-

އޮފިށަލް ކަންތައްތައް (ޗެޕްޓަރ 1)

(ގާނޫނު ނަންބަރު 1968-01)

 

ހިންގުމާބެހޭ

1 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާގެ އިހްތިޔާރު

 ދައުލަތުގެ އެންމެހައި ތަންތަން ހިންގާނުހިންގާ ގޮތް ބަލައި އިސްލާހު ކުރުމުގެެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

2 ވަނަ މާއްދާ

ސަރުކާރުގެ މިނިސްޓްރީތަކާއި ޑިޕާރޓްމަންޓް ތަކާއި އޮފީސްތަކާއި އަދި މިނޫންވެސް ސަރުކާރުގެ ތަންތަން އުފައްދައި އުވާލައި، އެތަންތަނުން ކުރާނޭ މަސައްކަތްތައް ކަނޑައަޅައި، އެތަންތަނުގެ ނަމަށާއި، އެތަންތަނުގެ މަސައްކަތްތަކަށް އެވަގުތަކަށް ގެންނަން ޖެހޭ ބަދަލެއް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ގެންނާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ސަރުކާރުގެ ތަންތަނަށާއި އެތަންތާނގެ މަސައްކަތަށް ގެންނަ ބަދަލުތައް ސަބަބު ބަޔާންކޮށް ލަސްވެގެން 90 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެއެވެ.

 

3 ވަނަ މާއްދާ

ދައުލަތުގެ ކަންކަމަށް މީހުން އިސްކޮށް، އެކަންކަމުން ދުރުކޮށް، އެއްކަމުން އަނެއްކަމަށް ބަދަލުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ ތިރީގައި މި ނަންގަނެވޭ ކަންކަމުގެ ތެރެއިން ސީދާ ރައީސުލްޖުމްހޫރިއްޔާ ހަވާލުވާ ކަންތައްތައް ފިޔަވައި އެހެން ކަންކަމަށް ވެރީން އިސްކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ދޭ ފަތަކުންނެވެ.

 މި ނަންގަނެވޭ ކަންތަކުގެ ތެރެއިން ސީދާ ރައީސުލްޖުމްހޫރިއްޔާ ހަވާލުވާ ކަންތައްތައް ފިޔަވައި އެހެންކަމަކުން މީހަކު ވަކި ކުރެވޭނީ އެކަމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ލިޔުމަކުންނެވެ

(ހ) ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން

(ށ) އުއްތަމަ ފަނޑިޔާރުކަން

(ނ) ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން

(ރ) މިނިސްޓަރުކަމާއި އެޓަރނީ ޖެނެރަލްކަން

(ބ) އަތޮޅުވެރިކަން

(ޅ) ބޭރު ތަންތާނގައި ތިބޭ ދިވެހި ދައުލަތުގެ ސަފީރުކަމާއި އެފަންވަރުގެ ވަކީލުކަން

 

4 ވަނަ މާއްދާ

ބޭރު ދައުލަތްތަކުން ދިވެހިރާއްޖެއަށް އެކްރެޑިޓް ކުރާ ސަފީރުންނާއި އެފެންވަރުގެ ވަކީލުން ދިވެހިރާއްޖޭގެ ނަމުގައި ބަލައިގަންނާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

5 ވަނަ މާއްދާ

ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދަކު ނޭށަނަލް ސެކިއުރިޓީ ސާރވިސްގެ މީހުންނަށާއި، ފުލުހުންނަށް ސީދާ އަމުރު ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ

 

6 ވަނަ މާއްދާ

ދައުލަތުގެ ތަންތަނަށް ބޮޑެތި ކަންތަކާމެދު ރައީސުލްޖުމްހޫރިއްޔާ ކުރާ އަމުރުތަކާއި ދޭ ޖަވާބު ފޮނުވާނީ ލިޔެފައެވެ.

 

7 ވަނަ މާއްދާ - މިނިސްޓަރުންގެ އިހްތިޔާރު

އެކި ކަންކަމާ ބެހޭގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކޮންމެ މިނިސްޓަރަކަށްވެސް އެމިނިސްޓަރަކާ ހަވާލުވެފައިވާ މިނިސްޓްރީގެ ކަންތައްތަކާއި އެ މިނިސްޓްރީއަކުން ހިންގަންޖެހޭ ހުރިހާ ކަމެއް ހިންގުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - މިނިސްޓަރުންނޫން ވެރިންގެ އިހްތިޔާރު

(ހ) ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ ތަންތަނާު ހަވާލުވެފައިވާ ކަންތައްތައް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އުސޫލެއްގެ މަތިން ހިންގުމުގެ އިހްތިޔާރު އެއިން ކޮންމެ ތަނެއް ހިންގުމަށް އިސްކޮށްފައިވާ ވެރިޔަކަށް ލިބިގެންވެއެވެ.

(ށ) މިނިސްޓަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ ތަންތަން ހިންގުމަށް އިސްކޮށްފައިވާ ވެރިންގެ ދަށުން މިނިސްޓްރީ ތަކާއި އޮފީސްތައް ހިންގުމުގައި ބައިވެރިވާ ވެރިންނަށްވެސް، އެމީހަކާ ހަވާލުވެފައިވާ ކަމެއް، އެމީހެއްގެ މައްޗަށް ހުރި ވެރިޔެއްގެ ލަފާގެ މަތިން ހިންގުމުގެ އިހްތިޔާރު ލިބިގެން ވެއެވެ.

 

9 ވަނަ މާއްދާ - ސަރުކާރުގެ މުވައްޒަފުންގެ މަސްއޫލިއްޔަތާއި ޒިންމާ    

ކޮންމެ މިނިސްޓަރަކުވެސް އެމިނިސްޓަރެއްގެ ދަށުގައިވާ ތަންތާނގެ ކަންތައްތަކާއި އެ ތަންތަނުން ހިންގާ ކަންތައްތައް ރަނގަޅަށް ބަލަހައްޓަންވާނެއެވެ. އަދި މިފަދައިން ސަރުކާރުގެ ކޮންމެ ތަނެއް ނުވަތަ ކަމެއް ހަވާލު ވެފައިވ މީހަކު ވެސް އެމީހަކާ ހަަވާލު ވެފައިވާާ ތަނެއް ނުވަތަ ކަމެއް ރަނގަޅަށް ބަލަހައްޓަން ވާނެއެވެ. އަދިކޮންމެ މިނިސްޓަރަކުވެސް އަދި އެނޫން ކޮންމެ ވެރިޔަކުވެސް އަދި ސަރުކާރުގެ ކޮންމެ މުވައްޒަފަކުވެސް އެމީހެއްގެ އިހުމާލުން ގެއްލުމެއް ވެއްޖެނަމަ އެކަމެއްގެ ޒިންމާ އުފުލަން ވާނެއެވެ.

 

10 ވަނަ މާއްދާ - ކުއްލި އަމުރު

ރައީސުލްޖުމްހޫރިއްޔާ، ސަރުކާރުގެ އެހެން ތަަނަކަށް ލިޔެގެން އަމުރެއް ފޮނުވުން ދަތިވާފަދަ ކުއްލިއަކަށް ޖެހޭ ކަންކަމުގައި އެ އަމުރަކާއިގެން ފޮނުވަން ވާނީ ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީއެވެ. މިހެން ފޮނުވާ އަމުރުތައް ފޮނުވާ ފަރާތާއި ލިބޭ ފަރާތުގައި ލިޔެވިފައި އޮންނަން ވާނެއެވެ.

 

11 ވަނަ މާއްދާ - ދައުލަތުގެ ތަކެތި

ދައުލަތުގެ އެއްވެސް ތަނަކުން އެތަނެއްގެ ވެރިންގެ ދަށުން ކަން ހިންގާން ތިބޭ މީހުން އެތަނެއްގެ އެއްވެސް އެއްޗެއް އެތަނެއްގެ ވެރިޔެއްގެ އަމުރާއި ނުލައި ބޭރަށް ގެންގޮސްގެން ނުވާނެއެވެ.

 

12 ވަނަ މާއްދާ - ގާނޫނު ތަކާއި ގަވާއިދުތައް

ސަރުކާރުގެ ކޮންމެ ތަނެއްގައި ލިޔެވިގެން އެ މައްޗަށް ކަންހިންގޭ ހުރިހާ ގަވާއިދެއް ނުވަތަ ގާނޫނެއް ލިޔެފައި އޮންނަން ވާނެއެވެ. އަދި އާންމުންނާބެހޭ ގަވާއިދުތައް ކޮންމެ މީހަކު ބަލަން އެދުނު ކަމުގައިވިޔަސް ފެންނާނޭހެން އެތަނެއްގައި ބަހައްޓަން ވާނެއެވެ.

 

13 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލިސް

ކޮންމެ އަހަރަކު ފެބްރުއަރީގައި ރައީސުލްޖުމްހޫރިއްޔާ ނުވަތަ އޭނާ އައްޔަން ކުރާ މީހަކު، ރައްޔިތުންގެ މަޖިލިސް ހުޅުވައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ޕްރެޒިޑެންށަލް އެޑްރެސް އެ މަޖިލީހަށް އިއްވަން ވާނެއެވެ.

 

14 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި އެމެންބަރަކު އިންތިހާބު ނުވަތަ އައްޔަން ކޮށްފައިވާ ފަރާތަކުން ވަކާލާތު ކުރުމަށް ގާނޫނުއަސާސީ ގައިވާ ގޮތުގެ މަތީން އިންތިހާބު ނުވަތަ އައްޔަން ކޮށްފައިވާ ބައެކެވެ.

 

15 ވަނަ މާއްދާ - ސިޓީސެންސަރު ކުރުން

މީހުންގެ މެދުގައި ހިނގާ ސިޓީތައް ސެންސަރު ކުރެވޭނީ އަމަން އާންމަށް ގެއްލުމެއް ވެދާނޭ ކަމަށާއި ފިތުނަ ފަސާދައިގެ ގޮތުން މީހުންގެ މެދުގައި، ނުރައްކާތެރި ކަމެއް އުފެދިދާނޭ ކަމަށާއި އަދި މިނޫންގޮތެއްގައިވެސް ދައުލަތާއި ދެކޮޅުވާކަމަށް ތުހުމަތުވާ ހިނދެއްގައެވެ. މިގޮތުގައި ސިޓީ ސެންސަރު ކުރުމުގެ އިހްތިޔާރު ލިބިގެންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ހައުސިންގ އަށާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީ އަށެވެ. މިފަދަ ސިޓީތަކުގެ ހަބަރު ހިމެނޭނީ ދައުލަތުގެ ސިއްރު ކަމުގައެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

--- ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

7 ވަނަ އިސްލާހު

8 ވަނަ އިސްލާހު

12 ވަނަ އިސްލާހު

13 ވަނަ އިސްލާހު

 

ގުޅުންހުރި ގާނޫނު

އޮފިށަލް ކަންތައްތައް (ޗެޕްޓަރ 2) (ގާނޫނު ނަންބަރު 1968-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު