-

ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1996-06)

(މި ގާނޫނުގެ 19 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 1976-30 އާއި ގާނޫނު ނަންބަރު 1976-32 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފު

މިއީ ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި އެކަނޑާ ގުޅިފައިވާ ކަނޑާއި، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާބެހޭ ގާނޫނެވެ. މިގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - އެތެރޭ ކަނޑު

ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގެ އެތެރެވަރިއާއި، ރަށްރަށުގެ ފަޅާއި، ފަރުތަކަކީ ދިވެހިރާއްޖޭގެ އެތެރޭ ކަނޑެވެ. އަދި މިތަންތަނުގެ އިތުރަށް ބައިނަލްއަގްވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަނޑުގެ އެކިއެކި ސަރަހައްދު، ދިވެހިރާއްޖޭގެ އެތެރޭ ކަނޑުކަމުގައި ކަނޑައެޅުމުގެ ހައްގު، ދިވެހި ސަރުކާރަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - އާކިޕެލަޖިކް ކަނޑު

މިގާނޫނުގެ 2 ވަނަ މާއްދާގައި ބުނެފައިވާ ދިވެހިރާއްޖޭގެ އެތެރޭ ކަނޑު ފިޔަވައި، މިގާނޫނުގެ ތާވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދަމާލެވޭ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ކަނޑުގެ ސަރަހައްދަކީ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ކަނޑެވެ.

 

4 ވަނަ މާއްދާ - ސަރަހައްދީ ކަނޑު

މިގާނޫނުގެ ތާވަލު 1 ގައި ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 12 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދަކީ ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑެވެ.

 

5 ވަނަ މާއްދާ - ގުޅިފައިވާ ކަނޑު

މިގާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ސަރަހައްދީ ކަނޑުގެ ބޭރު ކައިރިންފެށިގެން ބޭރުގައިވާ 12 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދަކީ، ދިވެހިރާއްޖޭގެ ގުޅިފައިވާ ކަނޑެވެ.

 

6 ވަނަ މާއްދާ - ހާއްސަ އިގްތިސާދީ  ސަރަހައްދު

މިގާނޫނުގެ ތާވަލު 1 ގައި ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސް ލައިންތަކުންފެށިގެން ބޭރުގައިވާ 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދުގެ ތެރެއިން، މިގާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑުގެ ބޭރަށް އޮންނަ ސަރަހައްދާއި، އެސަރަހައްދުގެ ކަނޑު އަޑީގައިވާ ފަސްގަނޑަކީ، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދެވެ.

 

7 ވަނަ މާއްދާ - ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާއި އެހެންގައުމެއްގެ އިގްތިސާދީސަރަހައްދާ ފުށުއެރުން

މިގާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައިވާ ދިވެހިރާއްޖޭގެ ހާއްސަ  އިގްތިސާދީ ސަރަހައްދު ކަނޑައެޅުމުގައި އެހެން ގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދާ ފުށުއަރާނަމަ، ފުށުއަރާ ދިމާއަކާ ބެހޭގޮތުން އެގައުމަކާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެ ސޮއިކުރެވޭ އެގްރީމެންޓެއްގެ ދަށުން ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބޭރުކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަކަށް މިގާނޫނު ހުރަހެއް ނާޅައެވެ.

 

8 ވަނަ މާއްދާ - ސިޔާދަތީ ބާރު

ދިވެހިރާއްޖޭގެ ބިމާއި ބިމާ ގުޅިފައިވާ ވައިގެ ސަރަހައްދުގެ އިތުރަށް، ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، މިކަނޑުތަކުގެ އަޑީގައިވާ ފަސްގަނޑާއި، މިކަނޑުތަކާ ގުޅިފައިވާ ވައިގެ ސަރަހައްދަކީ ދިވެހިރާއެްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަންތަނެވެ.

 

9 ވަނަ މާއްދާ - ސިޔާދަތީ ހައްގުތައް 

ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައިވާ ދިރުންހުރި ނުވަތަ ދިރުމެއްނެތް ތަބީއީ ހުރިހާ ތަކެއްޗެއްގެ ބޭނުންކުރުމާއި، ބެލެހެއްޓުމާއި، މިކަންކަމާބެހޭ އިދާރީ ކަންތައްތައް ހިންގުމާއި، އެނޫންވެސް އިގްތިސާދީ ބޭނުންތައް ހިފުމުގައި އެސަރަހައްދުގެ މައްޗަށް ސިޔާދަތީ ހައްގު ލިބިގެންވަނީ ދިވެހިރާއްޖެއަށެވެ. އަދި އެސަރަހައްދުގެ ތެރޭގައިވާ ތަބީއީ އާމްދަނީތަކުގެ ބޭނުން ދިވެހިރާއްޖޭގެ ރައްޔިތުން ފިޔަވައި އެހެން ބަޔަކު އިގްތިސާދީގޮތުން ކުރަންވާނީ، ނުވަތަ އެސަރަހައްދުގެ ތެރޭގައި ސައިންޓިފިކް ތަހްލީލުތައް ކުރަންވާނީ، އަދި އިސްވެދިޔަފަދަ ބޭނުމަކަށްޓަކައި އެސަރަހައްދުގެ ތެރޭގައި އެއްވެސް ބާވަތެއްގެ އާރޓިފިށަލް ތަނެއް ނުވަތަ އެއްޗެއް ހަދަންވާނީ، ނުވަތަ ބަހައްޓަންވާނީ، ނުވަތަ ހިންގަންވާނީ، ދިވެހި ސަރުކާރުގެ ހުއްދަ ލިބިގެންނެވެ.

 

10 ވަނަ މާއްދާ - ގުޅިފައިވާ ކަނޑާބެހޭ އިހްތިޔާރު

ދިވެހިރާއްޖޭގެ ސަރަހައްދުގައާއި، ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑުގައި ދިވެހިރާއްޖޭގެ ކަސްޓަމްސާއި، ފައިސާއާއި، އިމިގްރޭށަނާ ބެހޭ ގާނޫނުތަކާއި ސިއްހީ ބޭނުންތަކަށްޓަކައި ހަދާފައިވާ ގާނޫނުތަކާ ހިލާފުވުން މަނާކުރުމަށާއި، އެގާނޫނުތަކާ ހިލާފުވާ މީހުންނަށް އަދަބު ދިނުމަށްޓަކައި ކުރަންޖެހޭ އެކިއެކި ކަންތައްތައް ދިވެހިރާއްޖޭގެ ގުޅިފައިވާ ކަނޑުގައި ހިންގުމުގެ އިހްތިޔާރު، ދިވެހި ދައުލަތަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ބޭރުގެ އުޅަނދެއް ރާއްޖޭގެ އެތެރޭ ކަނޑަށް ވަނުން

ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން، ދިވެހި ސަރުކާރުގެ ހުއްދަ ކުރިން ލިބިގެން މެނުވީ، ބޭރުގެ އެއްވެސް އުޅަނދެއް ދިވެހިރާއްޖޭގެ އެތެރޭ ކަނޑަށް ވަދެގެންނުވާނެއެވެ.

 

12 ވަނަ މާއްދާ - އާކިޕެލަޖިކް ކަނޑަށް ވަނުން

ދިވެހިރާއްޖޭގެ އާކިޕެލަޖިކް ކަނޑު ހުރަސްކޮށް ބޭރު ގައުމުތަކުގެ އުޅަނދު ތަކަށް ދަތުރު ކުރެވޭނީ، ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރުމަށް އާންމުކޮށް ބޭނުންކޮށްއުޅޭ މަގުތަކުގެ ތެރެއިން ދިވެހި ސަރުކާރުން ކަނޑައަޅާ ތަންތަނުންނެވެ. އަދި މިފަދަ ދަތުރުކުރަންވާނީ މިގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

13 ވަނަ މާއްދާ - ސަރަހައްދީ ކަނޑަށް

(ހ) ބައިނަލްއަގްވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބަރީއަ ގޮތެއްގައި ދަތުރުކުރާ އުޅަނދުތައް ނޫން އުޅަނދެއް ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން މެނުވީ ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑަށް ވަދަގެން ނުވާނެއެވެ.

(ށ) އެއްވެސް ބޭނުމަކު ބޭރު ގައުމެއްގެ ހަނގުރާމަމަތީ އުޅަނދެއް ނުވަތަ ނިއުކްލިއަރ ހަތިޔާރު ހިފައިގެން ދަތުރުކުރާ އުޅަނދެއް ނުވަތަ ނިއުކްލިއަރ ހަކަތައިން ދުއްވާ ނުވަތަ ނުރައްކާތެރި ވިހައިގެ ބާވަތްތައް ހިފައިގެން ދަތުރުކުރާ އުޅަނދެއް ދިވެހި ސަރުކާރުގެ ހުއްދަ ކުރިން ލިބިގެން ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން މެނުވީ، ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑަށް ވަދެގެންނުވާނެއެވެ.

 

14 ވަނަ މާއްދާ - އިގްތިސާދީ ސަރަހައްދަށް ވަނުން

ބޭރު ގައުމެއްގެ މަސްވެރިކަންކުރާ އުޅަނދެއް، ދިވެހިރާއްޖޭގެ ގާނޫނުގައިވާ ގޮތުގެމަތިން ދިވެހިސަރުކާރުގެ ހުއްދަ ކުރިން ލިބިގެންމެނުވީ، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދަގެން ނުވާނެއެވެ.

 

15 ވަނަ މާއްދާ - ވައިގެ ސަރަހައްދަށް ވަނުމާއި ހުރަސްކޮށް ދަތުރުކުރުން

(ހ)    ބައިނަލްއަގްވާމީ ހަމަތަކާއި ކަމާބެހޭގޮތުން ދިވެހިރާއްޖޭގައިއަމަލުކުރެވޭ ގަވާއިދުތަކުގެމަތިން މެނުވީ، ބޭރުގެ މަތިންދާބޯޓުފަހަރު ދިވެހިރާއްޖޭގެ ބިމުގެ ސަރަހައްދާއި، އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑުގެ ޖައްވު ނުވަތަ ވައިގެ ސަރަހައްދު ހުރަސްކޮށްގެން ނުވާނެއެވެ. އަދި އެގޮތުގެމަތިން މެނުވީ އެޖައްވުގެ ތެރެއަށް ނުވަތަ ވައިގެ ސަރަހައްދުގެ ތެރެއަށް ވަދެގެން ނުވާނެއެވެ.

(ށ) ބޭރުގެ ހަނގުރާމަމަތީ އެއްވެސް މަތިންދާބޯޓެއް ދިވެހި ސަރުކާރުގެ ހުއްދަ ލިބިގެން މެނުވީ، މިމާއްދާގެ (ހ) ގައި ބުނެފައިވާ ކަނޑުގެ ޖައްވު ނުވަތަ ވައިގެ ސަރަހައްދު ހުރަސްކޮށްގެން ނުވާނެއެވެ. އަދި އެގޮތުގެމަތިން މެނުވީ އެޖައްވުގެ ތެރެއަށް ނުވަތަ ވައިގެ ސަރަހައްދުގެ ތެރެއަށް ވަދެގެން ނުވާނެއެވެ.

 

16 ވަނަ މާއްދާ - ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ލިބިދޭ ހައްގުތައް

މިގާނޫނުގައި ބުނެފައިވާ ކަންތައްތަކުގެ އިތުރަށް، ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ކަނޑުގެ އެކި ސަރަހައްދުތަކާ ބެހޭގޮތުން ގައުމުތަކަށް ލިބޭ ހައްގު ތަކާއި އިހްތިޔާރުތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭގޮތުން ދިވެހިރާއްޖެއަށް ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ - ގަވާއިދުހެދުން    

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާއި އެސަރަހައްދުތަކާ ގުޅިފައިވާ ވައިގެ ސަރަހައްދާ ބެހޭ ގަވާއިދު ހެދުމުގެ އިހްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - މާނަ

މިގާނޫނުގައި:-

(ހ) "އާކިޕެލަޖިކް ބޭސްލައިންތައް" ކަމަށް ބުނެފައިވަނީ، މިގާނޫނުގެ ތާވަލު 1 ގައި ބުނެފައިވާ ޕޮއިންޓްތައް ގުޅާލެވޭ ރޮނގުތަކަށެވެ.

(ށ) ނޯޓިކަލް މޭލު" ކަމަށް ބުނެފައިވަނީ، 1852 މީޓަރުން އެކުލެވިފައިވާ އިންޓަރނޭށަނަލް ނޯޓިކަލް މޭލަށެވެ.

(ނ) ހަނގުރާމަމަތީ އުޅަނދު ކަމަށް ބުނެފައިވަނީ، ސިފައިންގެ އުޅަނދުތަކާއި އެއުޅަނދެއްގައި ހުރި ހަތިޔާރުގެ ސަބަބުން ހަނގުރާމަވެރި ގޮތެއްގައި އެއުޅަނދެއް ބޭނުންކުރެވިދާނެ ކޮންމެ އުޅަނދަކެށެވެ.

(ރ) ހަނގުރާމަމަތީ މަތިންދާބޯޓު ކަމަށް ބުނެފައިވަނީ، ސިފައިންގެ މަތިންދާބޯޓުތަކާއި އެބޯޓެއްގައިހުރި ހަތިޔާރުގެ ސަބަބުން ހަނގުރާމަވެރި ގޮތެއްގައި އެބޯޓެއް ބޭނުން ކުރެވިދާނެ ކޮންމެ މަތިންދާބޯޓަކަށެވެ.

 

19 ވަނަ މާއްދާ - އުވާލެވޭ ގާނޫނު   

މިގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 1976-30 (ދިވެހިރާއްޖެއަށް ހާއްސަ އިގްތިސާދީ ސަރަހައްދާބެހޭ ގާނޫނު) އާއި ގާނޫނު ނަންބަރު 1976-32 (ދިވެހިރާއްޖޭގެ ސިޔާސީ ސަރަހައްދުގެ ވަޔާއި، ކަނޑާއި އަދި އިގްތިސާދީ ސަރަހައްދުގެ ތެރެއިން ބޭރު ގައުމުތަކުގެ އުޅަނދުތަކާއި މަތިންދާބޯޓުފަހަރު ދަތުރުކުރުމާބެހޭ ގާނޫނު) އުވުނީއެވެ.

 

 

 

---------------

 

ތާވަލު 1 

ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތައް

 

-----------------(އަދި ނުހިމެނި)

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 1996-06)

 

އުވުނު ގާނޫނު

  1. ދިވެހިރާއްޖޭގެ ސިޔާސީ ސަރަހައްދުގެ ވަޔާއި ކަޑާއި އަދި އިގްތިސާދީ ސަރަހައްދުގެ ތެރެއިން ބޭރު ގައުމު ތަކުގެ އުޅަދުތަކާއި މަތިންދާބޯޓު ފަހަރު ދަތުރުކުރުމާޢި ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1976-32)
  2. ދިވެހިރާއްޖެއަށް ހާއްސަ އިގްތިސާދީ ސަރަހައްދުއާޢި ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1976-30)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު