-

ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށްވުމާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 46-1978) 

1 ވަނަ މާއްދާ

ކޮންމެ ދިވެހިރައްޔިތަކީ ދިވެހިރާއްޖޭގައި މީހުންއުޅޭ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ މީހެއް ކަމުގައި ވާންވާނެއެވެ.

 

2 ވަނަ މާއްދާ

(ހ) މިގާނޫނު ފާސްވާއިރު މިގާނޫނުގެ 1 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ މީހުންއުޅޭ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިނެތް ކޮންމެ ދިވެހިރައްޔިތަކު މިގާނޫނުގައިވާ އުސޫލުތަކުގެ މަތިން، ގާނޫނު ފާސްވާތާ އެއްއަހަރު ދުވަހުގެތެރޭގައި ރަޖިސްޓަރީކޮށް ނިންމަންވާނެއެވެ.

(ށ) މިގާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓަރީ ކޮށްދެވޭ މީލާދީގޮތުން 16 އަހަރު ފުރިފައިވާ މީހުން ރަޖިސްޓަރީ ކޮށްދޭނީ، އެމީހަކު ދިރިއުޅުމުގެ ގޮތުން މެދުކެނޑުމެއްނެތި 5 އަހަރުދުވަހު އުޅެފައިވާ ރަށެއްގައެވެ. އެއްރަށެއްގައި 5 އަހަރު ހޭދަކޮށްފައި ނުވާނަމަ، އެމީހެއްގެ ބައްޕަ ނުވަތަ މަންމަ ރަޖިސްޓަރީ ކުރެވިފައިވާ ރަށެއްގައެވެ.

މިގޮތުން ރަޖިސްޓަރީ ކޮށްދެވޭ މީލާދީގޮތުން 16 އަހަރު ނުފުރޭ ކުދިން ރަޖިސްޓަރީކޮށްދޭނީ، އެކުއްޖެއްގެ ބަލަދުވެރިޔާ އެދޭ، އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ރަށްވެހިވެފައިވާ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައެވެ.

 

3 ވަނަ މާއްދާ

ގާނޫނީގޮތުން ދިވެހިރައްޔިތެއްގެ ހައްގު ލިބިފައިވާ ކޮންމެ ކުއްޖަކު އުފަންވާތާ 90 ދުވަހުގެ ތެރޭގައި އެކުއްޖެއްގެ ބައްޕަ ނުވަތަ މަންމަ ރަށްވެހިވެފައިވާ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި އެ ކުއްޖަކު ރަޖިސްޓަރީ ކުރަންވާނެއެވެ. މިގޮތުން ރަޖިސްޓަރީ ކުރަންވާނީ އެރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީކުރަން އެކުއްޖެއްގެ ބަލަދުވެރިޔާ އެދޭ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައެވެ.

 

4 ވަނަ މާއްދާ

(ހ) ރަށެއްގައި މެދުކެނޑުމެއްނެތި 5 އަހަރުދުވަސް ދިރިއުޅުމުގެ ގޮތުން ވޭތުކޮށްފައިވާ މީހަކު އެރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީވާން އެދިއްޖެނަމަ، އެމީހަކު އެރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭން ވާނެއެވެ. މިގޮތުން ރަޖިސްޓަރީކޮށްދެވޭ މީހުން، ކުރިން އެމީހުން ރަޖިސްޓަރީ ކުރެވިފައިވާ ރަށެއްގެ ރަށްވެހީންގެ ރަޖިސްޓަރީން އުނިކުރަންވާނެއެވެ.

(ށ) އެކުއްޖެއްގެ ބައްޕަ ރަޖިސްޓަރީ ކުރެވިފައިވާ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ މީލާދީގޮތުން 16 އަހަރު ފުރިހަމަނުވާ ކުއްޖަކު އެކުއްޖެއްގެ މަންމަ ރަޖިސްޓަރީ ކުރެވިފައިވާ ރަށެއްގެ ރަށްވެއްސަކަށް ބަދަލުކުރަން އެކުއްޖެއްގެ ބަލަދުވެރިޔާ އެދިއްޖެނަމަ އެކުއްޖެއްގެ މަންމަ ރަޖިސްޓަރީ ކުރެވިފައިވާ ރަށެއްގެ ރަށްވެއްސަކަށް ބަދަލުކޮށްދެވޭނެއެވެ. މިގޮތުން ރަޖިސްޓަރީ ބަދަލުކޮށްދެވޭ ކުދިން ކުރިން ރަޖިސްޓަރީ ކުރެވިފައިވާ ރަށެއްގެ ރަށްވެހީންގެ ރަޖިސްޓަރީން އުނިކުރަންވާނެއެވެ.

 

5 ވަނަ މާއްދާ

މިގާނޫނުގެ 2 ވަނަ މާއްދާގެ (ށ) އާއި، 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މީހަކު މެދުކެނޑުމެއްނެތި 5 އަހަރުދުވަސް ދިރިއުޅުމުގެ ގޮތުން ރަށެއްގައި ވޭތުކޮށްފައިވޭތޯ ބަލާނީ، ސަރުކާރުގެ ރަސްމީ ލިޔުމަކުން ނުވަތަ ސަރުކާރުގައި ރަޖިސްޓަރީ ކުރެވިފައިވާ ތަނެއްގެ އިތުބާރުހުރި ލިޔުމަކުންނެވެ. މިފަދަ ލިޔުމަކުން އެކަން އެނގެން ނެތްނަމަ އެމީހަކު އެރަށެއްގައި ދިރިއުޅުމުގެ ގޮތުން މެދުކެނޑުމެއްނެތި 5 އަހަރު ވޭތުކޮށްފައިވާކަން ސާބިތުކުރާނީ ދެހެކީންގެ  ހެކިބަހުންނެވެ.

 

6 ވަނަ މާއްދާ

(ހ) މިގާނޫނުގެ 2 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ކުރަންޖެހޭ މީހަކު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުކޮށްފިނަމަ އެމީހަކު 200 (ދުއިސައްތަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) މިގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާއި 3 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރަޖިސްޓަރީ ކުރަންޖެހޭ ކުއްޖަކު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުކޮށްފިނަމަ، އެކުއްޖެއްގެ ބަލަދުވެރިޔާ 100 (އެއްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

7 ވަނަ މާއްދާ

މިގާނޫނުގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ރަށްވެހި ވުމާބެހޭ ގަވާއިދުތައް ހަދާނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ހައުސިންގ އިންނެވެ. އެގަވާއިދުތައް ހިންގާނީ މާލޭގައިނަމަ މާލޭ މުނިސިޕަލްޓީންނެވެ. ރާއްޖެތެރޭގައިނަމަ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭށަނުންނެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު