-

ސަރުކާރަށް ނުވަތަ ސަރުކާރުބެހޭ ފަރާތަކަށް ދަރަނީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދައްކަންޖެހޭ ފައިސާ އަތުލުމާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 27-1976)

 

ށަރީއަތުން ހުކުމެއް ކަނޑައެޅިގެން ނުވަތަ އެހެންވެސް ގޮތަކުން، ސަރުކާރަށް ނުވަތަ ސަރުކާރާ ބެހޭ ފަރާތަކަށް ދަރަނީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދައްކަން ޖެހިފައިވާ ފައިސާއެއް، ކަނޑައެޅިފައިވާ އަދަދަށް، ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކައިފިނަމަ އެމީހަކާމެދު ތިރީގައި އެވާ ތިންގޮތުންކުރެ ގޮތަކަށް އަމަލު ކުރެވޭނެއެވެ.

 

1 ވަނަ މާއްދާ

ދައްކަންޖެހިފައިވާ ފައިސާއެއް، ކަނޑައެޅިފައިވާ އަދަދަށް، ކަނޑައެޅިފައި ވާމުއްދަތުގައި ނުދައްކައިފިނަމަ އެފައިސާއެއް ދައްކަންދެން އެމީހަކު ގޭގައި ބަންދުކުރުން.

 

2 ވަނަ މާއްދާ

ދައްކަންޖެހިފައިވާ ފައިސާއެއް، ކަނޑައެޅިފައިވާ އަދަދަށް، ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކައިފިނަމަ 1 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެމީހަކު ގޭގައި ބަންދުކުރުން، މިގޮތުން ބަންދުގައި ހުންނަތާ 1 އަހަރުދުވަސް ހަމަވާއިރު ފައިސާ ނުދައްކައިފިނަމަ އެމީހަކު ސަރުކާރަށް ނުވަތަ ސަރުކާރުބެހޭ ފަރާތަކަށް ދައްކަންޖެހިފައިވާ ފައިސާއެއްގެ މައްސަލަ ށަރީއަތައް ހުށަހަޅައިގެން އެމީހަކު އިފްލާސްކޮށް މައްސަލަ ނިންމުން.

 

3 ވަނަ މާއްދާ

ދައްކަންޖެހިފައިވާ ފައިސާއެއް ކަނޑައެޅިފައިވާ އަދަދަށް، ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކައިފިނަމަ އެމީހަކު ސަރުކާރަށް ނުވަތަ ސަރުކާރު ބެހޭ ފަރާތަކަށް ދައްކަން ޖެހިފައިވާ ފައިސާގެ މައްސަލަ ށަރީއަތަށް ހުށަހަޅައިގެން އެމީހަކު އިފްލާސްކޮށް، މައްސަލަ ނިންމުން.

 

މިތިން ގޮތުންކުރެ ގޮތެއް ހިޔާރު ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

މިގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު