-

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-18) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2019-20)

(މި ގާނޫގެ 12 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 1978-60 އުވާލެވިފައި)

 

ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ އަންނަނިވި ގޮތަށް އިސްލާހުކުރުން.

6. ބިދޭސީން ފޮރިން އިންވެސްޓްމަންޓް ހުއްދަ ހޯދުން

މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ރަޖިސްޓަރީކުރުމުގެ އިތުރުން، ބިދޭސީ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ، ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

8. (ށ) ކުރާ މަސައްކަތުގެ އެއްވެސް ބައެއް، ފިހާރައެއް ނުވަތަ އޮފީހެއް ނުވަތަ ހިދުމަތްދޭ ތަނެއް ނުވަތަ މަސައްކަތްކުރާ ތަނެއް ގާއިމުކޮށްގެން ނުވަތަ އިލެކްޓްރޯނިކް ޒަރީއާއިން ކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

10. ވިޔަފާރި ހަރަކާތްތަކާއި ތަންތަން ދަފްތަރުކުރުން

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިޔަފާރި ތަންތަން، އެ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓަރީކުރުމުގެ އިތުރުން، އެ ތަނަކުން ކުރަން އެދޭ ވިޔަފާރި ހަރަކާތަކީ، އެހެން ގާނޫނަކުން ނުވަތަ ސަރުކާރުގެ އިދާރާއަކުން ހުއްދައެއް ހޯދަންޖެހޭ ވިޔަފާރި ހަރަކާތެއްނަމަ، އެ ވިޔަފާރި ހަރަކާތެއް ފަށަންވާނީ، އެ ހުއްދައެއް ހޯދުމަށްފަހުއެވެ. އަދި އެ ވިޔަފާރި ހަރަކާތެއް ފަށާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ހިމެނުމަށްޓަކައި، ކަމާބެހޭ ސަރުކާރުގެ އިދާރާއަކުން، އަންނަނިވި މައުލޫމާތާއެކު ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރި ތަނުގެ ނަމާއި އެޑްރެހާއި ވިޔަފާރި ހަރަކާތުގެ ބާވަތް؛
  2. ކަމާބެހޭ ސަރުކާރުގެ އިދާރާއިން ދޫކޮށްފައިވާ ހުއްދައިގެ މުއްދަތާއި ހުއްދައާގުޅޭ އެހެނިހެން މައުލޫމާތު؛ އަދި
  3. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް މައުލޫމާތު.

(ށ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިޔަފާރި ތަނަކުން ކުރަން އެދޭ ވިޔަފާރި ހަރަކާތަކީ، އެހެން ގާނޫނަކުން ނުވަތަ ސަރުކާރުގެ އިދާރާއަކުން ހުއްދައެއް ހޯދަންޖެހޭ ވިޔަފާރި ހަރަކާތެއް ކަމުގައިނުވާނަމަ، އެ ވިޔަފާރި ހަރަކާތެއް ފެށުމުގެ ކުރިން، އަންނަނިވި މައުލޫމާތާއެކު، މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ހިމެނުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އަދި އެ ގަވާއިދުގައި ބަޔާންކުރާ ފީއާއެކު ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރި ތަނުގެ ނަމާއި އެޑްރެހާއި ވިޔަފާރި ހަރަކާތުގެ ބާވަތް؛
  2. ވަކި މުއްދަތަކަށް ކުރާ ވިޔަފާރި ހަރަކާތެއްނަމަ، އެ މުއްދަތު؛
  3. ވިޔަފާރިކުރާ ތަނެއްނަމަ، ނުވަތަ ފިހާރައެއްނަމަ، ނުވަތަ ހިދުމަތްދޭ ތަނެއްނަމަ، އެ ތަނެއް ބޭނުންކުރުމުގެ ހުއްދަ، ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ހޯދާފައިވާކަމުގެ ލިޔުން؛ އަދި
  4. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް މައުލޫމާތު

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ވިޔަފާރި ހަރަކާތްތަކުގެ ތެރެއިން، ވަކި ބާވަތްތަކުގެ ވިޔަފާރި ހަރަކާތްތައް ހިންގުމާގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު ހެދުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. މިގޮތުން ހަދާ ގަވާއިދުގައި، ވަކި ބާވަތެއްގެ ވިޔަފާރި ހަރަކާތްތައް ހިންގިދާނެ ސަރަހައްދުތަކާއި ވަގުތުތައް، އަދި ވަކި ބާވަތެއްގެ ވިޔަފާރި ހަރަކާތްތައް ހިންގުމުގައި ހޯދަންޖެހޭ ހުއްދަތަކާގުޅޭ އުސޫލުތައް ބަޔާންކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

11. ވިޔަފާރިތަކުގެ ދަފްތަރު

(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ ވިޔަފާރި ތަންތަނާއި، އެ ތަންތަނުން ކުރާ ވިޔަފާރި ހަރަކާތްތަކުގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދަފްތަރުކޮށް، ރަޖިސްޓްރާރ ލިޔެ ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދަފްތަރުގައި ހިމެނޭ ވިޔަފާރި ތަންތަނާއި، އެ ތަންތަނުން ކުރާ ވިޔަފާރި ހަރަކާތްތަކުގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، އާންމުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ރަޖިސްޓްރާރ ގާއިމުކުރަންވާނެއެވެ. އަދި އެ ދަފްތަރުގައި ހިމެނޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން ފީއެއް ނެގުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

12. ވިޔަފާރި ނަން ރަޖިސްޓަރީކުރުން

(ހ) އެއްވެސް ފަރާތަކުން ވިޔަފާރިއެއް ކުރަންވާނީ، އެ ފަރާތަކުން ކުރާ ވިޔަފާރި ރަޖިސްޓަރީކުރުމުގެ އިތުރުން، އެ ވިޔަފާރީގެ ދަށުން ބޭނުންކުރާ ހުރިހާ ވިޔަފާރި ނަމެއް ރަޖިސްޓަރީކުރުމަށްފަހުގައެވެ. އަދި އެ ވިޔަފާރީގެ ދަށުން ހިންގާ އެންމެހައި ވިޔަފާރި ހަރަކާތްތަކަށް ނުވަތަ ތަންތަނަށް ވިޔަފާރި ނަމެއް ބޭނުންކުރާނަމަ، އެ ނަމެއްވެސް ރަޖިސްޓަރީކުރުމަށްފަހުގައެވެ.

(ށ) ވިޔަފާރި ހަރަކާތްތަކަށް ނަން ކިޔުމުގައި، އެ ވިޔަފާރި ހަރަކާތަކާބެހޭ ހާއްސަ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކުރާ ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ (ނ) އުނިކުރުން.

13. (ނ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، ވަކި ބާވަތެއްގެ ވިޔަފާރިއެއް ކުރުމުގެ ހުއްދަދެނީ ސަރުކާރުގެ އެހެން އިދާރާއަކުން ކަމުގައިވާނަމަ އެފަދަ ވިޔަފާރިއެއްގެ ނަން ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހަޅަންވާނީ، އެ ވިޔަފާރިއަކަށް ހުއްދަދޭ ސަރުކާރުގެ އިދާރާއަކުން އެ ނަން ރަޖިސްޓަރީކުރުމާމެދު އިއުތިރާޟް ނުކުރާކަމުގެ ލިޔުމަކާ އެކުގައެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

14. ރަޖިސްޓަރީކޮށް ނުދެވޭނެ ނަން 

(ހ) (1) އެ ނަމަކީ، ރަޖިސްޓަރީކޮށްދީފައިވާ އެހެން ވިޔަފާރިއަކާ އެއް ނަމަކަށްވުން ނުވަތަ އިތުރު ލަފްޒެއް ހިމަނާފައި ނެތުމުގެ ސަބަބުން އެއްވައްތަރުގެ ނަމެއް ކަމަށް ގަބޫލުކުރެވުން؛

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރު އިތުރުކުރުން. 

14. (ހ) (8) އެ ނަމަކީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ސަބަބުތަކަށްޓަކައި ރަޖިސްޓަރީކޮށްނުދެވޭނެ ބާވަތުގެ ނަމަކަށްވުން.

  

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

14. (ނ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކޮށްނުދެވޭނެ ބާވަތުގެ ނަންތަކާއި، ނަންތައް ބޭނުންކުރުމުގެ ހަމަތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި ރަޖިސްޓަރީކޮށްނުދެވޭނެ ބާވަތުގެ ނަންތައް   މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނީ، އަލަށް ކަނޑައެޅޭ އުސޫލުތަކަށް އަމަލުކުރުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހުގައެވެ. އަދި އެފަދަ ނަންތައް ކަނޑައަޅަންވާނީ، ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނުތަކާއި ބައިނަލްއަގަވާމީގޮތުން އަމަލުކުރެވޭ ކަމާގުޅޭ އުސޫލުތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (ތ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

31. (ތ) "އިންސްޕެކްޓަރުން" ކަމަށް ބުނެފައިއެވަނީ، ވިޔަފާރި ތަންތަން ބަލައި ފާސްކުރުމަށް މި ގާނޫނުގެ ދަށުން ކަނޑައެޅޭ މިނިސްޓްރީގެ މުވައްޒަފުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންނަށެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (ތ) ގެ ފަހަތަށް އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން.

31. (ލ) "އިލެކްޓްރޯނިކް ޒަރީއާ" ކަމަށް ބުނެފައިއެވަނީ، އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެނޫންވެސް އެފަދަ ވަސީލަތެއް މެދުވެރިކޮށް، ޑޭޓާ މެސެޖް ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތައް ހިމެނޭ ގޮތުންނެވެ.

(ގ) "ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 1979-25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު) އާއި، ބިދޭސީން ދިވެހިރާއްޖޭގައި ކުރާ ފޮރިން އިންވެސްޓްމަންޓާ ގުޅިގެން ހުއްދަ ދޫކުރުމަށް ކަނޑައެޅޭ އެނޫންވެސް ގާނޫނުތައް ހިމެނޭގޮތުންނެވެ.

(ޏ) "ވިޔަފާރި ހަރަކާތް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ހަރަކާތްތައް ނުހިމެނޭ ގޮތުން، މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ ކަންކަން ހިމެނޭގޮތުން ހިންގާ ކޮންމެ ހަރަކާތަކަށެވެ.

 

12 ވަނަ މާއްދާ

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 1978-60 (އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ އަދި ކެންޓީނާބެހޭ ގާނޫނު) އުވުނީއެވެ. އަދި އެ ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ހިންގާ ވިޔަފާރި ހަރަކާތްތަކާއި ތަންތަން، މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން އެކުލަވާލާ ދަފްތަރަށް ކަމާބެހޭ މައުލޫމާތު އިދާރީގޮތުން ބަދަލުކޮށް ދަފްތަރު އެކުލަވާލާނީ ރަޖިސްޓްރާރެވެ. މި ގާނޫނު ތަސްދީގުކުރާއިރު ބުނެވިދިޔަ ގާނޫނުގެ ދަށުން ދޫކޮށްފައިވާ ހުއްދައަކީ، މި ގާނޫނުގެ ދަށުން ދަފްތަރު އެކުލަވާލުމަށް ސައްހަ ހުއްދައެއްކަމުގައި ބެލެވޭނެއެވެ.

 

13 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ.

 

މައި ގާނޫނު

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-18)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-18)

 

އުވުނު ގާނޫނު

އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ އަދި ކެންޓީނާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-60)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު