-

އުފަންވުން ރަޖިސްޓަރީ ކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމާއި، މަރުވާ މީހުންގެ މަރު ސާބިތުކުރުމާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1992-07)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2022-23 ގެ 50 ވަނަ މާއްދާއިން އުވާލެވިފައި)

1 ވަނަ މާއްދާ

ދިވެހިރާއްޖޭގައި އުފަންވުން ރަޖިސްޓަރީ ކުރުމާއި، އުފަން ދުވަހުގެ ސެޓްފިކެޓް ހެދުމާއި، މަރު ސާބިތު ކުރުމާބެހޭ ގަވާއިދުތައް ހެދުމަކީ މިނިސްޓްރީ އޮފް ހެލްތްގެ ކަމެކެވެ.

 

2 ވަނަ މާއްދާ - އުފަންވުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

ދިވެހިރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވުމާ ގުޅިގެން، ސަރުކާރު ބަންދުނޫން 7 ދުވަހުގެތެރޭގައި، އެކުއްޖެއްގެ އުފަންވުން ރަޖިސްޓަރީ   ކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށަހަޅަން ވާނެއެވެ.

 

3 ވަނަ މާއްދާ - އުފަންވުން ރަޖިސްޓަރީ ކުރުމަށް ހުށަހަޅާތަން

2 ވަނަ މާއްދާގައިވާ ފަދައިން، އުފަންވުން ރަޖިސްޓަރީ ކުރުމަށް ހުށަހަޅާނީ، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީ އަށެވެ. ރާއްޖެތެރޭގައިނަމަ، އެކުއްޖަކު އުފަންވީ ރަށެއްގެ ރަށު އޮފީހަށެވެ. ފަޅުރަށެއްގައި އުފަންވިނަމަ، އުފަންވުމަށްފަހު އެންމެ ފަސޭހައިން ދެވޭ މީހުން އުޅޭ ރަށެއްގެ ރަށުއޮފީހަށެވެ. އަދި ދަތުރެއްގެ މަތީގައި އުފަންވިނަމަ، ވިހޭމީހާގެ ދަތުރު ނިންމާ މީހުން އުޅޭ ރަށެއްގެ ރަށު އޮފީހަށެވެ.

 

4 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި އުފަންވާކުދިން އުފަންވުން ރަޖިސްޓަރީކުރުން

ދިވެއްސެއްގެ ކުއްޖަކު ރާއްޖެއިން ބޭރުގައި އުފަން ވެއްޖެނަމަ އެކުއްޖަކު  އުފަންވީ ގައުމެއްގައި އުފަން ވުން ރަޖިސްޓަރީ  ކުރަން ހަމަޖެހިފައިވާ އިންތިޒާމެއްގެ މަތިން އެކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކޮށް، އުފަންވުމުގެ ރަޖިސްޓަރީ ހައްދަންވާނެއެވެ. އަދި ރާއްޖެ އައުމަށްފަހު ސަރުކާރު ބަންދުނޫން 7 ދުވަހުގެ ތެރޭގައި މާލޭ މުނިސިޕަލްޓީއަށް ނުވަތަ އެކުއްޖެއްގެ ރަށުއޮފީހަށް އެކުއްޖެއްގެ ބައްޕަ، އެރަޖިސްޓަރީ ނުވަތަ އުފަން ދުވަހުގެ ސެޓްފިކެޓް ހުށަހަޅަންވާނެއެވެ. ބައްޕަ ނެތްނަމަ، އެކުއްޖެއްގެ މަންމަ، މަންމަވެސް ނެތްނަމަ، އެކުއްޖެއްގެ އެންމެ ގާތް  ބަލަދުވެރިއަކު އެރަޖިސްޓަރީ ނުވަތަ އުފަން ދުވަހުގެ ސެޓްފިކެޓް ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - އުފަންވުން ރަޖިސްޓަރީ ކުރުމަށްޓަކައި ހުށަހަޅާ ފޫޅުމާފޯމު ފުރިހަމަ ކުރުން

2 ވަނަ މާއްދާގައިވާ ފަދައިން އުފަންވުން ރަޖިސްޓަރީ ކުރުމަށްޓަކައި ހުށަހަޅާނީ ފޫޅުމާ ފޯމު ފުރިހަމަ ކުރުމަށްފަހު އެފޯމެވެ. ހޮސްޕިޓަލްތަކުގަ އާއި ސިއްހީ މަރްކަޒު ތަކުގައި އުފަންވާ ކުދިންގެ ފޫޅުމާ ފޯމު ފުރާނީ އެތަންތަނުންނެވެ. އެހެން ކުދިންގެ ފޫޅުމާ ފޯމު ފުރާނީ އެކުއްޖަކު ވިއްސި ފޫޅުމައެކެވެ. އެފަދަ މީހަކު ނެތް ހާލަތެއްގައި އުފަންވާ ކުދިންގެވެސް ފޫޅުމާ ފޯމު ފުރިހަމަ ކުރާނީ ހޮސްޕިޓަލަކުން ނުވަތަ ސިއްހީ މަރްކަޒަކުންނެވެ. އެފަދަ ތަނެއްވެސް ނެތްނަމަ ރަށުއޮފީހުންނެވެ.

 

6 ވަނަ މާއްދާ - ފޫޅުމާފޯމު ފުުރުވުމާއި ހުށަހެޅުން

(ހ) ފޫޅުމާ ފޯމު ފުރުވުމަކީ، އެކުއްޖެއްގެ ބައްޕަ ކުރަންޖެހޭ ކަމެކެވެ. ބައްޕަ ނެތްނަމަ، ފޫޅުމާފޯމު ފުރުވާނީ، އެކުއްޖެއްގެ މަންމައެވެ. މަންމަވެސް ނެތްނަމަ، އެކުއްޖެއްގެ އެންމެގާތް ބަލަދުވެރިޔާއެވެ.

(ށ) ފޫޅުމާ ފޯމު ފުރިހަމަކޮށް، 2 ވަނަ މާއްދާގައިވާ ފަދައިން އުފަންވުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމަކީ، އެކުއްޖެއްގެ ބައްޕަ ކުރަންޖެހޭނެ ކަމެކެވެ. ބައްޕަ ނެތްނަމަ، ހުށަހަޅާނީ އެކުއްޖެއްގެ މަންމައެވެ. މަންމަވެސް ނެތްނަމަ، އެންމެގާތް ބަލަދުވެރިޔާއެވެ.

 

7 ވަނަ މާއްދާ - މުއްދަތުތެރޭގައި ހުށަނާޅައިފިނަމަ ޖޫރިިމަނާކުރުން

2 ވަނަ މާއްދާގައިވާ ފަދައިން އުފަންވުން ރަޖިސްޓަރީ ކުރުމަށް، ފޫޅުމާފޯމު ހުށަނާޅައިފިނަމަ އެކަމުގެ މަސްއޫލިއްޔަތު އުފުލާ ފަރާތެއް 5 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި އިތުރުވާ ކޮންމެ ދުވަހަކަށް 1 ރުފިޔާގެ ޖޫރިމަނާ އިތުރުވަމުން ދާނެއެވެ.

 

8 ވަނަ މާއްދާ - އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ހުށަހެޅުން

(ހ) ކުއްޖާގެ އުމުރުން 6 މަސް ފުރުމުގެ ކުރީގައި އެކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށަހަޅަންވާނެއެވެ.

(ށ) އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަހަޅާނީ، މާލޭގައިނަމަ،މާލޭ މުނިސިޕަލްޓީއަށެވެ. ރާއްޖެތެރޭގައިނަމަ، އެރަށެއްގެ ރަށުއޮފީހަށެވެ.

(ނ) އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަހެޅުމަކީ އެކުއްޖެއްގެ ބައްޕަ އަދި ބައްޕަ ނެތްނަމަ އެކުއްޖެއްގެ މަންމަ، އަދި މަންމަވެސް ނެތްނަމަ އެކުއްޖެއްގެ އެންމެ ގާތް ބަލަދުވެރިއަކު ކުރަން ޖެހޭނެ ކަމެކެވެ.

 

9 ވަނަ މާއްދާ

އުފަންދުވަހުގެ ސެޓްފިކެޓް ހަދައިދޭނީ އުފަންވުމުގެ ރަޖިސްޓަރީއާއި ސެޓްފިކެޓް ހެއްދުމަށް ބޭނުންވާ މައްލޫމާތު ހުށަހެޅުމުންނެވެ. އަދި ގާނޫނު ނަންބަރު 4/1970ޖ. ގައިވާ ގޮތުގެމަތިން އުފަންދުވަހުގެ ސެޓްފިކެޓްގައި ޖަހަންވާ ސްޓޭމްޕް ދިނުމުންނެވެ.

 

10 ވަނަ މާއްދާ

ދިވެހި ރައްޔިތަކަށް އުފަންދުވަހުގެ ސެޓްފިކެޓް ހަދައިދޭނަމަ އެސެޓްފިކެޓެއް ހަދައިދެވޭނީ މުސްލިމަކަށް ކިޔުމަށް އިސްލާމްދީން ހުއްދަކުރާ ނަމެއްގައެވެ.

 

11 ވަަނަ މާއްދާ

ދިވެހިރާއްޖޭގައި އުފަންވެފައިވާ ކުއްޖެއްގެ އުފަން ދުވަހުގެ ސެޓްފިކެޓް، ބޭނުންވެއްޖެ ހިނދެއްގައި، އެކުއްޖަކު އުފަންވި ރަށްނޫން އެހެން ރަށެއްގެ ރަށުއޮފީހުން، ނުވަތަ މާލޭ މުނިސިޕަލްޓީންވެސް ހެއްދިދާނެއެވެ.

 

12 ވަނަ މާއްދާ

އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށްފަހު އެ ސެޓްފިކެޓްގައިވާ އުފަން ތާރީހަކީ ރަނގަޅު ނޫން ތާރީހެއް ކަމުގައި ވެގެން، އެތާރީހު ރަނގަޅު ކުރަން ވެއްޖެނަމަ، އެތާރީހް ބަދަލުކުރެވޭނީ އެސެޓްފިކެޓްގައިވާ އުފަން ތާރީހަކީ ރަނގަޅުނޫން ތާރީހެއް ކަމާއި އަލުން ހުށަހަޅާ ތާރީހަކީ ރަނގަޅު ތާރީހެއް ކަމަށް ށަރީއަތަށް ސާބިތުކޮށްދީ އެކަމުގެ ށަރުއީ ލިޔުމެއް ހޯދައި އެލިޔުމަކާއެކު ހުށަހެޅުމުންނެވެ.

 

13 ވަނަ މާއްދާ

އުފަންދުވަހުގެ ސެޓްފިކެޓް ގެއްލިއްޖެނަމަ ނުވަތަ ހަލާކު ވެއްޖެނަމަ، ސެޓްފިކެޓްގެ ކޮޕީއެއް ހައްދަން ވާނެއެވެ. ސެޓްފިކެޓްގެ ކޮޕީއެއް އަލުން ހަދައިދެވޭނީ 10 ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށް ފަހުގައެވެ.

 

14 ވަނަ މާއްދާ

މިގާނޫނު ފާސްވުމުގެ ކުރިން އުފަންވެފައިވާ ކުދިންގެ އުފަންދުވަހުގެ ރަޖިސްޓަރީ ނެތް ކަމުގައިވިޔަސް، އެކުއްޖެއްގެ އުފަންވުމާބެހޭ މައްލޫމާތު ހުށަހެޅުމުން، ރާއްޖެތެރޭ ގައިނަމަ ރަށުއޮފީހުން މާލޭގައިނަމަ މާލޭ މުނިސިޕަލްޓީން ރަނގަޅަށް ބަލައި ޗެކް ކުރުމަށްފަހު، އުފަން ދުވަހުގެ ސެޓްފިކެޓް ހަދައިދެވޭނެއެވެ.

 

15 ވަނަ މާއްދާ – މަރުސާބިތުކުރުން

(ހ) ދިވެހިރާއްޖޭގައި މީހަކު މަރުވެއްޖެނަމަ އެމީހަކު ވަޅުލަންވާނީ، ނުވަތަ ރާއްޖެއިން ބޭރަށް ގެންދަންވާނީ، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ގަވާއިދެއްގެމަތިން، އެކަމަށް ހުއްދަ ދީފައިވާ މީހަކު، މަރުވިމީހާ ބަލައި މަރުސާބިތުކޮށް ސެޓްފިކެޓް ދިނުމަށް ފަހުގައެވެ.

(ށ) މިމާއްދާގެ (ހ) އިން އިސްތިސްނާ ކުރެވޭނީ، ހަމައެކަނި ބެހިގެން ކަނޑުމަތީގައި ގިނަދުވަސްވާން ދިމާވާ އުޅަނދެއްގައި މީހަކު މަރުވެގެން، އެމީހެއްގެ މަރު ސާބިތުކޮށް ސެޓްފިކެޓް ދޭނެ މީހަކުވެސް ނެތް ހިނދެއްގައި، އަދި މުވާސަލާތުގެ ވަސީލަތެއްވެސް ނެތް ހާލަތެއްގައެވެ. މިފަދަ ހާލަތެއްގައި މަރުވާ މީހާ ކަނޑުގައި ބެހެއްޓުމަށްފަހު އެއުޅަނދެއްގައި ތިބި މީހުންނަށް އެންމެ ފުރަތަމަ އާދެވޭ ދިވެހިރާއްޖޭގެ މީހުން އުޅޭ ރަށެއްގެ ރަށުއޮފީހަށް ވީހާ އަވަހަކަށް ހާޒިރުވެ އެކަން އެންގުމަކީ އެމީހުންގެ މައްޗަށް ލާޒިމު ކަމެކެވެ.

 

16 ވަނަ މާއްދާ – މާނަ

މިގާނޫނުގައި:-

(ހ) "ބައްޕަ ނެތްނަމަ" ނުވަތަ "މަންމަ ނެތްނަމަ" މިހެން ބުނެފައި އެވަނީ، އެކަމެއް ކުރަން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެއިން މީހަކު ރަށުގައި ނެތުންފަދަ ކަންތައްވެސް ހިމެނޭގޮތުގެ މަތިންނެވެ.

(ށ) "ފޫޅުމައިން" ކަމުގައި ބުނެފައި އެވަނީ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސިއްހީ އެހީތެރިންނާއި، މިނޫންވެސް މީހުން ވިއްސުމުގެ ހުއްދަ މިނިސްޓްރީ އޮފް ހެލްތުން ދެއްވާފައިވާ އެންމެން ހިމެނޭ ގޮތުގެ މަތިންނެވެ.

 

ގާނޫނަށް އަމަލުކުރުން   މިގާނޫނަށް އަމަލު ކުރަން ފަށާނީ 1 ޖުލައި 1993 ދުވަހުން ފެށިގެންނެވެ.

 

އުވި ގާނޫނު

އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދ ކާޑު ހެއްދުމާބެހ ގާނޫނު (ގާނޫނު ނަންބަރު 2022-23)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

އުފަންވާ ކުދިންނާއި މަރުވާ މީހުންނާއި ކުދިންގެ މައުލޫމާތު ބެލެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 179/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު