-

މިލްކުވެރިކަން ބަދަލުކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1968-09) 

 

1 ވަނަ މާއްދާ

ސަރުކާރު ފިޔަވައި، ށަރީއަތް މެދުވެރިކޮށްގެން ދިނުމަކުން، ހިބައަކުން، ވިއްކުމަކުން، މިލްކެއް އެހެން ފަރާތަކަށް ބަދަލު ކުރާނަމަ އެކަން ށަރީއަތަށް ހުށަހަޅަންވާނީ ތިރީގައި މިވާ ނުކުތާތަކާ އެއްގޮތަށެވެ.

(ހ) ދޭފަރާތުގެ ނުވަތަ ވިއްކާ ފަރާތުގެ މިލްކެއް ކަމުގައިވުން.

(ށ) ދޭފަރާތް ނުވަތަ ވިއްކާ ފަރާތް ށަރީއަތުގެ މަޖިލީހަށް ހާޒިރުވެ މިލްކުވެރިކަން ބަދަލު ކުރުމަށް އެދުން.

(ނ) ށ. ގައިވާގޮތަށް ހުދު އެފަރާތަށް ހާޒިރު ނުވެވޭފަދަ އުޒުރެއް މެދުވެރި ވެއްޖެނަމަ އަދްލުވެރި ދެހެކީންގެ ހާޒިރުގައި ށަރީއަތުގެ މަޖިލީހަށް އެފަރާތުގެ ބަދަލުގައި ދިއުމަށް އެހެން ފަރާތަކާ ހަވާލު ކުރުން. މިގޮތުން ހަވާލު ކުރާއިރު މިލްކުވެރިކަން ބަދަލު ކުރަން އެދޭގޮތުގެ ފުރިހަމަ ބަޔާނެއް ށަރްއީ ހަމަތަކުގެ މަތިން އެކުލެވޭ ލިޔުމެއް އެ 4 މީހުންގެ ހާޒިރުގައި (ނަމާއި އެޑްރެސް އެނގޭނޭގޮތަށް) ލިޔެ އެ 4 މީހުން ސޮއި ކުރަން ވާނެއެވެ.

(ރ) މިލްކުވެރިކަން ބަލައިގަންނަ ފަރާތްވެސް މިމާއްދާގެ ށ، ނ، ގައިވާ ގަވާއިދުގެ މަތިން އަމަލުކުރުން.

(ބ) ޅ. ގައި ނަންގަނެވިގެންވާ ހާލަތު ފިޔަވައި، ބަދަލުގައި ފޮނުވާ ފަރާތް ށަރީއަތުގެ މަޖިލީހަށް ހާޒިރުވާއިރު މިމާއްދާގެ ނ. ގައި ބުނާ 4 މީހުން ސޮއިކޮށްފައިވާ ލިޔުން ހުށަހެޅުން. އަދި އެލިޔުމުގައިވާ ދެހެކިންވެސް އެ މަޖިލީހަށް ހާޒިރުވެ އެއީ ތެދު ބަޔާނެއްކަމުގައި ހެކިދިނުން.

(ޅ) ދޭފަރާތް ނުވަތަ ވިއްކާ ފަރާތް އެކަން ބަލައިގަންނަ ފަރާތް ރާއްޖޭން ބޭރުގައިވުމުގެ ސަބަބުން ނ. އާއި ރ. ގައި ބުނާ 4 މީހުން ސޮއިކޮށްފައިވާ ލިޔުމެއް ހުށަހެޅުން ދަތިވެއްޖެނަމަ، އެފަރާތުގެ ބަދަލުގައި ށަރީއަތުގެ މަޖިލީހަށް ދިއުމަށް އެހެން ފަރާތަކާ (ފުރިހަމަ ނަމާއި އެޑްރެސް އެނގޭގޮތަށް) ހަވާލުކޮށް މިގޮތުގެ މަތީން ހަވާލުކުރިކަމާއި، އަދި މިލްކުވެރިކަން ބަދަލުކުރުމަށް ނުވަތަ ބަލައިގަންނަން އެދޭގޮތް އެނގޭނޭހެން ށަރްއީ ހަމަތަކުގެ މަތީން ލިޔެ ސޮއިކޮށްފައިވާ ލިޔުމެއް ( ނޯޓަރީ ޕަބްލިކް ނުވަތަ ދިވެހި އެމްބަސީއެއްފަދަ) ރަސްމީ ފަރާތެއްގެ ސޮޔާއެކު، ހުށަހެޅުން، އަދި އެލިޔުމުގައިވާ ގޮތުގެމަތީން އެކަންކުރުމަށް އެލިޔުން ހުށަހެޅިފަރާތުން ހަވާލުކޮށްފައިވާ ކަމާއި، އަދި އެކަން ގަބޫލުކުރާކަމަށް، ބަދަލުގައި ހާޒިރުވާ ފަރާތް ށަރީއަތުގެ މަޖިލީހުގައި އިގްރާރުވުން.

(ކ) މީސްމީހުންގެ އަމިއްލަ ބިމާއި އެބިމުގައި ހުންނަ އިމާރާތްތައް ފިޔަވައި ރަޖިސްޓަރީއެއް ކުރެވިފައިވާ އެއްޗެއް ނުވަތަ ތަނެއްގެ މިލްކުވެރިކަން ބަދަލުކުރަނީނަމަ ރަޖިސްޓަރީ ދިން ފަރާތުގެ އިއްތިރާޒް އެކަމަށް ނެތްކަމުގެ ރަސްމީ ލިޔުމެއް އޮތުން.  

 

2 ވަނަ މާއްދާ

ދިނުމަކުން، ހިބައަކުން، ވިއްކުމަކުން މިލްކެއް ބަދަލު ކުރުމަށްފަހު އެކަންކުރި ދެފަރާތުންކުރެ ފަރާތަކުން އެކަން ށަރީއަތަށް ހުށަހަޅައިގެން ސާބިތުކުރަންވެއްޖެ ނަމަ އެކަމުގެ މައްޗަށް އެދެފަރާތުން އެއްބަސްވެ ސޮއިކޮށްފައިވާ ލިޔުމެއް އެލިޔުމުގައި ސޮއިކުރިއިރު ހާޒިރުވެތިބި ހެކީންގެ ސޮޔާއެކު ށަރީއަތަށް ހުށަހަޅަންވާނެ އެވެ.

 

3 ވަނަ މާއްދާ

އެއްވަނަ އަދި ދެވަނަ މާއްދާ ގައިވާ ގޮތަށް މިލްކުވެރިކަން ބަދަލު ކުރެވޭ ށަރީއަތް ނިމޭގޮތުގެ ރިޕޯޓް ށަރީއަތް ނިމުމާ ވިދިގެން ކަމާބެހޭ ދެފަރާތަށް ލިބުން.

 

4 ވަނަ މާއްދާ

މި ގާނޫނުގައިވާ ގޮތުން މިލްކުވެރިކަން ބަދަލުވެފައިވާ އެއްޗެއް، ނުވަތަ ތަނަކާ ބެހޭ މައްސަލައެއް ށަރީއަތަށް އުފުލޭނީ އެކަން ނިމިފައިވާ ގޮތުގެ ށަރްއީ ރިޕޯޓާ އެކުގައެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

--- ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު