، އިންސާނީ ހައްގެއް ނިގުޅައިގެންފައިވާކަމަށް ކޮމިށަނަށް ސާބިތުވެއްޖެ ހިނދެއްގައި މަދަނީ ފިޔަވަޅުއެޅުމާއި، އަނިޔާ ލިބުނު ފަރާތަށް މަދަނީ ބަދަލު ނަގައިދިނުމާއި، މި ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

  

8 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

20 (ބ)            

އިންސާނީ ހައްގުތަކުގެ ރޫހު ދިވެހިރާއްޖޭގައި އާލާކުރުމާއި، އެ ހައްގުތައް ރައްކާތެރިކުރުމާއި، ދެމެހެއްޓުމާއި، ކުރިއެރުވުމާއި، އެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރުން؛

 

9 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (ދ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކޮށް، އެ މާއްދާގައި ދެންހުރި އަކުރުތައް ތަރުތީބުކުރުން.

.20 (ތ)            

އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ މިންވަރު ބަލައި މޮނިޓަރކޮށް ވަޒަންކުރުން؛ އެގޮތުން މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި، އެ ރިޕޯޓު 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ށާއިޢުކުރުން.

 

10 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮމިށަނުގެ ބާރުތައް .21    

(ހ) މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް، ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެކަމަށްބުނެ، އެމީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ބަޔަކު ނުވަތަ ޖަމާޢަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، ބުނެވިދިޔަ ފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށްބުނެ، މީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ބަޔަކު ނުވަތަ ޖަމާޢަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، މި ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

 

11 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

.21 (ށ)            

މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް، ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެކަމަށް ކޮމިށަނަށް ފެންނަ މީހުން ނުވަތަ ފަރާތްތަކުގެ މައްސަލަތަކާއި، އެފަދަ ކަމެއް ހިނގާކަމަށް، ނުވަތަ ހިނގާފައިވާކަމަށް ކޮމިށަނަށް ގަބޫލުކުރެވޭ މައްސަލަތައް ތަހްގީގުކޮށް ބެލުމާއި، ބުނެވިދިޔަ ފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، މި ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

 

12 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

.21 (ނ)            

ށަރުޢީ ހުކުމެއްގެ ދަށުން ނުވަތަ ގާނޫނީ އަމުރެއްގެ ދަށުން ނުވަތަ ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ތިބޭ ކޮންމެ ތަނަކަށްވެސް ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ މަތިން، ކޮމިށަނުގެ މެންބަރަކު ނުވަތަ ކޮމިށަނުގެ މެންބަރުން، ނުވަތަ ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ނުވަތަ ފަރާތްތަކަކުން، ކޮމިށަނުން ކަނޑައަޅާ ވަގުތެއްގައި ކަމާބެހޭ ފަރާތަށް ކުރިން އެންގުމަކާ ނުލައި ޒިޔާރަތްކުރުން؛

 

13 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

.21 (ކ)

ށަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި، މީހެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ނުވަތަ އިންސާނީ ހައްގަކަށް އުނިކަމެއް ކަނޑައެޅިގެން ލިބިދާނެކަމަށް، މައްސަލަ ބަލާ ފަނޑިޔާރަށް ނުވަތަ ބަންޑާރަނައިބަށް ނުވަތަ އެމީހަކަށް ފެނިގެން އެކަމެއް ބެލުމަށް ކޮމިށަނަށް ފޮނުވައިފިނަމަ، ނުވަތަ ކޮމިށަނަށް ފެނިއްޖެނަމަ، އެ މައްސަލައެއް ބަލައި، މައްސަލަ ބަލާ ކޯޓަށް ރިޕޯޓެއް ހުށަހެޅުން؛

 

14 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

.22 (ހ) މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ، ނުވަތަ އިންސާނީ ހައްގަކަށް އުނިކަމެއް ކަނޑައެޅިގެން ލިބިދާނެ ކަމަށް ބުނެ، މީހަކު ނުވަތަ ބަޔަކު ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ފަރާތުން ށަކުވާ ހުށަހެޅުމުން، ނުވަތަ ކޮމިށަނުން އަމިއްލައަށް މައްސަލައެއް ތަހްގީގުކުރުމަށް ނިންމުމުން، އެކަމެއް ބަލައި، ތަހްގީގުކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

.22 (ށ)

(6) ކޮމިށަނުން ބަލަމުންދާ މައްސަލައެއްގައި ކޮމިށަނުން ސުވާލުކުރެވެމުންދާ މީހަކު، ކޮމިށަނުގެ ހުއްދަ ހޯދައިގެން މެނުވީ ދިވެހިރާއްޖެއިން ބޭރަށް ފުރައިގެންނުދިއުމަށް އެންގުމާއި، މިފަދައިން އަންގާ ފަރާތްތަކުގެ ޕާސްޕޯޓު ހިފަހައްޓައިދިނުމުގެ ކޯޓު އަމުރަކަށް އެދުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ (10) ވަނަ ނަންބަރު އުނިކުރުން.

 

17 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

.23 (ށ)

މި މާއްދާގެ (ހ) ގައިވާ ގޮތަށް މައްސަލައެއްގައި މަޢުލޫމާތު ހިއްސާކުރަން ނުވަތަ މައްސަލައެއްގައި ތަދައްހުލުވުމަށް ކޮމިށަނުން އެދުމުން، ށަރީޢަތްކުރުމާބެހޭ އިޖުރާއަތުތައް ބަޔާންކުރާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޯޓުން އެކަން ހަމަޖައްސައިދޭންވާނެއެވެ.

(ނ) ގާނޫނުއަސާސީއާއި ގާނޫނުތަކާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާބެހޭ މުޢާހަދާތަކުގައި ބަޔާންކޮށްފައިވާ ހައްގުތައް އަނިޔާ ލިބޭ ފަރާތާއި ދަޢުވާކުރާ ފަރާތާއި ދިފާޢީ ވަކީލުންނާއި ށަރީޢަތްތައް އަޑުއެހުމަށް ހާޒިރުވާ މީޑިއާގެ ފަރާތްތަކާއި ޢާންމުންނަށް ށަރުޢީ މަރުހަލާގައި ލިބިދޭކަން ކަށަވަރުކުރުމުގެ ގޮތުން، ށަރީޢަތްތައް ކުރިއަށްދާގޮތް އޮބްޒަރވްކޮށް އިންސާނީ ހައްގުތަކުގެ ނަޒަރުން އިސްލާހުކުރަން ފެންނަ ކަންކަން ކޯޓުތަކަށާއި، ޖުޑީށަލް ސަރވިސް ކޮމިށަނަށާއި، އެޓަރނީ ޖެނެރަލްގެ އޮފީހަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ.

 

18 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ބައިނަލްއަގްވާމީ ގުޅުން 1-26

އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި، އަންނަނިވި ކަންކަން ކުރުމުގެ ބޭނުމުގައި، ނުވަތަ އެކަންކަން ހާސިލުކުރުމުގެ ބޭނުމުގައި، ދޭދޭ ގައުމުތަކާއި، ސަރަހައްދީ ޖަމާޢަތްތަކާއި، އެހެނިހެން ނޭށަނަލް ހިޔުމަން ރައިޓްސް އިންސްޓިޓިއުށަންތަކާއި، އެހެން ގައުމުތަކުގެ ފޮރެންސިކް ތަހުލީލުތަކާއި ތަހްގީގުތައް ހިންގާ އިދާރާތަކާއި، ކަމާބެހޭ ތަންފީޒީ އިދާރާތަކާއެކު އުފައްދަންޖެހޭ ގުޅުންތައް އުފައްދައި، އެ ގުޅުންތައް އުފެއްދުމުގައި އެއްބަސްވާންޖެހޭ ކަންކަމަށް ގާނޫނުއަސާސީއާ ހިލާފުނުވާނެ ގޮތުގެމަތިން އެއްބަސްވެ، އެ ގުޅުންތައް މެދުވެރިކޮށް މަދަދާއި އެހީތެރިކަމާއި މަންފާ ހޯދައި ލިބިގަތުމަކީ، ކޮމިށަނުން ކުރުމަށް މި ގާނޫނު ހުއްދަކުރާ ކަންކަމެވެ.

(ހ) އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި ބޭނުންވާ އެހީތެރިކަން އެފަދަ ފަރާތްތަކުން ހޯދުން.

(ށ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން، ނޭށަނަލް ހިޔުމަން ރައިޓްސް އިންސްޓިޓިއުށަނެއްގެ ހައިސިއްޔަތުން ހުށަހަޅަންޖެހޭ ތަފާތު ރިޕޯޓުތައް ކަމާބެހޭ ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކާއި، ކޮމިޓީތަކާއި، ބޮޑީތަކާއި، ވަރކިންގ ގްރޫޕްތަކާއި އެނޫންވެސް ފަރާތްތަކަށް ހުށަހެޅުން.

 

19 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުން .28

(ހ) ކޮމިށަނުގެ މެންބަރަކު އަދާކުރަންޖެހޭ ރަސްމީ ވާޖިބާއި އޭނާގެ މަސްލަހަތާ ދެމެދު އެއްވެސް ފުށުއެރުމެއް އުފެދުމަކަށް ފުރުސަތު ދީގެން ނުވާނެއެވެ.

(ށ) ކޮމިށަނުގެ މެންބަރެއްގެ މަސްލަހަތު ފުށުއެރުންކަމަށް މި މާއްދާގެ (ހ) ގައި ބުނެފައިއެވާ އުސޫލުގައި، ކޮމިށަނުގެ މެންބަރަކު އިނދެގެންއުޅޭ މީހާއާއި، އޭނާގެ ދަރިންނާއި، އޭނާ ސީދާ ބަލަހައްޓަމުން ގެންދާ އެހެންމީހުންގެ މަސްލަހަތު ފުށުއެރުމަކީވެސް، އެ މެންބަރެއްގެ މަސްލަހަތު ފުށުއެރުން ކަމުގައި ބެލެވޭނެއެވެ.

(ނ) ކޮމިށަނުން ބަލަމުންދާ މައްސަލައެއް ބެލުމުގައި، ކޮމިށަނުގެ މެންބަރެއްގެ މަސްލަހަތު ފުށުއަރާފާނެފަދަ ހާލަތެއް ދިމާވެއްޖެނަމަ، ނުވަތަ ދިމާވެދާނެކަމަށް ގަބޫލުކުރެވޭނަމަ، އެކަން ކޮމިށަނުގައި ބަޔާންކުރުމަށްފަހު، އެ މައްސަލައެއް ބެލުމުން އޭނާ ތަނާޒުލުވާންވާނެއެވެ. އަދި އެ މައްސަލައެއް ނިންމުމުގައި އެމީހަކު، އޭގެފަހުން އެއްވެސް މިންވަރަކަށް ބައިވެރިވެގެންނުވާނެއެވެ.

(ރ) ވަކި މައްސަލައެއް ބެލުމުގައި ނުވަތަ ވަކި ކަމެއް ކުރުމުގައި ވަކި މެންބަރަކު ބައިވެރިވުމަކީ، މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ކޮމިށަނުގެ ރައީސަށް ގަބޫލުކުރެވޭ ހާލަތެއްގައި ލިޔުމުން ސަބަބު ބަޔާންކުރުމާއެކު އެ މެންބަރަށް އެކަން އެންގުމަށްފަހު، އެ މެންބަރަކު އެ މައްސަލައެއް ބެލުމުން އެކަހެރިކުރެވިދާނެއެވެ.

(ބ) ވަކި މައްސަލައެއް ބެލުމުގައި ކޮމިށަނުގެ ރައީސް ބައިވެރިވުމަކީ، މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޭނާއަށް ގަބޫލުކުރެވޭ ހާލަތެއްގައި، ކޮމިށަނުގެ ނާއިބު ރައީސަށް ލިޔުމުން އެކަން އެންގުމަށްފަހު، އެ މައްސަލައެއް ބެލުމުން، ކޮމިށަނުގެ ރައީސް ތަނާޒުލުވާންވާނެއެވެ.

(ޅ) މި މާއްދާގެ (ހ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލުތައް، ކަމާގުޅޭ ނިސްބަތަށް، ކޮމިށަނުގެ މުވައްޒަފުންގެ މައްޗަށްވެސް ހިނގާނެއެވެ.

(ކ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލަކާ ކޮމިށަނުގެ މެންބަރަކު ހިލާފުވުމަކީ، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމުގައި ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.

(އ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލަކާ ކޮމިށަނުގެ މުވައްޒަފަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް އޮތްނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.

 

20 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ކޮމިށަނުން ޖަވާބުދާރީވުން 1-32

(ހ) ކޮމިށަނުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، ޖަވާބުދާރީވެ، އެމީހުންގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޒިންމާ އުފުލަންޖެހޭނެއެވެ. އަދި ކޮމިށަން ހިނގަމުންދާ ގޮތާ ގުޅޭގޮތުން، ނުވަތަ ކޮމިށަނުން ކުރަމުންދާ ކަމަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ހޯދައި ބަލަންޖެހޭ ކޮންމެ ކަމެއްގައި، އީޖާބީ ގޮތެއްގައި އެއްބާރުލުން ދޭންވާނެއެވެ.

(ށ) ކޮމިށަނުން ހިންގަމުންގެންދާ ތަހްގީގަކާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ސިއްރުކުރަންޖެހޭ މަޢުލޫމާތެއް ކޮމިށަނުން ރައްޔިތުންގެ މަޖިލީހަށް ހާމަނުކޮށް ހިފެހެއްޓުމަކަށް، މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

 

21 ވަނަ މާއްދާ – މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.     

 

މައި ގާނޫނު

ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2006-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު