-

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2023-07 ގެ 241 ވަނަ މާއްދާއިން އުވާލެވިފައި)

 

ކުންފުންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-10) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2018-14)

 

ކުންފުންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-10) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

7. (ށ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކޮންމެ ކުންފުންޏަކުން މި ގާނޫނުގެ ތާވަލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަހަރީ ފީ ދައްކަންވާނެއެވެ. މި ގާނޫނުގެ ތާވަލުގައި ބަޔާންކޮށްފައިވާ އަހަރީ ފީ، އެ އަހަރެއްގެ މާޗް މަސް ނިމުމުގެކުރިން ކުންފުންޏަކުން ނުދައްކައިފިނަމަ، އެ ކުންފުންޏަކުން ކުރަމުން އަންނަ ވިޔަފާރި، އަހަރީ ފީ ދައްކަންދެން ހުއްޓުވުމުގެ އިހްތިޔާރު، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެންވެއެވެ. އަދި ލަސްވެގެން އެ އަހަރެއްގެ މެއި މަސް ނިމުމުގެ ކުރިން ކުންފުންޏަކުން އަހަރީ ފީ ނުދައްކައިފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ކުންފުނި އުވާލުމުގެ އިހްތިޔާރު ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެންވެއެވެ.

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 69 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

69. (ނ) މި މާއްދާގެ (ށ) ގެ ދަށުން ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރު ޖޫރިމަނާކުރެވިއްޖެނަމަ، އެ ކުންފުންޏަކުން އެ މާއްދާގައި ބަޔާންކުރާ ޖޫރިމަނާގެ ފައިސާ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ދައްކަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ ދެއްކުމާއެކު، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓު ހުށަނާޅައިފިނަމަ،އެ ކުންފުންޏެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުވާލުމުގެ އިހްތިޔާރު ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

75. (ށ)

(1) ކުންފުންޏެއް އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ކަނޑައެޅޭނީ އެ ކުންފުންޏަކީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެފައިވާ ކުންފުންޏެއް ކަމުގައިވާނަމައެވެ.

  1. މި ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ކުންފުނީގެ އަހަރީ ފީ ދައްކާފައިނުވުން؛ ނުވަތަ
  2. އެ ކުންފުނިން ކުރުމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް، އެ ކުންފުނި ރަޖިސްޓަރީކުރި ތާރީހްން ފެށިގެން 1 (އެކެއް) އަހަރު ދުވަސް ފާއިތުވާއިރު ނުކުރާ ކުންފުންޏެއް ކަމުގައިވުން، ނުވަތަ
  3. އެ ކުންފުންޏަކުން ކުރުމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ނުކުރާތާ 2 (ދޭއް) އަހަރު ދުވަސް ފާއިތުވެފައިވާ ކުންފުންޏެއް ކަމުގައިވުން؛ ނުވަތަ
  4. މި ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި، އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓު ހުށަނޭޅުމުގެ ސަބަބުން އެ މާއްދާގެ (ށ) ގެ ދަށުން ކުރެވޭ ޖޫރިމަނާގެ ފައިސާ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ދައްކާފައިނުވާ، އަދި އެ މުއްދަތުގެ ތެރޭގައި އެ އަހަރީ ހިސާބުތަކާއި ރިޕޯޓުތައް ހުށަހަޅާފައިނުވާ ކުންފުންޏެއް ކަމުގައިވުން.

 (2) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކުންފުންޏެއް އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައިފިނަމަ، އެ ކުންފުނި އުވާލުމުގެ ނޯޓިހެއް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ޢާންމުކޮށް އިޢުލާނުކުރަންވާނެއެވެ. އެގޮތުން ކުރާ އިޢުލާނުގައި، އެ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްތޯ ބަލަންވާނެއެވެ. އަދި އެ ކުންފުނިން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެ ކުންފުނީގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދަޢުވާއެއް އޮތްކަމަށް، އެ އިޢުލާނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، އެއްވެސް ފަރާތަކުން ހުށަނާޅައިފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް އެ ކުންފުނި އުވާލެވިދާނެއެވެ.

(3) މި އަކުރުގެ (2) ވަނަ ނަންބަރުގެ ދަށުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ޢާންމުކޮށް އިޢުލާނުކުރާ ހާލަތުގައި، އެ ކުންފުންޏަކާ ދެކޮޅަށް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތް ކަމަށް ބަޔާންކޮށް އެއްވެސް ފަރާތަކުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅައިފި ނަމަ، އެ ކުންފުންޏެއް އުވާލުމުގެ މައްސަލަ، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކޯޓަށް ހުށަހަޅަންވާނެއެވެ.

 

4 ވަނަ މާއްދާ - މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

އުވި ގާނޫނު

ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07)

 

މައި ގާނޫނު

ކުންފުންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-10)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ކުންފުންޏާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1996-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު