-

އޮފިށަލް ކަންތައް (ޗެޕްޓަރ 2)

(ގާނޫނު ނަންބަރު 1968-02)

 

ލިޔެކިއުމާބެހޭ

1 ވަނަ މާއްދާ - ރަސްމީ ލިޔުން

 (1) ދައުލަތުގެ ރަސްމީ ލިޔުންތަކުގެ ތެރެއިން ކޮންމެހެން ބޭރު ބަހަކުން ލިޔަން ޖެހޭ ލިޔުންތައް މެނުވީ އެހެން ހުރިހާ ލިޔުން ތަކެއް ހުންނަން ވާނީ ދިވެހި ބަހުން ލިޔެވިފައެވެ.

(2) ކޮންމެ ތަނަކުން ހިންގާ ކަންތައްތައް އެތަނެއްގެ ދަފުތަރުގައި ލިޔަން ވާނެއެވެ.

(3) ދައުލަތުގެ އެންމެހައި ލިޔުންތައް ލިޔަންވާނީ ކިޔަން އެނގޭނެހެން ރީތިކޮށެވެ. މިއިން ލިޔުމެއްގައި ހިޖްރީ ތާރީހާއި މީލާދީ ތާރީހު ޖަހަން ވާނެއެވެ. މީގެ ތެރެއިން ސޮއި ކުރުން ލާޒިމު ކޮންމެ ލިޔުމެއްގައިމެ އެ ލިޔުމެއް ލިޔެފައިވާ ބަހުގެ އަކުރުން ނުވަތަ ތާނަ އަކުރުން ނުވަތަ އަރަބި އަކުރުން ސޮއި ކުރަން ވާނެއެވެ.

(4) ދައުލަތުގެ އެއްތަނުން އަނެއްތަނަށް ސިޓީ ލިޔާނޭ މިސާލު:

 


c

ދައުލަތުގެ ނިށާން

 

 

ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް

       މާލެ،

     ދިވެހިރާއްޖެ.                                                                                                                                                         ނަންބަރު:

 

      މިނިސްޓްރީ އޮފް އެގްރިކަލްޗަރ އޮނަރަބްލް އަލްފާޒިލް އަހްމަދު ހިލްމީދީދީއަށް

      ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

( ދެން ލިޔާންވީ ވާހަކައެއް ލިޔެ ސިޓީ ނިންމާލާނެ ގޮތް)

އިހްތިރާމް ގަބޫލުކުރެއްވުން އެދެމެވެ.

            11 ޖުމާދަލްއޫލާ 1402

            7 މާޗް 1982

 

                                                      ހާދިމުކުމް

                                                       (ސޮއި)

                                                 މައުމޫން އަބްދުލްގައްޔޫމް

                    ރައީސުލްޖުމްހޫރިއްޔާ

މިނިސްޓްރީ އޮފް އެގްރިކަލްޗަރ

       މާލެ،

    ދިވެހިރާއްޖެ.

 


5 ވަނަ މާއްދާ - ސޮއިކުރުމާއި އަމުރު ކުރުން

 ކޮންމެހެން ބޭނުމެއް ޖެހިއްދެ ހާލެއްގައި މެނުވީ، ދައުލަތުގެ ރަސްމީ ކޮންމެ ލިޔުމެއް ލިޔެ ސޮއި ކުރަންވާނީ އަދި ކޮންމެ އަމުރެއް ކުރަންވާނީވެސް، އެމީހެއްގެ ރަސްމީ އޮފީހެއްގައެވެ.

 

6 ވަނަ މާއްދާ - ސިޓީއާބެހޭ 

(ހ) ސަރުކާރުގެ ތަންތަނުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔާ ސިޓީތަކުގެ ތެރެއިން އެތަނެއްގެ ފަރާތުން ކަމެއް ނުވަތަ ލަަަފައަކަށް އެދި ލިޔާ ސިޓީގައި އެމީހަކަށް އެކަން ފެންނަ ގޮތެއް ނުވަތަ ލަފައެއް ލިޔަން ވާނެއެވެ.

(ށ) މިނިސްޓްރީތަކާއި ޑިޕާޓްމަންޓްތަކާ އަދި އެޓަނީޖެނެރަލްގެ އޮފީހަށް އެކިއެކި ފަރާތްފަރާތުން ލިބޭ ސިޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީއެއް ފޮނުވަން ވެއްޖެނަމަ، އެސިޓީގެ ނަކަލެއް އެފަރާތަކުން ލިޔާ ސިޓީއާއެކު ފޮނުވަން ވާނެއެެވެ.

މިގޮތުގެމަތިން ލިޔާ ސިޓީގައިވެސް މިމާއްދާގެ ހ. ގައި ބަޔާންވެގެންވާ ގޮތުގެ މަތިން އެކަމަކާމެދު ފެންނަ ގޮތެއް ނުވަތަ ލަފައެއް ލިޔަން ވާނެއެވެ.

(ނ) ދައުލަތުގެ އެއްތަނަކުން އަނެއް ތަނަކަށް ލިޔާ ސިޓީތަކުގެ ތެރެއިން އެތާނގެ ފަރާތުން ކަމަކަށް ނުވަތަ ލަފައަކަށް އެދި ލިޔާ ސިޓީގައި އެތަނަކަށް އެކަމެއް ފެންނަ ގޮތެއް ނުވަތަ އެކަމެއްގެ ލަފައެއް ލިޔަން ވާނެއެވެ.

(ރ) މިނިސްޓްރީއެއް ނުވަތަ ޑިޕާޓްމަންޓެއްގެ ދަށުގައިވާ ތަނަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީއެއް ފޮނުވަން ވެއްޖެނަމަ، ފޮނުވާނީ އެތަނެއް ގުޅިފައިވާ މިނިސްޓްރީއެއް ނުވަތަ ޑިޕާޓްމަންޓެއް މެދުވެރި ކޮށްގެންނެވެ. މީގެ ތެރޭގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ހަވާލުވެގެން ހިންގާ ތަންތަނެއް ނުހިމެނެއެވެ.

 

7 ވަނަ މާއްދާ

ދައުލަތުގެ ކަންކަމާމެދު ކުރިން ފޮނުވާފައިވާ ސިޓީއަކާބެހޭ ވާހަކައެއް ލިޔަނީވިއްޔާ ކުރިން ލިޔުނު ސިޓީގެ ހަވާލާ ފަހުގެ ސިޓީގައި ދޭންވާނެއެވެ.

 

8 ވަނަ މާއްދާ

ދައުލަތުގެ އެއްތަނަކުން އަނެއް ތަނަކަށް ފޮނުވި ސިޓީއަކަށް އެވަގުތަށް ފުރުހަމައަށް ޖަވާބު ދެވެން ނެތްނަމަ، އެކަމާމެދު ކުރަންވީ ކަމަކާ އަދި ފުރިހަމަ ޖަވާބެއް ލިޔެ ފޮނުވަން ވާނެއެވެ.

 

9 ވަނަ މާއްދާ - އެޑްރެސް ކުރުން

ދައުލަތުގެ ކަންކަމާމެދު ސަރުކާރުގެ ތަންތަނުން ލިޔާ ކޮންމެ ލިޔުމެއް ހުންނަންވާނީ އެތަނެއްގެ އެޑްރެހުގައެވެ.

 

10 ވަނަ މާއްދާ - ޕޯސްޓް ކުރުން

ދައުލަތުގެ ފޮތްފޮތާއި ރަސްމީ ލިޔުންތައް ޕޯސްޓުން ފޮނުވަން ވާނީ ރަޖިސްޓަރީ ކޮށްފައެވެ.

 

11 ވަނަ މާއްދާ - ދައުލަތުގެ ސިއްރު

ދައުލަތުގެ އަމުރަކާ ނުލައި ދައުލަތުގެ އެއްވެސް ލިޔުމެއް ނުވަތަ އޭގެ ނަކަލެއްވިޔަސް އެލިޔުމަކާ ނުބެހޭ ބޭރު މީހަކަށް ދައްކައިގެން ވުނާނެަެވެ. އަދި ދައުލަތުގެ އެއްވެސް ވާހަކައެއް އެކަމާ ނުބެހޭ ބޭރު މީހަކަށް އަންގައިގެން ނުވާނެއެވެ.

 

12 ވަނަ މާއްދާ - ނަކަލު

ދައުލަތުގެ ކޮންމެ ލިޔުމެއްގެ ނަކަލު އެލިޔުމެއް ލިޔުނު ތަނެއްގައި އޮންނަންވާނެއެވެ.

 

13 ވަނަ މާއްދާ - ރަސްމީލިޔުން ފޮނުވުން

ދައުލަތުގެ ފަރާތުން ފޮނުވޭ އެންމެހައި ރަަސްމީ ލިޔުންތަކާއި ސިޓީތައް ލިބިގަންނަ މީހާ އެތަކެތި ބަލައިގެންފައި ސޮއިކުރާނޭ ފޮތެއް ނުވަތަ ރަސީދެއް ސިޓީއާއި ނުވަތަ ލިޔުމާއެކު ފޮނުވަން ވާނެއެވެ. އެފޮތުގައި ނުވަތަ ރަސީދުގައި ސޮއިކުރަން ވާނީ އެސިޓީ ނުވަތަ ލިޔުން ލިބިގަންނަ ވެރިޔަކު ނުވަތަ އެކަމަށް ހުއްދަ ލިބިގެންވާ މީހެކެވެ.

 

14 ވަނަ މާއްދާ - އަހަރު ރިޕޯޓު

(ހ) ސަރުކާރުގެ ކޮންމެ ތަނެއްގައިމެ ހިނގި ކަންތަކުގެ އަހަރު ރިޕޯޓު ލިޔެ ކޮންމެ އަހަރެއްގެ ޖަނަވަރީގެ 5 ވަނަ ތާރީހަށް އެތަނެއް ގުޅިފައިވާ މިނިސްޓްރީއަކަށް، ނުވަތަ ޑިޕާޓްމަންޓަކަށް ފޮނުވަން ވާނެއެވެ.

(ށ) މިނިސްޓްރީތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުގައިވާ ތަންތަނުންނާ އަދި އެޓަރނީ ޖެނެރަލްގެ އޮފީހުން އަހަރުރިޕޯޓު ލިޔެ ކޮންމެ އަހަރަކު  ޖަނަވަރީހެ 10 ވަނަ ތާރީހަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވަން ވާނެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

--- ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

7 ވަނަ އިސްލާހު

8 ވަނަ އިސްލާހު

9 ވަނަ އިސްލާހު

10 ވަނަ އިސްލާހު

 

ގުޅުންހުރި ގާނޫނު

އޮފިށަލް ކަންތައް (ޗެޕްޓަރ 1) (ގާނޫނު ނަންބަރު 1/1968ޖ)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު