-

މީހުންއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1998-21)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ މީހުންއުޅޭ ރަށްރަށުގެ ތެރެއިން މާލެ ނޫން އެހެން ރަށްރަށުގައި ރުއްގަސް އިންދުމާއި، ކެނޑުމާއި، އެރަށްރަށުގައި ހުންނަ ރުއްގަހުގެ މިލްކުވެރިކަމާބެހޭ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ " މީހުންއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ރުއްގަސް އިނދުން

2. މީހުންއުޅޭ ރަށްރަށުގައި ދިރިއުޅުމަށް ދޫކުރާ ގޯތިގޯއްޗާއި ވަގުފު ބިންތަކާއި އެކިއެކި ބޭނުމަށް އެކިފަރާތްފަރާތާ  ހަވާލުކޮއްފައިވާ ބިންތައް ނޫން އެހެން ތަންތާނގައި ރުއްގަސް އިންދަންވާނީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭށަނުން ހަމަޖައްސާ ގޮތެއްގެމަތިން، ރަށުއޮފީހުން ހުއްދަ ހޯދުމަށްފަހު، އެ އޮފީހުން ކަނޑައަޅައި ދައްކާ ތަނެއްގައެވެ.

 

3 ވަނަ މާއްދާ - ރައްޔިތުންގެ ރުއްގަސް  

(ހ) މިގާނޫނަށް އަމަލުކުރަން ފަށާއިރު، މީހުންއުޅޭ ރަށްރަށުގައި ބަންޑާރަ ރުއްގަހުގެ ގޮތުގައި ހުންނަ ރުއްގަހަކީ، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ރައްޔިތުންގެ ރުއްގަހެކެވެ.

(ށ) މިގާނޫނަށް އަމަލުކުރަން ފަށާއިރު، މީހުންއުޅޭ ރަށްރަށުގައި އެރަށެއްގެ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި ހުންނަ ރުއްގަހާއި، މި ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ ގޮތެއްގެމަތިން އެ އަތޮޅެއްގެ އަތޮޅުއޮފީހުން ހަމަޖައްސާ ތަންތާނގައި، އެރަށެއްގެ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި އިންދައި ހައްދާ ރުއްގަހާއި، އެރަށެއްގައި ހުންނަ މީސްމީހުންގެ އަމިއްލަ ރުއްގަސް ފިޔަވައި އެރަށެއްގައި ހެދޭ އެންމެހައި ރުއްގަހަކީ، އެރަށެއްގެ ރައްޔިތުންގެ ރުއްގަހެވެ.

 

4 ވަނަ މާއްދާ - އަމިއްލަ ރުއްގަސް     

ދިރިއުޅުޅަށް ލިބިފައިވާ ގޯތީގައި އިންދާ ރުއްގަހާއި، އެކިއެކި ބޭނުމަށް އެކިފަރާތްފަރާތާ ހަވާލުކޮށްފައިވާ ބިންބިމުގައި އިންދާ ރުއްގަހާއި، ދިރިއުޅުމަށްދޫކުރާ ގޯތި ލިބޭއިރު، ގާނޫނީ ނުވަތަ ށަރްއީގޮތުން މިލްކުވާ ރުއްގަހާއި، ދިރިއުޅުމަށް ލިބިފައިވާ ގޯތިން ބޭރުގައި ނުވަތަ އެފަރާތަކާ ހަވާލުކޮށްފައިވާ ބިމުން ބޭރުގައި، މި ގާނޫނުގެ 2 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އަމިއްލައަށް އިންދައި ހައްދާ ރުއްގަހަކީ، ގޯއްޗެއް، ނުވަތަ ވަކިފަރާތަކާ ހަވާލުކޮއްފައިވާ ބިމެއްގައި ނަމަ، އެ ގޯއްޗެއް ރަޖިސްޓަރީ ކޮށްދެވިފައިވާ މީހެއްގެ ނުވަތަ އެބިމެއް ހަވާލުކުރެވިފައިވާ ފަރާތެއްގެ ރުއްގަހެވެ. އެނޫން ތަނެއްގައިނަމަ، އެރުއްގަސް އިންދިމީހެއްގެ ރުއްގަހެވެ.

 

5 ވަނަ މާއްދާ - އަމިއްލަ ރުއްގަސް ރަޖިސްޓަރީ ކުރުން     

(ހ) މި ގާނޫނުގެ 2 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، މީސްމީހުން އިންދައި ހައްދާ އަމިއްލަ ރުއްގަސް، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ ގޮތެއްގެ މަތިން، އެރަށެއްގެ ރަށުއޮފީހުގައި ރަޖިސްޓަރީ ކުރަންވާނެއެވެ. ދަނޑުބިމުގައި ހައްދާ ތަރުކާރީ، މޭވާ ނުވަތަ ގޮވާންލިބޭ ބާވަތްތައް، އެތަކެތި އިންދާ ދަނޑުބިން ރަޖިސްޓަރީ ކުރުމުން، މިމާއްދާގެ ދަށުން ރަޖިސްޓަރީކުރީކަމަށް ބެލެވޭނެއެވެ.

(ށ) މީހުންއުޅޭ ރަށްރަށުގައި ދިރިއުޅުމަށްޓަކައި ދޫކުރާ ގޯތިގޯއްޗާއި، އެކިއެކި ބޭނުމަށް އެކިފަރާތްފަރާތާ ހަވާލުކޮށްފައިވާ ބިންތައްނޫން އެހެން ތަންތާނގައި މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އިންދާފައިވާ ރުއްގަހުގެ ތެރެއިން، ކާކުގެ ރުއްގަހެއްކަން ގަވާއިދުން އެރަށެއްގެ ރަށުއޮފީހުގައި ރަޖިސްޓަރީ ކޮށްފައިނުވާ ރުއްގަހުގެ މައްސަލަ ރަށުއޮފީހަށް ހުށަހަޅައި، މިގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ތިންއަހަރު ދުވަހުގެ ތެރޭގައި އެރުއްގަސް ރަޖިސްޓަރީކޮށް ނިންމަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން ރުއްގަސް ރަޖިސްޓަރީ ކުރުމުގައި ކާކުގެ ރުއްގަހެއް ކަމާމެދު ހިލާފު އުފެދޭ ރުއްގަހުގެ މައްސަލަ ނިންމާނީ، ށަރީއަތަށް ހުށަހަޅައި ށަރީއަތުން ނިމޭ ގޮތެއްގެ މަތިންނެވެ.

(ރ) މީހުންއުޅޭ ރަށްރަށުގައި ދިރިއުޅުމަށް ދޫކުރާ ގޯތި ގޯއްޗާއި، އެކިއެކި ބޭނުމަށް އެކިފަރާތްފަރާތާ ހަވާލުކޮށްފައިވާ ބިންތައްނޫން އެހެން ތަންތާނގައި، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އިންދާފައިވާ ރުއްގަހުގެ ތެރެއިން، މި މާއްދާގައިވާ ގޮތުގެ މަތިން ކާކުގެ ރުށްގަހެއްކަން ގަވާއިދުން އެރަށެއްގެ ރަށުއޮފީހުގައި ރަޖިސްޓަރީ ކޮށްފައިވާ ރުއްގަހާއި، މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ށަރީއަތަށް ހުށަހެޅި، ށަރީއަތުން ގޮތެއް ނުނިމި ހުންނަ ރުއްގަސް ނޫން އެހެން ރުއްގަސް، މިގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިންއަހަރު ދުވަސް ހަމަވުމަށްފަހު، ށަރީއަތުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު ވާނީ، ރައްޔިތުންގެ ރުއްގަހަކަށެވެ.

 

6 ވަނަ މާއްދާ - ރައްޔިތުންގެ ރުއްގަސް ކުއްޔަށްދީ ވަކިކުރުމާއި، ރައްޔިތުންގެ ރުއްގަސް ބެލެހެއްޓުން ހަވާލުކުރުން 

މީހުންއުޅޭ ރަށްރަށުގައި ހުންނަ ރައްޔިތުންގެ ރުއްގަސް ކުއްޔައްދީ، އެ ރުއްގަސް ކުއްޔަށް ދެވިފައިވާ ފަރާތްފަރާތުން ވަކިކޮށް، ރައްޔިތުންގެ ރުއްގަސް ބެލެހެއްޓުން އެކި ފަރާތްފަރާތާ ހަވާލުކޮށް،  އެފަރާތްފަރާތުން އެކަން ވަކިކުރާނީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭށަނުން ހަދާ ގަވާއިދެއްގައިވާ ގޮތުގެ މަތިން، އެމިނިސްޓްރީން ނުވަތަ އެމިނިސްޓްރީން ކަނޑައަޅާ ފަރާތްތަކުންނެވެ.

 

7 ވަނަ މާއްދާ - ރައްޔިތުންގެ ރުއްގަސް ދިރުވައި ބެލެހެއްޓުން        

މީހުން އުޅޭ ރަށްރަށުގައި ހުންނަ ރައްޔިތުންގެ ރުއްގަސް ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކުން މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭށަނުން ހަދާ ގަވާއިދެއްގައިވާ ގޮތުގެ މަތިން، އެ ރުއްގަސް ދިރުވައި، ބަލަހަށްޓަން ވާނެއެވެ.

 

8 ވަނަ މާއްދާ - ރައްޔިތުންގެ ރުއްގަސް ކެނޑުން

މިގާނޫނުގެ 3 ވަނަ މާއްދާގައި ބުނެފައިވާ ރައްޔިތުންގެ ގަހެއް ނުވަތަ ރައްޔިތުންގެ ރުކެއް ކަނޑަންވާނީ، މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުގެ ލަފަޔާއެކު، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.

 

9 ވަނަ މާއްދާ - ދަރަށް ކޮށުން

މީހުންއުޅޭ ރަށްރަށުގައި ހުންނަ ރައްޔިތުންގެ ރުއްގަހުގެ ތެރެއިން ދަރަށް ކޮށޭނީ، މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުން ދަރަށް ކޮށުން މަނާކޮށްފައިވާ ބާވަތްތައް ނޫން އެހެން ގަސްގަހެވެ. އަދި އެފަދަ ގަސްގަސް ދަރަށް ކޮށަންވާނީ، މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުގެ މަށްވަރާއާއިއެކު، އެރަށެއްގެ ރަށުއޮފީހުގެ ހުއްދަ ހޯދުމަށް ފަހުގައެވެ.

 

10 ވަނަ މާއްދާ - ހިމާޔަތް ކުރެވިފައިވާ ގަސްގަސް ކަނޑައެޅުމުގެ އިހްތިޔާރް

މީހުންއުޅޭ ރަށްރަށުގައި ހެދިފައިވާ އަދި ހެދޭ ރުއްގަހުގެ ތެރެއިން، 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ރުއްގަހާއި، ގަހުގެ ނުވަތަ ރުކުގެ ބާވަތުން ރާއްޖެއިން މަދުވިޔަނުދީ ބަލަހައްޓަން ޖެހޭނެކަމަށް ފެންނަ ރުއްގަސް ކަނޑައަޅައި، އެފަދަ ރުއްގަހަކީ ހިމާޔަތް ކުރެވިފައިވާ ރުއްގަސް ކަމުގައި ހަމަޖައްސައި، އެފަދަ ރުއްގަހާމެދު އަމަލުކުރާނެ ގަވާއިދު ހެދުމުގެ އިހްތިޔާރު، މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ރުއްގަހާ ބެހޭގޮތުން ކުރުން މަނާ ކަންތައްތައް

މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ރުއްގަހާ ބެހޭގޮތުން ތިރީގައި ބުނެފައިމިވާ ކަންތައްތައް ކުރުމަކީ މަނާކަމެކެވެ.

(ހ) ސަރުކާރުންއެކަމަށް އިސްކޮށް، ހުއްދަ ދީފައިވާ މީސްމީހުން ނޫން އެހެން އެއްވެސް މީހަކު، ރުއްގަހުގައި ސަރުކާރުން ޖަހާފައި ހުންނަ ނަންބަރު ނުވަތަ ފާހަގަ ނުވަތަ ތައް ކެނޑުން، ނުވަތަ ކޮށުން، ނުވަތަ އުނިކުރުން، ނުވަތަ އިތުރުކުރުން.

(ށ) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިގޯތިން ބޭރުގައި ހުންނަ ރުއް ކެނޑުމުގައި، ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ސަރުކާރުން އެހެން ގޮތަކަށް ކަނޑަނާޅާހާއި ހިނދަކު، ބުޑާއެކު ނަގާގޮތައް ނޫންގޮތަކަށް ރުއް ކެނޑުން.

(ނ) ރައްޔިތުންގެ ރުއްގަސް ކެނޑުމުގައި ވަކަރުލާތޯ، ނުވަތަ އާރުލާތޯ ބެލުމަށް ފުރޯ ޖެހުން ނުވަތަ ވަކަރަށް ޖެހުން.

(ރ) މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުން ދަރަށްކޮށުން މަނާކޮށްފައިވާ ގަސްގަސް ނުވަތަ ލަކުޑި، ދަރަށް ކޮށުން.

(ބ) ހިމާޔަތްކުރެވިފައިވާ ރުއްގަހުގެ ގޮތުގައި މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުން ކަނޑައަޅާފައިވާ ރުއްގަސް ކެނޑުމާއި، އެނޫންގޮތަކުންނަމަވެސް އެފަދަ ރުއްގަހަށް ގެލުންވާނެ ކަމެއްކުރުން.

 

12 ވަނަ މާއްދާ - އަދަބު

(ހ) މިގާނޫނު 11 ވަނަ މާއްދާގައި، މަނާކަމެއްކަމަށް ބުނެފައިވާ ކަމެއް އެއްވެސް މީހަކު ކޮށްފިނަމަ، އެމީހެއްގެ އަދަބަކީ 5،000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން، ނުވަތަ ހަމަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.

(ށ) މިމާއްދާގެ (ހ) ގައި އަދަބު ކަނޑައެޅިފައިވާ ކުށްކުށް ފިޔަވައި، މިގާނޫނާ ހިލާފު އަމަލެއްކޮށްފި މީހެއްގެ އަދަބަކީ 1،000 (އެއްހަސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

 

13 ވަނަ މާއްދާ - ގަވާއިދު ހެދުން

މިގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކުގެ ތެރެއިން، ވަކި ފަރާތަކުން ހަދަންޖެހޭކަމަށް މި ގާނޫނުގައި ކަނޑައެޅިގެން ބުނެފައިނުވާ ގަވާއިދުތައް ހަދައި ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކުން ނުވަތަ ފަރާތްތަކަކުންނެވެ.

 

14 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މިގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 1970-07ޖ. (ފުރަބަންޑާރަ ލަކުޑީގެ ގާނޫނު 1970) އާއި، ގާނޫނު ނަންބަރު 1992-05 (ދިވެހިރާއްޖޭގައި މީހުންއުޅޭ ރަށްރަށުގައި ރުއްގަސް އިންދުމުގެ ގާނޫނު) އުވުނީއެވެ.

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު