-

މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު (ގާނޫނު ނަންބަރ 2006-02) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2016-16)

 

ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

4. (ރ) ސެކިއުރިޓީޒްގެ މުއާމަލާތުތަކުގައި ނޭދެވޭ އަމަލުތައް ކުރިޔަ ނުދިނުމާއި، ސެކިއުރިޓީޒްގެ ބާާޒާރާމެދު އިތުބާރު ގެއްލޭފަދަ އަމަލު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި؛ އަދި

 

2  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

4. (ބ) އެހެން ގާނޫނަކުން އޮތޯރިޓީން ކުރުން ލާޒިމުކުރާ ކަންކަން ކުރުމެވެ.

 

3  ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

9. ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން ވަކިވުން

(ހ) ބޯޑުގެ މެންބަރަކު އޭނާގެ މަގާމުން ވަކިކުރެވޭނީ، އަންނަނިވި ހާލަތުތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން، ރައީސުލްޖުމްހޫރިއްޔާއަށެވެ.

  1. ށަރުއީ ހުކުމަކުން އިފްލާސްކުރުން؛
  2. ޖިނާއީ ކުށެއްކުރިކަން ށަރުއީ ކޯޓަކަށް ސާބިތުވެ ހުކުމްކުރުން؛
  3. މެންބަރުކަމުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާފަދަ ކަމެއް ކުރުން؛
  4. މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުން؛
  5. މެންބަރެއްގައި ހުރުމަށް މި ގަނޫނުގައި ލާޒިމުކުރާ ސިފައެއް އުނިވުން.

(ށ) ބޯޑުގެ މެންބަރަކު ބޯޑުން އަމިއްލައަށް ވަކިވާން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިމުން، އެ މެންބަރަކު މަގާމުން ވަކިވީއެވެ.

(ނ) ބޯޑުގެ މެންބަރަކު އެއްވެސް ސަބަބަކާހުރެ އެ  މެންބަރަކު އައްޔަންކުރެވިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ވަކިވެއްޖެނަމަ، ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ބޯޑަށް މީހަކު އައްޔަންކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

10. (ށ) (4) އެހެން ގާނޫނެއްގެ ދަށުން އޮތޯރިޓީން ކުރުން ލާޒިމުކުރާ ކަންކަން ކުރުމުގައި އޮތޯޯރިޓީއަށް އެހެނިހެން ފައިސާ؛ އަދި

 

5  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރު އިތުރުކުރުން.

10. (ށ) (5) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު އަދި (4) ވަނަ ނަންބަރުން ލިބޭ ފައިސާއިން އޮތޯރިޓީ ހިންގުމުގެ ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށް ބޯޑަށް ފެންނަނަމަ، ބޯޑުން އެއިރަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ސަރުކާރުން ކަނޑައަޅާ ބަޖެޓުން ލިބޭ ފައިސާ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަސް އިސްލަހުކުރުން.

13. މުވައްޒަފުންނާއި އޮފިސަރުން އައްޔަންކުރުމުގެ ބާރު

އޮތޯރިޓީގެ އެކިއެކި މަސައްކަތް އެދެވޭ ގޮތުގައި ހިންގުމަށް ބޭނުންވާ މީހުންނަށް ވަޒީފާދީ، ވަކިކޮށް، މުސާރަދޭނެ މިންވަރާއި، ގޮތްތައް ކަނޑައަޅައި އަދި ވަޒީފާ ދިނުމާއި، ޒަވީފާ އަދާކުރުމުގެ ށަރުތުތައް އެކަށިއަޅާނީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

18. ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީއަކުން ތަންފީޒުކުރާ ނުވަތަ ބަލަހައްޓާ، ގާނޫނީ ނުވަތަ ރެގިއުލޭޓަރީ ކަންތައްތަކާ ގުޅޭގޮތުން، އޮތޯރިޓީއަށް ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީތަކަށް އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. އަދި އެ ބޭނުމަށްޓަކައި ގާނޫނީ އަދި ރެގިއުލޭޓަރީ ކަމަކާ ހިލާފުވެއްޖެކަމަށް ބެލެވޭ ބެލެވުން ތަހުގީގުކޮށް ނުވަތަ ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީއަށް މައުލޫމާތު ބޭނުންވުން އެކަށީގެންވާކަމަށް އޮތޯރިޓީއަށް ފެންނަ ހާލަތުތަކުގައި، އޮތޯރިޓީއަށް ބޭނުންވުން އެކަށީގެންވާކަމަށް ފެންނަ މައުލޫމާތު، ހިޔާލު، ނުވަތަ އެހީތެރިކަން ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީތަކަށް ފޯރުކޮށްދެވިދާނެެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

31.  އިންވެސްޓްމަންޓް ފަންޑު ނުވަތަ ފަންޑުގެ ގޮތުގައި އެނޫންވެސް އިންތިޒާމެއް ހިންގުމުގެ ލައިސަންސް

(ހ) މި ގާނޫނުގެ ދަށުން އިންވެސްޓްމަންޓް ފަންޑު ނުވަތަ ފަންޑުގެ ގޮތުގައި އެނޫންވެސް އިންތިޒާމެއް ހިންގޭނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތްތަކަށެެވެ.

(ށ) މި ގާނޫނުގެ ބޭނުމަށްޓަކައި، އިންވެސްޓްމަންޓް ފަންޑު ނުވަތަ ފަންޑުގެ ގޮތުގައި ހިންގާ އެނޫންވެސް އިންތިޒާމެއް ކަމަށް ބަޔާންކޮށްފައި އެވަނީ، އެއްވެސް ބާވަތެއްގެ މުދަލެއް، އޭގެ ތެރޭގައި ފައިސާވެސް ހިމެނޭ ގޮތުން، އެ މުދަލަކުން ފައިދާއެއް ލިބިދެނިވި ގޮތަކަށް، ނުވަތަ އެ މުދަލެއްގައި އިންވެސްޓްކުރުމުން ލިބޭ ފައިދާގައި ހިއްސާވެވޭ ގޮތަށް، ނުވަތަ އެފަދަ ބޭނުމަކަށް އެ މުދަލެއް ނުވަތަ އެ މުދަލަކުން ލިބޭ ފައިދާއެއް ލިބިގަތުމަށް ނުވަތަ އަތުގައި ބެހެއްޓުމަށް ނުވަތަ ހިންގުމަށް ނުވަތަ ވިއްކުމަށްޓަކައި އެ މުދަލުގެ ނުވަތަ އެ މުދަލުން ބައެއްގެ މިލްކުވެރިކަމުގައި އާންމުންނަށް ނުވަތަ ވަކި ބާވަތެއްގެ އިންވެސްޓަރުންނަށް ބައިވެރިވެވޭ ގޮތަށް އެކުލަވާލެވޭ ފަންޑު ނުވަތަ އެފަދަ އިންތިޒާމަކަށެވެ.

(ނ) މި ގާނޫނުގެ ދަށުން އިންވެސްޓްމަންޓް ފަންޑު ނުވަތަ ފަންޑުގެ ގޮތުގައި އެނޫންވެސް އިންތިޒާމެއް ހިންގުމުގެ ލައިސަންސް ދޫކުރެވޭނީ ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގާނޫނީ ށަހްސުތަކަށެވެ.

(ރ) މި ގާނޫނުގެ ދަށުން އިންވެސްޓްމަންޓް ފަންޑް ނުވަަތަ ފަންޑުގެ ގޮތުގައި އެެނޫންވެސް އިންތިޒާމެއް ހިންގުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން މެނުވީ، ފަންޑު މެނޭގަރެއްގެ ގޮތުގައި މަސައްކަތްކޮށް ނުވަތަ ފަންޑު މެނޭޖަރެއްގެ މަސައްކަތްކުރާ މީހެއްގެ ގޮތުގައި ދައްކައިގެން ނުވާނެއެވެ.

 

9  ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

31. ލައިސަންސް ދޫކުރުމުގެ ށަރުތު

(ހ) (1) ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ލައިސަންސް ނުވަތަ އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސަންސް ނުވަތަ ފަންޑު ހިންގުމުގެ ލައިސަންސް ދޫކުރެވޭނީ، ނުވަތަ އާކުރެވޭނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރެވިފައިވާ މާލީ މިންގަނޑު ފުރިހަމަވާ ފަރާތްތަކަށެވެ.

 

10 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުުރުން.

33. ލައިސަންސް ދޫކުރެވޭ މުއްދަތު

މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންވެގެންނުވާހާ ހިނދަކު، ސްޓޮކް އެކްސްޗޭންޖަށާއި ސެކިއުރިޓީޒް ޑިޕޮސިޓަރީއަށް ދޫކުރެވިފައިވާ ހުއްދަ ފިޔަަވައި، މި ގާނޫނުގެ ދަށުން ދޫކުރެވިފައިވާ، ނުވަތަ އާކުރެވިފައިވާ ހުއްދައާއި ލައިސްންސްތަކުގެ މުއްދަތަކީ، ހުއްދަ ނުވަތަ ލައިސަންސް ދޫކުރި ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހެެވެ.

 

11  ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 38 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

38. ސެކިއުރިޓީޒްއާބެހޭ އެހެނިހެން ހިދުމަތްތައް ހިންގުމުގެ ހުއްދަ

ތިރީގައި ބަޔާންކޮށްފައިވާ ލައިސަންސްގެ ބާވަތްތައް ފިޔަވައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކްރެޑިޓް ރޭޓިންގ ހިދުމަތްތަކާއި، ކަސްޓޯޑިއަންގެ ހިދުމަތްތަކާއި، މާލީ އިދާރާތަކަށް ސެކިއުރިޓީޒްގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކުގެ ހައްގުތައް ބެލެހެއްޓުމުގެ ހިދުމަތްތަކާއި، އެ ގަވާއިދުގެ ދަށުން ކަނޑައެޅޭ އެނޫންވެސް ސެކިއުރިޓީޒްއާބެހޭ އެހެނިހެން ހިދުމަތްތައް ދޭންވާނީ، އޮޓޯރިޓީން އެކަމަށް ދޫކުރާ ހުއްދައެއް ލިބިގެންނެވެ.

(ހ) ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް؛

(ށ) ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް؛

(ނ) އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސަންސް؛

(ރ) އިންވެސްޓްމަންޓް ފަންޑު ނުވަތަ ފަންޑުގެ ގޮތުގައި އެނޫންވެސް އިންތިޒާމެއް ހިންގުމުގެ ލައިސަންސް؛ އަދި

(ބ) އަންޑަރައިޓަރސްކަމުގެ ލައިސަންސް.

 

12  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

42. ހިއްސާގެ ބަޔާން ރަޖިސްޓަރީކުރުމަށާއި ވަގުތީގޮތުން ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރު

(ހ) ހިއްސާގެ ބަޔާނެއް ނެރެންވާނީ އޮތޯރިޓީއަށް ހުށަހަޅައި އޮޓޯރިޓީގައި ރަޖިސްޓަރީ ކުރުމަށްފަހުއެވެ.

 

13  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

42. (ށ) ރަޖިސްޓަރީކޮށްފައިވާ ހިއްސާގެ ބަޔާނެއްގެ މުހިންމު ބައެއް ހަގީގަތާ ހިލާފަށް ނުވަތަ އޮޅުން އަރާފަދަ ގޮތަކަށް ނުވަތަ އުނިކޮސްފައިވާކަމަށް (އެ އުނިކަމެއް ގެެނެވިފައިވަނީ، ހިއްސާގެ ބަޔާން ރަޖިސްޓަރީ ކުރިއިރު، ނުވަތަ އޭގެ ފަހުން ކަމުގައިވިޔަސް) ނުވަތަ މި ގާނޫނާ ހިލާފުކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، ތިރީގައިވާ ގޮތުގެމަތިން އެ ހިއްސާގެ ބަޔާނާމެދު އޮތޯރިޓީއަށް އަމަލުކުރެވިދާނެއެވެ.

 

14  ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 42 ވަަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

42. (ބ) ރަޖިސްޓަރީކޮށްފައިވާ ހިއްސާގެ ބަޔާނެއް އޮތޯރިޓީން ބާތިލުކޮށްފިނަމަ އެ ބަޔާން ބާތިލުކުރިކަމާއި ބާތިލުކުރުމަށް މެދުވެރިވި ސަބަބު، ހިއްސާގެ ބަޔާން ނެރުނު ފަރާތަށާއި ރެޖިސްޓްރާރަށް އޮތޯރިޓީން އެންގުމަށްފަހު ލަސްނުކޮށް އާންމުކޮށް އިއުލާންކުރަންވާނެއެވެ.

 

15 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ ޗެޕްޓަރ 6 ގެ ސުރުހީ "ސެކިއުރިޓީޒްގެ މަސްލަހަތުގެ ދަފްތަރު" މިގޮތަށް ބަދަލުކުރުން.

 

16.  ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

53. (ނ) މި މާއްދާގެ (ރ) އާ އެއްގޮތްވާ ގޮތުގެމަތިން، %5 (ފަހެއް އިންސައްތަ) އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ ގަނެފައިވާ ފަރާތެއް، ނުވަތަ ހިއްސާ ގަނެފައިވާ މިންވަރު %5 (ފަހެއް އިންސައްތަ) ގެ ފުރިހަމަ އަދަދެއްގެ ގުނައަކާ އެއްވަރަށް އިތުރުވެއްޖެ ނުވަތަ އުނިވެއްޖެ ފަރާތެއް، ނުވަތަ މިނޫންވެސް ގޮތަކުން ދަފްތަރުގައި ނަން ހިމަނަންޖެހޭ ފަދަ ކަމެއް މެދުވެރިވެއްޖެ ކޮންމެ ފަރާތަކުންވެސް މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެކަމެއް މި މާއްދާގެ (ށ) ގައިވާ ތަފްސީލާއެކު ލިޔުމަކުން ކުންފުންޏަށް އަންގަންވާނެއެވެ.

 

17.  ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރުތައް އިތުރުކުރުން.

60. (ށ) (8) އިސްލާމިކް ސެކިއުރިޓީޒް ނެރެ ގަނެވިއްކުމާގުޅޭ އެންމެހައި ކަންތައްތަކާ ބެހޭގޮތުން.

(9) ކްރެޑިޓް ރޭޓިންގ އެޖެންސީތަކާ ބެހޭގޮތުން.

(10) ކަސްޓޯޑިއަންގެ ހިދުމަތާ ބެހޭގޮތުން.

(11) ކަލެކްޓިވް އިންވެސްްޓްމަންޓް ސްކީމްތައް އުފައްދައި ހިންގުމާއި މެނޭޖްކުރުމާ ބެހޭގޮތުން.

 

18.  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 62 ވަަނަ މާއްދާއަށް އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކުގެ މާނަކުރުން އިތުރުކުރުން.

62. "ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީގެ މަސްއޫލިއްޔަތާއި އެއްގޮތް އަދި އޮތޯރިޓީން އާންމު މަސްލަހަތަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ނުވަތަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދެވިގެންވާކަމަށް އޮތޯރިޓީއަށް ފެންނަ، އަދި މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނެއްގެ ދަށުން ސެކިއުރިިޓީޒް މާކެޓް ރެގިއުލޭޓްކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއިން ބޭރު އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށެވެ.

"ފަންޑު މެނޭޖްކުރުން" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި އުސޫލުން، އެހެން ފަރާތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅޭ އުސޫލުތަކެއްގެ މަތިން އެފަރާތުގެ ފައިސާ އިންވެސްޓްކޮށް އެ އިންވެސްޓްމަންޓާބެހޭ ހައްގުތައް ބަލަހައްޓައި ކުރިއަރުވައި މެނޭޖްކޮށްދިނުމަށެވެ.

"ފަންޑު މެނޭޖަރު " ކަަމަށް ބުނެފައި އެވަނީ، ފަންޑު މެނޭޖްކޮށްދޭ ފަރާތަށެވެ.

"ހިއްސާގެ ބަޔާން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ބާވަތެއްގެ ސެކިއުރިޓީއެއް އާންމުކޮށް ވިއްކުމަށްޓަކައި ށާއިއުކުރާ ލިޔެކިޔުމަށެވެ.

 

19.  ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

20.  ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

21.  ވަނަ މާއްދާ -  މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2006-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު