-

ކަނޑުގައި ދުއްވާ އެއްޗެހިން ފީނެގުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1983-19)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 35/2015 ގެ 8 ވަނަ މާއްދާއިިން އުވާލެވިފައި)

1 ވަނަ މާއްދާ

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން، ކަނޑުގައި ނުވަތަ ފަޅުގައި ދުއްވާއެއްޗެހީގެ ތެރެއިން މަސްވެރިކަމަށް ބޭނުންކުރާ އުޅަނދު ފިޔަވައި، އިންޖީނުލީ އެއްޗެހިންނާއި މުދާ އުފުލުމަށް ދުއްވާ އެއްޗެހިން ތިރީގައިވާ ގޮތުގެމަތިން ފީ ނެގޭނެއެވެ.

  1. ދިގުމިނުގައި 3 މީޓަރު ހަމަނުވާ ކޮންމެ އުޅަނދަކުން އަހަރަކު 160 ރުފިޔާ.
  2. ދިގުމިނުގައި 3 މީޓަރު ހަމަވެފައި، 6 މީޓަރު ހަމަނުވާ ކޮންމެ އުޅަނދަކުން އަހަރަކު 400 ރުފިޔާ.
  3. ދިގުމިނުގައި 6 މީޓަރު، ހަމަވެފައި، 9 މީޓަރު ހަމަނުވާ ކޮންމެ އުޅަނދަކުން އަހަރަކު 560 ރުފިޔާ.
  4. ދިގުމިނުގައި 9 މީޓަރު ހަމަވެފައި، 12 މީޓަރު ހަމަނުވާ ކޮންމެ އުޅަނދަކުން އަހަރަކު 800 ރުފިޔާ.
  5. ދިގުމިނުގައި 12 މީޓަރު ހަމަވެފައި، 15 މީޓަރު ހަމަނުވާ ކޮންމެ އުޅަނދަކުން އަހަރަކު 1500 ރުފިޔާ.
  6. ދިގުމިނުގައި 15 މީޓަރު ހަމަވެފައި، 20 މީޓަރު ހަމަނުވާ ކޮންމެ އުޅަނދަކުން އަހަރަކު 2000 ރުފިޔާ.
  7. ދިގުމިނުގައި 20 މީޓަރު ހަމަވެފައި، 30 މީޓަރު ހަމަނުވާ ކޮންމެ އުޅަނދަކުން އަހަރަކު 3000 ރުފިޔާ.
  8. ދިގުމިނުގައި 30 މީޓަރު ހަމަވެފައި، 40 މީޓަރު ހަމަނުވާ ކޮންމެ އުޅަނދަކުން އަހަރަކު 4000 ރުފިޔާ.
  9. ދިގުމިނުގައި 40 މީޓަރު ހަމަވާ ކޮންމެ އުޅަނދަކުން އަހަރަކު 5000 ރުފިޔާ. ދެން އިތުރުވާ ކޮންމެ މީޓަރަކަށް ނުވަތަ މީޓަރެއްގެ ބަޔަކަށް އަހަރަކު 40 ރުފިޔާ.

 

(ށ) މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުކަމުގައި ބަލާނީ، މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިންރިސޯސަސްގައި އެކަމަށް ރަޖިސްޓަރީ ކޮށްފައިވާ މަސްވެރިކަންކުރާ އުޅަނދެވެ.

 

2 ވަނަ މާއްދާ

ކަނޑުގައި ދުއްވާ އެއްޗެހީގެ ދިގުމިން ބަލައި، ކަނޑައަޅާނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭށަނުންނެވެ.

 

3 ވަނަ މާއްދާ

(ހ) މިގާނޫނުގެ 1 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައްކަންޖެހޭ، ކަނޑުގައި ދުއްވާ އެއްޗެހީގެ އަހަރީ ފީ، ކޮންމެ އަހަރަކުވެސް، އެއެއްޗެއް ރަޖިސްޓަރީކުރި މަސް ހުސްވުމުގެ ކުރިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭށަނަށް، ނުވަތަ އެމިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ދައްކައި ނިންމަންވާނެއެވެ. އަދި އެއްޗެއް ރަޖިސްޓްރީ ކުރާއިރު އެ އެއްޗެއް ރަޖިސްޓަރީކުރާ މަހުން ފެށިގެން ކުރިއަށް އޮންނަ އަހަރަށް އެއްފަހަރާ އަހަރީ ފީ ދައްކަންވާނެއެވެ. މިގޮތަށް ފީ ދައްކާއިރު، މަސްދުވަހުގެ ބައެއް ބަލާނީ ފުރިހަމަ މަހެއްގެ ގޮތުގައެވެ.

(ށ) އެއްޗެއްގެ އަހަރީ ފީ ދައްކައިފައިވަނިކޮށް އެއެއްޗެއްގެ ރަޖިސްޓަރީ ބާތިލުކުރަން ޖެހިއްޖެނަމަ، އަހަރުދުވަހަށް ދައްކާފައިވާ ފީގެ ތެރެއިން އަހަރުގެ ބާކީއޮތް ބަޔަށްވާ ފައިސާ، ރަޖިސްޓަރީ ބާތިލުކުރުމުން، އަނބުރާ ލިބޭނެއެވެ. ނަމަވެސް އަނބުރާދޭ ފައިސާގެ ތެރޭގައި ރަޖިސްޓަރީ ބާތިލުކުރިމަހުގެ ބާކީއޮތް ދުވަސްތަކުގެ ފައިސާއެއް ނުހިމެނޭނެއެވެ.

(ނ) 1 ޖެނުއަރީ 1998 ގެ ކުރިން ރަޖިސްޓަރީ ކޮށްފައިވާ ކަނޑުގައި ދުއްވާ އެއްޗެހީގެ އަހަރީ ފީ، 1998 ވަނަ އަހަރު ދައްކާނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭށަނުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ.

  

4 ވަނަ މާއްދާ

ކަނޑައެޅިފައިވާ މުއްދަތުގައި ފީނުދައްކައިފިނަމަ ދެން ފީބަލައިގަނެވޭނީ، އެއަހަރެއްގެ ފީއާއެކު، އެއެއްޗަކަށް ކަނޑައެޅިފައިވާ ފީން މަހަކަށްޖެހޭ އަދަދުގެ ޖޫރިމަނާއަކާ އެކުގައެވެ. އަދި ފީނުދައްކައި ހިނގާފައިވާ ކޮންމެ މަހަކަށް ނުވަތަ މަހެއްގެ ބަޔަކަށްވިޔަސް، އެއެއްޗެއްގެ ފީން މަހަކަށް ޖެހޭވަރު، ޖޫރިމަނާގެ ތެރެއަށް އިތުރު ކުރެވޭނެއެވެ.

 

5 ވަނަ މާއްދާ

ރަޖިސްޓަރީކޮށްފައިވާ ކަނޑުގައި ދުއްވާ އުޅަނދެއްގެ އަހަރީ ފީ ދައްކަން ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ފީ ނުދައްކާއޮވެ، އަހަރު ހަމަވެއްޖެނަމަ އެ އެއްޗެއްގެ ރަޖިސްޓަރީ ބާތިލުކުރެވޭނެއެވެ. ރަޖިސްޓަރީ ބާތިލުކުރާ އެއްޗެއްސަށް ރަޖިސްޓަރީ ބާތިލުކުރި ދުވަހާ ހަމަޔަށް ދައްކަންޖެހޭ ފީ އާއި ޖޫރިމަނާ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭށަނަށް، ނުވަތަ އެމިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ދައްކަންވާނެއެވެ.

 

6 ވަނަ މާއްދާ

މިގާނޫނަށް އަމަލު ކުރުމަށްޓަކައި ބޭނުންވާ ގަވާއިދުތައް ހަދައި ހިންގާނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭށަނުންނެވެ. 

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

3 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

7 ވަނަ އިސްލާހު

8 ވަނަ އިސްލާހު

 

އުވި ގާނޫނު

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1979-69) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-35) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު