-

އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1996-04)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2021-18 އިން އުވާލެވިފައި)

 

1 ވަނަ މާއްދާ – ނަން

މި ގާނޫނަށް ކިޔަނީ "އާންމު ބޭނުންތަކުގެ ހިދްމަތާ ބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - އާންމު ބޭނުންތަކުގެ ހިދްމަތ

އާންމުބޭނުންތަކުގެ ހިދްމަތަކީ، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ޒަރޫރީގޮތުންބޭނުންވާނެ ހިދްމަތެވެ. މި ގާނޫނުގައި އެފަދަ ހިދްމަތްކަމަށް ބަލާފައި އެވަނީ އިލެކްޓްރިކް ކަރަންޓް، ޓެލިފޯން، ފެން، އަދި ފާހާނާ ހޮޅީގެ ހިދްމަތެވެ.

 

3 ވަނަ މާއްދާ - އާންމުބޭނުންތަކުގެ ހިދްމަތް ދިނުން

ސަރުކާރުގެ ފަރާތަކުން ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތަކުން ނުވަތަ އަމިއްލަ ފަރާތަކުން ވިޔަސް ދިވެހިރާއްޖޭގައި އާންމުބޭނުންތަކުގެ ހިދްުމަތެއް ދޭންވާނީ، ސަރުކާރުގެ ކަމާބެހޭ ފަރާތުގައި އެ ހިދްމަތެއް ދޭ ފަރާތް ރަޖިސްޓަރީކޮށް، އަދިރަޖިސްޓަރީކޮށްދިން ފަރާތުން ކަނޑައަޅާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

4 ވަނަ މާއްދާ - ހިދްމަތްދޭ ފަރާތާއި ލިބޭ ފަރާތާ ދެމެދު އެއްބަސްވާ އެއްބަސްވުން

އާންމު ބޭނުންތަކުގެ އެއްވެސް ހިދްމަތެއް ދޭންވާނީ ހިދްމަތްދޭ ފަރާތާއި ލިބޭ ފަރާތާ ދެމެދު އެ ހިދްމަތެއް ދިނުމާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލިޔެފައި އޮންނަ އެގްރީމެންޓެއްކޮށްގެންނެވެ.

 

5 ވަނަ މާއްދާ - އާންމުބޭނުންތަކުގެ ހިދްމަތާ އެހެން ފަރާތަކުން ޒިންމާވުން

(ހ)  އެއްވެސްފަރާތަކަށް ލިބިފައިވާ އާންމުބޭނުންތަކުގެ ހިދްމަތެއް ނުވަތަ ހިދްމަތުން ބައެއްވިޔަސް އެހެން ފަރާތެއް ޒިންމާވާގޮތަށް ދޭންވާނީ އާންމުބޭނުންތަކުގެ ހިދްމަތް ދޭފަރާތުން ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ)  އާންމުބޭނުންތަކުގެ ހިދްމަތް ލިބިގަންނަ ފަރާތަކަށް ލިބިފައިވާ ހިދްމަތަކަށް ނުވަތަ އެ ހިދްމަތުން ބަޔަކަށް ވިޔަސް އެހެން ފަރާތެއް ޒިންމާ ކުރެވޭނީ، ހިދުމަތްދޭ ފަރާތުން ކަނޑައަޅާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެ މަތިން، ހިދްމަތް ލިބިގަންނަ ފަރާތާއި ޒިންމާވާ ފަރާތާ ދެމެދުގައި ލިޔުމަކުން އެގްރީމެންޓެއް ކޮށްގެންނެވެ.

 

6 ވަނަ މާއްދާ - އެގްރީމެންޓާ ހިލާފު ވެގެން ހިިދްމަތް ހުއްޓާލެވޭގޮތް

އާންމުބޭނުންތަކުގެ ހިދްމަތް ލިބިގަންނަ ފަރާތަކުން އެ ހިދްމަތް ނުވަތަ ހިދްމަތުން ބައެއް ވިޔަސް، އެހެންފަރާތަކަށް ދިނުމުގެ ގޮތުން ކުރާއެގްރީމެންޓާ ފަހުން ހިދްމަތް ލިބިގަންނަ ފަރާތަކުން ހިލާފުވެއްޖެ ހިނދެއްގައި ހިދްމަތްދިނުން ހުއްޓާލެވޭނީ ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށަހެޅުމަށްފަހު، އެފަރާތުން ހަމަޖައްސާފައިވާ އުސޫލެއްގެ ދަށުން އެ ފަރާތުގެ އެންގުމަށެވެ.

 

7 ވަނަ މާއްދާ - އާންމުބޭނުންތަކުގެ ހިދްމަތެއްދިނުން ހުއްޓާލުން ނުވަތަ ވަގުތީގޮތުން ހިދްމަތެއް މެދުކަނޑާލުން

(ހ)  އާންމުބޭނުންތަކުގެ ހިދްމަތްދޭފަރާތން އެ ހިދްމަތް ދިނުން އެއްވެސްސަބަބަކާހުރެ މުޅިން ހުއްޓާލެވޭނީ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބުނާ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިންނެވެ.

(ށ)  އާންމުބޭނުންތަކުގެ ހިދްމަތްދޭ ފަރާތަކުން އެކަމާ ބެހޭމަސައްކަތަށްޓަކައި ވަގުތީ ގޮތުން ހިދްމަތް ކަނޑާލުމާއި، ހިދްމަތް ދޭފަރާތާއި، ހިދްމަތް ލިބިގަންނަ ފަރާތާދެމެދުގައި ކުރެވިފައިވާ އެގްރިމެންޓެއްގައި އެއްބަސްވެފައިވާ ގޮތެއްގެ މަތިން ހިދްމަތް ކަނޑާލުމަކީ މި ގާނޫނު ހުރަސްއަޅާ ކަމެއް ނޫނެވެ. ނަމަވެސް، މިގޮތަށްވެސް ހިދްމަތް މެދުކަނޑާލަންވާނީ، ކުރިން އެކަން ހިދްމަތް ލިބިގަންނަ ފަރާތަށް އެންގުމަށްފަހުގައެވެ.

 

8 ވަނަ މާއްދާ - އާންމުބޭނުންތަކުގެ ހިދްމަތަށް ފީނެގުން

އާންމުބޭނުންތަކުގެ ހިދްމަތް ދޭ ފަރާތުން އެ ހިދްމަތުގެ އަގު ނަގަންވާނީ، ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހިދްމަތުގެ އަގުނަގަން ބޭނުންވާ ގޮތުގެ ތަފްސީލު ހުށަހަޅައި، އެފަރާތުން އެ ހުށަހެޅި އަގުތައް ގަބޫލުކުރުމުންނެވެ. އަދި ހިދްމަތުގެ އަގަށް ބަދަލެއް ގެންނަންވާނީވެސް ހަމަ މިގޮތުގެ މަތިންނެވެ.

 

9 ވަނަ މާއްދާ – އަދަބު

(ހ)  މިގާނޫނުގެ 2 ވަނަ މާއްދާގައި ބުނާ އާންމުބޭނުންތަކުގެ ހިދްމަތް ދޭތަނަކަށް، ނުވަތަ އެއްޗަކަށް ގެއްލުމެއް ދީފި މީހެއްގެ އަދަބަކީ ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.

(ށ)  މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި މި ގާނޫނާ ހިލާފު އަމަލެއް ކޮށްފި ފަރާތެއް އެކުރި އަމަލެއްގެ ކުޑަ ބޮޑު މިނަށްބަލައި 100 (ސަތޭކަ) ރުފިޔާއިން ފެށިގެން 5000 (ފަސްހާސް) ރުފިިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިގާނޫނު ހިންގާ ފަރާތަށް ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ހިންގާ ފަރާތްް

މިގާނޫނަށް އަމަލު ކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދާ ހިންގާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކުން ނުވަތަ ފަރާތްތަކަކުންނެވެ.

 

11 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަންފަށާނީ 1 ޖަނަވަރީ 1997 ދުވަހުން ފެށިގެންނެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ނެޓް މީޓަރިންގ ގަވާއިދު (ގަވާއިދު ނަންބަރު 2020-46)
  2. މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކުގެ ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކުގެ ދަށުން ފެނުގެ ހިދުމަތްތައް ނުވަތަ ނަރުދަމާގެ ހިދުމަތްތައް ގުޅައިދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-10)
  3. އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމްތައް ނެޓް މީޓަރިންގ އުސޫލުން ކަރަންޓް ވިއުގައަށް ގުޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-231)
  4. ކަރަންޓް އުފައްދައި ފޯރުކޮށްދިނުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-143)
  5. މާލެއާއި ރާއްޖެތެރޭގައި ޢާންމުކޮށް އިލެކްޓްރިކް ކަރަންޓަ ދިނުމާބެހޭ ޤަވާޢިދު (ގަވާއިދު ނަންބަރު 0000-00)

 

އުވި ގާނޫނު

ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނު (ގާނޫނު ނަންބަރު 2021-18)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު