-

ޕާޓްނަރށިޕާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1996-09)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރ 2011-13 ގެ 49 ވަނަ މާއްދާއިން އުވާލެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ޕާޓްނަރށިޕް އުފެއްދުމާއި، ރަޖިސްޓަރީ ކުރުމާއި، ހިންގުމާބެހޭ ގާނޫނެވެ.

(ށ) މިގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ޕާޓްނަރށިޕާ ބެހޭ ގާނޫނު"އެވެ.

 

2 ވަނަ މާއްދާ - ޕާޓްނަރށިޕް

(ހ) އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވެ، ވިޔަފާރިކުރުމުގެ، ނުވަތަ އާމްދަނީ ހޯދުމަށް ވިޔަފާރީގެ އުސޫލުން މަސައްކަތެއް ކުރުމުގެ މަގްސަދުގައި، މިގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕާޓްނަރށިޕް ރަޖިސްޓަރީ ކުރެވިދާނެއެވެ،

(ށ) ޕާޓްނަރށިޕަކީ، ވިޔަފާރީގެ އުސޫލުން އާމްދަނީ ހޯދުމުގެ ނިޔަތުގައި، ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު އެކުވެގެން، ވަކި ނަމެއްގައި އުފައްދާ ވިޔަފާރި ޖަމާއަތެކެވެ.

(ނ) ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިންގާ ކުންފުނިތަކާއި، ވަކި ގާނޫނަކުން، ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކުންފުނިތަކަކީ، މިމާއްދާގައި ބުނެފައިވާ، އަދި މި ގާނޫނުގައި ބަޔާންކޮށްފައިވާ ޕާޓްނަރށިޕެއް ނޫނެވެ.

 

3 ވަނަ މާއްދާ - ޕާޓްނަރށިޕް ރަޖިސްޓަރީކުރުން

(ހ) ޕާޓްނަރށިޕް އުފައްދާ މީހުން އެ ޕާޓްނަރށިޕެއްގެ އެއްބަސްވުން ތައްޔާރުކޮށް، ސޮއިކޮށް، މިގާނޫނު ގައިވާ ގޮތުގެ މަތިން އެ ޕާޓްނަރށިޕެއް ރަޖިސްޓަރީ ކުރުމަށް މިނިސްޓްރީ އޮފް ޓްރޭޑް އިންޑަސްޓްރީޒް އެންޑް ލޭބަރަށް ހުށަހަޅަން ވާނެއެވެ. ޕާޓްނަރށިޕްގެ އެއްބަސްވުމުގައި ސޮއިކުރަންވާނީ، މަދުވެގެން ދެހެކިންގެ ހާޒިރުގައެވެ. އަދި އެހެކިންވެސް އެ އެއްބަސްވުމުގައި ސޮއިކުރަންވާނެއެވެ.

(ށ) ކޮންމެ ޕާޓްނަރށިޕެއްވެސް ރަޖިސްޓަރީ ކޮށްދެވޭނީ، އެ ޕާޓްނަރށިޕެއް ރަޖިސްޓަރީ ކުރުމަށްޓަކައި 2،000 ރުފިޔާގެ ރަޖިސްޓަރީ ފީ އަކާއި، މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ އަހަރީ ފީގެ ތެރެއިން އެ އަހަރުގެ ބާކީއޮތް މުއްދަތަކަށް ނިސްބަތުން ދައްކަންޖެހޭ އަދަދު މިނިސްޓްރީ އޮފް ޓްރޭޑް އިންޑަސްޓްރީޒް އެންޑް ލޭބަރަށް ދެއްކުމުންނެވެ.

(ނ) ޕާޓްނަރށިޕް އުފައްދާ ތާރީހު ކަމަށް ބަލާނީ، އެ ޕާޓްނަރށިޕެއް ރަޖިސްޓަރީކޮށް، މިނިސްޓްރީ އޮފް ޓްރޭޑް އިންޑަސްޓްރީޒް އެންޑް ލޭބަރުން ދޫކުރާ ލިޔުމުގައިވާ ތާރީހެވެ.

 

4 ވަނަ މާއްދާ – އަހަރީ ފީ

(ހ) ކޮންމެ ޕާޓްނަރށިޕަކުންވެސް ކޮންމެ އަހަރެއްގެ ފެބްރުއަރީ މަސް ހުސްވުުމުގެ ކުރިން 2،000 ރުފިޔާގެ އަހަރީ ފީއެއް މިނިސްޓްރީ އޮފް ޓްރޭޑް އިންޑަސްޓްރީޒް އެންޑް ލޭބަރަށް ދައްކަން ވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ އަހަރީ ފީ އެއަހަރެއްގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނުދައްކައިފިނަމަ، އެއަހަރުގެ މާޗް މަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ 300 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ. މާޗްމަހުގެ ނިޔަލަށް ފީ ނުދައްކައިފިނަމަ، އޭޕްރީލް މަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ 1،000 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ. އެ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ފީ ނުދައްކައިފނަމަ، އެ ޕާޓްނަރށިޕެއް ހިންގުން ހުއްޓުވާލައި، އެ ޕާޓްނަރށިޕެއް އުވާލެވޭނެއެވެ.

 

5 ވަނަ މާއްދާ – ރަޖިސްޓަރީވުމުގެ ކުރިން ވިޔަފާރި ނުކުރުން

މިގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕާޓްނަރށިޕް ރަޖިސްޓަރީ ވުމުގެކުރިން، އެ ޕާޓްނަރށިޕެއްގެ ނަމުގައި އެއްވެސް ވިޔަފާރިއެއްކޮށް، ނުވަތަ މަސައްކަތެއްކޮށް، ނުވަތަ ހިދްމަތެއްދީ ހަދައިގެން ނުވާނެއެވެ. ޕާޓްނަރށިޕް ރަޖިސްޓަރީވުމުގެ ކުރިން، ޕާޓްނަރށިޕެއްގެ ސިފައިގައި އެއްވެސް ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކޮށްފިނަމަ، ނުވަތަ ހިދްމަތެއްދީފިނަމަ، އެކަމަކަށް ޒިންމާވާނީ، އެކަމެއްކުރި މީހަކު ނުވަތަ ބަޔެކެވެ.

 

6 ވަނަ މާއްދާ - ޕާޓްނަރށިޕްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނިފައި ނުވާ ކަމެއް ނުކުރުން

އެއްވެސް ޕާޓްނަރށިޕަކުން، ނުވަތަ އެއްވެސް ޕާޓްނަރށިޕެއްގެ ބައިވެރިޔަކު، އެ ޕާޓްނަރށިޕެއްގެ އެއްބަސްވުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނިފައި ނުވާކަމެއް އެ ޕާޓްނަރށިޕެއްގެ ނަމުގައި ކޮށްގެންނުވާނެއެވެ. ޕާޓްނަރށިޕްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނިފައި ނުވާކަމެއް، އެ ޕާޓްނަރށިޕްގެ އެއްވެސް ބައިވެރިޔަކު ނުވަތަ ބައިވެރިންތަކެއްް ކޮށްފިނަމަ، އެ ޕާޓްނަރށިޕަކުން ނުވަތަ އެ ޕާޓްނަރށިޕެއްގެ އެހެން ބައިވެރިން އެކަމަކަށް ޒިންމާވާކަށެއް ނުޖެހޭނެަެވެ. އަދި އެކަމަކަށް ޒިންމާވާނީ، އެކަމެއްކުރި ބައިވެރިޔަކު ނުވަތަ ބައިވެރިންނެވެ.

 

7 ވަނަ މާއްދާ - ބައިވެރިވެވޭ މީހުންގެ އަދަދު

ޕާޓްނަރށިޕެއްގެ މަދުވެގެން 2 ބައިވެރިން ތިބެން ވާނެއެވެ. ޕާޓްނަރށިޕެއްގައި ގިނަވެގެން ތިބެވޭނީ، 20 ބައިވެރިންނަށެވެ.

 

8 ވަނަ މާއްދާ – ޕާޓްނަރށިޕްގެ ނަން

ޕާޓްނަރށިޕެއްގެ ނަމުގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނީ، އެ ޕާޓްނަރށިޕެއްގެ ހުރިހާ ބައިވެރިންގެ ނަން ހިމެނިފައިވާ ނުވަތަ އެ ޕާޓްނަރށިޕެއްގެ ބައިވެރިއެއްގެ ނުވަތަ ބައެއް ބައިވެރިންގެ ނަމުގެ ފަހަތަށް "އެންޑް ޕާޓްނަރޒް" ނުވަތަ މިމާނަ ދޭހަވާ އިބާރާތެއް ހިމެނޭ، ނުވަތަ ޕާޓްނަރށިޕްގެ ބައެއް ބައިވެރިންގެ ނަމާ ގުޅިގެން، ޕާޓްނަރށިޕުން ކުރާ ވިޔަފާރިއެއްގެ ނުވަތަ މަސައްކަތެއްގެ ނުވަތަ ޕާޓްނަރށިޕުން ދޭ ހިދްމަތެއްގެ ބާވަތް ދޭހަކޮށްދޭ އިބާރާތެއް ހިމެނިފައިވާ ނަމެކެވެ.

 

9 ވަނަ މާއްދާ – ޕާޓްނަރށިޕްގެ އެއްބަސްވުމުގައި ހިމަނަންޖެހޭ މައްލޫމާތު

ކޮންމެ ޕާޓްނަރށިޕެއްގެ އެއްބަސްވުމުގައި ވެސް، ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ޕާޓްނަރށިޕްގެ ނަން.

(ށ) ޕާޓްނަރށިޕް ރަޖިސްޓަރީ ކުރަން ބޭނުންވާ އެޑްރެސް.

(ނ) ވަކި މުއްދަތަކަށް އުފައްދާ ޕާޓްނަރށިޕެއްނަމަ، އެ ޕާޓްނަރށިޕެއްގެ މުއްދަތު.

(ރ) ޕާޓްނަރށިޕް އުފެއްދި މަގްސަދު.

(ބ) ޕާޓްނަރށިޕްގައި ބައިވެރިވާ މީހުންގެ ނަމާއި، އެޑްރެސް.

(ޅ) ޕާޓްނަރށިޕްގެ ރައުސުމާލާއި، އެ ޕާޓްނަރށިޕެއްގައި ބައިވެރިވާ ކޮންމެ މީހެއްގެ ހިއްސާގެ މިންވަރު.

(ކ) ޕާޓްނަރށިޕްގެ ބައިވެރިންގެ މެދުގައި ފަައިދާ ބަހާނެ ގޮތާއި، ދަރަންޏާމެދު ޒިންމާ އުފުލާނެގޮތް.

(އ) ޕާޓްނަރށިޕް ހިންގާ ބައިވެރިޔާގެ ނަން.

(ވ) ޕާޓްނަރށިޕްގައި ބައިވެރިވެވޭގޮތާއި، ޕާޓްނަރށިޕުން ވަކިވެވޭގޮތާއި، ބައިވެރިޔަކުވަކިކުރެވޭގޮތް.

(މ) ޕާޓްނަރށިޕްގެ އެއްބަސްވުމުގައި ހުންނަންޖެހޭނެކަމަށް މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މައްލޫމާތު.

 

10 ވަނަ މާއްދާ - ބައިވެރިންގެ ހައިސިއްޔަތު

(ހ) ޕާޓްނަރށިޕެއްގައި ބައިވެރިވާ ކޮންމެ މީހަކީ، އެ ޕާރޓްނަރށިޕެއްގެ ވިޔަފާރީގެ ބޭނުމަށްޓަކައި، އެ ޕާޓްނަރށިޕެއްގެ އެހެން ބައިވެރިންގެ އޭޖެންޓެކެވެ. ޕާރޓްނަރށިޕެއްގެ ބައިވެރިޔަކު، އެޕާރޓްނަރށިޕަކުން އާންމުކޮށް ކުރާ ވިޔަފާރީގެ ތެރޭގައި އާދައިގެމަތިން ކުރާ ކޮންމެ މުއާމަލާތަކީ، އެއަށް އެ ޕާޓްނަރށިޕެއްގެ އެހެން ބައިވެރިން އަމަލުކޮށް ޒިންމާވާންޖެހޭނެ މުއާމަލާތެކެވެ.

(ށ) ޕާޓްނަރށިޕްގެ ބައިވެރިޔަކު، އެ ޕާޓްނަރށިޕެއްގެ ނަމުގައި ހިންގާ އޭނާއަށް އިހްތިޔާރު ލިބިގެންނުވާ ކަމެއްގައި، އެމީހަކާ މުއާމަލާތްކުރި ފަރާތަށް، އެބައިވެރިޔަކަށް އެކަމެއްގެ އިހްތިޔާރު ލިބިފައިނެތްކަން އެނގިފައިވާނަމަ، ނުވަތަ އެމީހަކީ އެ ޕާޓްނަރށިޕްގެ ބައިވެރިއެއްކަން އެބައިވެރިޔަކާ މުއާމަލާތް ކުރިފަރާތަށް އެނގިފައި ނުވާނަމަ، އެކަމެއްގައި ޕާޓްނަރށިޕްގެ އެހެން ބައިވެރިން މިމާއްދާގެ (ހ) ގައި ބަޔާންވެގެންވާ ފަދައިން ޒިންމާވާކަށެއް ނުޖެހޭެނެއެވެ.

 

11 ވަނަ މާއްދާ - ބައިވެރިން ޒިންމާވުން

(ހ) ކޮންމެ ޕާޓްނަރށިޕެއްގެ ބައިވެރިޔަކުވެސް، އެމީހަކު އެ ޕާޓްނަރށިޕެއްގައި ހުރި މުއްދަތުގައި އެ ޕާޓްނަރށިޕަކުން ކޮށްފައިވާ މުއާމަލާތްތަކަށާއި އެ ޕާޓްނަރށިޕެއްގެ މުއްދަތުގައި ވެފައިވާ ދަރަނި ތަކަށާއި، ވާޖިބުތަކަށް އެ ޕާޓްނަރށިޕެއްގެ އެހެން ބައިވެރިންނާއެކު ޖުމްލަކޮށް، އަދި ވަކިން، ޒިންމާވާން ވާނެއެެވެ.

(ށ) އަލަށް ޕާޓްނަރށިޕެއްގައި ބައިވެރިވާ މީހަކު، އެމީހަކު އެ ޕާޓްނަރށިޕެއްގައި ބައިވެރިވުމުގެ ކުރިން އެ ޕާޓްނަރށިޕަކުން ކޮށްފައިވާ ކަންތައްތަކަށް ޒިންމާވާކަށެއް ނުޖެހޭނެއެވެ.

(ނ) ޕާޓްނަރށިޕެއްގެ ބައިވެރިޔަކު، އެ ޕާޓްނަރށިޕަކުން ވަކިވިނަމަވެސް އެ ޕާޓްނަރށިޕެއްގައި އެމީހަކު ހުރި މުއްދަތުގައި އެ ޕާޓްނަރށިޕަކުން ވެފައިވާ ދަރަނިތަކާއި އެހެން މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޒިންމާއިން އެމީހަކު ބަަރީއައެއް ނުވާނެއެވެ.

(ރ) ޕާޓްނަރށިޕެއްގެ އެއްވެސް ބައިވެރިޔަކު، އެ ޕާޓްނަރށިޕެއްގެ ބޭނުމަކު ނޫން އެހެން ބޭނުމަކު، އެ ޕާޓްނަރށިޕެއްގެ ފައިސާ އެ ޕާޓްނަރށިޕެއްގެ އެހެން ބައިވެރިންގެ ހުއްދަނެތި ހަރަދުކޮށްފިނަމަ، އެ ހަރަދަކާމެދު އެޕާޓްނަރށިޕަކާ ޕާޓްނަރށިޕެއްގެ އެހެން އެހެން ބައިވެރިން ޒިންމާވާކަށެއް ނުޖެހޭނެ އެވެ. އަދިއެހަރަދަކީ އެހަރަދެއްކުރި ބައިވެރިޔަކު އަމިއްލައަށް ޒިންމާވާންޖެހޭނެ ހަރަދެކެވެ.

 

12 ވަނަ މާއްދާ - ޕާޓްނަރށިޕްގެ ބައިވެރިއެއްގެ ގޮތުގައި ދެއްކުން

(ހ) އެއްވެސް މީހަކު، އެމީހަކީ ޕާޓްނަރށިޕެއްގެ ބައިވެރިޔަކުކަމަށް ބަހުން ނުވަތަ އަމަލުން ނުވަތަ އެނޫންވެސް ގޮތަކުން ދައްކައިފިނަމަ، ނުވަތަ ޕާޓްނަރށިޕަކުން އެ ޕާޓްނަރށިޕެއްގައި ނުހިމެނޭ މީހެއްގެ ނަން ޕާޓްނަރށިޕްގެ ބައިވެރިއެއްގެ ގޮތުގައި ބޭނުންކުރާކަން އެނަން ބޭނުންކުރެވޭ މީހާއަށް އެނގިހުރެ ފިޔަވަޅެއް ނާޅައި ހުރެއްޖެނަމަ، އެމީހަކީ އެ ޕާޓްނަރށިޕެއްގެ ބައިވެރިޔަކުކަމަށް ގަބޫލުކޮށްގެން އެ ޕާޓްނަރށިޕަކާ މުއާމަލާތްކުރި ފަރާތްތަކަށް އެ ޕާޓްނަރށިޕަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި، އެމީހަކު އެޕާޓްނަރށިޕެއްގެ ބައިވެރިޔެކޭ އެއްފަދައިން ޒިންމާވާން ޖެހޭނެއެވެ.

(ށ) ޕާޓްނަރށިޕެއްގެ ބައިވެރިޔަކު މަރުވުމަށްފަހު، އެ ޕާޓްނަރށިޕެއްގެ އެހެން ބައިވެރިން އެމީހެއްގެ ނަން ހިމެނޭގޮތަށް ކުރީގެނަމުގައި އެ ޕާޓްނަރށިޕެއްގެ ވިޔަފާރި ހިންގިކަމުގައި ވިޔަސް، އެބައިވެރިޔަކު މަރުވުމަށްފަހު އެ ޕާޓްނަރށިޕަކުން ކުރާ މުއާމަލާތުގެ ސަބަބުން އެޕާޓްނަރށިޕަކުން ވާ ދަރަނިވެރި ވުމަކަށް މަރުވި ބައިވެރިޔާގެ ވާރިސުން ޒިންމާވާކަށެއް ނުޖެހޭނެއެވެ.

 

13 ވަނަ މާއްދާ - ޕާޓްނަރށިޕްގައި ހިމެނުމާއި ވަކިކުރުން

(ހ) ޕާޓްނަރށިޕެއްގައި އިތުރު ބައިވެރިޔަކު ހިމަނަން ވާނީ، އަދި ޕާޓްނަރށިޕެއްގައި ހިމެނޭ ބައިވެރިޔަކު އެ ޕާޓްނަރށިޕަކުން ވަކިކުރަންވާނީ، އެ ޕާޓްނަރށިޕެއްގެ އެއްބަސްވުމުގައާއި މިގާނޫނުގައި ނުވަތަ މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

(ށ) ޕާޓްނަރށިޕެއްގެ އެއްބަސްވުމުގައި ކަނޑައަޅައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން މެނުވީ، ބައިވެރިންގެ އަގްލަބިއްޔަތު ލިބިގެންނަމަވެސް، އެއްވެސް ޕާޓްނަރށިޕަކުން އެ ޕާޓްނަރށިޕެއްގެ ބައިވެރިޔަކު ވަކިކޮށްގެން ނުވާނެއެވެ.

(ނ) ޕާޓްނަރށިޕެއްގެ ބައިވެރިޔަކަށް އެ ޕާޓްނަރށިޕެއްގައިވާ އެމީހެއްގެ ހިއްސާގައި އެހެން މީހަކު ބައިވެރި ކުރެވިދާނެއެވެ. ނަމަވެސް މިގޮތަށް ޕާޓްނަރށިޕްގައި އާ ބައިވެރިޔަކު ހިމެނޭނީ، ޕާޓްނަރށިޕްގެ އެއްބަސްވުމުގައިވާ ގޮތުގެމަތިންނެވެ. ޕާޓްނަރށިޕެއްގައި އަލަށް މީހަކު ނުވަތަ ބަޔަކު ބައިވެރިކޮށްފިނަމަ، އެ ޕާޓްނަރށިޕެއްގެ ބައިވެރިންގެ ގޮތުގައި އެމީހަކު ނުވަތަ އެބަޔަކު ހަމަޖައްސާތާ 7 ދުވަހުގެ ތެރޭގައި، އެމީހެއްގެ ނުވަތަ އެބަޔެއްގެ ނަން އެ ޕާޓްނަރށިޕެއްގެ ފަރާތުން މިނިސްޓްރީ އޮފް ޓްރޭޑް އިންޑަސްޓްރީޒް އެންޑް ލޭބަރަށް އަންގަންވާނެއެވެ.

 

14 ވަނަ މާއްދާ - ފައިދާއާއި ގެއްލުން ހިއްސާކުރުން

ޕާޓްނަރށިޕެއްގެ ބައިވެރިންގެ މެދުގައި ފައިދާބަހައި، ގެއްލުން ހިއްސާކުރަންވާނީ، އެބައިވެރިޔަކު އެ ޕާޓްނަރށިޕެއްގެ ރައުސުމާލުގައި ހިމެނުމަށް ދީފައިވާ ފައިސާގެ ނުވަތަ މުދަލުގެ ނުވަތަ އެމީހަކު ކޮށްދޭ ހިދްމަތުން ޕާޓްނަރށިޕްގައި ބައިވެރިވާ ނިސްބަތުން ޕާޓްނަރށިޕްގެ އެއްބަސްވުމުގައިވާ ގޮތުގެމަތިންނެވެ.

 

15 ވަނަ މާއްދާ - ޕާޓްނަރށިޕް ހިންގުން

ކޮންމެ ޕާޓްނަރށިޕެއް ހިންގައި، އެ ޕާޓްނަރށިޕެއްގެ ހުރިހާ ކަމެއް ބަލަހައްޓާނީ، ޕާޓްނަރށިޕްގެ އެއްބަސްވުމުގައި ވާގޮތުގެމަތިން ޕާޓްނަރށިޕްގެ ހިންގާ ބައިވެރިޔާއެވެ.

 

16 ވަނަ މާއްދާ - ޕާޓްނަރށިޕުން ކުރާ ވިޔަފާރި އެހެން ބައިވެރިންގެ ހުއްދަނެތިކޮށްފިނަމަ އަމަލުކުރެވޭގޮތް

އެއްވެސް ޕާޓްނަރށިޕެއްގެ ބައިވެރިޔަކު، އެ ޕާޓްނަރށިޕަކުން ކުރާ ވިޔަފާރިއެއް، އެ ޕާޓްނަރށިޕެއްގެ އެހެން ބައިވެރިންގެ ހުއްދަނެތި އެ ޕާޓްނަރށިޕަކާ ވަކިން ކޮށްފިނަމަ، އެ ވިޔަފާރިއަކުންލިބޭ ހުރިހާ ފައިދާއެއް އެބައިވެރިޔަކު ހިމެނޭ ޕާޓްނަރށިޕަށް ދޭންވާނެއެވެ.

 

17 ވަނަ މާއްދާ - ޕާޓްނަރށިޕްގެ މުދަލާއި ފައިސާ

ޕާޓްނަރށިޕެއްގެ ނަމުގައި ނުވަތަ ޕާޓްނަރށިޕަކުން ކުރާ ވިޔަފާރީގެ ބޭނުމަށް ހޯދާ އެންމެހާ މުދަލާއި، ފައިސާއާއި، އެމުދަލާއި ފައިސާއާ ގުޅިފައިވާ އެންމެހާ ހައްގުތަކަކީ، އެ ޕާޓްނަރށިޕެއްގެ މިލްކެކެވެ. ކޮންމެ ޕާޓްނަރށިޕެއްގެވެސް މުދަލާއި ފައިސާ ބޭނުންކުރަން ވާނީ، އެ ޕާޓްނަރށިޕެއްގެ އެއްބަސް ވުމުގައިވާ ގޮތުގެމަތިން، ހަމައެކަނި އެ ޕާޓްނަރށިޕެއްގެ ބޭނުމަށެވެ.

 

18 ވަނަ މާއްދާ - ޕާޓްނަރށިޕްގެ ލިޔެކިޔުން ބެހެއްޓުން

ކޮންމެ ޕާޓްނަރށިޕެއްގެވެސް ހުރިހާ ލިޔެކިޔުމެއް، އެ ޕާޓްނަރށިޕެއްގެ އޮފީހުގައި އެ ޕާޓްނަރށިޕެއްގެ ބައިވެރިން ބޭނުންވެއްޖެ ހިނދެއްގައި ބެލޭފަދަ ގޮތަކަށް ބަހައްޓަންވާނެއެވެ.

 

19 ވަނަ މާއްދާ - ބައިވެރިއެއްގެ ހިއްސާ ވިއްކުން

ޕާޓްނަރށިޕްގެ އެއްބަސްވުމުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އެ ޕާޓްނަރށިޕެއްގެ ބައިވެރިއެއްގެ ހިއްސާ އެ ޕާޓްނަރށިޕެއްގެ ބައިވެރިޔަކު ނޫން މީހަކަށް ވިއްކޭނީ، ނުވަތަ ބަދަލުކުރެވޭނީ، އެ ޕާޓްނަރށިޕެއްގެ ބައިވެރިން އެކަމަކަށް އެއްބަސްވާނަމައެވެ.

 

20 ވަނަ މާއްދާ - ޕާޓްނަރށިޕްގެ ގުޅުން ނިމުމަމަކަށް އައުން

ޕާޓްނަރށިޕްގެ ބައިވެރިން އެހެން ގޮތަކަށް އެއްބަސްވެފައި ނުވާނަމަ، އެ ޕާޓްނަރށިޕެއްގެ ބައިވެރިޔަކު މަރުވުމުން، ނުވަތަ ބަނގުރޫޓުވުމުން، އެމީހަކާއި އެހެން ބައިވެރިންނާ ދެމެދު އޮތް ގުޅުން ނިމުމަކަށް އަންނާނެއެވެ. ނަމަވެސް، އެ ޕާޓްނަރށިޕެއްގެ ދިރިތިބި ބައިވެރިންގެ މެދުގައާއި ބަނގުރޫޓު ނުވެތިބި ބައިވެރިންގެ މެދުގައި އެ ޕާޓްނަރށިޕެއްގެ ގުޅުން ދެމިއޮންނާނެއެވެ.

 

21 ވަނަ މާއްދާ -  ޕާޓްނަރށިޕް  އުވާލުން

ޕާޓްނަރށިޕެއް އުވާލެވޭނީ، އެ ޕާޓްނަރށިޕެއްގެ އެއްބަސްވުމާއި، މިގާނޫނާއި، މިގާނޫނުގެ ދަށުންހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

22 ވަނަ މާއްދާ - ޕާޓްނަރށިޕް ނިމުމަކަށް އަންނަ ބައެއް ހާލަތު

ތިރީގައިމިވާ ހާލަތުތަކުގައި ކޮންމެ ޕާޓްނަރށިޕެއް ވެސް ނިމުމަކަށް އަންނާނެއެވެ.

(ހ) ވަކިމުއްދަތަކަށް އުފައްދާފައިވާ ޕާޓްނަރށިޕެއްނަމަ، އެ ޕާޓްނަރށިޕެއްގެ މުއްދަތު ހަމަވުން.

(ށ) ވަކިމަސައްކަތެއް ނުވަތަ ކަމެއްކުރުމަށް އުފައްދާފައިވާ ޕާޓްނަރށިޕެއްނަމަ އެމަސައްކަތެއް ނުވަތަ އެކަމެއް ނިމުން.

(ނ) ޕާޓްނަރށިޕްގެ އެއްބަސްވުމުގައި ބަޔާންވެފައިވާ ގޮތުގެމަތިން، އެ ޕާޓްނަރށިޕެއްގެ ބައިވެރިން އެ ޕާޓްނަރށިޕެއް އުވާލުމަށް ނިންމުން.

(ރ) ޕާޓްނަރށިޕުން ކުރަމުންއައި ވިޔަފާރި ގާނޫނަކުން މަނާވުން، ނުވަތަ އެބާވަތުގެ ވިޔަފާރިކުރުން އެ ޕާޓްނަރށިޕެއްގެ ބައިވެރިންނަށް ގާނޫނަކުން މަނާވުން.

(ބ) ޕާޓްނަރށިޕް އުވާލުމަށް ކޯޓުން އަމުރުކުރުން.

 

23 ވަނަ މާއްދާ - ޕާޓްނަރށިޕެއްގެ ބައިވެރިޔަކު އެދިގެން ކޯޓުން ޕާޓްނަރށިޕް އުވާލުން.

ޕާޓްނަރށިޕްގެ ބައިވެރިޔަކު އެ ޕާޓްނަރށިޕެއް އުވާލުން އެދި ކޯޓަށް ހުށަހަޅައިފިނަމަ، ތިރީގައިމިވާ ހާލަތްތަކުގައި އެ ޕާޓްނަރށިޕެއް އުވާލުމަށް ކޯޓުން އަމުރު ކުރެވިދާނެއެވެ.

(ހ) ޕާޓްނަރށިޕްގެ ބައިވެރިޔަކީ ދުނިޔެއިން މޮޔަވެފައިވާ މީހެއްކަން ސާބިތުވުން.

(ށ) ޕާޓްނަރށިޕްގެ އެއްބަސްވުމުގެ ދަށުން، އެ ޕާޓްނަރށިޕެއްގެ ބައިވެރިޔަކު އަދާކުރަންޖެހޭބައި އަދާކުރުމަށް ދާއިމީ ގޮތެއްގައި ނުކުޅެދުން.

(ނ) ޕާޓްނަރށިޕުން ހިންގާ ވިޔަފާރިއަށް ބަލާއިރު، އެ ވިޔަފާރިއަށް ގެއްލުމެއް ލިބިދާފަދަ ކުށެއް އެ ޕާޓްނަރށިޕެއްގެ ބައިވެރިޔަކު ކުރުން.

(ރ) ޕާޓްނަރށިޕްގެ ބައިވެރިޔަކު ގަސްދުގައި ނުވަތަ ތަކުރާރުކޮށް އެ ޕާޓްނަރށިޕެއްގެ އެއްބަސްވުމާ ހިލާފުވުން، ނުވަތަ އެހެން ބައިވެރިންނަށް އެ ޕާޓްނަރށިޕެއްގެ ވިޔަފާރީގައި އޭނާ ހިމަނައިގެން އެ ޕާޓްނަރށިޕެއްގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް ދަތިވާފަދަ ގޮތަކަށް އަމަލުކުރުން.

(ބ) ޕާޓްނަރށިޕްގެ ވިޔަފާރި ގެއްލުން ނުވާގޮތަކަށް ކުރިޔަށް ގެންދެވެން ނެތުން.

(ޅ) ޕާޓްނަރށިޕް އުވާލުމަކީ އެމައްސަލައެއްގައި އޮތް އެންމެ އަދްލުވެރި އަދި އިންސާފުވެރި ގޮތްކަމަށް ކޯޓަށް ފެނުން

 

24 ވަނަ މާއްދާ – އަދަބު

މިގާނޫނުގައި މަނާކޮށްފައިވާ ކަމެއް ކޮށްފިމީހަކު އެކަމުގެ ކުޑަ ބޮޑުމިނަށް ބަލައި 5،000 ރުފިޔާއާއި 15،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓްރޭޑް އިންޑަސްޓްރީޒް އެންޑް ލޭބަރަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - ގަވާއިދު ހެދުން

މިގާނޫނު ހިންގުމަށްޓަކާ ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ، މިނިސްޓްރީ އޮފް ޓްރޭޑް އިންޑަސްޓްރީޒް އެންޑް ލޭބަރުންނެވެ.

 

26 ވަނަ މާއްދާ - މިގާނޫނަށް އަމަލު ކުރަން ފަށާއިރު ހިނގަމުން އަންނަ ޕާޓްނަރށިޕްތައް

މިގާނޫނަށް އަމަލުކުރަން ފަށާއިރު ހިނގަމުން އަންނަ ޕާޓްނަރށިޕްތައް، މިގާނޫނަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި، މިގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓްރޭޑް އިންޑަސްޓްރީޒް އެންޑް ލޭބަރުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

 

އުވި ގާނޫނު

ޕާޓްނަރށިޕްގެ ގާނޫނު (ގާނޫނު ނަންބަރު 2011-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު