-

ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާއި ބެހޭ ގާނޫނު

(ގާނޫނު ނަންބަރު  1996-08)

(މި ގާނޫނުގެ 11 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 1978-58  އާއި ގާނޫނު ނަންބަރު 1978-80 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފު

މިގާނޫނަކީ،  ދިވެހިރާއްޖޭގެ ކަނޑުން ލަނގުވާ  ތަކެއްޗާއި، ދިވެހިރާއްޖޭގެ އެއްގަމާއި ކަނޑުން ހޮވާ ތަކެއްޗާ ބެހޭ ގާނޫނެވެ. މިގާނޫނަށް ކިޔާނީ ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާ ބެހޭ ގާނޫނު އެވެ.

 

2 ވަނަ މާއްދާ – ލަނގުވާ ތަކެތި

ކަނޑުގައި  އުފެދޭ  ތަކެއްޗާއި، ކަނޑައެޅިގެން ވެރިޔަކު އެނގޭތަކެތި ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުން ލަނގުވާ އެންމެހައި ތަކެއްޗަކީ ސަރުކާރުގެ ތަކެއްޗެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުން ލަނގުވާ އެއްޗެއްގެ ވެރިފަރާތް އެނގުނު ނަމަވެސް އެ އެއްޗަކާމެދު އެހެން ގާނޫނަކުން ވަކިގޮތަކަށް ކަނޑައަޅާފައިވާނަމަ، އެ އެއްޗަކާމެދު އަމަލުކުރާނީ އެ ގާނޫނެއްގައި ކަނޑައަޅާފައިވާ ގޮތެއްގެ މަތިންނެވެ.

 

3 ވަނަ މާއްދާ - ކަނޑުން ލަނގުވާ ތަކެއްޗާމެދު އަމަލުކުރަންވީގޮތް   

(ހ)ކަނޑުގައި އުފެދޭ ތަކެތި ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުން ލަނގުވާ އެއްވެސް އެއްޗެއް ފެނިއްޖެނަމަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް ނުވަތަ އެންމެ ކައިރީގައި ހުރި ރަށުއޮފީހަކަށް ނުވަތަ އަތޮޅު އޮފީހަކަށް އެ އެއްޗެއް ފެނުނު ފަރާތަކުން ލަސްނުކޮށް އަންގަންވާނެއެވެ.

(ށ)  ކަނޑުގައި އުފެދޭ ތަކެތި ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުން އެއްވެސް އެއްޗެއް ހޮވައިފިނަމަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ނުވަތަ އެންމެ ކައިރި ރަށުއޮފީހަކަށް ނުވަތަ އަތޮޅު އޮފީހަކަށް އެކަމުގެ މައުލޫމާތު ލަސްނުކޮށް އަންގަންވާނެއެވެ. އަދި މިގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާ ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކާ ހޮވި އެއްޗެއް ހަވާލުކުރަން ވާނެއެވެ.

 

4 ވަނަ މާއްދާ - ކަނޑުގައި އުފެދޭ ތަކެތި ހޮވުން

(ހ) ކަނޑުގައި އުފެދޭ އެއްޗެއް ރާއްޖޭގެ ސަރަހައްދުގެ  ތެރެއިން ހޮވައިފި މީހަކު ލަސްނުކޮށް އެކަމުގެ މައްލޫމާތު، މާލޭގައިނަމަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް، ރާއްޖެތެރޭގައި ނަމަ، އެންމެކައިރީގައި ހުރި ރަށުއޮފީހަކަށް ނުވަތަ އަތޮޅުއޮފީހަކަށް އަންގަން ވާނެއެވެ.

(ށ)   ހޮވާތަކެތީގެ ތެރެއިން ކަނޑުގައި އުފެދޭ ތަކެއްޗާ މެދު އަމަލުކުރާނީ، މިގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

5 ވަނަ މާއްދާ - އެހެން ތަންތަނުން ހޮވާތަކެތި

ދިވެހިރާއްޖޭގެ ކަނޑު ފިޔަވައި ރާއްޖޭގެ އެހެން ތަނަކުން އެއްޗެއް ހޮވައިފި މީހަކު، އެ އެއްޗެއް ހޮވާތާ ލަސްވެގެން 7 ދުވަހުގެ ތެރޭގައި، މާލޭގައިނަމަ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ކަމާބެހޭ ކޯޓަކާ، ރާއްޖެތެރޭގައިނަމަ، އެންމެ ކައިރީގައިހުރި ރަށުކޯޓަކާ އެއެއްޗެއް ހަވާލުކުރަން ވާނެއެވެ.

 

6 ވަނަ މާއްދާ - ހޮވާތަކެތި ވެރިފަރާތާ ހަވާލު ކުރުން

މިގާނޫނުގެ 3 ވަނަ މާއްދާ އާއި 5 ވަނަ މާއްދާގައި ބުނެފައިވާ ހޮވާ ތަކެތީގެ ތެރެއިން، ކަނޑައެޅިގެން ވެރިޔަކު އެނގޭ އެއްޗެއް ހޮވި ފަރާތަކުން ލަސްނުކޮށް އެ އެއްޗެއްގެ ވެރިފަރާތާ އެ އެއްޗެއް ހަވާލު ކުރުން، މިގާނޫނުގެ 3  ވަނަ މާއްދާއާއި 5 ވަނަ  މާއްދާއިން އިސްތިސްނާ ވާނެއެވެ.

 

7 ވަނަ މާއްދާ - ހޮވައިގެން ގެންނަ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތް

(ހ) މި ގާނޫނުގެ 3  ވަނަ މާއްދާ އާއި 5 ވަނަ  މާއްދާގައި ބުނެފައިވާ އެއްޗެއް ހޮވައިގެން ގެނެސްފިނަމަ، ސަރުކާރުގެ ކަމާބެހޭ  ފަރާތަކުން  ލަސްނުކޮށް  އެކަން  އިއްލާނު ކުރަންވާނެއެވެ. މިކަން ފުރަތަމަ އިއްލާނުކުރާ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި އެ އެއްޗެއްގެ ވެރިފަރާތުން އެ އެއްޗެއް ހޯދުމަށް އެދި ހުށަނާޅައިފިނަމަ، އެ އެއްޗެއްވާނީ، ސަރުކާރުގެ އެއްޗަކަށެވެ. އަދި އެ އެއްޗެއްގެ ވެރިފަރާތުން އެ އެއްޗެއް ހޯދުމަށްއެދި ހުށަހެޅުމަށް ފަހު އެ އެއްޗަކާ ހަވާލުނުވި ނަމަވެސް އެ އެއްޗެއްވާނީ ސަރުކާރުގެ އެއްޗަކަށެވެ. މިކަންކަން ނިންމާނީ، ށަރީއަތުންނެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރެއިން އެއެއްޗެއްގެ ޒާތުން ހަލާކުވެދާފަދަ ތަކެއްޗާއި، ދިރޭއެއްޗެއްސާއި، އެއެއްޗެއް ބެލެހެއްޓުމަށް ކުރަންޖެހޭ ހަރަދު އެ އެއްޗެއްގެ އަގާ އެކަށީގެންނުވާ ތަކެތި ނީލަންކިޔައި، ފައިސާއަށް ބަދަލުކުރުމުގެ އިހްތިޔާރު ސަރުކާރުގެ ކަމާބެހޭ ފަރާތަކަށް ލިބިގެންވެއެވެ.

(ނ) ހޮވާތަކެތީގެ ތެރެއިން މިގާނޫނުގެ 3 ވަނަމާއްދާ އާއި 5 ވަނަ މާއްދާގެ ދަށުން ގެންނަ އެއްޗެއްގެ ވެރި ފަރާތެއްވޭތޯ ބެލުމަށް އިއްލާނުކުރުމުން، އެއެއްޗެއްގެ ވެރިފަރާތަކުން އެއެއްޗެއް ހޯދުމަށްއެދި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެއެއްޗެއް، އެއެއްޗެއްގެ ވެރި ފަރާތާ ހަވާލުކުރެވޭނީ އެއެއްޗެއްގެ ވެރިފަރާތް ހޯދުމަށް ކުރި ހަރަދާއި އެއެއްޗެއް ބެލެހެއްޓުމަށް ކޮށްފައިވާ ހަރަދު ދިނުމުންނެވެ. 

 

8 ވަނަ މާއްދާ - އެހެން ގާނޫނެއްގެ ދަށުން އަމަލު ކުރުން

ދިވެހިރާއްޖޭގެ ކަނޑުން ނުވަތަ އެއްގަމުން ހޮވާ އެއްޗެއް ސަރުކާރުގެ ވަކި ފަރާތަކަށް ދެއްކުމަށް އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ ނަމަ، އެ އެއްޗެއް ދައްކާނީ، އެ އެއްޗެއް  ދެއްކުން އެގާނޫނަކުން ލާޒިމުކުރާ ފަރާތަކަށެވެ. އަދި އެއެއްޗަކާމެދު އަމަލުކުރާނީ، އެގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިންނެވެ.

 

9 ވަނަ މާއްދާ - ގަވާއިދު ހެދުން

މިގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކުން ނުވަތަ ފަރާތްތަކަކުންނެވެ.

 

10 ވަނަ މާއްދާ - މާނަ

(ހ) މިގާނޫނުގައި، "ކަނޑު" ކަމަށް ބުނެފައިއެވަނީ، ރަށްރަށުގެ ފަޅާއި، ފަރު، ހާ، ގިރި، ހިމެނޭގޮތުން ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި އާކިޕެލަޖިކް ކަނޑާއި ސަރަހައްދީ ކަނޑާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމެނޭގޮތަށެވެ.

(ށ) މި ގާނޫނު ގައި ލަނގުވާ ތަކެތި ކަމަށް ބުނެފައިއެވަނީ އޮޔާދާ ތަކެއްޗާއި، ލައްގަމުން އަންނަ ތަކެއްޗާއި، ލައްގާފައިވާ ތަކެތި ހިމެނޭ ގޮތުންނެވެ.

 

11 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މިގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 1978-58 (ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ލަނގުވާ، އަދި ރާއްޖޭގެ ސަރަހައްދުގެ ކަނޑުން ނުވަތަ ފަޅުން ހޮވާ ކަނޑުގައި އުފެދޭ ތަކެތިނޫން ތަކެއްޗާ ބެހޭ ގާނޫނު)  އާއި، ގާނޫނު ނަންބަރު 1978-80 (ކަނޑުން ލަނގުވާތަކެތި ފިޔަވައި ހޮވާތަކެއްޗާ ބެހޭ ގާނޫނު) އުވުނީއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާއި ބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 1996-08)

 

އުވުނު ގާނޫނު

  1. ކަނޑުންލަގުވާ ތަކެތި ފިޔަވައި ހޮވާ ތަކެއްޗާއި ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-80)
  2. ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ލަގުވާ އަދި ރާއްޖޭގެ ސަރަހައްދުގެ ކަނޑުން ނުވަތަ ފަޅުން ހޮވާ ކަނޑުގައި އުފެދޭ ތަކެއްޗާއި ނޫން ތަކެއްޗާއި ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-58)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާއި ބެހޭ ގަވާއިދު

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު