-

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2019-24)

 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން. 

6. (ނ)

މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، އިދާރީ ދާއިރާއެއް އެކުލެވިގެންވަނީ، މީހުން ދިރިއުޅޭ އެންމެ ރަށެއްގެ މައްޗަށް ކަމަށްވެފައި، އެ ރަށަކީ މި ގާނޫނުގެ  37 ވަނަ މާއްދާގެ ދަށުން ސިޓީއެއްގެ ދަރަޖަ ލިބި، ސިޓީ ކައުންސިލެއް ގާއިމުވެފައިވާ ރަށެއް ކަމުގައިވާނަމަ، އެ އިދާރީ ދާއިރާއެއް ހިންގާނީ، އެ ރަށެއްގައި ގާއިމުވެފައިވާ ސިޓީ ކައުންސިލުންނެވެ. އެ ހާލަތުގައި އެ ސިޓީ ކައުންސިލަކީ، އެ ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާ ހިންގުމުގެ އެންމެ އިސް ފަރާތެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ޒ) ގެ ފަހަތަށް އަންނަނިވި ގޮތަށް ފަސް އަކުރު އިތުރުކުރުން.

8.(ޓ) ގައުމީ ތަރައްގީގެ އޮނިގަނޑު އެކުލަވާލުމުގައި ސަރުކާރުގެ ވުޒާރާތަކަށް ދޭންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

(ޔ) ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށް، ބެލެހެއްޓުމަށާއި އިގްތިސާދީ ބޭނުންތަކަށް ބޭނުންކުރުމަށްޓަކައި އެ އިދާރީ ދާއިރާގައި ހިމެނޭ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ހަވާލުކުރުން.

(ޕ) ކައުންސިލްގެ މަގްސަދުތައް ހާސިލުކުރުމަށް ނިންމާ ނިންމުންތަކާއި ހިންގާ ހަރަކާތްތައް ހިނގާނުހިނގާ ގޮތް ބަލައި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން.

(ޖ) ކައުންސިލް ހިންގުމަށް ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތަކާއި ގަވާއިދުތައް ފާސްކުރުން.

(ޗ) ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާއަތްތަކާއި ކައުންސިލާ ދެމެދު ގުޅުން ގާއިމުކުރުން. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން. 

8-1. އަތޮޅު ކައުންސިލްގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތައް

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި، ފަޅުތަކުގެ ތެރެއިން، ރަށު ކައުންސިލާއި ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ އެންމެހައި ފަޅުރަށްތަކާއި ފަޅުތަކުގެ މިލްކުވެރި ފަރާތަކީ ދައުލަތެވެ.

(ށ) އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި، ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުންކުރަންވާނީ ނުވަތަ ތަރައްގީކުރަންވާނީ ނުވަތަ އެހެން ފަރާތަކަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރަންވާނީ އަތޮޅު ކައުންސިލާ މަށްވަރާކުރުމަށްފަހުގައެވެ.

(ނ) އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތަކުގެ ތެރެއިން، ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށް، ބެލެހެއްޓުމަށާއި އިގްތިސާދީ ބޭނުންތަކަށް ބޭނުންކުރުމަށްޓަކައި އެ އިދާރީ ދާއިރާގައި ހިމެނޭ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ހަވާލުކުރުމަށްޓަކައި އަތޮޅު ކައުންސިލާ ހަވާލުކުރެވޭ ފަޅުރަށްތަކާއި ފަޅުތައް އެ އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ހަވާލުކުރަންވާނީ ސަރުކާރުން އެކަމަށް ކަނޑައަޅާ ވުޒާރާގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހުގައެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ކައުންސިލުން އެދޭ ތާރީހުން ފެށިގެން ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ލިޔުމުން ޖަވާބުދޭންވާނެއެވެ. އަދި ސަރުކާރުން ނުވަތަ އަތޮޅު ކައުންސިލުން އެދޭ ހުއްދަ ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުދޭން ނިންމާނަމަ، އެކަމުގެ ސަބަބުތައް އެ ލިޔުމުގައި ބަޔާންކުރަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ވަކި ޖަވާބެއް ނުލިބޭނަމަ އެދިފައިވާ ހުއްދައެއް ލިބުނީ ކަމުގައި ބެލެވޭނެއެވެ.

(ބ) އަތޮޅު ކައުންސިލްގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި، ފަޅުތަކާ ގުޅޭގޮތުން އަތޮޅު ކައުންސިލްއާއި، ސަރުކާރުން މި މާއްދާގެ ދަށުން ނިންމާ ނިންމުންތައް ވާންވާނީ، އަތޮޅުގެ ރައްޔިތުންގެ ލާބަޔަށް އިސްކަންދީގެން ނިންމާ ނިންމުންތަކެއް ކަމުގައެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

11. އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތް 

އަތޮޅު ކައުންސިލް އެކުލެވިގެންވަނީ އަންނަނިވި ގޮތުގެމަތިންނެވެ.

(ހ) އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދީމިގްރާތީ އުސޫލުތަކުގެ މަތިން ސިއްރު ވޯޓަކުން ނަގާ އަތޮޅު ކައުންސިލްގެ ރައީސް؛

(ށ) އެ އިދާރީ ދާއިރާއެއްގައި ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް އަދި؛

(ނ) އެ އިދާރީ ދާއިރާއެއްގައި ސިޓީއެއް ހިމެނޭނަމަ އެ ސިޓީއެއްގެ މޭޔަރުގެ މައްޗަށެވެ.

  

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

12. އަތޮޅު ކައުންސިލްގެ އުމުރު

(ހ) އަތޮޅު ކައުންސިލްގެ އުމުރަކީ ކައުންސިލް އިންތިހާބުވި ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހެވެ. ކައުންސިލްގެ އުމުރު ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިން އައު ކައުންސިލެއް އިންތިހާބުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އަދި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

15. ކައުންސިލްގެ މެންބަރުކަމުގެ މަގާމު ހުސްވުން

(ހ) ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ އެކަން 14 (ސާދަ) ދުވަހުގެ ތެރޭގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އަންގަންވާނެއެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އަންގާ ތާރީހުން ފެށިގެން ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބު ކުރަންވާނެއެވެ. ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، ބައި އިލެކްށަނަކުން އިންތިހާބުކުރެވިފައިވާ މެންބަރަކަށް މެންބަރުކަމުގައި ހުރެވޭނީ ކައުންސިލްގެ ހިނގަމުންދާ ދައުރު ހަމަވަންދެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބުކުރަންވާނެ ކަމުގައި ބަޔާންކޮށްފައިވީނަމަވެސް ކައުންސިލްގެ މެންބަރުގެ މަގާމު ހުސްވިއިރު ކައުންސިލްގެ އުމުރުގެ 1 (އެކެއް) އަހަރުދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ބާކީ އޮތްނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބުކޮށްގެނެއްނުވާނެއެވެ.

  

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

16. އަތޮޅު ކައުންސިލްގެ ރިޔާސަތު

(ހ) އަތޮޅު ކައުންސިލްގެ ރިޔާސަތު ބަލަހައްޓާނީ އަތޮޅު ކައުންސިލްގެ ރައީސެވެ. ރައީސް ނެތް ހާލަތުގައި ރިޔާސަތު ބަލަހައްޓާނީ މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އިންތިހާބުކުރާ އަތޮޅު ކައުންސިލްގެ ނައިބުރައީސެވެ.

(ށ) އަތޮޅު ކައުންސިލްގެ ނައިބުރައީސް އިންތިހާބުކުރާނީ އަތޮޅު ކައުންސިލްގެ ރައީސް ފިޔަވައި ދެން ތިބި މެންބަރުންގެ ތެރެއިން، އެ ކައުންސިލްގެ މެންބަރުގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާ އިސްލާހުކުރުން.

17. އަތޮޅު ކައުންސިލްގެ ރައީސްގެ ވާޖިބުތައް

އަތޮޅު ކައުންސިލްގެ ރައީސްގެ ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުން؛

(ށ) ކައުންސިލްގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން؛

(ނ) ކައުންސިލްގެ މަގްސަދުތައް ހާސިލުކުރުމަށް ކައުންސިލުން އެކަށައަޅާ ތަރައްގީގެ ޕްލޭނާއި ފައިނޭންށަލް ޕްލޭންގެ މަގްސަދުތައް ހާސިލުކުރެވޭނެ ގޮތަށް އިދާރާގެ މަސައްކަތްތައް ބައްޓަންކުރުން؛

(ރ) ކައުންސިލްގެ މަށްވަރާގެ މަތިން އިދާރާގެ އޮނިގަނޑު އެކުލަވާލައި، ޑިވިޜަންތަކާއި ސެކްށަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ކަނޑައަޅައި ތަންފީޒުކުރުން؛

(ބ) ކައުންސިލްގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން؛

(ޅ) ކައުންސިލްގެ ހަރަކާތްތައް ހިނގަމުންދަނީ ކައުންސިލްގެ މަގްސަދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛

(ކ) ކައުންސިލުން އެކުލަވާލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އާންމުކުރަންޖެހޭ ނިންމުންތައް އާންމުކުރެވޭކަން ކަށަވަރުކުރުން؛

(އ) ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން؛

(ވ) ކައުންސިލް ހިނގަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛

(މ) ކައުންސިލްގެ މާލީ ޒިންމާތަކާއި ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަދާކުރަމުންދާކަން ކަށަވަރުކުރުން؛

(ފ) ކައުންސިލްގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން؛ އަދި

(ދ) ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާ އިސްލާހުކުރުން.

19. އަތޮޅު ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތު

 އަތޮޅު ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކައުންސިލްގެ މެންބަރު ނިސްބަތްވާ ރަށާއި އަތޮޅުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލްގެ ސަމާލުކަމަށް ގެނައުމާއި، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން؛

(ށ) ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވުން؛

(ނ) ކައުންސިލްގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި މަސައްކަތްކުރުން؛

(ރ) ކައުންސިލުން އެކުލަވާލަންޖެހޭ ޕްލޭންތަކާއި އަހަރީ މަސައްކަތު ތާވަލާއި އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު އެކުލަވާލުމުގައި އަމަލީގޮތުން ބައިވެރިވުން؛ އަދި

(ބ) ކައުންސިލްގެ މަސްއޫލިއްޔަތުތަކާ ގުޅިގެން އަތޮޅު ކައުންސިލްގެ ރައީސް ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 

10  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

22. (ށ) ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލައި، ރަށުގެ ތަރައްގީގެ ޕްލޭން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފޮނުވައި، އަތޮޅު ކައުންސިލާ ހިއްސާކުރުން އަދި ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފޮނުވުން.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

22. (ބ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަށްވަރާއާއެކު، މި ގާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި، އެއާގުޅޭ ގަވާއިދު ހަދައި ހިންގުން.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

22. (ވ) ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ބިމާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކައުންސިލާ ހަވާލުކުރާ އެނޫންވެސް ބިން، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި ކަމާބެހޭ އެނޫންވެސް ގާނޫނުތަކާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ބޭނުންކުރުމާއި ކުއްޔަށް ދޫކުރުމާއި ދިނުން.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ޓ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

22. (ޓ) ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ފަރާއި، ފަޅުފަދަ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އެތަންތަން ބެލެހެއްޓުން.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ޕ) އަންނަނިވި ގޮތަށް އިސްލާހުކުރުން

22. (ޕ) ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުގައި ނުވަތަ ކައުންސިލަށް އިހްތިސާސް ލިބިފައިނުވި ނަމަވެސް ކައުންސިލުން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ސަރަހައްދެއްގައި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފު އަމަލެއް ކޮށްފި ކަމަށް ތުހުމަތުކުރެވޭނަމަ، ކަމާބެހޭ އިދާރާއަށް އެކަމެއް ރިޕޯޓުކުރުން.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ޗ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

22. (ހހ) ގައުމީ ތަރައްގީގެ އޮނިގަނޑު އެކުލަވާލުމުގައި ސަރުކާރުގެ ވުޒާރާތަކަށް ދޭންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

(ހށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފާސްކުރާ ލޭންޑް ޔޫސް ޕްލޭނާއި ކައުންސިލްތަކުން އެކުލަވާލާ އެ ރަށެއްގެ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން އެ ރަށެއްގެ ބިން ބޭނުންކުރުން.

(ހނ) ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، އަގުގެ ގޮތުން 5 (ފަހެއް) މިލިއަން ރުފިޔާއަށްވުރެ ދަށުގެ ޕީ.އެސް.އައި.ޕީ މަށްރޫއުތައް ނުވަތަ ގައުމީ އިދާރާތަކުން   މި ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ކަނޑައަޅާ ޕީ.އެސް.އައި.ޕީ މަށްރޫއުތައް ހިންގުމާއި، ސަރުކާރުން ހިންގާ ތަރައްގީގެ މަށްރޫއުތައް ބަލަހައްޓައި، އެ މަށްރޫއުތައް ހިނގަމުންދާގޮތް ސަރުކާރުން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ސަރުކާރަށް އަންގަމުން ގެންދިއުން.

(ހރ) ރަށު ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކި ފަރާތްތަކާއެކު އެގްރީމަންޓްކޮށް ވިޔަފާރީގެ މުއާމަލާތްކުރުން.

(ހބ) ރަށުގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެ ބިދޭސީންގެ ދަފްތަރު އެކުލަވާލައި ބަލަހައްޓައި، އަޅަންޖެހޭ ފިޔަވަޅުތައް ގައުމީ އިދާރާއާ ގުޅިގެން އަޅައި، އަހަރަކު އެއްފަހަރު ކަމާގުޅޭ އިދާރާއަށް ރިޕޯޓު ފޮނުވުން.

(ހޅ) ރަށުގައި ރަށްވެހިވެފައިވާ މީހުންގެ ތެރެއިން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ހާލަތު އެނގޭނެ ދަފްތަރެއް އެކުލަވާލައި، ކޮންމެ 4 މަހުން 1 މަހު އެފަރާތްތަކަށް ޒިޔާރަތްކޮށް ހާލަތު ބަލައި، ކަމާބެހޭ ގައުމީ އިދާރާތަކަށް ރިޕޯޓުކުރުން.

(ހކ) ކައުންސިލް ހިންގުމަށް ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތަކާއި ގަވާއިދުތައް ފާސްކުރުން.

(ހއ) ކައުންސިލްގެ މަގްސަދުތައް ހާސިލުކުރުމަށް ނިންމާ ނިންމުންތަކާއި ހިންގާ ހަރަކާތްތައް ހިނގާނުހިނގާ ގޮތް ބަލައި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން.

(ހވ) ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާއަތްތަކާއި ކައުންސިލާ ދެމެދު ގުޅުން ގާއިމުކުރުން.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާ އެއީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ އަކުރު އަދި އެ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

23. ރަށު ކައުންސިލުން ދޭ ރަށްވެހިކަމުގެ ހިދުމަތްތައް

(ހ) މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ކައުންސިލެއް ނިސްބަތްވާ ރަށެއްގެ ރައްޔިތުންނަށް ތިރީގައި ބަޔާންކޮށްފައިވާ ރަށްވެހިކަމުގެ ހިދުމަތްތައް ރަށު ކައުންސިލުން ދޭންވާނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

23. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހިދުމަތްތައް ކައުންސިލުން ފޯރުކޮށްދޭންވާނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ކަމާބެހޭ ސަރުކާރުގެ އިދާރާއިން ކަނޑައަޅާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުން އަމަލުކުރަންވާނީ، މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ދާއިރާގެ ތެރޭގައެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ހށ) ގެ ނިޔަލަށް ހުރި އަކުރުތައް އެއީ، އެ މާއްދާގެ  (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (26) ވަނަ ނަންބަރު ކަމުގައި ހަމަޖެއްސުން.

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

23.(ބ) މި ގާނޫނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އާންމު ހިދުމަތްތައް ފޯރުކޮށްދިނުން؛

 

20  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ޓ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

23. (ޓ) ގުދުރަތީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ އަރައްކާތަކާއި ކާރިސާތަކުގައި ކަމާބެހޭ އިދާރާތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި ތައްޔާރުވެތިބުމުގެ އުސޫލުތައް ތަންފީޒުކުރުމުގައި ކަމާބެހޭ އިދާރާތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ހހ) އަންނަނިވި ގޮތަށް އިސްލާހުކުރުން

23. (ހހ) އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެ ރަށެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންގެ ދަފްތަރު ލިޔެ ބެލެހެއްޓުމާއެކު ގައުމީ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެމަތިން އެ މައުލޫމާތު އެ އިދާރާއަކަށް ފޮނުވުން.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

24. ރަށު ކައުންސިލް އެކުލެވިގެންވާގޮތް

(ހ) ގާނޫނުއަސާސީގައިވާ އިދާރީ ދާއިރާތަކުގެ ރަށްރަށުގެ ރަށު ކައުންސިލް އެކުލެވިގެންވަނީ އެ ރަށަކުން އިންތިހާބުކުރެވޭ މެންބަރުންގެ މައްޗަށެވެ. 3000 (ތިންހާސް) މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ 5 (ފަހެއް) މެންބަރުންނެވެ. 3000 (ތިންހާސް) އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ 7 (ހަތެއް) މެންބަރުންނެވެ.

(ށ) މި ގާނޫނުގެ 5-56 ވަނަ މާއްދާގެ މަގްސަދު ހާސިލުކުރުމަށްޓަކައި 5 (ފަހެއް) ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި 2 (ދޭއް) އަންހެން ކައުންސިލަރުން ހިމެނެންޖެހޭނެއެވެ. އަދި 7 (ހަތެއް) ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި 3 (ތިނެއް) އަންހެން ކައުންސިލަރުން ހިމެނެންޖެހޭނެއެވެ.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

26. ރަށު ކައުންސިލްގެ ރައީސާއި ނައިބުރައީސް

(ހ)މރަށު ކައުންސިލްގެ ރައީސް އިންތިހާބުކުރާނީ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދީމިގްރާތީ އުސޫލުތަކުގެ މަތިން ނަގާ ސިއްރު ވޯޓަކުންނެވެ.

(ށ) ރަށު ކައުންސިލްގެ ނައިބުރައީސް އިންތިހާބުކުރާނީ ކައުންސިލްގެ މެންބަރުންގެ ތެރެއިން އެ ކައުންސިލްގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

27. ރަށު ކައުންސިލްގެ އުމުރު

 (ހ) ރަށު ކައުންސިލްގެ އުމުރަކީ އެ ކައުންސިލް އިންތިހާބުވާ ތާރީހުން ފެށިގެން މީލާދީ 5 (ފަހެއް) އަހަރު ދުވަހެވެ. ރަށު ކައުންސިލްގެ އުމުރު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން އައު ކައުންސިލެއް އިންތިހާބުކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) އަދި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

29. ކައުންސިލްގެ މެންބަރުކަމުގެ މަގާމު ހުސްވުން

(ހ) ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ އެކަން 14 (ސާދަ) ދުވަހުގެ ތެރޭގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އަންގަންވާނެއެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އަންގާ ތާރީހުން ފެށިގެން ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބުކުރަންވާނެއެވެ. ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، ބައި އިލެކްށަނަކުން އިންތިހާބުކުރެވިފައިވާ މެންބަރަކަށް މެންބަރުކަމުގައި ހުރެވޭނީ ކައުންސިލްގެ ހިނގަމުންދާ ދައުރު ހަމަވަންދެންނެވެ.

 (ށ) މި މާއްދާގެ (ހ) ގައި ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބުކުރަންވާނެ ކަމުގައި ބަޔާންކޮށްފައިވީނަމަވެސް ކައުންސިލްގެ މެންބަރަކު ވަކިވިއިރު ކައުންސިލްގެ އުމުރުގެ 1 (އެކެއް) އަހަރުދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ބާކީ އޮތްނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބުކޮށްގެނެއްނުވާނެއެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

30. ރަށު ކައުންސިލްގެ ރައީސްގެ ވާޖިބުތައް

ރަށު ކައުންސިލްގެ ރައީސްގެ ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުން؛

(ށ) ކައުންސިލްގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން؛

(ނ) ކައުންސިލްގެ މަގްސަދުތައް ހާސިލުކުރުމަށް ކައުންސިލުން އެކަށައަޅާ ތަރައްގީގެ ޕްލޭނާއި ފައިނޭންށަލް ޕްލޭންގެ މަގްސަދުތައް ހާސިލުކުރެވޭނެ ގޮތަށް އިދާރާގެ މަސައްކަތްތައް ބައްޓަންކުރުން؛

(ރ) ކައުންސިލްގެ މަށްވަރާގެ މަތިން އިދާރާގެ އޮނިގަނޑު އެކުލަވާލައި، ޑިވިޜަންތަކާއި ސެކްށަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ކަނޑައަޅައި ތަންފީޒުކުރުން؛

(ބ) ކައުންސިލްގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން؛

(ޅ) ކައުންސިލްގެ ހަރަކާތްތައް ހިނގަމުންދަނީ ކައުންސިލްގެ މަގްސަދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛

(ކ) ކައުންސިލުން އެކުލަވާލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އާންމުކުރަންޖެހޭ ނިންމުންތައް އާންމުކުރެވޭކަން ކަށަވަރުކުރުން؛

(އ) ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން؛

(ވ) ކައުންސިލް ހިނގަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛

(މ) ކައުންސިލްގެ މާލީ ޒިންމާތަކާއި ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަދާކުރަމުންދާކަން ކަށަވަރުކުރުން؛

(ފ) ކައުންސިލްގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން؛ އަދި

(ދ) ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

32. ރަށު ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތު

ރަށު ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކައުންސިލްގެ މެންބަރު ނިސްބަތްވާ ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލްގެ ސަމާލުކަމަށް ގެނައުމާއި، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން؛

(ށ) ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވުން؛

(ނ) ކައުންސިލްގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި މަސައްކަތްކުރުން؛

(ރ) ކައުންސިލުން އެކުލަވާލަންޖެހޭ ޕްލޭންތަކާއި އަހަރީ މަސައްކަތު ތާވަލާއި އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު އެކުލަވާލުމުގައި އަމަލީގޮތުން ބައިވެރިވުން؛ އަދި

(ބ) ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ގުޅިގެން ރަށު ކައުންސިލްގެ ރައީސް ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާއިން ފެށިގެން 36 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް އުނިކުރުން.

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

39. (ށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފާސްކުރާ ސިޓީގެ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ތަރައްގީގެ މަށްރޫއުތައް ރޭވުމާއި ބަޖެޓު ތައްޔާރުކުރުމާއި ތަރައްގީގެ މަށްރޫއުތައް ތަންފީޒުކުރުން.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

39. (ބ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަށްވަރާއާއެކު، މި ގާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި، ސިޓީ ކައުންސިލްގެ ވާޖިބު އަދާކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި އެ ގަވާއިދުތައް ހިންގުން.

 

31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ (ޗ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރުތައް އިތުރުކުރުން. 

39. (ހހ) ގައުމީ ތަރައްގީގެ އޮނިގަނޑު އެކުލަވާލުމުގައި ސަރުކާރުގެ ވުޒާރާތަކަށް ދޭންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

(ހށ) ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ ބައިވެރިވުމާއެކު ސިޓީގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި، މިގޮތުން އެކުލަވާލެވޭ ތަރައްގީގެ ޕްލޭން ސަރުކާރުގެ ކަމާބެހޭ އިދާރާއާ ހިއްސާކޮށް، ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފޮނުވުން؛

(ހނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފާސްކޮށް އާންމުކުރާ ސިޓީގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން އެ ސިޓީއެއްގެ ބިން ބޭނުންކުރުން.

(ހރ) ސިޓީގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެ ބިދޭސީންގެ ދަފްތަރު އެކުލަވާލައި، ބަލަހައްޓައި، އަޅަންޖެހޭ ފިޔަވަޅުތައް ގައުމީ އިދާރާއާ ގުޅިގެން އަޅައި، އަހަރަކު އެއްފަހަރު ކަމާގުޅޭ އިދާރާއަށް ރިޕޯޓު ފޮނުވުން.

(ހބ) ރަށުގައި ރަށްވެހިވެފައިވާ މީހުންގެ ތެރެއިން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ހާލަތު އެނގޭނެ ދަފްތަރެއް އެކުލަވާލައި، ކޮންމެ 4 މަހުން 1 މަހު އެފަރާތްތަކަށް ޒިޔާރަތްކޮށް ހާލަތު ބަލައި، ކަމާބެހޭ ގައުމީ އިދާރާތަކަށް ރިޕޯޓުކުރުން.

(ހޅ) ކައުންސިލްގެ މަގްސަދުތައް ހާސިލުކުރުމަށް ނިންމާ ނިންމުންތަކާއި ހިންގާ ހަރަކާތްތައް ހިނގާނުހިނގާ ގޮތް ބަލައި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން.

(ހކ) ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާއަތްތަކާއި ކައުންސިލާ ދެމެދު ގުޅުން ގާއިމުކުރުން.

(ހއ) ކައުންސިލް ހިންގުމަށް ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތަކާއި ގަވާއިދުތައް ފާސްކުރުން.

 

32 ވަނަ މާއްދާ -

ބުނެވިދިޔަ ގާނޫނުގެ 40 ވަނަ މާއްދާ އެއީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (ހ) އިން ފެށިގެން (ހނ) ގެ ނިޔަލަށް ހުރި އަކުރުތަކަކީ، އެ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (27) ވަނަ ނަންބަރު ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (ހ) އަދި އެ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ށ) ގެ ގޮތުގައި އަންނަނިވި އަކުރު އިތުރުކުރުން.

40. ސިޓީ ކައުންސިލުން ދޭ ރަށްވެހިކަމުގެ ހިދުމަތްތައް

(ހ) ކޮންމެ ސިޓީއެއްގައިވެސް، އަންނަނިވި ރަށްވެހިކަމުގެ ހިދުމަތްތައް އެ ސިޓީއެއްގެ ރައްޔިތުންނަށް ލިބިދެވޭކަން ސިޓީ ކައުންސިލުން ކަށަވަރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހިދުމަތްތައް ކައުންސިލުން ފޯރުކޮށްދޭންވާނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ކަމާބެހޭ ސަރުކާރުގެ އިދާރާއިން ކަނޑައަޅާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުން އަމަލުކުރަންވާނީ، މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ދާއިރާގެ ތެރޭގައެވެ.

 

33 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

41. ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް

(ހ) ސިޓީ ކައުންސިލް އެކުލެވިގެންވަނީ އަންނަނިވި ގޮތުގެމަތިން އެ ސިޓީއަކުން އިންތިހާބުކުރެވޭ މެންބަރުންގެ މައްޗަށެވެ.

  1. ސިޓީގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދަކީ، 10,000 (ދިހަހާސް) މީހުންނާއި 30,000 (ތިރީސްހާސް) މީހުންނާ ދެމެދުގެ އަދަދެއްނަމަ، ކައުންސިލްގެ މޭޔަރާއި، މި ގާނޫނުގެ ދަށުން އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތުން 7 (ހަތެއް) ގޮނޑި؛
  2. ސިޓީގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދަކީ ,30,000 (ތިރީސްހާސް) މީހުންނާއި 60,000 (ފަސްދޮޅަސް ހާސް) މީހުންނާ ދެމެދުގެ އަދަދެއްނަމަ، ކައުންސިލްގެ މޭޔަރާއި، މި ގާނޫނުގެ ދަށުން އިންތިހާބު ކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތުން 13 (ތޭރަ) ގޮނޑި؛
  3. ސިޓީގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދަކީ، 60,000 (ފަސްދޮޅަސްހާސް) މީހުންނަށްވުރެ އިތުރު އަދަދެއްނަމަ، ކައުންސިލްގެ މޭޔަރާއި، މި ގާނޫނުގެ ދަށުން އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތުން 19 (ނަވާރަ) ގޮނޑި.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ސިޓީ ކައުންސިލަށް މެންބަރުން އިންތިހާބުކުރުމުގައި، ވަކި ރަށަކަށް ނުވަތަ އިދާރީ ދާއިރާއަކަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ، އިދާރީ ގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައި ހިނގަމުންއައި ރަށްތަކެއް އެކުވެގެން އެކުލަވާލާފައިވާ އެއް ރަށުގެ ގޮތުގައި ކަމުގައި ވެފައި، އަދި މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ މެންބަރުންގެ އަދަދަކީ އެ ސިޓީގައި ކުރިން ހިމެނުނު ރަށްތަކުގެ އަދަދަށްވުރެ ގިނަ އަދަދެއްނަމަ، އެ ސިޓީއެއް ނިސްބަތްވާ ސިޓީ ކައުންސިލަށް މެންބަރުން އިންތިހާބުކުރަންވާނީ، އެ ރަށް ނުވަތަ އިދާރީ ދާއިރާއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ކުރިން އިދާރީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި ހިންގުމަށް ކަނޑައަޅާފައި އޮތް ކޮންމެ ރަށަކަށް މަދުވެގެން އެއް މެންބަރު އިންތިހާބުކުރެވޭ ގޮތަށެވެ.

(ނ) މި ގާނޫނުގެ ދަށުން ފުރަތަމަ ބާއްވާ ސިޓީ ކައުންސިލްގެ އިންތިހާބުގައި އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅަންވާނީ ގުރުއަތުލައިގެންނެވެ. އަދި އޭގެ ފަހުން ބޭއްވޭ އިންތިހާބުތަކުގައި އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށް، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އުސޫލުގެ ދަށުންނެވެ.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި، ސިޓީތަކުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާނީ، އިލެކްށަންސް ކޮމިށަނުންނެވެ.

 

34 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

42. ސިޓީ ކައުންސިލްގެ މޭޔަރު އަދި ޑެޕިއުޓީ މޭޔަރު

(ހ) ސިޓީ ކައުންސިލްގެ މޭޔަރު އިންތިހާބުކުރާނީ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދީމިގްރާތީ އުސޫލުތަކުގެ މަތިން ނަގާ ސިއްރު ވޯޓަކުންނެވެ.

(ށ) ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އިންތިހާބުކުރާނީ ކައުންސިލްގެ މެންބަރުންގެ ތެރެއިން އެ ކައުންސިލްގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

 

35 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 43 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

43. ސިޓީ ކައުންސިލްގެ އުމުރު

(ހ) ސިޓީ ކައުންސިލްގެ އުމުރަކީ އެ ކައުންސިލް އިންތިހާބުވާ ތާރީހުން ފެށިގެން މީލާދީ 5 (ފަހެއް) އަހަރުދުވަހެވެ. ސިޓީ ކައުންސިލްގެ އުމުރު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން އައު ކައުންސިލެއް އިންތިހާބުކުރަންވާނެއެވެ.

 

36 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 45 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

45. ކައުންސިލްގެ މެންބަރުކަމުގެ މަގާމު ހުސްވުން

 (ހ) ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ އެކަން 14 (ސާދަ) ދުވަހުގެ ތެރޭގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އަންގަންވާނެއެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އަންގާ ތާރީހުން ފެށިގެން ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބު ކުރަންވާނެއެވެ. ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، ބައި އިލެކްށަނަކުން އިންތިހާބުކުރެވިފައިވާ މެންބަރަކަށް މެންބަރުކަމުގައި ހުރެވޭނީ ކައުންސިލްގެ ހިނގަމުންދާ ދައުރު ހަމަވަންދެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބުކުރަންވާނެ ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް ކައުންސިލްގެ މެންބަރަކު ވަކިވިއިރު ކައުންސިލްގެ އުމުރުގެ 1 (އެކެއް) އަހަރުދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ބާކީ އޮތްނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބުކޮށްގެނެއްނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާވަރަށް އެ ކައުންސިލްގައި މެންބަރުން ނެތްނަމަ އެ ހުސްވި ގޮނޑިއަކަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މެންބަރަކު އިންތިހާބުކުރަންވާނެއެވެ.

 

37 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 46 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

46. ސިޓީ ކައުންސިލްގެ މޭޔަރުގެ ވާޖިބުތައް

ސިޓީ ކައުންސިލްގެ މޭޔަރުގެ ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުން؛

(ށ) ކައުންސިލްގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން؛

(ނ) ކައުންސިލްގެ މަގްސަދުތައް ހާސިލުކުރުމަށް ކައުންސިލުން އެކަށައަޅާ ތަރައްގީގެ ޕްލޭނާއި ފައިނޭންށަލް ޕްލޭންގެ މަގްސަދުތައް ހާސިލުކުރެވޭނެ ގޮތަށް އިދާރާގެ މަސައްކަތްތައް ބައްޓަންކުރުން؛

(ރ) ކައުންސިލްގެ މަށްވަރާގެ މަތިން އިދާރާގެ އޮނިގަނޑު އެކުލަވާލައި، ޑިވިޜަންތަކާއި ސެކްށަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ކަނޑައަޅައި ތަންފީޒުކުރުން؛

(ބ) ކައުންސިލްގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން؛

(ޅ) ކައުންސިލްގެ ހަރަކާތްތައް ހިނގަމުންދަނީ ކައުންސިލްގެ މަގްސަދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛

(ކ) ކައުންސިލުން އެކުލަވާލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އާންމުކުރަންޖެހޭ ނިންމުންތައް އާންމުކުރެވޭކަން ކަށަވަރުކުރުން؛

(އ) ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން؛

(ވ) ކައުންސިލް ހިނގަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛

(މ) ކައުންސިލްގެ މާލީ ޒިންމާތަކާއި ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަދާކުރަމުންދާކަން ކަށަވަރުކުރުން؛

(ފ) ކައުންސިލްގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން؛ އަދި

(ދ) ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

38 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

47. ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ ވާޖިބުތައް

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަސްއޫލިއްޔަތު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ސިޓީ ކައުންސިލްގެ މަސައްކަތާ ބެހޭގޮތުން ކައުންސިލްގެ މޭޔަރަށް އެހީތެރިވެދިނުން.

(ށ) ކައުންސިލްގެ މޭޔަރުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރެވެ. މީގެ އިތުރުން، ކައުންސިލްގެ މޭޔަރު ކައުންސިލްގެ ޑެޕިއުޓީ މޭޔަރާ ހަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.

(ނ) ސިޓީ ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

39 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

48. ސިޓީ ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތު

ސިޓީ ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކައުންސިލްގެ މެންބަރު ނިސްބަތްވާ ރަށާއި އަތޮޅުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލްގެ ސަމާލުކަމަށް ގެނައުމާއި، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން؛

(ށ) ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވުން؛

(ނ) ކައުންސިލްގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި މަސައްކަތްކުރުން؛

(ރ) ކައުންސިލުން އެކުލަވާލަންޖެހޭ ޕްލޭންތަކާއި އަހަރީ މަސައްކަތު ތާވަލާއި އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު އެކުލަވާލުމުގައި އަމަލީގޮތުން ބައިވެރިވުން؛ އަދި

(ބ) ކައުންސިލްގެ މަސްއޫލިއްޔަތުތަކާ ގުޅިގެން މޭޔަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 

40 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

51. ސިޓީއެއްގެ ގޮތުގައި ކަނޑައެޅުން

(ހ) އިދާރީ ދާއިރާއެއްގައި ހިމެނޭ ވަކި އަވަށަކަށް ނުވަތަ ރަށަކަށް ނުވަތަ ދާއިރާއަކަށް ނުވަތަ ރަށްތަކެއް ގުޅިގެން އުފައްދާ ސަރަހައްދަކަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި މި ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ހުށަހެޅުމެއް ދިރާސާކުރުމަށްފަހު، މި ގާނޫނުގެ ޖަދުވަލު 2 ގައި ބުނެފައިވާ ށަރުތުތައް އެ ރަށެއްގައި ނުވަތަ އަވަށެއްގައި ނުވަތަ ދާއިރާއެއްގައި ނުވަތަ ސަރަހައްދެއްގައި ފުރިހަމަވާނަމަ، އެ ހުށަހެޅުމެއް ގަބޫލުކޮށް، އެ ރަށަކީ ނުވަތަ އަވަށަކީ ނުވަތަ ދާއިރާއަކީ ނުވަތަ ސަރަހައްދަކީ ސިޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނެއެވެ.

(ށ) ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ ރަށަކީ، މީހުން ދިރިއުޅޭ އެއް ރަށަށްވުރެ ގިނަ ރަށުގެ މައްޗަށް އެކުލެވިގެންވާ އަތޮޅެއްގައި ހިމެނޭ ރަށްތަކެއްކަމުގައިވާނަމަ ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ ރަށްތަކުން، އެ ރަށްތައް ތަމްސީލުކުރާ ކައުންސިލެއްގެ ދައުރު ހަމަވުމުގެ 6 (ހައެއް) މަސްދުވަހު ކުރިން މި ގާނޫނުގައި ބަޔާންކުރާ އެންމެހައި އިޖުރާއާތުތައް ފުރިހަމަކޮށް ނިންމަންވާނެއެވެ. އަދި މިގޮތުން ސިޓީއެއްގެ ދަރަޖަ އެ ރަށްތަކަށް ލިބިގެންދާނީ އެ ރަށެއް ނުވަތަ ރަށްތަކެއް ސިޓީއަކަށް ބަދަލުވުމަށްފަހު، އަލަށް އެކުލަވާލެވޭ ކައުންސިލްގެ އިންތިހާބަށްފަހުގައެވެ.

(ނ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށެއް ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅަނީ، އެ ރަށް ހިންގުމަށް އިންތިހާބުކުރެވިފައިވާ ރަށު ކައުންސިލް އިންތިހާބުވުމަށްފަހު އެހެންނަމަވެސްއެ ކައުންސިލްގެ ދައުރު ހަމަވުމުގެ ކުރިން ކަމުގައިވާނަމަ، މި މާއްދާގައިވާ ގޮތުގެމަތިން އެ ރަށަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، އެ ރަށް ސިޓީއަކަށް ބަދަލުވި ކަމުގައިވީނަމަވެސް، އެ ސިޓީ ހިންގަމުންދާނީ އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިހާބުވެފައި އޮތް ރަށު ކައުންސިލުންނެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައި ރަށެއް ސިޓީއަކަށް ބަދަލުވެއްޖެނަމަ، އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިހާބުވެފައި އޮތް ރަށު ކައުންސިލުން އެ ސިޓީ ހިންގާނީ، އެ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެނެވެ.

(ބ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކުރާ ހާލަތުގައި، ސިޓީއަކަށް ބަދަލުވެފައިވާ ރަށެއް، އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން ހިންގަމުންދިޔަ ރަށު ކައުންސިލުން ހިންގަމުންދިޔަނަމަވެސް، އެ ރަށް ސިޓީއަކަށް ބަދަލުވުމާއެކު، ސިޓީ ކައުންސިލަކަށް މި ގާނޫނުގެ ދަށުން ލިބިދޭ އެންމެހައި ބާރުތަކާއި މަސްއޫލިއްޔަތުތައް، އެ ރަށު ކައުންސިލަށް ލިބިގެންވެއެވެ. އަދި ސިޓީއަކުން ލިބިދޭންޖެހޭ ކަމަށް މި ގާނޫނުގައި ބަޔާންކުރާ އެންމެހައި ހިދުމަތްތައް އެ ސިޓީއަކުން ލިބިދޭންވާނެއެވެ.

(ޅ) އިދާރީ ދާއިރާއެއްގެ ވެރިކަން ކުރާ ރަށް މި ގާނޫނުގެ ދަށުން ސިޓީއެއްގެ ގޮތުގައި ކަނޑައެޅުނު ނަމަވެސް، އެ އިދާރީ ދާއިރާއެއް ހިންގާނީ އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލުންނެވެ. އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި، ދެމުން ގެންދިޔަ ހިދުމަތްތައްވެސް ކުރިއަށް ގެންދާނީ އަތޮޅު ކައުންސިލުންނެވެ.

(ކ) ސިޓީއެއް އުފައްދަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމުގައިވާނަމަ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލް އެހިނދުން ފެށިގެން އުވުނީއެވެ.

 

41 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 52 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

52. އަވަށު އޮފީސް އުފެއްދުން

(ހ) މި ގާނޫނުގެ ދަށުން ސިޓީ ކައުންސިލެއްގެ ގޮތުގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާއެއް އެކުލެވިގެންވަނީ ސިޓީ ކައުންސިލް އުފެދުމުގެ ކުރިން އިދާރީ ގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައި ހިންގުމަށް ކަނޑައަޅާފައިވާ ރަށްތަކެއް ހިމަނައިގެން ކަމަށްވެފައި، އަދި އެފަދަ ރަށްތަކަކީ އެއްފަސްކޮށް އޮތް ރަށްތަކެއް ކަމުގައިނުވާނަމަ، އެއިން ކޮންމެ ރަށެއް ހިންގުމަށްޓަކައި ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން އަވަށު އޮފީހެއް އުފައްދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަވަށު އޮފީހެއް ގާއިމުކުރެވޭ ކޮންމެ ރަށެއްގައި ގައުމީ އިދާރާތަކުން ސިޓީގައި ދެމުންގެންދާ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމުގެ އިންތިޒާމު، އެ ސިޓީއެއްގެ މޭޔަރު ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރެވޭ އަވަށު އޮފީސް ހިންގުމަށް ބޭނުންވާ ފައިސާ ކައުންސިލްގެ ބަޖެޓުން ހަމަޖައްސަންވާނެއެވެ.

 

42 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) އަދި (ނ) އުނިކުރުން.

 

43 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 54 ވަނަ މާއްދާއިން ފެށިގެން 56 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް އުނިކުރުން.

 

44 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 56 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން 4 މާއްދާ، އަދި ބާބެއް އިތުރުކުރުން.

56-1. ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދު ކަނޑައެޅުން

 

(ހ) އިދާރީ ދާއިރާއެއްގައި ހިމެނޭ ކޮންމެ ސިޓީ ކައުންސިލަކާއި ރަށު ކައުންސިލެއްގެ އިހްތިސާސް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަށު ކައުންސިލާއި ސިޓީ ކައުންސިލްގެ އިހްތިސާސް ކަނޑައެޅުމުގައި ރިއާޔަތްކުރާނީ، އަންނަނިވި ކަންކަމަށެވެ.

  1. ރަށަކާ ގުޅޭގޮތުންނަމަ، އެ ރަށެއްގެ ކައުންސިލްގެ އިހްތިސާސަކީ އެ ރަށާއި އެ ރަށުގެ އުރަފަތުން ފެށިގެން 700 (ހަތްސަތޭކަ) މީޓަރު ކަމުގައި ކަނޑައެޅުން؛
  2. އިހްތިސާސް ހިނގާ ސަރަހައްދު ކަނޑައަޅާ ރަށުގެ ފަޅުތެރޭގައި އެހެން ރަށެއް ނުވަތަ ރަށްތަކެއް އޮތްނަމަ، އިހްތިސާސް ކަނޑައަޅާ ރަށާއި އެންމެ ކައިރިއަށް އޮތް ރަށަކާ ދެމެދުގައި ހުރި ދުރުމިންބަލައި، އެ ދުރުމިނުގެ ދެބައިކުޅަ އެއްބަޔަށްވާ ދުރުމިން ފާހަގަކޮށް، އިހްތިސާސް ކަނޑައެޅުން؛
  3. އަދި މީހުން ދިރިއުޅޭ ދެ ރަށުގެ މެދުގައި ހިމެނޭ ސަރަހައްދު 1400 (ސާދަސަތޭކަ) މީޓަރަށްވުރެ ކުޑަނަމަ، އެ ދެ ރަށުގެ އިހްތިސާސް ދެ ރަށުގެ ދެމެދުން ކަނޑައެޅުން؛
  4. ރަށެއްގެ ކައުންސިލްގެ އިހްތިސާސް ކަނޑައެޅުމުގައި 700 (ހަތްސަތޭކަ) މީޓަރަށްވުރެ ކައިރީގައި ރިޒޯޓެއް ނުވަތަ އިންޑަސްޓްރިއަލް ރަށެއް އޮތްނަމަ، އެ ރަށުގެ އިހްތިސާސްގައި އެ ރިޒޯޓެއް ނުވަތަ އިންޑަސްޓްރިއަލް ރަށެއް ހިމެނޭ ބައި އުނިކުރުމަށްފަހު މީހުން ދިރިއުޅޭ ރަށުގެ އިހްތިސާސް ކަނޑައެޅުން؛
  5. އެއް ފަޅެއްގައި ފަޅުރަށެއް ނުވަތަ ރަށްތަކެއް އޮތްނަމަ، ރަށު ކައުންސިލްގެ އިހްތިސާސްގެ ގޮތުގައި ހިމެނޭނީ އެ ފަޅުރަށުގެ އެއްވެސް މިންވަރެއް ރަށު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭނަމަ ކަމަށް ކަނޑައެޅުން؛
  6. ވަކި ފަޅެއްގައި އޮންނަ ފަޅުރަށެއް ނުވަތަ ފަޅުރަށެއްގެ ބައެއް ނަމަވެސް ރަށު ކައުންސިލްގެ އިހްތިސާސްގައި ހިމެނޭނަމަ، އެ ކައުންސިލްގެ އިހްތިސާސްގައި އެ ފަޅުރަށެއް ހިމެނޭނެކަމަށް ކަނޑައެޅުން؛
  7. ފަޅުރަށެއްގެ ބައެއް މީހުން ދިރިއުޅޭ ދެ ކައުންސިލެއްގެ އިހްތިސާސްއަށް ވަންނަނަމަ، ފަޅުރަށުގެ އިހްތިސާސް ވަކިން ކަނޑައެޅުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސިޓީ ކައުންސިލްގެ އިހްތިސާސްވެސް ކަނޑައަޅާނީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލްގެ އިހްތިސާސް ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަމަށް ރިއާޔަތްކޮށެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ސިޓީ ކައުންސިލަކީ ގިނަ ރަށްތަކެއް ހިމަނައިގެން އެކުލަވާލާފައިވާ ސިޓީއެއްނަމަ، އެ ސިޓީއެއްގެ އިހްތިސާސް ކަނޑައަޅާނީ މި މާއްދާގެ (ށ) ގެ ދަށުން އެ ސިޓީއެއްގައި ހިމެނޭ ރަށްތަކުގެ އިހްތިސާސް ކަނޑައެޅުމަށްފަހު، އެ ރަށްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރައްހައްދު އެއްކޮށްލުމުން އުފެދޭ ސަރަހައްދުކަމުގައެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ރަށު އަދި ސިޓީގެ އިހްތިސާސްއަށް ބަދަލު ގެންނަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އިހްތިސާސަށް ބަދަލުގެންނަން ޖެހޭ ހާލަތުގައިވެސް އެ ބަދަލު ގެނެވުމުގައި އަންނަނިވި ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ރިއާޔަތްކުރަންވާނެވެ.

  1. އިހްތިސާސްގައި ހިމެނޭ ފަޅުރަށެއްގައި ރިޒޯޓް ނުވަތަ އިންޑަސްޓްރިއަލް ރަށެއް ހަދާނަމަ، އެ ފަޅުރަށެއްގެ ނުވަތަ އެ އިންޑަސްޓްރިއަލް ރަށް އެ ރަށެއްގެ ނުވަތަ ސިޓީ ކައުންސިލް އިހްތިސާޞުން ވަކިކުރުން؛
  2. ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިހްތިސާސް ކަނޑައެޅުމުގެ ފަހުން އެ އިހްތިސާސްގެ ބޭރުން ރަށުގެ ބިން ފަހުން ބޮޑުކުރިނަމަވެސް އިހްތިސާސް އަށް ބަދަލު ނުގެނައުން؛ އަދި
  3. އިހްތިސާސް ކަނޑައެޅުމަށްފަހު، ރަށް ގިރުންފަދަ ކަންކަން ކުރިމަތިވިނަމަވެސް އިހްތިސާސް އަކަށް ބަދަލެއް ނުގެނައުން.

 

56-2. އިހްތިސާސް ހިނގާ ސަރަހައްދުގެ މިލްކުވެރިކަން

(ހ) ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެންވަނީ ކައުންސިލަށެވެ. އަދި އެނޫން އެފަދަ ތަންތަނަކީ ދައުލަތުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ދައުލަތުގެ މިލްކެވެ.(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލާއި، ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ގައުމީ އިދާރާއަކުން ކުރިއަށްގެންދަން ބޭނުންވާ މަށްރޫޢެއް ހިންގުމަށްޓަކައި ރަށު އަދި ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާގެ ތެރެއިން އެއްވެސް ތަނެއް ނުވަތަ މުދަލެއް ގައުމީ އިދާރާއަކުން ބޭނުންވެއްޖެނަމަ، އެފަދަ ތަންތަނާއި މުދާ ގައުމީ އިދާރާގެ ބޭނުމަށް ނެގިދާނެއެވެ. އެހެންނަމަވެސް އެފަދައިން ތަނެއް ނުވަތަ މުދަލެއް ނަގަންވާނީ ކައުންސިލްތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް އެކަށީގެންވާ ބަދަލެއް ދިނުމަށްފަހުގައެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކައުންސިލްތަކަށް ބަދަލުނަގައިދިނުމާގުޅޭ އުސޫލެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ގުދުރަތީ އަދި އުމްރާނީ ވަސީލަތްތަކާއި، ބިނާތަކާއި ނުއުފުލޭ ހަރުމުދާ، ކައުންސިލްތަކުން ބޭނުންކުރަންވާނީ ސަރުކާރުން އެކުލަވާލާ ގައުމީ ތަރައްގީގެ ޕްލޭންއާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި ރަށެއް ނުވަތަ ސިޓީއެއްގެ ބިން ބޭނުންކުރަންވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުން އެކުލަވާލާ ރަށުގެ ނުވަތަ ސިޓީގެ ތަރައްގީގެ ޕްލޭނާއި، އެ ކައުންސިލުން ހަދާ، ކަމާގުޅުންހުރި ގައުމީ އިދާރާއިން ފާސްކުރާ އެ ރަށެއް ނުވަތަ ސިޓީއެއްގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ޅ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ގައުމީ އިދާރާއިން ފާސްކުރާ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގައި އަމަލުކުރަންވާނީ މި ގާނޫނުގެ 107-2 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.

(ކ) ގައުމީ ސަލާމަތަށްޓަކައި ރަށުގެ ނުވަތަ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތެއް ނުވަތަ ބިނާއެއް ނުވަތަ ނުއުފުލޭ ހަރުމުދަލެއް ހިމެނޭގޮތަށް އެއްވެސް ކަމެއް ކުރިއަށްގެންދަން ދައުލަތުން ބޭނުންވެއްޖެނަމަ، ކައުންސިލްގެ ހުއްދައަކާނުލައި އެ ވަސީލަތެއް ބޭނުންކުރުމުގެ ބާރު ދައުލަތަށް ލިބިގެންވެއެވެ.

(އ) ގައުމީ ތަރައްގީއާ ގުޅުހުންހުރި ކަމަކާގުޅޭ ގޮތުން ރަށުގެ ނުވަތަ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތެއް ނުވަތަ ބިނާއެއް ނުވަތަ ނުއުފުލޭ ހަރުމުދަލެއް ހިމެނޭގޮތަށް މަށްރޫއުއެއް ކުރިއަށްގެންދަން ދައުލަތުން ބޭނުންވެއްޖެނަމަ ކައުންސިލުން އެ މަށްރޫއުއެއް ހިންގަން ދައުލަތަށް ދޭންޖެހޭ ހުއްދަދޭންވާނެއެވެ.

(ވ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ރަށު އަދި ސިޓީ ކައުންސިލްގެ އިހްތިސާސް ހިނގާ ދާއިރާގައި ދައުލަތުން ފޯރުކޮށްދޭންޖެހޭ އާންމު ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންކުރަންޖެހޭ ވަސީލަތްތަކާއި، ބިނާތަކާއި ނުއުފުލޭ ހަރުމުދާ އެ ހިދުމަތެއް ފޯރުކޮށްދޭ މުއްދަތާ ހަމައަށް މިލްކުވެގެންވަނީ ދައުލަތަށެވެ.

(މ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ ތެރެއިން އެއްވެސް ތަނެއް ނުވަތަ އެއްޗެއް މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެއްބަސްވުމެއްގެ ދަށުން ކައުންސިލުން ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް މީހަކަށް ދޫކޮށްފައިވާނަމަ، އެފަދަ އެއްބަސްވުންތަކަށް ކައުންސިލުން އިޙްތިރާމްކުރަންވާނެއެވެ.

(ފ) މި މާއްދާގެ (މ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައިވާ ވަސީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލުން ސަރުކާރުގެ އެއްވެސް އިދާރާއަކުން ކުލި ނަގަމުންދާނަމަ، އެ ކުލި ކައުންސިލްގެ އާމްދަނީއަށް ބަދަލުވާނެ އިންތިޒާމް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ އިދާރާއަކުން އެ ކައުންސިލަކާ ގުޅިގެން ހަމަޖައްސަންވާނެއެވެ.

(ދ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ރަށު އަދި ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާލާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގައި ދިރިއުޅޭ އެއްވެސް މީހަކަށް ލިބިދީފައިވާ ހައްގަކަށް ހުރަސްއެޅޭ ގޮތަށް އެފަދަތަނަކާ ގުޅޭގޮތުން އަމަލުކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެން ނުވެއެވެ.

(ތ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ރަށު ކައުންސިލާއި ސިޓީ ކައުންސިލަށް މިލްކުވެގެންވާ އެންމެހައި ވަސީލަތްތަކާއި، ނުއުފުލޭ މުދަލުގެ ދަފްތަރެއް އެ ކައުންސިލަކުން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ލ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލަށް މިލްކުވެގެންވާ ބިންތަކުގެ ތެރެއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި، ހުސްކޮށްހުރި ބިންތައް އަދި ލޭންޑް ޔޫސް ޕްލޭންގެ ދަށުން އެކި ކަންކަންކަމަށް ބޭނުންކުރެވޭނެ ބިމުގެ ދަފްތަރެއް އެ ކައުންސިލަކުން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

56-3. ކައުންސިލްގެ އިހްތިސާސް ބޭނުންކުރުން

(ހ) ގުދުރަތީ ނުވަތަ ތަބީޢީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަހައްދުތައް ވަކި ކައުންސިލެއްގެ އިހްތިސާސްކަމުގައި ކަނޑައެޅިފައިވިޔަސް، އެތަންތަނުގައި ގާނޫނަކުން މަނާކަމެއް ކަމުގައި ކަނޑައަޅާފައިނުވާ ކަންކަން، އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު، ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ.

(ށ) އެއްވެސް ފަރާތަކުން ފުޅާ ދާއިރާއެއްގައި ކުރެވޭ ވިޔަފާރި ބޭނުމަކަށް ކައުންސިލްގެ އިހްތިސާސް ބޭނުންކުރާނަމަ، އެކަމަށް ހުއްދަ ހޯދުމާއި، އެތަނުން އެކަށީގެންވާ ފީއެއް ކައުންސިލްތަކުން ނެގުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

56-4. އެހެން ފަރާތަކަށް ދޫކޮށްފައިވާ ބިންތައް

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ރަށްރަށާއި، ސިޓީތަކުގައި ގައުމީ އިދާރާތަކަށާއި، ދައުލަތުގެ މުއައްސަސާތަކަށް ދާއިމީ ބޭނުމަށް ދޫކޮށްފައިވާ ތަންތަން ހުންނާނީ އެތަނެއް ދޫކޮށްފައިވާ މީހުންގެ ބެލުމުގެ ދަށުގައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެތަންތަނުގެ އޯޑިޓްއެއް ހަދައި، އެ ތަންތަނުގެ ރަޖިސްޓަރީ އެތަންތަން ދޫކުރެވިފައިވާ ނުވަތަ މިލްކުކޮށްދެވިފައިވާ ފަރާތްތަކަށް ދޫކުރަންވާނެއެވެ. އަދި ގައުމީ އިދާރާތަކަށް ނުވަތަ ދައުލަތުގެ މުއައްސަސާތަކަށް ތަނެއް ދޫކޮށްފައިވަނީ ދާއިމީ ބޭނުމަށްކަމާމެދު ހިލާފު އުފެދޭ ހާލަތުގައި ގޮތެއް ނިންމާނީ ދެފަރާތުގެ މެދުގައި މަށްވަރާކުރުމަށްފަހު އެއްބަސްވެވޭ ގޮތެއްގެމަތިންނެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ބިންބިމާއި، ތަންތަނާއި، މުދަލުގެ އޯޑިޓްއެއް ހަދައި އެކުލަވާލުމަށްފަހު، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅައި އެ އޮތޯރިޓީން ފާސްކުރުމަށްފަހު، ކައުންސިލްތަކުން އާންމުކޮށް ށާޢިއުކުރަންވާނެއެވެ. އެ ތަންތަނާމެދު މި ގާނޫނުގައިވާ ގޮތުގެމަތިން ގޮތް ނިންމުމުގެ ބާރު ލިބިގެންވަނީ އެ ބިމެއް ނުވަތަ ތަނެއް ނުވަތަ މުދަލެއް ނިސްބަތްވާ ކައުންސިލަކަށެވެ.

 

 

ހަވަނަ ބާބު

 

ކައުންސިލްތަކުގައި އަންހެނުންގެ ދައުރު

 

56-5. ރަށްތަކާއި ސިޓީތައް ހިންގުމުގައި އަންހެނުންގެ ބައިވެރިވުން އޮތުން

(ހ) ރަށްރަށާއި ސިޓީތައް ހިނގަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރެވި، އަންހެނުންގެ ބައިވެރިވުމާ އެކުގައިކަން ކަށަވަރުކުރުމަށްޓަކައި، ކައުންސިލްތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި މި ގާނޫނުގެ 24 ވަނަ މާއްދާއާއި، 41 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ ތެރެއިން %33 ހާއްސަކުރަންވާނީ އަންހެނުންނަށެވެ.

 

56-6. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ

(ހ) ކޮންމެ ރަށެއްގެ އަދި ސިޓީއެއްގެ ކައުންސިލާ އެކުގައި، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރުމަށްޓަކައި، އެ ރަށުގެ ނުވަތަ އެ ސިޓީގެ އަންހެނުންގެ ތެރެއިން އެ ރަށެއްގެ ރައްޔިތުން އިންތިހާބުކުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެއް އޮންނަންވާނެއެވެ. 

(ށ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިހާބުކުރުމަށްޓަކައި ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ދިރިއުޅޭ ވޯޓުލުމުގެ ހައްގު ލިބިގެންވާ ހުރިހާ އަންހެނުންނާއި ފިރިހެނުންނަށްވެސް ލިބިގެންވެއެވެ.

 (ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އެކުލެވިގެންވަނީ، އަންނަނިވި ގޮތުގެމަތިން އިންތިހާބުކުރެވޭ މެންބަރުންގެ މައްޗަށެވެ.

  1. ރަށެއްގައިނަމަ 5 (ފަހެއް) މެންބަރުން؛

  2. i. ސިޓީއެއްގައިނަމަ، ސިޓީގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދަކީ، 10,000 (ދިހަހާސް) މީހުންނާއި 30,000 (ތިރީސްހާސް) މީހުންނާ ދެމެދުގެ އަދަދެއްނަމަ 6 (ހައެއް) މެންބަރުން؛
    ii. ސިޓީއެއްގައިނަމަ، ސިޓީގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދަކީ، 30,000 (ތިރީސްހާސް) މީހުންނާއި 60,000 (ފަސްދޮޅަސްހާސް) މީހުންނާ ދެމެދުގެ އަދަދެއްނަމަ 10 (ދިހައެއް) މެންބަރުން؛
    iii. ސިޓީގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދަކީ، 60,000 (ފަސްދޮޅަސްހާސް) މީހުންނަށްވުރެ އިތުރު އަދަދެއްނަމަ   18 (އަށާރަ) މެންބަރުން.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށެއްގެ ނުވަތަ ސިޓީއެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިހާބާއި، ލޯކަލް ކައުންސިލް އިންތިހާބާގުޅޭ އެންމެހައި ކަންކަން ކުރާނީ އިލެކްށަންސް ކޮމިށަނުންނެވެ. މިގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިހާބާއި، ލޯކަލް ކައުންސިލް އިންތިހާބު ބާއްވަންވާނީ އެއްދުވަހެއްގައެވެ.

(ބ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއި ނައިބުރައީސް ހޮވާނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން، އެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

(ޅ) ރަށެއްގައި ނުވަތަ ސިޓީއެއްގައި ގާއިމުވެފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް މަސައްކަތްކުރަންވާނީ، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލާ އެކުގައެވެ. އަދި ކައުންސިލްތަކުން އެ ކޮމިޓީތަކަށް އެއްބާރުލުންދީ، އެ ކޮމިޓީތަކާ އެކުގައި މަސައްކަތްކުރެވޭނެ އިންތިޒާމެއް ހަމަޖައްސަންވާނެއެވެ.

(ކ) މި ގާނޫނުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކާއި ބާރުގެ ދާއިރާގެ ތެރޭގައި، މުދާ މިލްކުކުރުމާއި ދަރަންޏަށް ޒިންމާވުމުގެ ބާރު އެ ކޮމިޓީތަކަށް ލިބިގެންވެއެވެ.

(އ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، އެކަން 14 (ސާދަ) ދުވަހުގެ ތެރޭގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އަންގަންވާނެއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އަންގާ ތާރީހުން ފެށިގެން ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކޮމިޓީއަށް މެންބަރަކު އިންތިހާބު ކުރަންވާނެއެވެ. ނަމަވެސް ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވިއިރު ކޮމިޓީގެ އުމުރުގެ 1 (އެކެއް) އަހަރުދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ބާކީ އޮތްނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބުކޮށްގެންނުވާނެއެވެ. ބައި އިލެކްށަނަކުން އިންތިހާބުކުރެވިފައިވާ މެންބަރަކަށް މެންބަރުކަމުގައި ހުރެވޭނީ ހިނގަމުންދާ ދައުރު ހަމަވަންދެންނެވެ.

(ވ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މުއްދަތަކީ އެ ކޮމިޓީ އިންތިހާބުކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހެވެ.

(މ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެމަތިން މިނިސްޓްރީ އޮފް ފިނޭންސްއިން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަންވާނެއެވެ.

(ފ) މި ގާނޫނުގެ ދަށުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ، ކައުންސިލްތަކާ ހަވާލުކުރާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ފައިސާގެ ޖުމްލަ އަދަދުގެ މަދުވެގެން 5% (ފަހެއް އިންސައްތަ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި އެ ކޮމިޓީއާ ހަވާލުކުރަންވާނެއެވެ. މިގޮތުން ދޫކުރެވޭ ފައިސާ، މި ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން އެ ކޮމިޓީން ކަނޑައަޅާ މަށްރޫއުތަކަށް ހޭދަކުރުމުގެ ބާރު އެ ކޮމިޓީއަށް ލިބިގެންވެއެވެ.

 

56-7. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ   މަސްއޫލިއްޔަތު ތަކާއި ބާރުތައް

(ހ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ރަށުގެ ނުވަތަ ސިޓީގެ ތަރައްގީގެ ކަންކަމުގައާއި ކައުންސިލުން ދެމުންގެންދާ ރަށްވެހިކަމުގެ ހިދުމަތްތަކާ ބެހޭގޮތުން ކައުންސިލަށް ލަފާ ދިނުން؛
  2. ރަށުގެ ނުވަތަ ސިޓީގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން؛
  3. ރަށުގެ ނުވަތަ ސިޓީގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން؛
  4. ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން.
  5. މަތީ ތައުލީމު ހާސިލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް   މަސައްކަތްކުރުން؛
  6. އަންހެނުންނާއި ކުޑަކުދިންގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުން؛
  7. އަންހެނުންނަށް ލިބޭ ވަޒީފާއާއި ވިޔަފާރީގެ ފުރުޞުތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުން؛
  8. އަންހެނުންނާބެހޭ މުހިންމު މައުލޫމާތު އެއްކުރުން.

(ށ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ކޮންމެ އަހަރަކުމެ ހާސިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައް ކޮންމެ އަހަރެއްގެ ފުރަތަމަ މަހު އެކަށައަޅައި އާންމުކުރަންވާނެއެވެ. އަދި ފާއިތުވެދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުކުރެވުނު މިންވަރާ ގުޅޭ ރިޕޯޓު އެކުލަވާލައި ކައުންސިލަށް ހުށަހެޅުމާއެކު ރައްޔިތުންނަށް ފެންނާނެހެން އާންމުކުރަންވާނެއެވެ.

56-8. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ހިންގުން

 (ހ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ގަވާއިދު ހަދާނީ، އެ ކޮމިޓީ ނިސްބަތްވާ ރަށް ނުވަތަ ސިޓީ ކައުންސިލްގެ ލަފާގެ މަތިން އެ ކޮމިޓީންނެވެ.

(ށ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި ކައުންސިލްތަކުގެ ބަޖެޓު އެކުލަވާލާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުވެސް އޭގައި ހިމަނަންވާނެއެވެ.

(ނ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތަކާއި، ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާނެ އިދާރީ އިންތިޒާމު، އެ ކޮމިޓީ ނިސްބަތްވާ ރަށް ނުވަތަ ސިޓީ ކައުންސިލުން ހަމަޖައްސައިދޭންވާނެއެވެ.

 

45 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 58 ވަނަ މާއްދާގެ (ޅ) އުނިކުރުން.

 

46 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 58 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

58. (އ) މި ގާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގައުމީ އިދާރާތަކުން ދޭ ހިދުމަތްތައް އިދާރީ ދާއިރާތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެ އިދާރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

(ވ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ސިޔާސަތުތައް، ސަރުކާރުން ކަނޑައަޅާ ގޮތެއްގެމަތިން ތަންފީޒުކުރުން.

(މ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމާއި، ގައުމީ އިދާރާތަކުގެ މައިގަނޑު ސިޔާސަތުތަކާ އެއްގޮތްކޮށް، އެއް އަމާޒަކަށް ހިންގުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުމާއި ހަދަންޖެހޭ އުސޫލުތައް ހެދުން.

(ފ) މި ގާނޫނުގެ ދަށުން އިންތިހާބުކޮށް އުފެދިފައިވާ ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި، ކައުންސިލްތަކުން ދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލްތަކަށް ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

(ދ) ކައުންސިލްތައް ހިންގުމުގައި ހިފަހައްޓަންޖެހޭ އަސާސީ ސިފަތަކާއި މިންގަނޑުތައް ހިފެހެއްޓުމަށް ހަދަންޖެހޭ އާންމު އިޖުރާއީ ގަވާއިދުތައް ހަދައި އާންމުކުރުމާއި، އެ ގަވާއިދުތަކާ އެއްގޮތަށް ކައުންސިލްތަކުން އަމަލުކުރަމުންދޭތޯ ބެލުން.

 

47 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

59. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު

(ހ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގާނީ، އަންނަނިވި 9 (ނުވައެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑަކުންނެވެ.

  1.  ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރު؛
  2. އަންނަނިވި ދާއިރާތަކުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 (ތިނެއް) މެންބަރުން؛
    i. ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރެއް؛
    .ii ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭށަންގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ މެންބަރެއް؛
    .iii މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރެއް.
  3. ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ 1 (އެކެއް) މެންބަރު؛
  4. އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ 1 (އެކެއް) މެންބަރު؛
  5. ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ 1 (އެކެއް) މެންބަރު؛
  6. މާލީ ކަންކަމާ ގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފެއް؛ އަދި
  7. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ.

 

48 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ގޮތަށް ދެ އަކުރު އިތުރުކުރުން. 

59. (ޅ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރާ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކައުންސިލަރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އިންތިހާބުކުރުމަށް ބާއްވާ ފުރަތަމަ އިންތިހާބު ބާއްވާނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އުސޫލަކުން، އެ ކޮމިށަނުންނެވެ. މިގޮތުން ބާއްވާ ފުރަތަމަ އިންތިހާބު މި ގާނޫނުގެ ދަށުން އިންތިހާބު ކުރެވޭ ކައުންސިލްގެ މެންބަރުން ހުވައި ކުރާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ބާއްވަންވާނެއެވެ.

 (ކ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކައުންސިލަރުން ހޮވުމަށް ފުރަތަމަ ބާއްވާ އިންތިހާބުގެ ފަހުން ބާއްވާ އިންތިހާބުތައް ބާއްވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅައި އިއުލާންކުރާ އިންތިހާބުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުންނެވެ.

 

49 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

59. (އ) މި މާއްދާގެ (ކ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރާ (5) ވަނަ ނަންބަރުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އިންތިހާބުކުރާ ކައުންސިލަރުންގެ މެންބަރުކަމުގެ މުއްދަތަކީ އެ މީހަކު އިންތިހާބުކުރެވޭ ދުވަހުން ފެށިގެން އެ މީހެއްގެ ކައުންސިލް މެންބަރުކަމުގެ ދައުރު ހަމަވާ ދުވަހާ ހަމައަށެވެ.

 

50 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 61 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

61. (ކ)

ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގެ ދައުރަކީ 5 (ފަހެއް) އަހަރުދުވަހެވެ. ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި މީހަކަށް އެންމެ ދިގު މުއްދަތަކަށް ހުރެވޭނީ 5 (ފަހެއް (އަހަރުދުވަހުގެ 2 (ދޭއް) ދައުރަށެވެ.

 

51.   ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 61 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

61-1. ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސްއޫލިއްޔަތުތައް

އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އޮތޯރިޓީގެ އިދާރީ އަދި ފައިސާއާބެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން؛

(ށ) އޮތޯރިޓީގެ މަސައްކަތްތައް ހިނގަމުންދަނީ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛

(ނ) ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން ފިޔަވައި، އޮތޯރިޓީ ތަމްސީލުކުރަންޖެހޭ ކަންކަމުގައި އޮތޯރިޓީ ތަމްސީލުކުރުން؛ އަދި

(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް މަސްއޫލިއްޔަތުތައް އަދާކުރުން.

 

52 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 62 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

62. ކައުންސިލްގެ ވާޖިބު އަދާކުރުމަށް ނުކުޅެދުން

(ހ) އެއްވެސް ކައުންސިލަރެއްގެ ނުވަތަ ރައީސެއްގެ ނުވަތަ މޭޔަރެއްގެ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާ ނުކުރެވޭނަމަ ނުވަތަ އިހުމާލުވާނަމަ ނުވަތަ ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާނަމަ ނުވަތަ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެފަދަ ކައުންސިލަރުންނާމެދު ނުވަތަ ރައީސުންނާމެދު ނުވަތަ މޭޔަރުންނާމެދު ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކަމެއް ކައުންސިލަރަކު ނުވަތަ ރައީސަކު ނުވަތަ މޭޔަރަކު ކުރާކަމުގެ މައުލޫމާތު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިއްޖެނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ވަޒީރުގެ ހުއްދައާއެކު، އެކަމުގެ ހަގީގަތްތަކާއި ސަބަބުތައް ދެނެގަތުމަށްޓަކައި ކަންއޮތްގޮތް ދިރާސާކޮށް ބެލުމަށް "އިންކުއަރީ" އެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހަދަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ "އިންކުއަރީ" ހެދުމަށްފަހު، މި މާއްދާގެ (ހ) ގައި ބުނާފަދަ ކަމެއް ނުވަތަ ކަންތައްތަކެއް ހިނގާ ކަމަށް ނުވަތަ ހިނގައިފި ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ފެނިއްޖެނަމަ، އެ ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތަށް ކައުންސިލަރަކަށް ނުވަތަ ރައީސަކަށް ނުވަތަ މޭޔަރަކަށް ކަންކަން ރަނގަޅުކުރުމަށް އެންގުމުންވެސް އެ ކަންކަން އިސްލާހު ނުކޮށް، ކައުންސިލްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކޮށް އިހުމާލުވާނަމަ ނުވަތަ ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ގާނޫނީ އިމުން ބޭރުން، ނަހަމަ ގޮތުގައި ހިފާނަމަ ނުވަތަ ކައުންސިލްގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާނަމަ، އިންކުއަރީ ރިޕޯޓުގައި ފާހަގަކުރެވުނު ކަންތައްތަކާއި، އެ ކަންކަން އިސްލާހުކުރުމަށް އެންގުމުން ކައުންސިލަރުން ނުވަތަ ރައީސުން ނުވަތަ މޭޔަރުން ކަންކުރިގޮތާއި، އެ ކަންކަމާ ގުޅޭގޮތުން ކައުންސިލްގެ ބަސް، ރިޕޯޓެއްގެ ސިފައިގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ "ރިޕޯޓު" ގެ މައްޗަށް ބިނާކޮށް، 3 (ތިނެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އެ ކަންކަމުގައި ށާމިލުވި ކައުންސިލަރުން ނުވަތަ ރައީސުން ނުވަތަ މޭޔަރުން މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމުގެ ބާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ކައުންސިލަރުންނާމެދު އަޅާ ކޮންމެ ފިޔަވަޅެއްގެ މައުލޫމާތު، ފިޔަވަޅު އެޅި ސަބަބު ބަޔާންކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ށާއިއުކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ބ) ގެ ދަށުން ކައުންސިލަރަކާމެދު އަޅާ ފިޔަވަޅެއްގެ ސަބަބުން، ކައުންސިލްގެ ކޯރަމް ހަމަނުވާނަމަ، އެ ކައުންސިލްގެ ރަށްވެހިކަމުގެ ހިދުމަތްތައް  އެ ރަށަކުން މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމް ރަށު ކައުންސިލެއްނަމަ އެ ރަށު ކައުންސިލެއް ނިސްބަތްވާ އަތޮޅުގެ އަތޮޅު ކައުންސިލްގެ މަށްވަރާގެމަތިން ކައުންސިލްއާ ހަވާލުވެހުރި ސެކްރެޓަރީ ޖެނެރަލް ހަމަޖައްސަންވާނެއެވެ. އަދި އަތޮޅު ނުވަތަ ސިޓީ ކައުންސިލެއްނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާގެ މަތިން ކައުންސިލްއާ ހަވާލުވެހުރި ސެކްރެޓަރީ ޖެނެރަލް މިކަން ހަމަޖައްސަންވާނެއެވެ.

(އ) ސެކްޓޯރަލް ގްރާންޓް ނުވަތަ ކޮންޑިށަނަލް ގްރާންޓެއްގެ ގޮތުގައި ކައުންސިލް މެދުވެރިކޮށް ސަރުކާރުން ހިންގާ ވަކި ޕްރޮޖެކްޓެއް ނުވަތަ ޕްރޮޖެކްޓްތަކެއް ހިންގުމުގައި ކައުންސިލުން އިހުމާލުވާކަމަށް އެ ޕްރޮޖެކްޓެއް ހިންގާ އިދާރާއަކަށް ފާހަގަކުރެވި، އެކަން ބެލުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރިއަށްގެންދާ އިންކުއަރީއިން އެފަދަ ކަމެއް ފާހަގަކުރެވި އެ އިދާރާއަކަށް އަންގައިފިނަމަ އެ ޕްރޮޖެކްޓެއްގެ ނުވަތަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް "މެނޭޖަރ" އަކާ ހަވާލުކޮށް ކުރިއަށް ގެންދިއުމުގެ ބާރު އެ އިދާރާއަކަށް ލިބިގެންވެއެވެ.

 

53 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާ އުނިކުރުން.

 

54 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ހަތްވަނަ ބާބު އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ހަތްވަނަ ބާބު

 

ގައުމީ އިދާރާތަކާ ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުން 

 

64 ގައުމީ އިދާރާތަކުން ކައުންސިލް މެދުވެރިކޮށް ހިދުމަތް ދިނުމުގައި މި ބާބަށް އަމަލުކުރުން

ގައުމީ އިދާރާތަކުން ރަށްރަށުގައި އަދި ސިޓީތަކުގައި ދޭ ހިދުމަތްތައް ދިނުމުގައި އަދި އެތަންތަނުން ހިންގާ ތަރައްގީގެ ހަރަކާތްތައް ރާވައި ހިންގުމުގައި އަމަލުކުރަންވާނީ މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

65 ގައުމީ އިދާރާތަކުން ކައުންސިލް މެދުވެރިކޮށް ހިދުމަތް ދިނުމުގެ އުސޫލުތައް

(ހ) ގައުމީ އިދާރާތަކުން ދޭ ހިދުމަތްތައް ކޮންމެ އިދާރީ ދާއިރާއަކުން ލިބޭނެ  އިންތިޒާމު ގައުމީ އިދާރާތަކުން ހަމަޖައްސަންވާނެއެވެ. ގައުމީ އިދާރާތަކުން، އިދާރީ ދާއިރާތަކުގައި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށްޓަކައި ބޭނުންވާނެ އެއްބާރުލުމާއި އެހީތެރިކަން އަތޮޅު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން ދޭންވާނެއެވެ.

(ށ) ގައުމީ އިދާރާތަކުން ދޭ ހިދުމަތްތައް އިދާރީ ދާއިރާތަކުގައި ލިބޭނޭ އިންތިޒާމު ހަމަޖެއްސުމުގައި ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރެވިދާނެއެވެ.

  1. ގައުމީ އިދާރާގެ އޮފީހެއް އިދާރީ ދާއިރާގައި ގާއިމުކޮށްގެން ހިދުމަތް ދިނުން؛
  2. އަތޮޅު ކައުންސިލްގެ ޢިމާރާތެއްގައި ގައުމީ އިދާރާގެ މުވައްޒަފުން މަސައްކަތްކޮށް ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސުން؛
  3. ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލް މެދުވެރިކޮށް ގައުމީ އިދާރާގެ ހިދުމަތް އިދާރީ ދާއިރާއިން ނުވަތަ ސީދާ ސިޓީއިން ނުވަތަ ރަށުން ލިބޭނޭގޮތް ހަމަޖެއްސުން.

(ނ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގައުމީ އިދާރާއަކުން އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް ހިދުމަތްދޭންވާނީ ކަމާގުޅޭގޮތުން ވެވޭ އެއްބަސްވުމެއް މެދުވެރިކޮށެވެ.  އެ އެއްބަސްވުމުގައި އަންނަނިވި މާއްދާތައް ހިމަނަންވާނެއެވެ.

  1. އެއްބަސްވުމުގެ ދަށުން ދެވޭ ހިދުމަތް؛
  2. އެއްބަސްވުމުގެ ދަށުން ދެވޭ ހިދުމަތް ދޭންވީ ގޮތުގެ ތަފްސީލު؛
  3. އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދޭން ބޭނުންވާ ފައިސާގެ އަދަދު؛
  4. އެއްބަސްވުމުގެ ދަށުން ފިޔަވަޅު އެޅޭނެ ހާލަތްތައް؛
  5. އެއްބަސްވުމާ ހިލާފުވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ތަފްސީލު.

66. ގައުމީ އިދާރާތަކުން ކައުންސިލް މެދުވެރިކޮށް ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުން

ގައުމީ އިދާރާއަކުން އެއްވެސް ކައުންސިލެއް މެދުވެރިކޮށް އެ އިދާރާއަކުން ފޯރުކޮށްދޭ ހިދުމަތެއް، އަތޮޅު ކައުންސިލެއް ނުވަތަ ސިޓީ ކައުންސިލެއް ނުވަތަ ރަށު ކައުންސިލެއް މެދުވެރިކޮށް ފޯރުކޮށްދޭން ނިންމައިފިނަމަ، އެ ހިދުމަތެއް އެ ކައުންސިލަކުން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ، އެ އިދާރާއަކުން ކައުންސިލްތަކަށް ދޭންވާނެއެވެ.

 

66-1. ބިދޭސީންނަށް ދޫކުރާ ވާރކް ވިޒާގެ މައުލޫމާތު އެންގުން

ސަރުކާރުގެ ކަމާގުޅޭ އިދާރާއަކުން ބިދޭސީއަކަށް ރަށެއްގައި ނުވަތަ ސިޓީއެއްގައި މަސައްކަތްކުރުމަށް ވާރކް ވިޒާ ދޫކޮށްފިނަމަ، އެ ވިޒާ ދޫކުރި ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަށް ލިޔުމަކުން އަންގަންވާނެއެވެ.

66-2. ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދިނުން

(ހ) ކައުންސިލްތަކުން އެކުލަވާލާ މުނިސިޕަލް ގަވާއިދުތައް ތަންފީޒުކުރުމުގައި، އެ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭ ފަރާތްތަކުން އެ ގަވާއިދުތަކަށް އަމަލުކުރަން އިއުތިރާޟްކުރާ ހާލަތުގައި ކައުންސިލްތަކަށް ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެއެވެ. އަދި ކައުންސިލުން އެފަދައިން އެހީތެރިކަމަށް އެދޭ ހާލަތުގައި ފުލުހުންގެ އެހީތެރިކަން ކައުންސިލްތަކަށް ފޯރުކޮށްދޭންވާނެއެވެ.

(ށ) ކައުންސިލްތަކަށް ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ އުސޫލުތައް، ފުލުހުންގެ މަށްވަރާއާއެކު މި ގާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

67. ކުއްލި ހާލަތްތަކުގައި ކައުންސިލްތަކަށް ސަރުކާރުން ދޭ އެހީ

މި ގާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭން ކަނޑައަޅާފައިވާ އެހީގެ އިތުރުން ކާރިސާއެއް ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ތަދުމަޑުކަމެއް ނުވަތަ ބަލިމަޑުކަމެއް މެދުވެރިވެއްޖެނަމަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން މާލީ، ފަންނީ ނުވަތަ އެހެނިހެން އެހީ ކައުންސިލްތަކަށް ފޯރުކޮށްދޭންވާނެއެވެ.

68. ސިޓީއެއްގައި ނުވަތަ ރަށެއްގައި ހިންގާ   ޕްރޮޖެކްޓްތައް

(ހ) އަތޮޅު ކައުންސިލުން ނުވަތަ ގައުމީ އިދާރާއަކުން ނުވަތަ ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ މަދަނީ ޖަމްޢިއްޔާއަކުން ނުވަތަ އެނޫންވެސް ފަރާތަކުން އިދާރީ ދާއިރާއެއްގައި އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކާ މަށްވަރާކުރަންވާނެއެވެ. އެގޮތުން ކުރެވޭ މަށްވަރާތަކުގައި ރަށާއި އިދާރީ ދާއިރާގައި ހުންނަ އެކަމާގުޅޭ އެންމެހައި މުއައްސަސާތައް ބައިވެރިވުމުގެ ފުރުސަތު ދޭންވާނެއެވެ.

(ށ) ގައުމީ އިދާރާއަކުން ނުވަތަ ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ މަދަނީ ޖަމްޢިއްޔާއަކުން ނުވަތަ އެނޫންވެސް ފަރާތަކުން އެއްވެސް އިދާރީ ދާއިރާއެއްގައި ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން އެކަމުގެ ސަބަބުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދަންޖެހޭނަމަ އެ ރިޕޯޓު ހެދުމަށްފަހު އެ ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދިނުމުގެ ކުރިން، އެ ޕްރޮޖެކްޓެއް ހިންގޭ ރަށް ނުވަތަ ސިޓީ ނިސްބަތްވާ ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި އެ ރިޕޯޓުގައިވާ ކަންކަމަށް ބިނާކޮށް ތިމާވެއްޓަށް ކޮށްފާނެ ކަމަށް ބެލެވޭ އަސަރުތަކުގެ މައުލޫމާތު   އެ ކައުންސިލާއެކު އެ ތަނަކުން ހިއްސާކުރަންވާނެއެވެ. އަދި ތިމާވެށްޓަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމަށް އަޅަން ގަސްތުކޮށްފައިވާ ފިޔަވަޅުތަކުގެ މައުލޫމާތުވެސް ކައުންސިލްތަކާއެކު ހިއްސާކުރަންވާނެއެވެ.

69. ސިޓީއެއްގައި ނުވަތަ ރަށެއްގެ ގައުމީ އިދާރާތަކުން ހިންގާ ޕީ.އެސް.އައި.ޕީ މަށްރޫއު

(ހ) ގައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ކަނޑަޅާ ޕީ.އެސް.އައި.ޕީ މަށްރޫއުގެ ތެރެއިން، އެ މަށްރޫޢެއްގެ އަގު 5 މިލިއަން ރުފިޔާއަށްވުރެ ދަށުގެ މަށްރޫއުތައް ހިންގަންވާނީ، އެ ރަށެއްގެ ނުވަތަ އަތޮޅެއްގެ ކައުންސިލް މެދުވެރިކޮށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) އެހެންއޮތްނަމަވެސް، ސިޓީއެއްގައި ނުވަތަ ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ގައުމީ އިދާރާއަކުން ކަނޑަޅާ 5 މިލިއަން ރުފިޔާއަށްވުރެ ބޮޑެތި ޕީ.އެސް.އައި.ޕީ މަށްރޫއުތައް އެ ގައުމީ އިދާރާއަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ހިންގުމަށް، ކައުންސިލަކާ ހަވާލުކުރެވިދާނެއެވެ.

(ނ) ގައުމީ އިދާރާތަކުން ސިޓީއެއްގައި ހިންގުމަށް ކަނޑަޅާ ޕީ.އެސް.އައި.ޕީ މަށްރޫއުތަކުގެ ތެރެއިން އަގުގެ ގޮތުން 15 (ފަނަރަ) މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން މަށްރޫއުތައް ހިންގަންވާނީ މި މާއްދާގައި ބުނެފައިވާ ގޮތުގެމަތިން    އެ ސިޓީއެއްގެ ކައުންސިލާ ހަވާލުކޮށްގެންނެވެ.

(ރ) މި މާއްދާގެ (ހ) އަދި (ށ) ގައި އެހެންއޮތްނަމަވެސް، ސިޓީއެއްގައި ނުވަތަ ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ގައުމީ އިދާރާއަކުން ކަނޑަޅާ، މި މާއްދާގެ (ހ) އަދި (ނ) ގައި ބުނެފައިވާ އަގަށްވުރެ ބޮޑު އަގުގެ ޕީ.އެސް.އައި.ޕީ މަށްރޫއުތައް އެ ގައުމީ އިދާރާއަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ހިންގުމަށް، ކައުންސިލަކާ ހަވާލުކުރެވިދާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގައުމީ އިދާރާއަކުން ސިޓީއެއްގައި ނުވަތަ ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ކަނޑައަޅާ ޕީ.އެސް.އައި.ޕީގެ މަށްރޫޢެއް ހިންގުމަށް ކައުންސިލާ ހަވާލުކުރަންވާނީ އެ މަށްރޫޢެއް ހިންގުމަށް ބޭނުންވާ އެންމެހައި ޕްލޭންތަކާއި ބަޖެޓު އެ އިދާރާއަކުން ތައްޔާރުކުމަށްފަހު، އެކަމަށް ބޭނުންވާ ފައިސާ ކައުންސިލަށް ދިނުމަށްފަހުގައެވެ.

 (ޅ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ގައުމީ އިދާރާއަކުން ކައުންސިލާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޕީ.އެސް.އައި.ޕީ މަށްރޫތައް ކައުންސިލުން ހިންގަންވާނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދައުލަތުގެ މާލިއްޔަތު ގަވާއިދާއި އަދި އެނޫންވެސް އެފަދަ މަށްރޫޢެއް ހިންގުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ އެންމެހައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

55 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 69 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް ބާބެއް އިތުރުކުރުން.

 

އަށްވަނަ ބާބު

 

އާންމު ހިދުމަތްތައް

 

69-1. އާންމު ހިދުމަތްތައް ފޯރުކޮށްދިނުން

 (ހ) ކޮންމެ ރަށެއް ނުވަތަ ސިޓީއެއްގައިވެސް އަންނަނިވި އާންމު ހިދުމަތްތައް، އެ ރަށެއް ނުވަތަ ސިޓީގެ ރައްޔިތުންނަށް، ކައުންސިލުން ފޯރުކޮށްދޭންވާނެއެވެ.

  1. ކަރަންޓުގެ ހިދުމަތް؛
  2. ފެނުގެ ހިދުމަތް؛
  3. ފާހާނާއާއި ނަރުދަމާގެ ހިދުމަތް.

 

(ށ) މި ގާނޫނުގެ 2-69 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައިވެސް އަދި ކައުންސިލުން އަމިއްލައަށް އާންމު ހިދުމަތެއް ނުވަތަ ހިދުމަތްތަކެއް ފޯރުކޮށްދޭ ހާލަތުގައިވެސް އެ ހިދުމަތްތައް ފޯރުކޮށްދޭންވާނީ، ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަމާގުޅޭގޮތުން އެކުލަވާލާފައިވާ ސިޔާސަތުތަކާއި މިންގަނޑުތަކާއި އަގުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

69-2. ތިންވަނަ ފަރާތެއް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދިނުން

(ހ) މި ގާނޫނުގެ 1-69 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހިދުމަތްތަކުގެ ތެރެއިން ހިދުމަތެއް ރަށެއްގައި ނުވަތަ ސިޓީއެއްގައި ފޯރުކޮށްދެނީ، ތިންވަނަ ފަރާތަކުން ކަމުގައިވާ ހާލަތުގައި، އެ ތިންވަނަ ފަރާތަކާއި ކައުންސިލާ ދެމެދު އެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ލިޔުމުން ވެވޭ އެއްބަސްވުމެއް އޮންނަންވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކުރާ އެއްބަސްވުމުގައި ހިމަނަންޖެހޭ ކަންކަން، ކަމާބެހޭ ސަރުކާރުގެ ވުޒާރާއިން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ތިންވަނަ ފަރާތެއް މެދުވެރިކޮށް އާންމު ހިދުމަތެއް ފޯރުކޮށްދޭ ހާލަތުގައިވެސް، އެ ހިދުމަތް ފޯރުކޮށްދިނުމުގައި އާންމުންނަށް ދިމާވާ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން ޖަވާބުދާރީވުމުގައި އެ ތިންވަނަ ފަރާތުން ކައުންސިލަށް އެއްބާރުލުން ދޭންވާނެއެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ތިންވަނަ ފަރާތްތައް މެދުވެރިކޮށް ކައުންސިލްތަކުގައި ފޯރުކޮށްދެމުންގެންދާ އާންމު ހިދުމަތްތަކާ ގުޅޭގޮތުން އެފަރާތާއި ކައުންސިލާ ދެމެދު، އެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި އެ ހިދުމަތް ފޯރުކޮށްދިނުމުގައި އެއްބާރުލުން ދޭނެ ގޮތްތައް ބަޔާންކޮށް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.

69-3. އިންޖީނުގެއާއި ޕްލާންޓްތައް ގާއިމުކުރުން

 (ހ) އެއްވެސް ރަށެއްގައި ނުވަތަ ސިޓީއެއްގައި އާންމު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ހަދަންޖެހޭ އިންޖީނުގެއާއި ފެން ޕްލާންޓާއި ސުވަރޭޖް ޕްލާންޓާއި އެނޫންވެސް އެފަދަ ތަންތަން ހަދަންވާނީ، އެ ރަށެއް ނުވަތަ ސިޓީއެއްގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅޭ ތަނެއްގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައެޅޭ ތަނަކީ، އާންމު ދިރިއުޅުމަށް އޭގެ ސަބަބުން އުނދަގޫ ނުފޯރާނެ ތަންތަން ކަމުގައި ކަނޑައެޅުމަށް އިސްކަންދޭންވާނެއެވެ.

(ނ) ތިންވަނަ ފަރާތެއް މެދުވެރިކޮށް އާންމު ހިދުމަތެއް ދޭ ހާލަތުގައި އެ ފަރާތަކުން  މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތަންތަން ގާއިމުކޮށް، ހިދުމަތް ދިނުމަށްޓަކައި ގާއިމުކުރަންޖެހޭ އެނޫންވެސް ވަސީލަތްތައް ގާއިމުކުރުމަށް ކައުންސިލްތަކުން އެއްބާރުލުން ދޭންވާނެއެވެ.

(ރ) ތިންވަނަ ފަރާތަކުން އާންމު ހިދުމަތެއް ދިނުމަށްޓަކައި ކައުންސިލަކުން ހުއްދަދީގެން މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ތަނެއް ހަދަން ފެށުމަށްފަހު ނުވަތަ ހަދައި ނިމުމަށްފަހު، އެ ތަން އަނބުރާ ކައުންސިލަށް ނެގޭނީ، އާންމުވެގެންވާ މަންފާއަކަށްޓަކައި، އެތަނަކަށް އެކަށީގެންވާ ބަދަލެއް ދިނުމަށްފަހުގައެވެ.

 

56 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 70 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

70. ކައުންސިލްތަކުން ވިޔަފާރިކުރުން

(ހ) ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ.

(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ     (ހ) ގެ ބޭނުމަށްޓަކައި، ކައުންސިލްތަކުން ވިޔަފާރިކުރުމަށްޓަކައި މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ''ލޯކަލް އޮތޯރިޓީ ކުންފުނި'' އުފައްދައި ހިންގިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުންފުނި އެންމެ ހިއްސާދާރެއްގެ މައްޗަށް ވަކި ކައުންސިލަކުން ނުވަތަ ގިނަ ކައުންސިލްތަކެއް އެކުވެގެން ގިނަ ހިއްސާދާރުންގެ މައްޗަށް އެކުލެވޭގޮތަށްވެސް އުފެއްދިދާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ބާވަތުގެ ކުންފުނީގެ މައްޗަށް ހިނގާނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 95 ވަނަ މާއްދާގައި ބަޔާންކުރާ ކުންފުނިތަކަށް ހިނގާ އުސޫލެވެ.

(ބ) ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރެވޭނެ ވިޔަފާރިތަކުގައި އަމަލުކުރަންޖެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

57 ބުނެވިދިޔަ ގާނޫނުގެ 70 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

70-1. އަމިއްލަ ފަރާތަކާއެކު ވިޔަފާރިއެއްގައި ހިއްސާވުން

 

(ހ) ރަށުގެ ތަރައްގީގެ ޕްލޭންގައިވާ މަގްސަދެއް ހާސިލުކުރުމަށްޓަކައި އަމިއްލަ ފަރާތަކާއެކު ކައުންސިލަށް ވިޔަފާރިއެއްގައި ބައިވެރިވެ، ކުންފުންޏެއް އުފެއްދިދާނެއެވެ.

(ށ) މި ގާނޫނުގެ 70 ވަނަ މާއްދާއާއި، މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ކައުންސިލަކުން ދިނުން މި ގާނޫނުން ލާޒިމުކުރާ ހިދުމަތެއް ދިނުމަށް، ނުވަތަ ރަށުގެ ތަރައްގީގެ ޕްލޭންގައިވާ މަގްސަދެއް ހާސީލުކުރުމަށްޓަކައި މެނުވީ ކައުންސިލަކުން އެއްވެސް ފަރާތަކާއެކު ވިޔަފާރިއެއްގައި ބައިވެރިވެ، އެއްވެސް ވިޔަފާރިއެއް ކޮށްގެންނުވާނެއެވެ.

(ނ) ރަށެއްގެ އިގްތިސާދީ ހަރަކާތްތައް ކުރިއެރުވުމަށްޓަކައި، ކައުންސިލަކުން ދިނުން   މި ގާނޫނުން ލާޒިމުކުރާ ހިދުމަތެއް ދިނުމަށްޓަކައި އަމިއްލަ ފަރާތަކާއެކު ހިންގޭ ވިޔަފާރިއެއްގައި ކައުންސިލްގެ ހިއްސާ 20 (ވިހި) އިންސައްތައަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ކައުންސިލްތަކުން އަމިއްލަ ނަމުގައި ވިޔަފާރި ކުރަމުންދާނަމަ، އެފަދަ ވިޔަފާރިތަކާމެދު އަމަލުކުރެވޭނެ ގޮތުގެ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން ހަދައި އާންމުކުރަންވާނެއެވެ.

 

58  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ނުވަވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ނުވަވަނަ ބާބު 

ކައުންސިލްގެ މުދަލާއި އާމްދަނީ ހޯދުމުގެ ވަސީލަތްތަކާއި ލޯނު ނެގުން

 

59 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 75 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

75. ކައުންސިލްތަކުން ފީއާއި ކުލި ނެގުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ކަނޑައަޅައި، އެ ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންވެއެވެ. އެގޮތުން ނަގާ ފީ ނުވަތަ ކުލި ކަނޑައަޅަންވާނީ އެ ކައުންސިލް ނިސްބަތްވާ ރަށް ނުވަތަ ސިޓީގެ ރައްޔިތުންނާ މަށްވަރާކުރުމަށްފަހު ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފުނުވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލްތަކަށް ފީއާއި ކުލި ނެގޭނެ ދާއިރާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ކަރަންޓުގެ ހިދުމަތަކީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތެއްނަމަ ނަގަންޖެހޭ މަހު ފީ؛
  2. ފެނާއި ނަރުދަމާގެ ހިދުމަތަކީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތެއްނަމަ ނަގަންޖެހޭ މަހު ފީ؛
  3. މުވާސަލާތީ ހިދުމަތަކީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތެއްނަމަ ނަގަންޖެހޭ މަހު ފީ؛
  4. ކުނި ޖަމާކޮށް ރައްކާތެރި ގޮތުގައި ނައްތާލުމަކީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތެއްނަމަ ނަގަންޖެހޭ މަހު ފީ؛
  5. ރަށުގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ އަހަރީ ފީ؛
  6. އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ފީ؛
  7. ކައުންސިލްގެ ސަރަހައްދުގައި އެއްޗެހި އުފައްދައި ވިއްކުމާއި ވިޔަފާރިއާއި ފިހާރައާއި މާރުކޭޓް ގޮޅީގެ އަހަރީ ފީ؛
  8. ޑައިވްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ޑައިވްކުރުމުގެ ފީ؛
  9. ކުއްޔަށް ދޫކުރެވިފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލި؛
  10. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްރަށާއި ފިނޮޅާއި ހާހަލާއި ގިރީގެ ކުލި؛
  11. ގޮއިފާލައްބައާއި ހިންނަ ފަދަ ތަންތަނުގެ ކުލި؛
  12. ކައުންސިލްގެ ޢިމާރާތްތަކާއި މުދަލުގެ ކުލި؛
  13. ކަނޑަށް ޖައްސާ ބޯޓުފަހަރަށް ކަނޑައެޅިފައިވާ ޕްލެޓްފޯމަށާއި ސަރަހައްދަށް ނެގޭ ކުލި؛
  14. ބަނދަރު ބޭނުންކުރުމަށް (ފައްތިއާ، މުދާ އަރުވައި ބޭލުން)  ނަގާ ކުލި؛
  15. ނޭޗަރ ޕާކުން ލިބޭ ކުލި؛ އަދި
  16. މި މާއްދާގައި ބަޔާންކޮށްފައިވާ ފީގެ އިތުރުންވެސް ކައުންސިލުން ދޭ ހިދުމަތަކާ ގުޅިގެން އެ ކައުންސިލުން ކަނޑައަޅާ ފީ.

(ނ) މި މާއްދާގެ (ށ) ގެ (9) ވަނަ ނަންބަރު އަދި (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބިމާއި ފަޅުރަށްރަށާއި ފިނޮޅާއި ފަޅާއި ފަރާއި ހާހަލާއި ގިރީގެ ސަރަހައްދުތަކުގެ ތެރެއިން ކައުންސިލަށް ކުލި ނެގުމުގެ ބާރު ލިބިގެންވަނީ، ގައުމީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ސަރުކާރަށް ނަގާފައިވާ އެފަދަ ސަރަހައްދުތައް ފިޔަވައި އެނޫން ސަރަހައްދުތަކުންނެވެ.

 

60 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 78 ވަނަ މާއްދާ އުނިކުރުން.

 

61 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 79 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

79. ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ

(ހ) ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ އޮފީސްތައް ހިންގުމަށާއި، ކައުންސިލްތަކުން ދޭ ހިދުމަތްތައް ދިނުމަށާއި، ކައުންސިލްތަކުން ތަރައްގީއަށް ހިންގާ މަށްރޫއުތަކަށް ހަރަދުކުރުމަށް، މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ އުސޫލަށް ރިއާޔަތްކޮށް، މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ހުރިހާ ކައުންސިލަކަށް ބެހިގެންދާގޮތަށް އަންނަނިވި ގޮތުގެމަތިން ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދޫކުރަންވާނެއެވެ.

  1. ސަރުކާރުން ކޮންމެ އަހަރަކުމެ ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނައި، ބަޖެޓު ފާސްވުމުން، ފާސްވި ބަޖެޓާ އެއްގޮތަށް ދައުލަތުގެ އެ އަހަރެއްގެ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރުގެ މަދުވެގެން %5 (ފަހެއް އިންސައްތަ) އާ އެއްވަރުގެ އަދަދެއްގެ ފައިސާ އަދި،
  2. ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 40% (ސާޅީސް އިންސައްތަ) އަށްވާ ފައިސާ.

(ށ) މި ގާނޫނުގެ 79 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފައިސާގެ ތެރޭގައި ބުނެވުނު ހިލޭ އެހީގެ ފައިސާދިނުމުގައި އާމްދަނީގެ ގޮތުގައި ބަލާ މިންވަރުގެ ތެރޭގައި ވަކިކަމަކަށް ކަނޑައެޅިފައިވާ އާމްދަނީއާއި އެ އަހަރު އާމްދަނީ އިތުރުކުރަން ހުށަހަޅާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި ބިމާއި، ރަށްރަށާއި، ފަޅާއި، ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީ ނުހިމެނޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް،   އެ މާއްދާގައި ބަޔާންކުރާ އާމްދަނީ ކައުންސިލްތަކަށް ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ޓެކުހަކަށްވާ ފައިސާ އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.

(ރ) ކައުންސިލްތަކުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ ފައިސާ، އެ އަހަރެއްގެ ތެރޭގައި ދައުލަތުގެ ކޭށްފްލޯއަށް ބަލައި، އެ ކައުންސިލްތަކަށް ދޫކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިސްކަލް ފޯމިއުލާ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާނީ އަންނަނިވި ކަންކަމަށް ރިއާޔަތްކޮށެވެ.

  1. ރަށު ނުވަތަ ސިޓީ ކައުންސިލްގެ އާބާދީ؛
  2. ރަށުގެ ބިމާއި ބަނދަރާއި ފަޅުން ބޭނުންހިފާ ސަރަހައްދު؛
  3. އިދާރީ ދާއިރާގައި ހިމެނޭ މީހުން އުޅޭ ރަށްރަށުގެ އަދަދު؛
  4. ކައުންސިލްތަކުން ހިންގާ ބަލަހައްޓާ ހިދުމަތްތައް ދިނުމަށާއި، ތަރައްގީގެ  މަށްރޫއުތަކަށް ކުރަންޖެހޭ ހަރަދު؛
  5. އިދާރީ ދާއިރާގެ މަރުކަޒީ ރަށްރަށާއި މުޅި ދާއިރާއަށް ނިސްބަތްވާގޮތަށް ހިދުމަތްތައް ގާއިމުކޮށްފައިވާ ރަށްރަށަށް، ދާއިރާގެ އެހެން ރަށްރަށުން ހުރި ދުރުމިން؛
  6. ކައުންސިލަށް ލިބޭ އާމްދަނީ؛
  7. ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ހައްގުތަކެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 23 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިގްތިސާދީ އަދި އިޖްތިމާޢީ ހައްގުތައް ރައްޔިތުންނަށް ހޯދައިދިނުމަށް ދައުލަތުން މަސައްކަތްކުރުމުގައި، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ހަމަހަމަވާ ގޮތެއްގައި ރައްޔިތުންނާ ހަމައަށް ތަރައްގީ ގެނެސްދިނުމުގެ އުސޫލުން، އެ ރަށަކަށް، އެ ސިޓީއަކަށް، އަދި އެ އިދާރީ  ދާއިރާއަކަށް ލިބިދޭންޖެހޭ ތަރައްގީގެ ފުރުސަތު ލިބިދިނުން.

(ޅ) މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިސްކަލް ފޯމިއުލާ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސްއިން އެކުލަވާލާ ފިސްކަލް ފޯމިއުލާއަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު އެ މިނިސްޓްރީއަށް ލިބިގެންވެއެވެ.

(އ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލްތަކަށް ދެވޭ ހިލޭ އެހީގެ ފައިސާ ބޭނުންކުރުމުގައި ކައުންސިލްތަކުން އަމަލުކުރަންވީ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ވ) މި މާއްދާގެ ދަށުން ކައުންސިލްތަކަށް ދޫކުރާ ފައިސާ ދައުލަތުގެ މާލީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުން އެ ކައުންސިލަކަށް ދޫކޮށްފައިވާ ބަޖެޓުގައި ކަނޑައަޅާފައިވާ ކޮންމެ ކަމަކަށް ބޭނުންކުރުމުގެ ފުރިހަމަ މިނިވަންކަން ކައުންސިލްތަކަށް ލިބިގެންވެއެވެ.

(މ) މި މާއްދާގެ (ޅ) ގެ ދަށުން އެކުލަވާލާ ގަވާއިދުގައި ކައުންސިލްތަކަށް މި ގާނޫނުގެ ދަށުން ދެވޭ ހިލޭ އެހީގެ ފައިސާއާ ގުޅިގެން އުފެދޭ އިދާރީ އަދި މާލީ ޒިންމާތަކާއި އެ ފައިސާ ހަރަދުކުރެވޭނެ ކަންތައްތަކާއި، އަދި ފައިސާ ހަރަދުކުރި ގޮތުގެ ރިޕޯޓު މިނިސްޓްރީއަށް ހުށަހެޅުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

62 ބުނެވިދިޔަ ގާނޫނުގެ 79 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

79-1. ދައުލަތުގެ ވުޒާރާތަކުންދޭ ހިދުމަތްތަކުގެ ތެރެއިން ކައުންސިލުން ދޭ ހިދުމަތްތައް

(ހ) ކައުންސިލްތަކަށް ދޫކުރެވޭ ފައިސާގެ ނިސްބަތުން، ދައުލަތުގެ ވުޒާރާއަކުން ދެމުންގެންދިޔަ ހިދުމަތެއްދިނުމުގެ ޒިންމާތައްވެސް ކައުންސިލްތަކަށް ބަދަލުކުރަންވާނެއެވެ. މިގޮތުން ދައުލަތުގެ ވުޒާރާއަކުން ދެމުންގެންދިޔަ ހިދުމަތެއް ކައުންސިލަކަށް ބަދަލުކުރުމުގެ ސަބަބުން އެ ވުޒާރާގެ މުވައްޒަފުން ކައުންސިލްތަކަށް ބަދަލުވުމުގެ އިންތިޒާމް ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ކައުންސިލްތަކުގެ ދަށަށް ބަދަލުކުރާނެ މަސައްކަތްތަކާއި، އެ މަސައްކަތްތައް ކައުންސިލްތަކާ ހަވާލުކުރާނެ އުސޫލު އެކަށައަޅާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާއާއެކު، ގައުމީ އިދާރާއިންނެވެ.

 

63 ބުނެވިދިޔަ ގާނޫނުގެ 81 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

81. ކައުންސިލްތަކަށް މާލީ އިދާރާތަކުން ލޯނު ހޯދުން

(ހ) ކައުންސިލުން އެކަށައަޅާ ތަރައްގީގެ ޕްލޭންގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ މަށްރޫއުއަކަށް ނުވަތަ މަށްރޫއުތަކަކަށް ރާއްޖެއިން ބޭރުގެ ބޭންކެއް ނުވަތަ މާލީ އިދާރާއަކުން ގާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލޯނު ނެގިދާނެއެވެ.

(ށ) ކައުންސިލަކުން މި މާއްދާގެ ދަށުން އެއްވެސް ބޭންކަކުން ނުވަތަ އިދާރާއަކުން ލޯނު ނަގާނަމަ، އެ ލޯނަކަށް ދައްކަންޖެހޭ ފައިސާ ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ކައުންސިލްގެ ބަޖެޓުގައި ހިމަނަންވާނެއެވެ.

(ނ) ކައުންސިލަކުން މި މާއްދާގެ ދަށުން އެއްވެސް ބޭންކަކުން ނުވަތަ އިދާރާއަކުން ލޯނުނަގަންވާނީ ގާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި ގާނޫނު ނަންބަރު 2013/7 (ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު) ގައިވާ ގޮތުގެމަތިންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކައުންސިލަކުން ނަގާ ލޯނުތަކަށް އެ ލޯނު ނަގާ ބޭންކަކަށް ނުވަތަ އިދާރާއަކަށް ދައުލަތުގެ ނަމުގައި ގެރެންޓީ ދިނުން އެ ބޭންކަކުން ނުވަތަ އިދާރާއަކުން ށަރުތުކުރާނަމަ އެފަދަ ގެރެންޓީއެއް މާލީ އޮނިގަނޑާއި، ގާނޫނީ ނިޒާމާއި އުސޫލުގެ ތެރެއިން ދައުލަތުން ހަމަޖައްސަންވާނެއެވެ.

 

64 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 100 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

100. ބޭންކް އެކައުންޓް

(ހ) ކޮންމެ ކައުންސިލަކަށްވެސް އެ ކައުންސިލްއެއްގެ ނަމުގައި ބޭންކު އެކައުންޓެއް ހުޅުވުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ށ) ކައުންސިލަކުން ބޭންކް އެކައުންޓެއް ހުޅުވައިފިނަމަ، ބޭންކް އެކައުންޓުގެ ތަފްސީލު މައުލޫމާތު މާލީ ކަންތައްތަކާގުޅޭ ގައުމީ އިދާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ކޮންމެ ކައުންސިލަކުންވެސް ފޮނުވަންވާނެއެވެ.

 

65 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 102 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

102. ހިސާބުތައް ހުށަހެޅުން

(ހ) ރަށު ކައުންސިލްގެ އާމްދަނީއާއި ހަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، އަތޮޅު ކައުންސިލަށް، ރަށު ކައުންސިލްގެ ރައީސް ހުށަހަޅަންވާނެއެވެ.

(ށ) ރަށު ކައުންސިލްތަކުން ފޮނުވާ އެ ކައުންސިލްތަކުގެ އާމްދަނީއާއި ހަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، އަތޮޅު ކައުންސިލްތަކަށް ލިބޭތާ  3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އަތޮޅު ކައުންސިލްތަކުން އެ މައުލޫމާތު އާންމުކުރަންވާނެއެވެ.

(ނ) ރަށާއި އަތޮޅު ކައުންސިލްގެ އާމްދަނީއާއި ހަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް، އަތޮޅު ކައުންސިލްގެ ރައީސް ހުށަހަޅަންވާނެއެވެ.

(ރ) އަވަށު އޮފީސްތަކުގެ އާމްދަނީއާއި ހަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، ސިޓީ ކައުންސިލަށް، ބޯޑުގެ ރައީސް ހުށަހަޅަންވާނެއެވެ.

(ބ) ސިޓީ ކައުންސިލްގެ އާމްދަނީއާއި ހަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް، ސިޓީ ކައުންސިލްގެ ރައީސް ހުށަހަޅަންވާނެއެވެ.

(ޅ) ސިޓީ ކައުންސިލްގެ އާމްދަނީއާއި ހަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ ސިޓީ ކައުންސިލަކުން އާންމުކުރަންވާނެއެވެ.

 

66 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 106 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

106-1. ރައްޔިތުންގެ މަޖިލީހަށް ރިޕޯޓު ހުށަހެޅުން

(ހ) ކޮންމެ ކައުންސިލަކުންވެސް އެ ކައުންސިލަކުން ހިންގާފައިވާ ހަރަކާތްތަކާއި، ކައުންސިލަށް ލިބުނު އާމްދަނީއާއި، ހަރަދުގެ ތަފްސީލު އެނގޭނެ ރިޕޯޓު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަހަރަކު އެއްފަހަރު ހުށަހަޅަންވާނެއެވެ.

 (ށ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލްތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅާ ރިޕޯޓުތަކަށް ބިނާކޮށް، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކުން މަސައްކަތްކޮށްފައިވާ ގޮތް އެނގޭނެ ރިޕޯޓެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައި ކޮންމެ އަހަރަކު އެއްފަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

67 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 107 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާތައް އިތުރުކުރުން.

107-1. ރައްޔިތުންނާ މަށްވަރާކުރުން

(ހ) މި ގާނޫނުގެ ދަށުން ރަށާއި ސިޓީ ކައުންސިލުން އެކުލަވާލަންޖެހޭ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންއާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ރައްޔިތުންނާ މަށްވަރާކުރަންވާނެއެވެ.

(ށ) ރަށެއް ނުވަތަ ސިޓީއެއް ހިންގުމުގައި ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ކައުންސިލްތަކުން ރައްޔިތުންނާ މަށްވަރާކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ މަގްސަދު ހާސިލުކުރުމަށްޓަކައި، މަދުވެގެން ކޮންމެ 4 (ހަތަރެއް) މަހަކުން އެއްފަހަރު ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ބައްދަލުވުންތަކުގެ އިތުރުން، އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބަޔެއްގެ އެދުމުގެ މަތިން އެފަދަ ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް ކައުންސިލަށް ހުށަހަޅައިފިނަމަ، އެފަދަ ބައްދަލުވުމެއް ބޭއްވޭނެ އިންތިޒާމު، އެ ކައުންސިލަކުން ހަމަޖައްސައިދޭންވާނެއެވެ. އަދި ހުށަހަޅާ މައްސަލައެއްގެ ކުޑަބޮޑު މިނަށް ބަލައި، ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެ ބައްދަލުވުން ބާއްވަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައި ރައްޔިތުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ކައުންސިލްތަކުން ހަމަޖައްސައިދިނުމުގައި އެ ކައުންސިލްތަކުން އަމަލުކުރާނެ އުސޫލުތަކާއި، އެފަދަ ބައްދަލުވުން ކުރިއަށް ގެންދާނެ ގޮތާއި، އެކި ކަންކަމުގައި ވޯޓަށް އެހުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު، މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވަގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ ކައުންސިލަކުންވެސް އެކުލަވާލައި އާންމުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) އަދި (ރ) ގެ ދަށުން ބާއްވާ ބައްދަލުވުން ބޭއްވުމުގެ މަދުވެގެން 5 (ފަހެއް) ދުވަހުގެ ކުރިން، އެ ބައްދަލުވުން އޮންނާނެ ތަނާއި، ތާރީހާއި، ވަގުތާއި، ބައްދަލުވުމުގެ އެޖެންޑާ ކައުންސިލުން އާންމުކުރަންވާނެއެވެ.

(ކ) ކައުންސިލުން މި މާއްދާގެ ދަށުން ބާއްވާ ބައްދަލުވުންތަކުގައި ވަކި އަދަދެއްގެ ރައްޔިތުން ބައިވެރިވުން މި ގާނޫނު ލާޒިމެއް ނުކުރެއެވެ.

(އ) ކައުންސިލުން މި މާއްދާގެ ދަށުން ބާއްވާ ބައްދަލުވުންތަކުގައި ރައްޔިތުންގެ މަށްވަރާ ހޯދުމަށްފަހު، އެ ބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ، އެ ބައްދަލުވުން ބާއްވާ ތާރީހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ. 

107-2. ރަށުގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލުން

 (ހ) މި ގާނޫނުގެ ދަށުން އަލަށް އެކުލަވާލެވޭ ކައުންސިލްތަކުގެ އިންތިހާބަށްފަހު، އިންތިހާބުކުރެވޭ މެންބަރުން މަގާމާ ހަވާލުވުމަށްފަހު 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއެކު، އެ ރަށެއްގެ ރަށުގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން އެކުލަވާލެވޭ ލޭންޑް ޔޫސް ޕްލޭން ސަރުކާރުގެ ކަމާގުޅޭ އިދާރާއަށް ހުށަހަޅައި ފާސްކުރުމަށްފަހު އެ ރަށެއްގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންއަށް އަމަލުކުރަން ފަށަންވާނީ މި ގާނޫނުގައި ބުނެފައިވާ ގޮތުގެމަތިން ރައްޔިތުންނާއެކު ބޭއްވޭ ބައްދަލުވުމުގައި އެ ރަށުގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންއަށް އަމަލުކުރުމަށް ފާސްވުމުންނެވެ. އަދި ރަށުގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންއަށް އެއްވެސް ބަދަލެއް ގެންނަ ކޮންމެ ފަހަރަކު މި މާއްދާގައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

(ނ) ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށްފަހު ފާސްކުރުމަށްޓަކައި ގައުމީ އިދާރާއަށް ހުށަހަޅާތާ ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ ރަށުގެ ލޭންޑް ޔޫސް ޕްލޭންއަކަށް އެ އިދާރާއިން ހުއްދަދޭންވާނެއެވެ. މި މާއްދާގައި ބުނެވުނު މުއްދަތު ފާއިތުވާއިރު، އެ ލޭންޑް ޔޫސް ޕްލޭންއާ ގުޅޭގޮތުން ވަކި ކަމެއް ރަނގަޅުކުރުމަށް އެ އިދާރާއިން އަންގާފައިނުވާނަމަ، ރަށުގެ ލޭންޑް ޔޫސް ޕްލޭންއެއް ފާސްވީކަމުގައި ބަލަންވާނެއެވެ.

(ރ) ކައުންސިލްތަކުން އެކުލަވާލާ ލޭންޑް ޔޫސް ޕްލޭންގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ބ) ރަށުގެ ތަރައްގީގެ ޕްލޭން ފާސްކުރާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

  1. އެ ރަށެއްގައި ހުރި ގަސްގަހާގެހީގެ އަދަދާއި، ގަސްތައް ހުރި ސަރަހައްދު.
  2. ޙިމާޔަތްކުރެވޭ ސަރަހައްދު.
  3. ހިއްކާފައިވާ ސަރަހައްދުތަކާއި، ހިއްކެން އޮތް ސަރަހައްދާއި، އެ ސަރަހައްދެއްގެ ބޭނުން ހިފާނެ ގޮތް.
  4. އެ ރަށެއްގެ އެކި ސަރަހައްދުތަކުގެ ބިމުގެ އަގު.
  5. ހިއްކާ ބިންތަކުގައި ރުއްގަސް ހުންނަންޖެހޭ މިންވަރު.

(ޅ) ރަށުގެ ލޭންޑް ޔޫސް ޕްލޭން ތަންފީޒުކުރާނީ ރަށު ކައުންސިލުންނެވެ.

 

68 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 112 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

112. ކައުންސިލްގެ އާންމު ބައްދަލުވުންތައް

ތިރިގައިވާ ގޮތުގެމަތިން، ރަށު އަދި ސިޓީ ކައުންސިލްތަކުން ކޮންމެ ހަފްތާއަކު އެއްފަހަރު އަދި އަތޮޅު ކައުންސިލްތަކުން މަހަކު އެއްފަހަރު ކައުންސިލްގެ ތާވަލުކުރެވިފައިވާ އާންމު ބައްދަލުވުމެއް ބާއްވަންވާނެއެވެ.

(ހ) ކައުންސިލްގެ އާންމު ބައްދަލުވުން ބޭއްވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ބައްދަލުވުމުގެ އެޖެންޑާ ކައުންސިލްގެ ރައީސް މެންބަރުންނަށް ލިޔުމުން ފޮނުވަންވާނެއެވެ.

(ށ) އާންމު ބައްދަލުވުންތަކުގައި މަށްވަރާކުރެވޭނީ ސަރުކާރުގެ އޮފީސްތަކުންނާއި ކައުންސިލްގެ މެންބަރުންނާއި ކައުންސިލްގެ އިދާރާއިން މަށްވަރާކުރުމަށް ހުށަހަޅާ ކަންތައްތަކެވެ. އަމިއްލަ ފަރާތްތަކުން ކައުންސިލަށް ފޮނުވާ ކަންތައްތައް ހުށަހަޅަންވާނީ ކައުންސިލްގެ އިދާރާ މެދުވެރިކޮށެވެ.

(ނ) ކައުންސިލަށް ހުށަހެޅޭ ހުރިހާ ކަންތައްތަކެއް ތަރުތީބުން ކައުންސިލްގެ ރައީސް އެޖެންޑާކުރަންވާނެއެވެ.

 

69 ބުނެވިދިޔަ ގާނޫނުގެ 118 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

118.ކައުންސިލްގެ ޑެޕިއުޓީ މޭޔަރާއި ނައިބުރައީސް މަގާމުން ދުރުކުރުން

ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނުވަތަ ނައިބުރައީސްގެ މައްޗަށް އިތުބާރުނެތް ކަމަށް ކައުންސިލްގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފިނަމަ، އެމީހަކު މަގާމުން އިސްތިއުފާދޭންވާނެއެވެ. ޑެޕިއުޓީ މޭޔަރު ނުވަތަ ނައިބުރައީސްކަމުގެ މަގާމުން ކައުންސިލްގެ މެންބަރަކު ވަކިކުރެވުނު ނަމަވެސް އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.

 

70 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 126 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

126. ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް

(ހ) ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ލަފަޔާއެކު، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަންކުރާނީ ސިވިލް ސަރވިސް ކޮމިށަނުންނެވެ.

(ށ) ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ކައުންސިލްގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލް ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން؛
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ރިޕޯޓުކޮށް ޖަވާބުދާރީވުން؛
  3. ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުސޫލުތައް ތަންފީޒުކުރުން؛
  4. ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ހިދުމަތްތައް ކައުންސިލްގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެ ހިދުމަތްތައް ފޯރުކޮށްދިނުން؛
  5. ކައުންސިލްގެ މަސައްކަތްތަކާއި ހަރަކާތްތަކާއި އިންސާނީ ވަސީލަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށާއި ކައުންސިލަށް ލަފާދިނުން؛
  6. ކައުންސިލުން ކުރާ މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން؛
  7. ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓާއި ރިޕޯޓުތައް ތައްޔާރުކުރުމާއި ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ތަންފީޒުކުރުން؛
  8. ކައުންސިލްގެ މަސައްކަތްތައް ތަރައްގީކޮށް ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ފަންނީ ދިރާސާތައްކޮށް، އޭގެ އަލީގައި ކައުންސިލްގެ ހިދުމަތްތަކާއި މަސައްކަތްތައް ތަރައްގީކުރުމަށް ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ލަފާދިނުން؛
  9. ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ބޭނުމަށް، ކައުންސިލްގެ ރައީސް ނުވަތަ މޭޔަރުގެ ލަފާގެމަތިން، ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން.

 

71 ބުނެވިދިޔަ ގާނޫނުގެ 131 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް ބާބެއް އިތުރުކުން.

ތޭރަވަނަ ބާބު

 

ކައުންސިލްގެ މެންބަރުންގެ ސުލޫކީ މިންގަނޑު

131-1. މަސައްކަތުގައި ގެންގުޅެންޖެހޭ އާންމު ސުލޫކު

ކައުންސިލްތަކުގެ މެންބަރުންގެ ގޮތުގައި އިންތިހާބުކުރެވޭ މީހުންނަކީ އަންނަނިވި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، އެ އުސޫލުތައް ނަގަހައްޓާނެ މީހުން ކަމުގައި ވާންވާނެއެވެ.

(ހ) ގާނޫނުން ކައުންސިލްތަކާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކަށް އަހުލުވެރިވެފައިވާ ބަޔަކަށްވުން؛

(ށ) ކައުންސިލްގެ ތަސައްވުރު ކާމިޔާބުކަމާއެކު ހާސިލުކުރުމަށްޓަކައި އިހްލާސްތެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުން؛

(ނ) ކައުންސިލްގެ ހިދުމަތް ލިބިގަންނަ މީހުންނާ މުއާމަލާތު ކުރުމުގައި އިހްލާސްތެރިކަމާއި އަބުރުވެރިކަމާއެކު ކައުންސިލްގެ ހިދުމަތުގެ ދާއިރާގައި އަމަލުކުރެވޭ ހަމަތަކުގެ ތެރޭގައި، ފަރުވާތެރިކަމާއެކު ހިދުމަތްދޭ ބަޔަކަށްވުން؛

(ރ) ކައުންސިލްގެ ހައިސިއްޔަތާއި ގަދަރު ދެމެހެއްޓުމުގެ ގޮތުން ހިފަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ބަޔަކަށްވުން؛

(ބ) ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ މުދަލަށް ރައްކާތެރިވާ ބަޔަކަށްވުން؛

(ޅ) ކައުންސިލްގެ މުދަލާއި ވަސީލަތްތަކާއި ހިދުމަތްތައް ބޭނުންކުރުމުގައި އިގްތިސާދުކުރުމާއެކު، އެންމެ ފައިދާހުރި ގޮތުގައި، ރަސްމީ ބޭނުންތަކަށް ނުވަތަ ހުއްދަ ކުރެވިފައިވާ ބޭނުންތަކަށް އެ އެއްޗެހި ބޭނުންކުރާ ބަޔަކަށްވުން؛

(ކ) ކައުންސިލްގެ އިދާރާގެ ރަސްމީ ވަގުތުތައް، ރަސްމީ ވާޖިބުތައް އަދާކުރުމަށް ހޭދަކުރާ ބަޔަކަށްވުން.

 

131-2. ކައުންސިލްގެ މެންބަރުން ކޮށްގެންނުވާނެ ކަންކަން

ކައުންސިލެއްގެ އެއްވެސް މެންބަރަކު އޭނާ އަދާކުރަމުންދާ މަގާމާ ގުޅޭގޮތުން ނުވަތަ އޭނާ އެ މަގާމުގައި އަދާކުރާ ވާޖިބުތަކާ ގުޅޭގޮތުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްގެންނުވާނެއެވެ.

(ހ) ކައުންސިލްގެ އިދާރީ ހިންގުން ނުވަތަ ހިދުމަތެއް ހުއްޓާލުން ނުވަތަ ހުއްޓުވާލުން ނުވަތަ ހުއްޓުވާލުމަށް މަސައްކަތްކުރުމާއި، އަދި އެއިން ކަމަކަށް ބުރޫއަރާފަދަ އަމަލުތަކާއި، ކައުންސިލްގެ މަސްލަހަތު ގެއްލޭފަދަ އަމަލުތަކާއި، ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލޭފަދަ އަމަލެއް ކުރުން؛

(ށ) ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުން؛

(ނ) އަމިއްލަ ނުވަތަ އާންމު ފަރާތްތަކަށް ކައުންސިލުން ދޭ ހިދުމަތަކާ ގުޅޭގޮތުން،    އެ ހިދުމަތުގެ ބަދަލެއްގެ ގޮތުން އެއްވެސް ފަރާތަކުން ދޭ އެއްވެސް އެއްޗެއް ގަބޫލުނުކުރުން؛

(ރ) ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުން އެއްވެސް އަމަލެއްކުރުން؛

(ބ) އެއްވެސް ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ އަމިއްލަ ބޭނުމެއް ހާސިލުކޮށްދިނުމަށް މަގާމުގެ ނުފޫޒު ބޭނުންކުރުން.

131-3. އާންމުންނާއެކު އޮންނަ ގުޅުން

(ހ) ކައުންސިލެއްގެ މެންބަރަކު އޭނާގެ މަގާމުގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް މީހެއްގެ ނަސްލަށް، ކުލަޔަށް، އިޖްތިމާޢީ ނިސްބަތަށް، ދީނަށް، ސިޔާސީގޮތުން ގެންގުޅޭ ހިޔާލުތަކަށް ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ނިސްބަތްވާ ގައުމަށް، ޖިންސަށް، ކާވެނީގެ ނިސްބަތަށް، އާއިލާގައި އަދާކުރާ ޒިންމާތަކަށް އަދި ނުކުޅެދުންތެރި ކަމަށް ބަލައި އެއްވެސް ގޮތަކުން ތަފާތުކޮށްގެން ނުވާނެއެވެ.

(ށ) ހިދުމަތް ލިބިގަންނަ ފަރާތްތަކާ މުއާމަލާތު ކުރަންވާނީ، އިޙްތިރާމާއެކުގައެވެ.

(ނ) ކައުންސިލް މެންބަރެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ހިދުމަތް ލިބިގަންނަ ކޮންމެ ފަރާތެއްގެ ޢިއްޒަތަށާއި ކަރާމާތަށާއި އެމީހަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.

(ރ) ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކުގެ މައުލޫމާތު ކައުންސިލްގެ އިދާރާއިން ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.

 

131-4. ސުލޫކީ މިންގަނޑާ ހިލާފުވުން

(ހ) މި ގާނޫނުން ކައުންސިލްތަކުގެ މޭޔަރުންނާ ނުވަތަ ރައީސުންނާ ނުވަތަ މެންބަރުންނާ މަތިކޮށްފައިވާ ޒިންމާތައް އެމީހުން އަދާކުރަމުން ގެންދޭތޯ ބެލުމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޒިންމާއެކެވެ.

(ށ) މި ގާނޫނުގެ ދަށުން ކައުންސިލްތަކުގެ މޭޔަރުންނާ ނުވަތަ ރައީސުންނާ ނުވަތަ މެންބަރުންނާ މަތިކޮށްފައިވާ އެއްވެސް މަސްއޫލިއްޔަތަކާ ކައުންސިލަރަކު ހިލާފުވެއްޖެނަމަ، އެކަމެއް ބަލައި އެކަންކަން އިސްލާހުކުރުމަށް   އެ ކައުންސިލަރުންނަށް އަންގަންވާނެއެވެ.

 

131-5. ގާނޫނަށް ތަބާވުން

ދިވެހިރާއްޖޭގައި އަމަލުކުރެވެމުންދާ އެންމެހައި ގާނޫނުތަކަށް ކައުންސިލަރުން ތަބާވާންވާނެއެވެ.

 

72 ގާނޫނުގެ 13 ވަނަ ބާބުގެ 132 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

132-1. ހުއްދަ ހޯދުން

(ހ) މި ގާނޫނުގެ ދަށުން ކައުންސިލަކުން ކުރަންޖެހޭ ކަމެއް ކުރުމަށްޓަކައި ސަރުކާރުގެ ހުއްދައެއް ހޯދަންޖެހޭ ކަންކަމުގައި ހުއްދަ ދިނުމާމެދު ނިންމާ ގޮތެއް އެ ހުއްދައަށް އެދޭ ތާރީހުން ފެށިގެން ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ކައުންސިލަށް އަންގަންވާނެއެވެ. އެ މުއްދަތު ފާއިތުވާއިރު ހުއްދަ ދޫކުރުމާމެދު ވަކި ގޮތެއް ނިންމާފައިނުވާނަމަ، އެދިފައިވާ ހުއްދަ ލިބުނީކަމުގައި ބަލަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ސަރުކާރުން ކުރަންޖެހޭ ކަމެއް ކުރުމަށްޓަކައި ކައުންސިލްގެ ހުއްދައެއް ހޯދަންޖެހޭ ކަންކަމުގައި ހުއްދަ ދިނުމާމެދު ނިންމާ ގޮތެއް އެ ހުއްދައަށް އެދޭ ތާރީހުން ފެށިގެން ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އެ ހުއްދައެއް ހޯދަން އެދުނު އިދާރާއަކަށް އަންގަންވާނެއެވެ. އެ މުއްދަތު ފާއިތުވާއިރު ހުއްދަ ދޫކުރުމާމެދު ވަކި ގޮތެއް ނިންމާފައިނުވާނަމަ، އެދިފައިވާ ހުއްދަ ލިބުނީކަމުގައި ބަލަންވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަމެއް ކުރުމަށްޓަކައި ހުއްދައަށް އެދުމުން އެ ހުއްދައެއް ނުދޭން ނިންމާނަމަ، އެ ނިންމުން ބިނާކުރި ސަބަބުތައް ހުއްދައަށް އެދުނު ފަރާތަށް ލިޔުމުން ދޫކުރަންވާނެއެވެ.

 

73 ގާނޫނުގެ 2 ވަނަ ޖަދުވަލު އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާނެ މިންގަނޑުތައް ނުވަތަ ށަރުތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ދިރާސާކޮށް، ރައީސުލްޖުމްހޫރިއްޔާ އެ ހުށަހެޅުމާ އެއްގޮތަށް ސިޓީއެއްގެ ދަރަޖަ ދޭންވާނީ އަންނަނިވި ކަންކަން ފުރިހަމަވެފައިވާނަމައެވެ.

  1. ސިޓީއެއް ކަމުގައި ކަނޑައަޅާ ރަށުގެ ނުވަތަ ރަށްތަކުގެ ރަޖިސްޓަރީވެފައިވާ އާބާދީ 10,000 (ދިހަހާސް) އަށްވުރެ ދަށްނުވުން.
  2. ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީ ސެންޓަރު ކަމުގައި ކަނޑައަޅާ ރަށަކީ އިތުރަށް ހިއްކައިގެން ބޮޑުކުރުމުގެ ފުރުސަތު އޮތް ރަށެއް ކަމުގައިވުން.
  3. ޓަރށަރީ ހޮސްޕިޓަލެއް ހުރުން.
  4. ސިޓީގައި ދަށްވެގެން ފުރަތަމަ ޑިގްރީއާ ހަމައަށް ތައުލީމު ހާސިލުކުރެވޭނެ މަރުކަޒެއް ގާއިމުވެފައިވުން.
  5. ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީގެ ހުރިހާ ރަށެއް، ސަރުކާރުގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ގަބޫލުކުރާ މިންވަރެއްގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިފައި އޮތުން.
  6. ސިޓީގައި ކޮމާށަލް ހާބަރއެއްގެ ހިދުމަތް ލިބެންހުރުން.
  7. ސިޓީގައި ބޭންކެއްގެ ހިދުމަތް ލިބެންހުރުން.

 

74 ވަނަ މާއްދާ

ބުނެވިދިޔަ ގާނޫނުގެ 1-56 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އިދާރީ ދާއިރާގައި ހިމެނޭ ސިޓީ ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކަނޑައަޅައި، އާންމުކުރަންވާނެއެވެ.

 

75 ވަނަ މާއްދާ

ބުނެވިދިޔަ ގާނޫނުގެ 2-69 ވަނަ މާއްދާގެ (ށ) އާއި، 70 ވަނަ މާއްދާގެ (ބ) އާއި، 79 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އާންމުކުރަންވާނެއެވެ.

 

76 ވަނަ މާއްދާ

ބުނެވިދިޔަ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ތ) އަދި (ލ) ގައި ބަޔާންކުރާ ދަފްތަރާއި، 39 ވަނަ މާއްދާގެ (ހށ) ގައި ބަޔާންކުރާ ޕްލޭންތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި އާންމުކުރަންވާނެއެވެ.

 

77 ވަނަ މާއްދާ

ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އައްޔަންކުރާ އަދި އިންތިހާބުކުރާ މެންބަރުން، މި ގާނޫނުގެ ދަށުން އިންތިހާބު ކުރެވޭ ކައުންސިލްގެ މެންބަރުން ހުވައި ކުރާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އައްޔަންކޮށް އަދި އިންތިހާބުކޮށް ނިންމަންވާނެއެވެ. އަދި އެފަދައިން އައްޔަންކުރާ އަދި އިންތިހާބުކުރާ މެންބަރުން ހިމެނޭގޮތުން އަލުން ބޯޑު އެކުލަވާލުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެކުލަވާލާފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ ބޯޑު އުވުނީއެވެ.

 

78 ވަނަ މާއްދާ

މި ގާނޫނުގެ 11 ވަނަ މާއްދާއާއި 24 ވަނަ މާއްދާއާއި 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރަންޖެހޭނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހު، ދެން އެންމެ އަވަހަށް ބާއްވާ ކައުންސިލްގެ އިންތިހާބެއްގައެވެ.

 

79 ވަނަ މާއްދާ

މި ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާއި، 27 ވަނަ މާއްދާގެ (ހ) އާއި 43 ވަނަ މާއްދާގެ (ހ) އަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހު، ދެން އެންމެ އަވަހަށް ބާއްވާ ކައުންސިލްގެ އިންތިހާބަށްފަހުގައެވެ.

 

80 ވަނަ މާއްދާ

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގައި އެކުލެވޭ މި ގާނޫނާ ތައާރުޟުވާ މާއްދާތައް، މި ގާނޫނާ ތައާރުޟުވާ ނިސްބަތަށް އިސްލާހުވީ ކަމުގައި ބެލޭނެއެވެ. އަދި   މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަންވާނީ، ލޯކަލް ކައުންސިލްތައް އެކުލެވޭ ގޮތް ކަމަށް، އަދި އެ ކައުންސިލްތައް އިންތިހާބުކުރަންޖެހޭ ގޮތް ކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 

81 ވަނަ މާއްދާ

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

 

ކޮންސޮލިޑޭޓެޑް ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު