-

ރިޔާސީ ކޮމިށަންތަކުގެ ގާނޫ

(ގާނޫނު ނަންބަރު 2019-04)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ  - ތަޢާރުފާއި ނަން

(ހ) މި ގާނޫނަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން އެކިއެކި ތަހުގީގުތައް ކުރުމަށް ނުވަތަ ގައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާ ކޮމިށަންތަކުގެ މަސްއޫލިއްޔަތުތައް އެކަށައެޅޭ ގޮތާއި، އެ ކޮމިށަންތަކުގެ ބާރުތަކާއި، މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ރިޔާސީ ކޮމިށަންތަކުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ  - މަގްސަދު

މި ގާނޫނުގެ މަގްސަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން އެކިއެކި ތަހުގީގުތައް ކުރުމަށް ނުވަތަ ގައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާ ކޮމިށަންތަކުގެ ބާރުތަކާއި، އެ ކޮމިށަންތަކުގެ މަސްއޫލިއްޔަތުތައް އެކަށައެޅޭގޮތް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ  - ލަފްޒުތަކުގެ ރަދީފު

މި ގާނޫނުގައި "ކޮމިށަން" ނުވަތަ "ކޮމިށަންތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން އެކިއެކި ތަހުގީގުތައް ކުރުމަށް ނުވަތަ ގައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާ ކޮމިށަންތަކަށެވެ.

 

4 ވަނަ މާއްދާ  - ކޮމިށަނުގެ މަސައްކަތް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދާ ކޮމިށަނުގެ މަގްސަދާއި، އެ ކޮމިށަނުގެ މަސްއޫލިއްޔަތު ކަނޑައަޅާނީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކަށައަޅާ ގަރާރަކުންނެވެ.

 

ދެވަނަ ބާބު

ކޮމިށަންތައް އެކުލަވާލުން

 

5 ވަނަ މާއްދާ  - ކޮމިށަން އެކުލެވިގެންވާ ގޮތް

(ހ) ރިޔާސީ ކޮމިށަން އެކުލެވިގެންވަނީ އެވަގުތަކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެންބަރެއް ނުވަތަ މެންބަރުންގެ މައްޗަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ މެންބަރުން ކޮމިށަނަށް ޢައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ކޮމިށަނުގެ މެންބަރުންގެ ޢަދަދު އިތުރުކުރުމާއި، މަދުކުރުމުގެ ބާރުވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ  - ކޮމިށަނުގެ ބާރުތައް

(ހ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން އަންނަނިވި ކަންކަން ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ. (ހ) ކޮމިށަނުގެ ހިންގާ ގަވާއިދު އެކުލަވާލުން؛

(ށ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި އަދި ކޮމިށަނުން ކުރިއަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛

(ނ) ކޮމިށަނުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި،ރާއްޖެއިން ބޭރުގެ ހަބީރުންގެ އެހީތެރިކަން ހޯދުން؛

(ރ) ޖިނާއީ މައްސަލަތައް ތަހުގީގުކުރުން؛ އަދި މިގޮތުން ކޮމިށަނުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ޖިނާއީ މައްސަލައެއް ބަލަންޖެހިއްޖެނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން.

(ބ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ. އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން މިފަދަ އަމުރު ތަންފީޒުކޮށްދޭންވާނެއެވެ.

 

7 ވަނަ މާއްދާ  - ހާސިރުކުރުމާއި ހެކި ހޯދުން

(ހ) ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހާސިރުކުރަންޖެހޭކަމަށް ކޮމިށަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިށަނަށް ހާސިރުކޮށް ސުވާލުކުރުމާއި، ކޮމިށަނުން ބަލާ މައްސަލައަކާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫންވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމެއް ރައްދުވާ މީހަކު އެ އެންގުމަކާ ޚިލާފުވެއްޖެނަމަ އެމީހަކު އެކުރަނީ ޖިނާއީ ކުށެކެވެ.

 

8 ވަނަ މާއްދާ  - ތުހުމަތުކުރެވޭ ފަރާތްތަކުގެ ހައްގުތައް

ކޮމިށަނުން ތަހުގީގުކޮށް ބަލާ މައްސަލަތަކުގައި ތުހުމަތުކުރެވޭ ކޮންމެ ފަރާތަކަށް އެފަރާތެއްގެ ދިފާޢުގައި ވާހަކަ ދެއްކުމާއި، ލިޔެކިޔުންތައް ހުށަހެޅުމާއި، ހެކިން ހުށަހެޅުމާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެ ފުރުސަތު ހޯދުމުގެ ހައްގާއި، ޖިނާއީ ކުށެއްގެ ތުހުމަތެއް ހިމެނޭ މައްސަލައެއްގައިނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައިވާ ފަރާތްތަކަށް ލިބިދޭ އެންމެހައި ހައްގުތައް ލިބިގެންވެއެވެ.

 

ތިންވަނަ ބާބު

މައްސަލަ ބަލައި ފިޔަވަޅު އެޅުން

9 ވަނަ މާއްދާ  - މައްސަލަ ބެލުމަށްފަހު ޢަމަލުކުރާނެ ގޮތް

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން އެކުލަވާލާ ކޮމިށަނުން ތަހުގީގުކުރާ މައްސަލަތަކުގައި ހިމެނޭ ޖިނާއީ ބައިތަކުގެ ތަހުގީގު ފުރިހަމަވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ ލަފާގެމަތިން، އެފަދަ މައްސަލަތަކުގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން އެކުލަވާލާ ކޮމިށަނުން ތަހުގީގުކުރާ މައްސަލަތަކުގައި ހިމެނޭ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމާއި، މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ ކަންކަން ހިމެނޭނަމަ އެފަދަ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުއެޅުމާއި ދަޢުވާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ލަފާގެމަތިން، އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ބުނެފައިވާ ކަންކަން ފިޔަވައި އެނޫން ކަންކަމުގައި ކޮމިށަނަށް ފެންނަ ގޮތުގެ ރިޕޯޓު އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ.

 

ހަތަރުވަނަ ބާބު

އެހެނިހެން ކަންކަން

10 ވަނަ މާއްދާ  - މައްސަލަތައް ތަހުގީގުކުރުމުގައި ކޮމިށަނަށް ލިބިދޭ ހާއްސަ އިމްތިޔާޒު

(ހ) ކޮމިށަނެއް އުފައްދާ ރިޔާސީ ގަރާރުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ ކޮމިށަނުން ބަލަންޖެހޭކަމަށް ރިޔާސީ ގަރާރުގައި ކަނޑައަޅާ މައްސަލަތައް ބަލާނީ އެ ކޮމިށަނަކުންނެވެ.

(ށ) ކޮމިށަނުން ބަލަންޖެހޭކަމަށް ރިޔާސީ ގަރާރުގައި ކަނޑައަޅާ ބާވަތުގެމައްސަލަތަކުގައި ކޮމިށަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއްކޮށްފައިވާނަމަ އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދާފައިވާ މަޢުލޫމާތާއި، ހޯދުންތަކާއި، އެފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި، އެނޫންވެސް ކަންކަން ކޮމިށަނުން އެދިއްޖެ ހިނދެއްގައި ކޮމިށަނާ ހިއްސާކުރަންވާނެއެވެ.

 

11 ވަނަ މާއްދާ  - ކޮމިށަނުގެ އިދާރީ ކަންކަން

ކޮމިށަން ހިންގުމަށްޓަކައި ބޭނުންވާ އަންނަނިވި ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ލަފާގެމަތިން މިނިސްޓްރީ އޮފް ފިނޭންސްއިން ހަމަޖައްސަންވާނެއެވެ.

(ހ) ކޮމިށަނުގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް؛

(ށ) ކޮމިށަނުން ޢައްޔަންކުރާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް؛

(ނ) ކޮމިށަނުގެ މަސައްކަތްކުރުމަށް ބޭނުންވާނެ އޮފީހާއި ކޮމިށަނުގެ ބަޖެޓް.

 

12 ވަނަ މާއްދާ  - ކޮމިށަނުގެ މަސައްކަތަށް މުވައްޒަފުން ވިއްވުން

(ހ) ދައުލަތުގެ ނުވަތަ ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާމުވައްޒަފަކު ކޮމިށަނެއްގެ ތަހުގީގެއްގެ މަސައްކަތްކުރުމަށް ވަގުތީގޮތުން ކޮމިށަނަށް ވީއްލައިދިނުމަށް ކޮމިށަނުން އެދިއްޖެނަމަ، އެ މުވައްޒަފަކު މަސައްކަތްކުރާ އޮފީހެއްގެ މަސައްކަތުން އެ މުވައްޒަފަކު ވީއްލަންވާނެއެވެ. އެގޮތުން ކޮމިށަނުގެ މަސައްކަތަށް ވީއްލޭ މުވައްޒަފުން ކޮމިށަނުގައި މަސައްކަތްކުރާ މުއްދަތުގެ މުސާރައާއި ޢިނާޔަތްތައް ރޭނީ އެ ކޮމިށަނަކުންނެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކޮމިށަނުން ވީއްލަން އެދޭ މުވައްޒަފަކު އެ ކޮމިށަނުގައި މަސައްކަތްކުރަން އުޒުރުވެރިވާނަމަ، އެ ކޮމިށަނުގެ މަސައްކަތަށް ދިއުމުން ތަނާޒުލުވުމުގެ ފުރުސަތު އެ މުވައްޒަފަކަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ  - ސިއްރު ހީފެހެއްޓުން

(ހ) ކޮމިށަނުން ހިންގާ ތަހްގީގުތައް ކުރިއަށްދާއިރު، ކޮމިށަނުން ކަނޑައަޅާ ހާލަތްތައް ފިޔަވައި އެނޫން ހާލަތްތަކުގައި ތަހުގީގުތަކާގުޅޭ އެންމެހައި މަޢުލޫމާތަކީ، ސިއްރު އަދި އިމްތިޔާޒް ލިބިގެންވާ މަޢުލޫމާތެވެ.

(ށ) ކޮމިށަނުން ތަހުގީގުކޮށް ދަޢުވާކުރުމަށާއި، ފިޔަވަޅު އެޅުމަށް ފޮނުވާ މައްސަލަތަކުގައި ހިމެނޭ އެންމެހައި މަޢުލޫމާތާއި، ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމަށްޓަކައި ޢަމަލުކުރާނެ ހާއްސަ އިޖުރާއަތުތައް އެކަށައަޅައި، އެކަމާބެހޭ އިންތިޒާމުތައް އެ މައްސަލައެއް ފޮނުވޭ އިދާރާއަކުން ހަމަޖައްސަންވާނެއެވެ.

 

14 ވަނަ މާއްދާ  - ހިމާޔަތް

ކޮމިށަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި، ކޮމިށަނަށް ލިބިދޭ ބާރުތަކުގެ ދަށުން ޢަމަލުކުރުމުގެ ގޮތުން ގާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، އެއިން ކޮމިށަނެއްގެ މެންބަރަކު ނުވަތަ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮ ނިޔަތުގައި ކުރާ ކަމަކާމެދު، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދަޢުވާއެއް ނުއުފުލޭނެއެވެ.

 

15 ވަނަ މާއްދާ  - މާލީ ބަޔާން

ކޮމިށަނުގެ މެންބަރުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނީގެ މައްޗަށް އެކުލެވޭ ބަޔާނެއް ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ތައްޔާރުކޮށް، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

 (ހ) ކޮމިށަނުގެ މެންބަރުކަމަށް ޢައްޔަންކުރެވުމާއެކު؛

 (ށ) ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު؛

 (ނ) ކޮމިށަނުގެ މެންބަރުކަމުން ވަކިވުމާއެކު.

 

16 ވަނަ މާއްދާ  - އިސްތިޢުފާ ދިނުން

ކޮމިށަނެއްގެ މެންބަރަކު އޭނާގެ މަގާމުން އިސްތިޢުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، ސިޓީއަކުން އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ކޮމިށަނުގެ މެންބަރު އެ މަގާމުން ވަކިވީއެވެ.

 

17 ވަނަ މާއްދާ  - މެންބަރެއްގެ މަސްލަހަތު އޮތް މައްސަލައެއް ނުބެލުން

(ހ) ކޮމިށަނުގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއް ކޮމިށަނުން ބަލާ ހިނދު، އެ މައްސަލައެއް ބެލުމުގައި ނުވަތަ ނިންމުމުގައި އެ މެންބަރަކު އެއްވެސް މިންވަރަކަށް ބައިވެރިވެގެން ނުވާނެއެވެ. އަދި ކޮމިށަނުން ބަލާ މައްސަލައަކީ، ކޮމިށަނުގެ މެންބަރެއްގެ އެފަދަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތްނަމަވެސް، އެކަން އެނގޭހިނދު އެ މައްސަލައަކީ އެ މެންބަރެއްގެ މަސްލަހަތެއް އޮތް މައްސަލައެއްކަން ކޮމިށަނުގެ ރައީސަށް އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުން ނިންމުމުން އެ މެންބަރަކު ތަނާޒުލްވާންވާނެއެވެ.

(ށ) ކޮމިށަނުން ބަލާ މައްސަލަތައް ބެލުމަށް ކޮމިށަނުގެ މެންބަރުން ކަނޑައަޅާ މުވައްޒަފެއްގެ މަސްލަހަތު ފުށުއަރާފަދަ މައްސަލަތައް ބެލުމުގައި އެ މުވައްޒަފަކު އެއްވެސް މިންވަރަކަށް ބައިވެރިވެގެން ނުވާނެއެވެ.

 

18 ވަނަ މާއްދާ  - މާލީ ކަންކަން

ކޮމިށަނުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން، ކޮމިށަނަށް ދޫކުރަންވާނެއެވެ. އެކަމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްގެ މަޝްވަރާގެ މަތިން އެ ކޮމިށަނަކުން، ކޮމިށަނުގެ ބަޖެޓް އެކުލަވާލައި ދައުލަތުގެ ބަޖެޓާއެކު ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

19 ވަނަ މާއްދާ  - އަހަރީ ރިޕޯޓު

 ކޮމިށަނުގެ މަސައްކަތް ފެށުމަށްފަހު ހިނގާ ކޮންމެ މާލީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ފާއިތުވެދިޔަ އަހަރު ކޮމިށަން ހިނގާފައިވާ ގޮތާއި، ކޮމިށަނުގެ މަސައްކަތްތަކުގެ ތަފްސީލު ހިމެނޭ އަހަރީ ރިޕޯޓެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

20 ވަނަ މާއްދާ  - އާމްދަނީއާއި ހަރަދު އޮޑިޓްކުރުން

ކޮމިށަނުގެ އާމްދަނީއާއި ހަރަދާއި، މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަޝްވަރާއާއެކު، ކޮމިށަނުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލިޔެ ބަލަހައްޓައި އޮޑިޓްކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާން ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓާއެކު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

21 ވަނަ މާއްދާ  - ވަގުތީ ރިޕޯޓު

(ހ) ކޮމިށަނުގެ މަސައްކަތް ފެށުމަށްފަހު ހިނގާ މުއްދަތުގައި ވޭތުވެގެންދާ ކޮންމެ 3 (ތިނެއް) މަހަކުން އެއްފަހަރު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭ ރިޕޯޓެއް އެ ކޮމިށަނުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ.

 (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ކޮމިށަނުން ކޮށްފައިވާ މަސައްކަތްތައް؛
  2. ކޮމިށަނުން ބަލަމުންގެންދާ މައްސަލަތަކުގެ ތަފްސީލު؛
  3. ކޮމިށަނުން ނިންމާފައިވާ މައްސަލަތަކާއި، އެ މައްސަލަތައް ނިންމާފައިވާ ގޮތް؛
  4. ކޮމިށަނުގެ އިދާރީ ހިންގުމާގުޅޭ މަޢުލޫމާތު.

 (ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގެ އިތުރަށް، ކޮމިށަނުގެ މަސައްކަތް ފުރިހަމަވެ ނިމުމުން، އަންނަނިވި ކަންކަން ހިމެނޭ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެއެވެ.

  1. ކޮމިށަނުން ކޮށްފައިވާ މަސައްކަތްތަކުގެ ފުރިހަމަ ތަފްސީލު؛
  2. ކޮމިށަނުން ބެލި ނުވަތަ ތަހުގީގުކުރި ކޮންމެ މައްސަލައެއް ވަކިން ބަޔާންކޮށް އެ މައްސަލައިގެ ތަފްސީލު ހިމެނުމާއެކު އެ މައްސަލައެއްގައި ފާހަގަވި ކަންކަމާއި އެ މައްސަލައެއް ނިންމިގޮތް؛
  3. ކޮމިށަނުން ބެލި ނުވަތަ ތަހުގީގުކުރި ކޮންމެ މައްސަލައެއް ވަކިން ބަޔާންކޮށް އެ މައްސަލައަކާ ގުޅިގެން ކޮމިށަނުން ހުށަހަޅާ ހުށަހެޅުންތައް.

 (ރ) މި މާއްދާގެ (ހ) އަދި (ށ) އެހެން އޮތްނަމަވެސް، ދިމާވާ ހާއްސަ ހާލަތެއްގައި، ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި އެ ހާލަތަކާގުޅޭ ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

22 ވަނަ މާއްދާ  - ކޮމިށަން އުވާލުން

އެވަގުތަކު އުފައްދާ ރިޔާސީ ކޮމިށަނެއްގެ މަސައްކަތް ނިމުމުން ނުވަތަ އެނޫންވެސް ސަބަބަކަށްޓަކައި އެ ކޮމިށަނެއް އުވާލުމަށް ނިންމައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގަރާރު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރުމުން އެ ކޮމިށަނެއް އުވުނީއެވެ.

 

23 ވަނަ މާއްދާ  - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ކޮމިށަންތަކުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އެ ކޮމިށަނަކުންނެވެ.

(ށ) މި ގާނޫނުގެ ދަށުން ކޮމިށަންތަކުން ހަދަންޖެހޭ ގަވާއިދުތަށް، އެ ކޮމިށަނެއް އެކުލަވާލާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ޢާންމުކުރަން ވާނެއެވެ.

 

 24 ވަނަ މާއްދާ  - ގާނޫނަށް ޢަމަލުކުރަން ފެށުން

މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގްކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ޕްރެޒިޑެންށަލް ކޮމިޝަން އޮން ކޮރަޕްށަން އެންޑް އެސެޓް ރިކަވަރީން މައްސަލަ ބަލައި ތަހުގީގު ކުރުމުގައި އަމަލުކުރާނެ އުސޫލުތަކާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 57/2020)
  2. ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިށަނުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 19/2020)
  3. ޕްރެޒިޑެންށަލް ކޮމިށަން އޮން ކޮރަޕްށަން އެންޑް އެސެޓް ރިކަވަރީގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 1060/2019)
  4. މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިށަނުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 1058/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު