-

ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނު

(ގާނޫނު ނަންބަރު 1979-01)

(މި ގާނޫނުގެ 15 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 1970-03 އާއި ގާނޫނު ނަންބަރު 1979-01 އުވާލެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ)    މިއީ ދިވެހި ދައުލަތުން، މީސްމީހުންނަށް ނިށާނުގެ  އިއްޒަތާއި، އެހެނިހެން އިއްޒަތާއި، މެޑެއްޔާއި، ލަގަބު ދިނުމާބެހޭ   ގާނޫނުވެ.

(ށ) މިގާނޫނަށް ކިޔަނީ " ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ނިށާނުގެ އިއްޒަތާއި  އެހެނިހެން އިއްޒަތްދިނުން

ދިވެހި ދައުލަތުން މީސްމީހުންނަށްދޭ ނިށާނުގެ އިއްޒަތާ، އެހެނިހެން އިއްޒަތާއި، މެޑެއްޔާއި، ލަގަބު ދޭންވާނީ މިގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

3 ވަނަ މާއްދާ - އިއްޒަތްދޭ ފަރާތް

ދިވެހި ދައުލަތުން މީސްމީހުންނަށް ދޭ އެންމެހައި އިއްޒަތާއި، މެޑެއްޔާއި، ލަގަބު ކަނޑައަޅައި، މީސްމީހުންނަށް އެ އިއްޒަތާއި، މެޑެއްޔާއި، ލަގަބު ދޭނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ގާނޫނުގައި ނަންގަނެވިގެންވާ ކޮންމެ  އިއްޒަތެއްގެ އެންމެ އިސްވެރިޔަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ.

 

4 ވަނަ މާއްދާ - ނިށާނުގެ އިއްޒަތް

ނިށާނުގެ އިއްޒަތަކީ، އެމީހެއްގެ ގައުމީ ހިދުމަތް ފާހަގަ ކުރުމުގެ ގޮތުން ނުވަތަ ހިދުމަތް ވަޒަން ކުރުމުގެ ގޮތުން، މި ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ދައުލަތުގެ ފަރާތުންދޭ އިއްޒަތުގެ ނިށާން، ނުވަތަ މެޑެއްޔާއެކު ދޭ އިއްޒަތެވެ. މީގެއިތުރަށް، މުޅި އިންސާނިއްޔަތަށް މީހަކު ކުރާ ހިދުމަތް ވަޒަންކުރުމުގެ ގޮތުންވެސް، ނިށާނުގެ އިއްޒަތް ދެވިދާނެއެވެ.

 

5 ވަނަ މާއްދާ - ނިށާނުގެ އިއްޒަތުގެ ނަންތައް

ދިވެހި ދައުލަތުން ދޭނީ، ތިރީގައި ބުނެފައިމިވާ ނިށާނުގެ އިއްޒަތްތަކެވެ.

(ހ) ނިށާންގާޒީގެ އިއްޒަތުގެ ވެރިކަން

ނިށާން ގާޒީގެ އިއްޒަތުގެ ވެރިކަން (ނ.ގ.އ.ވ) ނިށާން ގާޒީގެ އިއްޒަތުގެ ވެރިކަމަކީ، ދިވެހި ދައުލަތުންދޭ އެންމެމަތީ އިއްޒަތެވެ. މި އިއްޒަތްނިސްބަތްކޮށްފައިވަނީ، އައްސުލްތާނުންލްގާޒީ މުހަންމަދު ތަކުރުފާނުލް އައްްޒަަމް،ސިރީ ސަވާދީއްތަ މަހާރަދުންނަށެވެ.

(ށ) ނިށާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން

ނިށާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.އ.އ.ވ) މި އިއްޒަތް ނިސްބަތް ކޮށްފައިވަނީ އައްސުލްތަނުލްގާޒީ ހަސަންއިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ.

(ނ) ނިށާން ދަރުމަވަންތަ މަހާރަދުންގެ އިއްޒަތުގެ ވެރިކަން

ނިށާން ދަރުމަވަންތަ މަހާރަދުންގެ އިއްޒަތުގެ ވެރިކަން   (ނ.ދ.މ.އ.ވ) މި އިއްޒަތް ނިސްބަތް ކޮށްފައިވަނީ، އައްސުލްތާނުލްމުހަންމަދު އަބްދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުންނަށެވެ.

(ރ) ނިށާން ށަހީދު އަލީގެ އިއްޒަތުގެ ވެރިކަން

ނިށާން ށަހީދު އަލީގެ އިއްޒަތުގެ ވެރިކަން (ނ.ށ.އ.އ.ވ) މިއިއްޒަތް ނިސްބަތްކޮށްފައިވަނީ، އައްސުލްތާނުލް އަލީ (6 ވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނަށެވެ.

(ބ) ނިށާާން އިސްކަންދަރުގެ އިއްޒަތުގެ ވެރިކަން

ނިށާާން އިސްކަންދަރުގެ އިއްޒަތުގެ ވެރިކަން (ނ.އ.އ.ވ) މި އިއްޒަތް ނިސްބަތް ކޮށްފައިވަނީ، އައްސުލްތާން އިބްރާހިމް އިސްކަންދަރު ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ.

(ޅ) ނިށާން އަސްކަރީގެ ވެރިކަން

ނިށާން އަސްކަރީގެ ވެރިކަން (ނ.އ.ވ) މިއީ ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީގޮތުން ސިފައިން ކުރާ ހިދުމަތަށާއި، ގައުމެއްގެއިސްތިގްލާލާއި ސިޔާދަތު ރައްކާތެރިކުރުމުގެ ގޮތުން ހާއްސަ މުހިންމު ހިދުމަތްތަކެއް ކޮށްފައިވާ މީހުންނަށާއި، ބައިނަލްއަގްވާމީ ފެންވަރެއްގައިއަސްކަރީގޮތުން ވިޔަސް، ހިދުމަތްކޮށްފައިވާ މީހުންނަށް ދެވޭ އިއްޒަތެކެވެ.އަދި ސިިފައިންގެ ހިދުމަތުގައި ތިމާގެ ހަށިގަނޑާއި ފުރާނައިން ގުރުބާންވެފައިވާށަހީދުންނަށާއި، އެމީހެއްގެ ޖިހާދުގައި ލާމަސީލު ނަމޫނާއެއް ދައްކައިދީފައިވާ ސިފައިންގެ މީހަކަށްވެސް މިއިއްޒަތް ދެވިދާނެއެވެ.

 

6 ވަނަ މާއްދާ - އެހެނިހެންް އިއްޒަތާއި މެޑެއްޔާއި ކުލަ

މިގާނޫނަގައި ބުނެފައިވާ ނިށާނުގެ އިއްޒަތުގެ އިތުރަށް ދިވެހި ދައުލަތުންމީހުންނަށް ދިނުމަށް އެހިހެން އިއްޒަތާއި، މެޑެއްޔާއި،ލަގަބާއި، ކުލަ ކަނޑައެޅުމާއި، އެ އިއްޒަތާއި، މެޑެއްޔާއި، ކުލަ ދިނުމުގެ އިހްތިޔާރުރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - އިއްޒަތާގުޅޭ އިމްތިޔާޒު ތަކާއި އިނާޔަތްތައް

ދިވެހި ދައުލަތުން މީހުނަށްްދޭ އިއްޒަތާއި، މެޑެއްޔާއި، ލަގަބާއި، ކުލައާގުޅޭއިމްތިޔާޒުތަކާއި އިނާޔަތްތައް ކަނޑައެޅުމާއި، އެ އިމްތިޔާޒުތަކާއި އިނާޔަތްތައް ދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - މަރުވެފައިވާ މީހަކަށް އިއްޒަތް ދިނުން

ދިވެހި ދައުލަތުން އިއްޒަތެއް، ނުވަތަ މެޑެއްޔެއް، ނުވަތަ ލަގަބެއް، ނުވަތަ ކުލައެއް ދޭން ފެންނަ މީހަކީ މަރުވެފައިވާ މީހެއްކަމުގައިވިޔަސް އެމީހަކަށް އެ އިއްޒަތެއް ނުވަތަ ނުވަތަ މެޑެއްޔެއް، ނުވަތަ ލަގަބެއް،ނުވަތަ ކުލައެއް ދެވިދާނެއެވެ.

 

9 ވަނަ މާއްދާ - ކިލެގެކަމުގެ އިއްޒަތް ބޭނުންކުރުން

ކިލެގެކަމުގެ އިއްޒަތް ދީފައިވާ މީހުންގެ ތެރެއިން އެ އިއްޒަތް ވަކިކޮށްފައިނުވާ މީހުންގެ ނަމާ ގުޅިގެން، ކިލެގެކަމުގެ އިއްޒަތް ބޭނުން ކުރެވިދާނެއެވެ.

 

10 ވަނަ މާއްދާ - ނަމުގެ ކުރިޔަށް "އަލްގާޒީ" ބޭނުންކުރުން

ނިށާން ގާޒީގެ އިއްޒަތް ލިބިފައިވާ މީސްމީހުންގެ ނަމުގެ ކުރިޔަށް "އަލްގާޒީ"  ބޭނުންކުރެވިދާނެއެވެ.

 

11 ވަނަ މާއްދާ - ނަމުގެ ފަހަތުގައި ރަމްޒު އަކުރުތައް ބޭނުންކުރުން

ނިށާނުގެ އިއްޒަތް ލިބިފައިވާ މީސްމީހުންގެ ނަމާގުޅިގެން، އެ މީސްމީހުންގެ ނަމުގެ ފަހަތަށް އެއިއްޒަތުގެ ރަމްޒު އަކުރު ބޭނުންކުރެވިދާނެއެވެ.

 

12 ވަނަ މާއްދާ - މަރުވުމަށްފަހު އިއްޒަތުގެ ނަން ބޭނުން ކުރުން

މިގާނޫނުގެ ދަށުން އިއްޒަތެއް ލިބިފައިވާ މީހަކު މަރުވުމަށްފަހުވެސް،  އެމީހެއްގެ ނަމާ ގުޅިގެން އެމީހަކަށް ލިބިފައިވާ އިއްޒަތުގެ ނަމާއި އަކުރު ބޭނުން ކުރެވިދާނެއެވެ.

 

13 ވަނަ މާއްދާ - އިއްޒަތް ނިގުޅައިގަތުން

މި ގާނޫނުގައި ބުނެފައިވާ އިއްޒަތެއް ލިބިފައިވާ މީހެއްގެ މައްޗަށް ށަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެއްޖެނަމަ، ނުވަތަ ދައުލަތާ އިދިކޮޅު އަމަލެއް ކުރުމުގެ، ނުވަތަ ދައުލަތާ އިދިކޮޅު އަމަލެއްގައި ބައިވެރިވުމުގެ ކުށެއް ސާބިތުވެއްޖެނަމަ، އެމީހެއްގެ ކިބައިން އެ އިއްޒަތެއް ވަކިކުރެވޭނެއެވެ.

 

14 ވަނަ މާއްދާ - މެޑެލި ހަލާކުކުރުމާއި، ނަހަމަ ގޮތެއްގައި ބޭނުންކުރުން

އެއްވެސް މީހަކަށް ދީފައިވާ މެޑެއްޔެއް ހަލާކުކޮށް، ނުވަތަ ނަހަމަގޮތެއްގައި ބޭނުންކޮށްގެން ނުވާނެއެވެ.

 

15 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 1970-03 (ދިވެހިރާއްޖޭގައި މީހުންނަށްދެވޭ އިއްޒަތުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 1979-21 (ކިލެގެކަމުގެ އިއްޒަތް ދެވިފައިވާ މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބިމީހުންގެ ކިބައިން ކިލެގެކަމުގެ އިއްޒަތް ވަކިކުރުމުގެ ގާނޫނު) އުވުނީއެވެ.

 

އުވުނު ގާނޫނު

  1. ކިލެގެކަމުގެ އިއްޒަތް ދެވިފައިވާ މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބިމީހުންގެ ކިބައިން ކިލެގެ ކަމުގެ އިއްޒަތް ވަކިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 1979-21)
  2. ދިވެހިރާއްޖޭގައި މީހުންނަށްދެވޭ އިއްޒަތުގެ ގާނޫނު (ގާނޫނު ނަންބަރު 1970-03)

 

ގުޅުހުންހުރި ގަވާއިދު/އުސޫލު

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމާ ގުޅޭ އުސޫލު (އުސޫލު ނަންބަރު 2024-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު