-

 ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1998-20)

(މި ގާނޫނުގެ 23 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 1978-30 އާއި ނަންބަރު 1979-29 އުވާލެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި، ވަކިކުރުމާއި، ޓޫރިސްޓް ރިޒޯޓް ހެދުން ފިޔަވައި އެހެން ކަންކަމަށް ކުއްޔަށް ދޫކުރުމާއި، ފަޅުރަށްރަށުގައި ރުއްގަސް އިންދުމާއި، ކެނޑުމާއި، ފަޅުރަށްރަށާގުޅޭ އެހެނިހެން ކަންތައްތަކާބެހޭ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ ”ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ  ގާނޫނު" އެވެ.

           

ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުން

2 ވަނަ މާއްދާ - ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި ވަކިކުރުން

ދިވެހިރާއްޖޭގެ ފަޅުރަށްރަށް އެކި ފަރާތް ފަރާތަށް ވަރުވާއަށް ލިޔެދީ، އެފަރާތްފަރާތުން ވަކިކުރާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުންނެވެ.

 

3 ވަނަ މާއްދާ - ފަޅުރަށްރަށް ދިރުވައި ބެލެހެއްޓުން 

ފަޅުރަށްރަށް ވަރުވާއަށް ލިޔުއްވައިގެން އުޅޭ ފަރާތް ފަރާތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ފަޅުރަށްރަށުގައި ރުއްގަސް އިންދައި، އެ ރަށްރަށް ދިރުވައި ބަލަހައްޓަންވާނެއެވެ.

 

4 ވަނަ މާއްދާ - ވަރުވާއަށް ލިޔުއްވާ ފަރާތް ޒިންމާވުން

ވަރުވާއަށް ލިޔެދީފައިވާ ރަށްރަށާބެހޭ ކަންކަމުގައި، އެރަށެއް މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުން ލިޔުއްވައިގެން އުޅޭ ފަރާތް ޒިންމާވާން ޖެހޭނެއެވެ.

 

5 ވަނަ މާއްދާ - ފަޅުރަށްރަށް ދެވަނަ ފަރާތަކަށް ލިޔެނުދިނުން

އެއްވެސް ފަރާތަކަށް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް، އެ ރަށެއް ލިޔުއްވައިގެން އުޅޭ ފަރާތުން އެހެން ފަރާތަކަށް ލިޔެއެއް ނުދެވޭނެއެވެ. ފަޅުރަށެއް ވަރުވާއަށް ލިޔުއްވައިގެން އުޅޭ ފަރާތުން، އެ ރަށެއް ބެލެހެއްޓުން އެހެން ފަރާތަކާ ހަވާލުކުރުމެއް މީގެތެރެއަކު ނުހިމެނެއެވެ.

 

6 ވަނަ މާއްދާ – ފަޅުރަށްރަށަށް އަރާ ފޭބުން

(ހ) ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށަކަށް، މޫސުން ނުބައިވެގެން، ނުވަތަ ކަނޑުމަތީގައި ދިމާވާ ހާދިސާއެއްގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށްޓަކައި، ނުވަތަ އެނޫންވެސް ކުއްލި ނުރައްކަލެއްގެ ހާލަތެއްގައި ފައިބާ ފޭބުމާއި، ދައުލަތުގެ ބޭނުމަކު ރަސްމީ ފަރާތަކުން އަރާ ފޭބުން ނޫން ގޮތެއްގައި އެހެން ފަރާތަކުން އަރާފައިބަންވާނީ، އެ ރަށެއް ލިޔުއްވައިގެން އުޅޭ ފަރާތެއްގެ ހުއްދަ ހޯދުމަށް ފަހުގައެވެ.

(ށ) އެއްވެސް ފަރާތަކަށް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށަކަށް އަރާ ފޭބުމަށް، އެއްވެސް މީހެއްގެ އަތުން އެއްޗެއް ނެގުމަކީ މަނާކަމެކެވެ.

 

7 ވަނަ މާއްދާ – ފަޅުރަށްރަށުން ލަކުޑި ކެނޑުން

ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށަކުން ލަކުޑި ކަނޑަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުން ދޭ ލަކުޑި ސިޓީއަކަށް، އަތޮޅުއޮފީހުން ފޮނުވާ މީހަކާއި، އެ ރަށެއް ލިޔުއްވައިގެން އުޅޭ ނުވަތަ ހަވާލުވެގެން ހުރިފަރާތެއްގެ، ނުވަތަ އެފަރާތުން ފޮނުވާ މީހެއްގެ ހާޒިރުގައެވެ.

 

8 ވަނަ މާއްދާ - ފަޅުރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުން    

(ހ) ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުގެ ގޮނޑުދޮށުންނާއި ފަޅުން ގާ ނެގުމަކީ، މަނާކަމެކެވެ. ސަރުކާރުގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކަމާބެހޭ މިނިސްޓްރީގެ ހުއްދައާއެކު، ފަޅުރަށްރަށުގެ ނެރު ގޮއްވުމަކަށް ނުވަތަ ފަޅު ކޮނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ށ) ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުންނާއި، ފަޅުރަށްރަށުގެ ގޮނޑުދޮށުންނާއި ފަޅުން ވެއްޔާއި އަކިރި ނަގަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެކަމުގެ ހުއްދަ ލިޔުމަކުން ހޯދުމަށް ފަހުގައެވެ.

 

9 ވަނަ މާއްދާ - ފަޅުރަށްރަށް ވަކިކުރާއިރު ބަދަލު ދެވޭ ހާލަތު

ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް ވަކިކުރާނަމަ، އެ ރަށެއް ވަރުވާއަށް ލިޔުއްވައިގެން އުޅޭ ފަރާތަކުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުނުވާހާ ހިނދަކު، ނުވަތަ އެ ރަށެއް ލިޔެދިނުމުގެ ށަރްތަކާ ހިލާފުނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތަކަށް ބަދަލު ދޭންވާނެއެވެ.

 

10 ވަނަ މާއްދާ - އަދަބު

ވަރުވާއަށް ލިޔެދޭ ފަޅުރަށްރަށާ ބެހޭގޮތުން މި ގާނޫނާ ހިލާފު އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 10،000 (ދިހަހާސް) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާ ކުރުން، ނުވަތަ ހަމަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

ފަޅުރަށްރަށް ކުއްޔަށްދިނުން

11 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓް ހެދުން ފިޔަވައި އެހެން ކަންކަމަށް ފަޅުރަށްރަށް ކުއްޔަށް ދިނުން

ޓޫރިސްޓް ރިޒޯޓްހެދުން ފިޔަވައި އެހެން ކަންކަމަށް ފަޅުރަށްރަށް ކުއްޔަށް ދޭންވާނީ، ތިރީގައި ބުނެފައިމިވާ ދެގޮތުންކުރެ ގޮތަކަށެވެ.

(ހ) ކަމާބެހޭ މިނިސްޓްރީން އާންމުކޮށް އިއްލާނު ކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެމަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް، ނުވަތަ ފަރާތަކަށް ދިނުން.

(ށ) ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފްސީލު ރިޕޯޓަކާއެކު، އެ ރަށަކަށް އެދި ކަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އެރަށެއް ދިނުން.

 

12 ވަނަ މާއްދާ - އާންމުކޮށް އިއްލާނު ނުކޮށް ފަޅުރަށްރަށް ކުއްޔަށް ދިނުމުގެ ށަރްތުތައް

މި ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަށެއް ކުއްޔަށް  ދޭންވާނީ، ތިރީގައި ބުނެފައިމިވާ ށަރްތުތައް  ފުރިހަމަވާ ނަމައެވެ.

(ހ) ރަށުގައި ކުރަން ހުށަހަޅާ ކަމަކީ، ރާއްޖެއަށް ފައިދާކުރާނެ ކަމެއްކަމަށްވުން، ނުވަތަ އެކަމަކީ ދިވެހި ރައްޔިތުންނަށް ފައިދާކުރާނެ ކަމެއްކަމަށްވުން.

(ށ) ރަށަށް އެދޭ ފަރާތަކީ، އެ ރަށެއްގައި ކުރަން ހުށަހަޅާ ކަމެއް ކުރުމުގެ ގާބިލިއްޔަތު ލިބިފައިވާ ފަރާތެއްކަމަށްވުން.

(ނ) ރަށަށް އެދޭ ފަރާތަކީ، އެރަށެއްގައި ކުރަން ހުށަހަޅާ ކަމެއް ކުރުމަށް ބޭނުންވާ ފައިސާ ލިބޭނޭ ފަރާތެއްކަމަށްވުން.

(ރ) ރަށުގައި ކުރަން ހުށަހަޅާ ކަމަކީ، އިގްތިސާދީ ގޮތުންނާއި އެނޫން ގޮތްގޮތުން ކުރެވިދާނެ ކަމެއްކަމަށްވުން.

 

13 ވަނަ މާއްދާ – ފަޅުރަށްރަށް ކުއްޔަށްދެވޭ މުއްދަތު

މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދޭ ރަށްރަށް ކުއްޔަށް ދެވޭނީ، ކުއްޔަށް ހިފާ ފަރާތާ ރަށް ހަވާލުކުރާ ތާރީހުން ފެށިގެން، ގިނަވެގެން މީލާދީ 21 އަހަރު ދުވަހަށެވެ. ނަމަވެސް ފަށާއިރު ކުރާ އިންވެސްޓްމަންޓް 10 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ބޮޑުކަމުގައިވާނަމަ، އެ އިންވެސްޓްމަންޓުގެ ކުޑަ ބޮޑުމިނަށް ބަލައި، ގިނަވެގެން 35 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމުގެ އިހްތިޔާރު، ސަރުކާރަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ -  ފަޅުރަށްރަށް ކުއްޔަށް ދިނުމުގެ އެގްރީމަންޓް

މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން  ފަޅުރަށްރަށް ކުއްޔަށް ދޭންވާނީ، ކަމާބެހޭ މިނިސްޓްރީއާ ރަށް ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކުރެވޭ އެގްރީމަންޓެއްގެ ދަށުންނެވެ. މި އެގްރީމަންޓުގައި، ތިރީގައިމިވާ ކަންތައްތައް ހިމަނަންވާނެއެވެ. 

(ހ) ކުއްޔަށްދެވޭ މުއްދަތު

(ށ) ކުލީގެ އަދަދާއި، ކުލި ދައްކާނެ ގޮތް 

(ނ) ރަށުގައި ހިންގާނެ މަސައްކަތާއި، އެ މަސައްކަތް ހިންގާނެގޮތް 

(ރ) ކުއްޔަށް ހިފާ ފަރާތުން އެގްރީމަންޓާ ހިލާފު ވެއްޖެނަމަ، އަމަލުކުރާނެ ގޮތް 

(ބ) އެގްރީމަންޓް ބާތިލުކުރެވޭ ގޮތް 

(ޅ) އެގްރީމަންޓުގެ މުއްދަތު ހަމަވެގެން، ނުވަތަ އެގްރީމަންޓުގެ މުއްދަތު ހަމަވުމުގެ ކުރިން އެގްރީމަންޓް ބާތިލުވުމުން، އެ ރަށުގައި ހުންނަ އިމާރާތްތަކާއި ތަކެއްޗާމެދު އަމަލުކުރެވޭނެ ގޮތް

 

15 ވަނަ މާއްދާ –ކުއްޔަށްދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދެއަހަރު ދުވަހުގެ ނޯޓިސްނުދީ ރަށް ވަކިނުކުރުން   

މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދީފައިވާ ރަށެއް، އެ  ރަށެއް ކުއްޔަށްދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ރާއްޖޭގެ ދިފާއަށް ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ،  މަދުވެގެން ދެ އަހަރު ދުވަހުގެ ނޯޓިސް ނުދީ، އެ ރަށެއް ކުއްޔަށް ހިފާފައިވާ ފަރާތުން ވަކިކޮށްގެނެއް ނުވާނެއެވެ.

 

16 ވަނަ މާއްދާ - ރަށެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކާލުން  

(ހ) މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދީފައިވާ ރަށެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް، ކުއްޔަށް ހިފާފައިވާ ފަރާތުން އެހެން ފަރާތަކަށް ވިއްކާލެވޭނީ، އެ ރަށެއްގައި ކުރަން ހުށަހަޅާފައިވާ އިންވެސްޓްމަންޓް، ކަމާބެހޭ މިނިސްޓްރީއަށް ގަބޫލުކުރެވޭ ފެންވަރަކަށް ގެންދިޔުމަށްފަހު، އެރަށެއް ކުއްޔަށް ދިން މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދުމަށް ފަހުގައެވެ.

(ށ) ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވިއްކާލައިފިނަމަ، އެރަށެއް ކުއްޔަށް ހިފާފައިވާ ފަރާތާއި ކަމާބެހޭ މިނިސްޓްރީއާ ދެމެދު ކުރެވިފައިވާ އެގްރީމަންޓް، އިންވެސްޓްމަންޓު ގަންނަ ފަރާތަށް، އެގްރީމަންޓުން ބާކީއޮތް މުއްދަތަށް ބަދަލުކޮށް ދެވޭނެއެވެ.

 

17 ވަނަ މާއްދާ - ދެވަނަ ފަރާތަކަށް ކުއްޔަށް ދިނުން

މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދީފައިވާ ރަށެއް އެރަށެއް ކުއްޔަށް ހިފާފައިވާ ފަރާތުން އެހެން ފަރާތަކަށް ކުއްޔަށް ދެވޭނީ، އެރަށެއްގައި ކުރަން ހުށަހަޅާފައިވާ ކަމެއް، ކަމާބެހޭ މިނިސްޓްރީއަށް ގަބޫލުކުރެވޭ ފެންވަރަކަށް ކުރަން ފެށުމަށްފަހު، އެރަށެއް ކުއްޔަށް ދިން މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައެވެ.

 

18 ވަނަ މާއްދާ - މިހާރު އެކިއެކި މަސައްކަތް ހިންގާ ރަށްރަށް

ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުގެ ތެރެއިން، މި ގާނޫނަށް އަމަލުކުރަން ފަށާއިރު، އެރަށެއް ލިޔުއްވައިގެން އުޅޭ ފަރާތަކުން، ކަމާބެހޭ މިނިސްޓްރީގެ ހުއްދަ ލިބިގެން އެކިއެކި މަސައްކަތް ހިންގާ ރަށްރަށް، މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދީފައިވާ ރަށްރަށް ކަމުގައި ހަމަޖެއްސުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއްއަހަރު ދުވަހުގެ ތެރޭގައި އެރަށެއް ވަރުވާއަށް ލިޔުއްވައިގެން އުޅޭ ފަރާތުން ކަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައި، މި ގާނޫނުގެ 14 ވަނަ މާއްދާގައި ބުނެފައިވާ އެގްރީމަންޓް ކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - އިސްތިސްނާ

ދައުލަތުގެ ބޭނުންތަކަށް ކަނޑައެޅިފައިވާ ރަށްރަށާއި، ސީދާ ސަރުކާރުން އެކިއެކި މަށްރޫއު ހިންގާ ރަށްރަށާއި، ސަރުކާރުގެ %100 ހިއްސާވާ ކުންފުނިތަކުން އެކިއެކި މަސައްކަތް ހިންގާ ރަށްރަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ސަރުކާރާ ބައިވެރިވެގެން އެކިއެކި މަސައްކަތް ހިންގާ ރަށްރަށް، މި ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވާ އުސޫލުން އިސްތިސްނާ ކުރެވޭނެއެވެ.

 

20 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކުއްޔަށް ދީފައިވާ ރަށްރަށް  

މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރާ އެގްރީމަންޓް ކޮށްގެން، ވަކި މުއްދަތަކަށް ކުއްޔަށް ދީފައިވާ ފަޅުރަށްރަށް ކުއްޔަށް ދީފައިވާ މުއްދަތަކަށް، މި ގާނޫނުގެ ސަބަބުން ބަދަލެއް ނާންނާނެއެވެ. އެ ރަށްރަށް ކުއްޔަށް ދީފައިވާ މުއްދަތު ބަލާނީ، އެގްރީމަންޓުގައިވާ ކުއްޔަށް ދީފައިވާ މުއްދަތު ފެށޭ ތާރީހުންނެވެ.

 

21 ވަނަ މާއްދާ - ފަޅުރަށްރަށުން ބިން ނުވަތަ ރަށުގެ ބައިބައި ކުއްޔަށް ދިނުން

ސަރުކާރުން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން، ފަޅުރަށްރަށުން ބިން، ނުވަތަ ރަށުގެ ބައިބައި، ކުއްޔަށް  ދޫކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

އާންމު ބައި

22 ވަނަ މާއްދާ - ގަވާއިދު ހެދުން

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކުން ނުވަތަ ފަރާތްތަކަކުންނެވެ.

 

23 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 1979-29 (ދިވެހިރާއްޖޭގެ ރަށްރަށުގައި ރުއްގަސް އިންދުމާއި، ރުއްގަސް ކެނޑުމާއި، ފަޅުރަށްރަށާއި، ގޮއިފާލައްބަ ފަދަ ތަންތަނުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 1978-30 (ސަރުކާރުގެ ފަޅުރަށްރަށާއި ގޮއިފާލައްބަ ހިންނަފަދަ ބިންބިމާއި އަދި ސަރުކާރުގެ ލަކުޑިއާއި ބެހޭގޮތުން މަނާ ކަންތަކުގެ ގާނޫނު) އުވުނީއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު - (ގަވާއިދު ނަންބަރު 2024-08)
  2. ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-142)
  3. މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނު ންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-138)
  4. އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-104)
  5. ފަޅުރަށްރަށާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-95)
  6. ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-125)

 

އުވުނު ގާނޫނު

  1. ދިވެހިރާއްޖޭގެ ރަށްރަށުގައި، ރުއްގަސް އިންދުމާއި، ރުއްގަސް ކެނޑުމާއި ފަޅުރަށްރަށާއި، ގޮއިފާލައްބަ ފަދަ ތަންތަނުގެ ގާނޫނު (ގާނޫނު ނަންބަރު 1979-29)
  2. ސަރުކާރުގެ ފަޅުރަށްރަށާއި ގޮއިފާލައްބަ ހިންނަ ފަދަ ބިންބިމާއި އަދި ސަރުކާރުގެ ލަކުޑިއާއި ބެހޭ ގޮތުން މަނާކަންތަކުގެ ގާނޫނު (ގާނޫނު ނަންބަރު 1978-30)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު