-

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސާ ގާނޫނު 2020

(ގާނޫނު ނަންބަރު 2020-03)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

މިއީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔެއް ކަމުގައިވާ  ކޮވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށްފައިވާތީއާއި، އެގޮތު ން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ބަލި މުޖުތަމައުގެ ތެރޭގައި ފެތުރުނަނުދިނުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީ، ދިވެހިރާއްޖޭގައި ބޭއްވުމަށް އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ،އެ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް
ގާއިމުކުރެވެންދެން ފަސްކުރުމަށާއި، އެ އިންތިހާބާގުޅޭ އެނޫންވެސް ހާއްސަ އުސޫލުތަކެއް އެކަށައެޅުމުގެ ގާނޫނެވެ.

(ށ)  މި ގާނޫނަށް ކިޔާނީ، "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 "އެވެ.

 

2 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ފަސްކުރުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އިލެކްށަންސް ކޮމިށަނުން އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2020 ،މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު
ފަސްކުރެވުނީއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2020 ،މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 ( އެކެއް) އަހަރުދުވަހުގެ ތެރޭގައި ބާއްވައި ނިންމަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ފަސްކުރެވުމާއެކު، އެ އިންތިހާބުގެ ބޭނުމަށްޓަކައި، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކު ގެ އިންތިހާބުގެ ގާނޫނު( އާއި، ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނުމުގައި ބަލާނީ، އެ އިންތިހާބު ބޭއްވުމަށް، މި މާއްދާގެ (ށ) ގެ ދަށުން އަލުން ކަނޑައަޅާ ތާރީހަށެވެ.

 

3 ވަަނަ މާއްދާ - ކެންޑިޑޭޓުންގެ ލިސްޓަށް ބަދަލުނައުން

(ހ) މި ގާނޫނުގެ 2 ވަނަ މާއްދާގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ، އެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމަށް، 6 މާރިޗު 2020 ގައި އިލެކްށަންސް ކޮމިށަނުން ކަނޑައަޅައި، އާންމުކޮށްފައިވާ ކެންޑިޑޭޓުންނެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކެންޑިޑޭޓަކު އަނބުރާ ނަން ނަގަން ބޭނުންވެއްޖެނަމަ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ވަގުތެއްގެ ތެރޭގައި އަނބުރާ ނަން ނެގުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

4 ވަނަ މާއްދާ - އިންތިހާބުވެފައިވާ ކެންޑިޑޭޓުން އެއީ އިންތިހާބުވެފައިވާ ބައެއް ކަމުގައި ބެލުން 

(ހ)  މި ގާނޫނުގެ 2 ވަނަ މާއްދާގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިހާބަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، ވަކި ދާއިރާއަކަށް އިންތިހާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން އެ ދާއިރާއަށް ކުރިމަތިލާފައިނުވާތީ، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 24 ވަނަ މާއްދާގެ ދަށުން އިންތިހާބުވެފައިވާ ކަމަށް 4 މާރިޗު 2020 ގައި އިލެކްށަންސް ކޮމިށަނުން އިއުލާނުކޮށްފައިވާ ފަރާތްތައް އެއީ އިންތިހާބުވެފައިވާ ފަރާތްތަކެއް ކަމުގައި ބަލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  އެހެން އޮތްނަމަވެސް، އެ މާއްދާގައި ބަޔާންކުރާ މެންބަރުން މަގާމާ ހަވާލުވާނީ، މި ގާނޫނުގެ 2 ވަނަ މާއްދާގެ (ށ)  ގެ ދަށުން ކަނޑައަޅާ ތާރީހުގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށްފަހު، އިންތިހާބުވާ މެންބަރުން، އެ މެންބަރުންގެ މަގާމާ ހަވާލުވާ ތާރީހުގައެވެ.

 

5 ވަނަ މާއްދާ - ގާނޫނުން ލާޒިމުކުރާ އިޖުރާއަތު ފުރިހަމަވެފައި ކަމަށް ބެލުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 އާ ގުޅޭގޮތުން ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާން މު ގާނޫނު) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރިއަށްގެންގޮސްފައިވާ އެންމެހައި އިޖުރާއަތުތައް އެއީ، މި ގާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ތާރީހުގައި ބާއްވާ އިންތިހާބުގެ ބޭނުމަށްޓަކައި ސައްހަ އިޖުރާއަތުތަކެއް ކަމުގައި ބެލޭނެއެވެ. އަދި އެއިން އެއްވެސް އިޖުރާއަތަކީ، އެ އިންތިހާބު ފަސްކުރެވުމުގެ ސަބަބުން އަލުން ފުރިހަމަކުރަންޖެހޭނެ އިޖުރާއަތުތަކެއް ނޫނެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މި ގާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ފަސްކުރުމާ ގުޅިގެން، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއާއި، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުން، އެ މީހުންގެ ދާއިމީ އެޑްރެސް ބަޔާންކޮށްފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓުލުމަށް ރަޖިސްޓަރީކުރުމާއި، ވޯޓު ފޮށީގެ އަދަދާއި ވޯޓު ފޮށްޓަށް ވޯޓުލާ މީހުންގެ އަދަދާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމަކަށް، އެ މާއްދާ ހުރަހެއް ނާޅައެވެ.

 

6 ވަނަ މާއްދާ - ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންށަން ބާތިލުވުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމުގައި 6 މާރިޗު 2020 ގައި އިލެކްށަންސް ކޮމިށަނުން އިއުލާނުކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސަރވިސްގެ މުވައްޒަފުން، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުން އެ ތާރީހުން ފެށިގެން ސި ވިލް ސަރވިސްގެ ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާތިލުވީއެވެ.

(ށ)  މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސަސްޕެންށަން ބާތިލުވުމާއެކު، އެ މާއްދާގައި ބަޔާންކުރާ ސިވިލް ސަރވިސްގެ މުވައްޒަފުން، އެމީހުން ކުރިން ތިބި މަގާމަށް އަނބުރާ ރުޖޫއަވީއެވެ.

(ނ) މި މާއްދާގެ ދަށުން ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންށަން ބާތިލުކޮށް، އެމީހުން ތިބި ވަޒީފާއަށް އަލުން ރުޖޫއަކުރެވެނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ދިގު މުއްދަތަކަށް ފަސްކުރުމާ ގުޅިގެން ކަމުގައިވާތީ، މި ގާނޫނަށް އަމަލުކުރަ ން ފެށުމާއެކު އެމީހުން ސިވިލް ސަރވިސްގެ ވަޒީފާއަށް ރުޖޫއަވާ ހިސާބުން ފެށިގެން މި މާއްދާގެ (ރ) ގެ ދަށުން އެމީހުން އަލުން ސަސްޕެންޑްކުރެވެންދެން، އިންތިހާބާ ގުޅޭގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ހަރަކާތެއް އެމީހުން ކުރިއަށްގެންގޮސްގެންނުވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ސަސްޕެންށަން ބާތިލުކުރެވޭ ސިވިލް ސަރވިސްގެ މުވައްޒަފުން، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުން ދެން ސަސްޕެންޑްކުރެވޭނީ، މި ގާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ތާރީހު ގައި ބާއްވާ އިންތިހާބުގެ ކަންކަން، މި ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން އަލުން ފެށުމަށް އިއުލާނުކުރާ ތާރީހުން ފެށިގެންނެވެ.

 

7 ވަނަ މާއްދާއާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައުމުން މެނުވީ އިންތިހާބުގެ ކަންކަން ކުރިއަށްނުގެންދިޔުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، މި ގާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ތާރީހުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށްޓަކައި އިލެކްށަންސް ކޮމިށަނުން ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިށަނުން ދެން ފަށާނީ، 12 މާރިޗު 2020 ގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ކޮވިޑް-19 އާ ގުޅޭގޮތުން އިއުލާނުކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ހާލަތެއް ނިމުމަކަށް ގެނައުމަށްފަހު، އިންތިހާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމުގައި ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައެޅުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، އިންތިހާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުން އެންމެ ރަނގަޅު ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައަޅާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އިންތިހާބާގުޅޭ މަސައްކަތްތައް ރަސްމީކޮށް ފަށާނެ ތާރީހަކާއި، އިންތިހާބު އަލުން ބާއްވާނެ ތާރީހެއް އިލެކްށަންސް ކޮމިށަނުން އިއުލާނުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ -  ގާނޫނަށް އަމަލުކުރަން ފެށުން  

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

9 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުމުގެ މުއްދަތު

މި ގާނޫނަށް އަމަލުކުރާނީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، މި ގާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާއްވަންޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، އެ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވަންދެނެވެ.

 

10 ވަނަ މާއްދާ - މާނަކުރުން 

މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގާނޫނުގައި ބޭނުންކޮށްފައިވާ އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިއެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

''ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 "ކަމަށް ބުނެފައި އެވަނީ، 4 އެޕްރީލް 2020 ގައި ބޭއްވުމަށް، 4 ފެބުރުވަރީ 2020 ގައި އިލެކްށަންސް ކޮމިށަނުން އިއުލާނުކޮށް، 12 މާރިޗު 2020 ގައި 18 އެޕްރީލް 2020 އަށް ފަސްކުރުމަށްފަހު، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އެ ތާރީހުގައި އެ އިންތިހާ ބު ބޭއްވެން ނެތްކަމަށް 13 އެޕްރީލް 2020 ގައި އެ ކޮމިށަނުން ކަނޑައަޅާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށެވެ.

"އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2020 "ކަމަށް ބުނެފައި އެވަނީ، 4 އެޕްރީލް 2020 ގައި ބޭއްވުމަށް، 4 ފެބުރުވަރީ 2020 ގައި އިލެކްށަންސް ކޮމިށަނުން އިއުލާނުކޮށް، 12 މާރިޗު 2020 ގައި 18 އެޕްރީލް 2020 އަށް ފަސްކުރުމަށްފަހު، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އެ ތާރީހުގައި އެ އިންތިހާބު ބޭއްވެން ނެތްކަމަށް 13 އެޕްރީލް 2020 ގައި އެ ކޮމިށަނުން ކަނޑައަޅާފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށެވެ.

"އިލެކްށަންސް ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-08 (އިލެކްށަންސް ކޮމިށަންގެ ގާނޫނު) ގައި ބަޔާންކުރާ އިލެކްށަންސް ކޮމިށަނަށެވެ.

"ކޮވިޑް-19 "ކަމަށް ބުނެފައި އެވަނީ، ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (2-CoV-SARS) އިން ޖެހޭ ބަލި ކަމުގައިވާ ކޮރޯނާވައިރަސް ޑިޒީޒް (19-COVID (އަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު

  1. ކޮވިޑް-19 ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިޔަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު (އުސޫލު 4 ފެބްރުއަރީ 2021)
  2. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމުގެ އުސޫލު (އުސޫލު - 23 ޖޫން 2020)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު