-

ސަރުކާރުގެ މަދުރަސާތަކުގައި ކިޔަވާ ކުދިންނާއި ސަރުކާރުން އެހީވެދޭ އަމިއްލަ މަދުރަސާތަކުގައި ކިޔަވާ ކުދިންނާއި ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ހިދުމަތް ކުރުމާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1976-29)

 

1 ވަނަ މާއްދާ

ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިން، ސަރުކާރަށް ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވި ރޮނގަކުން، މިގާނޫނުގައިވާ ގޮތުގެ މަތިން ސަރުކާރަށް ހިދުމަތް ކުރަން ވާނެއެވެ.

 

2 ވަނަ މާއްދާ

ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންގެ ތެރެއިން:

(ހ)  ޖީ.ސީ.އީ. އޯޑިނަރީ ލެވެލް ނުވަތަ އެއާ އެއްވަރުގެ މުގައްރަރެއް ނިންމާފައި ވަކިވާ ކުދިން 3 އަހަރު ދުވަހުގެ މުއްދަތަށް.

(ށ)  ޖީ.ސީ.އީ. އެޑްވާންސް ލެވެލް ނުވަތަ އެއާ އެއްވަރުގެ މުގައްރަރެއް ނިންމާފައި ވަކިވާ ކުދިން 4 އަހަރު ދުވަހުގެ މުއްދަތަށް.

 

3 ވަނަ މާއްދާ

ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންގެ ތެރެއިން:

(ހ) ޖީ.ސީ.އީ. އޯޑިނަރީ ލެވެލް ނުވަތަ އެއާ އެއްވަރުގެ މުގައްރަރެއް ނިންމާފައި ވަކިވާ ކުދިން 2 އަހަރު ދުވަހުގެ މުއްދަތަށް.

(ށ) ޖީ.ސީ.އީ. އެޑްވާންސް ލެވެލް ކްލާހުގައި ނުވަތަ އެއާ އެއްވަރުގެ މުގައްރަރަކަށް ކިޔަވައިދޭ ކްލާހެއްގައި ބައިވެރިވާ ކުދިން 3 އަހަރު ދުވަހުގެ މުއްދަތަށް.

 

4 ވަނަ މާއްދާ

ސަރުކާރުހެ އެހީ ނުލިބޭ އަމިއްލަ މަދަރުސާއަކުން ކިޔަވާފައިވާ ކުއްޖަކު ސަރުކާރުގެ މަދަރުސާއެއްގެ ޖީ.ސީ.އީ. އެޑްވާންސްޑް ލެވެލަށް، ނުވަތަ އެއާ އެއްވަރުގެ މުގައްރަރަކަށް ކިޔަަވައިދޭ ކްލާހެއްގައި ބައިވެރި ވެއްޖެނަމަ ސަރުކާރަށް ބޭނުންވެއްޖެ ހިނދެއްގައި، ބޭނުންވި ރޮނގަކުން 2 އަހަރު ދުވަހުގެ މުއްދަތަށް ސަރުކާރަށް ހިދުމަތް ކުރަން ވާނެއެވެ.

 

5 ވަނަ މާއްދާ

މިގާނޫނުގެ 2 ވަނަ މާއްދާއާއި 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ސަރުކާރަށް ހިދުމަތް ކުރަންޖެހޭ ކުއްޖަކު މަދަރުސާއިން ވަކިވުމަށްފަހު 1 އަހަރު ދުވަހުގެ ތެރޭގައި އެކުއްޖަކު، ސަރުކާރަށް ބޭނުންވެގެން ނާންގައިފިނަމަ އޭގެ ފަހުން އެކުއްޖަކު މިގާނޫނުގެ ދަށުން ސަރުކާރަށް ހިދުމަތް ކުރާކަށް ނުޖެހޭނެއެވެ.

 

6 ވަނަ މާއްދާ

ރާއްޖޭގައި ސަރުކާރުން ހިންގާ ކޯސްތަކުގައި ބައިވެރިވާ މީހުން، އެމީހަކަށް ކިޔަވައިދެވުނު މައްދަތަކާ ގުޅޭގޮތުން ތިރީގައި ބަޔާން ވެގެންވާ ގޮތުގެމަތިން ސަރުކާރަށް ހިދުމަތް ކުރަންވާނެއެވެ.

(ހ) ކޯހުގެ މުއްދަތަކީ 30 ދުވަސް ނުވަތަ 30 ދުވަހާއި 6 މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 1 އަހަރު ދުވަހުގެ މުއްދަތަށް.

(ށ) ކޯހުގެ މުއްދަތަކީ 12 މަސްދުވަސް ނުވަތަ 6 މަހާއި 1 އަހަރާާ ދެމެދުގެ މުއްދަތެއްނަމަ، 2 އަހަރު ދުވަހުގެ މުއްދަތަށް.

(ނ) ކޯހުގެ މުއްދަތަކީ 18 މަސްދުވަސް ނުވަތަ 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތެއްނަމަ، 3 އަހަރު ދުވަހުގެ މުއްދަތަށް.

(ރ) ކޯހުގެ މުއްދަތަކީ 18 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްނަމަ، 4 އަހަރު ދުވަހުގެ މުއްދަތަށް.

 

7 ވަނަ މާއްދާ

ރާއްޖޭން ބޭރުގައި ތަމްރީނުދެވޭ ކޯސްތަކުގައި ސަރުކާރުން ބައިވެރިކުރާ މީހުންނާއި، ރާއްޖޭން ބޭރަށް ފޮނުވައިގެން ކިޔަވައިދޭ މީހުން، އެމީހަކަށް ކިޔަވައިދެވުނު، ނުވަތަ ތަމްރީނުދެވުނު މުއްދަތަކާ ގުޅޭގޮތުން ތިރީގައި ބަޔާންވެގެންވާ ގޮތުގެމަތިން ސަރުކާރަށް ހިދުމަތްކުރަންވާނެއެވެ.

(ހ) ކޯހުގެ މުއްދަތަކީ 3 މަސްދުވަސް ނުވަތަ އެއަށްވުރެ ކުރުމުއްދަތެއްނަމަ، 1 އަހަރު ދުވަހުގެ މުއްދަތަށް.

(ށ) ކޯހުގެ މުއްދަތަކީ 6 މަސްދުވަސް ނުވަތަ 3 މަހާއި 6 މަހާ ދެމެދުގެ މުއްދަތެއްނަމަ، 2 އަހަރު ދުވަހުގެ މުއްދަތަށް.

(ނ) ކޯހުގެ މުއްދަތަކީ 1 އަހަރުދުވަސް ނުވަތަ 6 މަހާއި 1 އަހަރާާ ދެމެދުގެ މުއްދަތެއްނަމަ، 3 އަހަރު ދުވަހުގެ މުއްދަތަށް.

(ރ) ކޯހުގެ މުއްދަތަކީ 2 އަހަރުދުވަސް ނުވަތަ 1 އަހަރާއި 2 އަހަރާާ ދެމެދުގެ މުއްދަތެއްނަމަ، 4 އަހަރު ދުވަހުގެ މުއްދަތަށް.

(ބ) ކޯހުގެ މުއްދަތަކީ 4 އަހަރުދުވަސް ނުވަތަ 2 އަހަރާއި 4 އަހަރާާ ދެމެދުގެ މުއްދަތެއްނަމަ، 5 އަހަރު ދުވަހުގެ މުއްދަތަށް.

(ޅ) ކޯހުގެ މުއްދަތަކީ 4 އަހަރަށްވުރެ ދިގުމުުއްދަތެއްނަމަ، 7 އަހަރު ދުވަހުގެ މުއްދަތަށް.

 

8 ވަނަ މާއްދާ

ކޯހުގެ ޖުމްލަ ހަރަދު، ނުވަތަ ހަރަދުން ބައެއް އަނބުރާ ސަރުކާރަށް ދައްކާގޮތަށް ކޯހުގައި ބައިވެރިވާ މީހުން، ކޯސް ފުރިހަމަކުރުމަށްފަހު ސަރުކާރަށް ހިދުމަތްކުރަން ޖެހޭނީ މިގާނޫނުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ކަނޑައެޅާފައިވާ މުއްދަތުތަކަށް ރިއާޔަތްކޮށް، ކޯހުގެ އަގު އަނބުރާ ދައްކަންޖެހޭ މުއްދަތާއި، އަގުގެތެރެއިން އަނބުރާ ދައްކަންޖެހޭ މިންވަރެއްގެ ނިސްބަތުން ސަރުކާރުން ކަނޑައަޅާ މުއްދަތަކަށެވެ.

 

9 ވަނަ މާއްދާ

ސަރުކާރަށް ހިދުމަތްކުރަންޖެހިފައިވާ މުއްދަތު ހަމަނުވެ އޮއްވާ ކޯހެއްގައި ބައިވެރިވެގެން ނުވަތަ އެނޫންވެސް ގޮތަކުން ސަރުކާރަށް ހިދްމަތް ކުރަންޖެހޭ މުއްދަތަށް ބަދަލެއް އަންނަގޮތް ދިމާވެއްޖެނަމަ ކުރިން ހިދުމަތް ކުރަންޖެހިފައިވާ މުއްދަތުން ބާކީއޮތް ދުވަހަށް ބަލައި، މިދެބައިގެ ތެރެއިން ބޮޑުބަޔަކަށް ސަރުކާރަށް ހިދްމަތްކުރަންވާނެއެވެ.

 

10 ވަނަ މާއްދާ

މިގާނޫނުގައިވާ ގޮތުގެމަތިން ސަރުކާރަށް ހިދުމަތް ކުރަންޖެހޭ މީހުން، އެމީހަކު ހިދްމަތް ކުރަންޖެހޭ މުއްދަތަށް ހިދްމަތް ނުކޮށް، ނުވަތަ ފަރުވާކުޑަކޮށް ނުވަތަ މިނޫންވެސް މިބާވަތުގެ އެކަށީގެންނުވާ އަމަލު ހިންގާނަމަ، އެމީހަކު ސަރުކާރަށް ހިދުމަތް ކުރަން ޖެހިފައިވާ މުއްދަތުން ބާކީ އޮންނަ ދުވަހަށް ގޭގައި ނުވަތަ ރަށުން ބޭރުގައި ބަންދުކޮށްފައި ބެހެއްޓުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ

މިގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުމުގެ އިހްތިޔާރު، ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކަށް ލިބިގެން ވެއެވެ.

މިގާނޫނުގައި:

(ހ) "މަދަރުސާ" ކަމަށް ބުނެފައި އެވަނީ، މަދަރުސާ، ސްކޫލް، ތައުލީމީ މަރްކަޒް، މައްހަދު، ޓްރެއިނިންގ ނުވަތަ އެޑިޔުކޭށަން ސެންޓަރ، އަދި މިނޫންވެސް ގަވާއިދުން ކިޔަވައިދޭ ހުރިހާ ތަނެއް ހިމެނޭ ގޮތަށެވެ.

(ށ) "ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މަދަރުސާތައް ފިޔަވައި މަދަރުސާ ހިންގާނެ އިމާރާތެއް އަޅައިދިނުން، މަދަރުސާ ހިންގުމަށް ކުއްޔަކާނުލައި އިމާރާތެއް ނުވަތަ ބިމެއް ދޫކުރުން، ސަރުކާރުން މުސާރަދޭ މުދައްރިސުން އެތަންތަނަށް ދޫކުރުން، މަދަރުސާ ހިންގުމަށް ދާއިމީ ގޮތެއްގައި ފައިސާގެ އެހީދިނުން، މިފަދަ ގޮތަކުން ސަރުކާރުން އެހީވެދޭ ހުރިހާ މަދަރުސާތަކެއް ހިމެނޭ ގޮތަށެވެ.

(ނ) މިވެނި ގްރޭޑެއްގައި "ބައިވެރިވުން" ކަމަށް ބުނެފައި އެވަނީ، އެގްރޭޑެއްގައި ގަވާއިދުން ރަޖިސްޓްރީވެ، ކިޔަވަން ދިއުމަށެވެ. އަދި "އެޑްވާންސްޑް ލެވެލް ކްލާހުގައި ބައިވެރިވުން" ކަމަށް ބުނެފައި އެވަނީ، އެޑްވާންސްޑް ލެވެލްގެ 1 ވަނަ ގްރޭޑްގައި ނުވަތަ 2 ވަނަ ގްރޭޑްގައި ގަވާއިދުން ރަޖިސްޓްރީވެ ކިޔަވަން ދިއުމަށެވެ.

   

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު