-

ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2019-22)

 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަންނަނިވި އިސްލާހުތައް ގެނައުން.

  

1 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

231 ކައުންސިލްތައް އިންތިހާބުކުރުން. 

(ހ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި މެންބަރުން ހިމެނޭނީ އަންނަނިވި ގޮތުގެމަތީންނެވެ.

  1. ރަށު ކައުންސިލްގައި ހިމެނޭނީ، އެ ކައުންސިލް ނިސްބަތްވާ ރަށުގެ ރައްޔިތުން ދީމިގްރާތީ އުސޫލުތަކުގެ މަތީން، ސިއްރު ވޯޓަކުން އެ ކައުންސިލްއަށް އިންތިހާބުކުރާ މެންބަރުންނެވެ.
  2. ސިޓީ ކައުންސިލްގައި ހިމެނޭނީ، އެ ކައުންސިލް ނިސްބަތްވާ ސިޓީގެ ރައްޔިތުން ދީމިގްރާތީ އުސޫލުތަކުގެ މަތީން، ސިއްރު ވޯޓަކުން އެ ކައުންސިލްއަށް އިންތިހާބުކުރާ މެންބަރުންނެވެ.
  3. އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން، އެ ކައުންސިލްގައި ހިމެނޭނީ، އެ އިދާރީ ދާއިރާގައި ހިމެނޭ ރަށު ކައުންސިލްތަކަށް، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން އިންތިހާބުކުރާ ރައީސުންނެވެ.

 

2 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

231. (ށ)    އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިހާބުކުރާނީ، އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދީމިގްރާތީ އުސޫލުތަކުގެ މަތީން ނަގާ ސިއްރު ވޯޓަކުންނެވެ.

 

3 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

231. (ނ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބުކުރެވޭ ކައުންސިލްތަކުގެ އުމުރަކީ ފަސް އަހަރު ދުވަހެވެ.

 

4 ވަނަ މާއްދާ -

މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރަންވާނީ، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައެވެ. އަދި، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަންވާނީ، ލޯކަލް ކައުންސިލްތައް އެކުލެވޭ ގޮތްކަމަށް، އަދި އެ ކައުންސިލްތައް އިންތިހާބުކުރަންޖެހޭ ގޮތްކަމަށް  މި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 

5 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީ (2008)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ގާނޫނުއަސާސީ - 2008 (ކޮންސޮލިޑޭޓެޑް)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު