-

އިންޓަރނޭށަނަލް މަނިޓަރީ ފަންޑާއި އިންޓަރނޭށަނަލް ބޭންކް އޮފް ރީކޮންސްޓްރަކްށަން އެންޑް ޑިވެލޮޕްމަންޓާއި އިންޓަރނޭށަނަލް ޑިވެލޮޕްމަންޓް އެސޯސިއޭށަންގެ މެންބަރަކަށް ދިވެހިރާއްޖެ ހެދުމުގެ ގާނޫނު

(ގާނޫނު ނަންބަރު 16-1977)  

ދިބާޖާ 

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ނިއުހޭމްޕްށެޔަރ ގެ ބްރެޓަން ވުޑްސްގައި މީލާދީން ނަވާރަސަތޭކަ ސާޅީސް ހަތަރު ވަނަ އަހަރު ބޭއްވުނު ޔުނައިޓެޑް ނޭށަންސް މަނިޓަރީ އެންޑް ފިނޭންށަލް ކޮންފަރެންސުގައި އުފެދުނު އެގްރީމެންޓުގެ މާއްދާތަކުގައިވާ ގޮތުގެމަތިން އިންޓަރނޭށަނަލް މަނިޓަރީ ފަންޑާއި އިންޓަރނޭށަނަލް ބޭންކް ފޯރ ރީކޮންސްޓްރަކްށަން އެންޑް ޑިިވެލޮޕްމެންޓް ނަމަކަށް ކިޔާ ބައިނަލްއަގްވާމީ ދެ ޖަމާއަތް އުފެދިފައިވާހިނދު، އަދި ނަވާރަސަތޭކަ ފަސްދޮޅަސް ވަނަ އަހަރު މަތީގައި އެވާ އިންޓަރނޭށަނަލް ބޭންކް ފޮރ ރީކޮންސްޓަކްށަން އެންޑް ޑިވެލޮޕްމަންޓްގެ މާއްދާތަކާއި ގުޅިގެން އިންޓަރނޭށަނަލް ޑިވެލޮޕްމަންޓް އެސޯސިއޭށަން ނަމަކަށް ކިޔާ ބައިނަލްއަގްވާމީ ޖަމާއަތް އުފެދިފައިވާހިނދު، 

އަދި 1986 ވަނަ އަހަރު އިންޓަރނެށަނަލް މަނިޓަރީ ފަންޑުގެ އަސާސީ މާއްދާތަކުގެ ފުރަތަމަ އިސްލާހު ގެނެވިފައިވާ ގޮތާ ގުޅިގެން އިންޓަރނެށަނަލް މަނިޓަރީ ފަންޑުގެ ސްޕެށަލް ޑްރޮއިން އެކައުންޓުން ހާއްސަ ގޮތުން ފައިސާ ނެގުމުގެ ހައްްްގުތަކުގެ މައްޗަށް ބިނާކޮށް އައު މަގެއް ތަނަވަސްކޮށް ގާއިމް ކޮށްފައިވާހިނދު،

އިންޓަރނެށަނަލް މަނިޓަރީ ފަންޑުގެ ބޯޑު އޮފް ގަވަރނަރުން 1976 ވަނަ އަހަރުގެ އޭޕްރިލް 30 ވަނަ ދުވަހު އެޑަޕްޓްކުރި ރިޒޮލިޔުށަން ނަންބަރު 31-4 އާ ގުޅިގެން އިންޓަރނެށަނަލް މަނިޓަރީ ފަންޑުގެ އެގްރީމެންޓްގެ މާއްދާތަކަށް އެތަކެއް ބަދަލުތައް އެޕްރޫވް ކުރެވިފައިވާ ހިނދު،

އަދި ބުނެވިދިޔަ އެގްރީމަންޓްގެ އެކިއެކި މާއްދާއާ ގުޅިގެން މަތީގައި ނަންގަނެވިގެން އެވާ ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ތެރެއިން ކޮންމެ ޖަމާއަތެއްގެ މެންބަރަކަށް ރާއްޖެވުމުގެ ގަވާއިދުތަކާއި ށަރުތުތައް ލިޔެ ތައްޔާރު ކުރާނޭ ކަމަށް ވުމާއެކު،

އަދި އެފަދަ ކޮންމެ ޖަމާއަތަކާބެހޭ އެގްރީމަންޓުގެ މާއްދާތަކުގެ މަތީން ދިވެހިރާއްޖޭގެ ނަމުގައި އެމާއްދާތަކުގައި ސޮއިކޮށް އެމާއްދާތަައް ގަބޫލުކުރުމަށް ހަމަޖެހިފައިވާ ހިނދު،

 އަދި މަތީގައި ނަންގަނެވިގެން އެވާ ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ މެންބަރަކަށް ދިވެހިރާއްޖެވުން އެއީ ބޭނުން ކަމަކަށް ވެފައިވާހިނދު،

 

އެންކްޓްމަންޓް

ރައްޔިތުންގެ މަޖިލިސް އިނާޔަތްކޮށްދޭ ބާރުގެ ދަށުން ދިވެހިރާއްޖޭގ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ތިރީގައި މިވާ ފަދައިން ގާނޫނު ހެދުން

 

1 ވަނަ މާއްދާ - މިގާނޫނަންނަށް ކިޔޭނަން

މިގާނޫނަށް ކުރުކޮށް ކިޔާނީ އިންޓަރނޭށަނަލް ފިނޭންށަލް އޯގަނައިޒޭށަންތަކާބެހޭ ގާނޫނު ނަންބަރު 77/16، 1977 އެވެ.

 

2 ވަނަ މާއްދާ – ތަރުޖަމާ

"އެސޯސިއޭށަން" ގެ މާނައަކީ އިންޓަރނޭށަނަލް ޑިވެލޮޕްމަންޓް އެސޯސިއޭށަނެވެ.

"އެސޯސިއޭށަން އެގްރީމަންޓް" ގެ މާނައަކީ އެސޯސިއޭށަން އުފެއްދުމާއި ހިންގުމުގެ އެގްރީމަންޓުގެ މާއެްދާތަކެވެ.

"ބޭންކް" ގެ މާނައަކީ އިންޓަރ ނެށެނަލް ބޭންކް ފޮރ ރީކޮންސްޓްރަކްށަންސް އެންޑް ޑިވެލޮޕްމަންޓެވެ.

"ބޭންކް އެގްރީމަންޓް" ގެ މާނައަކީ ބޭންކް އުފެއްދުމާއި ހިންގުމުގެ އިސްލާހު ކުރެވިފައިވާ މާއްދާތަކެވެ.

"ފަންޑު" ގެ މާނައަކީ އިންޓަރނޭށަނަލް މަނިޓަރީ ފަންޑެވެ.

"ފަންޑު އެގްރީމަންޓް" ގެ މާނައަކ ފަންޑު އެފެއްދުމާއި ހިންގުމުގެ އިސްލާހް ކުރެވިފައިވާ އެގްރީމަންޓުގެ މާއްދާތަކެވެ. މީގެތެރޭގައި ސްޕެށަލް ޑްރޮއިންގ އެކައުންޓްވެސް ހިމެނެއެވެ.

"މެމްބަރށިޕް ރިޒޮލިއުށަން" ގެ މާނައަކީ އެފަހަރަކަށް ހަމަޖެހުގެންދާ ގޮތަކުން، ފަންޑު ނުވަތަ ބޭންކް ނުވަތަ އެސޯސިއޭށަންގެ ބޯޑް އޮފް ގަވަރނަރުނެގެ ފަރާތުން އެފަހަރަކާ ގުޅޭ އޯގަނައިޒޭށަންގައި ދިވެހިރާއްޖެ ބައިވެރިކުރުމަށް (މިގާނޫނުގެ އެއްވަނަ ދެވަނަ ތިންވަނަ ށެޑިއުލްގައި ބަޔާން ކުރެވިފައިވާ ފަދައިން) ކަނޑައަޅާ ގަވާއިދުތަކާއި ށަރުތުތަކާ ބެހިގެން ފާސްކުރާ ފާސްކުރުމެވެ.

 

3 ވަނަ މާއްދާ - އެގްރީމަންޓްތަކުގައި ސޮއިކުރުމާއި އެގްރީމަންޓުތައް ގަބޫލުކުރުމުގެ ހުއްދަ ދިނުން

އަންނަނިވި އެގްރީމަންޓުތަކުގެ ތެރެއިން އެގްރީމަންޓެއްހައި ނުވަތަ ހުރިހާ އެގްރީމަންޓުގައި ދިވެހި ސަރުކާރުގެ ނަމުގައި ސޮއިކުރުމުގެ ބާރާއި އެގްރީމަންޓުތަކާއި އޭގައި ބަޔާންވެގެންވާ ދިވެހިރާއްޖެ މެންބަރެއްގެ ގޮތުގައި  ބައިވެރިވުމުގެ ގަވާއިދުތަކާއި ށަރުތުތައް ގަބޫލުކުރުމުގެ ރަސްމީ ލިޔުންތައް ފޮނުވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ

ލިޔުމަކުން، އެ ލިޔުމުގައި ނަންގަނެވިގެންވާ މީހަކަށް، ދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް މިގާނޫނުން ލިބިގެންވެއެވެ. އެގްރީމަންޓުތަކަކީ ފަންޑު އެގްރީމަންޓުތަކާއި ބޭންކް އެގްރީމަންޓާއި އެސޯސިއޭށަން އެގްރީމަންޓެވެ.ފަންޑު އެގްރީމަންޓާއި ބޭންކް އެގްރީމަންޓް ގަބޫލުކުރާ ކަމުގެ ރަސްމީ ލިޔުން ފޮނުވާނީ ބޭންކަށެވެ. ދިވެހިރާއްޖެ މެންބަރަކަށް ވުމާ ގުޅޭގޮތުން މެމްބަރށިޕް ރިޒޮލިޔުށަން ތަކުގައިވާ ފަދައިން މިއެގްރީމަންޓް ގަބޫލު ކުރިކަމުގެ ލިޔުމާއި އެގްރީމަންޓުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ހާލަތްތައް އަދި ސްޕެށަލް ޑްރޮވިންގ އެކައުންޓްގައި ބައިވެރިވާ ކަމުގެ ރަސްމީ ލިޔުން ފޮނުވާނީ، ފަންޑަށެވެ.

 

4 ވަނަ މާއްދާ - ފައިސާއާބެހޭ ގަވާއިދުތައް

1- ތިރީގައި މިވާ ކަންތައްތަކަށް ބޭނުންވާ ހުރިހާ ފައިސާއެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ހިންގަން ހުންނަ ވެރިޔެއްގެ ލިޔުމަކުން ހުއްދަ ކުރުމުން، އެ މިނިސްޓްރީގެ މާލިއްޔާއިން ހަރަދުކުރެވޭނެއެވެ،

   (ހ)  މެންބަރށިޕް ރިޒޮލިޔުށަނާއި ފަންޑު އެގްރީމަންޓުގެ ގަވާއިދުތަކުގެ ދަށުން ފަންޑަށް ދެމުންގެންދަންޖެހޭ ހުރިހާ ފައިސާއެއް، މީގެ ތެރޭގައި ސްޕެށަލް ޑްރޮވިންގ އެކައުންޓާބެހޭ ގަވާއިދުތައްވެސް ހިމެނެއެެވެ.

   (ށ)  މެންބަރށިޕް ރިޒޮލިޔުށަނާއި ބޭންކް އެގްރީމަންޓުގެ ގަވާއިދުތަކުގެ ދަށުން ބޭންކަށްް ދެމުންގެންދަންޖެހޭ ހުރިހާ ފައިސާއެއް،

   (ނ)  މެންބަރށިޕް ރިޒޮލިޔުށަނާއި އެސޯސިއޭށަން އެގްރީމަންޓުގެ ދަށުން އެސޯސިއޭށަނަށްް ދެމުންގެންދަންޖެހޭ ހުރިހާ ފައިސާއެެއް،

 

2- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ހިންގަން ހުންނަ ވެރިޔަކަށް ފެނިއްޖެ ހިނދެއްގައި، އިންޓަރެސްޓް ނެތި އަދި ވިއްކުން ހުއްދަ ނުކުރާ ނޯޓިސް ނުވަތަ ގާނޫނީ ބާރެއް ލިބިގެންވާ އެފަދަ އެހެން އިލްތިޒާމް އުފެއްދުމާއި، ފަންޑަށް، ބޭންކަށް ނުވަތަ އެސޯސިއޭށަނަށް، ފަންޑު އެގްރީމަންޓުގެ އާޓިކަލް III ގެ ސެކްށަން 5 އާއި ބޭންކް އެގްރީމަންޓުގެ އާޓިކަލް V  ގެ ސެކްށަން 12 އާއި އެސޯސިއޭށަން އެގްރީމަންޓުގެ އާޓިކަލް II ގެ ސެކްށަން 2 ގެ ޕެރެގްރާފް (އީ) ގައިވާ ގޮތުން ފަންޑަށް، ބޭންކަށް، ނުވަތަ އެސޯސިއޭށަނަށް ހުށަހެޅަމުން ގެންދިއުމުގެ ބާރު އޭނާއަށް ލިބިގެންވެއެވެ. (މިނަންގަނެވުނު ސެކްށަންތަކަކީ ފަންޑުގެ ފަރާތުން، ބޭންކްގެ ފަރާތުން، ނުވަތަ އެސޯސިއޭށަންގެ ފަރާތުން، ފައިސާގެ ބަދަލުގައި ނޯޓާއި އެފަދަ ގާނޫނީ ބާރު ލިބިގެންވާ އެހެނިހެން އިލްތިޒާމް ގަބޫލު ކުރުމާބެހޭ ސެކްށަންތަކެވެ.) އަދި އެގޮތަށް އުފައްދާ އަދި ހުށަހަޅާ ނޯޓް އެފަދަ ގާނޫނީ ބާރު އެހެނިހެން އިލްޒާމްގެ ސަބަބުން ދޭންޖެހޭ މިންވަރު އެއީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްްރެޒަރީގެ މާލިއްޔާއިން ހިނގާނޭ ހަރަދެކެވެ.

 

3- ފަންޑުން ދިވެހި ސަރުކާރަށް ލިބޭ ކޮންމެ ފައިސާއަކާ އިސްޕެށަލް ޑްރޮއިންގ އެކްއުޓުން ލިބޭ ކޮންމެ ފައިސާއެއް ބޭންކްގެ ކެޕިޓަލް ސްޓޮކަށް ދެވޭ ޗަންދާގެ މައްޗަށް ބިނާކޮށް ނުވަތަ އެތަނުން ތަނަވަސް ކޮށްދޭ އާމްދަނީ ހޯދުމުގެ އިތުރު މަގުތަކުގެ ސަބަބުން އެސޯސިއޭށަނުން ދިވެހިރާއްޖެއަށް ލިބޭ ކޮންމެ ފައިސާއެއް ދައްކަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މާލިއްޔާއަށެވެ.

 

4 ފިސްކަލް އޭޖެންސީ އާއި ފައިސާ ބަހައްްޓާތަން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަކީ، ފަންޑު އެގްރީމަންޓްގެ 5 ވަނަ މާއްދާގެ 1 ވަނަ ބަޔާއި، ބޭންކް އެގްރީމަންޓުގެ 3 ވަނަ މާއްދާގެ 2 ވަނަ ބަޔާއި އެސޯސިއޭށަން އެގްރީމަންޓުގެ 6 ވަނަ މާއްދާގެ 10 ވަނަ ބައިގައިވާ ގޮތުގެމަތިން އަމަލުކުރާ ފިސްކަލް އޭޖެންސީއެވެ. އަދި މަތީގައި އެވާ އެގްރީމަންޓް ތަކުގައިވާ ގޮތުގެމަތިންދިވެހި ސަރުކާރުގެ ފަރާތުްނ ފައިސާއާބެހޭ މުއާމަލާތެއް ހިންގުމުގެ އިހްތިޔާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ލިބިގެންވެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަކީ ފަންޑު، ބޭންކް، އަދި އެސޯސިއޭށަންގެ ފަރާތުން ދިވެހިރާއްޖޭގައި ފައިސާ ބަހައްޓާފައި ހުރުމަށް ކަނޑައެޅިފައިވާ ތަންވެސްމެއެވެ.

 

5 ވަނަ މާއްދާ -  ދިވެހިރާއްޖޭގައި ގާނޫނުގެ ބާރު ދެވިފައިވާ އެގްރީމަންޓުތަކުގެ  ބައެއް މާއްދާ

ތިރީގައިމިވާ އެގްރީމަންޓުތަކުގެ ބަޔާންކުރެވިފައިވާ އާޓިކަލްތަކަށް ދިވެހިރާއްޖޭގައި ގާނޫނީ ބާރު ލިބިގެންވެއެވެ.

   (ހ) މީގެ ށެޑިއުލް އޭ. ގައި ބަޔާންކޮށްފައިވާ ފަންޑް އެގްރީމަންޓުގެ އާޓިކަލް VIII ގެ ސެކްށަން 2 ބީ ގެ ފުރަތަމަ ޖުމްލައާއި، އާޓިކަލް IX ގެ ސެކްށަން 2 އިން ފެށިގެން 9 ގެ މިޔަލަށް އަދި އާޓިކަލް XXVII ބީ؛

   (ށ) މިތާނގެ ށެޑިއުލް ބީ ގައި ބަޔާން ކުރެވިފައިވާ ބޭންކް އެގްރީމަންޓުގެ އާޓިކަލް VII ގެ ސެކްށަން 2 އިން 9  ގެ ނިޔަލަށް؛

   (ނ) މިތާނގެ ށެޑިއުލް ސީ ގައި ބަޔާންކުރެވިފައިވާ އެސޯސިއޭށަން 2 އިން ފެށިގެން 9 ގެ ނިޔަލަށް؛

 

6 ވަނަ މާއްދާ - ފަންޑު އެގްރީމަންޓަށް ގެނެވިފައިވާ އިސްލާހު

ފަންޑުގެ ބޯޑް އޮފް ގަވަރނަރުންގެ ފާސްކުރުން ނަންބަރު 31-4 އިން ހުއްދަ ކޮށްފައިވާ ފަންޑު އެގްރީމަންޓްގެ އިސްލާހުތައް ސަރުކާރުގެ ނަމުގައި ގަބޫލުކުރުމުގެ ބާރު ދިނުމުގެ ހުއްދަ މި މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވެއެވެ. އެ އިސްލާހަށް ބާރު ލިބުމާއެކު ފަންޑު އެގްރީމަންޓުގެ އިށްލާހުކުރެވުނު އާޓިކަލް XXI (ބީ) އާއި ށެޑިއުލް (ޑީ) ގެ ޕެރެގްރާފް 5 (ޑީ) އަށް ދިވެހިޖުމްހޫރިއްޔާގައި ގާނޫނުގެ ބާރު ލިބިގެން ވެއެވެ. އަދި ހަމަޖެހިފައިވާ  އެގްރީމަންޓުގެ އާޓިކަލް XXVII (ބީ) އަށް ގާނޫނުގެ ބާރު ލިބިގެންނެއް ނުވެއެެވެ.

 

7 ވަނަ މާއްދާ - އެގްރީމަންޓްތަކާބެހޭ އަމުރުތައް ނެރުމަށް ރައީސުލްހުމްހޫރިއްޔާއަށް ލިބިފައިވާ ބާރު

ފަންޑު އެގްރީމަންޓާއި ބޭންކް އެގްރީމަންޓާއި އެސޯސިއޭށަން އެގްރީމަންޓްގެ އެކިއެކި މާއްދާތައް ހިންގުުމަށް ބޭނުންވާ ގަވާއިދުތައް ހެދުމަށް އަމުރު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެެވެ.

 

8 ވަނަ މާއްދާ - ގާނޫނަކަށް ވުމުގެ ތާރީހް

މި ގާނޫނަށް އަމަލުކުރަން ފަށާނީ ރައްޔިތުންގެ މަޖިލީހުން ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ގެޒެޓްކުރާ ދުވަހުން ފެށިގެންނެވެ.

 

އެއްވަަނަ ށެޑިއުލް

އިންޓަރނޭށަނަލް މަނިޓަރީ ފަންޑުގައި ދިވެހި ޖުމްހޫރިއްޔާ މެންބަރެއްގެ ގޮތުގައި ބައިވެރިކުރުމަށް އެފަންޑުގެ ބޯޑް އޮފް ގަވަރނަރުން ފާސް ކުރުމަށް ހަމަޖެހިފައިވާ ރިޒޮލިޔުށަންގައި، ކަނޑައެޅިފައިވާ ގަވާއިދުގައިވާ ށަރްތުތައް:

ފަންޑް އެގްރީމަންޓްގެ އާޓިކަލް II ގެ ސެކްށަން 2 ގައިވާ ގޮތާ އެއްގޮތްވާ ގޮތުގެ މަތީން އިންޓަރނޭށަނަލް މަނިޓަރީ ފަންޑުގެ މެންބަރަކަށް ވުމަށް، 17 އޭޕްރިލް 1976 ގައި ދިވެހި ސަރުކާރުގެ ފަރާތުން އެދިފައިވާތީ؛ އަދި ފަންޑުގެ މެންބަރަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި، ގަވަރނަރުންގެ ބޯޑުގެ ފަރާތުން އެކަށައަޅާނޭ ށަރްތުތައް ކަމުގައި އެގްޒެކެޓިވް ޑިރެކްޓަރުންނަށް ވިސްނުނު ށަރުތުތަކާމެދު އެގްޒެކެޓިވް ޑިރެކްޓަރުން ފަންޑުގެ ބައި-ލޯޒްގެ ސެކްށަން 21 ގައިވާ ގޮތުގެ މަތީން، އެސަރުކާރުގެ ރެޕެރެޒެންޓެޓިވާ މަށްވަރާކޮށް، އެ ށަރުތުތަކުގެ މައްޗަށް އެއްބަސް ވެފައިވާތީ؛ އެގްޒެކެޓިވް ޑިރެކްޓަރުންނަށް ފެނިގެން ހުށަހެޅި ގޮތްކަމާމެދު ވިސްނުމަށްފަހު، ފަންޑުގެ މެންބަރަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި މިލިޔުމުން ގަވަރނަރުންގެ ބޯޑުގެ ފަރާތުން އެކަށައެޅި ގަވާއިދުތަކާއި ށަރުތުތަކަކީ ތިރީގައި އެވަނީއެވެ.

 

1- ލަފްޒުތަކުގެ މާނަ:

މި ރިޒޮލިޔުށަންގައި ބޭނުންކޮށްފައިވާ ގޮތަށް

   (ހ) "ފަންޑު" މި ލަފްޒުގެ މާނައަކީ އިންޓަރނޭށަނަލް މަނިޓަރީ ފަންޑެވެ.

   (ށ) "އާޓިކަލްސް" މި ލަފްޒުގެ މާނައަކީ އިންޓަރނޭށަނަލް މަނިޓަރީ ފަންޑުގެ އެގްރީމަންޓްގެ އާޓިކަލްސްއެވެ.

   (ނ) "SDR " މި ލަފްޒުގެ މާނައަކީ، ފައިސާ ނެގުމުގެ ހާއްސަ ހައްގު ނުވަތަ ސްޕެށަލް ޑްރޮއިންގ ރައިޓެވެ.

   (ރ) "ދެވަނަ އިސްލާހުގެ ތާރީހް" މި އިބާރާތުގެ މާނައަކީ، އާޓިކަލްސްއަށް ގެނެވުނު ދެވަނަ އިސްލާހު އެއީ ބާރުހުރި އެއްޗެއްކަމުގައި ބަލާންފެށޭ ތާރީހެވެ.

 

2- ހިއްސާ ކުރާންވީ ފައިސާގެ ޖަމާ:

ދިވެހިރާއްޖޭން ފުރަތަމަ ހިއްސާ ކުރާންވީ ފައިސާގެ ޖަމާއަކީ SDR 0.7 މިލިއަނާ އެއްވަރު އަދަދަކަށް ވާންވާނެއެވެ. ހިއްސާ ކުރާންވީ ފައިސާގެ ޖަމާއާބެހޭ ހަވަނަ އާންމު ރިވިއުގައިވާގޮތުގެ މަތިން، މި އަދަދު މަތިވާންޖެހޭ ތާރީހެއްގައި، ހިއްސާ ކުރާންވީ ފައިސާގެ ޖަމާ SDR 0.9 މިލިއަނަށް މަތި ކުރެވޭނެއެވެ. ނަމަވެސް، ދިވެހިރާއްޖޭން ފުރަތަމަ ހިއްސާކުރާ ފައިސާގެ ޖަމާއަކަށް ވާންވާނީ  SDR 0.9 މިލިއަނެވެ.

 

3- ޗަންދާ:

ދިވެހިރާއްޖޭގެ ޗަންދާ އެ ގައުމުން ފުރަތަމަ ހިއްސާ ކުރާންވީ ފައިސާގެ ޖަމާއާއި އެއްވަރު ވާންވާނެއެވެ.

 

4- ޗަންދާދިނުން:

ދިވެހިރާއްޖޭގެ މެންބަރަކަށް ވާތާ 3 ވަނަ މަސްދުވަހުގެ ތެރޭގައި ފުރަތަމަ ހިއްސާ ކުރާންވީ ފައިސާގެ ޖަމާއާ އެއްވަރު އަދަދެއް، ފުރަތަމަ ޗަންދާގެ ގޮތުގައި، ދިވެހިރާއްޖޭގެ ފައިސާއިން ދައްކަން ވާނެއެވެ. އަދި ދިވެހި ރާއްޖޭން ފުރަތަމަ ހިއްސާ ކުރާންވީ ފައިސާގެ ޖަމާ SDR 0.9 މިލިއަނަށް މަތި ކުރެވިއްޖެނަމަ، ގަވަރނަރުންގެ ބޯޑުން 22 މާޗް 1976 ގައި ފާސްކުރި ފާސް ކުރުމުގައިވާ ގޮތުގެމަތީން،ހިއްސާ ކުރާންވާ ފައިސާގެ ޖަމާއާބެހޭ އާންމު ރިވިއުގައިވާ ގޮތަށް ހިއްސާ ކުރާންވީ ފައިސާގެ ޖަމާ އިތުރުވާ ނިސްބަތުން އިތުރުވާ ޗަންދާއެއް ދިވެހިރާއްޖޭގެ ފަރާތުން ދޭންވާނެއެވެ. މިފައިސާ އަދާކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ފައިސާގެ އެކްސްޗޭންޖް ރޭޓަކާމެދު، ދިވެހިރާއްޖެއާއި، ފަންޑާ ދެމެދުގައި އެއްބަސް ވެވޭނެއެވެ. ފުރަތަމަ ޗަންދާ އަދާކުރާތާ 3 މަސް ދުވަހުގެ ތެރޭގައި، SDR 0.7 މިލިއަންގެ 25 ޕަސެންޓާ އެއްވަރުގެ އަދަދެއްގެ ދިވެހި ފައިސާ ފަންޑު ގަބޫލުކުރާ ބާވަތެއްގެ ތަކެއްޗަކުން އަގުދީ، ދިވެހިރާއްޖޭގެ ފަރާތުން އަނބުރާ ގަންނަން ވާނެއެވެ. މި މުއާމަލާތު ހިންގާނީ، އެފައިސާ އަނބުރާ ގަންނައިރު، ފަންޑުގެ ފަރާތުން ގެންގުޅޭ އުސޫލާއި އާދަކޮށް އަމަލުކޮށް އުޅޭގޮތްތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

5- އެކްސްޗޭންޖާ ބެހޭގޮތުން ހަމަޖެއްސޭގޮތް:

ދިވެހިރާއްޖެ މެންބަރުކަން ގަބޫލުކުރުމާ، އާޓިކަލްސްގެ 2 ވަނަ އިސްލާހުގެ ތާރީހާ ދެމެދުގައިވާ މުއްދަތުގެ ތެރޭގައި މެންބަރުކަން ގަބޫލު ކުރިއިރު ހުރި އެކްސްޗޭންޖް ރޭޓުގެ މައްޗަށް ބިނާކޮށް އެކްސްޗޭންޖް ތޭޓުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، ދިވެހިރާއްޖޭގެ ފަރާތުން ފަންޑަށް އަންގަންވާނެއެވެ. އަދި ފަންޑުން އެދިއްޖެ ކޮންމެ ހިނދެއްގައި، އެކްސްޗޭންޖް ރޭޓްތަކާ ބެހޭގޮތުން ފަންޑާ މަށްވަރާ ކުރާން ވާނެއެވެ. ދެވަނަ އިސްލާހުގެ ތާރީހަށް ފަހުގައި، ދިވެހިރާއްޖޭގެ އެކްސްޗޭންޖާ ބެހޭ ކަންތައްތައް ހަމަޖައްސަންވާނީ އާޓިކަލްސަށް ގެނެވުނު އިސްލާހުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

6- ފަންޑާ ގުޅިގެން ކުރެވޭ އެކްސްޗޭންޖް ވިޔަފާރި:

ދިވެހިރާއްޖޭގެ ޗަންދާ ފުރިހަމައަށް އަދާކޮށް، އަދި ޕެރެގްރާފް 4 ގައި ބުނެފައިވާ ފައިސާ އަނބުރާ ގަނެ ނިމުމުގެ ކުރީގައި ދިވެހިރާއްޖޭގެ ފަރާތުން ފަންޑާ ގުޅިގެން އެކްސްޗޭންޖްގެ ވިޔަފާރިއެއް ނުކުރެވޭނެއެވެ.

 

7- އެންގުމާއި މައްލޫމާތު ދިނުން:

ފަންޑްގެ މެންބަރުކަން ގަބޫލު ކުރުމުގެ ކުރީން، މިފާސް ކުރުމުގެ ޕެރެގްރާފް 8 (ހ) އާއި (ށ) ގައިވާ ގޮތުގެމަތީން، ގަބޫލުކުރިކަމުގެ ލިޔުމުގައި ސޮއި ކުރުމަށާއި، އެ ފޮނުވުމަށް، އަދި އާޓިކަލްސްގައި ސޮއިކުރުމާ ބެހޭގޮތުން ބޭނުންވާ ހުރިހާ ފިޔަވަޅެއް އަޅައިފިކަމަށް، ދިވެހިރާއްޖޭގެ ފަރާތުން ފަންޑަށް އަންގަންވާނެއެވެ. އަދި އެ ފިޔަވަޅު ތަކާ ބެހޭ ގޮތުން ފަންޑުގެ ފަރާތުން އެދިއްޖެ ކޮންމެ މައްލޫމާތެއް ދިވެހިރާއްޖޭގެ ފަރާތުން ފަންޑަށް ފޮނުވަންވާނެއެވެ.

 

8- މަންބަރުކަން ގަބޫލުކުރުން:

މިފާސްކުރުމުގެ ޕެރެގްރާފް 7 ގައި ބަޔާންކޮށްފައި އެވާ ށަރުތުތަކާ އެއްގޮތަށް ދިވެހިރާއްޖޭެގެ ފަރާތުން އަމަލުކޮށްފިކްނ ފަންޑުގެ ފަރާތުން ޔުނައިޓެޑް ސްޓޭޓް އޮފް އެމެރިކާގެ ސަރުކާރަށް އެންގުމާއެކު ތިރީގައިމިވާ ކަންތައްތައް ދިވެހިރާއްޖޭގެ ފަރާތުން ނިންމާ ތާރީހުން ފެށިގެން، ފަންޑުގެ މެންބަރަަކަށް ދިވެހިރާއްޖެ ވާނެއެވެ.

(ހ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާގޮތުގެ މަތިން، މިފާސް ކުރުމުގައި ބަޔާންކުރެވިފައިވާ އާޓިކްލްސާއި ހުރިހާ ގަވާއިދުތަކާއި ށަރުތުތައް ދިވެހިރާއްޖޭގެ ފަރާތުން ގަބޫލުކޮށްފިކަމާއި،މިފާސްކުރުމާއި އާޓިކަލްސްގައި ބަޔާން ކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ހުރިހާ ފިޔަވަޅުތަކެއް ދިވެހިރާއްޖޭގެ ފަރާޓުން އަޅާއިފިކަމުގެ ލިޔުމެއް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސަރުކާރަށް ދިވެހިރާއްޖޭގެ ފަރާތުން ފޮނުވަން ވާނެއެވެ. އަދި،

(ށ) ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސަރުކާރުގެ މުހިންމު ލިޔުންތައް ރައްކާކުރާ އިމާރާތުގައި ބޭއްވިފައިވާ އާޓިކަލްސްގެ އަސްލު ކޮޕީގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރާންވާނެއެވެ.

 

9- މެންބަރުކަން ގަބޫލުކުރުމުގެ މުއްދަތު:

މިފާސްކުރުމާއި ގުޅޭގޮތުން، މިފާސްކުރުމަކީ ހިންގޭ އެއްޗަކަށްވާ ތާރީހުން ފެށިގެން 6 މަސް ދުވަސް ހަމަވުމުގެ ކުރީގައި، ފަންޑުގެ މެންބަރުކަން ގަބޫލުކުރުން ދިވެހިރާއްޖެއަށް ހުއްދައެވެ. މިބުނި، މިފާސްކުރުމަކީ ހިންގޭ އެއްޗަކަށްވާ ތާރީހަކީ، ގަވަރނަރުންގެ ބޯޑޫގެ ފަރާތުން މިފާސްކުރުން ގަބޫލުކުރާ ތާރީހެވެ. މަނަވެސް މިފާސްކުރުމާއި ގުޅިގެން އެދޭ ފަރާތުން މެންބަރުކަން ގަބޫލުކުރެވޭނެ މުއްދަތު އިތުރުކުރުން ހައްގުވާފަދަ އާދަޔާ ހިލާފު ސަބަބުތަކެއް މެދުވެރި ވެއްޖެ ކަމަށް ހިންގާ ޑިރެކްޓަރުންނަށް ފެނިއްޖެނަމަ، އެމީހުން ގަސްދު ކުރާ ތާރީހަކާއި ހަމައަަށް އެމީހުންނަށް އެ މުއްދަތު ދަންމާލުން ހުއްދައެވެ.

 

ދެވަނަ ށެޑިއުލް

އިންޓަރނެށެނަލް ބޭންކް ފޮރ ރީކޮންސްޓްރަކްށަން އެންޑް ޑިވެލޮޕމަންޓްގެ ބޯޑް އޮފް ގަވަރނަރުން، ދިވެހިރާއްޖޭގެ ސަރުކާރު އެބޭންކްގެ މެންބަރަކަށް ހެދުމަށް އެކަށައެޅި ރިޒޮލިޔުށަންގައިވާ ގޮތްތަކާއި ށަރުތުތައް؛

ދިވެހިރާއްޖޭގެ ސަރުކާރުން އިންޓަރނެށެނަލް ބޭންކް ފޮރ ރީކޮންސްޓްރަކްށަން އެންޑް ޑިވެލޮޕމަންޓްގެ މެންބަރަކަށް ވުމަށް ބޭންކްގެ އާޓިކަލްސް އޮފް އެގްރީމަންޓްގެ އާޓިކަލް II ގެ ސެކްށަން 1 (ބީ) އާއި އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާފައިވާ ހިނދު؛ އަދި ބޭންކްގެ ބައި-ލޯޒްގެ ސެކްށަން 20 އާ ގުޅިގެން އެގްޒެކެޓިވް ޑިރެކްޓަރުން ދިވެހިރާއްޖޭގެ ސަރުކާރުގެ ވަކީލުންނާ މަށްވަރާ ކުރުމަށްފަހު ދިވެހިރާއްޖެ މެންބަރަކަށް ވުމަށް ހުށަހަޅުމާ ގުޅިގެން ބޯޑް އޮފް ގަވަރނަރުނނަށް ހުށަހަޅާފައިވާ ހިނދު، ބޯޑުގެ ގަވަރނަރުން މިކަމާ ގުޅޭގޮތުން ކަނޑައެޅީ:

ތިރީގައި މިވާ ށަރުތުތަކާއި ހާލަތްތަކުގެ މަތިން ދިވެހިރާއްޖެ ބޭންކްގެ މެންބަރެއް ކަމުގައި ހެދުމަށެެވެ.

 

1- ށަރަހަ:

ލަފްޒުތަކުގެ މާނަ: ރިޒޮލިއުށަންގައި ބޭނުން ކޮށްފައިވާ ގޮތަށް:

އޭ. "ބޭންކް" ގެ މާނައަކީ އިންޓަރނޭށަނަލް ބޭންކް ފޮރ ރީކޮންސްޓްރަކްށަން އެންޑް ޑިވެލޮޕްމަންޓެވެ.

ބީ. "ޑޮލަރ" ނުވަތަ "$ " ގެ މާނައަކީ 1 ޖުލައި 1944 ގައި ހުރި ބަރުދަނާއި ވަޒަނުގެ ޔުނައިޓެޑް ސްޓޭޓްސް ޑޮލަރެވެ.

ސީ. "އާޓިކަލްސް" ގެ މާނައަކީ ބޭންކް އެގްރީމަންޓުގެ މާއްދާތަކެވެ.

ޑީ. "ސަބްސްކްރިޕްށަން" ގެ މާނައަކީ މެންބަރަކު ޗަންދާގެ ގޮތުގައި ބޭންކްގެ ކެޕިޓަލް ސްޓޮކަށް ދައްކާ މިންވަރެވެ.

އީ. "މެންބަރު" ގެ މާނައަކީ ބޭންކްގެ މެންބަރެވެ.

 

2- ޗަންދާ (ސަބްސްކްރިޕްށަން)

ބޭންކްގެ މެންބަރުކަން ގަބޫލު ކުރުމާ ވިދިގެން ބޭންކްގެ ކެޕިޓަލް ސްޓޮކްގެ 6 ހިއްސާ އށް ހިއްސާއަކަށް $100000 ގެ ޕާރ ވެލިއުގެ ރޭޓުން ދިވެހިރާއްޖެ ޗަންދާ ދޭންވާނެއެވެ.

 

3- ފަންޑުގެ މެންބަރުކަން:

ބޭންކްގެ މެންބަރުކަން ގަބޫލު ކުރުމުގެ ކުރީގައި، އިންޓަރ ނޭށަނަލް މަނިޓަރީ ފަންޑުގެ މެންބަރުކަން ގަބޫލުކޮށް އެފަންޑުގެ މެންބަރަކަށް ދިވެހިރާއްޖެ ވާންވާނެއެވެ.

 

4- ޗަންދާ (ސަބްސްކްރިޕްށަން) ގެ ފައިސާ ދެއްކުން 

އޭ. ބޭންކްގެ މެންބަރުކަން ގަބޫލު ކުރުމުގެ ކުރީގައި، ދިވެހިރާއްޖޭގެ ފަރާތުން، ހިއްސާގެ ދެބައިކުޅަ އެއްބަޔަށްވާ މިންވަރު ޗަންދާގެ ގޮތުގައި ބޭންކަށް ދައްކަންވާނެއެވެ.

  1. ރަން ނުވަތަ ޔުނައިޓެޑް ސްޓޭޓްސްގެ ޑޮލަރ އޭގެ %2 އާ އެއްވަރަށް؛
  2. ޗަންދާގެ %18 އަށްވާ އަދަދު، އޭރަކު ހަމަޖެހިފައިވާ އެކްސްޗޭންޖް ރޭޓަކުން، ދިވެހިރާއްޖޭގެ ފައިސާއިން ދޭންވާނެއެވެ.

ބީ. ހިއްސާގެ އަނެއްބަޔާ ބެހޭގޮތުން ޔުނައިޓެޑް ސްޓޭޓްްސްގެ ޑޮލަރުން ނުވަތަ ރަނުން ދޭންވީ %2 އާއި އަދި މެންބަރުންެގެ ފައިސާއިްނ ދޭންވީ %18 ގެ ބައި ނުނަގައި ދޫކޮށްލާނީއެވެ. އެއި ރިޒޮލިއުށަން ނަންބަރު 128 ގައިވާ ގޮތުގެ މަތީން %2 އާއި %18 ގެ ބައެއް ޗަންދާއަށް ހަމަޖެހިފައިވާ އުސޫލުންނެވެ.

 

5- ހުށަހއޅުމާއި މަައްލޫމާތު ދިނުން:

ބޭންކްގެ މެންބަރުކަން ގަބޫލުކުރުމުގެ ކުރީގައި، މި ރިޒޮލިއުށަންގެ ޕެރެގްރާފް 6 (ޑީ) އާއި (އީ) ގައިވާ ގޮތުގެ މަތީން މިލިޔުމުގައި ސޮއިކޮށް ޑިޕޮޒިޓްކުމަށާއި، އާޓިކަލްސްގައި ސޮއި ކުރުމަށްޓަކައި ބޭނުންވާ ހުރިހާ ފިޔަވަޅެއް އެޅުމަށް ތައްޔާރު ވެއްޖެކަން އަންގައި ދިވެހިރާއްޖޭން މިކަން ހުށަހަޅަންވާނެއެވެ. އަދި މިކަމާ ބެހިގެން ބޭންކްގެ ފަރާތުން އެދޭ މައްލޫމާތެއްވެސް ދިވެހިރާއްޖޭން ބޭންކަށް ދޭންވާނެއެވެ.

 

6- މެންބަރުކަން ގަބޫލުކުރުން:

މިރިޒޮލިއުށަންގެ ޕެރެގްރާފް 2 ގައި ބަޔާން ކޮށްފައިވާ ޗަންދާ، (ސަބްސްކްރިޕްށަން) އާއެކު ތިރީގައި އެވާ ށަރުތުތައް ފުރިހަމަ ކުރާ ތާރީހަކުން ފެށިގެން ބޭންކްގެ މެންބަރަކަށް ދިވެހިރާއްޖެ ވާނެއެވެ.

އޭ. އިންޓަރނޭށަނަލް މަނިޓަރީ ފަންޑުގެ މެންބަރަކަށްވުން؛

ބީ. މިރިޒޮލިއުށަންގެ ޕެރެގްރާފް 4 ގައި ބުނެފައިވާ ފައިސާ ދެއްކުން.

ސީ. މިރިޒޮލިއުށަންގެ ޕެރެގްރާފް 5 އާ ގުޅޭގޮތުން ދޭންޖެހޭ މައްލޫމާތާއި ހުށަހެޅަންޖެހޭ ފާރނިށް ކުރުން.

ޑީ. ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން އާޓިކަލްސާއި މި  ރިޒޮލިއުށަންގައި ބަޔާންކޮށްފައިވާ ހުރިހާ ށަރުތުތަކާއި ހާލަތްތައް ގަބޫލު ކުރާކަމާއި އަދި  އާޓިކަލްސާއި މި  ރިޒޮލިއުށަން ގައިވާ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ބޭނުންވާނެ އެންމެހައި ފިޔަވަޅުތައް އަޅައިފިކަމަށް ބަޔާން ކޮށްފައިވާ ލިޔުމެއް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސަރުކާރުގައި ޑިޕޮޒިޓް ކުރުން.

އީ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސަރުކާރުގެ އާކައިވްސް ގައިވާ އާޓިކަލްސްގެ އަސްްލުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރަންވާނެއެވެ.

 

7- މެންބަރުކަން ގަބޫލު ކުރުމަށްކަނޑައެޅިފައިވާ މުއްދަތު:

މި ރިޒޮލިއުށަނާ ގުޅިގެން 30 ޖޫން 1978 އާ ހަމައަށް ދިވެހިރާއްޖެއަށް ބޭންކްގެ މެންބަރުކަން ގަބޫލު ކުރެވިދާނެއެވެ. ނުވަތަ އެގްޒެކެޓިވް ޑިރެކްޓަރުންނަށް ފެނިއްޖެ ތާރީހަކާ ހަމައަށް އެމުއްދަތު ދިގު ކުރެވިދާނެއެވެ.

  

ތިންެވަނަ ށެޑިއުލް

އިންޓަރނެށެނަލް ޑިވެލޮޕމަންޓް އެސޯސިއޭށަންގެ ގަވަރނަރުންގެ ބޯޑުންް،އެސޯސިއޭށަންގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖވެދެއްވުމަށް ކަނޑައަޅާ ގަރާރުކުރި ށަރުތުތަކާއި ހާލަތްތައް:

އެސޯސިއޭށަންގެ އެގްރީމްނަޓްގެ މާއްދާތަކުގެ މާއްދާ II ގެ ސެކްށަން 1 (ބީ) އާއި އެއްގޮތްވާ ގޮތުގެ މަތިން އިންޓަރނެށެނަލް ޑިވެލޮޕމަންޓް އެސޯސިއޭށަންގެ މެންބަރަކަށްވުމަށް ދިވެހިރާއްޖޭގެ ސަރުކާރުން ހުށަހަޅާފައިވާ ހިނދު؛ އަދި

އެސޯސިއޭށަންގެ ބައި-ލޯޒްގެ ސެކްށަން 9 އާގުޅޭގޮތުން އެގްޒެކެޓިވް ޑިރެކްޓަރުން، ދިވެހިރާއްޖޭގެ ސަރުކާރުގެ ވަކީލުންނާ މަށްވަރާ ކުރުމަށްފަހު، މި ހުށައެޅުމާ ބެހިގެން އެއީ ފެންނަ ކަމެއްކަމުގައި ބޯޑް އޮފް ޑިރެކްޓަރުންނަށް އިރްށާދު ދީ ތައާރުފް ކޮށްދީފައި ވުމާއެކު:

މިހާރު، ކަން މިހެން ހުރުމާއެކު، ބޯޑް އޮފް ގަވަރނަރުންގެ ފަރާތުން ހުށަހަޅަނީ:

އެސޯސިއޭށަންގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެ ބައިވެރި ކުރުމުގެ ގަވާއިދުތަކާ ށަރުތުތައް ތިރީގައ މިވާގޮތަށް އޮތުމަށެވެ.

 

1- އޮޅުންފިލުވައިދިނުންތައް:  

މި ފާސްކުރުމުގައި ބޭނުންކޮށްފައިވާ ގޮތުން:

އޭ. " އެސޯސިއޭށަން" ގެ މާނައަކީ އިންޓަރނެށެނަލް ޑިވެލޮޕމަންޓް އެސޯސިއޭށަނެވެ.

ބީ. "މާއްދާތައް" ގެ މާނައަކީ އެސޯސިއޭށަންގެ އެގްރީމަންޓުގެ މާއްދާތަކެވެ.

ސީ. "ޑޮލަރ" ނުވަތަ "$ " ގެ މާނައަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމއރިކާގައި ގެންގުޅޭ ޑޮލަރެވެ. އަދި

ޑީ. "ބޯޑް އޮފް ގަވަރނާރޒް" ގެ މާނައަކީ އެސޯސިއޭށަންގެ ބޯޑް އޮފް ގަވަރނަރުންނެވެ.

 

2-  ފެށޭ ޗަންދާ

(އޭ) މި ފާސްކުރުމުގައި ހާއްސަކޮށް ބަޔާން ކޮށްފައިވާ ގަވާއިދުތަކާއި ށަރުތުތަކުގެ އިތުރަށް، މި އެސޯސިއޭށަންގެ މެންބަރަކަށް ދިވެހިރާއްޖެ ވުމުގެ ގަވާއިދުތަކާއި ށަރުތުތަކަކީ، އެ

އެސޯސިއޭށަންގެ ށެޑިއުލް އޭ. ގެ ޕާޓް II ގައި ލިޔެފައިވާ އައު މެންބަރުންގެ މެންބަރު ކަމާބެހޭ މާއްދާތަކުގައި ބަޔާންވެފައި އެވަނީއެވެ. (މީގެތެރޭގައި ޗަންދާއާބެހޭ ގަވއިދުތަކާއި ށަރުތުތައް، ޗަންދާއާބެހޭ ފައިސާ ދެއްކުމުމުގެ މައްސަލަތަކާއި، ފައިސާ ބޭނުން ކުރުމުގެ ކަންތައްތައް އަދި ވޯޓް ދިނުމުގެ ހައްގުތައް ހިމެނޭނެއެވެ. ވަކި ހައްދެއްގެ ތެރޭގައި ހިފެހެއްޓުމުގެ މަގްސަދު ނެތިއެވެ.)

(ބީ) މި އެސޯސިއޭށަންގެ މެންބަރުކަން ދިވެހިރާއްޖެ ގަބޫލު ކުރުމާ ގުޅިގެން، ދިވެހިރާއްޖޭގެ ފަރާތުން $30,000 ގެ އަދަދަކަށް ޗަންދާގެ ފައިސާ ދައްކަން ވާނެއެވެ. މިފައިސާ ވާންވާނީ ޔުނައިޓެޑް ސްޓޭޓްސްގައި ޖެނުއަރީ 1، 1960 ގައި ބޭނުން ހިފަމުން ގެންދެވުނު ބަރުދަނާއި ވަޒަނުގެ ޑޮލަރުކަމުގައެވެ.

(ސީ) މި އެސޯސިއޭށަންގެ މެންބަރުކަން ގަބޫލުކުރުމުގެ ކުރިން، މާއްދާތަކުގެ ށެޑިއުލް އޭ. ގެ ޕާޓްް II ގައި ބަޔާންކޮށްފައިވާ އޮރިޖިނަލް މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެ މި އެސޯސިއޭށަންގެ މެންބަރަކަށް ވީނަމަ، މެންބަރަކަށްވީ ތާރީހުގައި، ނުވަތަ އެ ތާރީހުގެ ކުރިން، ދޭންޖެހޭނޭ ފެށޭ ޗަންދާގައި ހުރިހާ ފައިސާއެއް ވާނީ ދިވެހިރާއްޖޭގެ ފަރާތުންދައްކާށެވެ.

 

3- މެންބަރުކަން ގަބޫލުކުރުން:

ތިރީގައި މިވ ކަންތައްުތައް ދިވެހިރާއްޖޭގެ ފަރާތުން ފުރިހަމަކުރި ތާރީހުުން ފެށިގެނ އަދި މ ފާސްކުރުމުގެ ޕެރެގްރާފް 2 (ބީ) ގައި ބަޔާން ވެގެންވާ ޗަންދާ ދެއްކުމާއެކު މި އެސޯސިއޭށަންގެ މެންބަރަކަށްް ދިވެހިރާއްޖެ ވާނެއެވެ.

(އޭ) އިންޓްރނޭށަނަލް ބޭންކް ފޮރ ރީކޮންސްޓްރަކްށަން އެންޑް ޑިވެލޮޕްމަންޓުގެ މެންބަރަކަށްވުން؛

(ބީ) މިފާސްކުރުމުްގެ ޕެރެގްރާފް 2 (ބީ) އާއި (ސީ) ގައި ބުނެފައި އެވާ ފައިސާ ދެއްކުން؛

(ސީ) ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީން، މާއްދާތަކާއި މިފާސް ކުރުމުގައި ބަޔާން ކުރެވިފައިވާ ހުރިހާ ގަވާއިދުތަކާއި ށަރުތުތަކެއް، އަދި އެ މާއްދާތަކާއި މިފާސް ކުރުމުގައިވާ ދިވެހިރާއްޖޭގެ ހުރިހާ ވާޖިބުތަކެއް އަދާކުރުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އަޅައިފިކަން ބަޔާން ކޮށްފައިވާ ލިޔުމެއް ދިވެހިރާއްޖޭގެ ފަރާތުން އިންޓްރނޭށަނަލް ބޭންކް ފޮރ ރީކޮންސްޓްރަކްށަން އެންޑް ޑިވެލޮޕްމަންޓަށް ފޮނުވުން؛ އަދި

(ޑީ) އިންޓްރނޭށަނަލް ބޭންކް ފޮރ ރީކޮންސްޓްރަކްށަން އެންޑް ޑިވެލޮޕްމަންޓުގެ އާކައިވްސް ގައި ބެހެއްޓިފައިވާ މާއްދާތަކުގެ އަސްލުގައި ސޮއިކުރުން.

 

4- މެންބަރުކަން ގަބޫލު ކުރުމުގެ މުއްދަތުގެ ދިގުމިން:  

މިފާސްކުރުމާ ގުޅިގެން ޖޫން 30، 1978 އާ ހަމައަށް ނުވަތަ އެގްޒެކެޓިވް ޑިރެކްޓަރުން ކަނޑައަޅާ އެއަށްވުރެ ފަހުގެ ތާރީހަކާ ހަމައަށް ދިވެހިރާއްޖެއަށް ބޭންކްގެ މެންބަރުކަން ގަބޫލުކުރެވިދާނެއެވެ.

 

5- ތިންވަނަ ރިޕްލެނިށްމަންޓް ރިޒޮލިއުށަންގައިވާ ގޮތުގެމަތީން ދޭންޖެހޭ އިތުރު ޗަންދާ:

(ހ) މެންބަރުކަން ގަބޫލު ކުރުމާއެކު ނުވަތަ ގަބޫލުކުރުމަށްފަހު ބޭނުންނަމަ 1120 ޑޮލަރުގެ އަދަދަކަށް އިތުރު ޗަންދާއެއް ދިނުން ހުއްދައެވެ. (މި ފައިސާއަކީ 1 ޖަނަވަރީ 1960 ގައި ބޭނުން ހިފަމުން ގެންދެވުނު ބަރުދަނާއި ވަޒަނުގެ ޔުނައިޓެޑް ނޭށަންސްގެ ޑޮލަރެވެ. މި ފައިސާއަށް 1250 ވޯޓާއި އެފަދަ 80 ޑޮލަރަށް 1 ވޯޓު އޮން

ނާނެއެވެ. އެއީ 1264 ވޯޓެވެ.)

(ށ) އެފަދަ އިތުރު ޗަންދާއާ ބެހޭގޮތުން އެސޯސިއޭށަނާއި ދިވެހިރާއްޖޭގެ ހައްގުތަކާއި ވާޖިބުތައް އޮންނާނީ ބޯޑް އޮފް ގަވަރނަރުން ފެބްރުއަރީ 17، 1971 ގައި ފާސްކުރި 3 ވަނަ ރިޕްލެނިށްމަންޓް ރިޒޮލިއުށަންެގެ ޕާޓް (ޑީ) ގެ ދަށުން ޕާޓް (2) ގެ މެންބަރުންނަށް ހުއްދަކޮށްފައިވާ ޗަންދާއަށް އޮންނަ ހައްގުތަކާއި ވާޖިބުތަކާ އެއްގޮތް ހައްގުތަކާ ވާޖިބުތަކެވެ.

 

6- ހަރަތުވަނަ ރިޕްލެނިށްމަންޓް ރިޒޮލިއުށަންގައިވާ ގޮތުގެ މަތީން ހުއްދަވާ އިތުރު ޗަންދާ.

(ހ) މެންބަރުކަން ގަބޫލު ކުރުމާ ގުޅިގެން ނުވަތަ ގަބޫލު ކުރުމަށް ފަހުގައި ބޭނުންނަމަ 1100 ޑޮލަރުގެ އަދަދަކަށް އިތުރު ޗަންދާއެއް ދިނުމުގެ އިތުރު ހުއްދައެއް ދިވެހިރާއްޖެއަށް ލިބިފައި އޮންނާނެއެވެ. މި ފައިސާއަށް 3850 ވޯޓާއި އެފަދަ އިތުރު ޗަންދާގެ ކޮންމެ 25 ޑޮލަރަކަށް އިތުރު 1 ވޯޓް ލިބިގެންވެއެވެ. (އެއީ 3894 ވޯޓެވެ.)

(ށ) އެފަދަ އިތުރު ޗަންދާއާ ބެހޭގޮތުން އެސޯސިއޭށަނާއި ދިވެހިރާއްޖޭެގެ ހައްްގުތަކާއި ވާޖިބުތައް އޮންނާނީ ބޯޑް އޮފް ގަވަރނަުންގެ ޖެނުއަރީ 1974 ގައި ފާސްކުރި 4 ވަނަ ރިޕްލެނިށްމަންޓް ރިޒޮލިއުށަންގެ ސެކްށަން އެފް. ގެ ދަށުން  ޕާޓް II ގެ މެންބަރުންނަށް ހުއްދަ ކޮށްފައިވާ ޗަންދާއަށް އޮންނަ ހައްގުތަކާއި ވާޖިބުތަކާ އެއްގޮތް ހައްގުތަކާއި ވާޖިބުތަކެވެ.

 

7- ފަސްވަނަަ ރިޕްލެނިށްމަންޓް ރިޒޮލިއުށަންގައިވާ ގޮތުގެ މަތީން ހުއްދަވާ އިތުރު ޗަންދާ.

(ހ) މެންބަރުކަން ގަބޫލު ކުރުމާ ގުޅިގެން ނުވަތަ ގަބޫލު ކުރުމަށްފަހު އަދި ބޯޑް އޮފް ގަވަރނަރުންގެ ފަރާތުން ޖޫން 16، 1977 ގައި ފާސްކުރި ރިޒޮލިއުށަނުން ހުއްދަދީފައިވާ އެސޯސިއޭށަންގެ ފައިދާތަކުގެ 5 ވަނަ ރިޕްލެނިށްމަންޓް ރިޒޮލިއުށަންގެ މާއްދާތަކާ ގުޅޭގޮތުން ހިންގަން ހަމަ ފެށުމާއެކު ނުވަތަ ހިންގަންފަށާ  ތާރީީހުގެ ފަހުން ދިވެހިރާއްޖެއަށް 450 ޑޮލަރުގެ އަދަދަކަށް ބޭނުންވާނެ އިތުރު ޗަންދާއެއް ދިނުމުގެ އިތުރު ހުއްދައެއް ލިބޭނެއެވެ.

މިފައިސާއަށް 1700 ވޯޓާއި އެފަދަ އިތުރު ޗަންދާގެ ކޮންމެ 25 ޑޮލަރަކަށް އިތުރު 1 ވޯޓުން އޮންނާނެއެވެ. (އެއީ 1718 ވޯޓެވެ.)

(ށ) އެފަދަ އިތުރު ޗަންދާއާ ބެހޭގޮތުން އެސޯސިއޭށަނާއި ދިވެހިރާއްޖޭެގެ ހައްްގުތަކާއި ވާޖިބުތައް އޮންނާނީ ބޯޑް އޮފް ގަވަރނަުންގެ ޖޫން 16، 1977 ގައި ފާސްކުރި 5 ވަނަ ރިިޕްލެނިށްމަންޓް ރިޒޮލިއުށަނެގެ ސެކްށަން (ބީ) ގެ ދަށުން ޕާޓް II ގެ މެންބަރުންނަށް ހުއްދަ ކޮށްފައިވާ ޗަންދާއަށް އޮންނަ ހައްގުތަކާއި ވާޖިބުތަކެވެ.

 

ށެޑިއުލް އޭ

އިންޓަރނޭށަނަލް މަނިޓަރީ ފަންޑުގެ އާޓިކަލްސް އޮފް އެގްރީމަންޓްގެ ތިރީގައި މިވާ މާއްދާތަކަށް ރިޕަބްލިކް އޮފް މޯލްޑިވްސް ގައި ގާނޫނުގެ ބާރު ލިބިގެން ވެއެވެ.

 

އާޓިކަލް VIII ސެކްށަން 2 (ބީ). ފުރަތަމަ ޖުމްލަ:

މި އެގްރީމަންޓާ އެއްވަގުތެއްގައި ދެމެހެއްޓޭ ނުވަތަ ހިންގޭ މެންބަރު ގައުމެއްގެ އެކްސްޗޭންޖް ކޮންޓްރޯލްގެ ގަވާއިދުތަކާ ހިލާފުވާގޮތަށް އެއްވެސް މެންބަރު ގައުމެއްގެ ފައިސާއާ ބެހޭގޮތުން ކުރެވޭ އެކްސްޗޭންޖް ކޮންޓްރެކްޓް ތަކަށް އެއްވެސް މެންބަރު ގައުމެއްގެ ސަރަހައްދުގައި އަމަލެއް ނުކުރެވޭނެއެވެ.

 

އާޓިކަލް IX، ސެކްށަން 2 އިން 9 ގެ ނިޔަަލަށް.

ސެކްށަން 2. ފަންޑުގެ ދަރަޖަ.

ފަންޑަށް ފުރިހަމަ ގާނޫނީ މަގާމު ލިބިގެން ވެއެވެ. އަދި ހާއްސަކޮށް ތިރީގައި އެވާ ކަންތައް ކުރުމުގެ ބާރު ލިބިގެންވެއެވެ.

  1. ކޮންޓްރެކްޓް ކުރުން
  2. އެއްތަނުން އަނެއްތަނަށް ގެންދެވޭ މުދަލާއި އަދި ނުގެންދެވޭ މުދާ ހޯދުމާއި ދޫކޮށްލުން
  3. މައްސަލަތައް ށަރީއަތަށް ހުށަހެޅުން

 

ސެކްށަން 3. ށަރްއީ ކަންތައްތަކުން އިސްތިސްނާވުން

ފަންޑާއި އޭގެ މުދަލާއި އޭގެ އެސެޓްސް ކޮންމެ ތަނެއްގައި ބެހެއްޓިފައި ހުއްޓަސް އަދި ކޮންމެ މީހެއްގެ އަތުގައި ވިޔަސް، ށަރްއީ ހުރިހާ ކަމަކުން އިސްތިސްނާ ވެގެންވެއެވެ. އެއީ އެއްވެސް ށަރީއަތަކަށްޓަކައި ނުވަތަ އެއްވެސް ކޮންޓްރެކްޓެއްގެ ށަރުތުތަކަށްޓަކައި މިއިސްތިސްނާކަން ފަންޑުގެ ފަރާތުން ދޫކުރުމަށް ކަނޑައެޅި މިންވަރު ފިޔަވައެެވެ.

 

ސެކްށަން 4. އެހެން އަމަލުން އިސްތިސްނާވުން

ފަންޑުގެ މުދަލާއި އެސެޓްސް ކޮންމެ ތަނެއްގައި ބެހެއްޓިފައި ހުއްޓަސް އަދި ކޮންމެ މީހެއްގެ އަތުގައިވިޔަސް ހޯދުމުންނާއި، ބޭނުންކޮށްގަތުމުންނާއި، ހިފެވުމުންނާއި، ނެގުމުންނާއި އެއީ ގާނޫނީ އަމަލަކުން ނުވަތަ ހިންގުމުގެ އަމަލަކުން ވިޔަސް އަތުލުން އިސްތިސްނާ ވެގެންވެއެވެ.

 

ސެކްށަން 5. އާކައިވްސް އިސްތިސްނާވުން

ފަންޑުގެ އާކައިވްސަކީ ހުރުމަތްތެރި ވެގެންވާ އެއްޗެކެވެ.

 

ސެކްށަން 6. ފަންޑުގެ އެސެޓްސް ހުރަސްތަކުން މިނިވަންވެގެންވުން     

މި އެގްރީމަންޓްގައި ބަޔާން ކޮށްފައިވާ ގޮތަށް އަމަލު ކުޅައުމަށް ބޭނުންވާ މިންވަރަށް ފަންޑުގެ ހުރިހާ މުދަލަކާއި އެސެޓްސްތައް ހުރަސްތަކުންނާއި، ގަވާއިދުތަކުންނާއި، ކޮންޓްރޯލް ތަކުންނާއި، އަދި އެއްވެސް ބާވަތެއްގެ އަގުދިނުން ލަސްކުރުންފަދަ ކަންތައްތަކުން މިނިވަންކަން ލިބިގެންވާނެއެވެ.

 

ސެކްށަން 7. މުވާސަލާތުގެ އިމްތިޔާޒް    

ފަންޑުގެ ހުރިހާ ރަސްމީ މުވާސަލާތްތަކަށް އެހެނިހެން މެންބަރުންގެ ރަސްމީ މުވާސަލާތް ތަކަށްދޭ އިނާޔަތް ދޭން ޖެހޭނެއެވެ.

 

ސެކްށަން 8. އޮފިސަރުންނާއި މަސައްކަތްކުރާ މީހުންނަށް ލިބިގެންވާ އިމްތިޔާޒާއި ހައްގުތައް

ފަންޑުގެ އެންމެހައި ގަވަރނަރުންނާއި، ހިންގާ ޑިރެކްޓަރުންނާއި، އެފަދަ މީހުންގެ ބަދަލުގައި ތިބޭ މީހުންނާއި މަސައްކަތްތެރީން:

  1. ށަރްއީ ކަންތައްތަކުން، އެމީހުން ރަސްމީގޮތުން ކުރާ ކަންތައްތަކާ ގުޅިގެން ފަންޑުން ކަނޑައަޅާ މިންވަރު ފިޔަވައި، އިސްތިސްނާ ވެގެންވެއެވ.
  2. އެއީ ތަނުގެ އަހުލުވެރިން ކަމުގައި ނުވަނީނަމަ އަރާ ފުރާވުމުގައި ހުރަސްތަކުންނާއި ރެޖިސްޓްރޭށަން ތަކަށް ބޭނުންވުމުން އިސްތިސްނާ ވާނެއެވެ. އަދި ގައުމީ ހިދުމަތުގެ ވާޖިބު ތަކުންނާއި، އެކްސްޗޭންޖް ހުރަސްތަކުގެ ކަންތަކުގައި އެހެން މެންބަރުންގެ ރަސްމީ މީހުންނާއި މަސައްކަތްތެރީންނާއި ރެޕްރެޒެންޓެޓިވުންނަށް ލިބޭ ހައްގުތައް ލިބިގެން ވާނެއެވެ.

(III)   އަދި އެހެން މެންބަރުންގެ އެދަރަޖައިގެ މަސައްކަތްތެރީންނާއި، އޮފިށަލުންނާއި، ރެޕްރެޒެންޓެޓިވުންނަށް ދަތުރު ކުރުމާބެހޭ ކަންތައްތަކުގައި ދެވޭ ތަނަވަސް ކަމާއި ކަމޭހިތޭ މިންވަރާ އެއްގޮތަށް އެކަން ބެހެއްޓޭނެއެވެ.

 

ސެކްށަން 9. ޓެކްސޭށަނުން އިސްތިސްނާވުން

(އޭ) ފަންޑާއި އެސެޓްސާއި މުދަލާއި ލިބޭ ތަކެއްޗާއި، މި އެގްރީމަންޓުން ހުއްދަކުރާ އަމަލުތަކާއި ވިޔަފާރިތައް، ހުރިހާ ޓެކްސުންނާއި ކަސްޓަމްސްގެ ޑިއުޓީން އިސްތިސްނާވާނެއެވެ. އަދި އެއްވެސް ޓެކްސްއެއް ނުވަތަ ޑިއުޓީއެއް ދޭން ޖެހުމުންނާއި އެއްކުޅައުން ލާޒިމް ވުމުންވެސް ފަންޑު އިސްތިސްނާ ވާނެއެވެ.

(ބީ) ތަނުގެ އެހެނިހެން މުވާތިލުންނާއި، ތަނުގެ ރައްޔިތުންނާއި، ސިޓިޒަނުން ކަމުގައި ނުވަނީނަމަ ފަންޑުގެ މަސައްކަތްތެރީންނާއި، އޮފިސަރުންނާއި، ފަންޑުގެ އެގްޒެކެޓިވް ޑިރެކްޓަރުންނާއި، އެމީހުންގެ ބަދަލުގައި ތިބޭ މީހުންނަށް އެމީހުންގެ މުސާރައިގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދެވޭ ތަކެތިން ނުވަތަ އެއާ ގުޅޭގޮތުން ޓެކްސެއް ނުނެގޭނެއެވެ.

(ސީ) ކޮންމެ މީހަކު އަތުގައިވިޔަސް އެއްވެސް ބާވަތެއްގެ ޓެކްސެއް ފަންޑުގެ އޮބްލިގޭށަނުން ނުވަތަ ފަންޑުން ދޫކުރާ ސެކިއުރިޓީން އޭގެ ބައިބައިންނާއި އިންޓަރެސްޓް ހިމެނޭގޮތުންވެސް ނުނެގޭނެ އެވެ.

  1. އެއީ ހަމައެކަނި އޭގެ އަސްލު އެއީ ސަބަބެއް ކަމުގައި ބަލއިގެންނެވެ. އެފަދަ އޮބްލިގޭށަނަށް ފަރަގު އަންނާނޭ ގޮތުންނެވެ.
  2. އެފަދަ ށަރުއީ ޓެކްސް ނެގުމުގެ ކަންތައްތަކެއް ފެށިވިގެން އަންނަނީ ދޫކުރެވޭ ތަނުގެ ނުވަތަ ފައިސާއާ ގުޅިގެން ކަމަށްވިޔަސް ނުވަތަ ފަންޑުގެ ފަރާތުން އެއްވެސް އޮފީހެއް ގާއިމް ކުރެވިފައިވާ ދާއިރާގެ ނުވަަތަ ވިޔަފާރި ކުރާ ތާނގެ ގޮތުން ނަމަވެސް ހަމަ މިފަދައެވެ.

 

އާޓިކަލް XXVII (ބީ)

"(ބީ) މި އެގްރީމަންޓްގެ 9 ވަނަ މާއްދާގައިވާ އިމްތިޔާޒްތަކާއި އިސްތިސްނާ ތަކުގެ އިތުރަށް ސްޕެށަލް ޑްރޮއިންގ ރައިޓްސުން، ސްޕެށަލް ޑްރޮއިންގ ރައިޓްސްގެ ހިންގުމާއި އަމަލާއި ޑްރޯކުރުމުގެ ހާއްސަ ހައްގާ ބެހޭގޮތުން އެއްވެސް ބާވަތެއްގެ ޓެކްސެއް ނުނެގޭނެއެވެ."

 

 ށެޑިއުލް ބީ

 އިންޓަރނޭށަނަލް ބޭންކް ފޮރ ރީކޮންސްޓްރަކްށަން އެންޑް ޑިވެލޮޕްމަންޓްގެ އެގްރީމަންޓްގެ އާޓިކަލް ތަކުގައިވާ، ތިރީގައި ބާޔާން ވެގެންވާ ކަންތައްތަކަކީ، ދިވެހިރާއްޖޭގައި ގާނޫނުގެ ބާރު ލިބިގެންވާ ކަންކަމެވެ.

 

 އާޓިކަލް VII ، ސެކްށަން 2 އިން 9 ގެ ނިޔަަލަށް       

ސެކްށަން 2 . ބޭންކްގެ ދަރަޖަ

ބޭންކަށް ފުރަތަމަ ގާނޫނީ މަގާމު ލިބިގެންވެއެވެ. އަދި ވަކީން ހާއްސަކޮށް،

  1. ކޮންޓްރެކްޓް ކުރުމަށް
  2. އެއްތަނުން އަނެއްތަނަށް ނުގެންދެވޭ މުދަލާއި، ގެންދެވޭ މުދާ ލިބިގަތުމާއި، އެފަދަ ތަކެތި ދޫކޮށްލުމަށް
  3. ގާނޫނީ މައްސަަލަތައް އުފުލުމަށް؛ ބާރު ލިބިގެންވެއެވެ.

 

ސެކްށަން 3. ށަރުއީގޮތުން ހިނގާ ކަންކަމާ ގުޅޭގޮތުން ބޭންކްގެ މަގާމު:

މެންބަރު ގައުމެއްގެ ސަރަހައްދުގެ ތެރޭގައި، ބޭންކާ އިދިކޮޅަށް ށަރީއަތެއް ހިންގޭނީ، ހަމައެކަނި އެ ސަރަހައްދުގެ ތެރޭގައި ބޭންކްގެ އޮފީހެއްހުރި، ނުވަތަ ހިދުމަތް ލިބިގަތުމަށްޓަކައި، ނޫނީ ހިންގުމުގެ ގޮތުން ނޯޓިސް ގަބޫލު ކުރުމަށްޓަކައި ބޭންކްގެ ފަރާތުން އޭޖެންޓަކު އައްޔަން ކޮށްފައިވާ، ނުވަތަ ސެކިއުރިޓީ ދޫކޮށްފައި، ނުވަތަ ދޫކުރާނޭ ކަމުގެ ގަރަންޓީ ދީފައިވާ މެންބަރު ގައުމެއްގައެވެ. ނަމަވެސް، މެންބަރެއްގެ ފަރާތުން، ނުވަތަ މެންބަރެއްގެ ބަދަލުގައި ، އަމަލުކުރާ މީހެއްގެ ފަރާތުން އެއްވެސް މައްސަލައެއް ނުއުފުލޭނެއެވެ. ކޮންމެ ތަނެއްގައި ހުރިނަމަވެސް، އަދި ކޮންމެ މީހެއްގެ ބެލުމުގެ ދަށުގައި ވީނަމަވެސް، ބޭންކާ ދެކޮޅަށް އެންމެފަހު ނިޔާ ކަނޑައެޅުމުގެ ކުރީގައި، ބޭންކްގެ މިލްކެއް ކަމުގައިވާ، ނުވަތަ ބޭންކަށް ފައިދާއެއްގެ ގޮތުގައި ލިބެންހުރި ހުރިހާ އެއްޗެއްމެވާނީ، ހުރިހާ ބާވަތެއްގެ އަތުލައިގަތުމުން، ނުވަތަ އެހެން އެއްޗަކާ އެއްކުރުމުން، ނުވަތަ ދަރަނިވެރިއެއްގެ ދަރަނި އަތުލާގޮތަށް އަމަލު ކުރުމުން ހިމާޔަތްތެރި ކުރެވިގެންނެވެ.

 

ސެކްށަން 4. މިލްކިއްޔަތު އަތުލައިގަތުމުން ހިމާޔަތްތެރި ކުރުން:

ކޮންމެ ތަނެއްގައި ހުރިނަމަވެސް، އަދި ކޮންމެ މީހެއްގެ ބެލުމުގެ ދަށުގައި ވީނަމަވެސް ބޭންކްގެ މިލްކެއްކަމުގައިވާ އެއްވެސް އެއްޗެއް ނުވަަތަ ބޭންކަށް ފައިދާއެއްގެ ގޮތުގައި ލިބެންހުރި ހުރިހާ އެއްޗެއްމެ ވާނީ، ތަހްގީގު ކުރުމުގެ ގޮތުން ބެލުމުންނާއި ބަދަލު ދީފައި ނަމަވެސް އަތުލުމުން، ބަދަލު ނުދެވޭގޮތަށް ހަޒާނާއަށް ހިފުމުންނާއި ގަދަކަމުން އަތުލުމުން، ނުވަތަ މިނޫންވެސް ހިންގުމުގެ ނޫނީ ގާނޫނީ ފިޔަވަޅަކުން އަތުލައިގަތުމުން ހިމާޔަތްތެރި ކުރެވިގެންނެވެ.

 

ސެކްށަން 5. މުހިންމު ލިޔުންތައް ހިމާޔަތްތެރި ކުރުން:

ބޭންކްގެ މުހިންމު ލިޔުންތައް ވާނީ، ހިމާޔަތްތެރި ކުރެވިގެންނެވެ.

 

ސެކްށަން 6. މިލްކިއްޔަތަށް އެކިއެކި ހިފެހެްޓުމުން މިނިވަންކަން ލިބިގެންވުން.

މި އެގްރީމަންޓްގައި ކަނޑައެޅިފައިވާ ކަންތައްތައް ހިންގުމަށް ބޭނުންވާ ވަރަށް، އަދި މި އެގްރީމަންޓްގައިވާ ގޮތްތަކުގައިވާ ގޮތްތަކުގެ މަތީން، ބޭންކްގެ ހުރިހާ މިލްކިއްޔަތަކަސްމެ ވަނީ، ހުރިހާ ބާވަތެއްގެ ހިފެހެއްޓުމުންނާއި ގަވާއިދުތަކުން، ކޮންޓްރޯލް ތަކުންނާއި އަގުދިނުން ލަސްކުރުންފަދަ ކަންތައްތަކުން މިނިވަންކަން ލިބިގެންނެވެ.

 

ސެކްށަން 7. ގުޅުމާބެހޭ އިމްތިޔާޒްތައް:

ކޮންމެ މެންބަރަކުމެ އަނެއް މެންބަރެއްގެ ރަސްމީ ގުޅުންތަކާ ބެހޭގޮތުން ބޭނުންޖެހޭ ކަންކަމަށްދޭ އިމްތިޔާޒްތަކެއް ބޭންކްގެ އެފަދަ ރަސްމީ ގުޅުންތަކަށް ބޭނުންޖެހޭ ކަންކަމުގައިވެސް ދޭންވާނެއެވެ.

 

ސެކްށަން 8. ބޭންކްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ހިމާޔަތްެތެރިކަން ދެވޭ ކަންތަކާއި ދެވޭ އިމްތިޔާޒްތައް:

ބޭންކްގެ ހުރިހާ ގަވަރނަރުން، އެގްޒެކެޓިވް ޑިރެކްޓަރުން، އޯލްޓަރނޭޓުން، އޮފިސަރުން، އަދި މުވައްޒަފުންނަށް:

  1. ބޭންކުން އެ ހިމާޔަތް އަނބުރާ ގެނެސްފި ހިނދެއްގައި މެނުވީ، އެމީހުންގެ ރަސްމީ ހައިސިއްޔަތުން ކުރާ އަމަލުތަކާ ގުޅިގެން އެޅޭ ގާނޫނީ ފިޔަވަޅުތަކުން ހިމާޔަތް ލިބިގެން ވެއެވެ.
  2. އެމީހުންނަކީ ތަނުގެ ރައްޔިތުން ކަމުގައި ނުވާތީ، މެންބަރުން އެހެން މެންބަރުންގެ އެފެންވަރުގެ ވަކީލުން. އޮފިށަލުން އަދި މުވައްޒަފުންނަށް އިމިގްރޭށަނާބެހޭ ގަވާއިދުތަކާއި، ބޭރުމީހުން ރެޖިސްޓަރ ކުރުމަށް ހުންނަ ގަވާއިދުތަކުން، ގައުމީ ހިދުމަތް އަދާ ކުރުމަށް ހުންނަ ގަވާއިދުތަކާއި، މިފަދަ ކަންތަކުން ހިމާޔަތް ކޮށްދިނުމާއި އަދި އެކްސްޗޭންޖާބެހޭ ކަންތަކުގައި ދެވޭ އިމްތިޔާޒްތަކަށް އަމަލުކުރާ އުސޫލަކާ އެއްގޮތަށް އަމަލު ކުރެވެނެއެވެ.
  3. މެންބަރުން އެހެން މެންބަރުންގެ އެފެންވަރުގެ ވަކީލުން، އޮފިށަލުން އަދި މުވައްޒަފުންނަށް، އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމުގައިދޭ އިނާޔަތް ދެވޭނެއެވެ.

 

ސެކްށަން 9. ޓެކްސް ނެގުމުން އިސްތިސްނާ ކުރުން:

(އޭ) ބޭންކާއި ބޭންކްގެ މިލްކިއްޔަތު، އާމްދަނީ އަދި މި އެގްރީނަމްޓުން ހުއްދަކުރާ ހަަރަކާތްތަކާއި ވިޔަފާރިތަކުން ޓެކްސް ނެގުމާއި، ކަސްޓަމްސްގެ ޑިއުޓީތަކުން އިސްތިސްނާ ކުރެވިގެން ވެއެެވެ. އަދި އެއްވެސް ބާވަތެއްގެ ޓެކްސެއް ނުވަތަ ޑިއުޓީއެއް ނެގުމުން ނުވަތަ ދިނުމުންވެސް ބޭންކް އިސްތިސްނާ ކުރެވިގެން ވެއެެވެ.

(ބީ) ތަނުގެ ރައްޔިތަކު، ވަޒަންވެރިއަކު ނުވަތަ އެހެންވެސް ގޮތަކުން ރަށުގެ މީހަކު ކަމުގައިނުވާ، ބޭންކްގެ އެގްޒެކެޓިވް ޑިރެކްޓަރުން، އޯލްޓަރނޭޓުން، އޮފިށަލުން ނުވަތަ މުވައްޒަފުންނަށް ބޭންކްގެ ފަރާތުން ދޭ މުސާރައާއި އެހެނިހެން ފައިސާއިން އެއްވެސް ޓެކްސެއް ނުނެގޭނެއެވެ.

(ސީ) ކޮންމެ މީހެއްގެ ބެލުމުގެ ދަށުގައި ވީނަަމަވެސް، ބޭންކްއާއެކު އެއްބަސް ވެފައިވާ އެއްބަސްވުމަކުން ނުވަތަ ބޭންކުން ދޫކޮށްފައިވާ ސެކިއުރިޓީއަކުން: (އެފަދަ އެއްޗަކަށް ހިއްސާކުރާ މީހަކަށް ލިބޭ ބައެއް ނުވަތަ ފައިދާއަށް ލިބޭ އެއްޗެއްވެސް މީގައި ހިމެނެއެވެ.)

  1. ހަމައެކަނި އެއްބަސްވުން ނުވަތަ ސެކިއުރިޓީއަކީ ބޭންކާއި ގުޅޭ އެއްޗަކަށްވުމުން ކަމަށް ވާތީނަމަ؛ ނުވަތަ
  2. އެޓެކްސެއް ނެގުމުގައި ބެލެވޭ ހިންގުމާބެހޭ އުސޫލަކީ، ހަމައެކަނި އެއްޗެއް ދޫކުރިތަން، ނުވަތަ ދޫކުރެވުނު، އަދާކުރަންވީ ނުވަތަ އަދާކުރެވުނު ފައިސާގެ ގޮތުން ކަމުގައިވާނަމަ ނުވަތަ ބޭންކްގެ އޮފީހެއް ނުވަތަ މަސައްކަތް ހިންގާ މަރްކަޒެއް ހުރިތަނެއްގެ ސަބަބުން ކަމުގައިވާނަމަ، އެއްވެސް ބާވަތެއްގެ އެއްވެސް ޓެކްސެއް ނެގިގެން ނުވާނެއެވެ.

(ޑީ) ކޮންމެ މީހެއްގެ ބެލުމުގެ ދަށުގައި ވީނަމަވެސް، ބޭންކާއެކު އެއްބަސްވުމަށް ނުވަތަ ބޭންކުން ދޫކުރާނެ ކަމުގެ ގަރަންޓީ ދީފައިވާ ސެކިއުރިޓީއަކުން: ( އެފަދަ އެއްޗަކަށް ހިއްސާ ކުރާ މީހަކަށް ލިބޭ ބައެއް ނުވަތަ އެއިން ފައިދާއަށް ލިބޭ އެއްޗެއްވެސް މީގައި ހިމެނެއެވެ.)

  1. ހަމައެކަނި އެއްބަސްވުން ނުވަތަ ސެކިއުރިޓީއަށް ގަރަންޓީ ދިނީ ބޭންކުން ކަމަށް ވުމުން ކަމަށްވާތިނަމަ؛ ނުވަތަ
  2. އެޓެކްސެއް ނެގުމުގައި ބެލެވޭ ހިންގުމާބެހޭ އުސޫލަކީ، ހަމައެކަނި ބޭންކުގެ އޮފީހެއް، ނުވަތަ މަސައްކަތް ހިންގާ މަރްކަޒެއް ހުރިތަނުގެ ސަަބަބުން ކަމުގައިވާނަމަ، އެެއްވެސް ބާވަތެއްެގެ އެއްވެސް ޓެކްސެއް ނެގިގެން ނުވާނެއެވެ.

 

ށެޑިއުލް ސީ

އިންޓަރނޭށަނަލް ޑިވެލޮޕްމަންޓް އެސޯސިއޭށަންގެ އާޓިކަލް އޮފް އެގްރީމަންޓްގެ ތިރީގައި މިވާ މާއްދާތަކަަށް މިވާ މާއްދާތަކަށް ރިޕަބްލިކް އޮފް މޯލްޑިވްސްގައި ގާނޫނުގެ ބާރު ލިބިފައި އޮންނަން ވާނެއެވެ.

 

އާޓިކަލް VIII، ސެކްށަން 2 އިން 9 ގެ ނިޔަލަށް        

ސެކްށަން 2. އެސޯސިއޭށަންގެ ދަަރަޖަ

އެސޯސިއޭށަނަށް ފުރިހަމަ ގާނޫނީ ށަހްށިއްޔަތު ލިބިފައި އޮންނަން ވާނެއެވެ. އަދި ހާއްސަކޮށް ތިރީގައި މިވާ ކަންތައްތައް ކުރުމުގެ ބާރު ލިބިފައި އޮންނާން ވާނެއެވެ.

  1. ކޮންޓްރެކްޓް ކުރުން
  2. އުފުލާ ނުގެންގުޅެވޭ މުދަލާއި ގެންގުޅެވޭ މުދާ ލިބިގަތުމާއި ބޭރަށް ދޫކޮށް ހެދުން؛
  3. ގާނޫނާ ށަރީއަތްތައް ހަމަޖައްސައި އިންތިޒާމްކުރުން

 

ސެކްށަން 3. ށަރްއީ ގޮތުން ލިޔުމުން އަންގަންޖެހޭ އަމުރާ ބެހޭގޮތުން އެސޯސިއޭށަންގެ މަގާމު:

އެސޯސިއޭށަނާ ދެކޮޅަށް ފިޔަވަޅު އެޅޭނީ، އެ ސަރަހައްދެއްގައި އެސޯސިއޭށަންގެ އޮފީހެއް ހުންނަ، ނުވަތަ އެ ސަރަހައްދެއްގައި އެސޯސިއޭށަންގެ ފަރާތުން ހިދްމަތް ނުވަތަ ށަރީއަތަށް މައްސަލަ ހުށަހެޅުމުގެ ލިޔުމާބެހޭ އެންގުން ގަބޫލުކުރުމުގެ މަގްސަދުގައި ބަހައްޓާފައިވާ އޭޖެންޓެއް ހުންނަ، ނުވަތަ އެ ސަރަހައްދެއްގައި އެސޯސިއޭށަންގެ ފަރާތުން ދަރަނި ނުވަަތަ މުދަލުގެ ވެރިކަން ސާބިތުކޮށްދޭ ސެޓްފިކެޓް ދޫކޮށްފައިވާ ނުވަތަ ގަރަންޓީކޮށްފައިވާ، މެންބަރެއްގެ ސަރަހައްދުގެ ތެރޭގައިހުރި ށަރީއަތް ހިންގުމުގެ ކުޅަދާނަކަން ލިބިފައިވާ ކޯޓެއްގައި، ހަމައެކަންޏެވެ. ނަމަވެސް މެންބަރުންގެ ފަރާތުން އެސޯސިއޭށަނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ. އަދި މެންބަރުންގެ ބަދަލުގައި ތިބޭ މީހުންނާއި މެންބަރުންގެ ކިބައިން ހައްގުތައް ލިބިގަންނަ ފަރާތުންވެސް އެފަދަ ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ. އެސޯސިއޭށަންގެ މުދަލާއި ފައިދާތައް ކޮންމެ ތަނެއްގައި ހުރިކަމުގައިވިޔަސް އަދި ކޮންމެ މީހެއްގެ އަތުގައި ހުރިކަމުގައި ވިޔަސް ހުންނަންވާނީ، އެސޯސިއޭށަންގެ މައްޗަށް އެންމެ ފަހުން ނިޔާކަނޑައެޅެންދެން، ހުރިހާ ބާވަތެއްގެ އަތުލައިގަތުންތަކާއި، ށަރީއަތުން ލިބިގަތުމާއި، ގާނޫނީ ކޯޓެއްގައި ކަނޑައެޅޭ ނިޔާއަކީ އެއްގޮތަކަށް އަަމަލު ކުރުމުގެ ބާރުން އެއްކިބާވެ ބަރީއަވެފައެވެ.

 

ސެކްށަން 4. ފައިދާތައް ވަކި ފަރާތަކަށް އަތުލައިގަތުމުން ބަރީއަވެފައި އޮތުން؛

އެސޯސިއޭށަންގެ މުދަލާއި ފައިދާތައް ކޮންމެ ތަނެއްގައި ހުރި ކަމުގައި ވިޔަސް އަދި ކޮންމެ މީހެއްގެ އަތުގައި ހުރިކަމުގައިވިޔަސް ހުންނަންވާނީ ހިންގުމުގެ ނުވަތަ ގާނޫނާބެހޭ ފިޔަވަޅެއްގެ ސަބަބުން އެހެން ފަރާތަކުން ހޯދައި ބެލުމާއި، ބޭނުންކުރުމާއި، އަގުނުދީ ހިފުމާއި، އޭގެ ވެރިފަރާތް ބަދަލު ކުރުމާއި، އަދި މިނޫންވެސް އެހެނިހެން ސިފައިގެ އަތުލައިގަތުންތަކުން ބަރީއަ ވެގެންވެއެވެ.

 

ސެކްށަން 5. ރަސްމީ ލިޔުނަތަކުގެ އިމްތިޔާޒް

އެސޯސިއޭށަންގެ ރަސްމީ ލިޔުންތައް ހުންނަންވާނީ އެއަށް ގެއްލުން ނުދެވޭފަދަ ގޮތުގައެވެ.

 

ސެކްށަން 6. ފައިދާތައް ވަކި ހައްދެއްގައި ނެތުމުގެ މިނިވަންކަން

މިއެގްރީމަންޓުގައި ކަނޑއެޅިފައިވާ އުސޫލުތަކުގެ މަތިން އަމަލުތައް ހިންގަމުން ގެންދިއުމަށް ބޭނުންވާ މިންވަރަށް އަދި މި އެގްރީމަންޓްގެ މާއްދާތަކާއި އެއްގޮތްވާ ގޮތުގެމަތިން، އެސޯސިއޭށަންގެ ހުރިހާ މުދަލާއި ފައިދާތައް ހުންނަންވާނީ ހުރިހާ ހައްދުތަކާއި ގަވާއިދުތަކާއި ކޮންޓްރޯލްތަކާއި އަދި މިނޫންވެސް ހުރިހާ ބާވަތެއްގެ މަޖްބޫރު ކުރުންތަކަކުން އެއްކިބާވެ މިނިވަން ވެފައެވެ.

 

ސެކްށަން 7. އެންގުންތަކާއި ސިޓީތަކަށް ލިބިފައި އޮންނަންވީ ހައްގުތައް:

ކޮންމެ މެންބަރަަކުވެސް އެސޯސިއޭށަންގެ ރަސްމީ އެންގުންތަކާއި ސިޓީތަކާމެދު އަމަލު ކުރާންވާނީ އެ މެންބަރަކު އެހެން މެންބަރުންގެ އެފަދަ ރަސްމީ ލިޔުންތަކާމެދު އަމަލު ކުރާގޮތާ މުޅީން އެއްގޮތަށެވެ.

 

ސެކްށަން 8. އޮފިސަރުންނާއި އޭގެ ދަށުގެ މުވައްޒަފުންގެ އިމްތިޔާޒްތަކާއި ހައްގުތައް:

އެސޯސިއޭށަންގެ ހުރިހާ ގަވަރނަރުންނާއި، ހިންގާ ޑިރެކްޓަރުންނާއި، އޯލްޓަރނޭޓުންނާއި، އޮފިސަރުންނާއި އޭގެ ދަށުގެ މުވައްޒަފުން:

  1. ތިބޭނީ އެމީހުންގެ ރަސްމީ މަގާމުގެ ގޮތުން އެމީހުން ކުރަމުން ގެންދާ އަމަލުތަކާ ބެހިގެން އެމީހުންގެ މައްޗަށް ގާނޫނީ ހުކުމް ހިންގުމުން ބަރީއަ ވެގެންވެއެވެ. އެއީ އެމީހުންނަށް ލިބިފައި މިވާ އިމްތިޔާޒް އެސޯސިއޭށަނުން ދޫކޮށްލައިފުމަށް ދާންދެނެވެ.
  2. އެއީ ރަށެއްގެ ވަޒަންވެރީން ކަމަށް ނުވާނަމަ، އެމީހުންނަށް ވާނީ އެހެން މެންބަރުންގެ އެމީހުންނާ އެއްދަރަޖައިގެ ރެޕްރެޒެންޓެޓިވުންނާއި، އޮފިށަލުންނާއި އޭގެ ދަށުގެ މުވައްޒަފުންނަށް މެންބަރުންގެ ފަރާތުން ދޫކުރާ އިމްތިޔާޒްތަކާއި، ހަމަަހަމަ އިމްތިޔާޒްތަކެއް، އިމިގްރޭށަންގެ ހައްދުތަކާއި ބޭރު މީހުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދުތަކާއި އަދި ނޭށަނަލް ސާރވިސް އަދާކުރުމަށް އޮންނަ މަޖްބޫރު ކުރުމާ ގުޅޭގޮތުން، ދޫކުރާށެވެ. އަދި އެކްސްޗޭންޖްގެ ހައްދުތަކާ ގުޅޭގޮތުން އެހެން މީހުންނަށް ދޭ ތަނަވަސްކަމާ ހަމަ އެއްފަދަ ތަނަވަސް ކަމެއްވެސް އެމީހުންނަށް ދޭންވާނެއެވެ.
  3. ނަށްވާނީ، އެހެން މެންބަރުންގެ އެމީހުންނާ އެއް ދަރަޖައިގެ ރެޕްރެޒެންޓެޓިވުންނާއި އޮފިށަލުންނާއި އޭގެ ދަށުގެ މުވައްޒަފުންނަށް މެންބަރުންގެ ފަރާތުން ދަތުރު ކުރުމުގެ ތަނަވަސްކަމާ ބެހިގެން ކަންތައް ބަހައްޓާގޮތާ މުޅީން އެއްގޮތަށް ކަންތައް ބަހައްޓާށެވެ.

 

ސެކްށަން 9. ޓެކްސްތަކުން ބަރީއަވެފައި އޮތުން:

(އޭ) އެސޯސިއޭށަނާއި، އޭގެ ފައިދާތަކާއި، މުދަލާއި، އާމްދަނީއާއި، މި އެގްރީމަންޓުން ބާރު ލިބިގެން ހިންގޭ ހިންގުންތަކާއި، ކުރެވޭ ވިޔަފާރިތައް ހުންނަންވާނީ ހުރިހާ ޓެކްސްތަކާއި، ހުރިހާ ކަސްޓަމްސް ޑިއުޓީތަކުން ބަރީއަ ވެފައެވެ. އަދި އެސޯސިއޭށަން އޮންނަންވާނީ އެއްވެސް ބާވަތެއްގެ ޓެކްސެއް ނުވަތަ ޑިއުޓީއެއް އެއްވެސް ފަރާތަކުން އަތުލުމުން ނުވަތަ އެއްވެސް ފަރާތަކަށް ދިނުމުންވެސް ބަރީއަވެފައެވެ.

(ބީ) އެމީހުންނަކީ އެރަށެއްގެ ރަށްވެހީން، އެރަށެއްގެ ރައްޔިތުން ނުވަތަ އެނޫންވެސް އެ ގައުމެއްގެ މީހުންކަމަށް ނުވާ، އެސޯސިއޭށަންގެ ހިންގާ ޑިރެކްޓަރުންނާއި، އޯލްޓަނޭޓުންނާއި، އޮފިށަލުންނާއި، އޭގެދަށުގެ މުވައްޒަފުންނަމަ އެމީހުންނަށް ދޭ މުސާރައިން ނުވަތަ ފީތަކުން ނުވަތަ އެއާބެހޭގޮތުން އެއްވެސް ޓެކްސެއް ނުނެގޭނެއެވެ.

(ސީ) އެސޯސިއޭށަންގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް މަޖްބޫރުކުރުމެއް ނުވަތަ ހިމާޔަތް ކުރުމުގެ ހުށަހެޅުމެއްގެ މައްޗަށް (އޭގެތެރޭގައި އެއާ ބެހޭ ހުރިހާ ޑިވިޑަންޑަކާއި އިންޓަރެސްޓެއް ހިމެނޭގޮތުން) ކޮންމެ މީހަކަށް އެ ލިބިފައި އޮތް ކަމުގައިވިޔަސް، އެއްވެސް ބާވަތެއްގެ ޓެްކްސެއް އެއަކުން ނުނެގޭނެއެވެ.

  1. އެފަދަ  މަޖްބޫރު ކުރުމެއް ނުވަތަ ހިމާޔަތެއް ކުރުމުގެ ހުށަހެޅުމެއް ފާހަގަ ކޮށްލެވޭ ސަބަބަކީ ހަމައެކަނި އެސޯސިއޭށަންގެ ފަރާތުން ހުށަހެޅި ހުށަހެޅުމެއް ކަމަށވާތީ ކަމަށް ވާނަމައެވެ. ނުވަތަ
  2. އެފަދަ ޓެކްސް ނެގުމެއް ހަމައެކަނި ގާނޫނީ ށަރްތުތަކީ، އެކަން ހުށަހަޅާފައިވާ ނުވަތަ ފައިސާ ދޭގޮތަށް ހަމަޖައްސާފައިވާ ނުވަތަ ފައިސާ ދިންތަނެއްގެ ނުވަތަ ފައިސާގެ ބާވަތަކުންނެވެ. ނުވަތަ އެސޯސިއޭށަންގެ ފަރާތުން ބަލަހައްޓާ އޮފީހެއް ނުވަތަ ވިޔަފާރީގެ މަރްކަޒެއް ހުރިތަނަކަށް ވާނަމައެވެ.

(ޑީ) އެސޯސިއޭށަންގެ ފަރާތުން ގަރަންޓީ ކޮށްފައިވާ އެއްވެސް މަޖްބޫރު ކުރުމެއް ނުވަތަ ހިމާޔަތް ކުރުމުގެ ހުށަހެޅުމެއްގެ މައްޗަށް (އޭގެ ތެރޭގައި އެއާބެހޭ ހުރިހާ ޑިވިޑަންޑަކާއި އިންޓަރެސްޓެއް ހިމެނޭގޮތުން) ކޮންމެ މީހަކަށް އެލިބިފައި އޮތް ކަމުގައިވިޔަސް އެއްވެސް ބާވަތެއްގެ ޓެކްސެއް އެއަކުން ނުނެގޭނެއެވެ.

  1. ޓެކްސް ނެގުމަށް އެފަދަ މަޖްބޫރު ކުރުމެއް ނުވަތަ ހިމާޔަތް ކުރުމުގެ ހުށަހެޅުމެއް ފާހަގަ ކޮށްލެވޭ ސަބަބަކީ ހަމައެކަނި އެސޯސިއޭށަންެގެ ފަރާތުން ބަލަހައްޓާ އޮފީހެއް ނުވަތަ ވިޔަފާރީގެ މަރުކަޒެއް ހުރިތަން ކަމަށް ވާނަމައެވެ. ނުވަތަ
  2. އެފަދަ ޓެކްްސް ނެގުމެއް ހަމައެކަނި ގާނޫނީ ށަރްތަކީ އެސޯސިއޭށަންގެ ފަރާތުން ބަލަހައްޓާ އޮފީހެއް ނުވަތަ ވިޔަފާރީގެ މަރުކަޒެއް ހުރިތަން ކަމަށްވާނަމައެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު