-

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2017-03)

 

ގާނޫނު ނަންބަރ 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 62 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

62. ލޯކަލް ގަވަރނަމަންޓް އޮތޯރިޓީގެ ބޯޑު

(ހ) ލޯކަލް ގަވަރނަމަންޓް އޮތޯރިޓީ ހިންގާނީ މި ގާނޫނާ  އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލާ 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑަކުންނެވެ.

  1. ގާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރު؛
  2. އަންނަނިވި ދާއިރާތަކުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 (ތިނެއް) މެންބަރުން؛
    (i) ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރެއް؛
    (ii) މަދަނީ ޖަމްއިއްޔާއެއްގެ މެންބަރެއް؛
    (iii) ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭށަންގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ މެންބަރެއް.
  3.  ޗީފް އެގްޒެކެޓިވް އޮފިސަރު.

(ށ) މި މާއްދާގެ (ހ) (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތައް އައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ބޯޑު އެކުލަވާލަން ބޭނުންވާ ނަންތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކަކީ ބޯޑު އެކުލަވާލަން ބޭނުންވާ ކޮންމެ ފަހަރަކު އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް އާންމުކޮށް އިއުލާންކުރުމުން އެކަމަށް އިޖާބަދޭ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ނަންތަކެއް ކަމުގައި ވާންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ފަރާތްތައް ބޯޑުގެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބޯޑަށް އައްޔަންކުރެވޭ މެންބަރުންނަކީ، ބޯޑުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ތައުލީމާއި ގާބިލުކަންލިބިފައިވާ އަންނަނިވި ށަރުތުތައް ފުރިހަމަވާ މީހުންކަމުގައި ވާންވާނެއެވެ.

  1. ދިވެހި ރައްޔިތަކަށްވުން؛
  2. އުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވުން؛
  3. ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން؛
  4. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޖިނާއީ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިށްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ ޓްރެފިކްކުރުމުގެ ނުވަތަ މަސްތުވާތަކެތީގެ ބޭނުންކުރުމުގެ ކުށެއް ކުރިކަން 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
  5. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަޤާމެއް، ނުވަތަ ޤާނޫނުއަސާސީގައި ބަޔާންކުރާ މުސްތަޤިއްލު މުއައްސަސާއެއްގެ ނުވަތަ ޤާނޫނަކުން އުފައްދާ މުސްތަޤިއްލު އެހެން މުއައްސަސާއެއްގެ މެންބަރެއް ކަމުގައި ނުވުން.

(ޅ) ލޯކަލް ގަވަރނަމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުންނަށް ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ކ) އޮތޯރިޓީގެ ބޯޑުގެ މުއްދަތަކީ 5 (ފަހެއް) އަހަރު ދުވަހެވެ.

(އ) ބޯޑުގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންނަމަ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުނާފު ދެވިދާނެއެވެ. އިސްތިއުފާދިންކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.

(ވ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ ބޯޑުގެ މެންބަރަކު މަގާމުން ވަކިވާނެއެވެ.

  1. ރައްޔިތުންގެ މަޖިލީހުން ބޯޑަށް ކަނޑައަޅާފައިވާ މެންބަރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުން ކަނޑައެޅުން؛
  2. މި ގާނޫނުގައި ބޯޑުގެ މެންބަރުންގެ ށަރުތުތައް ކަމުގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

63. ލޯކަލް ގަވަރނަމަންޓް އޮތޯރިޓީގެ ރައީސް އާއި ނައިބު ރައީސް

(ހ) ލޯކަލް ގަވަރނަމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސަކީ، ގާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ލޯކަލް ގަވަރނަމަންޓް އޮތޯރިޓީއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެވެ.

(ށ) އޮތޯރިޓީގެ ބޯޑުގެ ނައިބު ރައީސަކީ، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފިޔަވައި ބޯޑުގެ މެންބަރުންގެ ތެރެއިން ބޯޑުން އިންތިހާބުކުރާ ފަރާތެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 64 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

64. ލޯކަލް ގަވަރނަމަންޓް އޮތޯރިޓީ ހިންގުމާއި ޗީފް އެގްޒެކެޓިވް އޮފިސަރ

(ހ) ލޯކަލް ގަވަރނަމަންޓް އޮތޯރިޓީގެ ދުވަހުން ދުވަހުގެ ކަންކަން ހިންގާނީ، ލޯކަލް ގަވަރނަމަންޓް އޮތޯރިޓީގެ ބޯޑުގެ ލަފައާއި އިރުށާދާ އެއްގޮތްވާ ގޮތުގެމަތިން، އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

(ށ) ޗީފް އެގްޒެކެޓިވް އޮފިސަރ އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް އައްޔަންކުރެވޭ މީހެއްގެ ކިބައިގައި މި ގާނޫނުގެ 62 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު އަދި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އިތުރު އެހެން ވަޒީފާއެއް އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން؛
  2. ލޯކަލް ގަވަރނަމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭށަންގެ ދާއިރާއިން ނުވަތަ އެނޫންވެސް ކަމާބެހޭ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގައި މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

(ރ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ބ) ޗީފް އެގްޒެކެޓިވް އޮފިސަރ ޖަވާބުދާރީވާނީ އޮތޯރިޓީގެ ބޯޑަށެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޗީފް އެގްޒެކެޓިވް އޮފިސަރުގެ އިތުރުން އޮތޯރިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވެދިނުމަށާއި އޮތޯރިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށްޓަކައި އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮތޯރިޓީގެ ބޯޑަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މިހާރު އެކުލަވާލެވިފައިވާ ލޯކަލް ގަވަރނަމަންޓް އޮތޯރިޓީގެ ބޯޑު އުވާލެވުނީއެވެ.

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ ވަކިމާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނަށް ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

6 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

 

ކޮންސޮލިޑޭޓެޑް ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު