-

ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނު

(ގާނޫނު ނަންބަރު 1975-04)

 

1 ވަނަ މާއްދާ- ތައާރުފު

މިގާނޫނަކީ ދިވެހިރާއްޖެއަށް ގެނައުން މުޅިން މަނާތަކެއްޗާއި، އެތަކެތި ދިވެހިރާއްޖޭގައި އުފެއްދުމާއި ގެންގުޅުން މަނާކުރުމާއި، ހާއްސަ ހުއްދައެއް ލިބިގެންނޫނީ ގެނައުން މަނާތަކެއްޗާއި، އެތަކެތި ދިވެހިރާއްޖޭގައި އުފެއްދުމާއި ގެންގުޅުމާބެހޭ ގާނޫނެވެ. މިގާނޫނަށް ކިޔާނީ "ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ދައުލަތުގެ ބޭނުމަކު މެނުވީ ގެނައުން މަނާ ތަކެތި

(ހ) ތިރީގައި މިވާ ތަކެތި ދައުލަތުގެ ބޭނުމަކު މެނުވީ ދިވެހިރާއްޖެއަށް ގެނައުމަކީ މަނާ ކަމެކެވެ.

  1. ހަނގުރާމަވެރި ހަތިޔާރު
  2. ބަޑިބޭސް
  3. ގޮވާ އެއްޗެހި

(ށ) ދައުލަތުގެ ބޭނުމަކު ގެނެވޭގޮތް

މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ތަކެތި ދައުލަތުގެ ބޭނުމަކު ދިވެހިރާއްޖެއަށް ގެނެވޭނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިޔުރިޓީ އަށެވެ.

(ނ) އުފެއްދުން

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތިދިވެހިރާއްޖޭގައި އުފެއްދޭނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީ އަށެވެ.

(ރ) ގެންގުޅުން

މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ތަކެތި ދިވެހިރާއްޖޭގައި ގެންގުޅެން ވާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީން ކަނޑާއަޅާ ބަޔަކު، އެ މިނިސްޓްރީން ހަދާ ގަވާއިދެއްގެ މަތީންނެވެ.

(ބ) ފެނިއްޖެނަމަ ނުވަތަ ހޮވައިފިނަމަ އަމަލު ކުރަންވީ ގޮތް

މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އެއްޗެއް، އޮޔާދަނިކޮށް، ނުވަތަ ލަނގުވެފައި ވަނިކޮށް، ނުވަތަ އެ އެއްޗެއްގެ ވެރިފަރާތް ނުވަތަ އެ އެއްޗެއް ގެންގުޅޭ ފަރާތް ނޭނގޭފަދަ ގޮތެއްގައި ވަނިކޮށް، އެ އެއްޗެއް ގެންގުޅެނިކޮށް ނުވަތަ ބަހައްޓަފައި ވަނިކޮށް ފެނިއްޖެނަމަ، އެ ފެނުނު މީހަކު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް، ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލަސްނުކޮށް އެކަން އަންގަން ވާނެއެވެ. މިފަދަ އެއްޗެއް ހޮވައިފިނަމަ އެ އެއްޗެއް ހޮވި މީހަކު އެއްޗެއް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއާ، ނުވަތަ އެންމެ ކައިރި އަތޮޅު އޮފީހަކާ، ލަސްނުކޮށް ހަވާލު ކުރަން ވާނެއެވެ.

(ޅ) ހަތިޔާރާއެކު ދަތުރުކުރާ އުޅަނދު

މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އެއްޗަކާއެކު ދިވެހިރާއްޖެ އަށް އަންނަ، ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ އެއްވެސް އުޅަނދެއް، ނުވަތަ އެއްވެސް ބާވަތެއްގެ މިތިންދާ ބޯޓެއް ދިވެހިރާއްޖޭގެ ސަރަހައްދުގެ  ތެރެއަށް ވަންނަންވާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީން ހުއްދަ ހޯދުމަށް ފަހު އެ މިނިސްޓްރީން ކަނޑައަޅާ ގަވާއިދެއްގެ މަތިންނެވެ.

 

3 ވަނަ މާއްދާ - އިއްޒަތާ ގުޅޭގޮތުން ގެންނަ ހަތިޔާރު

ބޭރު ދައުލަތްތަކުގެ އިއްޒަތްތެރިންގެ އިއްޒަތާ ނުވަތަ ސަލާމަތާ ގުޅޭގޮތުން ކޮންމެހެން ގެންނަންޖެހޭ ހަނގުރާމަވެރި ހަތިޔާރާއި، ބޭރު ދައުލަތްތަކުގެ އަސްކަރީ އިސްމަގާމު ތަކުގައި ތިބޭ މީހުންގެ ޔުނިފޯމުގެ ބައެއް ކަމުގައި ހިމެނޭ ނުވަތަ ބޭރު ގައުމެއްގެ ގައުމީ ހެދުމެއްގެ ބައެއް ކަމުގައި ހިމެނޭ ކަނޑި، ހަންޖަރުފަދަ ތަކެތި ދިވެހިރާއްޖެއަށް ގެންއުމުގެ ހުއްދަ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީން ދިނުމަކަށް މި ގާނޫނުގެ 2 ވަނަމާއްދާ ހުރަހެއް ނާޅައެވެ.

 

4 ވަނަ މާއްދާ - ރާއްޖެއަށް ގެނައުން މުޅިން މަނާތަކެތި

ތިރީގައި މިވާތަކެތި ދިވެހިރާއްޖެއަށް ގެނައުމާއި، ދިވެހިރާއްޖޭގައި އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި، ދިނުމާއި، ފެތުރުމަކީ، މުޅިން މަނާކަމެކެވެ.

(ހ) އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ވާހަކަ ލިޔެފައި ހުންނަ ނުވަތަ އެފަދަ ކުރެހުން ހުންނަފޮތް، މަޖައްލާ، ނޫސްފަދަ ތަކެއްޗާއި، މިފަދަ ވާހަކައާއި މަންޒަރު އަޅައިފައި ހުންނަ ޓޭޕް، ޑިސްކެޓްފަދަ ތަކެއްޗާއި، އިސްލާމްޑީނަށް އިހާނެތިކޮށް ހިތޭފަދަ ތަކެތި އިލްމީ ބޭނުމަކަށް މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ހުއްދަ ލިޔުމަކުން ލިބިގެން ގެނެވޭ ތަކެތި މީގެތެރެއަކު ނުހިމެނެއެވެ.

(ށ) އަޅުކަންކުރަން ގެންގުޅޭ ބުދު

(ނ) އޮރިޔާން ކާޑު

(ރ) ދިރޭ އޫރު

 

5 ވަނަ މާއްދާ - ހާއްސަ ހުއްދައެއް ލިބިގެންނޫނީ ގެނައުން މަނާތަކެތި

(ހ) ތިރީގައި މިވާތަކެތި ދިވެހިރާއްޖެއަށް ގެންނަން ވާނީ އަދި ދިވެހިރާއްޖޭގައި ގެންގުޅެން ވާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ހާއްސަ ހުއްދައެއް ލިޔުމަކުން ލިބިގެން، އަދި އެ މިނިސްޓްރީން ކަނޑައަޅާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

  1. ކުއްތާ
  2. ނުރައްކާތެރި ޖަނާވަރު
  3. ގޮވާ އެއްޗެހި ކަމުގައި ނުހިމެނޭ ނުރައްކާތެރި ކެމިކަލާއި އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި ބާވަތް ބާވަތުގެ ވިހަ
  4. ފޮގްސިގްނަލް، ހަވާ، ފަޓާސް
  5. ހޯދައި ސަލާމަތް ކުރުމުގެ ބޭނުމުގައި ބޯޓްފަހަރުގައި ކޮންމެހެން ގެންގުޅެން ޖެހޭނެ  ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ކަނޑައަޅާ ގޮވާ އެއްޗެހި
  6. މަސްހިފާ ނުވަތަ މަސްމަރާ ބަޑި

(ށ) ތިރީގައި މިވާތަކެތި ދިވެހިރާއްޖެއަށް ގެންނަން ވާނީ އަދި ދިވެހިރާއްޖޭގައި ގެންގުޅެންވާނީ، މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރުން ކަނޑައަޅާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

  1. ބަނގުރާ
  2. އޫރުމަހާއި، އޫރުމަހުން އުފައްދާ ތަކެތި

(ނ) މި މާއްދާގެ (ހ) ގެ (1)، (2) ގައިވާ ތަކެއްޗާއި (ށ) ގައިވާ ތަކެތި ދިވެހިރާއްޖޭގައި އުފެއްދުމަކީ މަނާ ކަމެކެވެ.

(ރ) މި މާއްދާގެ (ހ) ގެ (3)، (4)، (5)، (6) ގައިވާ ތަކެތި ދިވެހިރާއްޖޭގައި އުފެއްދޭނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

 

6 ވަނަ މާއްދާ - ގުޅުންހުރި އެއްޗެއް ގެނައުން

މިގާނޫނުގައި ދިވެހިރާއްޖެއަށް ގެނައުން މަނާއެއްޗެއް ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާ އެއްޗެއް ކަމުގައި ވިޔަސް އެ އެއްޗަކީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ޒާތުގެ އެއްޗެއް ކަމަށް ކަސްޓަމްސްގެ  އެންމެ އިސްވެރިޔާއަށް ފެންނަ އެއްޗެއް ދިވެހިރާއްޖެއަށް ގެނެސްފިނަމަ އެ އެއްޗެއް ދޫނުކޮށް ހިފެހެއްޓުމާއި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެ އެއްޗަކާ ބެހޭ ފަރާތާ މަށްވަރާކޮށް އެ ފަރާތުގެ ލަފަޔާއެކު އެކަން ވަކިގޮތަކަށް ނިންމުމުގެ އިހްތިޔާރު ކަސްޓަމްސްގެ އެންމެ އިސްވެރިޔާއަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ

ދިވެހިރާއްޖޭން ގަބޫލު ކޮށްފައިވާ ބައިނަލް އަގްވާމީ މުއާހަދާއެއްގެ ދަށުން، އުޅަނދުތަކުގައި ކޮންމެހެން ބަހައްޓަން ޖެހޭ އެއްޗެހި ބަހައްޓައިގެން އެފަދަ އުޅަނދު ދިވެހިރާއްޖޭގެ ބަނދަރަކަށް އައުމަކަށް ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރު ކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

8 މަނަ މާއްދާ - ގާނޫނާ ހިލާފަށް ގެނެވޭ ތަކެތިއަތުލުން

މި ގާނޫނުގައި ބަޔާންކޮށްފައިވާ އެއްޗެއް މި ގާނޫނާ ހިލާފަށް ދިވެހިރާއްޖެއަށް ގެނެސްފިނަމަ، ނުވަތަ ދިވެހިރާއްޖޭ ގައި ގެންގުޅެނިކޮށް ފެނިއްޖެނަމަ، ބަދަލު ދިނުމަކާ ނުލައި، އެ އެއްޗެއް އަތުލެވޭނެއެވެ.

 

9 މަނަ މާއްދާ - ލިބުނުގޮތް ސާބިތުކޮށް ނުދެވިއްޖެނަމަ އެތެރެކުރި ނުވަތަ އުފެއްދި އެއްޗެއް ކަމުގައި ބެލުން

މި ގާނޫނުގައި ބަޔާން ކޮށްފައިވާ އެއްޗެއް، ދިވެހިރާއްޖޭގައި ހުރި މީހެއްގެ އަތުން ފެންނަ ހިނދު، އެ އެއްޗެއް އެ މީހަކަށް ލިބުނުގޮތް ސާބިތުކޮށް ނުދެވިއްޖެނަމަ ބެލޭނީ އެއީ އެމީހަކު ދިވެހިރާއްޖެއަށް އެތެރެކޮށްގެން ގެންގުޅޭ ނުވަތަ ދިވެހިރާއްޖޭގައި އުފައްދައިގެން ގެންގުޅޭ އެއްޗެއް ކަމުގައެވެ.

 

10 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ގެންނަ ނުވަތަ އުފައްދާ ތަކެތިން ހޯދާ ފައިސާ އާއި މުދާ އަތުލުން

މި ގާނޫނުގައި ބަޔާންކޮށްފައިވާ އެއްޗެއް، މި ގާނޫނުގައިވާ ގޮތާ ހިލާފަށް ދިވެހިރާއްޖެއަށް ގެނެސްގެން، ނުވަތަ ދިވެހިރާއްޖޭގައި އުފައްދައިގެން އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ހޯދާފައި ވާނަމަ މި ގާނޫނުގެ ދަށުން ކަނޑައެޅޭ އަދަބު ދިނުމާއެކެ، އެ މުދަލެއް ނުވަތަ ފައިސާއެއް އަތުލެވޭނެއެވެ.

 

11 ވަނަ މާއްދާ - ނައްތާލަންޖެހޭ ތަކެތި ނައްތާލުން

މި ގާނޫނުގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރެއިން، ނައްތާލަންޖެހޭ ތަކެތި ނައްތާލުމަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީން ކުރަންޖެހޭނެ ކަމެކެވެ.

 

12 ވަނަ މާއްދާ - އެހެން ގާނޫނަކުން މަނާކުރުން

މި ގާނޫނުގައި ދިވެހިރާއްޖެއަށް ގެނައުން މުޅިން މަނާކަމަށް ނުވަތަ ވަކިފަރާތެއްގެ ހާއްސަ ހުއްދައަކާއެކު މެނުވީ ގެނައުން މަނާކަމަށް ބަޔާން ކޮށްފައިވާ ތަކެތިނޫން އެހެން އެއްޗެއް ދިވެހިރާއްޖެއަށް ގެނައުން އެހެން  ގާނޫނަކުން މަނާކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

13 ވަނަ މާއްދާ - އަދަބު

(ހ) މިގާނޫނުގެ 2 ވަނަމާއްދާގެ (ހ) ގެ (1)، (2)، (3) ގައި ބަޔާން ކޮށްފައިވާ އެއްޗެއް، މި ގާނޫނާ ހިލާފަށް ދިވެހިރާއްޖެއަށް ގެނެސްފި ނުވަތަ ދިވެހިރާއްޖޭގައި އުފައްދައިފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުމެވެ.

(ށ) މި ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގެ (1)، (2)، (3) ގައި ބަޔާންކޮށްފައިވާ އެއްޗެއް މި ގާނޫނާ ހިލާފު ގޮތަކަށް އަތުގައި ބަހައްޓައި، ގެންގުޅެ، ދީ، ނުވަތަ ވިއްކައިފި މީހެއްގެ އަދަބަކީ 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.

(ނ) މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާން ކޮށްފައިވާ އެއްޗެއް ދިވެހިރާއްޖެއަށް ގެނެސްފި ނުވަތަ ދިވެހިރާއްޖޭގައި އުފައްދައިފި ނުވަތަ މިފަދަ އެއްޗެއް އަތުގައި ބަހައްޓައި، ގެންގުޅެ، ދީ، ވިއްކައިފި ނުވަތަ ފަތުރައިފި މީހެއްގެ އަދަބަކީ 3 އަހަރާއި 8 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުމެވެ.

(ރ) މި ގާނޫނުގެ 4 ވަނަމާއްދާގެ (ނ) އާއި (ރ) ގައި ބަޔާން ކޮށްފައިވާ އެއްޗެއް ދިވެހިރާއްޖެއަށް ގެނެސްފި، ނުވަތަ ދިވެހިރާއްޖޭގައި އުފައްދައިފި، ނުވަތަ މިފަދަ އެއްޗެއް އަތުގައި ބަހައްޓައި، ގެންގުޅެ، ދީ، ވިއްކައިފި ނުވަތަ ފަތުރައިފި މީހެއްގެ އަދަބަކީ 3 މަސްދުވަހާއި 3 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ނުވަތަ 1،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

(ބ) މި ގާނޫނުގެ 5 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްޗެއް މި ގާނޫނާ ހިލާފަށް ދިވެހިރާއްޖެއަށް ގެނެސްފި ނުވަތަ ދިވެހިރާއްޖޭގައި އުފައްދައިފި ނުވަތަ މިފަދަ އެއްޗެއް އަތުގައި ބަހައްޓައި، ގެންގުޅެ، ދީ، ވިއްކައި ހަދައިފި މީހެއްގެ އަދަބަކީ 6 މަހާއި 2 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުން ނުވަތަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

(ޅ) މި ގާނޫނުގެ 5 ވަނަމާއްދާގެ (ށ) ގައި ބަޔާއްކޮށްފައިވާ އެއްޗެއް ދިވެހިރާއްޖޭގައި އުފައްދައިފި ނުވަތަ މި ގާނޫނާ ހިލާފު ގޮތަކަށް ދިވެހިރާއްޖެއަށް ގެނެސް، އަތުގައި ބަހައްޓައި، ގެންގުޅެ، ދީ ނުވަތަ ވިއްކައި ހަދައިފި މީހެއްގެ އަދަބަކީ 1 އަހަރާއި 3 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ނުވަތަ 1،000 ރުފިޔާއާއި 5،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

 

14 ވަނަ މާއްދާ – މާނަ

މިގާނޫނުގައި:

(ހ) ހަނގުރާމަވެރި ހަތިޔާރުގެ މާނައިގައި ތިރީގައި މިވާ ތަކެތި ހިމެނޭނެއެވެ.

  1. ވަޒަނެއް ނުވަތަ މިސައިލެއް ފޮނުވާލެވޭފަދަ ހުރިހާ ބާވަތެއްގެ ހަތިޔާރު
  2. ވަޒަން، ބަޑީގެ ކާޓްރިޖް
  3. މި މާއްދާގެ (ހ) ގެ (1)، (2) ގައިވާފަދަ ހަތިޔާރެއް ބޭނުން ކުރުމުން ނުކުންނަ އަޑު ނުވަތަ އަލި މަޑު ކުރުމަށް ނުވަތަ އެ ހަތިޔާރެއް އަމާޒުކުރުން ފަސޭހަ ކުރުމަށް ހަދާފައިވާ ހަތިޔާރުގެ ބައިތައް.
  4. އެއްވެސް ވިހައެއް ފޮނުވުމަށް ހަދާފައިވާ ހަތިޔާރު
  5. ކަނޑި، ލޮންސި، ތީރު، ދުނިދަނޑި
  6. މި މާއްދާގައި ބަޔާން ކޮށްފައިވާ ހަތިޔާރެއްގެ ބައެއް ނުވަތަ އެފަދަ ހަތިޔާރެއް އުފުލަން ހަދާފައިވާ އުޅަނދު ނުވަތަ އެއްޗެހި

(ށ) ގޮވާ އެއްޗެހީގެ މާނައިގައި ތިރީގައި މިވާ ތަކެތި ހިމެނޭނެއެވެ.

  1. ނައިޓްރޯގްލިސަރިން، ޑައިނަމައިޓްފަދަ ތަކެތި
  2. ރޮކެޓް، ބަޑީގެ ކާޓްރިޖް އަދި ހުރިހާ ބާވަތެއްގެ ބޮމާއި، ވަޒަނާއި އަދި މިފަދަ އެއްޗެހި ގޮއްވާލުމަށް ބޭނުންކުރާ ފިއުޒުފަދަ ތަކެތި 
  3. އެއްޗެއްގައި ހިމެނިފައިވާ މާއްދާއެއްގެ ސަބަބުން އެ އެއްޗަކީ ގޮވާ އެއްޗެއް ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީން ކަނޑައަޅާ ތަކެތި 

(ނ) އޮރިޔާންކާޑުގެ މާނައިގައި ޖިންސީ ގުނަވަންތައް ދައްކައިދޭ މަންޒަރު ހުރި ފޮޓޯއާއި ފިލްމާއި ޖިންސީގުޅުން ސިފަކޮށްދޭ އަޑާއި، ވާހަކައާއި، ޖިންސީގުޅުން ހިންގާ މަންޒަރު ދައްކައިދޭ ފިލްމާއި، ފޮޓޯއާއި މިފަދަ މަންޒަރާއި، އަޑާއި، ވާހަކަ އަޅާފައިވާ ހުންނަ ޑިސްކެޓް، ޓޭޕް ފަދަ ތަކެއްޗާއި ޖިންސީ ގުޅުން ހިންގުމަށްޓަކައި ޖިންސީ ގުނަވަން ސިފަކޮށްދޭ ގޮތަށް ހަދާފައިވާ ތަކެތި ހިމެނޭނެއެވެ. މީގެ ތެރެއަކު މިނިސްޓްރީ އޮފް އެޑިއުކޭށަނުން ހުއްދަކުރާ އިލްމީ ފޮތްފޮތާއި، ކިޔަވައި ދިނުމަށް ބޭނުންކުރާ ފޮތްފޮތާއި ތަކެއްޗެއް ނުހިމެނޭނެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

--- ވަނަ އިސްލާހު (ނޯޓް: މިއީ މި ގާނޫނަށް ގެނެވުނު ކިތައްވަނަ އިސްލާހު ކަން އެނގެން ނެތް)

8 ވަނަ އިސްލާހު

11 ވަނަ އިސްލާހު

15 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ފޮގް ސިގްނަލް، ހަވާ، ފަޓާސް ފަދަ ތަކެއްޗާއި، ހޯދައި ސަލާމަތްކުރުމުގެ ބޭނުމުގައި ބޯޓުފަހަރުގައި ކޮންމެހެން ގެންގުޅެންޖެހޭ ގޮވާ ތަކެތި ދިވެހިރާއްޖެއަށް ގެނައުމާއި ގެންގުޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 109/2020)
  2. ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 1057/2019)
  3. ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 32/2018)
  4. ފޮގް ސިގްނަލް، ހަވާ، ފަޓާސް ފަދަ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ގެންގުޅުމާއި އަދި ބޭނުންކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 42/2012)
  5. ބަނގުރަލާއި އޫރުމަހުގެ ގަވާއިދު (ގަވާއިދު ނަންބަރު 49/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު