-

ދިވެހިރާއްޖޭގައި ބިދޭސިން ވިޔަފާރި ކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1979-04)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2014-18 ގެ 30 ވަނަ މާއްދާ އިން އުވާލެވިފައި)

1 ވަނަ މާއްދާ

 ދިވެހިރާއްޖޭގެ ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން، ރާއްޖޭގައި ބިދޭސީން އަމިއްލަ ވިޔަފާރި ހިންގުމާއި، ދިވެހިންނާއި ގުޅިގެން ވިޔަފާރި ހިންގުމަކީ ހުއްދަ ކަމެކެވެ. މިފަދަ ކޮންމެ ވިޔަފާރިއެއް ހިންގޭނީ، މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރުގައި އެވިޔަފާރިއެއް ގަވާއިދުން ރަޖިސްޓަރީ ކުރުމަށް ފަހުގައެވެ.

 

2 ވަނަ މާއްދާ

ދިވެހިރާއްޖޭގައި ބިދޭސީން ކުރާ ވިޔަފާރީގައި ދިވެހި ސަރުކާރު ގަބޫލުކުރާ ކެޕިޓަލެއް ކަނޑައެޅިފައި އޮންނަން ވާނެއެވެ. މި ކެޕިޓަލްގެ ނިސްބަތަކުން ކަނޑައެޅޭ ޑިޕޮޒިޓެއް، ވިޔަފާރި ކުރުމަށް ހުއްދަ ލިބޭ ފަރާތުން ދިވެހި ސަރުކާރުން ކަނޑައަޅާ ފަރާތެއްގައި ބަހައްޓަން ވާނެއެވެ.

 

3 ވަނަ މާއްދާ

ދިވެހިރާއްޖޭގައި ބިދޭސީންކުރާ ވިޔަފާރި ވާންވާނީ، ގަނޑުކޮށް މުދާ ވިއްކާ ވިޔަފާރި ކަމުގައި، ނުވަތަ ދިވެހީންގެ އާންމު ދިރިއުޅުމަށް ބޭނުންނުވާ އަގުބޮޑު އެއްޗެހީގެ ވިޔަފާރި ކަމުގައެވެ. އަދި ދިވެހީން އާދަވެގެން ކޮށްއުޅޭ ވަކިވަކިން ކުރާ ގަނެވިއްކުމުގެ ވިޔަފާރިއަކަށް ވެގެން ނުވާނެއެވެ.

 

4 ވަނަ މާއްދާ

ދިވެހިރާއްޖޭގައި ބިދޭސީންކުރާ ވިޔަފާރީގައި، ދިވެހީންގެ އާންމު ދިރިއުޅުމަށް ބޭނުންވާ ބާވަތްތައް، ދިވެހި ސަރުކާރުން އަންގައިފި ހިނދެއްގައި އެންގި ނިސްބަތަކުން އިމްޕޯޓްކުރަން ވާނެއެވެ. މިގޮތުން އިމްޕޯޓް ކުރާ އެއްޗެހި ވިއްކަންވާނީ، މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރުން ކަނޑައަޅާ އުސޫލެއްގެ މަތީން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭށަނަށެވެ.

 

5 ވަނަ މާއްދާ

ދިވެހިރާއްޖޭގައި ބިދޭސީން ހިންގާ ވިޔަފާރީގެ މަސައްކަތުގައި މުދަލުގެ ވެރިން ފިޔަވައި، ބޭނުން ކުރަންވާނީ ދިވެހީންނެވެ. މިނޫން ގޮތަކުން ބިދޭސީއަކު ބޭނުން ކުރެވޭނީ، މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރުން ހުއްދަ ލިބިގެންނެވެ.

 

6 ވަނަ މާއްދާ

ދިވެހިރާއްޖޭގައި ބިދޭސީން ހިންގަމުން ގެންދާ ވިޔަފާރިއެއްގެ ސަބަބުން، ރާއްޖޭގެ ވިޔަފާރިއަށް، ނުވަތަ ރާއްޖޭގެ މަސްލަހަތަކަށް ގެއްލުންވާކަމަށް، ދިވެހި ސަރުކާރަށް ފެނިއްޖެ ހިނދެއްގައި، އެވިޔަފާރިއެއް، ހުއްޓުވުމުގެ އިހްތިޔާރު، ސަރުކާރަށް ލިބިގެންވެއެވެ. އަދި އެފަދަ ހާލަތެއްގައި، ގަވާއިދުގެމަތީން، އެ ވިޔަފާރީގެ މުދާ، ރާއްޖޭން ބޭރަށް ގެންދެވިދާނެއެވެ.

 

7 ވަނަ މާއްދާ

ބިދޭސީން، ނުވަތަ ދިވެހިންނާ ގުޅިގެން ބިދޭސީން ރާއްޖޭގައި ހިންގާ ވިޔަފާރީގައި، ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް، ތަކުރާރުކޮށް ކުރާނަމަ، މިގާނޫނުގެ 2 ވަނަ މާއްދާގައި ބުނެވިފައިވާ ޑިޕޮޒިޓާއި، އެފަރާތަކުން ރާއްޖޭގައި ހިންގާ ވިޔަފާރީގެ ހުރިހާ މުދަލެއް ހިފުމުގެ އިހްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވެއެވެ.

 

މިގާނޫނަށް އަމަލުކުރަންފަށާނީ 1 މެއި 1979 މި ދުވަހުން ފެށިގެންނެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

އުވި ގާނޫނު

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު