-

އިމާރާތްކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2017-04)

 

އެއްވަނަ ބާބު

ފެށުން

 
1 ވަނަ މައްދާ - ތަޢާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ތަރައްގީކޮށް، ކަނޑައެޅޭ ހަމަތަކަކާއި މިންގަނޑުތަކެއްގެ މަތިން އެ ދާއިރާ ކުރިއަރުވައި ހިންގުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "އިމާރާތްކުރުމުގެ ގާނޫނު" އެވެ.

 
2 ވަނަ މައްދާ - މަގްސަދު

މި ގާނޫނުން ހާސިލުކުރަން ބޭނުންވާ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އިމާރާތްތަކަކީ ރައްކާތެރި، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭ، އަދި އެ ތަންތަން ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ނުލިބޭނެ ރައްކާތެރި ތަންތަން ކަމުގައި ހެދުމަށް މަގުފަހިކުރުން؛ 

(ށ) އިމާރާތްކުރުމުގެ މަސައްކަތަކީ ރައްކާތެރި، ތަރައްގީއާއި އުފެއްދުންތެރިކަމަށް މަގުފަހިކުރާ، ތިމާވެއްޓާ ރައްޓެހި މަސައްކަތަކަށް ހެދުން؛

(ނ) އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ގާބިލު، ފަންނުވެރި ބަޔަކަށް ހެދުން؛

(ރ) އިމާރާތްކުރުމުގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމާއި، އިމާރާތްކުރުމުގައި ބޭނުންކުރާ ތަކެތީގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިކުރުން؛

(ބ) އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ ދިނުމަށް "މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓްރަކްށަން ބޯޑު" ގެ ނަމުގައި ބޯޑެއް އުފެއްދުން؛

(ޅ) އިމާރާތްކުރުމުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުން.

 

3 ވަނަ މާއްދާ - ސިޔާސަތު ކަނޑައެޅުން

މި ގާނޫނުގެ ރޫހާ އެއްގޮތްވާ ގޮތުގެމަތިން، އަދި މި ގާނޫނުގެ މަގްސަދުތައް ހާސިލުވާނެ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތެކެވެ.

 
4 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރުން

މި ގާނޫނު ތަންފީޒުކުރުމާއި، ހިންގުމާއި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގެ އެންމެ އިސް ޒިންމާ އުފުލާނީ މިނިސްޓަރެވެ.

 

ދެވަނަ ބާބު

މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓްރަކްށަން ބޯޑު

 

5 ވަނަ މާއްދާ - މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓްރަކްށަން ބޯޑު ގާއިމުކުރުން

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމުގައި، މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި "މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓްރަކްށަން ބޯޑު" ގެ ނަމުގައި މިނިސްޓްރީގައި ބޯޑެއް އުފައްދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ ބޯޑު ހިނގަމުންދާނީ މިނިސްޓްރީގެ ދަށުންނެވެ.

 

6 ވަނަ މާއްދާ - ބޯޑުގެ މެންބަރުން

(ހ) ބޯޑު އެކުލެވިގެންވާނީ، އިމާރާތްކުރުމާގުޅޭ ދާއިރާއިން ފަންނީ ތަޢުލީމު އަދި/ނުވަތަ ތަޖުރިބާ ލިބިފައިވާ، ތިރީގައިވާ ދާއިރާތަކުން ޢައްޔަންކުރެވޭ 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.

  1. މިނިސްޓަރު ކަނޑަޅާ 2 (ދޭއް) މެންބަރުން؛
  2. އިމާރާތްކުރުމާގުޅޭ ފަންނީ ލަފާދޭ ފަރާތްތަކުގެ ތެރެއިން ތަފާތު ދެ ދާއިރާ ތަމްސީލުކުރާ 2 (ދޭއް) މެންބަރުން؛
  3. އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތައް ތަމްސީލުކުރާ 1 (އެކެއް) މެންބަރު؛
  4. ގާނޫނީ ދާއިރާއިން ޢައްޔަންކުރާ 1 (އެކެއް) މެންބަރު؛
  5. ލޯކަލް ގަވަރމަންޓް އޮތޯރިޓީން ޢައްޔަންކުރާ 1 (އެކެއް) މެންބަރު.

(ށ) ބޯޑަށް ޢައްޔަންކުރެވޭ މެންބަރުންގެ ކިބައިގައި އަންނަނިވި ސިފަތައް ފުރިހަމަވާންވާނެއެވެ.

  1. ބޯޑުގެ މެންބަރެއްގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ އިލްމީ ފެންވަރާއި ލަޔާގަތާއި މަސައްކަތުގެ އަހްލާގު ހުރި ދިވެހި ރައްޔިތަކު ކަމުގައިވުން؛
  2. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ރިށްވަތުގެ ކުށެއް ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ކުރިކަން ށަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ނ) ބޯޑަށް މެންބަރުން ޢައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ރ) ބޯޑުގެ މެންބަރުންނަށް ދެވޭ އުޖޫރަ ކަނޑައަޅާނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

 
7 ވަނަ މާއްދާ - ބޯޑު މެންބަރުންގެ ދައުރު

ބޯޑަށް ޢައްޔަންކުރެވޭ މެންބަރުންގެ މެންބަރުކަމުގެ ދައުރަކީ 2 (ދޭއް) އަހަރު ދުވަހުގެ 1 (އެކެއް) ދައުރެވެ. މިގޮތުން ޢައްޔަންކުރެވޭ ކޮންމެ މެންބަރެއްގެވެސް މެންބަރުކަމުގެ ދައުރު ހަމަވުމަށްފަހު، އިތުރު 1 (އެކެއް) ދައުރަށް އަލުން އެ މެންބަރަކު ބޯޑަށް ޢައްޔަންކުރެވިދާނެއެވެ.

 
8 ވަނަ މާއްދާ- ބޯޑުގެ މަސްއޫލިއްޔަތުތައް

ބޯޑުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އިމާރާތްކުރުމުގެ ދާއިރާ ފުޅާކޮށް، ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުން މިނިސްޓަރަށް ދޭންޖެހޭ ލަފާދިނުން؛

(ށ) އިމާރާތްކުރުމުގެ ދާއިރާއަށް އަސަރުފޯރާ ނުވަތަ އެ ދާއިރާއާ ގުޅުންހުރި ކަންކަމާ ބެހޭގޮތުންނާއި، އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން

(ނ) އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި އެ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، އިމާރާތްކުރުމުގެ ދާއިރާގައި ބޭނުންކުރާ ތަކެއްޗާއި، އުފެއްދުންތަކާއި، މަސައްކަތްކުރާ ގޮތްތައް ތަރައްގީކުރާނެ ގޮތަކާމެދު ލަފާދިނުން؛

(ރ) އިމާރާތްކުރުމުގެ ދާއިރާގައި ޕްރޮކިޔޮމެންޓާއި އެއްބަސްވުންތައް ގާއިމުކުރުމުގެ އުސޫލުތަކާއި ގޮތްތައް ކުރިއެރުވުމާއި، އެކަންކަމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން؛

(ބ) އިމާރާތްކުރުމުގެ ދާއިރާއާ ގުޅުންހުރި ކަންކަމުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން؛

(ޅ) އިމާރާތްކުރުމުގެ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރެވޭނެ ގޮތަކާމެދު ލަފާދިނުން؛

(ކ) އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ގާބިލުކަމާއި ފަންނުވެރިކަން ކުރިއެރުވޭނެ ގޮތަކާމެދު ލަފާދިނުން؛

(އ) އިމާރާތްކުރުމުގެ ދާއިރާގައި ފެންވަރު ބެލުމުގެ ބައިނަލްއަގްވާމީ މިންގަނޑުތައް ބޭނުންކުރުމަށް ބާރުއަޅާނެ ގޮތްތަކާމެދު ލަފާދިނުން؛

(ވ) އިމާރާތްކުރުމުގެ ދާއިރާގައި ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ބޭނުންވާ މިންވަރާއި، ލިބެންހުންނަ މިންވަރާމެދު ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން؛

(މ) އިމާރާތްކުރުމުގެ ދާއިރާގެ ތަރައްގީއާއި ކުރިއެރުމަށް އިމާރާތްތަކުގައި ހަކަތަ ބޭނުންކުރެވޭ ގޮތާއި، އިމާރާތް ބަލަހައްޓައި މެނޭޖްކުރާނެ ގޮތާއި، ބިލްޑިންގ ކޯޑާއި، އިމާރާތްކުރުމުގެ ގަވާއިދުތަކާއި، ބިލްޑިންގ ކޮންޓްރޯލް ނިޒާމުތަކާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައްކުރުމާއި، އެކަންކަން ކުރިއެރުވޭނެ ގޮތަކާމެދު ލަފާދިނުން؛

(ފ) އިމާރާތްތައް ތަރައްގީކުރުމާއި ބޭނުންކުރުމުގައި ހޭދަވާ ހަކަތައިގެ މިންވަރު މަދުކުރުމަށް ބާރުއެޅުމާ ގުޅޭގޮތުން ލަފާދިނުން؛

(ދ) އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތަކުގެ ރިކޯޑުތަކާއި ކުރެހުންތަކުގެ އަރުށީފެއް ގާއިމުކޮށް ބެލެހެއްޓުމާމެދު ލަފާދިނުން؛

(ތ) އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިން ރަޖިސްޓަރީކޮށް، އެ ފަންނުވެރިންނާގުޅޭ ދަފްތަރުތައް ބެލެހެއްޓުމާމެދު ލަފާދިނުން؛

(ލ) އިމާރާތްކުރުމުގެ މަސައްކަތްތަކާއި ހިދުމަތްތައް އެކްސްޕޯޓްކުރުމުގައި އެހީތެރިވެދިނުމާއި، އެކަން ކުރިއެރުވޭނެ ގޮތަކާމެދު ލަފާދިނުން؛

(ގ) އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމުގެގޮތުން އެހެން ގައުމުތަކުގެ އިމާރާތްކުރުމުގެ ދާއިރާއާ ގުޅުންހުރި މުއައްސަސާތަކާއެކު ފަންނީ ލަފަޔާއި މަޢުލޫމާތު ހިއްސާކުރުން؛

(ޏ) އިމާރާތްކުރުމުގެ ދާއިރާ ކުރިއަރުވައި، ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ތަންފީޒުކުރުމާމެދު ލަފާދިނުން؛

(ސ) އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް އިތުރުކުރުމަށް ބާރުއަޅައި، ކަމާގުޅޭގޮތުން އެހެނިހެން އިދާރާތައް މެދުވެރިކޮށް ކުރަންޖެހޭ ކަންކަން ކުރުވުމުގެ ޒިންމާ މިނިސްޓްރީން އަދާކުރުމުގައި ލަފާދިނުން؛

(ޑ) އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ލަފާދިނުން.

 

9 ވަނަ މާއްދާ - ބޯޑުގެ ޗެއަރމަން

ބޯޑުގެ ޗެއަރމަނަކީ ބޯޑުގެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ފަރާތެކެވެ.

 

10  ވަނަ މާއްދާ - ޗެއަރމަންގެ ވާޖިބާއި މަސްއޫލިއްޔަތު

ބޯޑުގެ ޗެއަރމަންގެ ޒިންމާތަކަކީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ބޯޑުގެ މަސައްކަތްތައް ރާވައި ހިންގުމާއި، ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ.

 
11 ވަނަ މާއްދާ - އިސްތިޢުފާދިނުން

(ހ) ބޯޑުގެ މެންބަރަކު އޭނާގެ މަގާމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިޢުފާދެވިދާނެއެވެ. އިސްތިޢުފާދިންކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.

(ށ) ބޯޑުގެ ޗެއަރމަން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ ޢަމަލުކުރާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އެހެންނަމަވެސް، ބޯޑުގެ ޗެއަރމަން އޭނާގެ މަގާމުން އިސްތިޢުފާދިންކަމުގައިވިޔަސް، ބޯޑުގެ މެންބަރުކަމުން އިސްތިޢުފާނުދޭހާ ހިނދަކު، ބޯޑުގެ މެންބަރުކަމުން އޭނާ އިސްތިޢުފާދިނީ ކަމުގައެއް ނުބެލެވޭނެއެވެ.

 

12 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ކަންކަން ބެލުމުގައި ބައިވެރިނުވުން

(ހ) މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ބޯޑުގެ ލަފައަކަށް އެދި މިނިސްޓަރު ހުށަހަޅާ މައްސަލައެއް ބޯޑުން ބެލުމުގައި، އެ މައްސަލައަކީ ބޯޑުގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް މައްސަލައެއްނަމަ، އެ މައްސަލައެއް ބެލުމުގައިވެސް ނުވަތަ ނިންމުމުގައިވެސް އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި ބޯޑުން ބަލާ މައްސަލައަކީ، ބޯޑު މެންބަރެއްގެ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތްނަމަވެސް އެކަން އެނގޭ ހިނދުން ފެށިގެން އެކަން ބޯޑުގެ ޗެއަރމަނަށް އެންގުމާއެކު، އެ މައްސަލައެއް ބެލުމަށް އަދި/ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް އެ މެންބަރަކު ތަނާޒުލުވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ހާލަތެއް ބޯޑުގެ ޗެއަރމަނަށް މެދުވެރިވެއްޖެނަމަ، އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުން ބޯޑުގެ އެހެން މެންބަރަކާ ހަވާލުކޮށް، އެ މައްސަލަ ބެލުމުން އޭނާ ތަނާޒުލުވާންވާނެއެވެ.

(ނ) ބޯޑުގެ އެއްވެސް މެންބަރަކު، މި ގާނޫނުގެ ދަށުން އެމީހެއްގެ ވާޖިބު އަދާކުރުމުގައި، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތެއްގެ ނުވަތަ މާލީ ނުވަތަ ސިނާޢީ ނުވަތަ ވިޔަފާރިއާއި ވިޔަފާރި ހިންގުމުގެ ދާއިރާގައި ހިމެނޭ ފަރާތެއްގެ، ނުވަތަ އެނޫންވެސް ފަރާތެއްގެ އިރުށާދު ލިބިގަނެ، ގަބޫލުކޮށްގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ބޯޑަށް ލަފާދިނުމަށްޓަކައި ޢައްޔަންކުރެވޭ މާހިރުންނާއި ކޮންސަލްޓަންޓުންނާ ބޯޑުން މަށްވަރާކޮށް އިރުށާދު ލިބިގަތުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ބ) ބޯޑުގެ އެއްވެސް މެންބަރަކު، މި ގާނޫނުގެ ދަށުން އޭނާގެ ވާޖިބު އަދާކުރުމުގައި ވަކި ފަރާތަކަށް ބުރަވެވިދާނެ ފަދަ ގޮތެއްގައި، އެއްވެސް ބާވަތެއްގެ ހަދިޔާއެއް، ނުވަތަ މަންފާއެއް ލިބޭފަދަ ކަމެއް، އޭނާގެ އަމިއްލަ ނަމުގައި، ނުވަތަ އޭނާގެ ޢާއިލާގެ މީހެއްގެ ނަމުގައި ނުވަތަ ވިޔަފާރީގެގޮތުން ނުވަތަ މާލީގޮތުން އެމީހަކާ ގުޅުމެއް އޮތް މީހެއްގެ ނަމުގައި، ނުވަތަ އެފަދަ މީހެއްގެ ދަރިއެއްގެ ނަމުގައިވެސް، ގަބޫލުކޮށްގެންނުވާނެއެވެ.

 
13 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން މެންބަރުންނަށް ލިބޭ މަޢުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މަޢުލޫމާތެވެ. އެފަދަ މަޢުލޫމާތެއް، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

 
14 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތައް    

(ހ) ބޯޑުގެ ބައްދަލުވުމެއް މަދުވެގެން ކޮންމެ މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

(ށ) ބޯޑުގެ ބައްދަލުވުމެއް ބޭއްވޭނީ، މަދުވެގެން 4 (ހަތަރެއް) މެންބަރުން ހާޒިރުވުމުންނެވެ.

(ނ) ބޯޑުން ކަމެއް ނިންމީ ކަމަށް ބެލޭނީ، ބޯޑުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން އެކަމެއް ފާސްވުމުންނެވެ. 

(ރ) ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ޗެއަރމަނެވެ. ބޯޑުގެ ޗެއަރމަނަށް ހާޒިރުވެވެން ނެތް ހާލަތެއްގައި ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ އެ ބައްދަލުވުމަށް ހާޒިރުވި ބޯޑުގެ މެންބަރުންގެ ތެރެއިން އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަން އިންތިހާބުކުރާ މެންބަރެކެވެ.

(ބ) ބޯޑުގެ 3 (ތިނެއް) މެންބަރުންނަށްވުރެ މަދުނޫން ޢަދަދެއްގެ މެންބަރުން ބޯޑުގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާނަމަ، އެކަން ސަބަބު ބަޔާންކޮށް ބޯޑުގެ ޗެއަރމަނަށް ނޯޓިސް ދެވިދާނެއެވެ. އަދި ބޯޑުގެ ޗެއަރމަނަށް އެ ނޯޓިސް ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ނޯޓިހުގައި ހުށަހަޅާފައިވާ ގޮތުގެމަތިން ބޯޑުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.

(ޅ) ބޯޑުގެ ކޮންމެ ބައްދަލުވުމެއްގެ އެޖެންޑާއާއި ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ.

(ކ) ބޯޑުގެ އިދާރީ އެންމެހައި ކަންކަމާއި ބޯޑުގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ މިނިސްޓްރީންނެވެ.

 
ތިންވަނަ ބާބު

ގާނޫނު ހިންގުން 

15 ވަނަ މާއްދާ - މިނިސްޓްރީއާއި މިނިސްޓަރުގެ ބާރުތައް

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، މިނިސްޓްރީގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި އަންނަނިވި ބާރުތައް މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. އިމާރާތްކުރުމުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި އެނޫނަސް އެ ދާއިރާގެ ކަންކަން ތަންޒީމުކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން؛
  2. ޑިޒައިންކުރުމާއި، މަސައްކަތްކުރާ ގޮތްތަކާއި، އުފެއްދުންތަކާއި އިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗާ ގުޅޭގޮތުން އިމާރާތްކުރުމުގެ ދާއިރާގައި ޢަމަލުކުރާނެ މިންގަނޑުތައް ކަނޑައެޅުން؛
  3. އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ތަމްރީނުތައް ކަނޑައެޅުމާއި، ތަމްރީނު ފޯރުކޮށްދިނުމާއި، ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ފެންވަރު ބެލުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ހުނަރު ލިބިފައިވާކަމުގެ ސަނަދު ދިނުން؛
  4. ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެ ދާއިރާގައި ހަރަކާތްތެރިވާ ކޮންޓްރެކްޓަރުންނާއި ފަންނުވެރި މަސައްކަތްތެރިން ގިންތިކޮށް ރަޖިސްޓަރީކުރުން؛
  5. މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކަށް ފީ ނެގުން؛
  6. އިމާރާތްކުރުމުގެ ދާއިރާއާގުޅޭ ކަންކަމުގައި ޢާންމުން ހޭލުންތެރިކުރުވުމަށްޓަކައި ބޭނުންވާ ހަރަކާތްތައް ހިންގުން؛
  7. އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭގޮތުންނާއި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ހުށަހެޅޭ އެކި މައްސަލަތައް ބަލައި، ބޯޑުގެ ލަފާ ހޯދަންޖެހޭ ހާލަތްތަކުގައި އެ ލަފާ ހޯދައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
  8. މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމާއި، މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެނޫންވެސް ކަންކަން ކުރުން. 

(ށ) މި ގާނޫނުން ކަނޑައެޅިގެން ވަކި ބާރެއް މިނިސްޓަރާ ހަވާލުކޮށްފައިވާ ހާލަތުގައާއި، ކަނޑައެޅިގެން ވަކި ބާރެއް ހަވާލުކޮށްފައިނުވާ ހާލަތުގައިވެސް، މި ގާނޫނު ތަންފީޒުކުރުމަށް ނުވަތަ މިނިސްޓަރުގެ މަސްއޫލިއްޔަތެއް ކަމުގައި މި ގާނޫނުން ކަނޑައަޅާފައިވާ ކަމެއް ކުރުމަށް، ސީދާގޮތުން ބޭނުންވާ އެންމެހައި ބާރުތަކާއި، ފުރިހަމަ ގޮތުގައި އެ މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދޭ އެންމެހައި ބާރުތައް، މި ގާނޫނުގެ ދާއިރާގެ ތެރެއިން މިނިސްޓަރަށް ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ - ވަނަ މާއްދާ - މިނިސްޓަރުގެ މަސްއޫލިއްޔަތު

(ހ) މި ގާނޫނު ތަންފީޒުކުރުމުގައި އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި ނިޒާމުތައް އެކުލަވާލުމާއި، ކަމާ ގުޅޭގޮތުން ނެރެންޖެހޭ އެންގުންތައް ނެރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މިނިސްޓަރުގެ ޒިންމާއެކެވެ.

(ށ) މި ގާނޫނުގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ޖަވާބުދާރީވާންވާނެއެވެ.

 
ހަތަރުވަނަ ބާބު

އިމާރާތްކުރުމުގެ ހުއްދަ

17 ވަނަ މާއްދާ - އިމާރާތްކުރުމާއި އިމާރާތް ބޭނުންކުރުމުގެ ހުއްދަ

އިމާރާތްކުރުމަށާއި އިމާރާތް ބޭނުންކުރުމަށް ހުއްދަ ދޫކުރަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ އިމާރާތްކުރުމުގެ ގަވާއިދާއި އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 
18 ވަނަ މާއްދާ - އިމާރާތްކުރުމުގެ ހުއްދަ ނެތި އެއްވެސް މަސައްކަތެއް ނުކުރުން

(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ގޮތުގެމަތިން ހުއްދަ ހޯދުމަކާ ނުލައި އެއްވެސް ފަރާތަކުން އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ފަރާތެއް 50,000 (ފަންސާސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމާއެކު، އެ ފަރާތަކުން ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލަން އަންގައި، ކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. މިނިސްޓްރީން އެންގުމުންވެސް މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނަމަ، އެ މަސައްކަތް ހުއްޓާނުލާ ހޭދަވާ ކޮންމެ ދުވަހަކަށް، ޖޫރިމަނާކުރި ޢަދަދުގެ %3 (ތިނެއް އިންސައްތަ) ޖޫރިމަނާގެ ޢަދަދަށް އިތުރުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) އާ ހިލާފަށް އެއްވެސް ފަރާތަކުން މަސައްކަތެއް ކޮށްފައިވާކަން މިނިސްޓްރީއަށް އެނގިއްޖެނަމަ، މި ގާނޫނުގެ 34 ވަނަ މާއްދާއާއި 35 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޢަމަލުކުރުމަށް އިމާރާތުގެ ވެރިފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ. އަދި އެފަރާތަކުން މިނިސްޓްރީން އަންގާ ގޮތަށް ޢަމަލުކުރަންވާނެއެވެ.

 
19 ވަނަ މާއްދާ - އިމާރާތްކުރުމުގެ ހުއްދައާ ގުޅިގެން ދައްކަންޖެހޭ ފީ

މި ގާނޫނުގެ ދަށުން ހަދާ އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިމާރާތްކުރުމުގެ ހުއްދައަށް އެދޭ ފަރާތުގެ ކިބައިން ފީ ނެގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 
20 ވަނަ މާއްދާ - އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅުން

(ހ) އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، އިމާރާތުގެ ވެރިފަރާތުންނެވެ. އަދި އެފަދައިން އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، އިމާރާތްކުރުމުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އެ ގަވާއިދުގައި ބަޔާންކުރާ ފަރާތަކަށެވެ.

(ށ) މި މާއްދާގެ ދަށުން އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، މި ގާނޫނުގައި ބަޔާންކުރާ ލިޔެކިޔުންތަކުގެ އިތުރުން، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

(ނ) އިމާރާތްކުރުމުގެ ހުއްދައަށް އެދި އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އިމާރާތްކުރުމުގެ ގަވާއިދުގައި ބަޔާންކުރާ މުއްދަތުގައި، އިމާރާތްކުރުމުގެ ހުއްދަ ދިނުމާމެދު އެ ހުއްދަ ދޫކުރާ އިދާރާއިން ގޮތެއް ނިންމައި، އެކަން ހުއްދައަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

 
21 ވަނަ މާއްދާ - ސިވިލް ވާރކްސްގެ ގޮތުގައި ބެލެވޭ މަސައްކަތްތަކަށް ހުއްދަ ހޯދުން

މި ގާނޫނުގެ 99 ވަނަ މާއްދާގައި އިމާރާތްކުރުން ކަމަށް ބުނެފައިވާ ބަހުގެ މާނައިގައި ހިމެނޭ ސިވިލް ވާރކްސްގެ ގޮތުގައި ބެލެވިދާނެ އެންމެހައި ކަމެއް ކުރަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކަމަށް ކަނޑައެޅިފައިވާ އިދާރާއަކުން ހުއްދަ ހޯދައިގެންނެވެ.

 
22 ވަނަ މާއްދާ - އެހެން ގާނޫނެއްގެ ދަށުން ހޯދަންޖެހޭ ހުއްދަ ހޯދުން

އިމާރާތްކުރުމުގެ މަސައްކަތެއް ކުރުމަށް މި ގާނޫނުގެ ދަށުން ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރުމުގެ އިތުރުން އަންނަނިވި ކަންކަންވެސް ފުރިހަމަކުރަންވާނެއެވެ.  

(ހ) އެފަދަ މަސައްކަތަކީ ޕްލޭނިންގ ގާނޫނެއްގެ ދަށުން ހުއްދައެއް ބޭނުންވާ މަސައްކަތެއް ކަމުގައިވާނަމަ، އެކަމަކަށް ދޫކޮށްފައިވާ ޕްލޭނިންގ ހުއްދަ ހުށަހެޅުން؛

(ށ) އެފަދަ މަސައްކަތަކީ އެހެން ގާނޫނަކުން ހުއްދައެއް ހޯދަންޖެހޭ މަސައްކަތެއް ކަމުގައިވާނަމަ، އެ ގާނޫނުގައިވާ ގޮތުގެމަތިން، އެފަދަ ހުއްދައެއް ހޯދުން.

 
23 ވަނަ މާއްދާ - އިމާރާތުގެ ކުރެހުން ފާސްކުރުން

(ހ) އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅާނީ، އިމާރާތްކުރުމުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އެ ގަވާއިދުގައި ބަޔާންކުރާ ފަރާތަކަށެވެ.

(ށ) އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅާއިރު، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ ދަށުން ހުއްދަ ލިބިފައިވާ ފަރާތެއް ފަރުމާކޮށްފައިވާ، އިމާރާތުގެ ކުރެހުންތަކާއި ތަފްސީލުތައް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދި ހުށަހެޅުމުން، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ގޮތުގެމަތިން އިމާރާތުގެ ކުރެހުން ފާސްކޮށް، ފާސްކުރިކަމުގެ ލިޔުން ދޫކުރަންވާނެއެވެ.

 
24 ވަނަ މާއްދާ - އިމާރާތްކުރުމުގެ ހުއްދަދިނުން

(ހ) މި ގާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ގޮތުގެމަތިން އެ ފަރާތަކަށް އިމާރާތްކުރުމުގެ ހުއްދަ ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ތިރީގައިވާ ކަންކަން ފުރިހަމަނުވަނީސް އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން އެއްވެސް ފަރާތަކަށް އިމާރާތްކުރުމުގެ ހުއްދަ ދޫކޮށްގެންނުވާނެއެވެ.

  1. އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި ބަޔާންކުރާ ފީ ދައްކާފައިވުން؛
  2. މި ގާނޫނުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއްވާނަމަ އެ ޖޫރިމަނާއެއް ދައްކާފައިވުން؛ އަދި
  3. މި ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ހުއްދަތައް ހުށަހަޅާފައިވުން.

 

25 ވަނަ މާއްދާ - އިމާރާތްކުރުމުގެ ފަންނީ މަސައްކަތަށް ޒިންމާ އުފުލުން

އިމާރާތެއް ކުރުމަށްޓަކައި އިމާރާތްކުރުމުގެ ހުއްދައަށް އެދޭއިރު ހުށަހަޅާ ކުރެހުންތަކާއި ތަފްސީލުތަކުގައި އެއްވެސް މައްސަލައެއްވާނަމަ، އެ ކުރެހުންތަކާއި ތަފްސީލުތައް ހުރީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުމުގެ ޒިންމާ އުފުލާނީ، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގައިވާ ގޮތުގެމަތިން އެ އިމާރާތެއް ފަރުމާކުރި ފަރާތްތަކާއި ޗެކްކުރި ފަރާތްތަކެވެ.

 

26 ވަނަ މާއްދާ - އިމާރާތްކުރުމުގެ ހުއްދަ ބާތިލުވުން

(ހ) ވަކި އިމާރާތަކާ ގުޅިގެން މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން އިމާރާތްކުރުމުގެ ހުއްދައެއް ދޫކުރުމަށްފަހު، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ގޮތުގެމަތިން އެ އިމާރާތުގެ މަސައްކަތް ފެށުމަށް ކަނޑައަޅާފައިވާ މުއްދަތުގައި އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިނުވާނަމަ، އެ ހުއްދައެއް ބާތިލުވާނެއެވެ

(ށ) މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މަސައްކަތް ފެށުމަށް މުއްދަތެއް ކަނޑައަޅާފައިނުވާ ގޮތަށް ދޫކޮށްފައިވާ ހުއްދަތަކާ ގުޅޭގޮތުން ޢަމަލުކުރުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އެ ގަވާއިދުގައި ބަޔާންކުރާ މުއްދަތެއްގެ ތެރޭގައި ޢަމަލުކޮށްފައިނުވާނަމަ، އެ މުއްދަތު ހަމަވުމާއެކު އެ ތަންތަނަށް ދޫކޮށްފައިވާ ހުއްދަ ބާތިލުވާނެއެވެ.

 
27 ވަނަ މާއްދާ - އިމާރާތްކުރުމުގެ ހުއްދައަށް ބަދަލު ގެނައުން

(ހ) މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން އިމާރާތްކުރުމުގެ ހުއްދައެއް ދިނުމަށްފަހު، އެ ހުއްދަ ދިން ކުރެހުމަށް ބަދަލެއް ގެންނަން ބޭނުންވެއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ބަދަލެއް އަންގައިދޭ ކުރެހުމާއި ތަފްސީލު އިމާރާތްކުރުމުގެ ހުއްދަދޫކުރި އިދާރާއަށް ހުށަހަޅައި، އަލުން ހުއްދަ ހޯދަންވާނެއެވެ. އަދި އެފަދައިން އެ ބަދަލަކަށް އެދި ހުށަހެޅުމުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއިން އެ ހުއްދަ ދޭންވާނެއެވެ. 

(ށ) އިމާރާތަކަށް ގެންނަން ބޭނުންވާ ބަދަލަކާ ގުޅިގެން ހުށަހަޅާ ކުރެހުންތައް ފާސްކޮށްދިނުމާއެކު، މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ ފުރަތަމަ ހުއްދަ ބާތިލުވާނެއެވެ. ދެން ޢަމަލުކުރާނީ މި މާއްދާގެ ދަށުން ދޫކުރެވޭ އާ ހުއްދައަށެވެ.

 
28 ވަނަ މާއްދާ - ސްޓްރަކްޗަރގެ މަސައްކަތްތަކަށް ހުއްދަ ނަގަންޖެހޭ ހާލަތް

މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާއިރު އިމާރާތްކުރުމުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެ އިމާރާތެއްގެ ސްޓްރަކްޗަރގެ މަސައްކަތެއް ކުރުމަށް ހުއްދައަށް އެދެންވާނެކަމަށް ބަޔާންކޮށްފައިވާނަމަ، އިމާރާތުގެ ވެރިފަރާތުން އެކަމަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅަންވާނެއެވެ. އަދި އެފަދައިން އެ ހުއްދައަށް އެދިއްޖެނަމަ، ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ހުއްދަދިނުމުގެ މަސައްކަތް ކުރިއަށް ގެންދަންވާނެއެވެ.

 
29 ވަނަ މާއްދާ - ސްޓްރަކްޗަރގެ މަސައްކަތް މެދުކެނޑުމުން އަލުން ހުއްދަ ނަގަންޖެހޭ ހާލަތް

(ހ) އިމާރާތްކުރުމުގެ ހުއްދައެއް ދޫކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ސްޓްރަކްޗަރގެ މަސައްކަތެއް ފެށުމަށްފަހު، އެ މަސައްކަތް ފުރިހަމަނުކޮށް 6 (ހައެއް) މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް މެދުކެނޑިއްޖެނަމަ ދެން އިތުރަށް މަސައްކަތް ކުރިއަށްގެންދަންވާނީ އިމާރާތްކުރުމުގެ ހުއްދަ ދޫކުރި އިދާރާއަކުން އަލުން އިމާރާތްކުރުމުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެދުކެނޑިފައިވާ މަސައްކަތެއް އަލުން ފެށުމަށް ހުއްދަ ދެވޭނީ، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ ދަށުން ހުއްދައެއް ދީފައިވާ ފަރާތަކުން އެ ތަނެއްގެ ހާލަތް ދެނެގަތުމަށްފަހު ހުށަހަޅާ ރިޕޯޓާއި، މަސައްކަތް ކުރިއަށްގެންދިޔުމަށް ހުށަހަޅާ ގޮތުގެ ބަޔާނަށް ބެލުމަށްފަހުގައެވެ.

 
30 ވަނަ މާއްދާ - އިމާރާތްކުރުމުގެ ހުއްދައެއް ނެތި އިމާރާތްކުރެވިދާނެ ހާލަތްތައް

މި ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ ހުއްދަ ހޯދުމަކާ ނުލައި ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރެވިދާނެއެވެ. އެހެންނަމަވެސް، އެފަދަ އިމާރާތެއް ބޭނުން ކުރަންވާނީ މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުއްދަ ހޯދުމަށްފަހުގައެވެ.

(ހ) އިމާރާތްކުރުމުގެ ގަވާއިދުގައި ހުއްދަ ނެގުން އިސްތިސްނާވާ ކަމަށް ބަޔާންކުރާ އިމާރާތްކުރުމުގެ މަސައްކަތްތައް؛ ނުވަތަ

(ށ) ދިމާވާ ކުއްލި ހާލަތެއްގެ ސަބަބުން ދުރާލާ ހުއްދަ ހޯދުމަށް ވަގުތު ނުލިބޭ މަސައްކަތްތައް. އެފަދަ ހާލަތްތަކަކީ:

  1. މީހެއްގެ ފުރާނަ ނުވަތަ ސިއްހަތު ރައްކާތެރިކުރުމަށް؛ ނުވަތަ
  2. މީހެއްގެ މުދަލަކަށް ބޮޑު ގެއްލުމެއް ލިބިދާނެފަދަ ހާލަތަކުން ސަލާމަތްކުރުމަށް؛ ނުވަތަ
  3. ގުދުރަތީ ކާރިސާއަކުން ލިބޭ ގެއްލުން ފޫބެއްދުމުގެ ގޮތުން ކުއްލިގޮތުގައި އިމާރާތްކުރަންޖެހޭ ހާލަތްތައް.

 

31 ވަނަ މާއްދާ - ނުރައްކަލެއް ދިމާވެދާނެ ފަދަ ބިމެއްގައި އިމާރާތްކުރުމަށް ހުއްދަ ދޫނުކުރުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއިން އިމާރާތްކުރުމުގެ ހުއްދަ ނުވަތަ އިމާރާތަކަށް ބަދަލެއް ގެނައުމުގެ ހުއްދަ ދީގެންނުވާނެއެވެ.

  1. އިމާރާތްކުރުމަށް ހުއްދައަށް އެދޭ ބިމަކީ ނުވަތަ ތަނަކީ ނުވަތަ އިމާރާތް ހުރި ބިމަކީ ނުވަތަ ތަނަކީ އެއްގޮތުން ނުވަތަ އެއަށްވުރެ ގިނަ ގޮތްގޮތުން ގުދްރަތީ ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ބިމެއް ނުވަތަ ތަނަކަށް ވުން.
  2. އެ މަސައްކަތަކާ ގުޅިގެން މީހަކަށް، ނުވަތަ އެ އިމާރާތަކަށް ނުވަތަ އެ އިމާރާތާ އިންވެގެންވާ އެހެން އިމާރާތަކަށް، ނުވަތަ ބިމަކަށް ނުވަތަ ތަނަކަށް ނުރައްކަލެއް ދިމާވުން ނުވަތަ ދިމާވެފައިވާ ނުރައްކަލެއް އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑުވުން.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ތަންތަން ދެނެގަތުމަށްޓަކައި އެފަދަ ތަންތަނުގެ މަޢުލޫމާތު މިނިސްޓްރީންނާއި ހުއްދަދޫކުރާ އިދާރާތަކުން ޢާންމުކޮށް ށާއިޢުކުރަންވާނެއެވެ.

 

32 ވަނަ މާއްދާ - އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދޫކުރުން

(ހ) އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދޭންވާނީ، އެ އިމާރާތް ކޮށްފައިވަނީ އިމާރާތްކުރުމަށް ހުއްދަދީފައިވާ ކުރެހުންތަކާ އެއްގޮތަށްކަމަށް ބަޔާންކޮށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިމާރާތް ބޭނުންކުރުމުގެ ހުއްދައަށް އެދި، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް ހުށަހެޅިދާނެއެވެ.

  1. އިމާރާތެއްގެ ބައެއް ނުވަތަ ޔުނިޓެއް ހަދާ ނިމިގެން، ހަމައެކަނި އެބަޔަކަށް، އެ އިމާރާތެއްގެ ވެރިފަރާތުން ހުއްދައަށް އެދި ހުށަހެޅުން؛
  2. އިމާރާތް އެކުގައި ހަދާ ނިމިގެން އެ އިމާރާތެއްގެ ވެރިފަރާތުން ހުއްދައަށް އެދި ހުށަހެޅުން.

(ނ) ވަގުތީގޮތުން އިމާރާތެއް ބޭނުންކުރުމަށްޓަކައި އިމާރާތްކުރުމުގެ ގަވާއިދުގައިވާ ގޮތުގެމަތިން އިމާރާތްކުރުމަށް ހުއްދަދޫކުރާ އިދާރާއަކުން ވަގުތީ ދިރިއުޅުމުގެ ހުއްދައެއް ދޫކުރެވިދާނެއެވެ. އަދި އެފަދަ ވަގުތީ ހުއްދައެއްގެ ދަށުން އިމާރާތެއްގެ ބޭނުން ހިފަންވާނީ އެ ހުއްދައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ހުއްދައިގައި ބަޔާންކޮށްފައިވާ މުއްދަތަކަށެވެ.

(ރ) މިގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދެވޭނެ އުސޫލު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 
33 ވަނަ މާއްދާ - އިމާރާތެއްގެ ބޭނުންހިފަން ފެށުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ވަކި އިމާރާތަކަށް ނުވަތަ އިމާރާތެއްގެ ބަޔަކަށް ކަމާބެހޭ އިދާރާއަކުން އިމާރާތް ބޭނުންކުރުމުގެ ހުއްދަ ލިޔުމުން ދޫކުރުމުގެ ކުރިން އެ އިމާރާތެއްގެ ބޭނުން ކޮށްގެންނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ތިރީގައިވާ ކަންކަން ކުރުމަކަށް އެ މާއްދާ ހުރަހެއްނާޅައެވެ.

  1. އިމާރާތް ބެލެހެއްޓުމަށްޓަކައި އިމާރާތުގައި މީހަކު ބެހެއްޓުމަށް؛
  2. މި ގާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގެ ދަށުން ދޫކޮށްފައިވާ ވަގުތީގޮތުން ދިރިއުޅުމުގެ ހުއްދައެއް ދޫކޮށްފައިވާ މުއްދަތަށް، އެ އިމާރާތުގެ ނުވަތަ އިމާރާތުގެ ބައެއްގެ ބޭނުންހިފުމަށް. 

(ނ) އިމާރާތްކުރުމަށް ހުއްދަދީފައިވާ ބޭނުންނޫން އެހެން ބޭނުމަކަށް އިމާރާތް ބޭނުންކުރަން އެދޭނަމަ، އިމާރާތްކުރުމުގެ ހުއްދަ ދޫކޮށްފައިވާ އިދާރާގެ ހުއްދަ ހޯދަންވާނެއެވެ. އެފަދައިން ހުއްދަ ހޯދުމަކާ ނުލައި އިމާރާތް ބޭނުންކުރުމަކީ މަނާކަމެކެވެ.

(ރ) މި މާއްދާގެ (ނ) އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، މި ގާނޫނުގެ 90 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

 
34 ވަނަ މާއްދާ - އިމާރާތްކުރުމުގެ ހުއްދަ ހޯދުމަކާ ނުލައި މަސައްކަތްކުރުން

(ހ) މި ގާނޫނުގެ 18 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިމާރާތްކުރުމުގެ ހުއްދައަކާ ނުލައި މަސައްކަތެއް ކުރަމުންގެންދާކަން ނުވަތަ ކޮށްފައިވާކަން، ހުއްދަ ދޭ އިދާރާއަކަށް ފާހަގަކުރެވިއްޖެނަމަ، އެ މަސައްކަތެއް ހުއްޓުވައި، އެ އިމާރާތް ބޭނުންކުރުން މަނާކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މަސައްކަތް ހުއްޓުވައިފިނަމަ ނުވަތަ އިމާރާތް ބޭނުންކުރުން މަނާކޮށްފިނަމަ، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ގޮތުގެމަތިން އަލުން އެ މަސައްކަތް ކުރިއަށްގެންދިޔުމުގެ ނުވަތަ އެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ހޯދަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުއްދަ ދޭންވާނީ، ހުއްދައަށް އެދި ހުށަހަޅާފައިވާ ކުރެހުންތަކާއި ތަފްސީލުތައް ހުރީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި މި ގާނޫނުގެ ދަށުން ހަދާ ބިލްޑިންގ ކޯޑާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމަށްފަހުގައެވެ. 

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން ހުއްދަ ހޯދުމަކާ ނުލައި ކޮށްފައިވާ މަސައްކަތެއް ކޮށްފައިވަނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ބިލްޑިންގ ކޯޑާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައިނުވާނަމަ، އެ މަސައްކަތެއް ނުވަތަ އެ ތަނެއް އެ ގަވާއިދުތަކާއި ބިލްޑިންގ ކޯޑާ އެއްގޮތަށް ބަދަލުކުރުމަށް އަންގަންވާނެއެވެ. އަދި އެފަދައިން ގެންނަންޖެހޭ ބަދަލުތަކަށް ހިނގާ ހަރަދުކުރުމަކީ އިމާރާތުގެ ވެރިފަރާތުގެ ޒިންމާއެކެވެ.

(ބ) މި މާއްދާގެ (ހ) ގައިވާ ފަދައިން ހުއްދަ ހޯދުމަށް އެންގުމުން، އެ ހުއްދަ ހޯދުމަކާ ނުލައި މަސައްކަތް ކުރިއަށްގެންދިޔުމަކީ ނުވަތަ އެ ތަނެއް ބޭނުންކުރުމަކީ މަނާކަމެކެވެ.

(ޅ) މި މާއްދާގެ (ބ) އާ ހިލާފުވާ ފަރާތެއް، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 50,000 (ފަންސާސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. އަދި މަސައްކަތް ހުއްޓާނުލާ އެކަން ތަކުރާރުކުރަމުންދާނަމަ، އެފަދައިން ތަކުރާރުކުރާ ކޮންމެ ދުވަހަކަށް، ޖޫރިމަނާކުރި ޢަދަދުގެ %3 (ތިނެއް އިންސައްތަ) އިތުރަށް ޖޫރިމަނާކުރެވޭނެއެވެ.

 
35 ވަނަ މާއްދާ - މަސައްކަތް ގަބޫލުކުރާކަމުގެ ލިޔުން ދޫކުރުން

(ހ) މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހަދާފައިވާ އިމާރާތްތަކާއި، ހުއްދައެއް ނެތި އިމާރާތްކޮށްފައިވާ އިމާރާތްތަކަށް ހުއްދަ ހޯދުމަށް އެދިއްޖެނަމަ، އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކުން އެ އިމާރާތަކަށް އަންނަނިވި ހާލަތްތަކުގައި، މަސައްކަތް ގަބޫލުކުރާކަމުގެ ލިޔުމެއް ދޫކުރެވިދާނެއެވެ.

  1. އެ މަސައްކަތަކީ މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކޮށްފައިވާ މަސައްކަތަކަށްވުން؛ ނުވަތަ
  2. އެ މަސައްކަތަކީ މި ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ އިމާރާތްކުރުމުގެ ހުއްދަ ހޯދުމަކާ ނުލައި ކޮށްފައިވާ މަސައްކަތަކަށްވުން؛ ނުވަތަ
  3. އެ މަސައްކަތަކީ މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ މަސައްކަތަކަށްވުން.

(ށ) މި މާއްދާގެ ދަށުން މަސައްކަތް ގަބޫލުކުރާކަމުގެ ލިޔުމެއް ހޯދުމަށް އެދި ހުށަހަޅާއިރު އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރި މަސައްކަތްތެރިންގެ ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ފަރާތަކުން އެތަނެއްގެ ހާލަތު ދެނެގަތުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކުން މަސައްކަތް ގަބޫލުކުރާކަމުގެ ލިޔުން ދޫކުރަންވާނީ މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ރިޕޯޓަށް ބެލުމަށްފަހުގައެވެ.

(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަދި (3) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތްތަކުގައި އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކުން މަސައްކަތް ގަބޫލުކުރާކަމުގެ ލިޔުން ދޫކުރަންވާނީ، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

(ބ) މި މާއްދާ މިހެން އޮތުމަކުން، މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން އިމާރާތްކުރުމަށް ހޯދަންޖެހޭ ހުއްދަ ހޯދުމުން އެފަރާތް އިސްތިސްނާވެގެނެއްނުވެއެވެ.

 
36 ވަނަ މާއްދާ - އިމާރާތަކަށް ނުވަތަ ތަނަކަށް ބަދަލެއް ގެނައުން

(ހ) އިމާރާތެއް ނުވަތަ ތަނެއްގެ ވެރިފަރާތުން ނުވަތަ އެ ތަނެއް ބޭނުންކުރާ ފަރާތުން އެ ތަނަކަށް ދޫކޮށްފައިވާ ހުއްދައާ ހިލާފަށް އެ ތަނެއް ނުވަތަ އެތަނުގެ ބައެއް ނެގުމަކީ ނުވަތަ ބަދަލުކުރުމަކީ ނުވަތަ ބަންދުކުރުމަކީ ނުވަތަ ހުރަހެއް ކުރިމަތިވާ ފަދަ އެނޫންވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ބަދަލެއް ގެނެސްފައިވާކަން އެއްވެސް ފަރާތަކަށް އެނގިއްޖެނަމަ، އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ބަދަލެއް ގެނެސްފައިވާކަން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް އެނގިއްޖެނަމަ، އެފަދަ ތަނަކުން ކުރަމުންއައި ބޭނުން ފުރިހަމަގޮތުގައި އަލުން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ނުވަތަ ބަދަލެއް ގެންނަންޖެހޭނަމަ އެ ބަދަލެއް ގެނައުމަށް އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއިން އިމާރާތުގެ ވެރިފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އާ ހިލާފުވާ ފަރާތެއް، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 5,000 (ފަސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. އަދި އެކަން ތަކުރާރުކުރަމުންދާނަމަ، އެފަދައިން ތަކުރާރުކުރާ ކޮންމެ ދުވަހަކަށް، ޖޫރިމަނާކުރި ޢަދަދުގެ %3 (ތިނެއް އިންސައްތަ) އިތުރަށް ޖޫރިމަނާކުރެވޭނެއެވެ.

 
37 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ކޮށްފައިވާ މަސައްކަތްތަކާމެދު ޢަމަލުކުރެވޭނެ ގޮތް

(ހ) އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިވަނީ މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފަށް ކަމަށް އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކަށް ފެނިއްޖެ ހިނދެއްގައި، އެ އިދާރާއަކުން މިނިސްޓްރީއަށް އެ މައްސަލަ ހުށަހެޅުމަށްފަހު، މިނިސްޓްރީގެ ލަފާގެމަތިން އަދި އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ގަވާއިދާ ހިލާފުވި ފަރާތާމެދު ފިޔަވަޅުއަޅަންވާނެއެވެ.

(ށ) އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއިން މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމަކަށް ގަވާއިދާ ހިލާފުވި ފަރާތުން ޢަމަލުނުކޮށްފިނަމަ، އެ ފަރާތާމެދު ޢަމަލުކުރަންވާނީ އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެންގުމެއް އެންގޭ ފަރާތަކުން އެ އެންގުމާ އެއްގޮތަށް ޢަމަލުނުކޮށްފިނަމަ، ގާނޫނާ ހިލާފަށް ކޮށްފައިވާކަމެއް ރަނގަޅުކުރުމަށްޓަކައި، މިނިސްޓްރީން އަންގާ ގޮތެއްގެމަތިން އެ ތަނެއް ތަޅާލުމުގެ ނުވަތަ އެތަން ނެގުމުގެ ނުވަތަ އެތަނަށް ބަދަލެއް ގެނައުމުގެ ބާރު އިމާރާތްކުރުމުގެ ހުއްދަ ދޭ އިދާރާއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ގެނެވޭ ބަދަލުތަކާ ގުޅިގެން ހިނގާ ހަރަދަށް އިމާރާތުގެ ވެރިފަރާތުން ޒިންމާ އުފުލަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) އާ ހިލާފުވާ ފަރާތެއް، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 15,000 (ފަނަރަހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެކަން ނުހުއްޓާ ތަކުރާރުކުރަމުންދާނަމަ، އެފަދައިން ތަކުރާރުކުރާ ކޮންމެ ދުވަހަކަށް، ޖޫރިމަނާކުރި ޢަދަދުގެ %3 (ތިނެއް އިންސައްތަ) އިތުރަށް ޖޫރިމަނާކުރެވޭނެއެވެ.

 
38 ވަނަ މާއްދާ - ހުއްދަދޭން އިންކާރުކުރާ ހާލަތުގައި ޢަމަލުކުރާނެ ގޮތް   

(ހ) މި ގާނޫނުގެ ދަށުން ހޯދަންޖެހޭ އެއްވެސް ހުއްދައެއް ދިނުމަށް ހުއްދަދޭ އިދާރާއަކުން އިންކާރުކުރާނަމަ، ނުވަތަ ހުއްދަނުދީ ހިފަހައްޓާނަމަ، އެކަމުގެ ށަކުވާ މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ށަކުވާ ހުށަހެޅުމުން، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން އެ މައްސަލައެއް ބަލައި، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މައްސަލައަށް ހައްލެއް ހޯދައިދޭންވާނެއެވެ.

 
ފަސްވަނަ ބާބު

ބިލްޑިންގ ކޯޑު 

39 ވަނަ މާއްދާ - ބިލްޑިންގ ކޯޑުގެ މަގްސަދު

އަންނަނިވި މަގްސަދުތައް ހާސިލުކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން ބިލްޑިންގ ކޯޑެއް އެކުލަވާލަންވާނެއެވެ.

(ހ) އިމާރާތްތަކަކީ ރައްކާތެރި ތަންތަން ކަމުގައި ހެދުމަށާއި އެ ތަންތަން ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ނުލިބޭނެ ރައްކާތެރި ތަންތަނަށް ހެދުމަށް މަގުފަހިކުރުން؛

(ށ) އިމާރާތްތަކަކީ އެ އިމާރާތްތަކުގެ ބޭނުންކުރާ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭ، ތަނަވަސްކަން ލިބޭ މާހައުލަކަށް ހެދުން؛

(ނ) ހާދިސާއެއް މެދުވެރިވާ ހާލަތްތަކުގައި އިމާރާތް ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިކަން ލިބިދިނުމާއި، އެފަދަ ހާލަތްތަކުގައި ސަލާމަތްތެރިކަމާއެކު އިމާރާތުން ނިކުމެވޭނެ ގޮތް ހެދުމަށް މަގުފަހިކުރުން؛

(ރ) ދެމެހެއްޓެނެވި ތަރައްގީއަށް މަގުފަހިވާނެ ގޮތަކަށް އިމާރާތް ފަރުމާކުރެވުމާއި، އިމާރާތްކުރެވުމާއި، އިމާރާތް ބޭނުންކުރުމަށް މަގުފަހިކުރުން.

 
40 ވަނަ މާއްދާ - ބިލްޑިންގ ކޯޑާ އެއްގޮތަށް އިމާރާތްކުރުން

މި ގާނޫނުގެ ދަށުން އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކާއި ތަފްސީލުތަކާއި، މި ގާނޫނުގެ ދަށުން ކުރާ އިމާރާތްތަކުގެ މަސައްކަތްތަކާއި، އިމާރާތްތައް ހުންނަންވާނީ، ބިލްޑިންގ ކޯޑާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 
41 ވަނަ މާއްދާ - ބިލްޑިންގ ކޯޑުގެ ބައިތައް

ބިލްޑިންގ ކޯޑުގައި އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

(ހ) އިމާރާތަކުން ހާސިލުވާންޖެހޭ ކަންކަން (ފަންކްށަނަލް ރިކްވަޔަރމަންޓް)؛ އަދި

(ށ) އިމާރާތަކުން ހާސިލުވާންޖެހޭ ކަންތައްތަކުގެ މިންވަރު (ޕަރފޯމަންސް ކްރައިޓީރިއާ)؛ އަދި 
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ޔަގީންކަމާއެކު ހާސިލުކުރެވޭނެ ގޮތެއް (ކޮމްޕްލަޔަންސް ޑޮކިއުމަންޓް)؛ ނުވަތަ 

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތް ނޫން އެހެން ގޮތެއް ހުށަހަޅާނަމަ، ބިލްޑިންގ ކޯޑުގެ މަގްސަދު ހާސިލުވާނެކަން ދެނެގަނެވޭނެ ގޮތެއް (ވެރިފިކޭށަން މެތަޑް).

 
42 ވަނަ މާއްދާ - ބިލްޑިންގ ކޯޑު ގެޒެޓްކުރުން

(ހ) މި ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިނިސްޓްރީން ބިލްޑިންގ ކޯޑު އެކުލަވާލުމަށްފަހު އެ ކޯޑު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ. އަދި ބިލްޑިންގ ކޯޑުގެ އެއްވެސް ބަޔަކަށް ބަދަލެއް ގެނެވިއްޖެނަމަ، އެ ބަދަލެއްވެސް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ. 

(ށ) ބިލްޑިންގ ކޯޑުގައި ހިމެނޭ ބައިތަކުގެ ތެރެއިން މި ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ލިޔުންތަކަކީ ފަންނީ ލިޔުންތަކެއް ކަމުގައިވާތީ، އެ ލިޔުންތައް އިނގިރޭސި ބަހުން ށާއިޢުކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 
ހަވަނަ ބާބު

އިމާރާތްކުރުމުގެ މަސައްކަތުގެ ފެންވަރު ބެލުން

43 ވަނަ މާއްދާ - އިމާރާތްކުރުމުގެ މަސައްކަތުގެ ފެންވަރު ބެލުން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން އިސްތިސްނާކޮށްފައިނުވާ ކޮންމެ ހާލަތެއްގައި، އިމާރާތްކުރުމުގެ ކޮންމެ މަސައްކަތެއްވެސް ކުރެވެނީ ހުއްދަދެވިފައިވާ ގޮތަށްތޯ ބެލުމަށްޓަކައި، އިމާރާތުގެ ވެރިފަރާތުން އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މީހަކު ޢައްޔަންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވުމަކީ މަނާކަމެކެވެ. އަދި އެފަދަ ކަމެއް ކުރާ ފަރާތަކާމެދު އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގެ ދަށުން މިނިސްޓްރީން ނުވަތަ އިމާރާތްކުރުމުގެ ހުއްދަދޭ އިދާރާއިން ފިޔަވަޅުއަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޢައްޔަންކުރާ ފަރާތަކީ އެ މަސައްކަތެއް ކުރާ ފަރާތުގެ ނުވަތަ އިމާރާތުގެ ވެރިފަރާތުގެ އެއްވެސް މަސްލަހަތެއް އޮންނަ ފަރާތަކަށް ވެގެންނުވާނެއެވެ.

 
44 ވަނަ މާއްދާ- އިމާރާތްކުރުމުގެ މަސައްކަތަކާ ގުޅިގެން ކުރާ ޓެސްޓްތައް

(ހ) އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ފަރާތަކުން، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓްކުރުމުގެ ގަވާއިދުގައި ބަޔާންކުރާ ޓެސްޓްތައް، އެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޓެސްޓެއް ހެދުމުން އިސްތިސްނާއެއް ހޯދަންޖެހިއްޖެ ހާލަތެއްގައި، އެކަން މިނިސްޓްރީއަށް ހުށަހެޅުމުން، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓްކުރުމުގެ ގަވާއިދުގައި އެ އިސްތިސްނާއެއް ދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އެ އިސްތިސްނާއެއް މިނިސްޓްރީއަށް ދެވިދާނެއެވެ.

 
45 ވަނަ މާއްދާ - އިމާރާތްކުރުވާ ފަރާތުގެ މަސްއޫލިއްޔަތު

(ހ) މި ގާނޫނާ ނުވަތަ އިމާރާތްކުރުމުގެ ގަވާއިދާ ހިލާފުކަމެއް ހިނގަމުންދާކަން ނުވަތަ ހިނގައިފިކަން އިމާރާތްކުރުވާ ފަރާތަށް އެނގިއްޖެނަމަ، އެ ފަރާތުން، އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަށް އެކަމެއް އަންގަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުންތައް، މިނިސްޓްރީގެ މަޢުލޫމާތަށްޓަކައި އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއިން މިނިސްޓްރީއަށް އަންގަންވާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެންގުން ލާޒިމުވާ ކަމެއް ނާންގާ ހުރުމަކީ މަނާކަމެކެވެ.

(ރ) މި މާއްދާގެ (ނ) އާ ހިލާފުވާ ފަރާތެއް، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 15,000 (ފަނަރަހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 
46 ވަނަ މާއްދާ - އިމާރާތްކުރުމުގެ މަސައްކަތުގެ ފެންވަރު ބަލާ ފަރާތްތައް ޢައްޔަންކުރުން

(ހ) މި ގާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތުގެ ފެންވަރު ބެލެހެއްޓުމަށް ޢައްޔަންކުރާ ފަރާތްތައް ޢައްޔަންކުރަންޖެހޭނެ ހާލަތްތަކާއި، އެމީހުން ފެންވަރު ބަލަންޖެހޭ މަސައްކަތްތަކާއި، އެމީހުން އަދާކުރަންޖެހޭ ވާޖިބުތައް، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ށ) މި ގާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތުގެ ފެންވަރު ބެލެހެއްޓުމަށް ޢައްޔަންކުރާ ފަރާތްތައް، މި ގާނޫނާއި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދާ ހިލާފަށް މަސައްކަތްކުރުމަކީ މަނާކަމެކެވެ.

(ނ) އިމާރާތްކުރުމުގެ މަސައްކަތުގެ ފެންވަރު ބެލުމަށް ޢައްޔަންކުރާ އެއްވެސް ފަރާތަކުން މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޢަމަލެއް ހިންގައިފިނަމަ، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގައިވާ ގޮތުގެމަތިން އެ ފަރާތަކާމެދު ފިޔަވަޅުއެޅޭނެއެވެ.

 
47 ވަނަ މާއްދާ - ހުއްދައާ އެއްގޮތަށް މަސައްކަތްކުރުމުގައި އިމާރާތްކުރާ ފަރާތުގެ މަސްއޫލިއްޔަތު

(ހ) ދިވެހިރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން އެ މަސައްކަތް ކުރަންވާނީ މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) އެއްވެސް ފަރާތަކުން މި މާއްދާގެ (ހ) އާ ހިލާފުވުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، މި ގާނޫނުގެ 90 ވަނަ މާއްދާގެ ދަށުން އެފަރާތަކާމެދު ފިޔަވަޅުއެޅޭނެއެވެ.

(ރ) މިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ ފަރާތެއް މެދުވެރިނުކޮށް އިމާރާތްކުރުމަށް، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު ހުއްދަކުރާ ހާލަތްތަކުގައި، މި މާއްދާގެ (ހ) އަށް ޢަމަލުކުރުން އިސްތިސްނާވާނެއެވެ.

(ބ) އިމާރާތްކުރުމުގެ މަސައްކަތެއް ކުރަންވާނީ، އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކުން ހުއްދަދީފައިވާ ކުރެހުންތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ޅ) މި ގާނޫނުގައި ނުވަތަ އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި އިމާރާތްކުރުމުގެ ހުއްދަ ބޭނުންނުވާނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި މި މާއްދާގެ (ބ) އަށް ޢަމަލުކުރުން އިސްތިސްނާވާނެއެވެ.

(ކ) އިމާރާތްކުރުމުގެ މަސައްކަތެއް ހިނގާ ތަނެއްގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުކަމެއް ހިނގާކަން ނުވަތަ ހިނގައިފިކަން އިމާރާތްކުރާ ފަރާތަށް އެނގިއްޖެނަމަ، ނުވަތަ ޢާންމުކޮށް އެނގޭނެކަމަށް ބެލެވޭފަދަ ކަމެއް އެތަނެއްގައި ހިނގާނަމަ، އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަށް އިމާރާތްކުރާ ފަރާތުން އެކަން އަންގަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގެ ދަށުން އަންގާ އެންގުންތަކުގެ މަޢުލޫމާތު، އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއިން މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ވ) މި މާއްދާގެ (ކ) ގެ ދަށުން އަންގަންޖެހޭ ކަމެއް ނާންގާ ހުރުމަކީ މަނާކަމެކެވެ.

(މ) އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި ކަނޑައެޅިފައިވާ ވަކި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެކަމެއް ކުރެވެނީ އެ މަސައްކަތެއް ކުރުމަށް ދީފައިވާ ހުއްދައާ އެއްގޮތަށްތޯ ބެލުމަށްޓަކައި، އެކަމަކަށް ހުއްދަދީފައިވާ ފަރާތެއް، އެ މަސައްކަތެއް ކުރާ ވަގުތުގައި އެ މަސައްކަތްކުރާ ތަނުގައި ހުންނަ ގޮތަށް މަސައްކަތްކުރާ ފަރާތުން ހަމަޖައްސަންވާނެއެވެ.

 

48 ވަނަ މާއްދާ - ސިއްހީގޮތުން ރައްކާތެރި ނޫން އިމާރާތް

(ހ) އެއްވެސް އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއް އެއީ ސިއްހީގޮތުން ރައްކާތެރި ނޫން ތަނެއް ކަމަށް އެއްވެސް ފަރާތަކަށް ފާހަގަކުރެވިއްޖެނަމަ، އެކަން ފާހަގަކުރެވޭ ފަރާތަކުން، އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަށް ނުވަތަ މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

(ށ) ސިއްހީގޮތުން ރައްކާތެރި ނޫން އިމާރާތެއް ކަމަށް ބެލެވޭ ތަނެއްގެ މަޢުލޫމާތު އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކަށް ލިބިއްޖެނަމަ، އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ. އެގޮތުން ހުށަހެޅޭ މަޢުލޫމާތު ބެލުމަށްފަހު، އެ އިމާރާތަކީ ސިއްހީގޮތުން ރައްކާތެރިނޫން އިމާރާތެއްތޯ ބެލުމަށްޓަކައި ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތުގެމަތިން ކަމާގުޅޭ އިދާރާއަށް އެކަން އަންގަންވާނެއެވެ. ވަކި އިމާރާތަކީ ސިއްހީ ގޮތުން ރައްކާތެރި ނޫން އިމާރާތެއް ކަމަށް ކަނޑައަޅާނީ، ކަމާގުޅޭ އިދާރާއިންނެވެ.

(ނ) ވަކި އިމާރާތަކީ ސިއްހީގޮތުން ރައްކާތެރި ނޫން އިމާރާތެއް ކަމުގައި މި މާއްދާގެ (ށ) ގެ ދަށުން ކަމާގުޅޭ އިދާރާއިން ކަނޑައަޅައިފިނަމަ، ތިރީގައިވާ ގޮތުގެމަތިން އިމާރާތުގެ ވެރިފަރާތުން ޢަމަލުކޮށް، އިމާރާތުގެ ހާލަތު ރަނގަޅުކުރެވެންދެން އެ އިމާރާތް ބޭނުންކޮށްގެންނުވާނެއެވެ.

  1. އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެ އިމާރާތެއް ނުވަތަ އެ އިމާރާތުގެ ނިޒާމެއް ބަލައި ތަހްލީލުކޮށް، ރިޕޯޓެއް ތައްޔާރުކުރުން؛ އަދި
  2. އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތުގެ ވެރިފަރާތުގެ ހަރަދުގައި އެކަމެއް ރަނގަޅުކުރުން؛ އަދި
  3. ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކަމާގުޅޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ޢަމަލުކުރުން. 

 

49 ވަނަ މާއްދާ - ނުރައްކާތެރި އިމާރާތް

(ހ) އިމާރާތެއް ގިނަ ދުވަސްވެ ބާވުމުގެ ސަބަބުން ނުވަތަ އިމާރާތަކަށް އަރުވާފައި ހުރި ބަރުދަނެއްގެ ސަބަބުން ނުވަތަ އިމާރާތެއްގައި ކޮށްފައިވާ މަސައްކަތެއްގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުވަތަ ދިމާވާ ހާދިސާއެއްގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކަށްޓަކައި އިމާރާތަކަށް މެދުވެރިވެފައިވާ ހާލަތަކުން އެ އިމާރާތަކީ ނުރައްކާތެރި އިމާރާތެއް ކަމަށް ނުވަތަ ނުރައްކާތެރި އިމާރާތަކަށްވުން ގާތް އިމާރާތެއް ކަމަށް ފެނިއްޖެ ހާލަތެއްގައި، އެކަން ފާހަގަކުރެވޭ ފަރާތަކުން، އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކަށް ނުވަތަ މިނިސްޓްރީއަށް އެކަމެއް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ތަނެއްގެ މަޢުލޫމާތު މި މާއްދާގެ (ހ) ގެ ދަށުން ހުއްދަދޫކުރާ އިދާރާއަކަށް ލިބުމުން އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ. އެގޮތުން ލިބޭ މަޢުލޫމާތު، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބެލުމަށްފަހު، އެ އިމާރާތަކީ ނުރައްކާތެރި އިމާރާތެއްކަމަށް މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ

(ނ) ވަކި އިމާރާތަކީ ނުރައްކާތެރި އިމާރާތެއް ކަމުގައި މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓްރީން ކަނޑައަޅައިފިނަމަ، އެ އިމާރާތް ދެން ބޭނުންކުރަންވާނީ، އެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ، ހުއްދަދޫކުރާ އިދާރާއިން އަލުން ދޫކުރުމުންނެވެ.

(ރ) ވަކި އިމާރާތަކީ ނުރައްކާތެރި އިމާރާތެއް ކަމުގައި މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓްރީން ކަނޑައަޅައިފިނަމަ، ތިރީގައިވާ ގޮތުގެމަތިން އިމާރާތުގެ ވެރިފަރާތުން ޢަމަލުކުރަންވާނެއެވެ.

  1. އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެ އިމާރާތެއް ނުވަތަ އެ އިމާރާތުގެ ބައެއް ބަލައި ތަހްލީލުކޮށް ރިޕޯޓެއް ތައްޔާރުކުރުން؛ އަދި
  2. އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވެރިފަރާތުގެ ހަރަދުގައި އެކަމެއް ރަނގަޅުކުރުން. 

 
(ބ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ރިޕޯޓަށް ބެލުމަށްފަހު އެކަމެއް ރަނގަޅުކުރުމަށް ނުވަތަ އިމާރާތް ތަޅާލުމަށް، ނުވަތަ އިމާރާތާމެދު އެނޫންގޮތަކަށް ޢަމަލުކުރުމަށް މިނިސްޓްރީއަށް ފެނިއްޖެނަމަ، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި ބަޔާންކުރާ މުއްދަތެއްގެ ތެރޭގައި އެ އިމާރާތަކާމެދު ޢަމަލުކުރަންވީގޮތް، ސަބަބު ބަޔާންކުރުމާއެކު އެ އިމާރާތުގެ ވެރިފަރާތަށް އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އަންގާ އެންގުމާ އެއްގޮތްވާ ގޮތުގެމަތިން އިމާރާތުގެ ވެރިފަރާތުން ޢަމަލުކުރުމުން، އިމާރާތް ބޭނުންކުރުމުގެ ހުއްދަ އެފަރާތަކަށް ދޭންވާނެއެވެ. 

(ކ) މި މާއްދާގެ (ބ) ގެ ދަށުން އަންގާ އެންގުމުގައިވާ ކަންކަން، އެކަންކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި އެ ފަރާތަކުން ފުރިހަމަކޮށްފައިނުވާނަމަ، އެކަމެއް ރަނގަޅުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އެ ހާލަތުގައި، އެކަމަށް ހިނގާ ހަރަދު، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ގޮތުގެމަތިން އިމާރާތުގެ ވެރިފަރާތުން މިނިސްޓްރީއަށް ދައްކަންވާނެއެވެ.

(އ) އިމާރާތް ބޭނުންކުރުމަށް ހުއްދަދީފައިވާ ގޮތް ފިޔަވައި އެހެން ގޮތަކަށް އިމާރާތް ބޭނުންކުރުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ނުވަތަ ތަނަކަށް ނުވަތަ ބަޔަކަށް ގެއްލުމެއްވެއްޖެނަމަ، އެ ލިބުނު ގެއްލުމެއްގެ ޒިންމާ އިމާރާތުގެ ވެރިފަރާތުން އުފުލަންވާނެއެވެ.

(ވ) މި މާއްދާގެ (އ) އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، މި ގާނޫނުގެ 90 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

 
50 ވަނަ މާއްދާ - އިމާރާތްކުރުމުގެ މަސައްކަތެއްގެ ސަބަބުން ނުރައްކަލެއް ކުރިމަތިވުން

(ހ) އިމާރާތްކުރުމުގެ ތެރޭގައި ނުވަތަ އިމާރާތަކަށް ބަދަލެއް ގެނައުމުގެ ތެރޭގައި ނުވަތަ އިމާރާތެއް މަރާމާތުކުރުމުގެ ތެރޭގައި މީހަކަށް ނުވަތަ ތަނަކަށް ނުވަތަ މުދަލަކަށް ނުވަތަ އެހެން އިމާރާތަކަށް ނުވަތަ ވަށައިގެންވާ ވެށްޓަށް ގެއްލުމެއްވާނެ ގޮތަކަށް އެ މަސައްކަތެއް ކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ފަރާތެއް 50,000 (ފަންސާހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. އަދި މަސައްކަތް ކުރާގޮތް އިސްލާހުނުކޮށް އެކަން ތަކުރާރުކުރަމުންދާނަމަ، އެފަދައިން ތަކުރާރުކުރާ ކޮންމެ ދުވަހަކަށް، ޖޫރިމަނާކުރި ޢަދަދުގެ %3 (ތިނެއް އިންސައްތަ) އިތުރަށް ޖޫރިމަނާކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) އާ ހިލާފަށް އިމާރާތްކުރުމުގެ މަސައްކަތެއް ކުރަމުންދާ ކަމުގެ މަޢުލޫމާތު އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކަށް ލިބިއްޖެ ހިނދެއްގައި ތިރީގައިވާ ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.

  1. އެ މަސައްކަތެއްގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ނުވަތަ ކުރިމަތިވުން ގާތްނަމަ، އިމާރާތްކުރުމުގެ މަސައްކަތް ވަގުތުން ހުއްޓާލަން އެންގުން؛ އަދި 
  2. އެފަދަ ނުރައްކަލެއް ދިމާވި ސަބަބުތަކާއި، އެ ނުރައްކަލުން ސަލާމަތްވާނެ ގޮތްތައް ހިމެނޭ ރިޕޯޓެއް ހުށަހެޅުމަށް މަސައްކަތްކުރާ ފަރާތަށާއި އިމާރާތުގެ ވެރިފަރާތަށް އެންގުން؛ އަދި
  3. މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ރިޕޯޓަށް ބެލުމަށްފަހު މަސައްކަތް ކުރިއަށްގެންދިޔުން އެންމެ ރަނގަޅު ކަމަށް ފެންނަނަމަ، ނުވަތަ މަސައްކަތް ރަނގަޅުކޮށްގެން ކުރިއަށްގެންދިޔުމަށް ފެންނަނަމަ، އެގޮތަކަށް ކުރިއަށްގެންދިޔުމަށް ހުއްދަދިނުން؛ އަދި
  4. މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ރިޕޯޓަށް ބެލުމަށްފަހު މަސައްކަތް ކުރިއަށްގެންދިޔުމަށް ނުފެންނަނަމަ، އެ އިމާރާތަކާމެދު ޢަމަލުކުރަންވީގޮތް، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި ބަޔާންކުރާ މުއްދަތެއްގެ ތެރޭގައި ސަބަބު ބަޔާންކޮށް އިމާރާތުގެ ވެރިފަރާތަށް އެންގުން.

 

51 ވަނަ މާއްދާ - ކުރަމުންދާ ނުވަތަ ކޮށްނިމިފައިވާ އިމާރާތްކުރުމުގެ މަސައްކަތްތައް ބަލައި ޗެކްކުރުން

(ހ) އިމާރާތްކުރަމުންދާ ނުވަތަ ކޮށްނިމިފައިވާ އިމާރާތެއްގެ ފެންވަރު ބެލުމަށްޓަކައި، މިނިސްޓްރީން ނުވަތަ އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކުން ބޭނުންވެއްޖެ ހިނދެއްގައި، އެތަނެއްގެ ވެރިފަރާތަށް ލިޔުމަކުން އެންގުމަށްފަހު، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ގޮތުގެމަތިން އެތަނެއް ބަލައި ޗެކްކުރުމަށް މިނިސްޓްރީން ނުވަތަ އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކުން ވަނުމަށް އެތަނެއްގެ ވެރިފަރާތުން ހުއްދަ ދޭންވާނެއެވެ

(ށ) އިމާރާތްކުރުމުގެ މަސައްކަތްތަކާ ގުޅިގެން އިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާ ތަނަކަށް ވަންނަން މިނިސްޓްރީން ނުވަތަ އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކުން މި މާއްދާގެ (ހ) ގެ ދަށުން އެދިއްޖެ ހިނދެއްގައި އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ގޮތުގެމަތިން އެތަނެއްގައި ބަލަހައްޓާ ކަމާގުޅޭ ލިޔުންތައް ނުވަތަ ފޮތްތައް ނުވަތަ ރިކޯޑުތައް އެފަރާތަށް ދައްކަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޢަމަލުކުރުމަށް މިނިސްޓްރީން ނުވަތަ އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކުން ބޭނުންވެއްޖެ ހިނދެއްގައި އެތަނަށް ވަދެވޭވަރުގެ އާނގައެއް ހެދިދާނެއެވެ. އަދި އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ގޮތުގެމަތިން އިމާރާތްކުރުމަށް ބޭނުންކުރެވިފައިވާ އެއްޗެއްގެ ސާމްޕަލެއް، އެ އެއްޗެއް ތަހްލީލުކޮށް ބެލުމަށްޓަކައި ބޭނުންވާ މިންވަރަށް، އަގެއް ދެއްކުމަކާ ނުލައި މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ނެގިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އިމާރާތެއް ބަލައި ޗެކްކުރުމަށްފަހު އެ އިމާރާތުގެ އެސެސްމަންޓެއް ހަދަންޖެހޭކަމަށް މިނިސްޓްރީން ނުވަތަ އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން ކަނޑައަޅައި އަންގައިފިނަމަ، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ އިމާރާތުގެ އެސެސްމަންޓެއް ހެދުމަށްފަހު، ކަމާގުޅޭ ރިޕޯޓެއް ތައްޔާރުކޮށް މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކަށް އިމާރާތުގެ ވެރިފަރާތުން ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ރިޕޯޓަށް ބެލުމަށްފަހު އިމާރާތުގެ ފެންވަރުގައި މައްސަލައެއް ވާކަމަށް ފާހަގަކުރެވިއްޖެނަމަ، އިމާރާތް ރަނގަޅުކުރުމަށް މިނިސްޓްރީން ނުވަތަ އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކުން އިމާރާތުގެ ވެރި ފަރާތަށް އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަސައްކަތްކުރެވެމުންދާ ސަރަހައްދަކަށް މިނިސްޓްރީން ނުވަތަ އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާގެ ފަރާތުން ވަންނަ އެއްވެސް ފަރާތެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމަކީ މަނާކަމެކެވެ.

(ކ) މި މާއްދާގެ (ހ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިމާރާތްކުރުމުގެ ހުއްދަދޫކުރާ މިނިސްޓްރީން ނުވަތަ އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން އަންގާފައިވާ އެންގުމަކާ އެއްގޮތްވާ ގޮތުގެމަތިން އެ ތަނެއްގެ ވެރިފަރާތުން ޢަމަލުނުކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ގޮތުގެމަތިން އެ ފަރާތެއް 50,000 (ފަންސާސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ އިމާރާތްކުމުގެ ހުއްދަ ދޫކުރާ އިދާރާއަށް ލިބިގެންވެއެވެ. އަދި އެ މަސައްކަތް ހުއްޓާނުލައި އެކަން ތަކުރާރުކުރަމުންދާނަމަ، އެފަދައިން ތަކުރާރުކުރާ ކޮންމެ ދުވަހަކަށް، ޖޫރިމަނާކުރި ޢަދަދުގެ %3 (ތިނެއް އިންސައްތަ) އިތުރަށް ޖޫރިމަނާކުރެވޭނެއެވެ.

(އ) މި މާއްދާގެ (ހ) އަދި (ރ) ގައިވާ ގޮތުގެމަތިން ބަލާ ބެލުމެއްގެ ތަފްސީލުތަކާއި ރިޕޯޓްތަކުގެ ކޮޕީ، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އިމާރާތްކުރުމަށް ހުއްދަދޫކުރާ އިދާރާއިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 
ހަތްވަނަ ބާބު

އިމާރާތްކުރުމުގައި ބޭނުންކުރާ ތަކެތީގެ ފެންވަރު ހިފެހެއްޓުން

 
52 ވަނަ މާއްދާ - އިމާރާތްކުރުމުގައި ބޭނުންކުރާ ތަކެތީގެ ފެންވަރު ހިފެހެއްޓުމުގެ މަގްސަދު

އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި، އެފަދަ ތަކެތީގެ އުފެއްދުން ކޮންޓްރޯލްކުރުމާއި، އެ ތަކެތި ޓެސްޓުކުރުމުގެ މަގްސަދަކީ ދިވެހިރާއްޖޭގައި އިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެތަކެތި ބޭނުންކުރާ ގޮތުގެ ފެންވަރާއި މިންގަނޑު ރަނގަޅު ފެންވަރެއްގައި ހިފެހެއްޓުމެވެ.

 
53 ވަނަ މާއްދާ - އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުމާއި ބޭނުންކުރުން

އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން މި ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ކޮންޓްރޯލްކުރާ ބާވަތްތައް ފިޔަވައި، އެހެން ކޮންމެ އެއްޗެއް ދިވެހިރާއްޖޭގައި އުފައްދައި ނުވަތަ ދިވެހިރާއްޖެއަށް އެތެރެކޮށް، އިމާރާތްކުރުމަށް ބޭނުންކުރުމަކީ ހުއްދަ ކަމެކެވެ.

 
54 ވަނަ މާއްދާ - އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރުން

(ހ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، އިމާރާތްކުރުމުގައި ބޭނުންކުރާ ތަކެތި ޓެސްޓްކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓްކުރާނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓްކުރުމުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ގަވާއިދުގެ ދަށުން ހުއްދަ ލިބިގެންވާ ފަރާތްތަކެވެ.

(ނ) މި ބާބުގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، އިމާރާތްކުރުމުގެ ދާއިރާގައި ބޭނުންކުރާ ބާވަތްތަކުގެ ތަކެތި ޓެސްޓްކުރެވޭ ފެންވަރުގެ ލެބޯޓްރީއެއް، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓްކުރުމުގެ ގަވާއިދުގައިވާ ގޮތުގެމަތިން މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި ގާއިމުކުރަންވާނެއެވެ.

 

55 ވަނަ މާއްދާ - ކޮންޓްރޯލްކުރެވޭ ބާވަތްތައް

(ހ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ފެންވަރު ހިފެހެއްޓުމަށާއި، އެ ތަކެތި ބޭނުންކުރަނީ ރަނގަޅު ގޮތުގައިކަން ކަށަވަރުކުރުމުގެ ބޭނުމުގައި، އިމާރާތްކުރުމުގައި ބޭނުންކުރާ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އެ ތަކެތި ދިވެހިރާއްޖޭގައި އުފެއްދުން ކޮންޓްރޯލްކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ދަށުން ކޮންޓްރޯލްކުރެވޭ ބާވަތްތައް، މި ގާނޫނުގެ ދަށުން ހަދާ އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ކޮންޓްރޯލްކުރެވޭ ބާވަތްތައް ކޮންޓްރޯލްކުރުމަށް ކަނޑައަޅަންވާނީ، އެކި ބާވަތްތަކުގެ ތަކެއްޗާއި، އެ ތަކެތީގެ ފެންވަރާއި (ސްޕެސިފިކޭށަން ނުވަތަ ސްޓޭންޑަރޑް) ބޭނުން ބަޔާންކުރުމަށްފަހުގައެވެ

(ރ) މި މާއްދާގެ ދަށުން ކޮންޓްރޯލްކުރެވޭ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމަށާއި ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަދެވޭނެ އުސޫލުތައް، މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 
އަށްވަނަ ބާބު

އިމާރާތްކުރުމުގެ ދާއިރާގައި ދިވެހިންނަށް އިސްކަންދިނުން

 

56 ވަނަ މާއްދާ - ދިވެހިންނަށް އިސްކަންދިނުން

އިމާރާތްކުރުމުގެ ދާއިރާގައި ކުރާ މަސައްކަތްތައް ކުރުމުގައި ވީވަރަކުން ދިވެހިންނަށް އިސްކަންދޭންވާނެއެވެ. އެފަދައިން ދިވެހިންނަށް އިސްކަންދިނުމުގެ މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) އިމާރާތްކުރުމުގެ ދާއިރާގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް މަގުފަހިކުރުން؛

(ށ) ދިވެހިރާއްޖޭގައި ކުރެވޭ މަސައްކަތްތަކަކީ ދިވެހިންގެ ހުނަރު އެކުލެވޭ މަސައްކަތްތަކަކަށް ހެދުން؛

(ނ) އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ގާބިލުކަން ހުރި ދިވެހިންނަށް ފުރުސަތުތައް ލިބިގެން ދިޔުން؛

(ރ) އިމާރާތްކުރުމުގެ ދާއިރާގެ ތެރެއިން އެ ރަށެއްގައި ހުރެގެން ހިދުމަތް ދިނުމާއި ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވިގެންދިޔުން.

 
57 ވަނަ މާއްދާ - ދިވެހިންނަށް އިސްކަން ދިނުމުން ހާސިލުވާނެ ކަންކަން

އިމާރާތްކުރުމުގެ ދާއިރާގައި ކުރާ މަސައްކަތްތައް ކުރުމުގައި ދިވެހިންނަށް އިސްކަންދިނުމުން ހާސިލުކުރަން ބޭނުންވާ ކަންކަމަކީ:

(ހ) ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ލިބިގެން ދިޔުމުން ދިވެހިރާއްޖޭގެ އިގްތިސާދުގައި ދައުރުކުރާ ބޭރު ފައިސާގެ ނިސްބަތް ހިފެހެއްޓި މަތިވުން؛

(ށ) މުޅި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޢުމުރުގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބިގެން ދިޔުން؛

(ނ) ދިވެހި މަސައްކަތްތެރިންގެ ހުނަރު އިތުރުވެގެން ދިޔުން.

 
58 ވަނަ މާއްދާ - ދިވެހިންނަށް އިސްކަން ދޭނެ ނިސްބަތް

މި ބާބުގައި ބަޔާންކުރާ ކަންކަމުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، މި ގާނޫނުގެ 95 ވަނަ މާއްދާގައި ބަޔާންކުރާ ގަވާއިދުތަކުގައި، ދިވެހިންނަށް އިސްކަންދޭނެ ގޮތްތައް ކަނޑައަޅަންވާނެއެވެ.

 

 

ނުވަވަނަ ބާބު

އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ރަޖިސްޓަރީކުރުމާއި ގިންތިކުރުން

 
59 ވަނަ މާއްދާ - ރަޖިސްޓަރީކުރުމުގެ މަގްސަދު

މި ގާނޫނުގެ ދަށުން އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކަންކަން ރަޖިސްޓަރީކުރުމުގެ މަގްސަދަކީ:

(ހ) އެ ހުއްދައަކާގުޅޭ ފެންވަރާއި ށަރުތުތައް އެ ފަރާތެއްގައި ހުރިކަން ވަޒަންކުރުމާއި އަދި އެކަން ރިކޯޑުކުރުން؛ އަދި

(ށ) އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތަކަކީ ރައްކާތެރިކަމާއެކު ކުރަންޖެހޭ ފަންނީ މަސައްކަތްތަކަކަށްވުމާއެކު، އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަކީ އެކަމަށް ގާބިލު ފަރާތްތަކެއްކަން ދެނެގަނެވޭނެ ގޮތެއް ހެދުން.

 
60 ވަނަ މާއްދާ - ރަޖިސްޓަރީކުރުމުން ހާސިލުވާނެ ކަންތައްތައް

މި ގާނޫނުގެ ދަށުން އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ރަޖިސްޓަރީކުރުމުން ހާސިލުވާނެ ކަންތައްތަކަކީ:

(ހ) އެ ފަރާތްތަކަކީ ހުއްދަ ލިބިގެން ހަރަކާތްތެރިވާ ފަރާތްތަކެއްތޯ ބެލުމާއި، އެ ފަރާތްތަކުގެ ހުއްދައިގެ ހާލަތް ދެނެގަތުމާއި، އެ ފަރާތްތަކުގެ ހުއްދައިގެ މަޢުލޫމާތު އެނގުން؛

(ށ) އެ ފަރާތްތަކުގެ މަޢުލޫމާތު ޢާންމުކޮށް ލިބެން ހުރުން؛

(ނ) އެ ފަރާތްތަކާ މުޢާމަލާތްކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން؛

(ރ) އެ ފަރާތްތަކާމެދު މި ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކޮށްދިނުން.

(ބ) އެ ފަރާތްތަކުގެ ތެރެއިން ފިޔަވަޅެއް އެޅިފައިވާ ފަރާތްތައް ޢާންމުކޮށް އެނގޭނެ ގޮތް ހެދުން.

 
61 ވަނަ މާއްދާ - ރަޖިސްޓަރީކުރެވޭ ދާއިރާތައް

މި ގާނޫނުގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ނުވަތަ ޕްރޮގްރާމްތަކުގެ ރަޖިސްޓަރީތައް މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.

(ހ) އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާތައް؛

(ށ) އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ޕްރޮފެށަނަލް ފަރާތްތައް؛

(ނ) އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޓެކްނިކަލް ފަރާތްތައް؛

(ރ) އިމާރާތްކުރާ ފަރާތްތައް؛

(ބ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތައް؛

(ޅ) އިމާރާތްކުރުމާގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމްއިއްޔާތައް؛

(ކ) އިމާރާތްކުރުމުގެ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމްތައް؛

(އ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އުފައްދައި އަދި އެތެރެކުރާ ފަރާތްތައް.

 
62 ވަނަ މާއްދާ - ރަޖިސްޓަރީކުރުމުގެ ގަވާއިދުތައް

(ހ) މި ގާނޫނުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް ރަޖިސްޓަރީކުރުމާބެހޭ ގަވާއިދުތައް، މިނިސްޓްރީން ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ކޮންމެ ރަޖިސްޓަރީއަކާބެހޭ ގަވާއިދުގައި ތިރީގައި ބަޔާންކޮށްފައިވާ ބައިތައް ހިމަނަންވާނެއެވެ.

  1. އެ ރަޖިސްޓަރީއެއްގައި ހިމެނޭ ގިންތިތަކާއި އެކި ގިންތިއަށް ކަނޑައެޅޭ އެންމެ ދަށް ފެންވަރު (އެލިޖިބިލިޓީ ކްރައިޓީރިއާ)؛
  2. މަސައްކަތުގެ އަހްލާގީ ނުވަތަ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް)؛
  3. ކޮންމެ ރަޖިސްޓަރީއެއްގެ ކޮންމެ ގިންތިއެއްގައި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކުގެ މަސްއޫލިއްޔަތު؛
  4. ރަޖިސްޓަރީކުރުމަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކާބެހޭ މަޢުލޫމާތާއި، ދޫކުރާ ހުއްދައިގައި ހުންނަންޖެހޭ އެންމެހައި މަޢުލޫމާތު؛
  5. ރަޖިސްޓަރީކުރެވޭ މުއްދަތާއި ރަޖިސްޓަރީ އާކުރުމުގެ އުސޫލުތައް؛
  6. ރަޖިސްޓަރީ ބާތިލުކުރުމާއި ހިފެހެއްޓޭނެ ހާލަތްތަކާއި އެޅޭނެ ފިޔަވަޅުތައް؛
  7. ރަޖިސްޓަރީކުރެވިފައިވާ ފަރާތަކާ ގުޅޭގޮތުން މައްސަލަ ހުށަހަޅާނެ ގޮތާއި އެފަދަ މައްސަލަ ބެލޭނެ ގޮތް؛
  8. އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީކުރަންޖެހޭނަމަ ނުވަތަ ހުއްދައެއް ހޯދަންޖެހޭނަމަ އެކަން.

(ނ) މި ގާނޫނުގެ 61 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ) އަދި (ޅ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް އިންށުއަރކުރަން ލާޒިމުކުރާ މިންގަނޑުތަކެއް، ރަޖިސްޓަރީތަކާގުޅޭ ގަވާއިދުގައި ހިމަނަންވާނެއެވެ.

 

63 ވަނަ މާއްދާ - ރަޖިސްޓަރީގައިވާ މަޢުލޫމާތުތައް ޢާންމުކޮށް ށާއިޢުކުރުން

މި ގާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވޭ ފަރާތްތަކާގުޅޭ މަޢުލޫމާތުތަކުގެ ތެރެއިން ކަނޑައެޅޭ ވަކި މަޢުލޫމާތުތަކެއް މިނިސްޓްރީން ޢާންމުކޮށް ށާއިޢުކުރަންވާނެއެވެ. އަދި އެފަދައިން އެފަރާތްތަކުގެ މަޢުލޫމާތު ޢާންމުކުރުމުގެ އުސޫލު، އެ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 
64 ވަނަ މާއްދާ - ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ މަސްއޫލިއްޔަތު

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އިދާރާތަކާއި ފަރާތްތަކުން، އެފަރާތްތަކަށް ހުއްދަދީފައިވާ ގިންތިއެއްގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފަށް އިމާރާތްކުރުމުގެ ދާއިރާގައި ކަމެއް ހިނގަމުންދާކަން މި ގާނޫނުގެ ދަށުން ހުއްދައެއް ލިބިފައިވާ ފަރާތަކަށް އެނގޭނަމަ، އެކަމެއް އިމާރާތްކުރުމަށް ހުއްދަދޫކުރާ އިދާރާއަށް އަންގަންވާނެއެވެ.

 
65 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަކާ ނުލައި ނުވަތަ ރަޖިސްޓަރީކުރެވިފައިވާ ގިންތީގެ ބޭރުން މަސައްކަތްކުރުން

(ހ) އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިދާރާތަކުގެ ތެރެއިން ނުވަތަ ފަރާތްތަކުގެ ތެރެއިން ވަކި ގިންތިއެއްގެ ދަށުން ވަކި މަސައްކަތެއް ކުރުމަށް ރަޖިސްޓަރީނުކޮށް، އެފަދަ މަސައްކަތެއް ކުރުމަށް ރަޖިސްޓަރީކޮށްފައި އޮތްކަމަށް ދެއްކުމަކީ ނުވަތަ އެފަދައިން ދޭހަވާނެ ގޮތަށް ޢަމަލުކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޢަމަލެއް ކުރާ ފަރާތެއް، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 10,000 (ދިހަހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ރަޖިސްޓަރީކުރުމުގެ ބޭނުމަށް އެ ފަރާތަކުން ދީފައިވާ މަޢުލޫމާތަކަށް ބަދަލު އައުމުން އެކަން މިނިސްޓްރީއަށް ނާންގާ ހުރުމަކީ މަނާކަމެކެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ޢަމަލެއް ކުރާ ފަރާތެއް، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 5,000 (ފަސްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 
66 ވަނަ މާއްދާ - ހުއްދަ ދީފައިވާ ފަރާތްތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކާމެދު ފިޔަވަޅުއެޅުން

(ހ) މި ގާނޫނުގެ ދަށުން މިނިސްޓްރީން ހުއްދައެއް ދީފައިވާ ފަރާތަކާމެދު ހުށަހެޅޭ މައްސަލައެއް، ކަމާބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން ބަލައި، އެ ގަވާއިދެއްގައި ކަނޑައެޅިފައިވާ ގޮތެއްގެމަތިން ފިޔަވަޅުއަޅަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން މިނިސްޓްރީން ފިޔަވަޅު އެޅުމުގައި، ވަކި ފަރާތަކީ މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތެއް ކަމުގައިނުވިނަމަވެސް، އެ ފަރާތެއް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފަށް ކޮށްފައިވާ މަސައްކަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެހެން ގާނޫނެއްގެ ދަށުން އެހެން ފަރާތަކުން ދޫކޮށްފައިވާ ހުއްދައަކާގުޅޭ މައްސަލައެއް މިނިސްޓްރީއަކަށް ނުބެލޭނެއެވެ.

 
67 ވަނަ މާއްދާ - ހުއްދަ ދީފައިވާ ފަރާތްތައް ކަނޑައެޅިފައިވާ މިންގަނޑުތަކާ ހިލާފުވުމުން އެޅޭ ފިޔަވަޅު

(ހ) މި ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ކުރުން މަނާކޮށްފައިވާ ކަމެއް، އެ ގަވާއިދުގައި ބަޔާންކުރާ ފަރާތަކުން ކޮށްފިކަން މިނިސްޓްރީއަށް އެނގިއްޖެނަމަ، އެ މައްސަލަ ބަލަން މިނިސްޓްރީން ޢައްޔަންކުރާ ކޮމިޓީގެ ލަފާގެމަތިން، މިނިސްޓްރީން އެ ފަރާތަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅުއަޅަންވާނެއެވެ.

އިންޒާރުދިނުން؛

  1. އެ ފަރާތަށް އަންގާފައިވާ އެންގުމުގައި ވަކި ތަމްރީނެއް ފުރިހަމަކުރުމަށް ކަނޑައަޅާފައިވާނަމަ އެފަދައިން ޢަމަލުކުރުމަށް އެންގުން؛
  2. އެ ފަރާތެއްގެ މަސައްކަތުގެ ދާއިރާ ހަނިކުރަންޖެހޭނަމަ އެފަދައިން ޢަމަލުކޮށް، ވަކި ށަރުތުތަކެއް ކަނޑައެޅުން، އަދި އެކަން ރަޖިސްޓަރީގައި ރިކޯޑުކުރުން؛
  3. އެ ހުއްދައެއް ދިނުމަށް އެ ފަރާތެއްގައި ހުންނަންޖެހޭ ށަރުތުތައް ހަމަވަންދެން، ނުވަތަ 12 (ބާރަ) މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހުއްދަ ހިފެހެއްޓުން، އަދި އެ ހުއްދަ ހިފެހެއްޓިފައިވާކަން ރިކޯޑުކުރުން؛
  4. އެ ފަރާތެއްގެ ހުއްދަ ބާތިލުކޮށް، އެ ފަރާތެއްގެ ނަން ރަޖިސްޓަރީން އުނިކޮށް، އެ ފަރާތަކަށް އަލުން ހުއްދަދޫކުރެވޭނެ މުއްދަތެއް ކަނޑައަޅައި، އެކަން އެންގުން؛
  5. ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 10,000 (ދިހަހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފިޔަވަޅު އެޅުމުގައި، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ މާއްދާގައި ބަޔާންކުރާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެކުގައި އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ)  މި މާއްދާގެ ދަށުން މިނިސްޓްރީން އަޅާ ފިޔަވަޅެއް ރަޖިސްޓަރީގައި ރިކޯޑުކުރުމުގެ އިތުރުން، އެ ފިޔަވަޅަކާގުޅޭ މަޢުލޫމާތު ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލަކުން ޢާންމުކޮށް ހާމަކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

68 ވަނަ މާއްދާ - ހުއްދަ ދީފައިވާ ފަރާތުން އަގު ނުވަތަ ޖޫރިމަނާ ނުދެއްކުން

މި ގާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ދަށުން ނުވަތަ އެ މާއްދާގެ (ށ) ގެ ދަށުން އެއްވެސް ފަރާތަކުން ދައްކަންޖެހޭ ފައިސާއެއް، އެ ފައިސާ ދައްކަން އަންގާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ، އެ ފައިސާއެއް ދައްކަންދެން އެ ފަރާތެއްގެ ހުއްދަ ހިފަހައްޓަންވާނެއެވެ. އަދި 12 (ބާރަ) މަސް ފާއިތުވާއިރުވެސް އެ ފައިސާ ނުދައްކައިފިނަމަ، އެ ފަރާތެއްގެ ހުއްދަ ބާތިލުކޮށް، ބާތިލު ކުރިކަން ރަޖިސްޓަރީގައި ރިކޯޑުކުރަންވާނެއެވެ.

 
69 ވަނަ މާއްދާ - ގިންތިކުރުން

(ހ) އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ގިންތި ކުރުމުގައި އެފަރާތްތަކުގެ ވަޒީފާގައި ގެންގުޅޭ ދިވެހިންގެ ނިސްބަތަށް ބަލަންވާނެއެވެ. މިގޮތުން ދިވެހިންގެ ނިސްބަތް ގިނަ ފަރާތްތަކަށް ގިންތި ކުރުމުގައި ގިނަ މާރކްސް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތަކުގެ އިތުރުން ގިންތި ކުރުމުގައި ބަލާނެ ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 
ދިހަވަނަ ބާބު

ދެވޭ ހިދުމަތަށާއި ކުރެވޭ މަސައްކަތަށް އުޖޫރަ ލިބުމުގެ ޔަގީންކަން

 
70 ވަނަ މާއްދާ - އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް އެއްބަސްވުމެއް އޮތުން

އިމާރާތްކުރުމުގެ ދާއިރާގެ އެއްވެސް މަސައްކަތެއް ކުރަންވާނީ، އެ މަސައްކަތްކުރުމަށް ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް އޮވެގެންނެވެ. އެފަދަ އެއްބަސްވުމެއްގައި މަދުވެގެން ހިމެނެންޖެހޭ ބައިތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 
71 ވަނަ މާއްދާ - މަސައްކަތަށާއި ހިދުމަތަށާއި ތަކެއްޗަށް އުޖޫރައާއި އަގު ހައްގުވުން

(ހ) އިމާރާތްކުރުމުގެ އެއްބަސްވުމެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތެއް ކުރަމުންދާއިރު، ވަކި މަސައްކަތްތަކެއް ނިމުމުން ނުވަތަ މަސައްކަތުގެ އަގު ވަކި ޢަދަދަކަށް ދިޔުމުން، އެ ކުރި މަސައްކަތެއްގެ މިންވަރަކަށް އެ މަސައްކަތްކުރި ފަރާތަށް އުޖޫރަ ހައްގުވާނެއެވެ.

(ށ) އިމާރާތްކުރުމުގެ އެއްބަސްވުމެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމާގުޅޭ ހިދުމަތެއް ފޯރުކޮށްދެމުންދާއިރު، އެ ހިދުމަތް ވަކި މިންވަރަކަށް ފޯރުކޮށްދެވުމުން، އެ ހިދުމަތް ފޯރުކޮށްދީފައިވާ މިންވަރަށް، ހިދުމަތްދޭ ފަރާތަށް އުޖޫރަ ހައްގުވާނެއެވެ.

(ނ) އިމާރާތްކުރުމުގެ އެއްބަސްވުމެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތެއް ކުރުމަށް ތަކެތި ފޯރުކޮށްދެމުންދާއިރު، ވަކި މިންވަރަކަށް ތަކެތި ފޯރުކޮށްދެވުމުން، އެ ތަކެތި ފޯރުކޮށްދީފައިވާ މިންވަރަށް، ތަކެތި ފޯރުކޮށްދިން ފަރާތަށް އެ ތަކެތީގެ އަގު ހައްގުވާނެއެވެ.

 

72 ވަނަ މާއްދާ - އުޖޫރައިގެ މިންވަރު

މި ގާނޫނުގެ 71 ވަނަ މާއްދާގެ ދަށުން ހައްގުވާ އުޖޫރަ ނުވަތަ އަގަކަށް ވާނީ، އަންނަނިވި ދެ ގޮތުންކުރެ ގޮތަކަށް ހިސާބުކުރެވޭ އުޖޫރަ ނުވަތަ އަގެވެ.

(ހ) އެއްބަސްވުމުގައިވާ އުސޫލުތަކާ އެއްގޮތަށް ހިސާބުކުރެވިފައިވާ ފައިސާގެ ޢަދަދު؛ ނުވަތަ

(ށ) އެއްބަސްވުމުގައި ފައިސާ ހިސާބުކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިނުވާނަމަ، އެ ފަރާތަކުން އެއްބަސްވުމުގެ ދަށުން ކޮށްފައިވާ އިމާރާތްކުރުމުގެ މަސައްކަތުގެ ނުވަތަ ފޯރުކޮށްދީފައިވާ ތަކެތީގެ ނުވަތަ ހިދުމަތުގެ އަގުގެ މިންވަރެވެ.

 

73 ވަނަ މާއްދާ - އިމާރާތްކުރުމުގެ މަސައްކަތާއި ފޯރުކޮށްދީފައިވާ ތަކެތި އަދި ހިދުމަތް އަގުކުރުން

(ހ) އެއްބަސްވުމެއްގެ ދަށުން ކޮށްފައިވާ އިމާރާތްކުރުމުގެ މަސައްކަތް ނުވަތަ ފޯރުކޮށްދީފައިވާ ތަކެތި ނުވަތަ ހިދުމަތް އަގުކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

  1. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް؛ ނުވަތަ
  2. އެފަދަ އުސޫލެއް އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާނަމަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކަށް ބެލުމަށްފަހު.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އެއްބަސްވުމެއްގެ ދަށުން ކޮށްފައިވާ އިމާރާތްކުރުމުގެ މަސައްކަތް ނުވަތަ ފޯރުކޮށްދީފައިވާ ތަކެތި ނުވަތަ ހިދުމަތް އަގުކުރަންވާނީ ތިރީގައިވާ ކަންތައްތަކަށް ބެލުމަށްފަހުގައެވެ.

  1. އިމާރާތްކުރުމުގެ މަސައްކަތާއި، ތަކެތި ނުވަތަ ހިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ އަގު؛
  2. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެނޫންވެސް އެހެން ރޭޓެއް ނުވަތަ އަގު؛
  3. އެއްބަސްވުމުގައިވާ އަގު ނުވަތަ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެނޫންވެސް ރޭޓަކަށް ނުވަތަ އަގަކަށް ވަކި ހާއްސަ ޢަދަދަކުން އުނިއިތުރެއް ގެނެވިދާނެކަމަށް އެއްބަސްވުމުގައި އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާނަމަ އެ އުނިއިތުރެއް؛
  4. މި އަކުރުގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެނޫން ހާލަތެއްނަމަ، އިމާރާތްކުރުމުގެ މަސައްކަތް ކުރިއިރު ނުވަތަ ތަކެއްޗާއި ހިދުމަތް ފޯރުކޮށްދިންއިރު އިމާރާތްކުރުމުގެ ދާއިރާގައި އެކަމުގެ އަގު ނުވަތަ ރޭޓް ޢާންމުގޮތެއްގައި ހުރި މިންވަރު؛
  5. އިމާރާތްކުރުމުގެ މަސައްކަތާއި ފޯރުކޮށްދީފައިވާ ތަކެތި ނުވަތަ ހިދުމަތުގެ އެއްވެސް ބައެއް ރަނގަޅަށް ކޮށްފައިނުވާނަމަ އެކަމެއް ރަނގަޅުކުރުމަށް ހިނގާނެ ހަރަދު؛ 
  6. އިމާރާތެއްގެ ބައެއްގެ ގޮތުގައި ހިމެނުމަށް ގެނެވިފައިވާ ތަކެތީގެ ތެރެއިން އަގު ދެއްކުމުން އެ ތަނެއްގެ ވެރިފަރާތަށް މިލްކުވެރިކަން ބަދަލުވާނެ ތަކެތީގެ އަގު.

 

74 ވަނަ މާއްދާ - އުޖޫރަދިނުމުގެ މުއްދަތު ހަމަވާ ދުވަސް

(ހ) އިމާރާތްކުރުމުގެ އެއްބަސްވުމެއްގައި މަސައްކަތުގެ އުޖޫރަދިނުމުގެ މުއްދަތު ބަޔާންކޮށްފައިވާނަމަ، އެ މުއްދަތު ހަމަވާ ތާރީހު ކަމުގައި ބަލާނީ އެ އެއްބަސްވުމުގައި ބަޔާންކުރާ ތާރީހެވެ

(ށ) މަސައްކަތުގެ އުޖޫރަދިނުމުގެ ތާރީހެއް އިމާރާތްކުރުމުގެ އެއްބަސްވުމެއްގައި ބަޔާންކޮށްފައިނުވާނަމަ، އުޖޫރަދިނުމުގެ މުއްދަތު ހަމަވާ ތާރީހު ކަމުގައި ބަލާނީ، އެ މަސައްކަތް ނިންމުމަށްފަހު، ސައްހަ އިންވޮއިސް ހުށަހަޅާތާ 30 (ތިރީސް) ދުވަހެވެ.

(ނ) ހިދުމަތެއްގެ ނުވަތަ ތަކެތި ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ވަކި ހިސާބަކަށް ފޯރުކޮށްދެވިފައިވާ ހިދުމަތަކަށް ނުވަތަ އެއްޗަކަށް އަގު ދެއްކުމުގެ މުއްދަތު ބަޔާންކޮށްފައިވާނަމަ، އެކަމުގެ އުޖޫރަދިނުމުގެ މުއްދަތު ކަމުގައި ބަލާނީ، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތެވެ.

(ރ) ހިދުމަތެއްގެ ނުވަތަ ތަކެތި ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ވަކި ހިސާބަކަށް ފޯރުކޮށްދެވިފައިވާ ހިދުމަތަކަށް ނުވަތަ އެއްޗަކަށް އަގު ދެއްކުމުގެ މުއްދަތު ބަޔާންކޮށްފައިނުވާނަމަ، އުޖޫރަދިނުމުގެ މުއްދަތު ހަމަވާ ތާރީހު ކަމުގައި ބަލާނީ، އެ މަސައްކަތް ނިންމުމަށްފަހު، ސައްހަ އިންވޮއިސް ހުށަހަޅާތާ 30 (ތިރީސް) ދުވަހެވެ.

(ބ) އުޖޫރަ ނުވަތަ އަގު ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ނުދައްކައިގެން ނެގޭ ޖޫރިމަނާ ނަގަންވާނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ. އަދި އެއްބަސްވުމުގައި ޖޫރިމަނާ ނަގަންވީގޮތް ބަޔާންކޮށްފައިނުވާނަމަ ޢަމަލުކުރަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 

75 ވަނަ މާއްދާ - ފައިސާ ލިބުމުން ފައިސާދެއްކުން މަނާކުރުން

އެއްވެސް ފަރާތަކުން ކޮށްފައިވާ މަސައްކަތަކަށް ނުވަތަ ފޯރުކޮށްދީފައިވާ ހިދުމަތަކަށް ނުވަތަ އެއްޗަކަށް ދައްކަންޖެހޭ އުޖޫރައަކަށް ނުވަތަ އަގަކަށް ފައިސާ ދައްކާނީ ފައިސާ ލިބުމުންކަމަށް، އެއްވެސް މުއްދަތެއް ބަޔާންކުރުމެއްނެތި ބަޔާންކުރާ މާއްދާއެއް، އިމާރާތްކުރުމުގެ އެއްބަސްވުމެއްގައި ހިމަނާފައިވާނަމަ، އެ މާއްދާއެއް ވާނީ ބާތިލު މާއްދާއެއް ކަމުގައެވެ.

 
76 ވަނަ މާއްދާ - އުޖޫރަ ހޯދަން އެދުން

(ހ) އުޖޫރަ ހޯދަން އެދެންވާނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ. އަދި އެއްބަސްވުމުގައި އެފަދަ އުސޫލެއް ބަޔާންކޮށްފައިނުވާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

(ށ) އުޖޫރަ ހޯދަން ހުށަހެޅުމުގައި، ހޯދަން ހުށަހަޅާ ފައިސާގެ ޢަދަދާއި އެ އުޖޫރައެއް ނިސްބަތްވާ މުއްދަތު ބަޔާންކުރަންވާނެއެވެ. އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އިތުރު މަޢުލޫމާތާއި ލިޔެކިޔުން ހިމަނަންވާނެއެވެ.

 
77 ވަނަ މާއްދާ - އުޖޫރަ ހޯދަން އެދުމުން ޖަވާބުދިނުން

(ހ) އިމާރާތްކުރުމުގެ ނުވަތަ ހިދުމަތެއް ނުވަތަ ތަކެތި ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން އުޖޫރަ ނުވަތަ އަގު ހޯދަން އެދުމުން، ހުށަހެޅި އިންވޮއިސްގައި މައްސަލައެއް ނުވާނަމަ، އެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އުޖޫރަ ނުވަތަ އަގު ދޭންވާނެއެވެ. އަދި މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލަ ބަޔާންކޮށް އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޖަވާބުދޭންވާނެއެވެ.

(ށ) އިމާރާތްކުރުމުގެ ނުވަތަ ހިދުމަތެއް ނުވަތަ ތަކެތި ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ވަކި މުއްދަތެއް ކަނޑައަޅާފައިނުވާނަމަ، އުޖޫރަ ނުވަތަ އަގު ހޯދަން އެދުމުން، ހުށަހެޅި އިންވޮއިސްގައި މައްސަލައެއް ނެތްނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި އުޖޫރަ ނުވަތަ އަގު އަދާކުރަންވާނެއެވެ. އަދި މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އެކަން ބަޔާންކޮށް 21 (އެކާވީސް) ދުވަހުގެ ތެރޭގައި ޖަވާބުދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އުޖޫރަ ދިނުމުގައި އިތުރަށް ފައިސާ ދެވިފައިވާނަމަ، އެންމެ ފަހުގެ އުޖޫރަ ނުވަތަ އަގު އަދާކުރުމުގެ ކުރިން، ހުށަހަޅާފައިވާ އިންވޮއިސްގެ ޖުމްލަ ޢަދަދުން އިތުރަށް ދެވިފައިވާ ފައިސާ އުނިކުރެވިދާނެއެވެ.

 
އެގާރަވަނަ ބާބު

އެހެނިހެން

78 ވަނަ މާއްދާ - އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދަކުން ފެންނަ ހާއްސަ ތަންތަނާ ތަކެތި

(ހ) އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދަކުން ހާއްސަ ތަނެއް ނުވަތަ އެއްޗެއް ފެނިއްޖެނަމަ، ވަގުތުން މަސައްކަތް ހުއްޓާލުމަށްފަހު ކަމާބެހޭ ސަރުކާރުގެ އިދާރާއަކަށް އެކަން އަންގައި އެފަރާތަކުން އަންގާ ގޮތެއްގެމަތިން ޢަމަލުކުރަންވާނެއެވެ. އަދި އެގޮތުން ހުއްޓާލާ މަސައްކަތްތައް އަލުން ފަށައިގަތުމަށް ކަމާބެހޭ އިދާރާއާއި މަސައްކަތްކުރާ ފާރާތާމެދު 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެއްބަސްވެ، އެއްބަސްވެވޭ ގޮތެއްގެމަތިން މަސައްކަތް ކުރިއަށް ގެންދަންވާނެއެވެ.

(ށ) އިމާރާތްކުރުމުގެ މަސައްކަތްކުރަމުންދާ ސަރަހައްދަކުން ފެންނަ ހާއްސަ ތަންތަނާއި ތަކެއްޗާބެހޭ މަޢުލޫމާތު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ނާންގައިފިނަމަ، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ގޮތުގެމަތިން އެ ފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.

 
79 ވަނަ މާއްދާ - ވަގުތު ކަނޑައެޅިފައިވާ ކަންތައްތައް

މި ގާނޫނުގައި ނުވަތަ މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދަކުން، ވަކި ވަގުތަކަށް ނުވަތަ ވަކި ވަގުތެއްގެ ތެރޭގައި ކުރުމަށް ކަނޑައެޅިފައިވާ ކަމެއް އެ ވަގުތަކަށް ނުވަތަ ވަގުތެއްގެ ތެރޭގައި ނުކުރުމަކީ މަނާކަމެކެވެ. އަދި ވަކި ވަގުތަކަށް ކުރަންޖެހޭ ކަމެއް، އެ ވަގުތު ފާއިތުވުމަށްފަހުގައިވެސް ނުކޮށް ހުރުމަކީ މަނާކަމެކެވެ. މި މާއްދާއާ ހިލާފުވެއްޖެނަމަ މި ގާނޫނުގެ 90 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.

 
80 ވަނަ މާއްދާ - މައްސަލަ ބެލުން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން އިމާރާތްކުރުމަށް ހުއްދަދޫކުރާ އިދާރާއަކުން ނުވަތަ މިނިސްޓްރީން އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން، އެ ފަރާތަކަށް އެ ފިޔަވަޅެއްގެ މަޢުލޫމާތު ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ކަމެއް ބަލައިދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރަށް ހުށަހެޅޭ ހުށަހެޅުންތައް 1 (އެކެއް) މަސް ދުވަހުގެ ތެރޭގައި މިނިސްޓަރު ބަލައި، ނިންމާ ގޮތެއް، އެ މައްސަލައެއް ހުށަހެޅި ފަރާތަށާއި، އެ މައްސަލައާ ގުޅުންހުރި އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ހުށަހެޅޭ މައްސަލައަކީ ށަރުޢީ ހުކުމެއް ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީން ނުވަތަ އިމާރާތްކުރުމަށް ހުއްދަދޫކުރާ އިދާރާއަކުން އަޅާފައިވާ ފިޔަވަޅަކާގުޅޭ މައްސަލައެއްނަމަ، މިނިސްޓަރު އެ ހުކުމް ބަލައިގަނެ، އެ މައްސަލަ އިތުރަށް ބެލޭނެ ތަނެއް ނެތް ކަމަށް، މައްސަލަ ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

 
81 ވަނަ މާއްދާ - ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަދެނުކުމެވެވޭނެ ގޮތުގެ އިންތިޒާމު ހަމަޖެއްސުން

(ހ) އިމާރާތްކުރާ ތަނަކީ ދައުލަތުގެ އިމާރާތެއްނަމަ ނުވަތަ ޢާންމު ހިދުމަތްދިނުމަށް އިމާރާތްކުރާ ތަނެއްނަމަ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެފަދަ ތަންތަނަށް ފަސޭހަކަމާއެކު ވަދެނުކުމެވެވޭނެ ގޮތުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ށ) މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހަދާފައިވާ އެފަދަ އިމާރާތަކަށް ބަދަލެއް ގެންނަ ހާލަތުގައިވެސް، މި މާއްދާގެ (ހ) އަށް ޢަމަލުކުރުން ލާޒިމުވެގެންވެއެވެ.

(ނ) ވަކި އިމާރާތަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އިމާރާތެއް ކަމުގައިނުވިނަމަވެސް، އެ އިމާރާތުގައި، ނުވަތަ އެ އިމާރާތުގެ ބައެއްގައި ޢާންމު ހިދުމަތް ދޭންވާނީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ވަދެނުކުމެވޭނެ ގޮތުގެ އިންތިޒާމު ހަމަޖައްސައިގެންނެވެ.

(ރ) މި މާއްދާގައިވާ ގޮތަށް އިންތިޒާމު ހަމަޖެހިފައިނުވާނަމަ އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ގޮތުގެމަތިން އެ ތަނެއްގެ ވެރިފަރާތާމެދު ފިޔަވަޅު އަޅަންވާނެއެވެ.

 
82 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ ފަރާތްތައް ޒިންމާވާންނުޖެހުން

އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއެއްގެ ނުވަތަ މިނިސްޓްރީގެ މުވައްޒަފަކު ނުވަތަ އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއެއްގެ މުވައްޒަފަކު ނުވަތަ މިނިސްޓްރީގެ ނަމުގައި މަސައްކަތްކުރާ ފަރާތަކުން އޭނާގެ ވާޖިބުތައް އަދާކުރުމުގައި ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ހެޔޮ ނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އޭނާގެ މައްޗަށް ދަޢުވާއެއް ނުކުރެވޭނެއެވެ.

 
83 ވަނަ މާއްދާ - މަސައްކަތްކުރެވެމުންދާ ގޮތް ބެލުމަށް ނުވަތަ ލިޔެކިޔުމުގެ ސައްހަކަން ބެލުމަށް ލާޒިމުނުވުން

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ، އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަން ނުވަތަ ސައިޓުގައި މަސައްކަތްކުރެވެމުންދާ ގޮތް ބެލުމަށް، ނުވަތަ އެއްވެސް ކުރެހުމެއް ނުވަތަ ސެޓްފިކެޓެއް ނުވަތަ އެންގުމެއް ނުވަތަ އެނޫންވެސް ލިޔުމެއްގެ ސައްހަކަން ބެލުމަށް މިނިސްޓްރީއަށް ނުވަތަ ހުއްދަދޫކުރާ އިދާރާއަށް މި ގާނޫނު ލާޒިމެއް ނުކުރެއެވެ.

 
84 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ކުރާ މަސައްކަތުގެ ދަޢުވާލިބޭ ފަރާތް

(ހ) މި ގާނޫނާ ހިލާފުވެގެން، ކަމާގުޅޭ ދަޢުވާ އުފުލުމަށްޓަކައި، އެކަމަކާ ޒިންމާވާ އެހެން ފަރާތެއް ވާކަމަށް ސާބިތުވަންދެން އެކަމުގައި ޒިންމާވާ ފަރާތް ކަމުގައި ބެލެވޭނީ އެފަދަ ކަމެއް ހިނގާ ތަނެއްގެ ވެރި ފަރާތުންނެވެ. އަދި އެ މަސައްކަތަކާ ޒިންމާވާ ފަރާތަކީ ވެރިފަރާތް ނޫން އެހެން ފަރާތެއް ކަމަށް ސާބިތުވެއްޖެނަމަ، އެ ދަޢުވާލިބޭ ފަރާތަކަށް ވާނީ އެފަދައިން ސާބިތުވި ފަރާތެކެވެ.

(ށ) މި ގާނޫނުގެ ދަށުން އިމާރާތުގެ ވެރިފަރާތުން ކުރަންޖެހޭ ކަމެއް ނުކޮށްގެން އެއް ފަރާތަށްވުރެ ގިނަ ފަރާތުގެ މިލްކުވެރިކަމުގެ ދަށުގައިވާ އިމާރާތަކާ ގުޅޭގޮތުން ދަޢުވާ އުފުލޭ ހިނދު، ތިރީގައިވާ ކަންކަން، އެ ދަޢުވާ އުފުލޭ ފަރާތުގެ ދިފާޢުގައި ބޭނުންކުރެވޭނެއެވެ.

  1. އެފަދަ ޢަމަލެއް ހިންގާފައިވަނީ އެ ދަޢުވާ އުފުލޭ މިލްކުވެރިޔާ ނޫން އެހެން މިލްކުވެރިޔަކު ކަމުގައިވުން؛ ނުވަތަ
  2. އެފަދަ ޢަމަލަކާ ބެހޭގޮތުން، މި ގާނޫނުގެ ދަށުން އަންގާ އެންގުމެއް ނުވަތަ އަމުރެއް އަންގާފައިވަނީ އެ ދަޢުވާ އުފުލޭ މިލްކުވެރިޔާ ނޫން އެހެން މިލްކުވެރިޔަކަށް ކަމުގައިވުން.

 

85 ވަނަ މާއްދާ - އިމާރާތެއްގެ މިލްކުވެރިކަން ބަދަލުވީނަމަވެސް ވެރި ފަރާތުން އުފުލަންޖެހޭ ޒިންމާ

(ހ) އެއްވެސް އިމާރާތެއްގެ މިލްކުވެރިކަން ބަދަލުވީނަމަވެސް، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާ ނުވަތަ މިނިސްޓްރީން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އެ އިމާރާތެއްގެ ވެރި ފަރާތަށް ކޮށްފައިވާ އަމުރެއް ނުވަތަ އެންގުމެއް ބާތިލެއްނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އަމުރެއް ނުވަތަ އެ އެންގުމެއްގެ ޒިންމާ އުފުލާނީ ވިއްކާ ފަރާތާއި ގަންނަ ފަރާތާ ދެމެދު ވަކި ގޮތަކަށް އެއްބަސްވެފައިނުވާނަމަ، އެ އިމާރާތެއް ވިއްކި ފަރާތެކެވެ.

(ނ) އެއްވެސް އިމާރާތެއްގެ މިލްކުވެރިކަން ބަދަލުކުރުމުގެ މުޢާމަލާތް ހިންގަންވާނީ އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކުރުމަށްފަހުގައެވެ

(ރ) އިމާރާތެއްގައި ކޮށްފައިވާ ކަމަކަށް އިމާރާތުގެ ވެރިފަރާތުން މިނިސްޓްރީއަށް ނުވަތަ އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަށް މި ގާނޫނުގެ ދަށުން ހަރަދެއް ދައްކަން އޮތްނަމަ، އިމާރާތްކުރުމުގެ އެއްބަސްވުމުގައި އެހެންގޮތަކަށް ބަޔާންކުރާ ހާލަތުގައި ފިޔަވައި އެހެން ހާލަތްތަކުގައި، އެ އިމާރާތެއްގެ ވެރިފަރާތުން އެ އިމާރާތެއްގެ މިލްކުވެރިކަން ބަދަލުކުރި ކަމުގައިވީނަމަވެސް، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތަކުން އެ ހަރަދެއް ދައްކަންޖެހޭނެއެވެ.

 
86 ވަނަ މާއްދާ - ހިފެހެއްޓޭ ނުވަތަ ގެންދެވޭ މުދަލާއި ތަކެތި

(ހ) މި ގާނޫނުގެ ދަށުން އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާގެ ނުވަތަ މިނިސްޓްރީގެ ވާޖިބުތައް އަދާކުރުމުގައި ހިފަހައްޓާ ނުވަތަ ގެންދާ އެއްވެސް މުދަލެއް ނުވަތަ އެއްޗެއް ހިފެހެއްޓޭ ނުވަތަ ގެންދެވޭ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި އެ އެއްޗެއްގެ މިލްކުވެރިކަމާމެދު އެއްވެސް ފަރާތަކުން ދަޢުވާނުކުރާނަމަ، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ގޮތުގެމަތިން އެ އެއްޗެއް އަނބުރާ ރައްދުކުރުމަށް މަސައްކަތްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް މުދަލެއް ނުވަތަ އެއްޗެއް ރައްދުނުކުރެވިއްޖެނަމަ، އެ މުދަލެއް ނުވަތަ އެއްޗަކީ ދައުލަތަށް ނެގިފައިވާ މުދަލެއް ނުވަތަ އެއްޗެއް ކަމުގައި ބަލައި، ދައުލަތަށް ނެގޭ މުދަލާމެދު ޢަމަލުކުރެވޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ މުދަލެއް ނުވަތަ އެއްޗަކާމެދު ޢަމަލުކުރުމުގެ ބާރު އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަށް ނުވަތަ މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުދަލެއް ނުވަތަ އެއްޗެއްގެ މިލްކުވެރިކަމާ ގުޅޭގޮތުން 20 (ވިހި) ދުވަހުގެ ތެރޭގައި އެއްވެސް ފަރާތަކުން ދަޢުވާކޮށްފިނަމަ، މިނިސްޓްރީން ނުވަތަ އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއިން ކަނޑައަޅާ ވަކި ށަރުތުތަކަކާއެކު އެ މުދަލެއް ނުވަތަ އެއްޗެއް އެ ފަރާތަކާ އަނބުރާ ހަވާލުކުރަންވާނެއެވެ.

 
87 ވަނަ މާއްދާ - ލިޔެކިޔުން ހަވާލުކުރުން

މި ގާނޫނުގެ ދަށުން އެއްވެސް ފަރާތަކަށް ހަވާލުކުރަންޖެހޭ ލިޔުމެއް ނުވަތަ އަމުރެއް ނުވަތަ ނޯޓިހެއް އެފަރާތަކާ ފުރިހަމައަށް ހަވާލުކުރެވިއްޖެ ކަމަށް ބެލެވޭނީ، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ގޮތުގެމަތިން އެ އެއްޗެއް ހަވާލުކުރުމުންނެވެ.

 
88 ވަނަ މާއްދާ - މަޢުލޫމާތު ހޯދުން

(ހ) އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކުން ނުވަތަ މިނިސްޓްރީން ބަލަމުންގެންދާ މައްސަލައަކާ ގުޅޭގޮތުން، އެ ކަމެއްގެ މަޢުލޫމާތު ދެވޭނެކަމަށް އެ އިދާރާއަކަށް ގަބޫލުކުރެވޭ ފަރާތަކަށް، އެކަމާބެހޭ މަޢުލޫމާތުދިނުމަށް އަންގައިފިނަމަ އެ ފަރާތަކަށް އެނގޭ މަޢުލޫމާތެއް ފޯރުކޮށްދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް މަޢުލޫމާތުދިނުމަށް އެންގުމުން، އެ އެންގުމުގައިވާ މަޢުލޫމާތެއް ނުދީ ހިފެހެއްޓުމަކީ ނުވަތަ އެނގިހުރެ އެކަމާގުޅޭ ދޮގު މަޢުލޫމާތު ދިނުމަކީ މަނާކަމެކެވެ.

 
89 ވަނަ މާއްދާ - ލިޔުންތަކުގެ ސައްހަކަން ދެނެގަތުން

(ހ) މި މާއްދާގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ތައްޔާރުކުރާ އަދި ދޫކުރާ ހުރިހާ ލިޔުމެއްވެސް، އެނޫންގޮތަކަށް ސާބިތުނުވާހާ ހިނދަކު ބެލެވޭނީ ސައްހަ ލިޔުންތަކެއްގެ ގޮތުގައެވެ.

(ށ) ހެއްކެއްގެ ގޮތުގައި ހުށަހެޅޭ ލިޔެކިޔުމެއް ނުވަތަ އިލެކްޓްރޯނިކް މީޑިޔާއެއްގެ ޒަރީޢާއިން ފޮނުވޭ އެފަދަ މަޢުލޫމާތެއް، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހުށަހެޅުމުން، ހެއްކެއްގެ ގޮތުގައި ބެލެވޭނެއެވެ.

 

90 ވަނަ މާއްދާ - ޢާންމު އަދަބު

މި ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މި ގާނޫނުގައި ވަކި ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ކަމުގެ ކުޑަބޮޑު މިނަށް ބަލައި، އެފަދަ ފަރާތްތަކާމެދު އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ހ) މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ހުއްދައެއް ނުވަތަ ހުއްދަތަކެއް ހިފެހެއްޓުން؛ ނުވަތަ

(ށ) 100،000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުން؛ ނުވަތަ

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުއްދަ ހިފެހެއްޓުމާއެކު 100،000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުން؛ އަދި

(ރ) މިނިސްޓްރީން ވަކި ކަމެއް ރަނގަޅުކުރުމަށް އަންގާފައިވާ ހާލަތުގައި، އެކަން ކުރުމަށް ދީފައިވާ މުއްދަތު ފާއިތުވާއިރުވެސް އެކަން ރަނގަޅު ކޮށްފައިނުވާނަމަ، އެކަމެއް ރަނގަޅު ކުރުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް، މި މާއްދާގެ ދަށުން ކުރެވޭ ޖޫރިމަނާގެ ޢަދަދުގެ %3 (ތިނެއް އިންސައްތަ) އިތުރަށް ޖޫރިމަނާކުރުން.

 
91 ވަނަ މާއްދާ - ދައުލަތުގެ މައްޗަށް ގާނޫނު ހިނގުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މައްޗަށްވެސް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ އެންމެހައި ގަވާއިދުތައް ހަމަހަމަކަމާއެކު ހިނގާނެއެވެ.

 
92 ވަނަ މާއްދާ - މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދީފައިވާ ހުއްދަތަކާއި ހަދަން ފަށާފައިވާ ތަންތަން

މި ގާނޫނުގައި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ވަކި ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދީފައިވާ ހުއްދަތަކާއި ހަދަން ފަށާފައިވާ ތަންތަނާ ގުޅޭގޮތުން ޢަމަލުކުރެވޭނީ އަންނަނިވި ގޮތުގެމަތިންނެވެ.

(ހ) ދޫކޮށްފައިވާ ސައްހަ ލިޔުން، ހުއްދަ ނުވަތަ ލައިސަންސް ބެލެވޭނީ ސައްހަ އެއްޗެހި ކަމުގައެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޢަމަލުކުރަމުން އަންނަ ގަވާއިދަކުން ނުވަތަ އުސޫލަކުން ހުއްދަދީފައިވާ ވަގުތީ އިމާރާތެއްގެ ހުއްދައިގެ މުއްދަތު ކަމަށް ބެލެވޭނީ މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހާ ހަމައަށެވެ.

(ނ) ގަވާއިދާ ހިލާފަށް ހަދާފައިވާ އިމާރާތްތަކުގެ މައްޗަށްވެސް މި ގާނޫނު ހިނގާނެއެވެ.

(ރ) ދޫކޮށްފައިވާ ސައްހަ ހުއްދައެއް ނުވަތަ ލައިސަންސެއްގެ މުއްދަތުކަމަށް ބެލެވޭނީ މި ގާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، އެ ހުއްދައަކަށް ނުވަތަ އެ ލައިސަންސަކަށް، ކަނޑައަޅާފައިވާ މުއްދަތެކެވެ

(ބ) މި ގާނޫނުގެ ދަށުން ހެދުމަށް ލާޒިމުކުރާ ގަވާއިދެއް މި ގާނޫނުގެ 95 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވާލައި ޢަމަލުކުރަން ފެށުމާ ހަމައަށް، ޢަމަލުކުރަމުން ގެންދާނީ އެކަމަކާ ގުޅިގެން ކުރިން ޢަމަލުކުރަމުންގެންދިޔަ ގަވާއިދަކަށެވެ.

(ޅ) މި ގާނޫނު ނުވަތަ މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއް ތަންފީޒުކުރުމުގެ ކުރިން ހަދާފައިވާ އެއްވެސް އިމާރާތަކަށް ނުވަތަ އުމްރާނީ ވަސީލަތަކަށް ބަދަލެއް ގެންނަނަމަ، އެ ބަދަލަކީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ، ގަވާއިދަށް ފެތޭ ބަދަލަކަށް ވާންޖެހޭނެއެވެ.

 
93 ވަނަ މާއްދާ - ޕްލޭނިންގ ގަވާއިދެއް ނެތް ރަށްތައް އަދި ފަޅެއްގައި އިމާރާތް ކުރަންވީ ގޮތް

އިމާރާތެއް ކުރެވެނީ ޕްލޭނިންގ ގަވާއިދެއް ނެތް ރަށެއްގައި ނުވަތަ ފަޅެއްގައިނަމަ، އެފަދަ ތަނެއްގައި އިމާރާތްކުރަންވާނީ ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތްކުރަންވީ ގޮތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 
94 ވަނަ މާއްދާ - ނުރައްކާތެރި ހާދިސާއެއް ދިމާވުން

(ހ) އިމާރާތްކުރުމުގެ މަސައްކަތެއް ކުރެވެމުންދާ އެއްވެސް އިމާރާތެއްގައި ނުވަތަ އެހެން އިމާރާތެއްގައި ނަމަވެސް ނުރައްކާތެރި ހާދިސާއެއް 93 ވަހިނގައިފިކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އިމާރާތްކުރުމުގެ ހުއްދަދޫކުރި އިދާރާއަށް ނުވަތަ މިނިސްޓްރީއަށް އަންގަންވާނެއެވެ. އަދި މިފަދަ މަޢުލޫމާތެއް އިމާރާތްކުރުމުގެ މިނިސްޓްރީއަށް ނުވަތަ ހުއްދަދޫކުރާ އިދާރާއަކަށް ލިބުމުން އެފަރާތަކުން އެ ހާދިސާއެއް ހިނގާދިޔަ ގޮތް ބަލަންވާނެއެވެ.

(ށ) ނުރައްކާތެރި ހާލަތެއް ކަމަށް ބެލެވޭ ކަމެއްގެ މަޢުލޫމާތު ހުއްދަދޫކުރާ އިދާރާއަކަށް ލިބުމުން އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ. މިގޮތުން ލިބޭ މަޢުލޫމާތު، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބެލުމަށްފަހު އެ ހާދިސާއަކީ ނުރައްކާތެރި ހާދިސާއެއްކަމަށް މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ނުރައްކާތެރި ހާލަތަކީ މަސައްކަތް ހުއްޓާލަންޖެހޭ ފަދަ ކަމަކަށްވާނަމަ، އެ މަސައްކަތެއް ވަގުތުން ހުއްޓާލައި މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޢަމަލުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާދިސާއަކީ ނުރައްކާތެރި ހާދިސާއެއް ކަމަށް މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓްރީން ކަނޑައަޅައިފިނަމަ، ތިރީގައިވާ ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.

  1. އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބޯޑުން އެ ހާދިސާއެއް ތަހްގީގުކޮށް ރިޕޯޓެއް ތައްޔާރުކުރުން؛
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ރިޕޯޓުގައި ކަމެއް ރަނގަޅުކުރަން ފެންނަކަމަށް ބަޔާންކޮށްފައިވާނަމަ އެކަމެއް ރަނގަޅުކުރުމަށް ރިޕޯޓުގައި ބަޔާންކުރާ ފަރާތަކަށް މިނިސްޓްރީން އެކަމެއް އަންގައި އެ ފަރާތުން އެކަން ކުރޭތޯ ޔަގީންކުރުން.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އަންގާފައިވާ އެންގުމަކާ އެއްގޮތްވާ ގޮތުގެމަތިން އެ އެންގުމެއް ރައްދުވާ ފަރާތުން ޢަމަލުނުކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ފަރާތެއް 50,000 (ފަންސާސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެ އެންގުމަށް ތަބާނުވާ ކޮންމެ ދުވަހަކަށް، ޖޫރިމަނާ ކުރި ޢަދަދުގެ %3 (ތިނެއް އިންސައްތަ) އިތުރަށް ޖޫރިމަނާކުރެވޭނެއެވެ.

 
95 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނު ތަންފީޒުކުރުމަށްޓަކައި އަންނަނިވި ގަވާއިދުތައް، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީން ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ. 

  1. އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު؛ 
  2. ބިލްޑިންގ ކޯޑު؛ 
  3. އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު؛ 
  4. އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު؛ 
  5. އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު؛ 
  6. އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި، ތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ގަވާއިދު؛ 
  7. އިމާރާތްކުރުމުގެ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމްތަކުގެ ގަވާއިދު؛ 
  8. އިމާރާތްކުރުމާގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމްއިއްޔާތަކުގެ ގަވާއިދު؛ 
  9. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު؛ 
  10. އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓްކުރުމުގެ ގަވާއިދު؛ 
  11. އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދު؛ 
  12. ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ގަވާއިދު؛ 
  13. އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީކުރުމުގެ ގަވާއިދު؛ 
  14. އިމާރާތްކުރުމާގުޅޭ އެހެނިހެން ގަވާއިދުތައް.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު، މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 1 (އެކެއް) މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީން ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ.

(ނ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން ނެރޭ އުސޫލުތަކާއި އެންގުންތައް ޢާންމުކޮށް ށާއިޢުކުރަންވާނެއެވެ. އަދި އެފަދަ އުސޫލުތަކާއި އެންގުންތައް، ފަސޭހައިން ލިބޭނެ ގޮތް، މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.

 
96 ވަނަ މާއްދާ - ގަވާއިދުތަކުގައި ހިމެނެންވާ ބައިތައް

މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި މަދުވެގެން ތިރީގައި ބަޔާންކޮށްފައިވާ ބައިތައް ހިމަނަންވާނެއެވެ.

(ހ) އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި އަންނަނިވި ބައިތައް ހިމެނެންވާނެއެވެ. 

  1. އިމާރާތްކުރުމާއި ބޭނުންކުރުމުގެ ހުއްދަދޫކުރާ އިދާރާތައް ކަނޑައަޅާ އުސޫލުތައް؛ 
  2. އިމާރާތްކުރުމާއި ބޭނުންކުރުމުގެ ހުއްދަދޫކުރާ އިދާރާތަކުގެ މަސްއޫލިއްޔަތު؛ 
  3. އިމާރާތްކުރުމާއި ބޭނުންކުރުމުގެ ހުއްދައަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު؛ 
  4. އިމާރާތްކުރުމުގެ މަސައްކަތް ކުރާއިރު ފެންވަރު ބަލާނެ ގޮތްތައް؛ 
  5. އިމާރާތްކުރުމުގެ މަސައްކަތްކުރުމުގެ ހުއްދައާ ގުޅިގެން ނެގޭ ފީގެ މިންވަރާއި އުސޫލުތައް؛ 
  6. އިމާރާތްކުރުމާއި ބޭނުންކުރުމުގެ ހުއްދައަށް އެދޭއިރުގައާއި ހުއްދަ ދޫކުރާއިރު ޢަމަލުކުރަން ޖެހޭގޮތް؛ 
  7. އިމާރާތްކުރުމާއި ބޭނުންކުރުމުގެ ހުއްދަ ބާތިލުކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތް؛ 
  8. ޖޫރިމަނާކުރެވޭ ގޮތުގެ އުސޫލު؛ 
  9. މިނޫނަސް މި ގާނޫނު ތަންފީޒުކުރުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ކަންކަމަށް މަގުފަހިކުރުމަށް ހިމަނަންޖެހޭ އެހެނިހެން ބައިތައް.

(ށ) ބިލްޑިންގ ކޯޑުގައި މި ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބައިތައް ހިމެނެންވާނެއެވެ.

(ނ) ރަޖިސްޓަރީކުރުމާބެހޭ ގަވާއިދުތަކުގައި މި ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބައިތައް ހިމެނެންވާނެއެވެ.

(ރ) އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގައި މި ގާނޫނުގެ 62 ވަނަ މާއްދާއާއި 69 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބައިތައް ހިމެނެންވާނެއެވެ.

(ބ) އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގައި މި ގާނޫނުގެ 62 ވަނަ މާއްދާއާއި 69 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބައިތައް ހިމެނެންވާނެއެވެ.

(ޅ) އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ ކަންކަމުގެ ގަވާއިދުގައި އަންނަނިވި ބައިތައް ހިމެނެންވާނެއެވެ.

  1. މަސައްކަތްކުރާ މީހުންނާއި ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ ކުޑަ މިންވަރެއްގައި އަޅަންޖެހޭ ފިޔަވަޅުތައް؛
  2. ގަވާއިދާ ހިލާފުވުމުން އަޅަންޖެހޭ ފިޔަވަޅުތަކާއި، ފިޔަވަޅުއަޅާނެ ފަރާތްތައް.

(ކ) އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި، ތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ގަވާއިދުގައި މި ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބައިތައް ހިމެނެންވާނެއެވެ

(އ) އިމާރާތްކުރުމުގެ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމްތަކުގެ ގަވާއިދުގައި އަންނަނިވި ބައިތައް ހިމެނެންވާނެއެވެ. 

  1. މި ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބައިތައް؛
  2. ދިވެހިރާއްޖެއިން ބޭރުގެ ތަމްރީނުދޭ މަރުކަޒަކުން ނަގާފައިވާ އިމާރާތްކުރުމާގުޅޭ ފާސްތައް ގަބޫލުކުރުމުގައި ބަލާނެ މިންގަނޑުތައް.

(ވ) އިމާރާތްކުރުމާގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމްއިއްޔާތަކުގެ ގަވާއިދުގައި މި ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބައިތައް ހިމެނެންވާނެއެވެ.

(މ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދުގައި އަންނަނިވި ބައިތައް ހިމެނެންވާނެއެވެ.

  1. އިސްތިއުނާފުކުރެވޭނެ މައްސަލަތަކާއި އިސްތިއުނާފުކުރެވޭނެ ހާލަތު؛
  2. އިސްތިއުނާފުކުރުމުގައި ޢަމަލުކުރަންޖެހޭނެ ގޮތްތައް؛
  3. އިސްތިއުނާފުކުރުމަށް ހުށަހަޅަންޖެހޭ މުއްދަތު؛
  4. އިސްތިއުނާފުކުރި މައްސަލަ ނިމުނު ގޮތް ހާމަކުރާނެ ގޮތް.

 (ފ) ތަކެތި ޓެސްޓުކުރުމުގެ ގަވާއިދުގައި އަންނަނިވި ބައިތައް ހިމެނެންވާނެއެވެ.

  1. ޓެސްޓުކުރެވޭ ބާވަތްތައް؛
  2. ޓެސްޓުކުރުމުގައި ބެލޭނެ މިންގަނޑުތައް؛
  3. ޓެސްޓުކުރެވޭ ތަކެއްޗަށް ހުއްދަ ދޭ މުއްދަތުތައް؛ 
  4. ޓެސްޓުކުރެވޭނެ ތަންތަން.

(ދ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުން ކޮންޓްރޯލްކުރުމުގެ ގަވާއިދުގައި އަންނަނިވި ބައިތައް ހިމެނެންވާނެއެވެ.

  1. އެތެރެކުރުން ކޮންޓްރޯލްކުރާ ބާވަތްތައް؛ 
  2. ކޮންޓްރޯލްކުރެވޭ ބާވަތްތަކުގެ ފެންވަރު ބަލާނެ ގޮތް؛
  3. ކޮންޓްރޯލްކުރެވޭ ބާވަތްތައް އެތެރެކުރުމަށް ހުއްދަދެވޭނެ ގޮތްތައް.

 

97 ވަނަ މާއްދާ - މި ގާނޫނުން އިސްތިސްނާވާ ކަންތައް

(ހ) ފަތުރުވެރިކަން ކުރުމަށް ދޫކުރެވޭ، މީހުން ދިރިނޫޅޭ ރަށްރަށާއި ފަޅުތަކުގައި ކުރެވޭ ފަތުރުވެރިކަމުގެ ސިނާޢަތާގުޅޭ އިމާރާތްކުރުމުގެ މަސައްކަތަކާއި، އަތޮޅުތެރޭގައި ދިރިއުޅުމުގެ ބޭނުމަށް ކުރެވޭ 1 (އެކެއް) ބުރި ނުވަތަ 4 (ހަތަރު) މީޓަރަށްވުރެ އުސްނޫން އިމާރާތްތައް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި ގާނޫނުން އިސްތިސްނާވާނެއެވެ.

(ށ) މި ގާނޫނުން އިސްތިސްނާވާނެ ކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތަންތަނާއި މަސައްކަތްތައް، އިސްތިސްނާވާނެ ގޮތާއި ހަމަތަކާއި މިންގަނޑުތައް، މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގަވާއިދު މިނިސްޓްރީން ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ.

 
98 ވަނަ މާއްދާ - ގާނޫނަށް ޢަމަލުކުރަން ފެށުން

މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

99 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "ރަޖިސްޓަރީ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ހުއްދަކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު އެކުލެވޭ ގޮތަށް މިނިސްޓްރީން ލިޔެ ބަލަހައްޓާ ދަފްތަރަށެވެ.

(ށ) "ބިލްޑިންގ ކޯޑު" ކަމަށް ބުނެފައިއެވަނީ، އިމާރާތްކުރުމުގައި ގެންގުޅެންވީ މިންގަނޑުތައް އެކުލެވޭ، މި ގާނޫނުގެ 95 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހަދާ ގަވާއިދަށެވެ.

(ނ) "ބަދަލު ގެނައުން" ކަމަށް ބުނެފައިއެވަނީ، އިމާރާތަކާ ގުޅޭގޮތުން ކަމަށްވާނަމަ، އެ އިމާރާތެއް މަރާމާތުކުރުމާއި، ބޮޑުކުރުމާއި، އެ އިމާރާތް އަލުން އެޅުމާއި، އަލުން ކޮޅަށްޖެހުމާއި، އެ އިމާރާތަށް ބައެއް އިތުރުކުރުމާއި، އިމާރާތުން ބައެއް އުނިކުރުން ހިމެނޭގޮތުންނެވެ.

(ރ) "އިމާރާތްކުރުން" ކަމަށް ބުނެފައިއެވަނީ، ބިނާވެށީގައި ހިމެނޭ އިމާރާތާއި ތަންތަން ހެދުމަށް ނުވަތަ ނިޒާމުތައް ގާއިމުކުރުމެވެ. ބިނާވެށީގައި ހިމެނެނީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ގާއިމުކުރާ ނިޒާމުތަކާއި، ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ގެދޮރާއި، މަގާއި، ނަރުދަމާއާއި، ކަރަންޓު އަދި ހާބަރު ފަދަ އުމްރާނީ ތަރައްގީއަށް ބޭނުންވާ ތަންތަނެވެ.

(ބ) "ކުރެހުމާއި ލިޔުންތައް" ކަމަށް ބުނެފައިއެވަނީ، އިމާރާތެއް ކުރުމުގައި ނުވަތަ އިމާރާތަކަށް ބަދަލެއް ގެނައުމުގައި ވަކި ސްޕެސިފިކޭށަންތަކަކާ އެއްގޮތަށް އެކަން ކުރުމަށްޓަކައި ތައްޔާރުކުރެވިފައިވާ ޑިޒައިންތަކާއި ކުރެހުންތަކާއި ލިޔުންތަކަށެވެ.

(ޅ) "އިމާރާތް" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ތަންތަން ހިމެނޭ ގޮތުންނެވެ. އަދި މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އިމާރާތުގެ މާނައިގައި އިމާރާތެއްގެ ބައެއްވެސް ހިމެނެއެވެ.

  1. ވަގުތީ ނުވަތަ ދާއިމީ ނުވަތަ އެއް ތަނުން އަނެއް ތަނަށް ގެންދެވޭފަދަ ނުވަތަ އެއް ތަނުން އަނެއް ތަނަށް ނުގެންދެވޭފަދަ ބިނާތަކަށެވެ. މިފަދަ ތަންތަނުގެ ތެރޭގައި އިންސާނުން ދިރިއުޅުމަށާއި، ވިޔަފާރިކުރުމަށާއި، އެނޫން ބޭނުންތައް ކުރުމަށާއި، ޖަނަވާރު ގެންގުޅުމަށާއި، މެށިނެރީއާއި މުދާ ރައްކާކުރުމަށް ބޭނުންކުރެވޭ ތަންތަން؛
  2. ތިރީގައިވާ ކަންތައްތައް ހިމެނޭގޮތަށް އެ އެއްޗެއް ހަރުކުރެވިފައިވާ ތަނަކުން ފެށިގެން 7 (ހަތެއް) މީޓަރަށްވުރެ އުސްކޮށް، އިމާރާތުގައި ހަރުކުރެވިފައިވާ ނުވަތަ އިމާރާތުގެ ބައެއްގެ ގޮތުގައި ނަމަވެސް، ހުންނަ ދަނޑި ނުވަތަ މުއާސަލާތީ ޓަވަރު؛ (މީގެތެރެއަކު 2 (ދޭއް) މީޓަރަށްވުރެ ފުޅާނޫން ޑިށް އޭރިއަލްއެއް ނުހިމެނެއެވެ.)
  3. ބިންގަނޑު ހިފެހެއްޓުމަށް ނުވަތަ ފަސް ފޭބިޔަނުދިނުމަށް ހެދިފައިވާ ވަގުތީ ނުވަތަ ދާއިމީ ސްޓްރަކްޗަރ؛
  4. ބޯޓެއް ނުވަތަ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ފިޔަވައި، ތިރީގައިވާ ފަދަ ގޮތަކަށް ހެދިފައިވާ ފްލޯޓިންގ ސްޓްރަކްޗަރ:
    1. ފެނުގައި ސަޕޯޓުކުރެވިފައިވާ ނުވަތަ ސަޕޯޓުކުރުމަށް ގަސްދުކުރާ ބިނާއެއް؛
    2. ނެވިކަމުގެ ބޭނުމަށް ބޭނުންނުކުރާ ނުވަތަ ބޭނުންނުކުރެވޭނެ ސްޓްރަކްޗަރ؛
    3. ދާއިމީކޮށް އަޅާފައި ނުވަތަ އަޅާފައި ބޭއްވޭނެ ސްޓްރަކްޗަރ.

  5. ކަލްވާޓެއް، ބްރިޖެއް، ހުރަސްކުރާ ފާލަމެއް، ޓަނަލެއް ނުވަތަ އަންޑަރޕާސް؛
  6. ނަރުދަމާ ޓްރީޓްމެންޓް ޕްލާންޓެއް، ނަރުދަމާ ނިޒާމެއް، ކާނެއް، ސްވިމިންގ ޕޫލެއް، ނުވަތަ އެނޫންވެސް، ހަރު ނުވަތަ ދިޔާއެއްޗެއް ނުވަތަ ގޭހެއް ރައްކާކުރުމަށް ބޭނުންކުރާ ނޮން ޕްރޮޕްރައެޓަރީ ތާނގީ؛
  7. ވިންޑް ޓަރބައިން ފަދަ ބިނާތައް؛
  8. ބަނދަރެއް، ފާލަމެއް ނުވަތަ ކޯޒްވޭ ފަދަ ތަނެއް؛
  9. ގޮނޑުދޮށް ހިމާޔަތްކުރުމަށް ނުވަތަ އެނޫންވެސް އެފަދަ ތަންތަން ހިމާޔަތްކުރުމަށް ހަދާ ރިވެޓްމަންޓް ފަދަ އެއްޗެހި؛
  10. މަގު، ދަތުރުފަތުރުކުރުމަށް ހަދާ އެހެނިހެން ސްޓްރަކްޗަރތައް؛
  11. ބަރު އުފުލުމަށް ނުވަތަ ހިފެހެއްޓުމަށްޓަކައި ހަދާ ނުވަތަ ގާއިމްކުރާ އެއްޗެހި.


(ކ) "އިމާރާތްކުރުމުގެ ހުއްދަ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 24 ވަނަ މާއްދާގައިވާ އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކުން، އިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ދޫކުރާ ހުއްދައަށެވެ.

(އ) "އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާ" ކަމަށް ބުނެފައިއެވަނީ، އިމާރާތްކުރުމުގެ މަސައްކަތްތަކަށް ހުއްދަދިނުމާއި، އެ މަސައްކަތްތައް ބެލުމާއި، ކަމާގުޅޭ އެކިއެކި މައްސަލަތައް ބެލުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން ހުއްދަދީފައިވާ އިދާރާއަށެވެ.

(ވ) "އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް" ކަމަށް ބުނެފައިއެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބިލްޑިންގ ޕްރެކްޓިށަނަރުންނާއި، އިމާރާތްކުރާ ފަރާތްތަކާއި، ބިލްޑިންގ އިންސްޕެކްޓަރުންނާއި، އިމާރާތްކުރުމުގެ މަސައްކަތް ސުޕަވައިޒްކުރާ ފަރާތްތަކާއި އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތައް ހިމެނޭގޮތުންނެވެ.

(މ) "އިމާރާތްކުރުމުގެ މަސައްކަތް ބެލުން" ކަމަށް ބުނެފައިއެވަނީ:

  1. އިމާރާތް ފަރުމާކުރެވިފައިވާ ގޮތް ބަލައި، ހެދިފައިވާ ކުރެހުމާއި، ލިޔުންތައް ބެލުމަށް؛ ނުވަތަ
  2. އިމާރާތްކޮށްފައިވާގޮތް ބެލުމަށް؛ ނުވަތަ
  3. އިމާރާތްކުރުމުގެ މަސައްކަތް ކޮށްފައިވަނީ، ހުއްދަދެވިފައިވާ ކުރެހުމާ އެއްގޮތަށްތޯ ބެލުމަށެވެ.

(ފ) "އިމާރާތްކުރުމުގެ މަސައްކަތް" ކަމަށް ބުނެފައިއެވަނީ:

  1. އިމާރާތް ބިނާކުރުމަށް ނުވަތަ އިމާރާތަށް ބައެއް އިތުރުކުރުމަށް ނުވަތަ އިމާރާތެއް ތަޅާލުމަށް؛ ނުވަތަ
  2. އިމާރާތަކަށް ބަދަލެއް ގަނައުމަށް ނުވަތަ އިމާރާތަށް ބައެއް އިތުރުކުރުމަށް ނުވަތަ އިމާރާތެއް މަރާމާތުކުރުމަށް؛ ނުވަތަ
  3. އިމާރާތެއްގައިވާ ނުވަތަ އިމާރާތަކާ ގުޅިފައިވާ އެއަރކޮންޑިށަނިންގ ސިސްޓަމެއް ނުވަތަ ވެންޓިލޭޓިންގ ސިސްޓަމެއް ހަރުކުރުމަށް ނުވަތަ އިތުރުކުރުމަށް ނުވަތަ ބަދަލުކުރުމަށް؛ އަދި
  4. މި އަކުރުގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައިވާ މަސައްކަތްތައް ކުރުމަށް ސައިޓު ތައްޔާރުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތައްވެސް ހިމެނޭގޮތުންނެވެ.

(ދ) "އިމާރާތްކުރުވާ ފަރާތް" ކަމަށް ބުނެފައިއެވަނީ، އިމާރާތުގެ ވެރިފަރާތް ނުވަތަ މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމަކާ ގުޅޭގޮތުން އިމާރާތްކުރުމުގެ މަސައްކަތެއް ކުރުވާ ކޮންމެ ފަރާތަކަށެވެ. އަދި ވިޔަފާރީގެ އުސޫލުން އިމާރާތް ތަރައްގީކުރާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް، ވިޔަފާރިއެއްގެ ގޮތުގައި ކުރާ ކޮންމެ ފަރާތަކަށެވެ.

  1. އިމާރާތްކުރުން؛ ނުވަތަ
  2. އިމާރާތްކުރުމަށް މަގުފަހިކޮށްދީ، ތަނަވަސް ކޮށްދިނުން؛ ނުވަތަ
  3. އިމާރާތްކުރި ނުވަތަ އިމާރާތްކުރުމަށް މަގުފަހިކޮށްދީ ތަނަވަސް ކޮށްދޭ ފަރާތުގެ ކިބައިން އެ އިމާރާތް ގަންނަ ފަރާތް.

(ތ) "އިމާރާތްކުރާ ފަރާތް" ނުވަތަ "ކޮންޓްރެކްޓަރ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ބަޔާންކުރާ އިމާރާތްކުރުމުގެ މަސައްކަތެއް ކުރާ ކޮންމެ ފަރާތަކަށެވެ. އޭގެ ތެރޭގައި އަންނަނިވި ފަރާތްތައް ހިމެނެއެވެ.

  1. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރުގެ ޕާޓްނަރުން؛
  2. އިމާރާތްކުރާ ފަރާތުގެ ނުވަތަ ކޮންޓްރެކްޓަރުގެ އެކަށީގެންވާ ގިނަ ޢަދަދެއްގެ ހިއްސާ އޮންނަ ވިޔަފާރިއެއް؛
  3. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ވިޔަފާރި ށަހްސެއް ކަމުގައިވާ ހާލަތުގައި:
    1. އެ ވިޔަފާރިއެއްގެ އެކަށީގެންވާ ގިނަ ޢަދަދެއްގެ ހިއްސާ އޮންނަ ފަރާތެއް؛
    2. އެ ވިޔަފާރިއެއްގެ ޑިރެކްޓަރެއް ނުވަތަ ކޮމްޕެނީ ސެކްރެޓަރީއެއް ނުވަތަ އެފަދަ މަގާމެއްގައި ހުރި ފަރާތެއް.
  4. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ޓްރަސްޓީއެއްނަމަ، އެ ޓްރަސްޓަކުން ފައިދާ ލިބޭ ފަރާތެއް؛
  5. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަށް މަސައްކަތްކުރާ ފަރާތެއް.

(ލ) "އިމާރާތް ބޭނުންކުރުމުގެ ހުއްދަ" ކަމަށް ބުނެފައިއެވަނީ، އިމާރާތެއް ފުރިހަމަކުރުމުން، އެ އިމާރާތެއް ނުވަތަ އިމާރާތުގެ ބައެއް ބޭނުންކުރުމަށްޓަކައި އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 4/2017) ގެ 31 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ހުއްދައަށެވެ.

(ގ) "އާންމުކޮށް އެންގުން" ކަމަށް ބުނެފައިއެވަނީ، ތިރީގައިވާ ފަދައިން ޢާންމުކޮށް އެންގުމަށެވެ.

  1. ޢާންމުކޮށް ނެރޭ ދުވަހު ނޫހެއްގައި ށާއިޢުކުރުމަށް؛ ނުވަތަ
  2. ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރުމަށް؛ ނުވަތަ
  3. އެކަށީގެންވާ ހުރިހާ ވަގުތެއްގައިވެސް، ޢާންމުކޮށް ބެލެން ހުންނަ އިންޓަރނެޓް ވެބްސައިޓެއްގައި ށާއިޢުކުރުމަށް؛ ނުވަތަ
  4. އިމާރާތްކުރާ ތަންތަނާއި ސަރުކާރުގެ އިދާރާތަކުގައި ބަހައްޓާ އިޢުލާނުތަކާއި އެންގުންތައް މެދުވެރިކޮށް ށާއިޢުކުރުމަށް.

 (ޏ) "ވެރި ފަރާތް" ކަމަށް ބުނެފައިއެވަނީ:

  1. އެ އިމާރާތަކުން ކުލި އެ ފަރާތަކަށް ލިބޭ ފަރާތެއް ނުވަތަ އެ އިމާރާތެއް ކުއްޔަށްދީފިނަމަ، އެ އިމާރާތަކުން ކުލި އެ ފަރާތަކަށް އަމިއްލަ ހައިސިއްޔަތުން ލިބޭނެ ފަރާތަކަށެވެ. މީގެ ތެރޭގައި ރަހުނެއްގެ ގޮތުގައި ގެ ހަވާލުވާ ފަރާތްވެސް ހިމެނެއެވެ. ނުވަތަ
  2. ބައިބަޔަށް ބެހިފައިވާ އިމާރާތެއްގެ ޢާންމު ބައެއްނަމަ، އެ އިމާރާތެއް ބެލެހެއްޓުމަށް ހަވާލުވެފައިވާ ކުންފުންޏަށެވެ. ނުވަތަ
  3. ބައިބަޔަށް ބެހިފައިވާ އިމާރާތެއްގެ ޢާންމު ސަރަހައްދުގެ ބަޔަކުން ކުލި ނުވަތަ ފީ ލިބޭ ފަރާތެއް، ނުވަތަ އެ ބައެއް ބެލެހެއްޓުމަށް ހަވާލުވެފައިވާ ފަރާތަށެވެ. ނުވަތަ
  4. ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ކޯޕަރޭށަނެއްގެ ދަށުން ދިރިއުޅުމަށް ހެދިފައިވާ ނުވަތަ ވިޔަފާރި އިމާރާތެއްގެ ޢާންމު ބައެއްނަމަ، އެ ކޯޕަރޭށަނެއްގެ ބޯޑަށެވެ. ނުވަތަ
  5. ބައިބަޔަށް ބެހިފައިނުވާ އިމާރާތެއްގެ ޢާންމު ބައެއްނަމަ، އެ ބައެއް ބެލެހެއްޓުމަށް ހަވާލުވެފައިވާ ކުންފުންޏެއް ނުވަތަ އެ ބަޔަކުން ކުލި ލިބޭ ފަރާތެއް، ނުވަތަ އެ ބައެއް ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތަށެވެ.

(ސ) "ވަގުތީ އިމާރާތް" ކަމަށް ބުނެފައިއެވަނީ، ފެންވަރު ދަށް ނުވަތަ ޢުމުރު ކުރު ތަކެތި ބޭނުންކޮށްގެން، ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ހަދާ ވަގުތީ ތަންތަނަށެވެ.

(ޑ) "ވަގުތީގޮތުން ބޭނުންކުރުމުގެ ހުއްދަ" ކަމަށް ބުނެފައިއެވަނީ، އިމާރާތެއް ބޭނުންކުރުމަށްޓަކައި ދޫކުރެވޭ ވަގުތީ ހުއްދައަށެވެ.

(ޒ) "ވިޔަފާރި" ކަމަށް ބުނެފައިއެވަނީ، ތިރީގައިވާ ކަންކަމުގެ ތެރެއިން ކަމަކާގުޅޭ ވިޔަފާރިއެއް، ނުވަތަ ވިޔަފާރީގެ ދާއިރާއެއް، ނުވަތަ ފަންނެއް، ނުވަތަ ވަޒީފާއެއް، އަދި އެނޫނަސް ނަފާއެއްގެ ބޭނުމުގައި ހިންގޭ ހަރަކާތްތަކަށެވެ.

  1. މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް، ނުވަތަ ހޯދުމަށް؛
  2. ގޭބިސީ ޔުނިޓެއް ގަތުމާއި، ބިމުން ވިޔަފާރިއެއް ކުރުމަށް.

(ޓ) "ފިޔަވަޅު" ކަމަށް ބުނެފައިއެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުއްދަދެވިފައިވާ ފަރާތަކާ ބެހޭގޮތުން ކުރެވިފައިވާ ށަކުވާއެއް، ނުވަތަ އެއިން ފަރާތެއްގެ ޢަމަލުތަކާމެދު ބަލައި ބެލުމަކުން ނިންމޭ ނިންމުމަކަށެވެ

(ޔ) "މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، އިމާރާތްކުރުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ޕ) "މިނިސްޓަރު" ކަމަށް ބުނެފައިއެވަނީ، އިމާރާތްކުރުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ޖ) "ތަކެތި ޓެސްޓުކުރާ ފަރާތް" ކަމަށް ބުނެފައިއެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި ބޭނުންކުރާ ތަކެއްޗާއި، އެތަކެތި ބޭނުންކުރާ ގޮތް ޓެސްޓުކުރާ ފަރާތްތަކަށެވެ.

(ޗ) "ގުދުރަތީ ނުރައްކާ" ކަމަށް ބުނެފައިއެވަނީ، ގުދުރަތީ ކަމެއްގެ ސަބަބުން ކުރިމަތިވާ ނުރައްކަލަށެވެ.

(ހހ) "ސްޓްރަކްޗަރގެ މަސައްކަތް" ކަމަށް ބުނެފައިއެވަނީ، އިމާރާތެއްގެ ސްޓްރަކްޗަރގެ ބައިތައް ހެދުމަށްޓަކައި ކުރެވޭ މަސައްކަތަށެވެ.

(ށށ) "އިމާރާތް އިންސްޕެކްޓްކުރުން" ކަމަށް ބުނެފައިއެވަނީ، ތިރީގައިވާ ފަދަ މަގްސަދެއް ހާސިލުކުރުމަށްޓަކައި އިމާރާތްކުރުމުގެ މަސައްކަތަކާ ގުޅިގެން އެ މަސައްކަތްކުރެވޭ ގޮތަށް ފާޑުކިޔައި، ކޮންޓްރޯލްކޮށް، އަދި ބެލެހެއްޓުމަށެވެ.

  1. އެ މަސައްކަތެއް ކުރެވެނީ އެކަށީގެންވާ ފެންވަރަކަށްތޯ ބެލުމަށް؛ އަދި
  2. އެ މަސައްކަތެއް ކުރެވެނީ އެ މަސައްކަތެއް ކުރުމަށް ދެވިފައިވާ ހުއްދައާ އެއްގޮތަށްތޯ ބެލުމަށް.

(ނނ) "ސިއްހީގޮތުން ނުރައްކާތެރި އިމާރާތް" ކަމަށް ބުނެފައިއެވަނީ، ތިރީގައިވާ ފަދަ އިމާރާތަށެވެ.

  1. އިމާރާތް ހުރި ތަނަކުން ނުވަތަ އިމާރާތްކޮށްފައިވާ ގޮތަކުން ނުވަތަ ބާވެ ހަލާކުވުމުގެ ސަބަބުން ނުވަތަ މަރާމާތުކުރަން ޖެހިފައިވުމުގެ ސަބަބުން ސިއްހަތަށް ގެއްލުން ލިބޭ ނުވަތަ ގެއްލުން ލިބިދާނެކަމަށް ބެލެވޭ އިމާރާތްތައް؛ ނުވަތަ
    އިމާރާތުގެ އެތެރެއަށް ފެން ވަނުމުގެ ސަބަބުން ނުވަތަ އިމާރާތުގައި ފިނި ހިފުމުގެ ސަބަބުން އެ އިމާރާތުގެ އެތެރޭގެ ތެއްކަން އުފެދުން ހުއްޓުވާ ނިޒާމަކަށް އެކަށީގެންނުވާ ވަރަށް ހުރުން ނުވަތަ އެފަދަ ނިޒާމެއް މައްސަލަ ޖެހިފައިވުން؛
  2. އިމާރާތަކީ އެތަނެއްގައި ފެން ބޭނުންކުރާ ގޮތަށް ފަރުމާކުރެވިފައިވާ އިމާރާތަކަށް ވާނަމަ، އެ އިމާރާތަށް ލިބޭ ފެނަކީ ބޭނުންކުރަން އެކަށީގެންނުވާ ފެން ކަމުގައިވާ އިމާރާތްތައް؛ ނުވަތަ
  3. އިމާރާތެއްގައި ކުރުމަށް ކަނޑައެޅިފައިވާ ކަމަކަށް އެކަށީގެންވާ މިންވަރަށް ސާފުތާހިރުވުމުގެ ހިދުމަތް ނެތް އިމާރާތްތައް.

 (ރރ) "ބޯޑު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓްރަކްށަން ބޯޑަށެވެ.

(ބބ) "މީހަކު" ކަމަށް ބުނެފައިއެވަނީ، ތަބީޢީ ށަހްސުތަކާއި ގާނޫނީ ށަހްސުތައް ހިމެނޭގޮތުންނެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ބިލްޑިންގ ކޯޑު (ގަވާއިދު ނަންބަރު 2019-1020)
  2. އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކު ގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1019)
  3. އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި، ތަކެތި ޓެސްޓްކުރާ ފަރާތްތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1018)
  4. އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1017)
  5. އިމާރާތްކުރުމުގެ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކު ގެ އިލްމީ ޕްރޮގްރާމުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1016)
  6. އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1015)
  7. އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1014)
  8. އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1010)
  9. އިމާރާތް ކުރުމާ ގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމްއިއްޔާތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1005)
  10. އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 2019-1004)
  11. ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1002)
  12. އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-999)
  13. އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-156)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު