-

7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގާނޫނު

(ގާނޫނު ނަންބަރު 05-1978)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 29/2014 އިން އުވާލެވިފައި)

1 ވަނަ މާއްދާ

(ހ) ށަރީއަތުންކުރާ ހުކުމެއް ތަންފީޒުކުރުން ނޫންގޮތެއްގައި، ގާނޫނު ނަންބަރު 04-1968ޖ. (އާއްމު ގާނޫނު ތަކެއް) ގެ 6 ވަނަ މާއްދާގެ ދަށުން، އެމާއްދާގައި ނަންގަނެވިގެންވާ، މިނިސްޓްރީ އޮފް ޑިފެސް އެންޑް ނޭށަނަލް ސެކިއުރިޓީންނާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ހައުސިންގ އިންނާއި، މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭށަނުން މީހަކު ހަތް ދުވަހަށްވުރެ ދިގުމުއްދަތަކަށް ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބަހައްޓަންވާނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ތިން މީހެއްގެ މަށްޗަށް އެކުލެވޭ ކޮމިޓީއަކަށް ހުށަހަޅައި އެކޮމިޓީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. މިގޮތުން ހޯދާ ހުއްދައިގެ މަތިން މީހަކު ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓޭނީ ފަނަރަ ދުވަސް ވަންދެންނެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ކޮމިޓީގެ ކޮންމެ މެންބަރަކީ، މިފަދަކަމެއް ބެލޭފަދަ ލަޔާގަތާއި ގާބިލިއްޔަތުހުރި މީހަކު ކަމުގައި ވާންވާނެއެވެ.

 

2 ވަނަ މާއްދާ

މިގާނޫނުގެ 1 ވަނަ މާއްދާގައި ބުނެފައިވާ ކޮމިޓީން ހުއްދަދީފައިވާ މުއްދަތަށްވުރެ ދިގުމުއްދަތަކަށް މީހަކު ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓޭނީ އެމީހަކު ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެށްޓުމުގެ މައްސަލަ، އެފަދަ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގާޒީއަކަށް ހުށަހަޅައި، އެގާޒީ ނިންމާ ނިންމުމެއްގެ މައްޗަށެވެ. މިގޮތުން މީހަކު ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓޭނީ ތިރީސް ދުވަސް ވަންދެންނެވެ.

 

3 ވަނަ މާއްދާ

ދިވެހިރާއްޖޭގެ ވެރިކަމުގެ އާރާއިބާރު ނަގާލުމަށް މަސައްކަތްކުރުން، ގާނޫނުގައި ކަނޑައެޅިފައިވާގޮތާއި ހިލާފަށް މަސްތުވާތަކެތި ވިއްކުމާއި ގެންގުޅުމާއި ބޭނުންކުރުން، ވައްކަން، ޓެކުން، ފޭރުން، ހިޔާނާތް، އަދި މާރާމާރީ، މިއިން ކުށެއް ކޮށްފިކަމުގެ ތުހުމަތުގައި ބަންދުކުރެވޭ ނުވަތަ ހައްޔަރުކުރެވޭ މީހަކު ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެށްޓުމަށް މިގާނޫނުގެ 1 ވަނަ މާއްދާގައި ބުނެފައިވާ ކޮމިޓީން ދީފައިވާ މުއްދަތު ހަމަވާއިރު އެމީހެއްގެ މައްޗަށް ކުރެވޭ ތަހްގީގު ނުނިމޭނަމަ، އެމީހަކު ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މައްސަލަ މިގާނޫނުގެ 2 ވަނަ މާއްދާގައި ބުނެފައިވާ ގާޒީއަށް ހުށަހަޅައި، ގާޒީ ނިންމާގޮތެއްގެ މަތިން، ގާޒީ ކަނޑައަޅާ މުއްދަތަކަށް އެމީހަކު ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓިދާނެއެވެ. އެ މުއްދަތު ހަމަވާއިރުވެސް އެމައްސަލައެއްގެ ތަހްގީގު ނުނިމޭނަމަ އެމީހަކު ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބަހައްޓާ މުއްދަތު އިތުރުކުރެވޭނީ އެމީހަކު ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މައްސަލަ ގާޒީއަށް ހުށަހެޅުމުން، ގާޒީ ދޭ ހުއްދައެއްގެ މައްޗަށެވެ.

 

4 ވަނަ މާއްދާ

މިގާނޫނުގެ 1 ވަނަ މާއްދާއާއި، 2 ވަނަ މާއްދާއާއި، 3 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ ނުވަތަ ހައްޔަރު ކުރެވޭ މީހަކު، އެމީހެއްގެ މައްޗަށް ކުރެވޭ ތަހްގީގު ނިމުމަށްފަހުގައިވެސް، އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ބާވަތަށާއި އެމީހެއްގެ ކިބައިން މުޖުތަމައަށް މެދުވެރިވެދާނެ ނުރައްކަލަކަށް ރިއާޔަތްކޮށް ނުވަތަ އެމީހަކު ފިލާފާނެކަމަށް ފެންނަނަމަ، ށަރީއަތުން އެމީހެއްގެ މައްޗަށް ހުކުމެއް ކުރަންދެން ގާޒީގެ ހުއްދައާއެކު އެމީހަކު ބަންދުކޮށްފައި ނުވަތަ ހައްޔަރު ކޮށްފައި ބެހެއްޓިދާނެއެވެ.

 

5 ވަނަ މާއްދާ

އަމިއްލަ ފަރާތްތަކުގެ ދަރަންޏާއި ފައިސާގެ މައްސަލަތަކުގައި ތެރެއިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން މީހަކު ބަންދު ކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމަށް ފެނިއްޖެނަމަ، އެމީހަކު ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓިއަށް ލިބިގެންވެއެވެ. މިގޮތުންބަންދު ކުރެވޭ މީހަކު ހަތް ދުވަހަށްވުރެ ދިގުމުއްދަތަކަށް ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައިބެހެއްޓޭނީ މި ގާނޫނުގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިންނެވެ.

 

6 ވަނަ މާއްދާ

މިގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

7 ވަނަ އިސްލާހު

 

އުވި ގާނޫނު

7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގާނޫނު (ގާނޫނު ނަންބަރު 05-1978) އުވާލުމުގެ ގާނޫނު (ގާނޫނު ނަންބަރު 29-2014)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު