-

ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނު (ގާނޫނު ނަންބަރު 2008-09) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2020-14)

 

ގާނޫނު ނަންބަރު 2008-09 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

ޕްރޮސިކިއުޓަރ ޖެނެރަލް މިނިވަންކަމާއެކު މަސްއޫލިއްޔަތު އަދާކުރުން 1-11.

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްއާ ގާނޫނުއަސާސީންނާއި ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އޭނާ އަދާކުރަންވާނީ، ތައައްސުބުން އެއްކިބާވެހުރެ، މިނިވަންކަމާއެކުގައެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލަކީ، އޭނާގެ މަގާމުގެ ވާޖިބުތައް އަދާކުރުމުގައާއި އޭނާގެ ބާރުތައް ބޭނުންކުރުމުގައި، އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހެއް ކަމުގައި ވެގެންނުވާނެއެވެ.

(ނ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ، އަދި ބާރުތައް ބޭނުންކުރަންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއް ނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއް ނެތި، ބަންޑާރަނައިބު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (11) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

12. (ހ)

(11) ޕްރޮސިކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ބުރޫއަރާފާނެފަދަ ނުވަތަ މަސްލަހަތު ފުށުއަރާފަދަ އެއްވެސް ކަމެއް ނުކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (12) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރުތައް އިތުރުކުރުން.

12. (ހ)

(13) ޕްރޮސިކިއުޓަރ ޖެނެރަލަށް ގާނޫނުން ލިބިދޭ ބާރާއި އިހްތިޔާރު ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުންނުކުރުން ނުވަތަ ގާނޫނާ ހިލާފު އަމަލެއް ކުރުމަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުން ނުކުރުން؛

(14) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ވަގުތެއްގައި ނުކުރުން؛

(15) ކަނޑައެޅިގެން ވަކި މީހަކަށް ގެއްލުން ދިނުމުގެ ނިޔަތުގައި ނުވަތަ އޭނާގެ އަބުރު ނަގާލުމުގެ ނިޔަތުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ކަމެއް ނުކުރުން؛

(16) އާންމު އުސޫލަކުން ކޮންމެ މީހަކަށްވެސް ލިބެންއޮތް ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް ފިޔަވައި އެނޫން ހަދިޔާއެއް، ނުވަތަ އެހީއެއް، ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް އެއްވެސް ފަރާތަކުން ނުހޯދުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

12. (ށ) ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަގާމުގެ ވާޖިބު އަދާކުރުމުގައި، މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ އެންމެމަތީ މިންގަނޑުގައި ހިފަހައްޓައި، އެހެން މީހުންނަށްވެސް އެ ހަމަތަކަށް ތަބާވާކަން އެނގޭ މިންވަރަށް، ހުރިހާ ހާލަތެއްގައިވެސް އެ ހަމަތަކަށް ތަބާވާންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

12. (ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ތަބާވުން އެ އަކުރުގެ ދަށުން ލާޒިމުކުރާ ފަދައިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންވެސް އެ ސުލޫކީ ހަމަތަކަށް ތަބާވާކަން، ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރުކުރަންވާނެއެވެ.

(ރ) ޕްރޮސިކިއުޓަރ ޖެނެރަލް ފަރުދީ ހައިސިއްޔަތުންނާއި މަގާމުގެ ހައިސިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މިނިވަންކަމާއި، އަބުރުވެރިކަމާއި، ހަމަހަމަކަމާއި އަހްލާގީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް 1-12

(ހ) ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަގާމުގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އެންމެހައި ގާނޫނުތަކަށް ތަބާވެ، އެ ގާނޫނުތަކަށް އިހްތިރާމްކުރުމާއި، އެ ގާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއް ކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު އަދާކުރުމުގައި ތަބާވަމުންދިއުން؛
  2. ގާނޫނުގެ ވެރިކަން ނަގަހައްޓައި، ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުން؛
  3. ޒާތީ އެއްވެސް ތައައްސުބަކާ ނުލައި، އަދި ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ނިންމުންތައް ނިންމުމާއި، އެކަން ކުރުމުގައި ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި އިންސާފުވެރިވުމާއި، ފަރުވާތެރިވުން؛
  4. ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައި އެހެން މީހުންނާ މުއާމަލާތް ކުރުމުގައާއި، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތަކާ މުއާމަލާތް ކުރުމުގައި، އިހްތިރާމާއެކު މުއާމަލާތްކުރުން؛
  5. ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ބާރާއި އިހްތިޔާރު، ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުންނުކުރުމާއި، ގާނޫނުގެ ދާއިރާގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ އިހްތިޔާރު ސައްހަގޮތުގައި ބޭނުންކުރުމާއި، އެ އިހްތިޔާރު ބޭނުންކުރުމުގައި އެހެން މީހުންގެ ހައްގުތަކަށާއި ވާޖިބުތަކަށާއި މަސްލަހަތުތަކަށް އިހްތިރާމްކުރުން؛
  6. މި ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ 16 ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، އެއްވެސް ފަރާތެއްގެ އެހީއާއި އިނާޔަތާއި މެހެމާންދާރީއާއި ހަދިޔާ، ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ނަމަވެސް ނުހޯދުން؛
  7. ތިމާއަށް ވަކި މީހަކު ނުވަތަ ވަކި ފަރާތަކުން ކޮށްދީފައިވާ ކަމެއްގެ މުގާބިލުގައި، އެހެން ކަމެއް ތިމާ ކޮށްދޭންޖެހުން ލާޒިމުވާ ހާލަތަށް ތިމާ ނުގެންދިއުން؛
  8. މަގާމުގައި ދެމިހުންނައިރު އަދި މަގާމުން ވަކިވުމަށްފަހުގައިވެސް، ތިމާގެ މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ މައުލޫމާތުތަކާއި، މައްސަލަތަކާ ގުޅިގެން ލިބިފައިވާ، ސިއްރު ހިފަހައްޓަންޖެހޭ މައުލޫމާތުތައް ސިއްރުގެ ގޮތުގައި ހިފެހެއްޓުން؛
  9. ގާނޫނުގައިވާ ގޮތުގެމަތިން، ސައްހަގޮތުގައި އެހެން ފަރާތަކަށް ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމާއި، އެ މައުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ރަސްމީ ވާޖިބު އަދާކުރުމުގައި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި، ނުރަނގަޅު ނުވަތަ ދޮގު މައުލޫމާތާއި ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ހާމަނުކުރުން؛
  10. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތަށް މީހުން އިހްތިޔާރުކުރުމުގައާއި މީހުން އައްޔަންކުރުމުގައި އެންމެ އަސާސީ ރުކުނަކީ މަސައްކަތަށް އެކަށޭނަ ގާބިލުކަމާއި ތައުލީމީ ފެންވަރު ހުރުން ކަމުގައި ބެލުމާއި، ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި މުވައްޒަފުންނާގުޅޭ އެހެނިހެން ކަންކަމުގައި ބަލަންޖެހޭ މައިގަނޑު މިންގަނޑަކީ ތައުލީމީގޮތުންނާއި އަހްލާގީގޮތުންނާއި މަސައްކަތުގެގޮތުން އެކަށޭނަ ބަޔަކަށްވުން ކަމުގައި ބެލުން؛
  11. ސިޔާސީ ބަހުސްތަކުގައި ބައިވެރިނުވުމާއި، ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ވަޒީފާ ބޭނުންނުކުރުމާއި، ސިޔާސީ ހަރަކާތްތަކަށް ތާއީދުކުރަނީކަން ނުވަތަ ދެކޮޅުހަދަނީކަން ދޭހަވާފަދަ ކަމެއް ނުކުރުމާއި، ސިޔާސީ ނުފޫޒަށް ތިމާ ލެނބޭކަން ދޭހަވާ ފަދަ އެއްވެސް ކަމެއް ނުކުރުން؛
  12. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކޮރަޕްށަންގެ އަމަލުތަކަށް ހުށަހެޅިދާނެ ހާލަތްތައް އަބަދުމެ ވަޒަންކުރަމުން ދިއުމާއި، ކޮރަޕްށަނަށް މަގުފަހިނުވާނެ ގޮތުގެމަތިން އެފަރާތްތަކުގެ އަމަލުތައް ހުންނާނެގޮތަށް، އެ މީހުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތުގެ އަހްލާގާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިދާރީ އުސޫލުތައް ބައްޓަންކުރަމުންދިއުން؛
  13. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކޮރަޕްށަންގެ އަމަލުތަކުން ދުރުކުރުމަށްޓަކައި ހިންގަންޖެހޭ އުސޫލުތައް ހިންގުމާއި، އެ މީހުންނަށް ތައުލީމާއި ތަމްރީނުދިނުމާއި، ނުހައްގު މުއްސަނދިކަމުން ސަލާމަތްވެ ތިބޭކަން ކަށަވަރުކުރުމުގެ ގޮތުން އެ މީހުންގެ މާލީ ހާލަތަށް ސަމާލުވެ ތިބުމާއި، ކޮރަޕްށަނުން ރައްކާތެރިވެގެންވާ ނަމޫނާއެއް މުވައްޒަފުންނަށް ދެއްކުން.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކަށް ކަމުގައިވީނަމަވެސް، ސުލޫކީ ހަމަތަކާ ހިލާފަށް ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް އަންގާނަމަ ނުވަތަ ބާރުއަޅާނަމަ ނުވަތަ މަޖުބޫރުކުރުވާނަމަ، ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުގެ މަސައްކަތް ނަޒާހަތްތެރިކަމާއެކު ކުރިއަށްގެންދިއުމަށް ހުރަސްއެޅޭފަދަ ނުރަނގަޅު ނުފޫޒެއް ފޯރުވާނަމަ، ލަސްނުކޮށް އެންޓި-ކޮރަޕްށަން ކޮމިށަނަށާއި، ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒިންމާތަކަކީ، ޕްރޮސިކިއުޓަރ ޖެނެރަލާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެވެސް ވަޒީފާގެ މައިގަނޑު އެއް އަސާސް ކަމުގައި ބެލެވޭނެއެވެ. އެއީ ވަޒީފާގެ އެއްބަސްވުމެއްގައި އެއިން ކަމެއް ހިމެނިފައިނުވި ނަމަވެސްމެއެވެ. އަދި، އެއިން ކަމަކާ ހިލާފުވުމަކީ، އެ މީހަކާމެދު ތައުދީބީ ފިޔަވަޅު އެޅުމުގެ ހާލަތެއް އުފަންވުން ކަމުގައި ބެލެވޭނެއެވެ.

 
އިތުރު ވަޒީފާ އަދާނުކުރުމާއި މަސްލަހަތު ފުށުއަރާ ވިޔަފާރި ނުކުރުން 2-12

(ހ) ޕްރޮސިކިއުޓަރ ޖެނެރަލް، އާމްދަނީއެއް ލިބޭ އިތުރު ވަޒީފާއެއް އަދާކޮށް، ނުވަތަ މަގާމެއް ފުރައިގެން ނުވާނެއެވެ. ނުވަތަ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލް، އޭނާއަށް އެއްވެސް ފައިދާއެއް ނުވަތަ މަންފާއެއް ލިބޭގޮތުން، ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމުގެ ގޮތުން، ނުވަތަ ހިލޭ ސާބަހަށް ކަމުގައިވިޔަސް އަމިއްލަ ފަރާތްތަކަށް ގާނޫނީ ހިދުމަތްދީގެން ނުވާނެއެވެ.

(ނ) ޕްރޮސިކިއުޓަރ ޖެނެރަލް، އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކޮށްގެންނުވާނެއެވެ. އަދި ވިޔަފާރީގެ އުސޫލުން އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ. އަދި ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެންނުވާނެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ސީދާގޮތުންވިޔަސް ނުވަތަ ނުސީދާގޮތުންވިޔަސް ޕްރޮސިކިއުޓަރ ޖެނެރަލްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެންނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ށެއަރހޯލްޑަރެއް ކަމުގައިނުވާ ގޮތުން، އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކުކުރުމަކީ، މި މާއްދާގެ ބޭނުމަށްޓަކައި ވިޔަފާރިކުރުން ކަމުގައެއް ނުބެލެވޭނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި "ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ށެއަރހޯލްޑަރެއް" ކަމަށް ބަޔާންކޮށްފައިއެވަނީ، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ހިއްސާގެ ރައުސުލްމާލުގެ %5 (ފަހެއް އިންސައްތަ) އަށްވުރެ ގިނަ އަދަދެއްގެ ހިއްސާގެ މައްޗަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބާރު ފޯރުވޭ މަގާމެއްގައި ހުރި ހިއްސާދާރަކަށެވެ.

(ބ) ޕްރޮސިކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން މެނުވީ، ދައުލަތުގެ އެހެން އެއްވެސް ކޮމިށަނެއްގައި، ނުވަތަ ކައުންސިލެއްގައި، ނުވަތަ މަޖިލީހެއްގައި، ނުވަތަ ކޮމިޓީއެއްގައި، ނުވަތަ ބޯޑެއްގައި، ނުވަތަ އެނޫންވެސް ތަނެއްގައި، އުޖޫރައަކަށްވިޔަސް ނުވަތަ އުޖޫރައަކާ ނުލައި ނަމަވެސް، ބައިވެރިވެގެންނުވާނެއެވެ.

(ޅ) ޕްރޮސިކިއުޓަރ ޖެނެރަލް ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް މަސައްކަތްކޮށްދީގެންނުވާނެއެވެ.

(ކ) ޕްރޮސިކިއުޓަރ ޖެނެރަލް އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ފުށުއަރާފާނެ ބާވަތުގެ މަދަނީ ޖަމާއަތެއްގެ މެންބަރަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ވެގެންނުވާނެއެވެ.

(އ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް، ބާޒާރުގައި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއްގެ އަގު އާންމުކޮށް ހުރި އަގަށްވުރެ ބޮޑުނޫން އަގަކަށް ވިއްކާލުމާއި، އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް ބާޒާރުގައި އާންމުކޮށް ކުއްޔަށްދީއުޅޭ އަގަށްވުރެ ބޮޑުނޫން އަގެއްގައި ކުއްޔަށްދީގެން އާމްދަނީ ހޯދުން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ވިޔަފާރިއާއި މަސައްކަތުގެ ތެރޭގައި ހިމެނިގެން ނުވެއެވެ.

(ވ) ޕްރޮސިކިއުޓަރ ޖެނެރަލްކަމުން ވަކިވުމަށްފަހު، ފުރަތަމަ ހިނގާ 12 (ބާރަ) މަސްދުވަހުގެ މުއްދަތު ފާއިތުވަންދެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން އޭނާ އަދާކުރި މަސްލަހަތާ ފުށުއަރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް، ޕްރޮސިކިއުޓަރ ޖެނެރަލް ކޮށްގެންނުވާނެއެވެ.

 
މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުން 3-12

(ހ) ޕްރޮސިކިއުޓަރ ޖެނެރަލް އަދާކުރަންޖެހޭ ރަސްމީ ވާޖިބާއި އޭނާގެ މަސްލަހަތާ ދެމެދު އެއްވެސް ފުށުއެރުމެއް އުފެދުމަކަށް ފުރުސަތުދީގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްލަހަތު ފުށުއެރުންކަމަށް ބުނެފައިއެވާ އުސޫލުގައި، އޭނާ އިނދެގެންއުޅޭ މީހާއާއި، އޭނާގެ ދަރިންނާއި، އޭނާ ސީދާ ބަލަހައްޓަމުން ގެންދާ އެހެން މީހުންގެ މަސްލަހަތު ފުށުއެރުމަކީވެސް، އެފަރާތުގެ މަސްލަހަތު ފުށުއެރުން ކަމުގައި ބެލެވޭނެއެވެ.

(ނ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބަލަމުންދާ މައްސަލައެއް ބެލުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްލަހަތު ފުށުއަރާފާނެ ފަދަ ހާލަތެއް ދިމާވެއްޖެނަމަ، ނުވަތަ ދިމާވެދާނެކަމަށް ގަބޫލުކުރެވޭނަމަ، އެކަން ބަޔާންކުރުމަށްފަހު، އެ މައްސަލައެއް ބެލުމުން ތަނާޒުލުވާންވާނެއެވެ. އަދި އެ މައްސަލައެއް ބެލުމުގައި އެއްވެސް ފަރާތަކަށް އެއްވެސް މިންވަރަކަށް ނުފޫޒު ފޯރުވައިގެންނުވާނެއެވެ. އަދި އެ މައްސަލައެއް ނިންމުމުގައި އޭގެ ފަހުން އެއްވެސް މިންވަރަކަށް ބައިވެރިވެގެންނުވާނެއެވެ.

(ރ) މި މާއްދާގެ (ހ)، (ށ)، އަދި (ނ) ގައި ބަޔާންވެގެންވާ އުސޫލުތައް، ކަމާގުޅޭ ނިސްބަތަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ މައްޗަށްވެސް ހިނގާނެއެވެ.

(ބ) މި މާއްދާގެ (ހ)، (ށ)، އަދި (ނ) ގައި ބަޔާންވެގެންވާ އުސޫލަކާ ޕްރޮސިކިއުޓަރ ޖެނެރަލް ހިލާފުވުމަކީ، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމުގައި ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.

(ޅ) މި މާއްދާގެ (ހ)، (ށ)، އަދި (ނ) ގައި ބަޔާންވެގެންވާ އުސޫލަކާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.

 

ސިޔާސަތުތައް އެކަށައެޅުން 4-12

މި ގާނޫނުގެ 12 ވަނަ މާއްދާއާއި 1-12 ވަނަ މާއްދާގައި ބަޔާންވެގެންވާ ހަމަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތަކާއި ތަމްރީނުތަކާއި ހަމަތަކާގުޅޭ ތަފްސީލުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލައި ތަންފީޒުކުރަންވާނެއެވެ. އަދި އެ ހަމަތަކަށް އަމަލުކުރުމުގައި ކުރުން ހުއްދަވެގެންވަނީ ކޮން ކަމެއްކަން ނުވަތަ މަނާވެގެންވަނީ ކޮން ކަމެއްކަން އެނގޭނެ މިންވަރަށް އެ ހަމަތައް ތަފްސީލުކޮށްދޭންވާނެއެވެ.

 

ސުލޫކީ ހަމަތަކާ ހިލާފުވުން 5-12

(ހ) މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ޕްރޮސިކިއުޓަރ ޖެނެރަލް ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއް އުފަންވީ ކަމުގައި ބެލެވޭނެއެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލް ސުލޫކީ ހަމަތަކާ ހިލާފަށް ކުރި ކަމަކުން، އޭނާގެ މައްޗަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅިކަމުގައިވީނަމަވެސް، އެކަމަކީ، އެ ސުލޫކީ ހަމަތަކާ ހިލާފަށް ކުރި ކަންތަކުގައި ޖިނާއީ ކުށެއްގެ އަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.

 
މާލީ ހިސާބު ހުށަހެޅުން 6-12

(ހ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން އެހެންގޮތަކަށް އަމަލުކުރަމުން އައިކަމުގައިވީނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލް މާލީ ހިސާބު ހުށަހެޅުމުގައި އަމަލުކުރާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް އައްޔަންކުރެވޭ މީހާ، އޭނާގެ މަގާމާ ހަވާލުވިއިރު، އޭނާއަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އެ މަގާމާ އޭނާ ހަވާލުވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލީ ހިސާބު ހުށަހެޅުމުގެ އިތުރަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން ކޮންމެ އަހަރެއްގެ މާލީ ހިސާބު އެ އަހަރެއް ނިމޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަމުން ގެންދަންވާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި އަހަރު ކަމަށް މާނަކޮށްފައިއެވަނީ، އެ މީހަކު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވާ ތާރީހަށެވެ.

(ރ) ޕްރޮސިކިއުޓަރ ޖެނެރަލް މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިއުފާ ދިނުމަށްފަހު ހިނގާ ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޭނާ މަގާމުން ވަކިވިއިރު އޭނާއަށް ލިބިފައިވާ އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ށ)، (ނ)، އަދި (ރ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މާލީ ހިސާބު ހުށަހަޅާއިރު، އޭނާ އިނދެގެންއުޅޭ މީހާއާއި، 18 (އަށާރަ) އަހަރު ނުފުރޭ ދަރިންގެ މާލީ ހިސާބުވެސް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގެ ދަށުން ހުށަހެޅުން ލާޒިމުކުރާ މާލީ ހިސާބުތައް ތައްޔާރުކުރާނީ، އޮޑިޓަރ ޖެނެރަލް ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ނަމޫނާއާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ކ) މި މާއްދާގެ ދަށުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅާ ބަޔާނުގައި މައްސަލައެއްވާ ކަމަށް އޮޑިޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެ މައްސަލައެއް އޮޑިޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

ސުލޫކީ ހަމަތަކާ މުވައްޒަފުން ހިލާފުވުން 7-12

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކު މި ގާނޫނުގެ 1-12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމައަކާ ހިލާފުވެއްޖެނަމަ، އެ ހިލާފުވި މިންވަރެއްގެ ކުޑަބޮޑު މިނަށް ބަލައި، އެ މުވައްޒަފަކާމެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ސުލޫކާ ހިލާފުވެގެން އެ މުވައްޒަފުންނާމެދު އެޅޭނެ ފިޔަވަޅުތައް، މި ގާނޫނުގެ ދަށުން ހަދާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރިކަމަކީ، އޭގައި ޖިނާއީ ކުށެއްގެ އަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ   (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަކީ، އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.

 

7 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނު (ގާނޫނު ނަންބަރު 2008-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު