-

ރިޔާސީ އިންތިހާބުގެ ގާނޫނު

(ގާނޫނު ނަންބަރު 1998-01)

(ގާނޫނު ނަންބަރު 2008-12 އިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ،ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް މީހަކު އިންތިހާބު ކުރުމާބެހޭ ގާނޫނެވެ.

(ށ) މިގާނޫނަށް ކިޔާނީ "ރިޔާސީ އިންތިހާބުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ރިޔާސީ އިންތިހާބު

ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބަށް ކިޔާނީ ރިޔާސީ އިންތިހާބެވެ. މި އިންތިހާބު ބާއްވާނީ އަދި މި އިންތިހާބާ ބެހޭ އެންމެހައި ކަންތައް ހިންގާނީ ގާނޫނުއަސާސީއާއި މި ގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

3 ވަނަ މާއްދާ - ހިންގައި ބެލެހެއްޓުން

ރިޔާސީ އިންތިހާބު ބާއްވައި އެ އިންތިހާބާބެހޭ ހުރިހާކަމެއް ހިންގައި ބަލަހައްޓާނީ، ކޮމިށަނަރ އޮފް އިލެކްށަންސެވެ.

 

4 ވަނަ މާއްދާ - ވޯޓުދެވޭނެ މީހުން

(ހ) ރިޔާސީ އިންތިހާބައި ވޯޓުދެވޭނީ، ގާނޫނުއަސާސީގެ 134 ވަނަ މާއްދާގައި ބުނެފައިވާ ސިފަތައް ފުރިހަމަވާ މީހުންނަށެވެ.

(ށ) ރިޔާސީ އިންތިހާބުގައި ވޯޓުދިނުމުގެ އުމުރުހަމަވާ މީހުންގެ ރަޖިސްޓަރީއެއް، ކޮމިށަނަރ އޮފް އިލެކްށަންސް ތައްޔާރުކުރަން ވާނެއެވެ. އަދި މި ރަޖިސްޓްރީގައި ހިމެނޭ މީހުންގެ ފުރިހަމަ ނަމާއި، އަތޮޅާއި، ރަށާއި، އެޑްރެހާއި، އުފަންތާރީހް، މި ރަޖިސްޓްރީން އެނގެން އޮންނަންވާނެއެވެ. އުފަން ތާރީހް އެނގެންނެތް، އުމުރުން އެކާވީސް އަހަރު ފުރިފައިވާ ކަމާމެދު ށައްކުނުވާ މީހުންގެ އުފަން އަހަރު މި ރަޖިސްޓްރީގައި އޮތުމުން ފުދޭނެއެވެ.

 

5 ވަނަ މާއްދާ - އިންތިހާބާބެހޭ ކޮމިޓީ

(ހ) ރިޔާސީ އިންތިހާބާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމުގައި ކޮމިށަނަރ އޮފް އިލެކްށަންސަށް ލަފާދިނުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އޮންނަންވާނެއެވެ. މި ކޮމިޓީ އައްޔަންކުރާނީ، އެޓަރނީ ޖެނެރަލްގެ ލަފަޔާއެކު ކޮމިށަނަރ އޮފް އިލެކްށަންސެވެ. މިކޮމިޓީގައި ހިމެނޭ މެންބަރުންނަކީ، ގާނޫނުއަސާސީގެ 119 ވަނަ މާއްދާގައި ބުނެފައިވާ ކޯޓުތަކުގެ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމު ސިފަތައްހުރި މީހުންކަމުގައި ވާންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ކޮމިޓީގައި، ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ އެއްވެސް މީހަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހިމަނައިގެން ނުވާނެއެވެ. އަދި ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ އެއްވެސް މީހަކާ ތިމާގެކަމުގެ ގޮތުން، ނުވަތަ ވިޔަފާރީގެގޮތުން ނުވަތަ ވަޒީފާގެ ގޮތުން، ނުވަތަ ވިޔަފާރީގެގޮތުން އޮންނަ ގުޅުމެއްގެ ސަބަބުން ކޮމިޓީގެ މެންބަރެއްގެގޮތުން އެމީހަކުދޭ ލަފައެއް ވަކިއަތަކަށް ބުރަވެދާނެކަމަށް ގަބޫލުކުރެވިދާފަދަ އެއްވެސް މީހަކުވެސް މި ކޮމިޓީގައި ހިމަނައިގެން ނުވާނެއެވެ.

 

6 ވަނަ މާއްދާ - ރިޔާސީ އިންތިހާބަށް ކުރިމަތިލުން

(ހ) ރައީސުލްޖުމްހޫރިއްޔާގެ ރިޔާސަތުގެ ދައުރު ހަމަވާން އޮންނަ  އެންމެފަހު ފަސްދޮޅަސް ދުވަހަށް ފެށުމާއެކު، ނުވަތަ ރައީސުލްޖުމްހުރިއްޔާގެ މަގާމުގެ އުމުރު ހަމަވުމުގެ ކުރިން އެ މަގާމު ހުސްވުމާ ވިދިގެން، ނުވަތަ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިޔާކަމަށް ކުރިމަތިލުމުގެ ފުރްސަތު އަލުން ހުޅުވުމާ ވިދިގެން ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރްސަތު ހުޅުވިއްޖެކަމަށް، ކޮމިށަނަރ އޮފް އިލެކްށަންސް އިއްލާން ކުރަންވާނެއެވެ. އެ އިއްލާނުގައި، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް މަދުވެގެން ހަތްދުވަހުގެ މުއްދަތު ދޭންވާނެއެވެ.

(ށ) ކޮމިށަނަރ އޮފް އިލެކްށަންސް މި އިއުލާނު ކުރުމުން، ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް އެދޭ މީހުން، ކޮމިށަނަރ އޮފް އިލެކްށަންސްގެ ކުރިމައްޗަށް ހާޒިރުވެ، ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ. އެމީހަކަށް ހާޒިރުވެވެން ނެތްކަމަށް ކޮމިށަނަރ އޮފް އިލެކްށަންސަށް ގަބޫލުކުރެވޭފަދަ އުޒުރެއް އޮތްނަމަ، އެ އުޒުރު، ކޮމިށަނަރ އޮފް އިލެކްށަންސަށް ސިޓީއަކުން ނުވަތަ މެސަޖަކުން ބަޔާންކޮށްދީ، އެމީހެއްގެ ބަދަލުގައި ފޮނުވާ މީހަކު މެދުވެރިކޮށް، ކޮމިށަނަރ އޮފް އިލެކްށަންސަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ލުމާބެހޭ ލިޔުންތައް ހުށަހެޅުމުން، މި މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާކަމަށް އެމީހަކު ކުރިމަތިލީކަމަށް ވާނެއެވެ.

 

7 ވަނަ މާއްދާ - ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ މީހުންއިއުލާންކުރުން

މިގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ދޭ މުއްދަތު ހަމަވުމާއެކު، ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާފައިވާ މީހުން ހުށަހަޅާފައިވާ ލިޔުންތައްމި ގާނޫނުގެ 5 ވަނަ މާއްދާގައި ބުނެފައިވާ އިންތިހާބާބެހޭ ކޮމިޓީއަށް ހުށަހަޅައި، އެ ލިޔުންތަކުގައިވާ މައްލޫމާތުތަކުގެ ތެރެއިން ސަރުކާރުގެ ކަމާބެހޭ އޮފީސްތަކުން ބަލަންޖެހޭ ކަންތައްތައް ބަލައި، ގާނޫނު އަސާސީގެ 34 ވަނަ މާއްްދާގައިވާ ށަރްތުތައް ހަމަވާމީހުން އެ ކޮމިޓީގެ ލަފަޔާއެކު، ކޮމިށަނަރ އޮފް އިލެކްށަންސް ކަނޑައަޅައި، ވީ އެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގައި، އެމީހުން އާންމުކޮށް އިއްލާން ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ރައްޔިތުންގެ އާންމު ވޯޓުނެގުން ބާއްވާނެ ތާރީހް އިއްލާނުކުރުން

ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ   އަކަށް ހުންނަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ އާންމު ވޯޓަށް ހުށަހަޅާނޭ މީހަކު، ރައްޔިތުންގެ މަޖިލީހުން ހޮވާތާ ލަސްވެގެން ދެދުވަހުގެ ތެރޭގައި،ރައްޔިތުންގެ އާންމު ވޯޓުނެގުން އޮންނާނެ ތާރީހު ކަނޑައަޅައި، ކޮމިށަނަރ އޮފް އިލްކެށަންސް، އެތާރީހު އިއްލާނު ކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ރިޔާސީ އިންތިހާބުގައި   ތާއީދުހޯދުމަށް މަސައްކަތް ކުރުން

(ހ) ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާފައިވާ މީހަކު،ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވުމަށްޓަކައި ތާއީދު ހޯދުމަށް ކުރަންވާނީ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ އާންމު ވޯޓަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެމީހަކު ހޮވުމަށްފަހުގައެވެ. މިގޮތުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކައި، ސިޓީ ފޮނުވައި، ފޮޓޯއާއި ސްޓިކާއާއި ލިޔުންފަދަ ތަކެތި ބަހައި، ނިށާން ގެންގުޅެ، އިށްތިހާރުކޮށް ހެދިދާނެއެވެ. ނަމަވެސް މި މާއްދާގައި ބުނެފައިވާ ތަކެތި ބޭނުންކުރަންވާނީ، ކޮމިށަނަރަ އޮފް އިލެކްށަންސަށް ހުށަހަޅައި ފާސް ކުރުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ކުރާ އެއްވެސް ކަމެއްގައި، ވަކިމީހަކަށް ނުވަތަ ވަކިފަރާތަކަށް ނުވަތަ ވަކި ބަޔަކަށް އެއްވެސްކަމެއް ކޮށްދީގެން ނުވާނެއެވެ. އަދި އެފަދަ އެއްވެސްކަމެއް ކޮށްދޭން ވައުދު ވެގެނެއްވެސް ނުވާނެއެވެ.

 

10 ވަނަ މާއްދާ - ވޯޓު ދިނުން

ރިޔާސީ އިންތިހާބުގައި ވޯޓުދޭނީ، ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ އާންމު ވޯޓަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ހޮވާފައިވާ މީހާ، ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަން، ވޯޓުދޭ މީހާއަށް ފެންނަކަމަށް ނުވަތަ ނުފެންނަކަމަށް ވޯޓުކަރުދާހުގައި ފާހަގަޖަހައި، އެ ކަރުދާސް ވޯޓުފޮށްޓަށް ވައްޓާލުމުންނެވެ.

 

11 ވަނަ މާއްދާ - އާންމު އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެމަތިން ކުރަންޖެހޭ ކަންތައްތައް

ވޯޓުދޭކަރުދާސް ދޫކުރުމާއި، ވޯޓުނަގަން ފެށުމާއި، ވޯޓުނެގުން ހުއްޓާލުމާއި،ވޯޓުފޮށި ބަންދުކުރުމާއި، ވޯޓުލާ ސަރަހައްދުގައި ކަން ހިނގިގޮތުގެ ރިޕޯޓު ލިތޔުމާއި، ވޯޓުގުނުމާއި، ބާތިލް ވޯޓު ކަނޑައެޅުމާއި، ވޯޓުނަގާދުވަހު ކުރުން މަނާކަންތައްތަކާއި، އިންތިހާބާބެހޭ ކުށާއި ކުށުގެ އަދަބާ ބެހޭގޮތުން ރިޔާސީ އިންތިހާބުގައިވެސް އަމަލުކުރަންވާނީ އެކަންކަމާ ބެހޭގޮތުން އަމަލުކުރުމަށް ގާނޫނު ނަންބަރު 1981-05 (އާންމު އިންތިހާބުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 

12 ވަނަ މާއްދާ - އިންތިހާބު ބާތިލްކުރުން

ތިރީގައި މިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަހައްދެއްގެ އިންތިހާބުގެ ނަތީޖާއަށް އަސަރެއް ފޯރާކަމުގެ މައްލޫމާތެއް ނުވަތަ ށަކުވާއެއް ލިބިއްޖެނަމަ، ކޮމިށަނަރ އޮފް އިލެކްށަންސް، އިންތިހާބާ ބެހޭ ކޮމިޓީގެ ލަފަޔާއެކު، އެކަމެއް ބަލައި، އެފަދަކަމެއް ހިނގާފައިވާކަމަށް ފެނިއްޖެނަމަ، އެ ސަރަހައްދެއްގެ އިންތިހާބު ބާތިލުކޮށް، އަލުން އިންތިހާބު ބާއްވަންވާނެއެވެ.

  1. އިންތިހާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން.
  2. އިންތިހާބީ ހައްގެއްގެ ފައިދާ ވަކިމީހަކަށް ހޯދައި ދިނުމަށްޓަކައި ރިށްވަތު ދިނުން.
  3. އިންތިހާބާބެހޭ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އަމަލުކުރުން.

 

13 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ، އެޓަރނީ ޖެނެރަލްގެ ލަފަޔާއެކު، ކޮމިށަނަރ އޮފް އިލެކްށަންސެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިށަނަރ އޮފް އިލެކްށަންސް ހަދާ ގަވާއިދުތަކުގެ ތެރޭގައިވާ އާންމުން އަމަލު ކުރަންޖެހޭ ކަންތައްތައް، ކޮންމެ އިންތިހާބެއްގެ ވޯޓުނެގުން ބޭއްވުމުގެ ކުރިން، ކޮމިށަނަރ އޮފް އިލެކްށަންސް އިއްލާނު ކުރަންވާނެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

އުވި ގާނޫނު

ރިޔާސީ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2008-12)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު