-

ދިވެހިރާއްޖޭގައި ހިންގާ ޕެޓްރޯލިއަމް ކުންފުނިތަކުން ކުރާ މަސައްކަތުން ޓެކްސް ނެގުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1989-01)

 

ޗެޕްޓަރ 1

އާއްމު ކަންތައްތަކާ އިބާރާތުގެ ށަރަހަ 

1 ވަނަ މާއްދާ

މިގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގައި ހިންގާ ޕެޓްރޯލިއަމް ކުންފުނިތަކުން ކުރާ މަސައްކަތުން ޓެކްސް ނެގުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ

މިގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ނުބުނާ ހިނދެއްގައި:

(ހ)  "ކަމާބެހޭ ކޯޓް" ގެ މާނައަކީ، ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓެވެ.

(ށ)  "ދުވަސް" ގެ މާނައަކީ، އެއްރެއެއްގެ މެންދަމު 12 އިން ފެށިގެން ވިދިގެން އަންނަރޭގެ މެންދަމު 12 އަށް ހިނގާ 24 ގަޑިއިރެވެ.

(ނ)  "ޑިރެކްޓަރ" ގެ މާނައަކީ، ދިވެހިރާއްޖޭގެ ޑިރެކްޓަރ އޮފް ފިނޭންސެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން، ޑިރެކްޓަރ އޮފް ފިނޭންސްގެ ބަދަލުގައި އައްޔަންކުރާ ކޮންމެ މީހަކުވެސް އެބަހުގެ މާނާއިގެތެރޭގައި ހިމެނެއެވެ.

(ރ)  "ސަރުކާރު" ގެ މާނައަކީ، ދިވެހިސަރުކާރެވެ.

(ބ)  "މިނިސްޓަރ" ގެ މާނައަކީ، މިގާނޫނުގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތިން، ޕެޓްރޯލިއަމާބެހޭ ކަންތައް ހިންގުމާ ހަވާލުވެހުރި މިނިސްޓަރެވެ.

(ޅ)  "ކުންފުނީގެ އޮފީސް" ގެ މާނައަކީ، މިގާނޫނުގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތިން، ޑިރެކްޓަރަށް އަންގާފައިވާ، ދިވެހިރާއްޖޭގައި ހުންނަ ޕެޓްރޯލިއަމް ކުންފުނީގެއޮފީހެވެ.

(ކ)  "ޕެޓްރޯލިއަމް" ގެ މާނައަކީ، ކާރބަނާއި، ހައިޑްރިޖަނުން އެކުލެވިފައި ހުންނަ ހުރިހާ ގުދްރަތީ އަދި އޯރގެނިކް ތަކެއްޗެވެ. އޭގެ ތެރޭގައި ސާފުނުކުރާ ތެލާއި، ގުދްރަތީ ގޭހާއި، އަދި ކާރބަނާއި ހައިޑްރިޖަން އެކުލެވޭ އެނޫންވެސް ހުރިހާ ބާވަތެއްގެ މިނެރަލާއި، އެފަދަ ތަކެތި ގުދްރަތީގޮތުން އުފެދޭއިރު އެ އެއްޗެއްސާއި ގުޅިގެން އުފެދިފައިވާ އެއްޗެހިވެސް ހިމެނެއެވެ.

(އ)  "ޕެޓްރޯލިއަމް ކުންފުނި" ގެ މާނައަކީ، ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ގައުމެއްގައި، ގާއިމްވެފައި ހުންނަ ކުންފުނިތަކުގެތެރެއިން، ޕެޓްރޯލިއަމާބެހޭ މަސައްކަތްތައް މި ގާނޫނު ދޭހަކޮށްދޭ ގޮތުގެމަތިން ދިވެހިރާއްޖޭގައި ހިންގާ ކޮންމެ ކުންފުންޏެކެވެ.

(ވ)  "ޕެޓްރޯލިއަމް ގެ މަސައްކަތް" ގެ މާނައަކީ، ޕެޓްރޯލިއަމް ހޯދުމަށައީ، އުފެއްދުމަށް ކުރެވޭ މަސައްކަތެކެވެ. މިގާނޫނުގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތިން، ޕެޓްރޯލިއަމް ކުންފުނިތަކުން ސަރުކާރާ ކޮށްފައިވާ އެގްރީމާންޓަކުން، ނުވަތަ އެފަދަ އެގްރީމަންޓެއްގައިވާ ށަރުތުތަކާއި އެއްގޮތްވާ ގޮތުގެމަތިން ދެވިފައިވާ ހުއަދައެއްގެ ދަށުން، އެކުންފުނިތަކުން ޕެޓްރޯލިއަމް ހުރިތޯ ބެލުމަށާއި، ހުރިނަމަ ނެގޭނެގޮތް ރޭވުމަށާއި، ނެގުމަށާއި، އުފެއްދުމަށާއި، އޭގެ ބާވަތްތައް ތެޔޮވަޅުގެ ސަރަހައްދުގައި ވަކި ކުރުމަށާއި، އެއްތަނަކުން އަނެއްތަނަށް ގެންދިއުމަށާއި، ރައްކާކޮށްފައި ބެހެއްޓުމަށާއި، ވިއްކުމަށާއި، ނުވަތަ ދިވެހިރާއްޖޭގައި ހުރި، އެކްސްޕޯޓްކުރާ ޕޮއިޓްތަކަށް، ނުވަތަ އެއްބަސް ވެވިފައިވާ ގޮތެއްގެމަތިން ރައްދު ކުރެވޭ ޕޮއިންޓަކަށް، ނުވަތަ ތެޔޮ ސާފުކުރާ ނުވަތަ ގުދްރަތީގޭސް ދިޔާކުރާ ނުވަތަ ސާފުކުރާ ޕްލާސްޓަކަށް ގެންދިޔުމަށްޓަކައި ކުރެވޭ ހުރިހާ މަސައްކަތް މިބަހުގެ މާނައިގެ ތެރޭގައި ހިމެނެއެވެ.

(މ)  "ޓެކްސް އަހަރު" ގެ މާނައަކީ، ގްރެގޯރިއަން ކަލަންޑަރުގައި ބުނާ ފަދައިން، ޖަނަވަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން، ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުގެ ނިމޭ، ވިދިވިދިގެން އަންނަ ބާރަ (12) މަސް ދުވަހުގެ މުއްދަތެވެ.

(ފ)  މިގާނޫނުގައި ހިމެނޭ ބަސްބަހުގެ ތެރެއިން މުފްރަދު މާނަ ކުރެވޭ ބަސްބަސް ޖަމްއު މާނައިގައިވެސް ހިމެނޭނެއެވެ. އަދި މީގެ އަނެއްކޮޅަށް، ޖަމްއު މާނަ ދޭހަވާ ބަސްބަސް މުފްރަދު މާނައިގައިވެސް ހިމެނޭނެއެވެ.

 

3 ވަނަ މާއްދާ

(ހ)  މިގާނޫނުގައި ބަޔާން ކުރެވިފައިވާ ޕެޓްރޯލިއަމް ކުންފުނިތައް ހިންގަވާނީ، ގާނޫނުގައި ބަޔާން ކުރެވިފައިވާ ށަރްތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ށ)  މިގާނޫނުގެ 2 ވަނަ މާއްދާގެ (ވ) ގައި ހަވާލާ ދީފައިވާ އެގްރީމަންޓަށް ނުވަތަ ހުއްދައަށް އަމަލު ކުރަން ފަށާތާ ފަސްދޮޅަސް (60) ދުވަހުގެ ތެރޭގައި އެފަދަ ޕެޓްރޯލިއަމް ކުންފުނިތަކުން، ދިވެހިރާއްޖޭގައި ކުންފުނީގެ އޮފީހެއް އުފައްދައި ، އެކުންފުނީގެ އެޑްރެހާއި، އެތަން ހިންގުމާ ހަވާލުވެހުރި މީހެއްގެ ނަން، ގަވާއިދުގެ މަތިން ޑިރެކްޓަރަށް އަންގަންވާނެއެވެ. މިއެޑްރެހަށް ނުވަތަ ހިންގުމާ ހަވާލުވެ ހުންނަ މީހާއަށް ބަދަލެއް އަތުވެއްޖެ ހިނދެއްގައި، އެބަދަލެއް އަންނަތާ 7 ދުވަހުގެ ތެރޭގައި އެކަން ޑިރެކްޓަރަށް އަންގަން ވާނެއެވެ.

(ނ)  ޕެޓްރޯލިއަމް ކުންފުނިތަކުގެ ހިސާބުތައް ބަލަހައްޓަންވާނީ ޔުނައިޓެޑް ސްޓޭޓްސް ޑޮލަރުންނެވެ.

 

 

ޗެޕްޓަރ  2

ޓެކްސްނެގޭ އާމްދަނީން ޓެކްސް ދޭންޖެހުން

4 ވަނަ މާއްދާ

މިގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން، ކޮންމެ ޓެކްސް އަހަރަކަށް، ކޮންމެ ޕެޓްރޯލިއަމް ކުންފުންޏަކުންމެ، އެކުންފުންޏަކަށް އެ ޓެކްސް އަހަރެއްގެ ތެރޭގައި ލިބުން ޓެކްސް ނެގޭ އާމްދަނީން ޕެޓްރޯލިއަމް ޓެކްސް ދޭންޖެހޭނެއެވެ. އަދި މިބުނެވުނެ ޓެކްސްނެގޭ އާމްދަނީ ބަލާނީ، މިޗެޕްޓަރުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިންނެވެ.

 

5 ވަނަ މާއްދާ

(ހ)  ޓެކްސް ނެގޭ އާމްދަނީ ހިސާބުކުރާނީ، ޓެކްސް އަހަރެއްގެ ޖުމްލަ އާމްދަނީ ހުއްދަކުރެވޭ ހަރަދުތައް ކަނޑައަޅައިގެންނެވެ.

(ށ)  ޖުމްލަ އާމްދަނީއާއި ހުއްދަކުރެވޭ ހަރަދުތައް ބަލަހަށްޓާނީ، ޔުނައިޓެޑް ސްޓޭޓްސް ޑޮލަރުންނެވެ.

 

6 ވަނަ މާއްދާ

(ހ) ތިރީގައިވާ އައިޓަމްތައް ޖުމްލަ އާމްދަނީގައި ހިމަނަންވާނެއެވެ.

  1. ވިކުނު ޕެޓްރޯލިއަމްގެ އަގު
  2. ރޯޔަލްޓީގެ ގޮތުގައި ދެއްކި ޕެޓްރޯލިއަމަށްޖެހޭ އަގު
  3. ޕެޓްރޯލިއަމްގެ މަސައްކަތް ހިންގުމާގުޅިގެން ލިބިފައިވާ ހައްގެއް ނުވަތަ މުދަލެއްވިޔަސް ވިއްކައިގެން ލިބުނު އެއްޗެއް
  4. އިންޓަރެސްޓް

(ށ) ޕެރެގްރާފް (ހ) ގެ (1) ގައި ނަންގަނެވިފައިވާ އަގުކަމަށްބަލާނީ ދުނިޔޭގެ ތެލުގެ މާރކެޓްގައި ސާފުނުކުރާ ތެލުގެ އެކި ގްރޭޑަށް އެއިރަކު ލިބެންހުރި އަގެވެ.

 

7 ވަނަ މާއްދާ

އާދައިގެ ހަރަދުތަކާއި، ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ބެލޭނީ، ހުއްދަކުރެވޭ ހަރަދުތަކެއް ކަމުގައެވެ.

 

8 ވަނަ މާއްދާ

އާދައިގެ ހަރަދުތަކާއި، ކޮންމެހެން ކުރަންޖެހޭ ހަރަދުތަކަކީ، ޕެޓްރޯލިއަމްގެ މަސައްކަތް ހިންގުމަޓަކައި، ދިވެހިރާއްޖޭގެ ގާނޫނު ހިންގޭ ސަރަހައްދުގެ ތެރޭގައި، ނުވަތަ އެސަރަހައްދުން ބޭރުގައިވިޔަސް، ހިނގާ ހަރަދުތަކެވެ. އާދައިގެ ހަރަދުތަކާއި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ކަމުގައި ބެލޭނީ، ހަމައެކަނި ތިރީގައިމިވާ ހަރަދުތަކެވެ.

(ހ)  ތަކެތީގެ އަގާއި މަސައްކަތުގެ އަގާއި ލިބިގަންނަ ހިދްމަތުގެ އަގާއި، އިންށުއަރެންސްގެ އަގު

(ށ)  އެއްތަނުން އަނެއްތަނަށް ގެންދެވޭ ނުވަތަ ނުގެންދެވޭމުދާ ކުއްޔަށް ހިފުމުގެއަގު

(ނ)  އިންޓަރެސްޓް

(ރ)  ކެޕިޓަލް މުދަލުގެ ގޮތުގައި ހޯދިފައިވާ ތަކެތި ވަކި މުއްދަތެއްގެ ތެރޭގައި ހިލޭ ޖެއްސުމަށްޓަކައި، އަހަރު ހިސާބުގައި ހިމެނުމަށް ހުއްދަކުރާ އަދަދު

(ބ)  ފައިސާއިން ނުވަތަ ޕެޓްރޯލިއަމުން ދެވޭ ރޯޔަލްޓީ

(ޅ)  ޕެޓްރޯލިއަމްގެ މަސައްކަތް ހިންގުމަށްޓަކައި ބިނާކޮށްފައިވާ ތަންތަން އެމަސައްކަތް ނިމުމަކަށް ގެނައުމަށްޓަކައި ރޫޅައި ނައްތާލުމަށް ހަރަދުކުރަން ޖެހިދާނެ ކަމަށް ރިޒާވެއް އުފެއްދުމަށް އެއްކިބާކުރެވޭ ފައިސާ

(ކ)  މިގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ މުދާ ފިޔަވައި، ޕެޓްރޯލިއަމްގެ މަސައްކަތަށް ހޯދާ އެހެނިހެން މުދާ ހޯދުމަށްކުރާ ހަރަދު

(އ)  މިގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 3 ގައިވާ ގޮތުގެ މަތިން މުދަލެއް ނުވަތަ ހައްގެއް ވިއްކައިފައިވާނަމަ، އެއެއްޗަކަށްޖެހޭ އަގު

(ވ)  ޕެޓްރޯލިއަމްގެ މަސައްކަތް ހިންގުމުގައި ހިނގައިފައިވާ ގަބޫލު ކުރެވޭފަދަ އެހެންވެސް ހަރަދެއް

(މ)  މިގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ އިތުރުވި ހަރަދު

 

9 ވަނަ މާއްދާ

(ހ)  "ކެޕިޓަލް ހަރަދު" ކަމުގައި ބުނެފައި އެވަނީ، ހަރުމުދާ ހޯދުމަށްކުރާ ހަރަދެވެ.މިބުނެވުނު ހަރުމުދަލަކީ އެއްހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް އޭގެ ބޭނުން ހިފުމަށްފަހުވެސް އެއްޗެއް ރައްކާތެރި ކުރާވަރުގެ ނުވަތަ ސަލާމަތް ކުރާވަރުގެ އަގެއްހުރި މުދަލެކެވެ.

(ށ)  އާދައިގެ ހަރަދާއި ކޮންމެހެން ކުރަންޖެހޭ ހަރަދުގެ ގޮތުގައި ކެޕިޓަލް ހަރަދު ހުއްދަ ކުރަންވާނީ މިނިސްޓަރ ކަނޑައަޅާ ރޭޓެއް ނުވަތަ ރޭޓްތަކެއްގެ މަތިން މިގާނޫނުގެ 8 ވަނަ މާއްދާގެ         (ރ) ގައިވާ ގޮތަށެވެ.

(ނ)  މިގާނޫނުގެ 8 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާ އަދަދު، އެއްވެސް ސަބަބަކަށްޓަކައި އާދައިގެ ހަރަދާއި ކޮންމެހެން ކުރަންޖެހޭ ހަރަދުގެ ގޮތުގައި، އެއަހަރެއްގެ ތެރޭގައި ނުހިމެނިއްޖެނަމަ، އޭގެފަހުން އަންނަ އެހެން އަހަރެއްގެ ތެރޭގައި ހިމެނުމުގެ އިހްތިޔާރު ޕެޓްރޯލިއަމް ކުންފުންޏަކަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ

ވިޔަފާރީގެ ގޮތުގައި ޕެޓްރޯލިއަމް އުފައްދަން ފެށުމުގެ ކުރިން، ޕެޓްރޯލިއަމް ކުންފުނީގެ ފަރާތުން، ކޮށްފައިވާ ހުއްދަ ކުރެވޭ ކޮންމެ ހަރަދެއްމެ ބަލަންވާނީ، ވިޔަފާރީގެގޮތުގައި ޕެޓްރޯލިއަމް އުފަށްދަން ފަށާ ޓެކްސް އަހަރުގެ ތެރޭގައި ހިނގި ހުއްދަ ކުރެވޭ ހަރަދެއް ކަމުގައެވެ.

 

11 ވަނަ މާއްދާ

ޓެކްސް އަހަރެއްގެ ތެރޭގައި ލިބުނު ޖުމްލަ އާމްދަނީއަށްވުރެ ހުއްދަ ކުރެވޭ ހަރަދުގެ ގޮތުގައި ކުރެވޭ ހަރަދު އިތުރު ވެއްޖެނަމަ، އެ އިތުރުވި ހަރަދެއް ކުރިޔަށް އޮތް ޓެކްސް އަހަރުގެ ނުވަތަ އަހަރުތަކެއްގެ ހިސާބުގައި ހިމަނާނީއެވެ.

  

ޗެޕްޓަރ  3

ޕެޓްރޯލިއަމް ޓެކްސް ނެގޭ ރޭޓް

12 ވަނަ މާއްދާ

ކޮންމެ ޕެޓްރޯލިއަމް ކުންފުންޏަކުންވެސް، ކޮންމެ ޓެކްސް އަހަރަކަށް ޕެޓްރޯލިއަމް ޓެކްސް ދޭންވާނެއެވެ. މިޓެކްސް ދޭނެ ރޭޓް ކަނޑައަޅާނީ، މިނިސްޓަރ އެކަށައަޅާ ގަވާއިދެއްގައިވާ ގޮތުގެ މަތިންނެވެ. އަދި %60 އަށްވުރެ ގިނަވެގެންނެއް ނުވާނެއެވެ.

 

 

ޗެޕްޓަރ  4

ސަޕްލިމެޓްރީ ޕެޓްރޯލިއަމް ޓެކްސް

13 ވަނަ މާއްދާ

ކޮންމެ ޕެޓްރޯލިއަމް ކުންފުންޏަކުންވެސް، ކޮންމެ ޓެކްސް އަހަރަކަށް، އިތުރު ޕެޓްރޯލިއަމް ޓެކްސެއް މިނިސްޓަރ ކަނޑައަޅާ ރޭޓަކުން ދައްކަންވާނެއެވެ. މި ގާނޫނުގައި މި ޓެކްސަށް ކިޔާނީ "ސަޕްލިމެންޓްރީ ޕެޓްރޯލިއަމް ޓެކްސް" އެވެ.

 

14 ވަނަ މާއްދާ

ސަޕްލިމެޓްރީ ޕެޓްރޯލިއަމް ޓެކްސް ދައްކާނީ، ޓެކްސް ނެގޭ އާމްދަނީން، މިގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދޭންޖެހޭ ޕެޓްރޯލިއަމް ޓެކްސް ކަނޑައި ބާކީ އޮންނަ އާމްދަނީންނެވެ.

 

 

ޗެޕްޓަރ  5

ހިސާބުތައް ހުށަހެޅުމާއި، އެއާބެހޭ އެންމެ ފަހުގެ ނިންމުންތައް

15 ވަނަ މާއްދާ

(ހ)  ކޮންމެ ޓެކްސް އަހަރެއް ނިމޭތާ 90 ދުވަހުގެ ތެރޭގައި، ކޮންމެ ޕެޓްރޯލިއަމް ކުންފުންޏަކުން، އެކުންފުންޏެއްގެ ޓެކްސް އަހަރުގެ ވަގުތީ ހިސާބުގައި އެ ޓެކްސް އަހަރުގެ ތެރޭގައި ލިބުނު އެއްޗަކުން، ޓެކްސް ނެގޭ އާމްދަނީގެ ވަގުތީ ހިސާބެއް ހިމަނަން ވާނެއެވެ.

(ށ)  ކޮންމެ ޓެކްސް އަހަރެއް ނިމޭތާ 150 ދުވަހުގެ ތެރޭގައި އެ އަހަރުގެ ފުރިހަމަ ހިސާބު (އޯޑިޓް ކުރެވިފައިވާ އަހަރުހިސާބު) ޑިރެކްޓަރަށް ހުށަހަޅަން ވާނެއެވެ. ފުރިހަމަ ހިސާބުގައި އެ ޓެކްސް އަހަރުގެ ތެރޭގައި ލިބުނު އެއްޗަކުން ޓެކްސް ނެގޭ އާމްދަނީގެ ހިސާބާއެކު، އޯޑިޓް ކުރެވިފައި އޮތް ހިސާބުގެ ސްޓޭޓްމަންޓެއްވެސް އޮންނަން ވާނެއެވެ.

(ނ)  ހުށަހެޅުނު ފުރިހަމަ ހިސާބުގައި އެ ޓެކްސް އަހަރެއްގެ ޓެކްސް ނެގޭ އާމްދަނީ ދައްކައިފައިވާގޮތް ރަންގަޅުނޫންކަމަށް ޑިރެކްޓަރަށް ފެނިއްޖެނަމަ، އެހިސާބު ހުށަހެޅިތާ 25 މަސްދުވަހުގެ ތެރޭގައި ޑިރެކްޓަރ ކަނޑައަޅާ ގޮތެއްގެ މަތިން އިސްލާހު ކުރެވިފައިވާ ޓެކްސް ނެގޭ އާމްދަނީގެ ހިސާބު، ޕެޓްރޯލިއަމް ކުންފުންޏަށް ޑިރެކްޓަރު ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅަން ޖެހޭ އެއްޗެއް ޕެޓްރޯލިއަމް ކުންފުންޏަށް ހުށަހަޅާނީ، ރަޖިސްޓަރީ ޕޯސްޓުން، އެކުންފުނީގެ އޮފީހަށް ފޮނުވާ ސިޓީއަކުންނެވެ.

(ރ)  މިގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ޓެކްސް ނެގޭ އާމްދަނީގެ އަދަދު ޑިރެކްޓަރ ކަނޑައަޅައި އެކަން އެންގުމުން އެ އަދަދު ޕެޓްރޯލިއަމް ކުންފުނިން ގަބޫލު ނުކުރާނަމަ، އެކަމާމެދު ގޮތެއް ނިންމުމަށްޓަކައި 30 ދުވަހުގެ ތެރޭގައި ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ހައްގު، ޕެޓްރޯލިއަމް ކުންފުންޏަށް ލިބިގެން ވެއެވެ. މިގޮތަށް ކޯޓަށް މައްސަލައެއް ހުށަހަޅާއިރު އެމައްސަލައެއް ހުށަހަޅަންޖެހޭ ސަބަބުތައް ބަޔާން ކުރަންވާނެއެވެ.

 

16 ވަނަ މާއްދާ

(ހ)  ޓެކްސް އަހަރުގެ ވަގުތީ ހިސާބު ހުށަހަޅާ ދުވަހު، އެހިސާބުގައި ޓެކްސްނެގޭ އާމްދަނީގެ މައްޗަށް ބިނާކޮށް އެ ޓެކްސް އަހަރަށް ދައްކަންޖެހޭ ޓެކްސް، ޕެޓްރޯލިއަމް ކުންފުނީގެ ފަރާތުން، ޑިރެކްޓަރަށް ދައްކަންވާނެއެވެ.

(ށ)  ފުރިހަމަ ހިސާބުގައިވާ ޓެކްސް ނެގޭ އާމްދަނީން ދައްކަންޖެހޭ ޓެކްސަށްވުރެ ޓެކްސް އަހަރުގެ ވަގުތީ ހިސާބުގެ މައްޗަށް ބިނާކޮށް ޑިރެކްޓަރަށް ދައްކައިފައިވާ ޓެކްސް މަދުކަމުގައިވާނަމަ، އެމަދުވި ފުރިހަމަ ހިސާބު ހުށަހަޅާ ދުވަހު، ޕެޓްރޯލިއަމް ކުންފުނިން ޑިރެކްޓަރަށް ދައްކަންވާނެއެވެ.

(ނ)  ޓެކްސް އަހަރުގެ ވަގުތީ ހިސާބުގެ މައްޗަށް ބިނާކޮށް ދައްކައިފައިވާ ޓެކްސަކީ ފުރިހަމަ ހިސާބުގައިވާ ޓެކްސް ނެގޭ އާމްދަނީގެ މައްޗަށް ބިނާކޮށް ދައްކަންވާ ޓެކްސަށްވުރެ ގިނަ އަދަދެއްކަމުގައި ވަނީނަމަ، ގިނަވި އަދަދު ފުރިހަމަ ހިސާބު ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި ޕެޓްރޯލިއަމް ކުންފުންޏަށް ޑިރެކްޓަރ ދައްކަންވާނެއެވެ.

(ރ)  އެއްވެސް ހާލެއްގައި، މިގާނޫނުގެ 15ވަނަ މާއްދާގެ (ހ) އާއި 15 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ހުށަހަޅައިފައިވާ ހިސާބުގައި ދައްކައިފައިވާ އަދަދަށްވުރެ ގިނަ އަދަދަކަށް ޓެކްސް ދައްކަންވާ ކަމަށް، މިގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ޑިރެކްޓަރ ކަނޑައަޅައިފިނަމަ، އެކަނޑައެޅި ކަނޑައެޅުމާބެހޭ ލިޔުން ލިބޭތާ 20 ދުވަހުގެ ތެރޭގައި އެ އިތުރަށް ދައްކަންވާ އަދަދު ދައްކަން ޖެހޭނެއެވެ.

(ބ)  ޓެކްސް ނެގޭ އާމްދަނީން ދޭންޖެހޭ ޓެކްސާމެދު އުފެދޭ ދެބަސްވުމެއް، ޕެޓްރޯލިއަމް ކުންފުންޏަކުން ކަމާބެހޭ ކޯޓަށް ހުށަހެޅުމުން، އިތުރަށްދޭން ޖެހުނު ޓެކްސް، އެކޯޓުން ނިޔާއެއް އިއްވަންދަން ނުދީ ލަސްކުރެވިދާނެއެވެ. އަދި އެކޯޓުން ނިންމާ ގޮތަކާމެދު ހިތްހަމަނުޖެހިގެން އިސްތިއުނާފަށް މައްސަލަ ހުށަހަޅައިފިނަމަ، އެއިސްތިއުނާފް ކުރުމަށްފަހު، ނިޔާއެއް ކަނޑައަޅަންދެންވެސް ލަސްކުރެވިދާނެއެވެ. އިތުރަށް ދޭން އެންގިފައިވާ ޓެކްސްގެ ބައި ދިނުމަށް، ކަމާބެހޭ ކޯޓުން ނުވަތަ އިސްތިއުނާފްގެކޯޓުން ނިންމައިފިނަމަ، އެނިޔާއެއް ޕެޓްރޯލިއަމް ކުންފުންޏަށް އެންގޭތާ 20 ދުވަހުގެ ތެރޭގައި ކޯޓުން ނިންމިގޮތެއްގެމަތިން އަމަލު ކުރަންވާނެއެވެ.އަދި މިގޮތަށް ޓެކްސްދޭއިރު، އެލަސްކުރި މުއްދަތު ބަލާނޭ، އެމައްސަލަ ށަރީއަތަށް ނުފޮނުވިނަމަ، އެޓެކްސް ފުރަތަމަ ދޭންޖެހުނު ދުވަހުން ފެށިގެންނެވެ. ދޭންޖެހޭ އިޓަރެސްޓްގެ ރޭޓް ބަލާނީ، މިނިސްޓަރ އެކަށައަޅާ ގަވާއިދެއްގެ ގޮތުގެމަތިންނެވެ. މިގަވާއިދަކީ ޓެކްސް ނެގޭ އާމްދަނީ ޓެކްސް ދިނުމާމެދު ދެބަސްވުން އުފެދުނު ޓެކްސް އަހަރުގެ އެންމެ ފަހުދުވަހާ ހަމައަށް އެގަވާއިދުގެ ބާރު ހިނގާ ގަވާއިދަކަށްވާންވާނެއެވެ.

(ޅ)  މިގާނޫނުގެދަށުން ދައްކަންޖެހޭ ހުރިހާ ޓެކްސްއެއް ދައްކަންވާނީ ޔުނައިޓެޑް ސްޓޭޓްސް ޑޮލަރުންނެވެ.

(ކ)  ފައިސާދައްކާތާ ފަސްދުވަހުގެ ތެރޭގައި އެފައިސާ ލިބުނު ކަމުގެ ރަސީދެއް، ޑިރެކްޓަރ، ޕެޓްރޯލިއަމް ކުންފުންޏަށް ދޭންވާނެއެވެ.

 

17 ވަނަ މާއްދާ

ޕެޓްރޯލިއަމް ކުންފުންޏެއްގެ ޓެކްސް އަހަރެއްގެ ފުރިހަމަ ހިސާބު ހުށަހަޅާތާ 24 މަސްދުވަހުގެ ތެރޭގައި އެޓެކްސް އަހަރުގެ ޓެކްސް ނެގޭ އާމްދަނީގެ އަދަދު ރަނގަޅުތޯ ބެލުމަށްޓަކައި، އެކުންފުނީގެ ކަމާބެހޭ ހިސާބުތައް އޮޑިޓް ކުރާ ގޮތައް ޑިރެކްޓަރަށް ހަމަޖެއްސިދާނެއެވެ.

 

18 ވަނަ މާއްދާ

ޓެކްސް ނެގޭ އާމްދަނީގެ އަދަދު މަދުކޮށްފައިވަނީ ގަސްދުގައިމަކަރު ހެދުމުގެ ގޮތުން ކަމަށް ޑިރެކްޓަރަށް ފެނިއްޖެނަމަ، މިގާނޫނުގެ ދަށުން ބެލޭނީ، އެޕެޓްރޯލިއަމް ކުންފުނިއެކުރީ ކުށެއްކަމުގައެވެ. އަދި މިފަދަ ހާލަތެއްގައި ޑިރެކްޓަރަށް ފެންނަގޮތް، އެޕެޓްރޯލިއަމް ކުންފުންޏަކަށް އަންގަންވާނެއެވެ. އަދި އެއާ އެކު، މިގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގައި ބަޔާން ވެގެންވާ ގޮތުގެ މަތިން އިސްލާހުކުރެވުނު އާމްދަނީގެ އަދަދު ކަނޑައެޅުނު ގޮތް ވެސް އަންގަންވާނެއެވެ.

 

ޗެޕްޓަރ 6

ގާނޫނީ ބާރު އެހެންމީހަކަށް ދިނުން

19 ވަނަ މާއްދާ

މި ގާނޫނު ޑިރެކްޓަރަށް ލިބިދޭ ހުރިހާ ބާރެށް، ނުވަތަ އެއިން ބައެއް ސަރުކާރުން އައްޔަންކުރާ މީހަކަށް ސަރުކާރުގެ ފަރާތުން ދެވިދާނެއެވެ. މިގޮތަށް ދޭބާރު ކޮންމެ ވަގުތެއްގައިވެސް، ސަރުކާރުން ނިގުޅައިގަނެވިދާނެއެވެ. ބުނެވި ދިޔަ ގޮތުގެ މަތިން އައްޔަން ކުރެވޭ މީހަކަށް ސަރުކާރުން ދީފައިވާބާރު ނިގުޅައިގެންފިނަމަ ރަޖިސްޓަރީ ޕޯސްޓުން، ކުންފުނީގެ އޮފީހަށް ފޮނުވާ ލިޔުމަކުން، އެކަން އަންގަންވާނެއެވެ. ނުވަތަ މިގާނޫނުގެ ދަށުން އެކަށައަޅާ ގަވާއިދަކާ އެއްގޮތްވާގޮތުގެ މަތިން އިއުލާން ނުވަތަ ށާއިއު ކުރަން ވާނެއެވެ. މިގޮތަށް އިއުލާން ކުރާ، ނުވަތަ ށާއިއުކުރާ، ނުވަތަ ރަޖިސްޓްރީ ޕޯސްޓުން ކުންފުނީގެ އޮފީހަށް ފޮނުވާ ލިޔުމުގައި ސޮއި ކޮށްފައި އޮންނަންވާނީ އެކަމަށް ސަރުކާރުން ހުއްދަކޮށްފައިވާ މީހެކެވެ.

 

ޗެޕްޓަރ 7

ގާނޫނު ހިންގުން

20 ވަނަ މާއްދާ

މިގާނޫނު ހިންގުމަށާއި އެކަމާ ގުޅޭގޮތުން ކުރަންޖެހޭ އެހެން ކަންތައްތައް ކުރުމަށްޓަކައި، ބޭނުންވާ ކަމަށް މިނިސްޓަރަށް ފެނިއްޖެ ކޮންމެ ގަވާއިދެއް ހެދުމުގެ އިހްތިޔާރުއޭނާ ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ

މިގާނޫނުގައިވާ ގޮތުގެ މަތިން ނުވަތަ މިގާނޫނުގެ ދަށުން ހެދޭ ގަވާއިދެއްގައިވާ ގޮތުގެމަތިން، ޓެކްސްގެ ގޮތުގައި ލިބެންޖެހޭ ފައިސާއެއް، އެފައިސާ އެއް ދައްކަންޖެހޭ މުއްދަތުގައި ނުދައްކައިފިނަމަ، އެފައިސާއެއް ހޯދުމަށް އެޅޭ އެހެން ފިޔަވަޅެއްގެ، ނުވަތަ އެކަމަކާ ގުޅިގެން ދެވޭ އަދަބެއްގެ އިތުރަށް ފައިސާ ނުދީ ލަސް ކުރި ޕެޓްރޯލިއަމް ކުންފުނީގެ މުދާ އަތުލައި، އެއެއްޗެހި ވިއްކައިގެންވެސް ޑިރެކްޓަރަށް އެފައިސާއެއް ހޯދިދާނެއެވެ.

 

22 ވަނަ މާއްދާ

(ހ) ރާއްޖޭގައި ހިންގާ ޕެޓްރޯލިއަމް ކުންފުންޏެއް މިގާނޫނާ ހިލާފްވެއްޖެ ނަމަ، ތިރީގައިމިވާ އުސޫލުން ކަމާބެހޭ ކޯޓުން އެކުންފުނި ޖޫރިމަނާ ކުރެވިދާނެއެވެ.

  1. ގާނޫނާ ހިލާފަށް ފުރަތަމަ އަމަލުކުރާ ފަހަރު ޔުނައިޓެޑް ސްޓޭޓްސް ޑޮލަރ 15 އިން ޔުނައިޓެޑް ސްޓޭޓްސް ޑޮލަރ 75،000 އާދެމެދުގެ ޖޫރިމަނާއެއް.
  2. ގާނޫނާ ހިލާފަށް ދެވަނަ އަށް އަމަލުކުރާ ފަހަރު ޔުނައިޓެޑް ސްޓޭޓްސް ޑޮލަރ 75،000 އާއިޔުނައިޓެޑް ސްޓޭޓްސް ޑޮލަރ 150،000 އާ ދެމެދު ޖޫރިމަނާއެއް.
  3. އޭގެފަހުގައި، ގާނޫނާ ހިލާފަށް އަމަލެއްކުރާ ކޮންމެ ފަހަރަކު ޔުނައިޓެޑް ސްޓޭޓްސް ޑޮލަރ 150،000 އާއި ޔުނައިޓެޑް ސްޓޭޓްސް ޑޮލަރ  250،000 އާ ދެމެދުގެ ޖޫރިމަނާއެއް.

(ށ)  ކޮންމެ ކުށެއް ނުވަތަ ޖޫރިމަނާއެއްގެ މައްސަލައަކީ، އެކުށެއްގެ ނުވަތަ އެ ޖޫރިމަނާއެއްގެ ހުކުމް އިއްވި ކޯޓެއްގެ ނިންމުމާމެދު، އެމައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމެކެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު