-

އިންތިހާބުތަކާބެހޭ އާންމު ގާނޫނު (ގާނޫނު ނަންބަރު 2008-11) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2018-04)

 

ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހ އާންމު ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.  

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިންގައި ބެލެހެއްޓުން 4.

(ހ) އިންތިހާބުތައް ބާއްވައި، އެ އިންތިހާބުތަކާބެހ ހުރިހާ ކަމެއް ހިންގައި ބަލަހައްޓާނީ އިލެކްށަންސް ކޮމިށަނުންނެވެ.

(ށ) އަންނަނިވި ކަންކަން ހިންގައި ބެލެހެއްޓުމުގައި އިލެކްށަންސް ކޮމިށަނުން ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމަށް އެދިއްޖެނަމަ، އެކަމެއް ކުރުމަށްޓަކައި ބޭނުންވާނެ އެއްބާރުލުމާއި އެހީތެރިކަން އެފަރާތަކުން އިލެކްށަންސް ކޮމިށަނަށް ފޯރުކޮށްދ ންވާނެއެވެ.

  1. އިންތިހާބީ ދާއިރާތައް ކަނޑައެޅުން؛
  2. ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގެ ސައްހަކަން ކަށަވަރުކުރުން؛
  3. އިންތިހާބަށް ބޭނުންވާ ތަންތަނާއި ވަސީލަތްތައް ހޯދުން؛
  4. އިންތިހާބާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުން؛
  5. ވޯޓުފޮށި ބަހައްޓާނެ ތަންތަން ހޯދުމާއި އެތަންތަން އިންތިޒާމުކުރުން؛ 
  6. ވޯޓުލާ މަރުކަޒަށް ބޭނުންވާ އޮފިށަލުން ހޯދުމާއި އެމީހުން ތަމްރީންކުރުން؛
  7. އިންތިހާބާބެހޭ ށަކުވާ ބެލޭނެ ނިޒާމު ގާއިމުކުރުން؛
  8. އިންތިހާބުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުން؛
  9. އިންތިހާބުގެ ކަންކަން ހިންގުމަށް ފޯކަލް ޕޮއިންޓުން ހަމަޖެއްސުން. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ވޯޓުދިނުމުގެ ހައްގު 5.

އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް، މި ގާނޫނު އެ މައްޗަށް ހިނގާ އެންމެހައި އިންތިހާބުތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ 8.

(ހ) އިންތިހާބުތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ދިވެހި ރައްޔިތުން އެނގޭނެ ފަދަ ރަޖިސްޓަރީއެއް، "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ" ގެ ނަމުގައި އިލެކްށަންސް ކޮމިށަނުން އެކުލަވާލައި ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން އެކުލަވާލާ ރަޖިސްޓަރީ އެކުލަވާލަންވާނީ، ނޭށަނަލް ރަޖިސްޓްރޭށަނާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ދައުލަތުގެ އިދާރާއިން ބަލަހައްޓާ ގައުމީ ޑޭޓާބޭސް ގައި ހިމެނޭ ދިވެހި ރައްޔިތުންގެ މައުލޫމާތަށް ބިނާކޮށެވެ. އެގޮތުން، އެ ރަޖިސްޓަރީގައި، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަންނަނިވި މައުލޫމާތު ހިމަނާފައި އޮންނަންވާނެއެވެ.

  1. ފުރިހަމަ ނަން؛
  2. އުފަން ތާރީހް؛
  3. ޖިންސް؛
  4. ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)؛
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު.

(ނ) ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު، އިލެކްށަންސް ކޮމިށަނަށް ހިމެނިދާނެއެވެ. އެހެންނަމަވެސް، އެފަދަ މައުލޫމާތު ވާންވާނީ، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނަކީ ކޮން ބައެއްކަން ދެނެގަތުމަށް ކޮންމެހެން ބޭނުންވާ، އަދި މި މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން އެމީހުންގެ ޒާތީ މައުލޫމާތު ހާމަނުވާނެ ފަދަ މައުލޫމާތަށެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އިލެކްށަންސް ކޮމިށަންގެ  ބޭނުމަށް މި މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އިތުރު މައުލޫމާތު ހިމެނި ކަމުގައިވީނަމަވެސް، މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އެ ރަޖިސްޓަރީ އާންމުކުރާއިރު ށާއިއުކުރަންވާނީ، އެ މާއްދާގައި ކަނޑައަޅާފައިވާ މައުލޫމާތު އެކަންޏެވެ.

(ރ) ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ މި މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލާއިރު، އެ ރަޖިސްޓަރީގައި، އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނާއި، މަރުވެފައިވާ މީހުންނާއި، އެ އިންތިހާބެއްގައި ވޯޓުލުމުގެ ހައްގު ލިބިގެންނުވާ ކަމަށް ގާނޫނަކުން ކަނޑައަޅާފައިވާ ފަރާތެއްގެ ނަން ހިމަނައިގެން ނުވާނެއެވެ. 

(ބ) ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމުގައާއި، އެ ރަޖިސްޓަރީގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މައުލޫމާތު، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހޯދުމުގެ ބާރާއި އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. އަދި އެފަދައިން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ މައުލޫމާތު ދިނުމަކީ، އެކަމަށް އެދި އެ ކޮމިށަނުން އަންގާ ދައުލަތުގެ ކޮންމެ އިދާރާއަކަށް ލާޒިމުވެގެންވާ ކަމެކެވެ. 

(ޅ) މި މާއްދާގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމަށް މަގުފަހިކުރުމަށްޓަކައި، އަދި އެ ރަޖިސްޓަރީގެ ސައްހަކަން އެ ކޮމިށަނުން ކަށަވަރުކުރުމަށް މަގުފަހިކުރުމަށްޓަކައި، ނޭށަނަލް ރަޖިސްޓްރޭށަނާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ދައުލަތުގެ އިދާރާއިން ބަލަހައްޓާ ގައުމީ ޑޭޓާބޭސްގައިވާ މައުލޫމާތުގެ ސައްހަކަން، އެ އިދާރާއިން ކަށަވަރުކުރަންވާނެއެވެ. އަދި މި މާއްދާގެ (ށ) އަދި (ރ) ގެ ބޭނުމަށްޓަކައި، އިލެކްށަންސް ކޮމިށަނަށް ފޯރުކޮށްދޭންވާނީ، އެފަދައިން ސައްހަކަން ކަށަވަރުކޮށްފައިވާ މައުލޫމާތެވެ.

(ކ) މި މާއްދާގެ (ށ)، (ރ)، (ބ) އަދި (ޅ) ގެ ބޭނުމަށްޓަކައި، އިލެކްށަންސް ކޮމިށަނާއި، ނޭށަނަލް ރަޖިސްޓްރޭށަނާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ދައުލަތުގެ އިދާރާއާއި އެނޫންވެސް ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ދެމެދު ރައްކާތެރިކަމާއެކު މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން ގާއިމުކުރަންވާނެއެވެ.

(އ) މި މާއްދާގެ ބޭނުމަށްޓަކައި އިލެކްށަންސް ކޮމިށަނުން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ހާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިހާބީ ދާއިރާ ކަމުގައި އިލެކްށަންސް ކޮމިށަނުން ބަލަންވާނީ އެމީހުން އަލަށް ބަދަލުކުރެވުނު ރަށެވެ.

(ވ) މި މާއްދާގެ (އ) އެހެން އޮތުމަކުން، އެފަދައިން ބަދަލުކުރެވޭ ރަށެއްގެ ރަށްވެއްސަކު އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީކުރުމަށް މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ލިބިދޭ ހައްގަކަށް އުނިކަމެއް ނާންނާނެއެވެ. 

(މ) މި މާއްދާގެ (އ) ގައި ބަޔާންކުރާ ފަދައިން ވަކި ރަށެއްގެ އާބާދީ އެހެން ރަށަކަށް ބަދަލުކުރާ ހާލަތުގައި، އެ ބަދަލުވާ ރަށުގެ ރަށްވެހީންގެ ތެރެއިން، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށް، އެމީހުން ބަދަލުވި ރަށުގައި ވޯޓު ލެވޭނެ އިންތިޒާމު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ. 

(ފ) ދިވެހިރާއްޖ ގައި ބާއްވާ އިންތިހާބުތަކުގައި ވޯޓުލެވޭނީ، މި މާއްދާގެ ދަށުން އެކުލަވާލާ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް، މި ގާނޫނުގެ 11 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ގެނެވޭ ބަދަލާއެކު، އިލެކްށަންސް ކޮމިށަނުން ށާއިއުކުރާ އެންމެ ފަހުގެ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނ މީހުންނަށެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ރަޖިސްޓަރީގެ ކޮޕީ ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ފޮނުވުމާއި ށަކުވާ އުފުލުމަށް ހުޅުވާލުން 10.

(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާންމުކުރުމުގެ އިތުރުން، މި ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނުން އެކުލަވާލާފައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވޭ މީހުންގެ ތަފްސީލު މައުލޫމާތު އެކުލެވޭ ރަޖިސްޓަރީގެ ކޮޕީއެއް، ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ފޮނުވާ ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތެއްގެ ސައްހަކަމާމެދު އެއިން ފަރާތެއްގެ ސުވާލެއް އޮތްނަމަ، އެކަމުގެ ށަކުވާ، އެ ރަޖިސްޓަރީ އެފަރާތްތަކަށް ފޮނުވާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމަށް، އެފަރާތްތަކަށް އެ ކޮމިށަނުން ފުރުސަތު ހުޅުވާލަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ފޮނުވާ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެކުލެވޭ މީހުންގެ ޒާތީ މައުލޫމާތު، އެފަރާތްތަކުން ބޭނުންކުރަންވާނީ ޒިންމާދާރު ކަމާއެކުގައި، ހަމައެކަނި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެކުލެވޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށެވެ. އަދި މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ފިޔަވައި، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު، އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެއެވެ. އަދި އެ ރަޖިސްޓަރީގައިވާ އެއްވެސް މައުލޫމާތެއް، އިންތިހާބުގެ ބޭނުންތަކަށް މެނުވީ ބޭނުންކުރުމަކީ މަނާކަމެކެވެ. ހާއްސަ ގޮތެއްގައި އެ މައުލޫމާތު ވިޔަފާރީގެ ބޭނުމަކަށްޓަކައި ނުވަތަ މާލީ ފައިދާއެއް ހޯދުމަށްޓަކައި ބޭނުންކުރުމަކީ މަނާކަމެކެވެ.

(ރ)  މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތްތަކުގެ އިތުރުން، މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އާންމުކުރާ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެކުލެވޭ މައުލޫމާތެއްގެ ސައްހަކަމާމެދު ށަކުވާއެއް އޮތްނަމަ، އެކަމުގެ ށަކުވާ، މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އެ ރަޖިސްޓަރީ އާންމުކުރާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމުގެ އިހްތިޔާރު، އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ށ) އާއި (ރ) ގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހެޅޭ ށަކުވާތައް، އެ މާއްދާގައި ބަޔާންކުރާ މުއްދަތުތައް ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ކޮމިށަނުން ބަލައި، އެ ށަކުވާތަކާމެދު ގޮތެއް ކަނޑައަޅަންވާނެއެވެ. އަދި އެފަދައިން އެ ކޮމިށަނުން ނިންމާ ނިންމުން، އެ މުއްދަތުގެ ތެރ ގައި އެ ށަކުވާއެއް ހުށަހެޅި ފަރާތަކަށް ސަބަބާއެކު އަންގަންވެސްވާނެއެވެ. 

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުމަކާމެދު ށަކުވާ ހުށަހެޅި ފަރާތަކުން ހިތްހަމަނުޖެހޭ ނަމަ، ކޮމިށަނުން އެ މައްސަލައަކާމެދު ނިންމި ނިންމުން އެފަރާތަށް އަންގާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު އެފަރާތަކަށް ލިބިގެންވެއެވެ. 

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލައަކާމެދު، އެ މައްސަލައެއް ހުށަހަޅާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ކޯޓުން ގޮތެއް ނިންމަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހުށަހެޅޭ ށަކުވާއާ ގުޅިގެން ރަޖިސްޓަރީއަށް ބަދަލުގެނައުން 11.

(ހ) ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައިވާ މައުލޫމާތެއްގެ ސައްހަކަމާމެދު ސުވާލު އުފައްދައި، އެކަމުގެ ށަކުވާ، މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ކެންޑިޑޭޓަކު ނުވަތަ ސިޔާސީ ޕާޓީއަކުން ނުވަތަ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ފަރާތަކުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅައިފިނަމަ، އެ މައުލޫމާތެއްގެ ސައްހަކަން އެ ކޮމިށަނުން ކަށަވަރުކުރަންވާނެއެވެ. އަދި އެފަދައިން އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ބަދަލެއް ގެންނަންޖެހޭ ނަމަ، އިލެކްށަންސް ކޮމިށަނުން އެ ބަދަލެއް އެ ރަޖިސްޓަރީއަށް ގެނެސް، އެކަން ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ބަދަލު ގެނެވުމާއެކު، މި ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އާންމުކޮށް ބެލޭނެގޮތަށް ބަހައްޓާފައިވާ އެ ރަޖިސްޓަރީގެ ކޮޕީތަކަށްވެސް އެ ބަދަލު ގެންނަންވާނެއެވެ.

(ނ) ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް މި މާއްދާގެ ދަށުން ގެނެވޭ ބަދަލު، ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.

(ރ)  ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް މި މާއްދާގެ ދަށުން ގެނެވޭ ބަދަލެއްގައި އެކުލެވޭ މައުލޫމާތެއްގެ ސައްހަކާމެދު މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތެއްގެ ށަކުވާއެއްވާނަމަ، އެ މާއްދާގައި ބަޔާންކުރާ އުސޫލުގެ މަތިން ށަކުވާ އުފުލުމުގެ އިހްތިޔާރު، ކެންޑިޑޭޓުންނަށާއި، ސިޔާސީ ޕާޓީތަކަށާއި، އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވެއެވެ. އަދި އެފަދައިން، ށަކުވާ ހުށަހެޅުމާއި، ށަކުވާ ބެލުމުގައި އަމަލުކުރާނީ، މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުތަކަށެވެ.  

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) އިންތިހާބެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހެއް، ވޯޓުލުން އޮންނަ ދުވަހު، ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ދާއިމީ އެޑްރެސް ކަމަށް ބަޔާންކޮށްފައިވާ ރަށުގައި އެމީހަކު ނޫޅޭނެކަމުގައިވާނަމަ، އަދި އެ އިންތިހާބުގައި އެމީހަކު އެހެން ތަނެއްގައި ވޯޓު ދޭން ބޭނުންނަމަ، އެމީހަކު އެތަނެއްގައި ރީ-ރަޖިސްޓަރީކުރުމަށް އެދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގައިވާ ގޮތުގެމަތިން ރީ-ރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ ނަމާއި، ޖިންސާއި، ދާއިމީ އެޑްރެސް އަދި އެފަރާތްތައް އަލުން ރަޖިސްޓަރީކުރެވޭ ތަން އެނގޭނެ ގޮތަށް އިލެކްށަންސް ކޮމިށަނުން ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި އިލެކްށަންސް ކޮމިށަންގެ ވެބްސައިޓުގައިވެސް އެ މައުލޫމާތު ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި، ޖިނާއީ ކުށުގެ ހުކުމް ތަންފީޒުކުރަމުންދާ މީހުންނާބެހޭ މައުލޫމާތު، ހުކުމް ތަންފީޒުކުރާ މީހުންގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މުއައްސަސާއިން އިލެކްށަންސް ކޮމިށަނަށް އަންގަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހު ކުރުން.  

(ހ) އިންތިހާބަކާބެހޭ ހާއްސަ ގާނޫނުގައި ކަނޑައަޅާފައިވާ އިދާރީ ފީ 17.

 

8 ވަނަ މާއްދާ - ބުުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގެ ފަހަތަށް، އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން. 

(8) އެ އިންތިހާބާ ގުޅިގެން ބޭއްވުނު އެއްވެސް ޕްރައިމަރީއެއްގައި ބައިވެރިވެފައިވާކަން ނުވަތަ ބައިވެރިވެފައިނުވާ ކަމުގެ އިގުރާރު.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިދާރީ ފީ 19.

އިންތިހާބަށް ކުރިމަތިލާންއެދ މީހާ މި ގާނޫނުގެ 17 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން އިލެކްށަންސް ކޮމިށަނަށް ދައްކަންޖެހޭ އިދާރީ ފީ ދެއްކުމުން، އެ އިދާރީ ފީ އިލެކްށަންސް ކޮމިށަނަށް ލިބުނު ކަމުގެ ރަސީދެއް އެމީހަކަށް ދޫކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ބްރޯޑްކާސްޓްކުރާ ފަރާތްތަކުން މި މާއްދާގެ ދަށުން ހާއްސަކުރާ ވަގުތު ކެެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ދޭންވާނީ ހަމަހަމަކަމާ އެކުގައެވެ. އަދި އެއް ކެންޑިޑޭޓަކަށް ދޭން ކަނޑައަޅާފައިވާ ވަގުތަށްވުރެ އިތުރު ވަގުތު، އެއް ކެންޑިޑޭޓަކަށް ނުވަތަ އެއް ސިޔާސީ ޕާޓީއަކަށް ނުވަތަ އެއް ކެންޑިޑޭޓަކަށާއި އެ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ދީ ނުވަތަ ވިއްކައިގެން ނުވާނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް، އަންނަނިވި ފަދައިން ހަތަރު އަކުރު އިތުރުކުރުން.

(ރ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ބްރޯޑްކާސްޓްކުރާ ފަަރާތްތަކުން އަމަލުކުރަނީ މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމާއި، މި މާއްދާއާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ ގުޅިގެން ފަސޭހައިން ށަކުވާ ހުށަހެޅޭނެ އަދި އެ ށަކުވާ އަވަހަށް ބެލޭނެ ނިޒާމެއް ގާއިމުކުރުމަކީ، ބްރޯޑްކާސްޓް ކޮމިށަންގެ ޒިންމާއެކެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ށަކުވާ ހުށަހެޅުމާއި ބެލުމުގެ ނިޒާމު، ގާާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ބްރޯޑްކާސްޓް ކޮމިށަނުން އެކުލަވާލައި، އާންމުކުރަންވާނެއެވެ.

(ޅ) ބްރޯޑްކާސްޓް ކޮމިށަނަށް މި މާއްދާގެ (ރ) ގެ ދަށުން ހުށަހެޅޭ ށަކުވާތައް  ބަަލައި ނިންމުމަށްފަހު، އެ ކޮމިށަނުން ކަމާބެހޭ ރިޕޯޓެއް އެކުލަވާލައި، އިލެކްށަންސް ކޮމިށަނަށް ފޮނުވަންވާނެއެވެ. އަދި އެ ރިޕޯޓާ ގުޅިގެން މި ގާނޫނުގައި ބަޔާންކުރާ ޖިނާއީ ކުށެއްގެ މައްސަލަ ތަހްގީގުކުރަންޖެހޭކަމަށް އިލެކްށަންސް ކޮމިށަނަށް ފެނިއްޖެނަމަ، އެ މައްސަލައެއް ތަހްގީގުކޮށް، މި ގާނޫނުގެ 64 ވަނަ މާއްދާގައިވާ ގޮތުގެމަތިން ށަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

(ކ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާއާ ހިލާފަށް ބްރޯޑްކާސްޓްކުރާ ފަރާތަކުން ކުރާ ކަންކަމާމެދު އިދާރީ ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވަނީ ބްރޯޑްކާސްޓް ކޮމިށަނަށެވެ. މިގޮތުން، މި މާއްދާއާ ހިލާފުވާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލު، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ބްރޯޑްކާސްޓް ކޮމިށަނުން އެކުލަވާލައި، އާންމުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގެ ދަށުން އެކުލަވާލާ އުސޫލުގައި ކަނޑައަޅާ ފިޔަވަޅުތައް ވާންވާނީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން އެ ކޮމިށަނަށް ކަނޑައެޅުމުގެ ބާރު ލިބިގެންވާ ފިޔަވަޅުތަކަށެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 40 ވަނަ މާއްދާގެ (ނ) ގެ (6) ވަނަ ނަންބަރުގެ ފަހަތަށް، އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

(7)  މި ި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނުން އާންމުކޮށްފައިވާ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގެ ކޮޕީއެއް، ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒަށް ވެއްދުން.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ (ބ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ބ) އެެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މި ި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން އިންތިހާބު މޮނިޓަރކުރުމަށް ހުއްދަދީފައިވާ މީހުންނަށް ވޯޓުލާ ސަރަހައްދުގައި ނުވަތަ ވޯޓުގުނާ ތަނުގައި، ތިރީގައިއެވާ ގޮތުގެމަތިން، ފޮޓޯ ނަގައި އަޑާއި މަންޒަރު ރެކޯޑުކުރުމަކީ ހުއްދަކަމެކެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް، އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން. 

(ށ)

(5) ވޯޓުލުމަށްޓަކައި ވޯޓުލާ މަރުކަޒަށް ވަންނަ މީހަކު، އަޑު ނުވަތަ މަންޒަރު ރެކޯޑުކުރެވޭ ފަދަ ތަކެތި ވޯޓުލާ މަރުކަޒަށް ވެއްދުން.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 45 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން 

(ށ) ވޯޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހަކު ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި އެހެން މީހަކު އޭނާއަށް އެހީވެދިނުމަކީ ހުއްދަ ކަމެކެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް، އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން. 

(ބ) ގާާނޫނުއަސާސީއާއި ގާނޫނުގައި ކަނޑައަޅާފައިވާ އިންތިހާބުތަކުގައި ދެވޭ ވޯޓަކީ ސިއްރު ވޯޓުކަން ކަށަވަރުކުރުމަށްޓަކައި އިލެކްށަންސް ކޮމިށަނުން ކަމާގުޅޭ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ. އެގޮތުން، އެ ބައެއްގެ ދާއިމީ އެޑްރެސް އޮންނަ އިންތިހާބީ ދާއިރާ ފިޔަވައި އެހެން ތަނެއްގައި ވޯޓުލުމަށް މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ރީ-ރަޖިސްޓަރީކުރާ ފަރާތްތަކުގެ ތެރެއިން ވަކި ތަނެއްގައި ވޯޓު ދިނުމަށް ރަޖިސްޓަރީކުރަނީ، ވޯޓުގެ ސިއްރުކަން ނުގެއްލޭނެ އަދަދެއްގެ ބައެއްކަން، އިލެކްށަންސް ކޮމިށަނުން ކަށަވަރުކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް، އަންނަނިވި ފަދައިން ނަންބަރެއް އިތުރުކޮށް، އެ މާއްދާގެ (ހ) ގެ (4) އެއީ އެ އަކުރުގެ (5) ވަނަ ނަންބަރު ކަމުގައި ހަމަޖެއްސުން. 

(4) ވޯޯޓު ދޭ މީހާ ވޯޓު ދޭ ވަކި ކެންޑިޑޭ ޓެއް ކަށަވަރުކުރަން ނޭނގޭގޮތަށް ދީފައިވާ ވޯޓު. 

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 56 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ (ށ) އުނިކޮށް، އެ މާއްދާގެ (ނ) އިން ފެށިގެން (ބ) ގެ ނިޔަލަށް ހުރި އަކުރުތަކަކީ، އެ މާއްދާގެ (ށ)، (ނ) އަދި (ރ) ކަމުގައި ހަމަޖެއްސުން. 

(ށ) އިންްތިހާބެއްގައި ވޯޓުދިން މީހުންގެ އަދަދު ކަނޑައެޅުމުގައި ބާތިލު ވޯޓު ހިމަނައިގެން ނުވާނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 58 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކަންހިނގާދިޔަ ގޮތުގެ ރިޕޯޓު 58.

(ހ) ވޯޯޓު ނަގާ ކޮންމެ ސަރަހައްދެއްގައި، ވޯޓު ނަގަން ފެށުމާއި ވޯޓު ނަގައި ނިމުމާ ދެމެދު ކަން ހިނގާދިޔަގޮތުގެ ރިޕޯޓެއް ލިޔެ، އަންނަނިވި ހުރިހާ މައުލޫމާތު ހިމަނައިގެން އެ ސަރަހައްދަކާ ހަވާލުވެ ހުރި އެންމެ އިސް މީހާއާއި، އެ ރިޕޯޓު ލިޔުނު މީހާއާއި، އެ ރިޕޯޓު ޗެކްކުރި މީހަކު ސޮއިކުރުމަށްފަހު އިލެކްށަންސް ކޮމިށަންގެ ވޯޓާބެހޭ މައި މަރުކަޒަށް އެ ރިޕޯޓު ފޮނުވަންވާނެއެވެ.

  1. ވޯޓު ދޭން ފެށިވަގުތާއި، ވޯޓު ނެގުން ނިންމިގަޑި.
  2. ވޯޓު ނެގުމުގެ ކަންތައްތައް ހިންގާ ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ މީހުންގެ ނަމާއި، އެޑްރެހާއި، ހައިސިއްޔަތާއި، އެމީހުންގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަންބަރާއި އަދި އެމީހުންގެ ސޮއި.
  3. ވޯޓު ދިން އަންހެންނުންގެ އަދަދާއި ފިރިހެނުންގެ އަދަދު ވަކިން އެނގޭ ގޮތަށް، ވޯޓު ދިން މީހުންގެ އަދަދު.
  4. މި ގާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓު ދިން މީހުންގެ އަދަދާއި އެމީހުންގެ ހާލަތާއި އެމީހުންނަށް އެހީތެރިވެދިން މީހުންގެ އަދަދާއި ތަފްސީލު.
  5. ވޯޓުލުމަށް ބޭނުންކުރި ވޯޓުކަރުދާހުގެ އަދަދާއި ވޯޓުލުމަށް ބޭނުންނުކޮށް ބާކީހުރި ވޯޓުކަރުދާހުގެ އަދަދު (އަދި އެއްވެސް ސަބަބަކާހުރެ ވޯޓުކަރުދާސްކޮޅެއް ހަލާކުވިނަމަ އެ ހަލާކުވި ވޯޓުކަރުދާހުގެ އަދަދުވެސް އެނގޭގޮތަށް)
  6. ވޯޓުލުމަށް ބޭނުންކުރި ވޯޓުކަރުދާހުގެ ކައުންޓަރ ފޮއިލް ހުރި އަދަދު.
  7. ވޯޓު ފޮށި ބަހައްޓާފައި ހުރި ތަނުގެ ނަމާއި ފުރިހަމަ އެޑްރެސް.
  8. އާދަޔާ ހިލާފު ހާދިސާއެއް އެތަނުގައި ހިނގާފައިވާނަމަ، އެ ހާދިސާއެއްގެ ތަފްސީލު.
  9. އެ ރަށަކުން ނުވަތަ އެ ސަރަހައްދަކުން ނުވަތަ އެތަނަކުން ވޯޓު ދޭން އެންމެ ފުރަތަމަ ހާޒިރުވި 2 (ދޭއް) މީހެއްގެ ނަމާއި، އެޑްރެހާއި އަދި ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަންބަރު.
  10. އޮބްޒާވަރުން ދިޔަނަމަ، އެމީހުންގެ މައުލޫމާތު.

(ށ) މި މާާއްދާގެ (ހ) ގައިވާ ރިޕޯޓު ތައްޔާރުކުރާ ވަގުތު، ވޯޓު ނަގާ ކޮންމެ ސަރަހައްދެއްގައި އޮފިށަލުންގެ ގޮތުގައި އެތަނުގައި ތިބުމަށް ހަމަޖެހިފައިވާ ކެންޑިޑޭޓުންގެ މަންދޫބުން ހާޒިރުވެތިބުމަށް ފުރުސަތުދީ، އެފަރާތްތައް ހާޒިރުވެތިބިތޯ ވޯޓު ނަގާ ސަރަހައްދެއްގައި ތިބި އިލެކްށަންސް ކޮމިށަންގެ އޮފިށަލުން ކަށަވަރުކުރަންވާނެއެވެ. އަދި ކަންހިނގާދިޔަ ގޮތުގެ ރިޕޯޓުގައި، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ ސަރަހައްދާ ހަވާލުވެ ހުރި އެންމެ އިސް މީހާއާއި، އެ ރިޕޯޓު ލިޔުނު މީހާއާއި، އެ ރިޕޯޓު ޗެކްކުރި މީހާ ސޮއިކުރުމުގެ އިތުރުން، ވޯޓުލާ ސަރަހައްދުގައި ތިބި ކެންޑިޑޭޓުންގެ މަންދޫބުންނަށް ސޮއިކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(ނ)  މި މާާއްދާގެ (ށ) ގެ ދަށުން ވޯޓުލާ ސަރަހައްދުގައި ތިބި ކެންޑިޑޭޓުންގެ މަންދޫބުންނަށް ކަންހިނގާދިޔަ ގޮތުގެ ރިޕޯޓުގައި ސޮއިކުރުމަށް ދެވޭ ފުރުސަތުގައި، ކެންޑިޑޭޓެއްގެ މަންދޫބުން ސޮއިނުކުރި ނަމަވެސް، އެފަރާތްތަކަށް އެ ރިޕޯޓުގައި ސޮއިކުރުމަށް ފުރުސަތު ދެވިފައިވާނަމަ، އެ ރިޕޯޓަކީ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަކުރެވިފައިވާ ރިޕޯޓެއް ކަމުގައި ބެލޭނެއެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 62 ވަނަ މާއްދާގެ ފެށޭ އިބާރާތް އެއީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބާވަތުގެ ށަކުވާގެ ތެރޭގައި، މި ގާނޫނުގެ 62 74 ވަނަ މާއްދާއާއި މި ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށަކާގުޅޭ ށަކުވާވެސް ހިމެނެއެވެ. އެގޮތުން، އެއިން ކުށެއް ކުރާކަމުގެ ނުވަތަ ކުރަން އުޅޭކަމުގެ ނުވަތަ ކޮށްފިކަމުގެ ށަކުވާ އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމުގެ ހައްގު، މި ގާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވާ ށަކުވާ ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ. 

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ށަކުވާއެއް ފުރިހަމައަށް ތަހްގީގުކޮށް ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ބާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. މިގޮތުން ތަހްގީގުކުރުމުގައި، އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތައް މެދުވެރިކޮށް ނުވަތަ ތަހްގީގުކުރުމަށް އެކުލަވާލެވޭ ކޮމިޓީއަކުން ތަހްގީގުކުރުމަށް ކަނޑައެޅުމުގެ ބާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

(ރ) އިލެކްށަންސް ކޮމިށަނަށް ހުށަހެޅޭ މައްސަލައެއް މި މާއްދާގެ (ނ) ގެ ދަށުން ތަހްގީގުކުރުމުގައި ދައުލަތުގެ އެއްވެސް އިދާރާއެއްގެ އެހީތެރިކަމަށް އެ ކޮމިށަނުން އެދިއްޖެ ހާލަތެއްގައި އެފަދަ އެހީތެރިކަން ވީއެންމެ އަވަހަކަށް ފޯރުކޮށްދޭންވާނެއެވެ. މިގޮތުން ހާއްސަކޮށް، މައްސަލަ ތަހްގީގުކުރުމާއި، ތުހުމަތުކުރެވޭ މީހުން ނުވަތަ ހެކިން ހާޒިރުކުރުމާއި، ތަންތަން ބަލައި ފާސްކުރުމާއި، ފޮރެންސިކް ތަހްލީލްކުރުންފަދަ ކަންކަމުގައި އެފަދަ އިދާރާތަކުން އިލެކްށަންސް ކޮމިށަނުން އެދިއްޖެ ހާލަތެއްގައި އެފަދަ އެެހީތެރިކަން ވީއެންމެ އަވަހަކަށް ފޯރުކޮށްދޭންވާނެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 64 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ހައްގު މި ގާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވާ ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ. އެގޮތުން، މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލައެއް ހުށަހަޅާނަމަ ސަބަބާއި، ތަފްސީލާއި ހެއްކާއެކު އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އެ މައްސަލައެއް ހުށަހަޅަންވާނެއެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 64 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، މި ގާނޫނާ ނުވަތަ އިންތިހާބާބެހޭ ހާއްސަ ގާނޫނަކާ ހިލާފަށް އެއްވެސް ފަރާތަކުން ޖިނާއީ ކުށެއް ކުރާ ހާލަތުގައި، ގާނޫނުގައިވާ ގޮތުގެމަތިން އެ ކުށެއްގެ ޖިނާއީ ދައުވާ އުފުލުމުގެ ބާރު ލިބިގެންވަނީ ޕްރޮސިކިއުޓަރ ޖެނެރަލަށެވެ.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 64 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ރ) މިގާނޫނުގައި އެންޓި-ކޮރަޕްށަން ކޮމިށަނުން ތަހްގީގުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކުށްކުށް ފިޔަވައި، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ޖިނާއީ ކުށެއްގެ މައްސަލަ ށަރީއަތަށް ހުށަހަޅަންޖެހޭ ކަމަށް އިލެކްށަންސް ކޮމިށަނަށް ފެނިއްޖެނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ށަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވަންވާނެއެވެ.

 

24 ބުނެވިދިޔަ ގާނޫނުގެ 66 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކެންޑިޑޭޓް އަދި ރަސްމީ އިންތިހާބީ އެޖެންޓު ގެ ޒިންމާ 66.

ކޮންްމެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ އެންމެހައި ކަންކަން ބަލަހައްޓައި، އެކަންކަމާ ގުޅޭގޮތުން މި ގާނޫނުގައިވާ ގޮތުގެމަތިން ރިޕޯޓުކުރުމަކީ މި ގާނޫނުގެ ދަށުން އެ ކެންޑިޑޭޓަށާއި އަދި އެ ކެންޑިޑޭޓްގެ ރަސްމީ އިންތިހާބީ އޭޖެންޓުގެ މައްޗަށް ލާޒިމުކަމެކެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 68 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް، އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން. 

(ނ) އިންތިހާބާ ގުޅޭގޮތުން ތިރީގައިވާ ރެކޯޑުތަކާއި ލިޔެކިޔުންތަކާއި، މާާލީ ހިސާބުތައް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބެލެހެއްޓުމަކީ ކެންޑިޑޭޓަށާއި އަދި އެ ކެންޑިޑޭޓްގެ ރަސްމީ އިންތިހާބީ އޭޖެންޓުގެ މައްޗަށް ލާޒިމުކަމެކެވެ.

  1. ކެންޑިޑޭޓްގެ އަމިއްލަ ފައިސާއިން އިންތިހާބާ ގުޅިގެން ހަރަދުކުރާ ފައިސާގެ ތަފްސީލު.
  2. ފައިސާ ފިޔަވައި ކެންޑިޑޭޓްގެ އަމިއްލަ ތަކެތިން އިންތިހާބާ ގުޅިގެން ބޭނުންކުރާ ތަކެތީގެ ތަފްސީލު.
  3. އިންތިހާބާ ގުޅިގެން އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީން ނުވަތަ ތިންވަނަ ފަރާތަކުން ލިބޭ އެންމެހައި މާލީ އެހީއާއި އެނޫންވެސް ތަކެތީގެ ތަފްސީލު.

(ރ) އިލެކްށަންސް ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ކޮމިށަނުން އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، ނުވަތަ ކޯޓަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓަކުން އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، މި މާއްދާގެ (ނ) ގެ ދަށުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާންކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ބަލަހައްޓަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، މި މާއްދާގެ (ނ) ގެ ދަށުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އިލެކްށަންސް ކޮމިށަނުން އަންގައިފިނަމަ، އެކަން ކުރުމަކީ ކެންޑިޑޭޓަށާއި އަދި އެ ކެންޑިޑޭޓްގެ ރަސްމީ އިންތިހާބީ އޭޖެންޓުގެ މައްޗަށް ލާޒިމުކަމެކެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 69 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. އިންތިހާބާ ގުޅިގެން ކުރާ ހަރަދުތަކުގެ އެންމެ މަތީ އަދަދު.

އިންތިހާބާ ގުޅިގެން ކެންޑިޑ ޓަކު ހަރަދުކުރަންވާނީ، އެ ކެންޑިޑ ޓަކު ކުރިމަތިލާފައިވާ އިންތިހާބީ ދާއިރާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2،000 (ދެހާސް) ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަދަށްވުރެ އިތުރުނުވާނެ އަދަދެކެވެ. 

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ހ) އިންތިހާބާގުޅޭ މާލީ ކަންކަމާބެހޭ މައުލޫމާތު އިލެކްށަންސް ކޮމިށަނަށް ހުށަހެޅުން

ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ ކަންކަމާ ބެހޭގޮތުން އަންނަނިވި މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓުކޮށްފައިވާ މާލީ ބަޔާނަކަށްވާންވާނެއެވެ.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ)  ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(1) ފައިސާއާއި މުދާ ހިމެނޭގޮތުން، އިންތިހާބާ ގުޅިގެން ކެންޑިޑޭޓް  ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލު.

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(2) މި ގާނޫނުގެ 68 ވަނަ މާއްދާގެ (ނ)  ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ގޮތަށް، އިންތިހާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ހަރަދުތައް ވަކިން އެނގޭގޮތަށް އެ ހަރަދުތަކުގެ ތަފްސީލު.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ)  ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން. 

73.(ހ)

(5) މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ހުޅުވާފައިވާ ބޭންކް އެކައުންޓުން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް.

 

31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މި ގާނޫނުގައި ބަޔާންކުރާ ކުށެއްގެ މައްޗަށް ކުށާއި އަދަބު ކަނޑައެޅުމުގައި އިސްކަންދޭންވާނީ މި ގާނޫނަށެވެ. އަދި އެއްވެސް އިންތިހާބެއްގައި، ތިރީގައިއެވާ ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ކުށެކެވެ.

  1. އިލެކްށަންސް ކޮމިށަންގެ މުވައްޒަފަކު ނުވަތަ އެ ކޮމިށަނުން ވޯޓު ނެގުމުގެ ކަންތައްތައް ހިންގުމާ ހަވާލުކޮށްފައިވާ އެއްވެސް މީހަކު، އިންތިހާބަށް ކުރިމަތިލުމަށް އެއްވެސް ފަރާތަކުން ފޮނުވާ ލިޔުމެއް ނައްތާލުން، ނުވަތަ އެ ލިޔުމަކާމެދު ގަވާއިދުން އަމަލުކުރަންޖެހޭ ގޮތަކަށް އަމަލުނުކުރުން، ނުވަތަ އެ ލިޔުމަކާމެދު އެއްވެސް ގޮތަކުން އިހުމާލުވުން.
  2. ވޯޓުކަރުދާސް ވިއްކުން، ނުވަތަ ގާނޫނީގޮތުން ހުއްދަ ލިބިފައިނުވާ އެއްވެސް ފަރާތަކަށް ވޯޓުކަރުދާސް ދޫކުރުން ނުވަތަ ދިނުން.
  3. ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން މެނުވީ އިންތިހާބުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ޕެކެޓެއް ނުވަތަ ވޯޓުކަރުދާސް ފޮތެއް، ނުވަތަ މިނޫންވެސް އެއްޗެއް ހުޅުވައި، ވޯޓުފޮށްޓެއް ނުވަތަ ސެކިއުރިޓީ އުރައެއް ކަނޑައި، އެއިން ވޯޓުކަރުދާސް ނަގައި ބެލުން، ނުވަތަ މިއިން އެއްޗެއް ހަލާކުކުރުން، ނުވަތަ މިއިން އެއްޗަކަށް ގެއްލުން ދިނުން.
  4. ގާނޫނީގޮތުން ބެލެހެއްޓުން ލާޒިމުކުރާ މައުލޫމާތު ނެގުމުގައި، އެނގިހުރެ ދޮގު ނުވަތަ ފުރިހަމަނޫން މައުލޫމާތު ނެގުން.
  5. އެނގިހުރެ ގަސްދުގައި، ސައްހަ ވޯޓެއް ބާތިލު ވޯޓަކަށް ގުނުން، ނުވަތަ ސައްހަ ވޯޓެއް ނުގުނައި ދޫކޮށްލުން، ނުވަތަ ގަސްދުގައި، ބާތިލު ވޯޓެއް ސައްހަ ވޯޓަކަށް ގުނުން، ނުވަތަ ގަސްދުގައި، އެއް ކެންޑިޑޭޓަކަށް ދީފައިވާ ވޯޓު އަނެއް ކެންޑިޑޭޓެއްގެ ނަމުގައި ގުނުން.
  6. މި ގާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވޯޓުފޮށި ބަންދުކުރުމާ ހަވާލުވެހުރި މީހަކު، ގަސްދުގައި ނުވަތަ އޭނާގެ އިހުމާލުން ވޯޓުފޮށި ބަންދުނުކޮށް ހުރުން، ނުވަތަ ވޯޓުނަގަން ފެށުމާއި ވޯޓުނަގާ ނިންމުމާ ދެމެދުގައި، ނުވަތަ ވޯޓުގުނަން ހަމަޖެހިފައިވާ ވަގުތުގެ ކުރިން ވޯޓުފޮށި ހުޅުވައި ވޯޓުތައް ބަލައި ހެދުން، ނުވަތަ ވޯޓު ބަދަލުކޮށް އުނިއިތުރުކޮށް ހެދުން.
  7. މި ގާނޫނުގެ 52 ވަނަ މާއްދާގައި ބުނެފައިވާގޮތާ ހިލާފަށް ވޯޓުނެގުން ހުއްޓާލުން.
  8. މި ގާނޫނުގެ 72 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ފައިސާ ދިނުން ނުވަތަ ބަލައިގަތުން.
  9. އިލެކްށަންސް ކޮމިށަންގެ ހުއްދަނެތި ވޯޓުކަރުދާސް އުފެއްދުން ނުވަތަ ވޯޓުކަރުދާހުގެ ގޮތުގައި އިންތިހާބުގައި ބޭނުންކުރެވިދާނެ އެއާ އެއްފަދަ އެއްޗެއް އުފެއްދުން.
  10. އިންތިހާބާ ގުޅިގެން މި ގާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ހަރަދުކުރުން.
  11. އެއްވެސް އިންތިހާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ހައްގެއްގެ ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ށުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށް ވިޔަސް ދިނުން. އަދި މިފަދައިން އެއްވެސް އެއްޗެއް ދިނުމަކީ ރިށްވަތުދިނުން ކަމުގައި ބެލެވޭނެއެވެ.
  12. އިންތިހާބަށް އިއުލާންކުރާ ތާރީހުން ފެށިގެން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާތާ 30 (ތިރީސް) ދުވަހުގެ ނިޔަލަށް، އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ މިނޫންވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ މިއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުން. މިފަދައިން އަމަލުކުރުން ނުވަތަ ކުރަން އުޅުން އެއީވެސް ރިށްވަތުދިނުން ނުވަތަ ރިށްވަތުދޭން އުޅުން ކަމުގައި ބެލެވޭނެއެވެ.
  13. އިންތިހާބުގައި ވޯޓުކަރުދާސް ހުންނާނެ ގޮތާމެދު އިލެކްށަންސް ކޮމިށަން ފިޔަވައި، އެއްވެސް ފަރާތަކުން އިއުލާނެއް ނުވަތަ އެއްވެސް ބާވަތެއްގެ އިށްތިހާރެއް ކުރުން.
  14. މި ގާނޫނުގެ 39 ވަނަ މާއްދާގައިވާ ގޮތުގެމަތިން ވޯޓުލާ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ކެންޑިޑޭޓުންގެ ލިސްޓްގައިވާ ނަންތަކުގެ ތެރެއިން ނަމެއް މި ގާނޫނާ ހިލާފަށް ބަދަލުކޮށް، އެ ލިސްޓަށް އުނިއިތުރު ގެނައުން.
  15. ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހަކަށް ވޯޓު ލުމުގައި ނުފޫޒުފޯރުވުމަށްޓަކައި އޭނާއަށް ނުވަތަ އޭނާ މަސްލަހަތު ރައްކާތެރިކުރަންޖެހިފައިވާ ފަރާތަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްފާނެ ކަމުގެ ބިރުދެއްކުން.
  16. އިންތިހާބުގެ ކަންކަން ހިންގައި ބަލަހައްޓަން އިލެކްށަންސް ކޮމިށަންގެ ފަރާތުން ތިބޭ އޮފިށަލުންނަށް ބިރުދެއްކުން ނުވަތަ އިންތިހާބުގެ މަސައްކަތަށް ހުރަސްއެޅުން.
  17. އިންތިހާބަށް ކުރިމަތިލުމުގެ ގޮތުން ދޮގު މައުލޫމާތު ދިނުން.
  18. އިންތިހާބެއްގައި ވޯޓުދިނުމުގެ އެ ބުރެއްގައި އެއް ފަހަރަށްވުރެ ގިނަފަހަރު ވޯޓުލުން.
  19. އެއްވެސް މީހަކު ވޯޓުދިނުމަށް ދަތިކުރުން، ނުވަތަ ވޯޓުދިނުމަށް އެއްވެސް މީހަކަށް ހުރަސްއެޅުން.
  20. ވޯޓުލާ ސަރަހައްދުގައި އިލެކްށަންސް ކޮމިށަންގެ ފަރާތުން ވޯޓުގުނުމުގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެ ތިބޭ މީހުންގެ ތެރެއިން މީހަކު، ނުވަތަ އެނޫން މީހަކު ނަމަވެސް، މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުކަމެއް ކުރުން. ނުވަތަ އެފަދަ އަމަލެއް ކުރުމަށް އެއްވެސް ގޮތަކުން އެހީވުން. ނުވަތަ އެމީހެއްގެ ވާޖިބު އަދާކުރުމުގައި އިހުމާލުވުމުގެ ސަބަބުން އެފަދަ އަމަލެއް ހިނގުމަށް މަގުފަހިވުން.
  21. އިންތިހާބެއްގައި އެއްވެސް މީހަކު، އެހެން މީހެއްގެ ނަމުގައި ވޯޓުލުން.
  22. އަނެކެއްގެ އިންތިހާބީ ހައްގަކަށް ގާނޫނީގޮތުން ނޭދެވޭ ގޮތަކަށް ބެހި ނުވަތަ އެފަދަ ހައްގަކާމެދު ގަދަރާއި އިހްތިރާމް ކުޑަކުރުމުގެ ސަބަބުން އަނެކަކަށް އެ ހައްގު މިނިވަން ގޮތުގައި އިހްތިޔާރު ކުރުމަށް ހުރަސްއެޅުން.
  23. ވޯޓުލާ ސަރަހައްދުން ބޭރަށް ގާނޫނާ ހިލާފަށް ވޯޓުކަރުދާސް ގެންދިޔުން.
  24. ގާނޫނީގޮތުން ހުއްދަ ވޯޓުކަރުދާސް ނޫން އެހެން އެއްވެސް އެއްޗެއް ވޯޓުފޮށްޓަށް ލުން.
  25. ވޯޓުދިނުމުގެ ހައްގުނެތި އެއްވެސް އިންތިހާބެއްގައި ވޯޓުލުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (8) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 3 (ތިނެއް) އަހަރާއި 8 (އަށެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 36،000 (ތިރީސް ހަހާސް) ރުފިޔާއާއި 96،000 (ނުވަދިހަ ހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ނ) މި މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރުން ފެށިގެން (12) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 1 (އެކެއް) އަހަރާއި 4 (ހަތަރެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 12،000 (ބާރަހާސް) ރުފިޔާއާއި 48،000 (ސާޅީސް އަށްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. 

(ރ) މި މާއްދާގެ (ހ) ގެ (13) ވަނަ ނަންބަރުން ފެށިގެން (17) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 9 (ނުވައެއް) މަސްދުވަހާއި 2 (ދޭއް) އަހަރާ ދެމެދުގެ މުއްދަތަކަށް  ޖަލަށްލުން ނުވަތަ 9،000 (ނުވަހާސް) ރުފިޔާއާއި 24،000 (ސައުވީސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ބ) މި މާއްދާގެ (ހ) ގެ (18) ވަނަ ނަންބަރުން ފެށިގެން (23) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 4 (ހަތަރެއް) މަސްދުވަހާއި 1 (އެކެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 4،0000 (ހަތަރުހާސް) ރުފިޔާއާއި 12،000 (ބާރަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. 

(ޅ) މި މާއްދާގެ (ހ) ގެ (24) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 2 (ދޭއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 2،000 (ދެހާސް) ރުފިޔާއާއި 6،000 (ހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. 

(ކ) މި މާއްދާގެ (ހ) ގެ (25) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 1 (އެކެއް) މަސްދުވަހާއި 3 (ތިނެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 1،000 (އެއްހާސް) ރުފިޔާއާއި 3،000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. 

(އ) މި މާއްދާގެ ދަށުން ކުށްވެރިވި މީހަކީ، އިލެކްށަންސް ކޮމިށަނުން އިންތިހާބާބެހޭ ކަމެއް ހަވާލުކޮށްފައިވާ މީހަކު ކަމުގައިވާނަމަ، އެމީހެއްގެ އަދަބަކީ، މި މާއްދާގެ (ށ)، (ނ)، (ރ)، (ބ)، (ޅ) ނުވަތަ (ކ) ގެ ދަށުން ކަނޑައެޅޭ އަދަބުގެ އިތުރަށް، 6 (ހައެއް) މަސްދުވަހާއި 1 (އެކެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6،000 (ހަހާސް) ރުފިޔާއާއި 12،000 (ބާރަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ވ)  މި މާއްދާގައި ބަޔާންކޮށްފައިވާ ކުށަކާބެހޭ މައުލޫމާތު ސިއްރުކުރުމަކީ ކުށެކެވެ. އެފަދަ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) މަސްދުވަހަށް ޖަލަށްލުން ނުވަތަ 3،000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

(މ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އިންތިހާބުތަކާ ގުޅިގެން ހުށަހެޅޭ ރިށްވަތާބެހޭ މައްސަލަތައް ބަލައި ތަހްގީގުކުރާނީ އެންޓި-ކޮރަޕްށަން ކޮމިށަނުންނެވެ. އެ ކޮމިށަނުން މިފަދަ މައްސަލަތައް ބަލައި ނިންމައި، ގާނޫނުގައި ބަޔާންކުރާ ޖިނާއީ ކުށެއްގެ މައްސަލަ ތަހްގީގުކުރަންޖެހޭ ކަމަށް އެ މުއައްސަސާއަށް ފެންނަނަމަ، އެ މައްސަލައެއް ތަހްގީގުކޮށް، ށަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމުގެ އިހްތިޔާރު އެ މުއައްސަސާއަށް ލިބިގެންވެއެވެ. އަދި މައްސަލަ ނިމުމުން، ކަމާބެހޭ ރިޕޯޓު އިލެކްށަންސް ކޮމިށަނަށް ފޮނުވަންވާނެއެވެ.

 

32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 79 ވަނަ މާއްދާގެ (ހ) އަށް އަންނަނިވި އިބާރާތުގެ މާނަކުރުން އިތުރުކުރުން. 

(ހ) "ބްރޯޑްކާސްޓް ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގައި ބަޔާންކުރާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނަށެވެ.

 

33 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިންތިހާބުތަކާބެހޭ އާންމު ގާނޫނު (ގާނޫނު ނަންބަރު 2008-11)

 

ކޮންސޮލިޑޭޓެޑް ގާނޫނު

އިންތިހާބުތަކާބެހޭ އާންމު ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2008-11)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު