-

މުދާ ވިއްކުމާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1991-06) 

 

1 ވަނަ މާއްދާ - ނަން

މިގާނޫނަށް ކިޔާނީ "މުދާ ވިއްކުމާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މުދާވިއްކުން

މުދާ ވިއްކުމަކީ އެމުދަލުގެ މިލްކުވެރިކަން، ވަކިއަގަކަށް، ވިއްކާމީހާގެ ކިބައިން ގަންނަ މީހާއަށް ބަދަލުކުރުމަށް ވިއްކާ މީހާއާއި ގަންނަމީހާއާ ދެމެދުގައިވާ އެއްބަސްވުމެވެ. މި އެއްބަސްވުމަށް މިގާނޫނުގައި ކިޔާނީ މުދާ ވިއްކުމުގެ ކޮންޓްރެކްޓެވެ.

 

3 ވަނަ މާއްދާ - ތަސައްރުފު ފުދުން

 (ހ) މުދާ ވިއްކުމުގެ ކޮންޓްރެކްޓެއްގެ ބައިވެރިންނަކީ، ކޮންޓްރެކްޓް ކުރަން ތަސައްރުފު ފުދޭ ބަޔަކަށްވާންވާނެއެވެ.

(ށ) އާންމުކޮށް ބޭނުންކުރާ މުދާ، ކޮންޓްރެކްޓް ކުރަން ތަސައްރުފު ނުފުދޭ މީހަކަށް ނުވަތަ ކުއްޖަކަށް ވިއްކައި އަދި ދޭނަމަ އެމީހާ ނުވަތަ އެކުއްޖާ އެތަކެއްޗަށް އެކަށީގެންވާ އަގެއް ދޭންވާނެއެވެ.

 

4 ވަނަ މާއްދާ - މިހާރުހުރި ނުވަތަ ލިބެންވާ މުދާ

ކޮންޓްރެކެއްގެ ދަށުން ވިއްކާ މުދަލަކީ މިހާރުހުރި މުދާ ނުވަތަ ލިބެންވާ މުދަލެވެ. މިމާއްދާގައި މިހާރުހުރި މުދަލޭ ބުނެފައި އެވަނީ، ވިއްކާ މީހާގެ މިލްކުގައި ނުވަތަ ވިއްކާ މީހާގެ އަތުގައިހުރި މުދަލަށެވެ. އަދި ލިބެންވާ މުދަލޭ ބުނެފައި އެވަނީ، ކޮންޓްރެކްޓް ކުރުމަށްފަހު އުފައްދަންޖެހޭ ނުވަތަ ވިއްކާ މީހާ ހޯދަންޖެހޭ މުދަލެވެ.

 

5 ވަނަ މާއްދާ - އަގު

ވިއްކުމުގެ ކޮންޓްރެކްޓެއްގައި އަގުކަމަށް ބަލާނީ، ކޮންޓްރެކްޓްގައި ކަނޑައަޅާފައިވާ އަގު، ނުވަތަ ކޮންޓްރެކްޓްގައި ކަނަޑައަޅާފައިވާ ގޮތެއްގެ މަތިން އެކަށައަޅާ އަގެކެވެ.

 

6  - ވަނަ މާއްދާ

ތިންވަނަ ފަރާތުން އަގު ކަނޑައެޅުމަށް، ކޮންޓްރެކްޓްގެ ބައިވެރިންނަށް އެއްބަސް ވެވިދާނެއެވެ.

 

7 ވަނަ މާއްދާ - ބަޔާން ކުރެވިފައި ނެތަސް ގަބޫލުކުރެވޭ ށަރްތު

ވިއްކާ މީހާ މުދާ ވިއްކަނީ އެމުދަލެއް ވިއްކުމުގެހައްގު އޮވެގެން ކަމުގައި ކޮންޓްރެކްޓެއްގައި ބަޔާންވެފައި ނެތަސް އެއާ އިދިކޮޅު ގޮތަކަށް ބަޔާންވެފައި ނުވާނަމަ، އެމުދަލެއް ވިއްކުމުގެ ހައްގު އޭނާއަށް އޮވެގެން ކަމަށްގަބޫލު ކުރެވޭނެއެވެ. އަދި ވިއްކަން އެއްބަސް ވާއިރު އޭނާއަށް ވިއްކުމުގެ ހައްގުއޮތްކަމަށް ބެލޭނީ އެމުދަލުގެ މިލްކުވެރިކަން ގަންނަ ފަރާތަށް ބަދަލުވާނަމައެވެ.

 

8 ވަނަ މާއްދާ - މިލްކުވެރިކަން ބަދަލުވުން

ކޮންޓްރެކްޓްގައިވާ ގޮތުގެމަތިން ކަނޑައަޅާ ވަގުތެއްގައި ގަންނަ މީހާއަށް މުދަލުގެ މިލްކުވެރިކަން ބަދަލު ވާނެއެވެ.

 

9 ވަނަ މާއްދާ - ބޭނުމަކަށް އެކަށީގެންވުން

ކޮންޓްރެކްޓެއްގެ ދަށުން ވިއްކާ މުދާ ވަކި ބޭނުމަކަށް އެކަށީގެންވާ ފެންވަރުގެ މުދަލަށްވާނީ، ގަންނަމީހާ އެ ބޭނުމެއް ވިއްކާމިހާއަށް އަންގައިދީފައި އޮތްނަމައެވެ.

 

10 ވަނަ މާއްދާ - މުދާ ދޫނުކޮށް ބެހެއްޓުމުގެ ހައްގު

ކޮންޓްރެކްޓްގައިވާ ށަރުތުތައް ނުވަތަ ށަރުތުތަކުން ބައެއް ފުރިހަމަވަންދެން މުދާ ދޫނުކޮށް ބެހެއްޓުމުގެ ހައްގު ވިއްކާ މިހާއަށް ލިބިގެން ވެއެވެ. މިހެން ދިމާވާ މައްސަލާގައި، އެ ށަރުތުތައް ފުރިހަމަ ވަންދެން މިލްކުވެރިކަން، ގަންނަ މީހާއަށް    ބަދަލެއް ނުވާނެއެވެ.

 

11 ވަނަ މާއްދާ - ކުރިމަތިވެދާނެ ނުރަނގަޅު ނަތީޖާއެއް

އެހެން ގޮތަކަށް އެއްބަސް ވެފައި ނުވާނަމަ، މުދަލުގެ މިލްކުވެރިކަން ބަދަލުވާހިނދު، އެމުދާ ދީފައިވީ ނަމަވެސް ނުވަތަ ނުދެވި ހުރިނަމަވެސް، އެމުދަލެއްގެ މިލްކުވެރިކަން ބަދަލު ވުމާއެކު، އޭގެ ރިސްކުވެސް ވިއްކާމީހާގެ ކިބައިން ގަންނަ މީހާއަށް ބަދަލުވެގެން ދާނެއެވެ. މިމާއްދާގައި ރިސްކޭ ބުނެފައި އެވަނީ، މުދަލުގެ މިލްކުވެރިކަން ބަދަލުވާހިނދު އެކަމުގައި އޮންނަ ކޮންމެވެސް މިންވަރެއްގެ ނުރަނގަޅު ނަތީޖާއެއް ކުރިމަތިވެދާނެ ކަމުގެ ނުރައްކަލަކަށެވެ.

 

12 ވަނަ މާއްދާ - ދެފަރާތުގެވާޖިބު

ވިއްކާމީހާގެ ވާޖިބަކީ، ކޮންޓްރެކްޓްގެ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން، މުދާ ދިނުމެވެ. އަދި ހަމަ މިގޮތަށް، ގަންނަ މީހާގެ ވާޖިބަކީ، ކޮންޓްރެކްޓްގެ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން މުދާ ގަބޫލު ކުރުމާއި، އެއަށް އަގު ދިނުމެވެ.

 

13 ވަނަ މާއްދާ - މުދާ ދިނުމާ ބެހޭ އުސޫލު

އެހެން ގޮތަކަށް އެއްބަސް ވެފައި ނުވާނަމަ:-

(ހ) މުދާ ދިނުމާއި އެއަށް އަގު ދިނުން އެއީ އެކުގައި ފުރިހަމަވާންޖެހޭ ދެ ށަރުތެވެ.

(ށ) މުދާދޭ ތަނަކީ، ވިއްކާ މީހާ ވިޔަފާރިކުރާ ތަނެވެ.

(ނ) މުދާ ދިނުމުގައި އެކިފަހަރުމަތިން ދީ ހަމަކުރާ އުސޫލު އެއީ ގަންނަ މީހާ ކޮންމެހެން ގަބޫލު ކުރަންޖެހޭ ގޮތެއް ނޫނެވެ.

 

14 ވަނަ މާއްދާ - މިންވަރު ތަފާތުކޮށް ނުވަތަ އައިބުހުރި މުދާ ދިނުން

(ހ) ގަންނަ މީހާ ކޮންޓްރެކްޓް ކުރި ވަރަށްވުރެ ގިނައިން ނުވަތަ މަދުންވިޔަސް ވިއްކާ މީހާ ދޭ މުދާ ގަބޫލު ކުރުމަކީ ގަންނަ މީހާއަށް މަޖްބޫރު ކަމެއް ނޫނެވެ.

(ށ) ވިއްކާ މީހާ ދިން މުދަލުގެ މިންވަރަކީ، ގަންނަ މީހާ ކޮންޓްރެކްޓް ކުރި ވަރަށްވުރެ މަދު މިންވަރަކަށް ވެފައި އޭނާ އެމުދާ ގަބޫލު ކުރާ ކަމުގައި ވާނަމަ، އަގުދޭނީ އެއްބަސްވި އަގުން ޖެހޭ ރޭޓަކުންނެވެ.

(ނ) ގަންނަ މީހާ ކޮންޓްރެކްޓް ކުރި ވަރަށްވުރެ ގިނަ މިންވަރެއް ވިއްކާމީހާ ދީފިނަމަ ކޮންޓްރެކްޓްކުރި ވަރަށް އެކަނި ގަންނަ މީހާއަށް އެމުދާ ގަބޫލު ކުރެވިދާނެއެވެ. ވިއްކާ މީހާ ދިން މިންވަރު އެކުގައި ގަބޫލު ކުރާނަމަ، އަގުދޭނީ އެއްބަސް ވެފައިވާ އަގުންޖެހޭ ރޭޓަކުންނެވެ.

(ރ) ކޮންޓްރެކްޓް ކުރެވިފައިވާ މުދާ ވިއްކާ މީހާގެ ފަރާތުން ގަންނަ މީހާއައް ދޭއިރު، އެކޮންޓްރެކްޓް ކުރި މުދަލާއި، ކޮންޓްރެކްޓްގައި ނުހިމެނޭ މުދަލާއެކުވެފައި ހުރިނަމަ، ކޮންޓްރެކްޓާ އެއްގޮތަށް ހުރި މުދާ ގަންނަ މީހާއަށް ގަބޫލުކުރެވިދާނެއެވެ. އަދި ބާކީ ހުރިއެއްޗެއް ގަބޫލުނުކޮށް ދޫކޮށްލެވިދާނެއެވެ.

(ބ) މުދަލެއްގައި ހުރި އައިބަކީ، ވިއްކާ މީހާ ގަންނަ މީހާއަށް ދިނުމުގެ ކުރިން އެމުދަލުގައި ހުރި އައިބަކަށް ވާނަމަ ގަންނަ މީހާއަށް އެމުދަލެއް ގަބޫލު ނުކޮށް ދޫކޮއްލެވި ދާނެއެވެ.

 

15 ވަނަ މާއްދާ - މުދާ ގާނޫނީގޮތުން ގަބޫލު ކުރުން

ތިރީގައި މިވާގޮތްތަކުގެ ތެރެއިން ގޮތަކަށް ގަންނަ މީހާ އަމަލު ކޮށްފިނަމަ، އެއީ ގާނޫނީ ގޮތުން އޭނާ މުދަލެއް ގަބޫލުކުރީކަމަށް ބެލެވޭނެއެވެ.

(ހ) އޭނާ މުދަލެއް ގަބޫލު ކުރިކަން ވިއްކާ މީހާއަށް އެންގުން.

(ށ) ގަންނަ މީހާ އެމުދާ ގަބޫލު ނުކުރާކަން ވިއްކާ މީހާއަށް ނާންގައި، އޭނާގެ އަތުގައި އެކަށީގެންވާ މުއްދަތެއް ވާއިރުވެސް އެމުދާ ބެހެއްޓުން.

(ނ) ގަންނަމީހާ އެމުދަލެއް ބަލައިގެންފައި، އެމުދަލުގެ މައްޗަށް އޮތް ވިއްކާމީހާގެ މިލްކުވެރިކަމަށް އުނިކަމެއް އަތުވެދާފަދަ ގޮތަކަށް ގަންނަ މީހާ އަމަލު ކުރުން.

 

16 ވަނަ މާއްދާ - ވިޔަފާރި ރޫޅާލުމުގެ އިހްތިޔާރު

އެހެން ގޮތަކަށް އެއްބަސް ވެފައި ނުވާނަމަ މުދާ ވިއްކުމުގެ ވިޔަފާރި ނިންމާފައި ވިއްކާ މީހާއާއި، ގަންނަ މީހާ ވަކިނުވެ ތިބިހައި ހިނދެއްގައި އެވިޔަފާރި ރޫޅާލުމުގެ އިހްތިޔާރު އެ ދެމީހުން ކުރެ ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ.

 

17 ވަނަ މާއްދާ - ވިއްކާއެއްޗަކަށް އަގުނުލިބި އޮންނައިރު ވިއްކާމީހާގެ ހައްގު

މިގާނޫނުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން ގަންނަމީހާއަށް އެމުދަލެއްގެ މިލްކުވެރިކަން ބަދަލުވާގޮތަށް ހަމަޖެހިފައި ވީނަމަވެސް އޭގެ އަގު އަދާނުކޮށް އޮންނައިރު ވިއްކާ މީހާއަށް އެމުދަލުގެ މައްޗަށް ތިރީގައިވާ ހައްގުތައް ލިބިގެންވެއެވެ.

(ހ) އޭނާގެ އަތުގައި އެމުދާ ހުރިނަމަ، ގަންނަމީހާ އެ މުދަލެއްގެ އަގު އަދާކުރަންދެން އެމުދާ ހިފެހެއްޓުމުގެ ގާނޫނީ ބާރު.

(ށ) އެމުދާ އެހެން ފަރާތަކަށް ވިއްކާލުމުގެ ހައްގު.

 

18 ވަނަ މާއްދާ - މުދަލުގެމައްޗަށް އޮންނަގާނޫނީބާރު

(ހ) ތިރީގައި މިވާ ހާލަތުތަކުގައި މުދާހިފެހެއްޓުމުގެ ގާނޫނީ ބާރު ވިއްކާ މީހާއަށް ލިބިގެން ވެއެވެ.

(1) އޭނާއަށް ކްރެޑިޓް ލިބިފައި ނެތުން.

(2) ކްރެޑިޓް ލިބިފައި އޮތްނަމަވެސް، އެ ކްރެޑިޓް ގައިވާ ފައިސާ ލިބެންވީ މުއްދަތު ފަހަނައަޅާ ދިއުން.

(3) ގަންނަމީހާ ބަނގުރޫޓުވުން.

(ށ) މިގާނޫނުނާ އެއްގޮތްވާ ގޮތުގެމަތިން މުދާ ގަންނަ މީހާ ނުވަތަ އޭނާގެ އެޖެންޓު އެމުދަލެއް ލިބިގަތުމުން ނުވަތަ ވިއްކާ މީހާ އޭނާއަށް ލިބިފައިވާ ބާރު ދޫކޮށްލުމުން، ވިއްކާ މީހާއަށް ލިބެންވާ މުދާ ހިފެހެއްޓުމުގެ ގާނޫނީ ބާރު ކެނޑިގެން ދާނެއެވެ.

 

19 ވަނަ މާއްދާ - އެހެން ފަރާތަކަށް ވިއްކުން

(ހ) ވިއްކާ މީހާއަށް އެމުދަލެއް އަލުން ވިއްކޭނީ ތިރީގައި މިވާގޮތްތަކުގެ ތެރެއިން ގޮތެއް މެދުވެރިވެއްޖެ ނަމައެވެ.

(1) އެމުދަލަކީ އަވަހަށް ހަލާކު ވެދާފަދަ އެއްޗަކަށްވުން.

(2) އޭނާ އެމުދާ އަލުން ވިއްކާލަން ގަސްދުކޮށްފިކަން ގަންނަ މީހާއަށް އެންގުމަށްފަހު، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ގަންނަ މީހާ އަގުނުދިނުން.

(3) ގަންނަމީހާ ކޮންޓްރެކްޓާ ހިލާފު އަމަލެއް ކޮށްފިނަމަ ވިއްކާމީހާ އެމުދާ އެހެން ފަރާތަކަށް ވިއްކުމުގެ ހައްގު އޭނާއަށް އެބައޮތްކަން ކަނޑައަޅާފައި ވަނިކޮށް، ގަންނަ މީހާ އެފަދަ އަމަލެއް ކުރުން.

(ށ) ގަންނަ މީހާ ކޮންޓްރެކްޓާ ހިލާފު އަމަލެއް ކުރުމުގެ ސަބަބުން ވިއްކާ މީހާއަށް ގެއްލުމެއް ލިބިފައިވާނަމަ އޭގެ ބަދަލު ވިއްކާ މީހާއަށް ހޯދިދާނެއެވެ.

 

20 ވަނަ މާއްދާ - އަގުހޯދަންއަޅާ ފިޔަވަޅު

ގަންނަ މީހާ މުދަލަށް އަގު ދިނުމުގައި ފަރުވާކުޑަ ކޮށްފިނަމަ، ނުވަތަ މުދަލުގެ އަގު ނުދޭނެކަމަށް ބުނެފިނަމަ، އެއަގު ހޯދުމަށްޓަކައި ވިއްކާ މީހާއަށް ދައްވާ ކުރެވިދާނެއެވެ.

 

21 ވަނަ މާއްދާ - ކޮންޓްރެކްޓާ ހިލާފު ވެއްޖެނަމަ ގަންނަ މީހާގެ ހައްގު

(ހ) ވިއްކާ މީހާ މުދަލެއް ދިނުމުގައި ފަރުވާކުޑަ ކޮށްފިނަމަ ނުވަތަ މުދާ ނުދޭނޭ ކަމަށް ބުނެފިނަމަ، އެކަމުގެސަބަބުން ގަންނަމީހާއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ޓަކައި ގަންނަ މީހާއަށް ދައްވާ ކުރެވިދާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮއްފައިވާ ގެއްލުމުގެ ބަދަލު ކަމަށްވާނީ، އެމުދަލަކާމެދު ކުރިން އެއްބަސް ވެފައިވާ އަގާއި އެމުދާ ދޭން ކޮންޓްރެކްޓްގައި ކަނޑައެޅިފައިވާ ވަގުތު، ބާޒާރުގައި އެމުދާ ލިބެންހުރި އަގާއި މިދެއަގުގެ ތަފާތު، ނުވަތަ އެމުދަލާމެދު ކުރިން އެއްބަސް ވެފައިވާ އަގާއި، ހަމަ އެފަދަ މުދަލެއް އެހެން ފަރާތަކުން ހޯދަން ގަންނަ މީހާ އުޅެގެން ދިޔަ ހަރަދާއި މިދެބައިގެ ތަފާތެވެ.

 

22 ވަނަ މާއްދާ - މިގާނޫނުގައި އެހެން ގޮތަކަށް މާނަ ކުރެވިފައި ނުވާނަމަ:-

(ހ) މުދަލުގެތެރޭގައި ފައިސާނޫން ހުރިހާ އުފުލޭ ތަކެތި ހިމެނޭނެއެވެ.

(ށ) "ވިއްކާމީހާ" ގެ މާނައަކީ ވިއްކާ ނުވަތަ ވިއްކަން އެއްބަސްވާ މީހާއެވެ.

(ނ) "ގަންނަމީހާ" ގެ މާނައަކީ، ގަންނަ ނުވަތަ ގަންނަން އެއްބަސްވާ މީހާއެވެ.

(ރ) ދިނުމުގެ މާނައަކީ އެމީހެއްގެ އަމިއްލަ އިހްތިޔާރުގައި މުދަލެއްގެ އަތުގެ ވެރިކަން އަނެކަކަށް ބަދަލުކުރުމެވެ. އަތުންއަތަށް ދީގެން ނުވަތަ އެހެން މީހަކު މެދުވެރިކޮށް އަނެކަކަށް އެއްޗެއް ގެންގޮސްދީގެން ނުވަތަ ފޮނުވައިދީގެން އަތުގެ ވެރިކަން ބަދަލު ކުރާ ކުރުންވެސް މީގެ ތެރޭގައި ހިމެނޭނެއެވެ.

(ބ) "ކްރެޑިޓް" ގެ މާނައަކީ މުދާ ވިއްކުމުގެ މުއާމަލާތެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދިނުމަށް ވައުދު ވެދޭ ލިޔުމެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު