-

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2020-22)

 

ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ވ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެއަކުރު އިތުރުކުރުން. 

(މ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުން، ވަޒީފާދޭ ފަރާތުން މުވައްޒަފާއެކު އެކުލަވާލައި ދެފަރާތުން ސޮއިކޮށް، އެއްބަސްވުމުގެ ކޮޕީއެއް މުވައްޒަފާ ހަވާލުކުރަންވާނެއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާއިރު، އެއްބަސްވުމުގެ ކޮޕީ ހަވާލުނުކޮށްހުރި ފަރާތްތަކުން، މި ގާނޫނަށް އަމަލުކުރަން ފަށާތާ، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަވާލުކޮށް ނިންމަންވާނެއެވެ.

(ފ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުން ހަދާފައި ނުވާނަމަ، ނުވަތަ މި މާއްދާގެ (މ) ގައިވާ ގޮތުގެމަތިން، މުވައްޒަފާ އެއްބަސްވުން ހަވާލުކޮށްފައި ނުވާނަމަ ވިޔަފާރީގެ ކުޑަބޮޑުމިނަށް ބަލައި، 2،000 (ދެހާސް) ރުފިޔާއާއި 20,000 (ވިހިހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން، ވަޒީފާދޭ ފަރާތް ޖޫރިމަނާކުރެވޭނެއެވެ.
 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ އަންނަނިވި ގޮތަށް އިސްލާހުކުރުން.

14. ވަގުތީ މުއްދަތު (ޕްރޮބޭށަން)

(ހ) ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތުކަމުގައި 3 (ތިނެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ.  

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ވަގުތީ މުއްދަތުގައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ އިސީތިޔާރު ދެ ފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ. އެހެންނަމަވެސް، މި ގާނޫނުގެ 32 ވަނަ މާއްދާއިން 57 ވަނަ މާއްދާއާ ހަމައަށް ހުރި މާއްދާތަކުގައި ބަޔާންކުރާ އެންމެހައި ހައްގުތައް، ވަގުތީ މުއްދަތުގައި ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވެއެވެ. އަދި މި ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ލިބިގަތުމުގެ ހައްގު، މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ވަޒީފާއަދާކުރާ ފަރާތަށް އެ މުއްދަތުގައި ލިބިގެންވެއެވެ.
 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގެ (6) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން

15. (ނ)

(6) ވަޒީފާގެ ނަމާއި ވަޒީފާގައި އަދާކުރަންޖެހޭ މަސައްކަތުގެ ބާވަތާއި ތަފްސީލުތައް؛
 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގެ (3)، (4)، (5)، (9)، އަދި (10)، މި ނަންބަރުތައް އުނިކުރުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން ހަތަރު އަކުރު އިތުރުކުރުން

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ހިދުމަތެއް ހުއްޓާލަންޖެހުމާ ގުޅިގެން، ނުވަތަ ވަޒީފާދޭ ފަރާތުގެ ހިންގުމަށް ގެންނަ ބަދަލަކާ ގުޅިގެން ނުވަތަ ވަޒީފާދޭ ފަރާތުގެ މާލީ ހިާލަތު ދަށްވުމާ ގުޅިގެން މަގާމެއް އުނިކުރަންޖެހުމުގެ ސަބަބުން، މި މާއްދާގެ (ބ) ގައި ބަޔާންކުރާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ، މި މާއްދާގެ ބޭނުމަށްޓަކައި ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، އެ ސަބަބު ބަޔާންކޮށް، އެފަދައިން އަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި، އަދި ވަކި މުވައްޒަފެއް ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުގެ ނިޔަތުގައި ނޫންކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބުތަކަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ހިާލަތްތަކާއި، އެފަދަ ހިާލަތެއްގައި ވަޒީފާދޭ ފަރާތުން އަމަލުކުރަންޖެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި މިނިސްޓަރު ކަނޑައަޅައި ބަޔާންކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބުތަކަށްޓަކައި މުވައްޒަފު ވަޒީފާއިން ވަކިކުރާއިރު، އެ މުވައްޒަފަކު ވަޒީފާގައި ހިދުމަތްކޮށްފައިވާ މުއްދަތަށް 1 (އެކެއް) އަހަރު ފުރިފައިނުވާނަމަ، 1 (އެކެއް) މަސްދުވަހުގެ ނޯޓިސް ނުވަތަ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދޭންވާނެއެވެ. ވަޒީފާގައި ހިދުމަތްކޮށްފައިވާ މުއްދަތު 1 (އެކެއް) އަހަރާއި 4 (ހަތަރެއް) އަހަރާ ދެމެދުގެ މުއްދަތެއްނަމަ، ވަޒީފާއިން ވަކިކުރުމަށް، މަދުވެގެން 2 (ދޭއް) މަސްދުވަހުގެ ނޯޓިސް ނުވަތަ އެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދޭންވާނެއެވެ. އަދި ވަޒީފާގައި ހިދުމަތްކޮށްފައިވާ މުއްދަތު 4 (ހަތަރެއް) އަހަރުދުވަހަށްވުރެ އިތުރުވާނަމަ، ވަޒީފާއިން ވަކިކުރުމަށް، މަދުވެގެން 3 (ތިނެއް) މަސްދުވަހުގެ ނޯޓިސް ނުވަތަ އެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދޭންވާނެއެވެ.
 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވަޒީފާ ދޫކޮށްލުން 26.
(ހ) ވަޒީފާދޭ ފަރާތުން މި ގާނޫނާ ނުވަތަ ވަޒީފާގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފަށް އަމަލުކުރާނަމަ، ވަޒީފާއަދާކުރާ ފަރާތުން ވަޒީފާދޭ ފަރާތަށް އެކަން ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ. މިގޮތުން ދޭ ނޯޓިސްގައި އެފަދަ ކަންކަން ރަނގަޅުކުރުމަށް ދީފައިވާ މުއްދަތުގައި އެދިފައިވާ ކަންކަން ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ރަނގަޅުނުކޮށްފިނަމަ، ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާއިން ވަކިވުމަށް ދޭންޖެހޭ ނޯޓިސް ދިނުމަށްފަހު، ވަކިވުމުގެ ހައްގު ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވެއެވެ.
 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވަޒީފާއިން ވަކިކުރި ސަބަބު ސާބިތުކޮށްދިނުން 27

މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ށަކުވާއެއް ނުވަތަ ދައުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއް ކަމުގައި ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ބެލެވޭނެއެވެ.
 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން.

(ބ) މި މާއްދާގައިވާ ގޮތުގެމަތިން، ވަޒީފާދޭ ފަރާތުން މުވައްޒަފަކު ލައްވާ މަސައްކަތްކުރުވާ ވަގުތާއި، ގަޑިއާއި، އިތުރު ގަޑީގައި މަސައްކަތްކުރުވާ ވަގުތާއި، އިތުރު ގަޑީގެ ގޮތުގައި މުވައްޒަފަށްދޭ ފައިސާގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ވަޒީފާދޭ ފަރާތުން ބަލަހައްޓަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ މައުލޫމާތު، ލޭބަރ ރިލޭށަންސް އޮތޯރިޓީން ބަލަން ބޭނުންވެއްޖެ ހިނދެއްގައި، އެ އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން ވަޒީފާ ދޭފަރާތުން އެ އޮތޯރިޓީއަށް ދޭންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން، ލޭބަރ ރިލޭށަންސް އޮތޯރިޓީން އަންގާ އެންގުމަކާ ހިލާފުވެއްޖެ ފަރާތެއް، 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު، ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ލިބިގެންވެއެވެ.
 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިސްތިސްނާވާ މުވައްޒަފުން 34

(ހ) ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް މި ގާނޫނުގެ 32 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި 38 ވަނަ މާއްދާއިން އިސްތިސްނާވާނެއެވެ.
 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން. 

މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު 1-34

(ހ) މުވައްޒަފަކު އޭނާ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން، އޭނާ މަސައްކަތްކުރާ ސައިޓުގައި ނުވަތަ ރަށުގައި ނުވަތަ އުޅަނދެއްފަދަ ތަނެއްގައި ހުރުމަށް ވަޒީފާދޭ ފަރާތުން އޭނާއަށް މަޖުބޫރުކޮށްގެން ނުވާނެއެވެ. އަދި، މުވައްޒަފަކު އޭނާ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން، އޭނާ ވަޒީފާއަދާކުރާ ތަން ދޫކޮށް ދިއުމާއި ވަޒީފާއަށް ނުކުންނަންޖެހޭ ގަޑިއަށް އެތަނަށް އަނބުރާ އައުމަށް ވަޒީފާދޭ ފަރާތުން ނުވަތަ ތަނުގެ ވެރިފަރާތުން ހުރަސްއަޅައިގެންނުވާނެއެވެ.

(ށ) މަސައްކަތު ގަޑި ނިމުމުން، މުވައްޒަފަކު އޭނާ ވަޒީފާއަދާކުރާ ތަން ދޫކޮށް ދިއުމަށް އަދި ވަޒީފާއަށް ނުކުންނަންޖެހޭ ގަޑިއަށް އެތަނަށް އަނބުރާ އައުމަށް ފުރާދުއްވާ އުޅަނދެއް ބޭނުންކުރަންޖެހޭނަމަ، އެ އުޅަނދަކަށް އެތަނަކަށް ކައިރިކުރުމުގެ ހުއްދަ ވަޒީފާދޭ ފަރާތުން ނުވަތަ ތަނުގެ ވެރިފަރާތުން ދޭންވާނެއެވެ.
 

11 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން 41.

(ށ) ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެމަތިން މުވައްޒަފަކު އެދެފިނަމަ، އޭނާއަށް ލިބޭ އަހަރީ ޗުއްޓީ ފެށުމުގެ ކުރިން މަސައްކަތަށް ނުކުންނަ އެންމެ ފަހު ދުވަހަށްވުރެ ލަސްނުވާނެ ގޮތުގެމަތިން، އެ ނަގާ ޗުއްޓީގެ ދުވަސްތަކަށް މުސާރައިންޖެހޭ ފައިސާގެ އަދަދު ވަޒީފާދޭ ފަރާތުން އޭނާއަށް ދޭންވާނެއެވެ. ނަމަވެސް، ދައުލަތުން މުސާރަދޭ މުވައްޒަފަކު އެ މުވައްޒަފަކު ޗުއްޓީގައި ހުރި ނަމަވެސް، އާންމު ގޮތެއްގައި މުސާރަދޭ އުސޫލުން މުސާރަ ދެވިދާނެއެވެ. 
 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސަލާމުގެ ޗުއްޓީ 42

(ހ) މުވައްޒަފަކު ހިދުމަތްކުރާ ކޮންމެ އަހަރަކު، މުސާރަ ލިބޭގޮތަށް ކޮންމެ މުވައްޒަފަކަށްވެސް މަދުވެގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ދޭންވާނެއެވެ.

(ށ) ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންނެއް ނުވެއެވެ.

(ނ) މި މާއްދާގެ (ށ) އެހެންއޮތް ނަމަވެސް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 (ތިރީސް) ދުވަހުގެ ތެރެއިން 15 (ފަނަރަ) ދުވަސް، ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ ދިގު ނުވާނެ ގޮތެއްގެ މަތިން، މެޑިކަލް ސެޓްފިކެޓަކާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިސީތިޔާރު، ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވެއެވެ.
 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 52 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސަރވިސްޗާޖް 52

(ހ) ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން، %10 (ދިހައެއް އިންސައްތަ) އަށްވުރެ މަދުނޫން އަދަދަކުން ސަރވިސްޗާޖް ނަގަންވާނެއެވެ. އަދި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތައް ފިޔަވައި، އެހެން ވިޔަފާރިތަކަށްވެސް އެ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން ސަރވިސްޗާޖް ނެގުމުގެ އިސީތިޔާރު އެފަރާތްތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސަރވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ހަމަހަމަކަމާއެކު ބަހަންވާނެއެވެ.

  1. ސަރވިސްޗާޖުގެ ގޮތުގައި ފާއިތުވި މަހު ލިބުނު ފައިސާ، ހިނގަމުންދާ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދީ ނިންމަންވާނެއެވެ.
  2. އެއްވެސް ތަނެއްގައި ސަރވިސްޗާޖް ބެހުމުގައި އެތަނެއްގައި ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި، މަސައްކަތްކުރާ އެންމެހައި މުވައްޒަފުންގެ މެދުގައި ތަފާތުކުރެވިގެން ނުވާނެއެވެ. މި މާއްދާގެ ބޭނުމަށް ވިޔަފާރިއެއްގެ ތެރޭގައި ތަފާތު ހިދުމަތްދޭ ވަކިވަކި ވިޔަފާރިތައް މާނަކުރަންވާނީ އެއް ހަމައަކުންނެވެ.

(ނ) މި މާއްދާގެ ބޭނުމަށް "އެންމެހައި މުވައްޒަފުން" ކަމަށް ބުނެފައިއެވަނީ، ހިދުމަތެއް ހޯދާ ފަރާތަކުން ހިދުމަތް ދިނުމުގައި ސީދާ އަދި ނުސީދާގޮތުގައި، ވަޒީފާގެގޮތުން ބައިވެރިވާ ހުރިހާ މުވައްޒަފުންނަށެވެ.

(ރ) ސަރވިސްޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ކޮންމެ މަހަކު ލިބުނު ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން، އިދާރީ ފީގެ ގޮތުގައި %1 (އެކެއް އިންސައްތަ) ނެގިދާނެއެވެ. އަދި އެއްވެސް ހިާލެއްގައި އެއަށްވުރެ އިތުރު އަދަދެއް ވަޒީފާދޭ ފަރާތުން ނަގައިގެންނުވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ހިދުމަތެއް ފޯރުކޮށްދިނުމުގައި ވަޒީފާދޭ ފަރާތަށް ސަރވިސްޗާޖުގެ ގޮތުގައި ކޮންމެ މަހަކަށް ލިބުނު ޖުމުލަ އާމްދަނީ އާއި، އެމަހަކު ސަރވިސްޗާޖް ލިބުނު މުވައްޒަފުންގެ އަދަދާއި، ސަރވިސްޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ހައްގުވާ މިންވަރާއި، ސަރވިސްޗާޖުގެ ގޮތުގައި ދިން ފައިސާގެ އަދަދުގެ މައުލޫމާތު، ވަޒީފާދޭ ފަރާތުން ގަވާއިދުން ބަލަހައްޓަންވާނެއެވެ. އަދި ކޮންމެ އަހަރަކު 2 (ދޭއް) ފަހަރު، ލޭބަރ ރިލޭށަންސް އޮތޯރިޓީން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ތާރީހެއްގެ ކުރިން އެ މައުލޫމާތު އެ އޮތޯރިޓީއަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، އެ މާއްދާގައި ބަޔާންކުރާ މައުލޫމާތު، ލޭބަރ ރިލޭށަންސް އޮތޯރިޓީން ބަލަން ބޭނުންވެއްޖެ ހިނދެއްގައި، އެ އޮތޯރިޓީން އަންގާ ގޮތެއްގެމަތިން އެފަރާތާ، ވަޒީފާދޭ ފަރާތުން ހިއްސާކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ބ) އަދި (ޅ) އާ ހިލާފުވެއްޖެ ފަރާތެއް، 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު، ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ލިބިގެންވެއެވެ.

(އ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ސަރވިސްޗާޖް ނަގަމުންނުދާނަމަ ނުވަތަ މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަމުންނުދާނަމަ އެފަރާތްތައް 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު އެފަރާތްތަކާމެދު ފިޔަވަޅުއެޅުމުގެ ބާރު ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ލިބިގެންވެއެވެ. އެގޮތުން، ޖޫރިމަނާކުރުމުގެ އުސޫލުތަކާއި އަޅާނެ ފިޔަވަޅުތައް މި ގާނޫނުގެ ދަށުން ލޭބަރ ރިލޭށަންސް އޮތޯރިޓީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ވ) މި މާއްދާގެ (އ) ގެ ބޭނުމަށް، މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ ފަރާތްތައް ދެނެގަތުމުގައި، މި މާއްދާގެ (ބ) ގެ ދަށުން ހުށަހަޅާ މައުލޫމާތުގެ ސަައްހަކަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ކަށަވަރުކޮށްދޭންވާނެއެވެ. މިގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން މައުލޫމާތުގެ ސަައްހަކަން ކަށަވަރުކޮށްދޭންޖެހޭނީ ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެއެވެ. 
 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާ އުނިކުރުން.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުން 59

ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، މި ގާނޫނުގައިވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅަންވާނެއެވެ.
 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ތިން މާއްދާ އިތުރުކުރުން.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު 1-59

(ހ) އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްތައްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" ގެ ނަމުގައި ބޯޑެއް އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބޯޑު، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އުފައްދައި، މި ގާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ބޯޑަށް މެންބަރުން އައްޔަނުކުރަންވާނެއެވެ.

 
ބޯޑުގެ މަސްއޫލިއްޔަތުތައް 2-59
(ހ) މި ގާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށްޓަކައި، އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ދެވޭނެ ސިޔާސަތުތަކާއި، މިންގަނޑުތަކާއި، ހަމަތައް ދިރާސާކޮށް ދެނެގަތުން؛

(ށ) ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށްޓަކައި، އަންނަނިވި ސިނާއަތްތަކަށާއި ދާއިރާތަކަށް ވަކިވަކިން ރިއާޔަތްކޮށް، އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ ދިނުން:

  1. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް؛ 
  2. ފަތުރުވެރިކަމުގެ ސިނާއަތް؛
  3. ކޮންސްޓްރަކްށަން މަސައްކަތުގެ ސިނާއަތް؛
  4. ދަތުރުފަތުރުގެ ސިނާއަތް؛
  5. ސިއްހީ ހިދުމަތުގެ ދާއިރާ؛
  6. ތައުލީމީ ހިދުމަތުގެ ދާއިރާ؛
  7. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާ؛
  8. އިންފޮމޭށަން، ކޮމިއުނިކޭށަން އަދި ޓެކްނޮލޮޖީގެ ދާއިރާ؛
  9. މެރިޓައިމް އިންޑަސްޓްރީ. 

(ނ) މި ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ އަދަދު، ކޮންމެ 2 (ދޭއް) އަހަރަކުން މުރާޖައާކުރުން، އަދި މިގޮތުން މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަދަދު އިސްލާހުކުރަން ބޯޑަށް ފެންނަނަމަ، މިނިސްޓަރަށް ލަފާދިނުން؛

(ރ) މި މާއްދާގެ (ނ) އެހެންއޮތް ނަމަވެސް، ގައުމަށް ދިމާވާ އިގްތިސަާދީ ހިާލަތަކާ ގުޅިގެން، 2 (ދޭއް) އަހަރުވުމުގެ ކުރިންވެސް، މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ އަދަދު މުރާޖައާކޮށް އިސްލާހުކުރުމަށް ބޯޑަށް ފެންނަ ހިާލަތެއްގައި، މިނިސްޓަރަށް ލަފާދިނުން؛

(ބ) ބޯޑުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ ދިރާސާތަކާއި ސަރވޭކުރުމާއި، މައުލޫމާތު ހޯދުމާއި، އެއްކުރުމާއި، ށާއިއުކުރުމާއި، މިނޫންވެސް ބޯޑުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އަދާކުރަންޖެހޭ ފަންނީ، އިދާރީ އަދި ގާނޫނީ އެންމެހައި ވާޖިބުތައް އަދާކުރުން؛

(ޅ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ދެވޭނެ ސިޔާސަތުތަކާއި، މިންގަނޑުތަކާއި، ހަމަތައް ކަނޑައެޅުމުގައި ވަޒީފާއަދާކުރާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާގެ ޒަރޫރީ ބޭނުންތަކަށް ހިނގާނެ ހަރަދުތަކަށާއި، މީގެ ތެރޭގައި ދިރިއުޅުމުގެ ހަރަދުތަކަށާއި، އިޖްތިމާއީ ރައްކާތެރިކަމާ ގުޅޭގޮތުން ލިބިދޭ އިނާޔަތްތަކަށާއި، ދިރިއުޅުމުގެ މިންގަނޑުތަކަށާއި، އިގްތިސަާދީ ތަރައްގީގެ މިންގަނޑުތަކަށާއި، އުފެއްދުންތެރިކަމުގެ މިންވަރަށާއި، ވަޒީފާގެ ފުރުސަަތުތައް އިތުރުކޮށްދިނުމާއި ގިނަ ފަރާތްތައް ވަޒީފާގައި ދެމެހެއްޓުމުގެ ސިޔާސަތުތައް ފަދަ އިގްތިސަާދީ ކަންކަމަށް ބޯޑުން ރިއާޔަތްކުރަންވާނެއެވެ.

 
މައުލޫމާތު ދިނުމަށް އެންގުމުގެ ބާރު 3-59
(ހ) ބޯޑުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، އަދި މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށްޓަކައި، ވަޒީފާދޭ ފަރާތުން އެފަރާތުގެ މުވައްޒަފުންނަށް ދޭ އުޖޫރައާ ގުޅޭ މައުލޫމާތު، ބޯޑުން ނުވަތަ މިނިސްޓްރީން އެދިއްޖެ ހިާލަތެއްގައި އެ މައުލޫމާތު ދިނުމަށް ވަޒީފާދޭ ފަރާތްތަކަށް އެންގުމުގެ ބާރު، ބޯޑަށާއި މިނިސްޓަރަށް ލިބިގެންވެއެވެ.
 
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ވަޒީފާދޭ ފަރާތަކަށް މައުލޫމާތު ދިނުމަށް ބޯޑުން ނުވަތަ މިނިސްޓްރީން އަންގާ އެންގުމަކާ ހިލާފުވެއްޖެ ފަރާތެއް، 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު، ބޯޑަށް ނުވަތަ މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން، ވަޒީފާދޭ ފަރާތުން އެފަރާތުގެ މުވައްޒަފުންނަށް ދޭ އުޖޫރައާ ގުޅޭ މައުލޫމާތު ބޯޑަށް ނުވަތަ މިނިސްޓްރީއަށް ދިނުމަށް އެންގުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 60 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ބޯޑު އެކުލެވިގެންވާ ގޮތް 60.
(ހ) ބޯޑު އެކުލެވިގެންވަނީ، އަންނަނިވި ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 11 (އެގާރަ) މެންބަރުންގެ މައްޗަށެވެ.

  1. ބޯޑުގެ ޗެއަރޕަރސަންގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހަޅާ ފަރާތެއް؛
  2. މިނިސްޓްރީ އޮފް ފިނޭންސުން ހުށަހަޅާ ފަރާތެއް؛
  3. ފަތުރުވެރިކަމާއި، ކޮންސްޓްރަކްށަންގެ ސިނާއަތާއި، އަންހެން ވިޔަފާރިވެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި، މި 4 (ހަތަރެއް) ދާއިރާ ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން ހުށަހަޅާ 4 (ހަތަރެއް) މެންބަރުން؛
  4. ވަޒީފާއަދާކުރާ ފަރާތްތައް ނުވަތަ މަސައްކަތްތެރިން ތަމްސީލުކުރާ ޖަމްއިއްޔާތަކުން ހުށަހަޅާ 5 (ފަހެއް) މެންބަރުން.

(ށ) ބޯޑުގެ މެންބަރުކަމަށް އައްޔަނުކުރަންވާނީ، ބޯޑުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާގަތާއި ގާބިލިއްޔަތު ހުރި މީހުންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ބޯޑަށް އައްޔަނުކުރެވޭ މެންބަރެއްގެ މަގާމުގެ މުއްދަތަކީ، އެ މެންބަރަކު އައްޔަނުކުރެވުނު ތާރީހުުން ފެށިގެން 3 (ތިނެއް) އަހަރުދުވަހެވެ.

(ރ) މި މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގެ ދަށުން ވަކިކުރެވޭ މެންބަރަކު ފިޔަވައި، އެހެން ކޮންމެ މެންބަރަކީ އަލުން އިތުރު ދައުރަކަށް ބޯޑުގެ މެންބަރުކަމަށް އައްޔަނުކުރެވިދާނެ މެންބަރެކެވެ.  
(ބ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ދިމާވެއްޖެނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.

  1. ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން މެންބަރުކަމުން އިސްތިއުފާދިނުން؛
  2. ބޯޑުގެ ރިޔާސަތުގެ ހުއްދަ ނެތި، ވިދިވިދިގެން ބޯޑުގެ 3 (ތިނެއް) ބައްދަލުވުމަށް، އެކަށީގެންވާ އުޒުރެއް ނެތި ހާޒިރުނުވުން؛
  3. މެންބަރުކަމުގެ މުއްދަތު ހަމަވުން؛
  4. މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިގެން އެ މެންބަރަކު މަގާމުން ވަކިކުރުން.

(ޅ) ބޯޑުގެ ހިންގާ ގަވާއިދު ބޯޑުން އެކުލަވާލަންވާނެއެވެ.

 
18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 60 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ބޯޑު މެންބަރުންގެ އުޖޫރަ 1-60
ބޯޑުގެ މެންބަރުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
 

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 62 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައަޅާ އަމުރު 62.

(ހ) ބޯޑުން މިނިސްޓަރަށް ދޭ ލަފާ ދިރާސާކުރުމަށްފަހު، ގިނަވެގެން، 30 (ތިރީސް) ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ، މިނިސްޓަރު ނެރޭ އަމުރެއް މެދުވެރިކޮށް ކަނޑައަޅަންވާނެއެވެ.

(ށ) އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރު ނެރޭ އަމުރުގައި، މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ އަދަދާއި، އިތުރުގަޑީގައި ލިބޭނެ މިންވަރު ކަނޑައަޅަންވާނެއެވެ. އަދި މީގެ އިތުރުން ވަކި މަސައްކަތެއްގައި ނުވަތަ ވަކި ދާއިރާއެއްގައި ހަރަކާތްތެރިވާ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ވަކިން ބަޔާންކުރުމާއެކު، މިގޮތުން ކަނޑައަޅާ އުޖޫރައެއް ދިނުމުގައި ވަޒީފާދޭ ފަރާތްތަކުން އެ އަމުރަކަށް ފުރިހަމައަށް އަމަލުކުރުމަށް ވަކި މުއްދަތެއް ނުވަތަ މުއްދަތުތަކެއް ކަނޑައަޅާފައިވާނަމަ، އެކަން ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ބޯޑުން މިނިސްޓަރަށް ދޭ ލަފަޔަށް ބިނާކޮށް، ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ މިނިސްޓަރު ކަނޑައެޅުމުގައި، ވަޒީފާއަދާކުރާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާގެ ޒަރޫރީ ބޭނުންތަކަށް ހިނގާނެ ހަރަދުތަކަށާއި، އިގްތިސަާދީ ކަންކަމަށާއި، ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ކުރާ އަމުރެއް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމާއެކު، މި ގާނޫނުގެ ދަށުން އެ އަމުރު ބާތިލުކުރެވެންދެން ނުވަތަ ބަދަލުކުރެވެންދެން، އެ އަމުރު ދެމިއޮންނާނެއެވެ. އަދި އެއީ ފުރިހަމަ ގާނޫނީ ބާރު ލިބިގެންވާ، އެ އަމުރު ރައްދުވާ އެންމެހައި ފަރާތްތަކުން އެ އަމުރުގައި ހިމެނޭ ކަންކަމުގެ މައްޗަށް އަމަލުކުރުން ލާޒިމު އެއްޗެކެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމުގެ ގޮތުން މިނިސްޓަރު ކުރާ ފުރަތަމަ އަމުރު، މި ގާނޫނުގެ ދަށުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފާދޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މިނިސްޓަރު ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ބ) ގެ ދަށުން މިނިސްޓަރު ކުރާ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި އެހެންއޮތް ނަމަވެސް، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފަރާތަކީ ބިދޭސީއެއްނަމަ، މި މާއްދާގެ (ބ) ގެ ދަށުން މިނިސްޓަރު ކުރާ އަމުރަށް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުުން ފެށިގެން އެންމެ ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި، ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންވާނެއެވެ.
 

20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ބިދޭސީން ރާއްޖޭގައި ވަޒީފާއަދާކުރުން 65

(ހ) ބިދޭސީން ވަޒީފާއަދާކުރުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމަށް ހުއްދަ ދިނުމާއި، ވަޒީފާއަދާކުރާ މުއްދަތަށް ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ (ވަރކް ޕަރމިޓް) ދިނުމުގެ އިސީތިޔާރު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރާ ގޮތެއްގެ މަތިން، ކަމާގުޅޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ، ބިދޭސީން ވަޒީފާއަދާކުރުމަށް ދިވެހިރާއްޖެއަށް ގެނައުމުގެ ކޯޓާ ދޫކުރާނެ ގޮތުގެ ށަރުޠުތަކާއި އުސޫލުތަކާއި ކޯޓާ ފީ ނަގަންފަށާނެ މުއްދަތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި ކޯޓާ ފީގެ ގޮތުގައި އަހަރަކަށް 2,000 (ދެހާސް) ރުފިޔާ މިނިސްޓަރު ކަނޑައަޅާ އިދާރާއަކަށް ދައްކަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ، ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ (ވަރކް ޕަރމިޓް) ދޫކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ށަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ވަރކް ޕަރމިޓް ފީގެ ގޮތުގައި މަހަކު 350 (ތިންސަތޭކަ ފަންސާސް) ރުފިޔާ މިނިސްޓަރު ކަނޑައަޅާ އިދާރާއަކަށް ދެއްކުމުންނެވެ.
 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ވަޒީފާއަދާކުރުމަށް ރާއްޖެ ގެނެވޭނެ އަދަދު ކަނޑައެޅުން 1-65
(ހ) ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމަށްޓަކައި، އެއް ގައުމަކުން އެންމެ ގިނައިން ދިވެހިރާއްޖެއަށް ގެނެވޭނެ އަދަދަކީ ،100،000 (އެއްލައްކަ) މީހުންނެވެ.

(ށ) ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންގެ ތެރެއިން، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަދަދަށްވުރެ އިތުރަށް އެއްވެސް ގައުމަކުން ބިދޭސީން ވަޒީފާއަދާކުރުމަށް ހުއްދަދެވި ރާއްޖެ ގެނެސްފައިވާނަމަ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އަށް  6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުުން ފެށިގެން 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންގެ އަދަދު، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަދަދަށް ހަމަޖައްސަންވާނެއެވެ.
 

22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ދިވެހިން ތަމްރީނުކުރުމާއި ވަޒީފާ ދިނުމުގައި އިސްކަންދިނުން 1-74

(ހ) ދިވެހިންގެ މަސައްކަތުގެ ހުނަރު އިތުރުކުރުމަށްޓަކައި ތަމްރީނާއި ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަންވާނެއެވެ. އެގޮތުން، ދިވެހި މަސައްކަތްތެރިން މަދު ދާއިރާތަކުގައި ދިވެހި މަސައްކަތްތެރިންނަށް ފުރުސަަތުތައް އިތުރުކުރުމުގެ ގޮތުން، އެފަދަ ދާއިރާތަކުގައި ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި ތަމްރީނުތައް ދިވެހިންނަށް ދެވޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.

(ށ) 50 (ފަންސާސް) މުވައްޒަފުންނަށްވުރެ ގިނައިން މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުންނާގުޅޭ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަންވާނީ ދިވެހި މުވައްޒަފެކެވެ.

(ނ) 50 (ފަންސާސް) މުވައްޒަފުންނަށްވުރެ ގިނައިން މަސައްކަތްކުރާ ތަންތަނުގައި ސީނިއަރ މެނޭޖްމަންޓްގައި %60 (ފަސްދޮޅަސް އިންސައްތަ) ދިވެހި މުވައްޒަފުން ތިބެންވާނެއެވެ. މި މާއްދާގައި ބަޔާންކުރާ ސީނިއަރ މެނޭޖްމަންޓަކީ ކޮބައިކަން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފަށާތާ އެންމެ ލަސްވެގެން 5 (ފަހެއް) އަހަރު ތެރޭގައި މި މާއްދާގެ (ށ) އަދި (ނ) އަށް އަމަލުކުރަންވާނެއެވެ.     

(ބ) މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ބަޔާންކޮށް އަހަރަކު 1 (އެކެއް) ފަހަރު، ލޭބަރ ރިލޭށަންސް އޮތޯރިޓީން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ތާރީހެއްގެ ކުރިން އެ މައުލޫމާތު އެ އޮތޯރިޓީއަށް އެ މާއްދާގައި ބަޔާންކުރާ ކުންފުނިތަކުން ފޮނުވަންވާނެއެވެ. އަދި، އެ މައުލޫމާތު ލޭބަރ ރިލޭށަންސް އޮތޯރިޓީން އާންމުކުރަންވާނެއެވެ.

(ޅ) އުމުރުން 55 އަހަރާއި 65 އަހަރާ ދެމެދުގެ ތައުލީމާއި، ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ އިގްތިސަާދީ ފުދުންތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެފަދަ ފަރާތްތަކަށް އެކަށީގެންވާ ވަޒީފާގެ ފުރުސަަތުތައް ފަހިކޮށްދޭންވާނެއެވެ.

(ކ) މި މާއްދާގެ (ށ) އަދި (ނ) އާ ހިލާފުވެއްޖެ ފަރާތެއް، 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު، ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ލިބިގެންވެއެވެ. 

 
23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 75 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ މިންގަނޑު 1-75

(ހ) ވަޒީފާދޭ ފަރާތުން، އެފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް، ނުވަތަ ނިދުމަށް ހަމަޖައްސާ ތަންތަނާއި، އެތަންތަނުގެ ޒަރޫރީ ބޭނުންތަކަށް އެތަންތަނުގައި ހުންނަންޖެހޭ ވަސީލަތްތަކާއި އެހެނިހެން ކަންކަމުގެ އާންމު މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަޒީފާދޭ ފަރާތްތަކަށް ލާޒިމުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދު، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ  30 (ތިރީސް) ދުވަހުގެ ތެރޭގައި ހަދައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގެ ދަށުން ކަނޑައަޅާ މިންގަނޑުތަކަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކުރުމަށްޓަކައި މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
 

24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 87 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން. 

ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ކޯޓުތައް މެދުވެރިކޮށް ބެލުން 1-87

(ހ) މާލެ ފިޔަވައި އެހެން ރަށްރަށުގައި އުފެދޭ ވަޒީފާއާބެހޭ މައްސަލަތައް އެ މައްސަލައެއް އުފެދުނު ރަށު ކޯޓު މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

(ށ) ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ ވަޒީފާއާބެހޭ މައްސަލަތައް، މައްސަލަ ހުށަހެޅުނު ކޯޓު މެދުވެރިކޮށް އަޑުއެހުންތައް ކުރިއަށް ގެންދެވިދާނެއެވެ. މިގޮތަށް ހުށަހެޅޭ މައްސަލަތަކުގައިވެސް ގޮތެއް ނިންމާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުންނެވެ.

(ނ) މި މާއްދާގެ ދަށުން ރަށު ކޯޓުތައް މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލާނެ އުސޫލު މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެކުލަވާލައި އާންމުކުރަންވާނެއެވެ.
 

25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 88 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ފަސް މާއްދާ އިތުރުކުރުން. 

ހުކުމް ތަންފީޒުކުރުން 1-88

(ހ) ޓްރައިބިއުނަލުން މައްސަލައެއް ނިންމުމަށްފަހު، އެ ނިންމުމާ އެއްގޮތަށް އެ ނިންމުން ރައްދުވާ ފަރާތުން އަމަލުކޮށްފައިވޭތޯ ޓްރައިބިއުނަލްގެ އަމިއްލަ އިސްނެގުމުގައި ކަށަވަރުކުރަންޖެހޭނެއެވެ.

(ށ) ޓްރައިބިއުނަލްގެ ނިންމުމާ އެއްގޮތަށް އެ ނިންމުން ރައްދުވާ ފަރާތުން އަމަލުކޮށްފައިނުވާކަމަށް މައްސަލަ ރައްދުވާ ފަރާތަކުން ޓްރައިބިއުނަލަށް އަންގައިފިނަމަ، އެ ނިންމުން ތަންފީޒުކުރުމަށްޓަކައި އެ ނިންމުން ތަންފީޒުކުރުމުގެ އިސީތިސަާސް ލިބިގެންވާ ކޯޓަކަށް ޓްރައިބިއުނަލުން އެ ނިންމުމެއް ފޮނުވަންވާނެއެވެ. އަދި އެގޮތުން ކޯޓަށް ހުށަހެޅޭ ނިންމުންތައް ތަންފީޒުކުރުމުގެ މަސައްކަތް އެ ކޯޓަށް ހުށަހެޅޭ އެހެނިހެން ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކާ އެއް އުސޫލަކުން، އެ ކޯޓެއްގައި ކުރިއަށް ގެންދަންވާނެއެވެ.

(ނ) ޓްރައިބިއުނަލުން ފޮނުވައިގެން ކޯޓުން ކުރިއަށް ގެންދާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއްގައި، އެ މައްސަލައިގެ ހަސްމެއްގެ ގޮތުގައި ޓްރައިބިއުނަލް ޖާމިނުކުރުވައިގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ އުސޫލަކީ ޓްރައިބިއުނަލުން ނިންމާ ނިންމުމެއް ރައްދުވާ ފަރާތަކުން، ހުކުމް ތަންފީޒުކޮށްދިނުމަށް އެދި އަމިއްލައަށް އެ މައްސަލައެއް ކޯޓަށް ހުށަހެޅުމަށް އޮތް ހުރަހެއްކަމަށް އެއްވެސް ފަރާތަކުން މާނަކޮށްގެން ނުވާނެއެވެ.

 
ޓްރައިބިއުނަލްގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލުން 2-88.

(ހ) ޓްރައިބިއުނަލްގެ އަޑުއެހުންތައް ހިންގަންވާނީ އާންމުކޮށް ހުޅުވާލައިގެންނެވެ.
 
(ށ) ތިރީގައިވާ ސަބަބުތަކުންކުރެ ސަބަބަކަށްޓަކައި ދީމިގްރާތީ އުސޫލުތަކާ ހިލާފުނުވާނެ ގޮތެއްގެމަތިން، އަޑުއެހުމެއް އެކުގައި ނުވަތަ އަޑުއެހުމުން ބައެއް އާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދިއުމުގެ އިސީތިޔާރު އެ މައްސަލައެއް ބަލާ މެންބަރުންނަށް ލިބިގެންވެއެވެ.

  1. މުޖްތަމައުގެ އަސީލާގީ އުސޫލުތައް ހިފެހެއްޓުމަށް ނުވަތަ މުޖްތަމައުގައި އަމަންއަމާންކަން ގާއިމުކުރުން ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫއެރިޔަ ނުދިނުން.
  2. ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަސްލަހަތު ރައްކާތެރިކުރުން.
  3. އެހެން ގާނޫނަކުން ހުޅުވާލައިގެން އަޑުއެހުމެއް ބޭއްވުމަށް މަނާކޮށްފައިވާ ސަބަބެއް މެދުވެރިވުން. 

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބަކަށްޓަކައި އެހެން ގޮތަކަށް ޓްރައިބިއުނަލުން ކަނޑައަޅާފައިނުވާނަމަ، ޓްރައިބިއުނަލުން ނެރޭ ހުރިހާ އަމުރުތަކާއި ހުކުމްތައް އިއްވަންވާނީ އާންމުކޮށް ހުޅުވާލެވިފައިވާ މަޖިލީހެއްގައެވެ. އަދި ހުޅުވާލައިގެން ބޭއްވޭ އަޑުއެހުންތަކުން ނެރޭ އަމުރުތަކާއި ކުރާ ހުކުމްތައް ބޭނުންވާ ފަރާތްތަކަށް ފެންނަން ހުންނަންވާނެއެވެ.

 
ޓްރައިބިއުނަލަށް މީހުން ހާޒިރުކުރުން 3-88.
ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ހާޒިރުކުރަން ބޭނުންވާ މީހުން  މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ހާޒިރުކުރުމާއި ޓްރައިބިއުނަލަށް ހާޒިރުކުރާ މީހުންނާ ޓްރައިބިއުނަލުން ބޭނުންވާ ސުވާލެއް ކުރުމާއި، ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހެޅުމަށް އެންގުމަކީ ޓްރައިބިއުނަލަށް ލިބިގެންވާ ބާރެކެވެ. ޓްރައިބިއުނަލްގެ އަމުރެއްގެ ދަށުން ޓްރައިބިއުނަލަށް ހާޒިރުވުމަށް އެންގޭ މީހަކު، މަގްބޫލު އުޒުރެއް ނެތި ޓްރައިބިއުނަލަށް ހާޒިރުނުވެއްޖެނަމަ، ޓްރައިބިއުނަލުން އަމަލުކުރާނެގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުން ހިންގުން 4-88

(ހ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދަންވާނީ މައްސަލަ ހުށަހަޅާ ފަރާތާއި، މައްސަލަ ރައްދުވާ ފަރާތާއި، އެފަރާތްތަކުގެ ވަކީލުންނާއި، އަދި އެނޫނަސް ޓްރައިބިއުނަލަށް ހާޒިރުވާންޖެހޭ މީހުންކަމަށް ޓްރައިބިއުނަލުން ކަނޑައަޅާ މީހުންނާއި، މައްސަލަ ބަލާ މެންބަރުންނާ އެއް ހާޒިރެއްގައި އަދި އެއް މަޖިލީހެއްގައި ތިބެގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލަކީ އާންމު އުސޫލުކަމުގައި ވީނަމަވެސް، ޓްރައިބިއުނަލުން ކަނޑައަޅާ ހުާއްސަަ ހިާލަތްތަކުގައި، އަދުލު އިންސަާފުގެ ހަމަތައް ނުގެއްލޭނެ ގޮތުގެމަތިން، ޓްރައިބިއުނަލްގެ އަޑުއެހުންތައް ހިންގާ މާލަމާއި، މައްސަލައިގައި ހިމެނޭ އެހެނިހެން ފަރާތްތައް ތިބޭ މާލަންތައް، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅުވާލައިގެން އަޑުއެހުންތައް ކުރިއަށް ގެންދިއުމުގެ އިސީތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. މިގޮތުން، ތިރީގައި ބަޔާންކޮށްފައިވާ ހިާލަތްތަކަކީ ހުާއްސަަ ހިާލަތްތަކެއްކަމަށް ޓްރައިބިއުނަލަށް ކަނޑައެޅިދާނެއެވެ.

  1. ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހިާލަތެއް ނުވަތަ ކާރިސާގެ ހިާލަތެއްގެ ސަބަބުން މައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމުގައި ރައްކާތެރިކަމެއް ނެތުން؛
  2. ޖޯގުރަފީ ގޮތުން ރަށްތަކާއި ސަރަހައްދުތައް އެތުރިފައިވާ ގޮތުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް، މޫސުމީ ގޮތުންނާއި ހަރަދުގެ ގޮތުންނާއި ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއް އުފުލަންޖެހޭ މާލީ ބުރައެއްގެ ސަބަބުން އެވަގުތަކު އޮތް ހުރަސްތަކާއި ގޮންޖެހުންތަކަށް ރިއާޔަތްކުރުމާއެކު، އަދި ހުށަހެޅިފައިވާ މައްސަލައެއް ނިންމުމަށް ލަސްވުން މެދުވެރިވެ، އަދުލު އިންސަާފު ގާއިމުކުރުމަށް ބުރޫއަރާފާނެ ހިާލަތެއް އޮތުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ގޮތުގެމަތިން، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޓްރައިބިއުނަލްގެ އަޑުއެހުންތައް ކުރިއަށްގެންދިއުމާބެހޭ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ޓްރައިބިއުނަލުން އެކުލަވާލަންވާނެއެވެ. އަދި އެ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1.  އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުމުގެ މަޖިލީހުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުން ވާންޖެހޭ ތައްޔާރީތައް؛
  2. ޓްރައިބިއުނަލްގެ މާލަމުގައި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅާލެވިގެން އަޑުއެހުމުގެ މަޖިލީހުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުން އަޑުއެހުމުގެ މަޖިލީހުގައި ހިފަހައްޓަންޖެހޭ އުސޫލުތައް؛
  3. އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ ހެދުމަށް ހޯދަންޖެހޭ ތަކެއްޗާއި ގާއިމުކުރަންޖެހޭ ވަސީލަތްތައް؛
  4. މާލެއިން ބޭރުގައިވާ ފަރާތެއް ހިމެނޭ މައްސަލައެއްނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ މަށްވަރާއާއެކު، މެޖިސްޓްރޭޓް ކޯޓުތަކުގައި ގާއިމުކޮށްފައިވާ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ ނިޒާމުގެ ބޭނުން ހިފުމަށް ކޯޓުތަކުން އެހީތެރިކަން ހޯދާނެ އުސޫލު؛
  5. ޓްރާންސްމިށަން ސްޕީޑާއި ބޭންޑްވިތްގެ މިންގަނޑުތައް؛
  6. ދިމާވާ ޓެކްނިކަލް މައްސަލަތަކާ ގުޅިގެން އަމަލުކުރާނެ ގޮތް؛
  7. ރާއްޖެއިން ބޭރުގައިވާ ފަރާތެއް ހިމެނޭ މައްސަލައެއްނަމަ، އަޑުއެހުން ބާއްވާ ވަގުތާއި އެފަރާތެއް ހުރި ގައުމެއްގެ ވަގުތާ ދެމެދުގައިވާ ފަރަގު ބޮޑުވާނަމަ އަމަލުކުރާނެ ގޮތް؛
  8. ތަރުޖަމާނަކު ބޭނުންކުރަންޖެހޭ ހިާލަތުގައި އަމަލުކުރާނެ ގޮތް؛ އަދި
  9. އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުން ކުރިއަށް ގެންދިއުމާގުޅޭ މިނޫންވެސް އެންމެހައި އުސޫލުތައް.

(ރ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދާ އަޑުއެހުންތަކުގެ މަޖިލިސްތަކުގެ ރެކޯޑިންގ، އެ މައްސަލައެއް ނިމޭ ތާރީހުުން ފެށިގެން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކާތެރިކޮށް ބަލަހައްޓަންވާނެއެވެ.

 
ޓްރައިބިއުނަލްގެ އާންމު މަޖިލިސް 5-88.

ޓްރައިބިއުނަލްގެ އެންމެހައި މެންބަރުން ހިމެނޭގޮތަށް ޓްރައިބިއުނަލްގެ އާންމު މަޖިލީހެއް އޮންނަންވާނެއެވެ. އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަންވާނީ ޓްރައިބިއުނަލްގެ ރައީސްއެވެ. ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ޓްރައިބިއުނަލުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާމެދު މަށްވަރާކޮށް، ގޮތެއް ނިންމުން.

(ށ) މި ގާނޫނުގެ 10 ވަނަ ބާބުގެ ދަށުން ޓްރައިބިއުނަލުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.

(ނ) ޓްރައިބިއުނަލްގެ މަސައްކަތް ހިންގާގޮތާއި، ޓްރައިބިއުނަލުން މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ޓްރައިބިއުނަލްގެ މެންބަރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި، ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު ހެދުން.

(ރ) ޓްރައިބިއުނަލްގެ ބަޖެޓު ތައްޔާރުކުރުމުގެ ކުރިން ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަމާމެދު ގޮތެއް ނިންމުން.

(ބ) ޓްރައިބިއުނަލްގެ މުވައްޒަފުން ތަމްރީނުކުރަން ބޭނުން ދާއިރާތައް ކަނޑައެޅުން.

(ޅ) ގާނޫނަކުން ކަނޑައެޅޭ ނުވަތަ ހަވާލުކުރެވޭ ކަމެއް ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

(ކ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ކުރަންޖެހޭ ކޯޓުގެ ދާހިލީ ކަންކަން ކުރުން.

(އ) ބަލަމުންދާ މައްސަލަތަކުގެ މަރުކަޒީ ދަފްތަރެއް ޓްރައިބިއުނަލްގައި ގާއިމުކޮށް އެ މައްސަލަތައް އެކަށީގެންވާ ހަލުވިމިނުގައި ހިންގުމަށް ބޭނުންވާ އިދާރީ ފަސޭހަތައް މަރުކަޒީ ގޮތެއްގައި ލިބެމުންދާނެގޮތް ހެދުން.

 
26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 97 ވަނަ މާއްދާގައި މާނަކޮށްފައިވާ "ހިންގުމުގެ އިސް މަގާމުގައި ތިބޭ މީހުން" މި އިބާރާތުގެ މާނަކުރުން އަންނަނިވި ގޮތަށް އިސްލާހުކުރުން 

"ހިންގުމުގެ އިސް މަގާމުގައި ތިބޭ މީހުން" ކަމަށް ބުނެފައިއެވަނީ، ވަޒީފާދޭ ފަރާތުގެ ހިންގުމުގެ ދާއިރާގައި އެންމެ އިސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، ހިންގުމުގެ އިސް މަގާމެއްގެ ގޮތުގައި ވަޒީފާދޭ ފަރާތުން ކަނޑައަޅާ ފަރާތްތަކަށެވެ. މިގޮތުން ހިންގުމުގެ އިސް މަގާމެއްގެ ގޮތުގައި ކަނޑައެޅުމުގެ ށަރުޠުތަކާއި މިންގަނޑުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
 

27 ވަނަ މާއްދާ - މި ގާނޫނުގެ ދަށުން ހަދައި ހިންގަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

28 ވަނަ މާއްދާ - މި ގާނޫނުގެ 13 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2021 އިން ފެށިގެންނެވެ. މި ގާނޫނުގެ ދެންހުރި މާއްދާތަކަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުުން ފެށިގެންނެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-102)

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ފަހުގެ ވަރށަން) (ކޮންސޮލިޑޭޓެޑް ނަންބަރު 2008-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު