-

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ  ގާނޫނު (ގާނޫނު ނަންބަރު 2010-10) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2017-01)

 

ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

12 އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި، އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެހި ރައްޔިތަކަށްވުން؛
  2. ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން؛
  3. ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ އެމީހަކު ދިވެހި ރައްޔިތަކަށްވުމަށްފަހު 5 (ފަހެއް) އަހަރު ފާއިތުވެފައިވުން؛
  4. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކަށްވުން؛
  5. ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛
  6. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން؛
  7. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން؛
  8. (8) އެއްވެސް ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، ހުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން؛
  9. ކުޑަކުއްޖަކާމެދު ބަދުއަހްލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން؛
  10. މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޛުކޮށް ނިމުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން؛
  11. މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޛުކޮށް ނިމުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2017 ގެ މައްޗަށް މި ގާނޫނު ހިނގާނެއެވެ.

 

2 ވަނަ މާއްދާ - ގާނޫނު ނަންބަރު 7/2010 (ދިވެހިރައްޖޭގެ އިސާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 15 ވަނަ މައްދާއާއި 28 ވަނަ މާއްދާ އަދި 44 ވަނަ މާއްދާ އުނިކުރުން.

 

3 ވަނަ މާއްދާ - މި ގާނޫނުން، ބުނެވިދިޔަ ގާނޫނުން އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ޙަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

5 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2010-10)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު