-

ކޮންޓްރެކްޓާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1991-04)

 

1 ވަނަ މާއްދާ – ނަން

މިގާނޫނުގެ ނަމަކީ "ކޮންޓްރެކްޓާބެހޭ ގާނޫނު" އެވެ.

 

2 ދެވަނަ މާއްދާ - ތައާރަފް

ކޮންޓްރެކްޓަކީ ދެމީހެއްގެ ދެމެދުގައި ނުވަތަ ދެމީހަކަށްވުރެ ގިނަބައެއްގެ މެދުގައި އެއްބަސްވެވޭ އެއްބަސް ވުމެކެވެ. އަދި އެ އެއްބަސްވުމަކީ ގާނޫނު ގަބޫލުކުރާ، ނުވަތަ ގާނޫނު ބާރުދޭ އެއްބަސް ވުމަކަށްވެސް ވާންވާނެއެވެ.

 

3 ވަނަ މާއްދާ - އެއްބަސްވާމީހުން މަޖުބޫރުކަމެއްނެތި ރުހި ގަބޫލުވުން

(ހ) ކޮންޓްރެކްޓެއްގައި އެއްބަސްވާމީހުން ރުހި ގަބޫލުވާންވާނީ އެއްވެސް މަޖްބޫރު ކަމެއްނެތި އަމިއްލަ އިހްތިޔާރުގައެވެ. އަދި އެމީހުންނަކީ، ކޮންޓްރެކްޓް ކުރުމަށް ގާނޫނު ގަބޫލު ކުރާފަދަ މީހުން ކަމުގައި ވާންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިބުނާ، ގާނޫނު ގަބޫލު ކުރާފަދަ މީހުންނަކީ ބުއްދި ސަލާމަތުންހުރި، އުމުރުން 16 އަހަރު ފުރިފައިވާ މީހުންނެވެ.

 

4 ވަނަ މާއްދާ - އޮންނަންވީގޮތް

ގާނޫނު އެހެންގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ.

 

5 ވަނަ މާއްދާ - ކޮންޓްރެކްޓް ކުރެވޭގޮތް

މިގާނޫނުގައި ބުނެފައިވާ ގޮތުގެމަތިން، އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެހުށަހެޅުން ރައްދުވީ ފަރާތުން ގަބޫލުކުރުމުން ކޮންޓްރެކްޓެއް ކުރެވުނީއެވެ.

 

6 ވަނަ މާއްދާ - ހުށަހަޅާގޮތް

(ހ) 5 ވަނަ މާއްދާގައި ބުނާފަދަ ހުށަހެޅުމަކީ، އޮޅުން ނުފިލާގޮތަކަށް، ނުވަތަ ޔަގީންނުވާ ގޮތަކަށް އޮންނަ އެއްޗަކަށް ވެގެން ނުވާނެއެވެ. އެ ހުށަހެޅުން ވާންވާނީ ގާނޫނީގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމަކަށެވެ.

(ށ) – ދައުވަތެއްއެއީ ހުށަހެޅުމެއް ނޫން

ހުށަހެޅުމަށްޓަކައި ދެވޭ ދައުވަތު އެއީ ހުށަހެޅުމެއް ކަމަށް ބަލައިގެން ނުވާނެއެވެ.

(ނ) ހުށަހެޅުމެއް ރައްދުވާފަރާތް

ވަކި މިވެނި މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އާންމުކޮށް އެންމެނަށްވެސް، ހުށަހެޅުމެއް ރައްދު ކުރެވިދާނެއެވެ.

 

7 ހުށަހެޅުން ފުރިހަމަވުން

(ހ) ހުށަހެޅުން ރައްދުވާ ފަރާތަށް ހުށަހެޅުން އެންގުމުން، އެހުށަހެޅުން ފުރިހަމަވީއެވެ.

(ށ) ހުށަހެޅުމެއް ބާތިލު ކުރުން

ހުށަހެޅުމެއް ރައްދުވާ ފަރާތުން އެހުށަހެޅުމެއް ގަބޫލު ކުރުމުގެ ކުރިން، ކޮންމެ ވަގުތެއްގައި ވެސް ހުށަހަޅާ ފަރާތުން އެހުށަހެޅުމެއް ބާތިލު ކުރެވިދާނެއެވެ.

(ނ) ހުށަހެޅުމެއް ބާތިލު ކުރެވިއްޖެ ކަމަށް ބެލޭނީ، އެހުށަހެޅުން ބާތިލު ކުރިކަން ރައްދުވާ ފަރާތަށް އެންގުމުންނެވެ.

(ރ) އަނބުރާނުގެންދެވޭ ހުށަހެޅުން

ވަކިމުއްދަތަކަށް ފަހުގައި މެނުވީ އަނބުރާ ނުގެންދެވޭނެކަން ށަރްތުކޮށް ހުށަހަޅާ ހުށަހެޅުމަކީ، އެމުއްދަތެއް ހަމަވަންދެން އަނބުރާ ނުގެންދެވޭނެ ހުށަހެޅުމެކެވެ.

 

8 ވަނަ މާއްދާ - ގަބޫލުކުރުން

(ހ) ހުށަހެޅުމެއް ގަބޫލުކުރާކަން ކަނޑައަޅާ ބުނެވިދާނެއެވެ. ނުވަތަ އަމަލުކުރާ ގޮތަކުން ގަބޫލު ކުރާކަން އެންގުނީކަމަށް ބެލިދާނެއެވެ.

(ށ) ގަބޫލުކުރުމަށް އިތުރުގޮތެއް، ނުވަތަ ށަރްތެއް އޮވެގެން ނުވާނެއެވެ.

(ނ) ހުށަހަޅާ ފަރާތުން އެހުށަހެޅުން ގަބޫލުކުރާނެ ގޮތް ކަނޑައަޅާފައި އޮވެއްޖެނަމަ، ގަބޫލު ކުރަންވާނީ އެގޮތަކަށެވެ. ގަބޫލު ކުރާނެގޮތް ކަނޑައަޅާފައި ނުވާނަމަ، ގަބޫލުކުރާނީ، އާންމުކޮށް އެފަދަ ކަންތައް ކޮށްއުޅޭ ގޮތަކަށް ނުވަތަ އެކަށީގެންވާ ގޮތަކަށެވެ.

 

9 ވަނަ މާއްދާ - ގަބޫލުކުރުން ފުރިހަމަވުން

ހުށަހަޅާ ފަރާތަށް، ގަބޫލު ކުރާކަން އެންގުމުން، އެ ގަބޫލުކުރުން ފުރިހަމަވީއެވެ.

 

10 ވަނަ މާއްދާ - ގަބޫލުކުރުމުގެ ފުރްސަތު ނެތުން

މިމާއްދާގައި ބަޔާން ކުރެވިފައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް ނުވަތަ ގޮތްތަކެއް ދިމާވެއްޖެނަމަ، އެހުށަހެޅުމެއް ގަބޫލު ކުރާނެ ފުރްސަތު ނެތުނީއެވެ.

  1. ކަނޑައަޅާ މުއްދަތެއް ހަމަވުމުގެ ކުރިން ގަބޫލު ކުރަންވާނެ ކަމުގައި ހުށަހަޅާ ފަރާތުން ބުނެފައިވާ ހުށަހެޅުމެއް ގަބޫލުނުކޮށް އޮއްވާ އެމުއްދަތެއް ހަމަވުން.
  2. ގަބޫލު ކުރާނެ ފުރްސަތު ނެތޭނެ ށަރްތެއް، ނުވަތަ ކޮންމެވެސް ކަމެއް ހިނގުން މެދުވެރި ކޮށްފައި ހުށަހެޅުމެއް އޮތްނަމަ، އެށަރްތު ފުރިހަމަވުން، ނުވަތަ އެކަމެއް ހިނގުން.
  3. ގާނޫނީގޮތުން ގަބޫލު ކުރެވޭ ގޮތަކަށް އެ ހުށަހެޅުމެއް އަނބުރާ ގެންދިއުން.
  4. އެ ހުށަހެޅުމެއް ގަބޫލު ނުކުރާކަން އެންގުން.

 

11 ވަނަ މާއްދާ - ހަގީގަތެއް ބަދަލުވުން

(ހ) ކޮންޓްރެކްޓްކުރާ މީހުން އެހަގީގަތެއްގެ މައްޗަށް އެކޮންޓްރެކްޓުކުރި ހަގީގަތް ކޮންޓްރެކްޓްގައި ބައިވެރިވި އެއްވެސް މީހެއްގެ ބާރެއްނެތި ބަދަލު ވެއްޖެނަމަ އެކޮންޓްރެކްޓް ވާނީ ބާތިލު އެއްޗަކަށެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ހަގީގަތް ބަދަލުވުމަކީ، އެ ކޮންޓްރެކްޓްގެ މުހިންމު ބައެއް ބަދަލުވުމެވެ.

(ނ) ގާނޫނުނޭނގުން

ގާނޫނުގައިވާގޮތް ނޭނގުމަކީ ކޮންޓްރެކްޓް ބާތިލުކުރެވޭނެ ސަބަބެއްނޫނެވެ.

 

12 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރު ނެތުން

ބިރެއްދައްކައިގެން، ނުވަތަ ހަގީގަތް އޮޅުވާލައިގެން، ނުވަތަ ނުރަނގަޅު ގޮތަކަށް ނުފޫޒުގެ ބޭނުންކޮށްގެން، މީހަކު ނުވަތަ ބަޔަކު ބައިވެރި ކުރުވާފައިވާ ކޮންޓްރެކްޓަކީ، އެމީހެއްގެ ނުވަތަ އެބައެއްގެ އަމިއްލަ އިހްތިޔާރުގައި އުފައްދާފައިވާ ކޮންޓްރެކްޓެއް ނޫނެވެ.

 

13 ވަނަ މާއްދާ - ބާތިލު ކޮންޓްރެކްޓް

އަމިއްލަ އިހްތިޔާރުގައި ނޫންގޮތަކަށް މީހަކު ނުވަތަ ބަޔަކު ކޮންޓްރެކްޓެއްގައި ބައިވެރިވެފައިވާނަމަ، އެއީ ބާތިލު ކޮންޓްރެކްޓެކެވެ.

 

14 ވަނަ މާއްދާ - ބިރެއްދެއްކުން

ބާރުގެ ބޭނުންކޮށްފާނެކަމުގެ ނުވަތަ، އަނިޔާއެއް ދީފާނެ ކަމުގެ ނުރައްކާ ކުރިމަތިކޮށްގެން މީހަކު ކޮންޓްރެކްޓެއްގައި ބައިވެރި ކުރުވައިފިނަމަ، އެއީ ބިރެއްދެއްކީކަމަށް ވާނެއެވެ.

 

15 ވަނަ މާއްދާ - ނުރަނގަޅުގޮތަކަށް ނުފޫޒުގެ ބޭނުން ކުރުން

މީހެއްގެ މައްޗަށް ނުފޫޒެއް ހިންގޭފަދަ މަގާމެއްގައި ހުރެ، އެފަދަ ނުފޫޒެއް ހިންގައިގެން މީހަކު ކޮންޓްރެކްޓެއްގައި ބައިވެރި ކުރުވުމަކީ ނުރަނގަޅު ގޮތަކަށް ނުފޫޒުގެ ބޭނުން ކުރުން ކަމަށް ވާނެއެވެ.

 

16 ވަނަ މާއްދާ - ހަގީގަތް އޮޅުވާލުން

ކޮންޓްރެކްޓެއްގައި ބައިވެރިވާ މީހަކަށް އެނގޭގޮތުން، ނުވަތަ އެމީހަކު ގަބޫލުކުރާ ގޮތުން، ހަގީގަތާ ހިލާފުކަމެއް، ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުމުން ނުވަތަ ވަކާލާތުކުރުމުން، އަނެކަކު އެކަމުގެ ނުވަތަ އެއެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރި ވެއްޖެނަމަ، އެއީ ހަގީގަތް އޮޅުވާލުމުގެ އަމަލު ހިންގީކަމަށް ބެލޭނެއެވެ.

 

17 ވަނަ މާއްދާ - ގާނޫނާހިލާފުވާހިނދު ކޮންޓްރެކްޓް ބާތިލުވުން

(ހ) ގައިރުގާނޫނީ ކޮންޓްރެކްޓަކީ ބާތިލު އެއްޗެކެވެ.

 ގައިރުގާނޫނީ ކޮންޓްރެކްޓަކަށްވާ ގޮތް

(ށ) ތިރީގައިމިވާ ދެގޮތުންކުރެ ގޮތެއް ކޮންޓްރެކްޓަކަށް މެދުވެރި ވެއްޖެ ނަމަ، އެކޮންޓްރެކްޓަކީ ގައިރު ގާނޫނީ އެއްޗެކެވެ.

  1. އެފަދަ ކޮންޓްރެކްޓެއް ކުރުމަކީ، ގާނޫނު މަނާކުރާ ކަމަކަށްވުން.
  2. ގައިރު ގާނޫނީ ނުވަތަ ބަދު އަހްލާގީ މަގްސަދަކަށްޓަކައި ކޮންޓްރެކްޓެއް ކުރުން.

 ގައިރުގާނޫނީގޮތަކަށް އަމަލުކުރުން

(ނ) ގައިރު ގާނޫނީ ގޮތަކަށް އަމަލުކުރަންޖެހޭ ކޮންޓްރެކްޓަކީ ބާތިލު ކޮންޓްރެކްޓެކެވެ.

 

18 ވަނަ މާއްދާ - ދިރިއުޅުމަށްކުރާ މަސައްކަތް މަނާކުރުން 

(ހ) ކޮންޓްރެކްޓެއްގައި އޮންނަ އެއްވެސް މާއްދާއެއް، މީހަކު ދިރިއުޅުމަށް ނުވަތަ އާމްދަނީ ހޯދުމަށްކުރާ މަސައްކަތަކަށް ހިފެހެއްޓުމެއް ނުވަތަ މަނާކަމެއް މެދުވެރިކުރާނަމަ، އެމާއްދާއެއްގެ ބާރު ހިންގޭނީ، ހަމައެކަނި އެއީ އެކަށީގެންވާ ކަމަކަށްވެއްޖެ ހިނދެއްގައެވެ.

ގާނޫނީ ފިޔަވަޅުއެޅުން މަނާކުރާ މާއްދާއެއް އެއީ ބާތިލު އެއްޗެއް

(ށ) ކޮންޓްރެކްޓެއްގައި އޮންނަ އެއްވެސް މާއްދާއަކުން، އޭގެ ބައިވެރިއަކަށް ގާނޫނީ ފިޔަވަޅު އެޅުން މަނާކުރާނަމަ، އެމާއްދާއަކީ ބާތިލު މާއްދާއެކެވެ.

ތަހުކީމާބެހޭ މާއްދާގެ ބާރު

(ނ) ކޮންޓްރެކްޓާ ގުޅިގެން އުފެދޭ އެއްވެސް ހިލާފެއް ހަމަޖެއްސުމަށް ޓަކައި، އެ ކޮންޓްރެކްޓެއްގައި އޮންނަ އެއްވެސް މާއްދާއަކުން، ތަހްކީމުގެ އުސޫލަށް އަމަލުކުރަން ކޮންޓްރެކްޓްގެ ބައިވެރިއަކަށް ޖެހޭނަމަ އެމާއްދާއަކީ، ގާނޫނު ހުއްދަކުރާ މާއްދާއެކެވެ.

ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ގާނޫނެއް ހިންގުމުގެ ބާރު

(ރ) ކޮންޓްރެކްޓާ ގުޅިގެން އުފެދޭ އެއްވެސް ހިލާފެއް ހަމަޖެއްސުމަށް ޓަކައި، އެ ކޮންޓްރެކްޓެއްގައި އޮންނަ އެއްވެސް މާއްދާއަކުން، ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ގާނޫނެއްގެ ދަށުން އަމަލުކުރާން ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް ޖެހޭނަމަ އެމާއްދާއަކީ ގާނޫނު ހުއްދަކުރާ މާއްދާއެކެވެ.

 

19 ވަނަ މާއްދާ - ކޮންޓްރެކްޓެއް ފުރިހަމަކުރުން

ތިރީގައިމިވާ ގޮތްތަކުންކުރެ ގޮތެއް މެދުވެރިވެއްޖެނަމަ، ބެލޭނީ، އެކޮންޓްރެކްޓަކީ އެމައްޗަށް އަމަލުކޮށް ނިމިއްޖެ ކޮންޓްރެކްޓެއް ކަމުގައެވެ.

(ހ) ކޮންޓްރެކްޓެއްގައިވާ ށަރްތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުވާ ކަންތައްތައްކޮށް ނިންމުން.

(ށ) ކޮންޓްރެކްޓެއްގެ ބައިވެރިން އެ ކޮންޓްރެކްޓަކީ، އެމައްޗަށް އަމަލުކޮށް ނިމިއްޖެ ކޮންޓްރެކްޓެއް ކަމަށް އެއްބަސްވުން.

(ނ) ގާނޫނެއް ހިންގަން ޖެހުމުގެ ސަބަބުން ކޮންޓްރެކްޓުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭން އަމުދުންނެތުން. ނުވަތަ ކޮންޓްރެކްޓްގެ ބައިވެރިން ހީނުކުރާފަދަ ހާލަތެއް މެދުވެރިވެގެން ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން އަމަލުކުރެވެން ނެތުން.

 

20 ވަނަ މާއްދާ - އަމަލުކޮށްފުރިހަމަވުން 

(ހ) ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެކޮންޓްރެކްޓްގައިވާ ށަރްތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއާހިލާފުގޮތަކަށް އަމަލުކުރެވޭނީ، އެކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް އަމަލުކުރާން އެއްބަސްވެއްޖެ ނަމައެވެ.

އަމަލުކުރާ ފަރާތް

(ށ) ކޮންޓްރެކްޓެއް، އޭގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުކުރާ ކަމެއް ހުދު އޭނާ ނުވަތަ އެހެން މީހަކު މެދުވެރިކޮށް ކުރެވިދާނެއެވެ. މިއާ ހިލާފަށް ކޮންޓްރެކްޓެގައި ކަނޑައެޅިގެން އެބައިވެރިޔަކު ކަމެއްކުރާން އޮވެއްޖެނަމަ ނުވަތަ، ލިޔެވިފައި ނެތަސް އެގޮތަށް އިށާރާތް ކޮށްފައި އޮވެއްޖެނަމަ، އެކަމެއްކުރަންވާނީ ހުދު އެބައިވެރިޔާއެވެ.

 އަމަލުކުރާވަގުތު

(ނ) އެނޫންގޮތަކަށް ކޮންޓްރެކްޓްގައި ބުނެފައި ނުވާނަމަ، ބައިވެރިން އަމަލުކުރަންވާނީ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައެވެ

(ރ) ކަމެއްވާހިނދު، ނުވަތަ ށަރްތެއް ފުރިހަމަ ވުމަށްފަހު، ކޮންޓްރެކްޓަކަށް އަމަލު ކުރަންޖެހޭނަމަ، އެކަމެއް ވާހިނދު ނުވަތަ އެށަރްތެއް ފުރިހަމަވުމަށްފަހުގައި މެނުވީ ކޮންޓްރެކްޓަށް އަމަލުކުރާކަށް ނުޖެހޭނެއެވެ.

 

21 ވަނަ މާއްދާ - އެއްބަސްވުމަކުން ނިންމުން

(ހ) ކޮންޓްރެކްޓެއްގެ ދަށުން ލާޒިމުކުރާ ކަންތައްތައް، އޭގެ ބައިވެރިން އެއްބަސް ވެގެން، ބޭނުންވެއްޖެ ހިނދެއްގައި ނިމުމަކަށް ގެނެވިދާނެއެވެ.

(ށ) މިފަދަ ކޮންމެ އެއްބަސްވުމެއް އޮންނަންވާނީ ގާނޫނާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

22 ވަނަ މާއްދާ - އަމަލުކުރެވެން ނެތުން 

(ހ) ކޮންޓްރެކްޓެއްގެ ބައިވެރިން ހީނުކުރާފަދަ ހާލަތެއް މެދުވެރިވެގެން، ނުވަތަ ގާނޫނެއް ހިންގުމުގެ ސަބަބުން އެފަދަ ކޮންޓްރެކްޓަކުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއްކުރުމަކީ ވެވެންނެތް ކަމަކަށް ވެއްޖެ ހިނދެއްގައި ބެލޭނީ، އެކޮންޓްރެކްޓް ނިމުމަކަށް ދިޔައީ ކަމުގައެވެ.

 އަމަލުކުރަން ދަތިވުން

(ށ) ކޮންޓްރެކްޓަކުން އޭގެ ބައިވެރިންނަށް ލާޒިމުކުރާ އަމަލެއްކުރުން ދަތިވުމަކީ ނުވަތަ އެކަމަށް ހިނގާ ހަރަދު ބޮޑުވުމަކީ އެއަމަލެއް ކުރެވެންނެތީ ކަމަކަށް ނުބެލޭނެއެވެ.

 އަމިއްލައަށްކުރާ ކަމަކުން އަމަލުކުރެވެންނެތީ ކަމަކަށްނުވާނެ

(ނ) ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ އިހުމާލުން، ނުވަތަ އޭނާގެ އަމިއްލަ ކުށަކުން މެދުވެރިވާ ހާލަތަކާހުރެ، އެކޮންޓްރެކްޓަކުން އޭނާގެ މައްޗަށް ލާޒިމުކުރާ އަމަލެއް ކުރެވެންނެތީ ކަމަކަށް އޭނާ ބަލައިގެން ނުވާނެއެވެ.

(ރ) ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް ލާޒިމިކުރާ އަމަލެއް ކުރެވެންނެތްކަން އެނގުމުގެ ކުރީގައި، އޭނާއަށް ލިބެންއޮތް ފައިސާއެއް، ނުވަތަ އޭނާދިން ފައިސާއެއް ހޯދުމަކީ ކުރެވިދާނެ ކަމެކެވެ. އަދި އަމަލެއް ކުރެވެންނެތުމުގެ ފަހަކަށް، އޭނާގެ މައްޗަށް ލާޒިމުކުރާ ކަމެއްގައި އޭނާއެއް ނުބަނދެވޭނެއެވެ.

 

23 ވަނަ މާއްދާ - ގެއްލުމަށްބަދަލު ދިނުން

(ހ) ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ހިލާފް އަމަލެއް ކޮށްފިނަމަ، އެއަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެއަމަލުކުރި މީހަކު، ބަދަލުދޭން ޖެހޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުން ބަދަލުދޭން ޖެހޭނެ ގެއްލުމަކީ:

  1. ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުން
  2. އެފަދަ ހިލާފު އަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުން.

 

24 ވަނަ މާއްދާ - އެކަށީގެންވާ ވަރަށް ރައްކާތެރި ނުވުމުގެ ސަބަބުންލިބޭ ގެއްލުމަކަށް ރައްކާތެރިނުވި ފަރާތަށް ބަދަލުދިނުމެއް ނޯންނާނެއެވެ.

 

25 ވަނަ މާއްދާ - ވަކިގޮތަކަށް އަމަލު ކުރުމުގެ އަމުރު

(ހ) ކޮންޓްރެކްޓެއްގައި ބައިވެރިވާ ފަރާތަކުން ކޮންޓްރެކްޓްގައިވާ ގޮތާ ހިލާފަށް އަމަލުކުރުމުން ލިބޭ ގެއްލުމަކަށްދެވޭ ބަދަލެއް ހަމައެކަނި ދިނުމުން  އެއީ ފުދޭވަރުގެ އެއްޗަކަށް ނުވާކަމަށް އެގެއްލުން ލިބޭ ފަރާތަށް ފެނިއްޖެނަމަ ވަކިގޮތަކަށް އަމަލުކުރުމުގެ އަމުރަކަށް އެދި ދައްވާކުރުމުގެ ހައްގު އެގެއްލުންލިބޭ ފަރާތަށް ލިބިގެން ވެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާފަދަ ދައްވާއެއް ގެއްލުން ލިބޭ ފަރާތަކުން ކޯޓަކަށް ހުށަހަޅައިފިނަމަ، ކޯޓުން އެކަން ބަލައި އެބަދަލު އެއީ ފުދޭވަރުގެ އެއްޗަކަށްނުވާ ކަމަށް ފެނިއްޖެ ހިނދެއްގައި އެބަދަލު ދޭންޖެހޭ ފަރާތުން ވަކިގޮތަކަށް އަމަލުކުރުމުގެ އަމުރު ކޯޓުން އެފަރާތަށް ކުރެވިދާނެއެވެ.

(ނ) މިމާއްދާގައި ވަކިގޮތަކަށް އަމަލުކުރުމުގެ އަމުރު ކަމަށް ބުނެފައިވަނީ ކޮންޓްރެކްޓްގައިވާ ގޮތަށް އެކަމެއް ކުރުމަށް ކުރަންޖެހޭ ފަރާތަކަށް ކޯޓުން އެކަމެއް ކުރުމަށް އަމުރުކުރުމަށެވެ.

 

26 ވަނަ މާއްދާ - ހުރިހާ ބައިވެރިން އެކުގައިއަދިވަކިވަކިން މަސްއޫލުވުން

ކޮންޓްރެކްޓްގައި، ނުވަތަ ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، ކޮންޓްރެކްޓެއްގެ ބައިވެރިން ދަރަންޏާމެދު ނުވަތަ ކުރަންޖެހޭ ކޮންމެ ކަމަކާމެދު ހުރިހާ ބައިވެރިން އެކުގައިވެސް، އަދި އެކި ބައިވެރިން ވަކިވަކިންވެސް މަސްއޫލުވާން ޖެހޭނެއެވެ.

 

27 ވަނަ މާއްދާ - ގަވާއިދުތައް ހެދުމާއި ހިންގުން

މިގާނޫނު ހިންގުމަށްޓަކައި ބޭނުންވާ ގަވާއިދުތައް ހެދުމާއި ހިންގުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވެއެވެ.

 

28. މިގާނޫނުގައި އެހެން ގޮތަކަށް ނުބުނެވޭ ހިނދެއްގައި:

(ހ) ރައީސުލްޖުމްހޫރިއްޔާއޭ ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

(ށ) މިގާނޫނުގެ 3 ވަނަ މާއްދާގެ (ށ) ފިޔަވައި، އެހެން ތަންތާނގައި މީހެކޭ ނުވަތަ ބައިވެރިއެކޭ ބުނެފައި އެވަނީ، ކުންފުނި ޖަމްއިއްޔާ ފަދަ ޖަމއަތްތައް ހިމެނޭ ގޮތަށެވެ.

(ނ) އެއްވެސް ބަހެއް މުފްރަދުކޮށް ލިޔެވިފައިވާނަމަ، އޭގެ ޖަމްއު މާނަވެސް ހިމެނޭނެއެވެ. އަދި ޖަމްއުކޮށް ލިޔެވިފައިވާނަމަ އޭގެ މުފްރަދު މާނަވެސް ހިމެނޭނެއެވެ.

(ރ) މިގާނޫނުގެ 7 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި އެންގުމުންނޭ ބުނެފައިވަނީ އެއްފަރާތުން އަނެއް ފަރާތަށް އަންގާ އެންގުމެއް އަނެއް ފަރާތަށް އެނގި ފުރިހަމަ ވުމަށެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު