-

ގާނޫނު ނަންބަރ 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) އަށް 9 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2011-11) 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގައި "މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރ" އޮތް ހުރިހާ ތަނެއް "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް" އަށް ބަދަލުކުރުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 1 ވަނަ މާއްދާ އަންނަނިވި ފަދައިން އިޞްލާޙުކުރުން

1. (ހ) ދިވެހިރާއްޖޭގައި އުފެދޭ އަދި އުފައްދާ ތަކެތި އެކްސްޕޯޓް ކުރުމާއި، ރާއްޖެއަށް އިމްޕޯޓް ކުރުމާއި ރީއެކްސްޕޯޓް ކުރުމާއި، މިއިން ކަމެއް ރާއްޖޭގައި ހިންގަންވާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންނެވެ.

(ށ) މި ޤާނޫނުގައި ކަނޑައަޅާފައިވާ ކަންތައްތައް ކުރުމަށާއި ހިންގުމަށް ހަދަންޖެހޭ ގަވާއިދުތައް ހަދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އުނިކުރުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 5 ވަނަ މާއްދާގެ (ރ)، (ބ)، (ޅ)، (ކ)، (އ)، (ވ) އަދި (މ) ގެ ގޮތުގައި އަންނަނިވި އަކުރުތައް އިތުރުކުރުން

5. (ރ) މި ޤާނޫނުގެ 7 ވަނަ މާއްދާގައި ހިމެނޭ 97 ޗެޕްޓަރުގައި ހިމެނޭ މުދަލުގެ ތެރެއިން ޑިއުޓީގެ މިންވަރު %0 (ސުމެއް އިންސައްތަ) ކަމަށް ބަޔާންކޮށްފައިވާ އެންމެހައި ތަކެތި.

(ބ) ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓިކް ގޯންޏާއި، ޕޮލިތީން ފިލްމާއި، ޕޮލިތީން ޝީޓާއި، ޕޮލިތީން ޓިއުބްރޯލްއާއި،ޕޮލިޔުރިތީންއާއި، ޕްރީފެބްރިކޭޓަޑް ގްރީންހައުސް ޔުނިޓާއި، ފެންވަޔަރު ކުރުމަށް ބޭނުންކުރާ ހޮޅިއާއި، ހައިޑްރޯޕޯނިކްސް އަދި ޑްރިޕް އިރިގޭޝަންއަށް ބޭނުންކުރާ ހޮޅިއާއި، މި ތަކެތީގެ ތެރެއިން ބަޔޯޑިގްރޭޑަބަލް ތަކެތި.

(ޅ) ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، އެފަދަ އުޅަނދުފަހަރުގައި ރިނިއުބަލް އެނަރޖީ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި، ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން ހިންގާ މެޝިނަރީ، އަދި މީގެ އިތުރުންވެސް ރިނިއުބަލް އެނަރޖީ ބޭނުންކުރާ އުފެއްދުންތައް.

(ކ) ރިނިއުބަލް އެނަރޖީ އުފައްދަން ބޭނުންކުރާ ތަކެތި.

(އ) ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމަށާއި ވެލިއު އިތުރުކުރުމަށް އިމްޕޯޓްކުރާ އެންމެހައި ތަކެއްޗާއި މަސް.

(ވ) ޕޯލްޓްރީގެ މަސައްކަތްތައް ފުޅާކުރުމަށާއި ވެލިއު އިތުރުކުރުމަށް އިމްޕޯޓްކުރާ އެންމެހައި ތަކެއްޗާއި، ރޯމެޓީރިއަލް.

(މ) ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމުގެ ގޮތުން، ދަނޑުވެރިކަން ފުޅާކުރުމަށްޓަކައި ރާއްޖެއަށް އެތެރެކުރާ ތަކެއްޗާއި، ދަނޑުވެރިކަމުގެ ދާއިރާއިން އުފައްދާ ތަކެތީގެ ވެލިއު އިތުރުކުރުމަށްޓަކައި، އިމްޕޯޓްކުރާ އެންމެހައި މުދާ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 7 ވަނަ މާއްދާ އަންނަނިވި ފަދައިން އިޞްލާޙުކުރުން.

7. (ހ) ރާއްޖެއިން އެކްސްޕޯޓްކުރާ އަދި ރާއްޖެއަށް އިމްޕޯޓްކުރާ މުދާ ކްލެސިފައި ކުރުމުގައި ބޭނުންކުރާނީ ދުނިޔޭގެ ކަސްޓަމްސް ޖަމްޢިއްޔާގެ ހާމަނައިޒްޑް ކޮމޯޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގ ސިސްޓަމް (އެޗް.އެސް) އެވެ. މި ޤާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭ މުދަލާއި މުދަލުގެ ގިންތިތައް ބަހާލެވިފައިވަނީ އެޗް.އެސް ގެ 97 ޗެޕްޓަރުގެ މައްޗަށެވެ. މިއިން ކޮންމެ ޗެޕްޓަރެއްގައި ހިމެނޭ މުދަލުން އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭ މިންވަރު ތިރީގައިވާ ތާވަލުގައި އެވަނީއެވެ. މި ތާވަލުގައި ހިމަނާފައިވާ މުދަލުގެ ގިންތީގެ ނަމާއި، އެ ތަކެއްޗަށް ދައްކަން މި ޤާނޫނުގައި ކަނޑައަޅާފައިވާ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރަށް ތަފްޞީލު ކުރާނީ އެޗް.އެސް ގައިވާ ގޮތުގެމަތިންނެވެ.

 

[ތަފްސީލު ހިމެނޭ ޖަދުވަލު އަދި ނުހެމިި]

 

މައި ގާނޫނު

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު (ގާނޫނު ނަންބަރު 1979-31)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު