-

ރަހުނާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1993-09) 

1 ވަނަ މާއްދާ - ނަން

މިގާނޫނަށް ކިޔާނީ "ރަހުނާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ރަހުނު ބެހެއްޓުން

މިގާނޫނުގައި ރަހުނު ބެހެއްޓުމޭ ބުނެފައި އެވަނީ، ދަރަންޏެއް ނަގާއިރު، އެދަރަނި އަދާނުކުރެވިއްޖެ ނަމަ ދަރަނި ދޭ މީހާގެ ހައްގު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއް ބެހެއްޓުމަށެވެ. ރަހުނަކީ މިގޮތުން ބެހެއްޓޭ ކޮންމެ އެއްޗެކެވެ.

 

3 ވަނަ މާއްދާ – ރަހުނުބަހައްޓާ މީހާއާއި ރަހުނުހިފާ މީހާގެކިބައިގައި ހުންނަންވީ ށަރްތުތައް

ރަހުނު ބަހައްޓާ މީހާއާއި ރަހުނު ހިފާމީހާއަކީ، ތިރީގައި މިވާ ށަރްތުތައް ފުރިހަމަ ވެފައިވާ މީހުން ކަމުގައި ވާންވާނެއެވެ.

(ހ) އުމުރުން 16 އަހަރު ފުރިފައިވުން

(ށ) ބުއްދި ސަލާމަތުން ހުރުން

(ނ) މަޖުބޫރުކަމެއް ނެތުން

(ރ) މުދާ ހަޖްރު ކުރެވިފައި ނުވުން.

 

4 ވަނަ މާއްދާ - ރަހުނުކުރެވޭ އެތި

ވިއްކުން ހުއްދަވާ ކޮންމެ އެއްޗެއް ރަހުނަށް ބެހެއްޓުން ހުއްދަވާނެއެވެ.

 

5 ވަނަ މާއްދާ – ރުޖޫއަވުން

ރަހުނު ބަހައްޓާ މީހާ، ރަހުނު ހިފާ މީހާއާ ރަހުނު ހަވާލު ކުރުމުގެ ކުރީގައި އެކަމުން ރުޖޫއަވުން ހުއްދަ ވާނެއެވެ.

 

6 ވަނަ މާއްދާ – ބަދަލުދިނުން

ރަހުނަށް ބެހެއްޓި މުދަލަކަށް ރަހުނު ހިފިމީހާގެ އިހުމާލުން ގެއްލުމެއް ލިބިއްޖެނަމަ، ރަހުނު ހިފިމީހާ އޭގެ ބަދަލު ދޭންޖެހޭނެއެވެ.

 

7 ވަނަ މާއްދާ – ރަހުނަށްބެހެއްޓި އެތި އަނބުރާ އަތުލުން

ދަރަނި އަދާކޮށް ފުރިހަމަ ކުރުމަށް ފަހުގައި މެނުވީ ރަހުނަށް ބެހެއްޓި އެއްޗެއް، ނުވަތަ އެއިން ބައެއް ނަމަވެސް، ރަހުނު ހިފިމީހާ ހިތުންރުހުމުން ދިނިއްޔާ މެނުވީ އަތެއް ނުލެވޭނެއެވެ.

 

8 ވަނަ މާއްދާ - ދައްވާކުރުމުގެ ހައްގު

އުފުލޭ މުދަލެއް ނުވަތަ ނުއުފުލޭ މުދަލެއް ދަރަންޏަކާ ގުޅިގެން ރަހުނަށް ބެހެއްޓުމަށްފަހު، އެކަމާބެހޭގޮތުން ކޮށްފައިވާ ށަރްތަކާ ނުވަތަ ވައްދަކާ ރަހުނު ބެހެއްޓި މީހާ ހިލާފް ވެއްޖެ ހިނދެއްގައި، އެކަމާބެހޭ ކޯޓުގައި ދައްވާ ކުރުމުގެ ހައްގު ރަހުނު ހިފި މީހާއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ރަހުނަށް ބަހައްޓާފައިވާ މުދާ ނުވަތަ އެމުދަލަށްލިބޭ ކުލި ވަކިފަރާތަކާ ހަވާލު ކުރުން

މިގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހުށަހެޅޭ ދައްވާއެއް ށަރީއަތަށް ސާބިތުވެއްޖެނަމަ، ތިރީގައި މިވާ ދެގޮތުންކުރެ ގޮތަކަށް ކޯޓުން އަމުރު ކުރެވިދާނެއެވެ.

(ހ) ރަހުނަށް ބަހައްޓާފައިވާ މުދާ، ރަހުނު ހިފި މީހާއާ ހަވާލު ކުރުމަށް އެންގުން.

(ށ) އެމުދަލެއްވަނީ ރަހުނު ބެހެއްޓި މީހާއަށް، ކުއްޔެއް ލިބޭގޮތަށް އެހެން ފަރާތަކާ ހަވާލު ކޮށްފައިކަމަށްވާނަމަ، ރަހުނު ބެހެއްޓި މީހާއަށް ލިބެންޖެހޭ ކުލި، ރަހުނު ހިފިމީހާއަށް ދިނުމަށް އެންގުން.

 

10 ވަނަ މާއްދާ – ކޯޓުގެ އަމުރު ދެމިއޮންނާނޭމުއްދަތު

ރަހުނަށް ބެހެއްޓިފައިވާ މުދަލެއް މިގާނޫނުގެ 9 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރަހުނު ހިފިމީހާއާ ހަވާލު ކުރާނަމަ، އެހަވާލުކުރުން ދެމިއޮންނާނީ، ނުވަތަ ރަހުނު ބެހެއްޓި މީހާއަށް ލިބެންޖެހޭ ކުލި ރަހުނު ހިފިމީހާއަށް ލިބޭގޮތަށް ކަނޑައަޅާނަމަ، އެ ކަނޑައެޅުން ދެމިއޮންނާނީ، ކޯޓުން ކަނޑައަޅާ މުއްދަތަކަށް، ނުވަތަ ރަހުނު ބެހެއްޓި މީހާ ނެގި ދަރަނި ހަމަވަންދެން، ނުވަތަ ދަރަނި އަދާކޮށް ނިންމަންދެން، ނުވަތަ ދަރަނި އަދާކުރަން ހަވާލުވި މީހާ އެދަރަނި އަދާކޮށް ނިންމަންދެން ނުވަތަ ދަރަނި ކަނޑާލަންދެންނެވެ.

 

11 ވަނަ މާއްދާ - ވަގުތީ އަމުރު

ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ށަރީއަތް ހިންގައި ހުކުމް ކަނޑައެޅުމެގެ ކުރިން، ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ އުފުލޭ ނުވަތަ ނުއުފުލޭ މުދާ، ނުވަތަ އެއިން ބައެއް، ރަހުނު ހިފިމީހާއަށް އެއްވެސް ގެއްލުމެއް ލިބިދާފަދަ ގޮތެއްގައި ރަހުނު ބެހެއްޓިމިހާ ވިއްކައި، ނުވަތަ ދީ، ނުވަތަ މިނޫންވެސް ގޮތެއް ހެދިޔަ ނުދިނުމަށް ކުރާ ވަގުތީ އަމުރެއް ކޯޓުން ނެރެވިދާނެއެވެ.

 

12 ވަނަ މާއްދާ - ރަހުނަށް ބަހައްޓާފައިވާ މުދަލެއް ވިއްކުން

ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ މުދަލެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެމުދާ ވިއްކަން ކޯޓުން އަމުރު ކުރެވޭނީ ރަހުނު ބެހެއްޓި މީހާގެ ހުއްދަ ލިބިގެން، ނުވަތަ ރަހުނު ބެހެއްޓިމީހާ ނަގާފައިވާ ދަރަނި އަދާކުރެވޭނެ އެހެން އެއްވެސް ގޮތެއް ނެތިގެން، ދަރަނި ލިބެންވާ މީހުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު އެދިއްޖެ ހިނދެއްގައެވެ.

 

13 ވަނަ މާއްދާ - ރަހުނަށް ބަހައްޓާފައިވާ މުދަލެއް ވިއްކައިގެން ލިބޭ ފައިސާ

ވަނަ މާއްދާގައިވާ ގޮތުގެމަތިން ވިއްކާލެވޭ މުދަލަކަށް ލިބޭ ފައިސާއާމެދު ކޯޓުން ވަކިގޮތެއް ނިންމަންދެން ކަމާބެހޭ

ދެފަރާތުންކުރެ އެއްވެސް ފަރާތަކަށް އެފައިސާއަށް ގޮތެއް ނުހެދޭނެއެވެ.

 

14 ވަނަ މާއްދާ - މާނަ

މިގާނޫނުގައި:

(ހ) "ނުއުފުލޭ މުދާ" ކަމުގައި ބުނެފައި އެވަނީ، ބިމާއި އިމާރާތާއި ރުށްގަހަށެވެ.

(ށ) "އުފުލޭ މުދާ" ކަމުގައި ބުނެފައި އެވަނީ ހ. ގައިވާ ތަކެތި ނޫން އެހެން ހުރިހާ ތަކެއްޗަކަށެވެ.

(ނ) "ރަހުނު ބެހެއްޓި މީހާ"ރަހުނު ހިފިމީހާ" މިގޮތަށް ބުނެފައި އެވަނީ، ކުންފުނި، ކްލަބް، ޖަމްއިއްޔާފަދަ ޖަމާއަތްތައްވެސް ހިމެނޭ ގޮތަށެވެ. ނަމަވެސް ޖަމާއަތުގެ ގޮތަށް ބަލާއިރު، މިގާނޫނުގެ 3 ވަނަ މާއްދާގެ ހ. އާއި ށ. ގައިވާ ށަރްތުތައް އިސްތިސްނާ ކުރެވޭނެއެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު