-

ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2000-02)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2021-04 ގެ 5 ވަނަ މާޢްދާއިން އުވާލެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކީ، ރިށްވަތު ދިނުމާއި ރިށްވަތު ހިފުން ހުއްޓުވުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމާއި ހޯދައިދިނުން ހުއްޓުވުމާއި، މިކަންކަން މަނާކުރުމުގެ ގާނޫނެވެ.

 (ށ) މި ގާނޫނަށް ކިޔާނީ، " ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ސަރުކާރުންކުރާ ކަމަކާ ގުޅިގެން ރިށްވަތުދިނުމާއި ހިފުމުގެ ކުށް

(ހ) ސަރުކާރުން ނުވަތަ ސަރުކާރުގެ ފަރާތަކުން ކުރާ ނުވަތަ ކުރަން ގަސްތުކުރާ ކަމަކާ ނުވަތަ މުއާމަލާތަކާ ގުޅޭގޮތުން، ވަކިފަރާތަކަށް ލުޔެއް، ނުވަތަ ފަސޭހައެއް، ނުވަތަ ހެވެއް، ނުވަތަ އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިދިނުމަށްޓަކައި، ނުވަތަ ވަކިފަރާތަކަށް ބުރައެއް ޖެއްސުމަށް، ނުވަތަ އުނދަގުލެއް ކުރުމަށް، ނުވަތަ އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުމަށްޓަކައި، ނުވަތަ މިއިން ކަމެއް ކުރުމަށް ށައުގުވެރި ކުރުމަށްޓަކައި، ނުވަތަ މިއިންކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން، ނުވަތަ މިނޫންގޮތަކުންވިޔަސް، ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު އަމިއްލައަށް، ނުވަތަ އެހެންމީހަކު މެދުވެރިކޮށް، ނުވަތަ އެހެންމީހެއްގެ ފަރާތުންވިޔަސް، ރިށްވަތު ހިފުމާއި، ރިށްވަތު ލިބިގަތުމަށް އެދުމާއި، ލިބިގަތުމަށް އެއްބަސްވުމާއި އެފަދަ މުވައްޒަފަކަށް، ރިށްވަތު ދިނުމާއި، ދިނުމަށް ހުށަހެޅުމާއި، ދިނުމަށް އެއްބަސްވުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 7 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

3 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިށްވަތު ދިނުމާއި މެންބަރުން ރިށްވަތު ހިފުމުގެ ކުށް

(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރުކަމަށް އިންތިހާބު ވެފައިވާ ނުވަތަ އައްޔަން ވެފައިވާ މީހަކު، މެންބަރުކަމުގެ ހައިސިއްޔަތުން ކަމެއް ކުރުމަށްޓަކައި ނުވަތަ ނުކޮށް ދޫކޮށްލުމަށްޓަކައި، އެމީހަކު އަމިއްލައަށް، ނުވަތަ އެހެންމީހަކު މެދުވެރިކޮށް، ނުވަތަ އެހެންމީހެއްގެ ފަރާތުން ވިޔަސް، ރިށްވަތު ހިފުމާއި، ރިށްވަތު ލިބިގަތުމަށް އެދުމާއި، ލިބިގަތުމަށް އެއްބަސްވުމާއި، މެންބަރުކަމުގެ ހައިސިއްޔަތުން ކަމެއް ކުރުވުމަށް، ނުވަތަ ނުކުރުވުމަށް، ނުވަތަ މިއިންކަމަކަށް ށައުގުވެރި ކުރުމަށް، ނުވަތަ މިއިންކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން، ނުވަތަ މިނޫންގޮތަކުންވިޔަސް ރިށްވަތު ދިނުމާއި، ރިށްވަތު ދިނުމަށް ހުށަހެޅުމާއި، ދިނުމަށް އެއްބަސްވުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 7 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

4 ވަނަ މާއްދާ - ށަރްއީ ދާއިރާގައި ރިށްވަތު ދިނުމާއި ހިފުމުގެ ކުށް

(ހ) ށަރްއީ ކޯޓެއްގެ ފަނޑިޔާރަކު ނުވަތަ ގާސީއަކު ނުވަތަ މެޖިސްޓްރޭޓަކު، ނުވަތަ ނިޔާކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނޫންވެސް މީހަކު، އެމީހެއްގެ މަގާމުގެ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމަށްޓަކައި، ނުވަތަ ނުކޮށް ދޫކޮށްލުމަށްޓަކައި، ނުވަތަ ވަކިފަރާތަކަށް ލުޔެއް، ނުވަތަ ފަސޭހައެއް، ނުވަތަ ހެވެއް، ނުވަތަ އެއްވެސްބާވަތެއްގެ މަންފާއެއް ލިބިދިނުމަށްޓަކައި، ނުވަތަ ވަކިފަރާތަކަށް ބުރައެއް ޖެއްސުމަށް، ނުވަތަ އުނދަގުލެއް ކުރުމަށް، ނުވަތަ އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުމަށްޓަކައި، އެމީހަކު އަމިއްލައަށް، ނުވަތަ އެހެންމީހަކު މެދުވެރިކޮށް، ނުވަތަ އެހެންމީހެއްގެ ފަރާތުންވިޔަސް، ރިށްވަތު ހިފުމާއި، ރިށްވަތު ލިބިގަތުމަށ އެދުމާއި، ލިބިގަތުމަށް އެއްބަސްވުމާއި، އެފަދަ މީހެއްގެ މަގާމުގެ ހައިސިއްޔަތުން ކަމެއް ކުރުވުމަށް، ނުވަތަ ނުކުރުވުމަށް، ނުވަތަ މިއިންކަމަކަށް ށައުގުވެރިކުރުމަށް، ނުވަތަ މިއިންކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން، ނުވަތަ މިނޫންގޮތަކުންވިޔަސް ރިށްވަތު ދިނުމާއި، ރިށްވަތު ދިނުމަށް ހުށަހެޅުމާއި، ދިނުމަށް އެއްބަސްވުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

5 ވަނަ މާއްދާ - އަމިއްލަ ފަރާތަކުން ކުރާކަމަކާ ގުޅިގެން ރިށްވަތު ދިނުމާއި ހިފުމުގެ ކުށް

(ހ) އަމިއްލަ ފަރާތަކުން ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތަކުން ކުރާ، ނުވަތަ ކުރަން ގަސްތުކުރާ ކަމަކާ ނުވަތަ މުއާމަލާތަކާ ގުޅޭގޮތުން، ވަކިފަރާތަކަށް ލުޔެއް، ނުވަތަ ފަސޭހައެއް، ނުވަތަ ހެވެއް، ނުވަތަ އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިދިނުމަށްޓަކައި، ނުވަތަ އެއްވެސްފަރާތަކަށް ބުރައެއް ޖެއްސުމަށް، ނުވަތަ އުނދަގުލެއް ކުރުމަށް، ނުވަތަ އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުމަށްޓަކައި، ނުވަތަ މިއިންކަމެއް ކުރުމަށް ށައުގުވެރި ކުރުމުގެ ގޮތުން، ނުވަތަ މިއިންކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން، ނުވަތަ މިނޫންގޮތަކުންވިޔަސް، އެމީހަކު އަމިއްލައަށް ނުވަތަ އެހެންމީހަކު މެދުވެރިކޮށް، ނުވަތަ އެހެން މީހެއްގެ ފަރާތުންވިޔަސް، ރިށްވަތުހިފުމާއި، ރިށްވަތު ލިބިގަތުމަށް އެދުމާއި ލިބިގަތުމަށް އެއްބަސްވުމާއި، ރިށްވަތު ދިނުމާއި، ދިނުމަށް ހުށަހެޅުމާއި، ދިނުމަށް އެއްބަސްވުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

6 ވަނަ މާއްދާ - ރިށްވަތުގެމަގްސަދު ހާސިލުކޮށްދެވޭފަދަ ބާރެއްނެތް މީހަކަށް ރިށްވަތު ދިނުމުގެ ކުށް

ރިށްވަތުހިފި، ނުވަތަ ރިށްވަތު ލިބިގަތުމަށް އެދުނު، ނުވަތަ ލިބިގަތުމަށް އެއްބަސްވި މީހާއަކީ، އެ ރިށްވަތުގެ މަގްސަދު ހާސިލު ކޮށްދެވޭފަދަ ބާރެއް ނުވަތަ އިހްތިޔާރެއް ލިބިފައިވާ ނުވަތަ ލިބިދާނެ މީހަކު ކަމުގައި ނުވިޔަސް، ރިށްވަތު ހުށަހެޅުނީ، މި ގާނޫނުގެ 2 ވަނަ މާއްދާއާއި، 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި،5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމަށް ށައުގުވެރި ކުރުމުގެ ގޮތުން، ނުވަތަ އެފަދަ އަމަލެއް ކުރުމުން ދޭ އިނާމެއްގެ ގޮތުންކަމަށް ވާނަމަ، މިގޮތުން ރިށްވަތު ހިފުމާއި، ރިށްވަތު ލިބިގަތުމަށް އެދުމާއި، ލިބިގަތުމަށް އެއްބަސްވުމާއި، ރިށްވަތު ދިނުމާއި، ދިނުމަށް އެއްބަސްވުމާއި، ދިނުމަށް ހުށަހެޅުމަކީވެސް، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއް ކޮށްފިމީހެއްގެ އަދަބަކީ، ގިނަވެގެން 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

7 ވަނަ މާއްދާ - މީހަކު ނުވަތަ ބަޔަކު މެދުވެރިކޮށް ރިށްވަތުގެ ކުށެއް ކުރުން ނުވަތަ ކުރަން އުޅުން

(ހ) މި ގާނޫނުގެ 2 ވަނަ މާއްދައާއި، 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރިށްވަތު ހިފީ، ނުވަތަ ދިނީ، ނުވަތަ ރިށްވަތު ދޭން ނުވަތަ ހިފަން އެއްބަސްވީ، ނުވަތަ ރިށްވަތު ދޭން ނުވަތަ ހިފަން އުޅުނީ، މީހަކު ނުވަތަ ބަޔަކު މެދުވެރިކޮށްގެން ކަމުގައިވާނަމަ، ރިށްވަތު ދިނުމުގައި، ނުވަތަ ރިށްވަތު ހިފުމުގައި، މެދުވެރިވި ފަރާތަށް އެކަމީ، ރިށްވަތެއްކަން އެނގިފައިވާނަމަ، ނުވަތަ އެކަމަކީ ރިށްވަތެއް ކަމުގައި ގަބޫލުކުރެވޭފަދަ ސަބަބުހުރި ކަމެއްނަމަ، އެ ރިށްވަތެއް ދިނުމުގައި، ނުވަތަ ހިފުމުގައި، ނުވަތަ މިއިންކަމެއް ކުރަންއުޅުމުގައި މެދުވެރިވި ފަރާތް ކުށްވެރިވާނެއެވެ.   

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

8 ވަނަ މާއްދާ - ނުފޫޒު ހިންގުމަށް ރިށްވަތު ދިނުމުގެކުށް

(ހ) މި ގާނޫނުގެ 2 ވަނަ މާއްދާއާއި، 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހަކުލައްވައި ވަކިފަރާތަކަށް ލުޔެއް، ނުވަތަ ފަސޭހައެއް، ނުވަތަ ހެވެއް، ނުވަތަ އެއްވެސް ބާވަތެއްގެ މަންފާއެއް ކުރުވުމަށްޓަކައި، ނުވަތަ ވަކިފަރާތަކަށް ބުރައެއް ޖެއްސުވުމަށް، ނުވަތަ އުނދަގުލެއް ކުރުވުމަށް، ނުވަތަ އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުމަށްޓަކައި އެއްވެސް މީހަކު އަމިއްލައަށް، ނުވަތަ އެހެންމީހެއްގެ ފަރާތުންވިޔަސް ރިށްވަތު ހިފުމާއި، ރިށްވަތު ލިބިގަތުމަށް އެދުމާއި، ލިބިގަތުމަށް އެއްބަސްވުމާއި، މިއިން ކަމަކަށް ށައުގުވެރި ކުރުމުގެ ގޮތުން، ނުވަތަ މިއިން ކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން، ނުވަތަ މިނޫން ގޮތަކުންވިޔަސް، ރިށްވަތު ދިނުމާއި، ދިނުމަށް ހުށަހެޅުމާއި، ދިނުމަށް އެއްބަސްވުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

9 ވަނަ މާއްދާ - ރިށްވަތު ދީފިކަން ނުވަތަ ދޭންއުޅެފިކަން އެންގުން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސްމީހަކު ރިށްވަތު ހިފައިފިކަން، ނުވަތަ ހިފަން އުޅެފިކަން، ނުވަތަ އެފަދަ އެއްވެސް މީހަކަށް ރިށްވަތު ދީފިކަން ނުވަތަ ދޭން އުޅެފިކަން އެނގިއްޖެނަމަ، ނުވަތަ ރިށްވަތު ހިފައިފިކަމަށް، ނުވަތަ ހިފަން އުޅޭކަމަށް، ނުވަތަ ދީފިކަމަށް، ނުވަތަ ދޭން އުޅޭކަމަށް ގަބޫލު ކުރެވޭފަދަ ގޮތްތަކެއް ދިމާވެއްޖެ ހާލަތެއްގައި ކަމާބެހޭ ތަފްސީލާއި، އެ އަމަލެއް ހިންގި ނުވަތަ ހިންގަން އުޅުނު މީހާގެ ނުވަތަ މީހުންގެ މައްލޫމާތާއެކު، މާލޭގައިނަމަ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް، ރާއްޖެތެރޭގައިނަމަ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ނުވަތަ އަތޮޅުއޮފީހަށް ނުވަތަ ރަށުއޮފީހަށް ލަސްނުކޮށް އަންގަންވާނެއެވެ. މިގޮތުން ގަބޫލުކުރެވޭފަދަ އުޒުރެއްނެތި، އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތަކަށް ނާންގައިހުރުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 2 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ. 

 

10 ވަނަ މާއްދާ – ރިށްވަތުގެ މަގްސަދު ހާސިލު ނުވުން

މިގާނޫނުގެ 2 ވަނަ މާއްދާއާއި، 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާގައި ބުނެފައިވާ ރިށްވަތު ހިފި ނުވަތަ ލިބިގަތުމަށް އެއްބަސްވި މީހާ ގެކިބައިން، ރިށްވަތުގެ މަގްސަދު ހާސިލު ނުވިނަމަވެސް ބެލޭނީ، އެމާއްދާ ތަކުގައިވާ ފަދައިން ރިށްވަތުގެ ކުށް ފުރިހަމަވެއްޖެ ކަމަށެވެ.

 

11 ވަނަ މާއްދާރިށްވަތު ނޫންކަން ސާބިތުކުރުން

މި ގާނޫނުގައި ބުނެފައިވާ ރިށްވަތުގެ ކުށެއްގެ ތުހުމަތުގައި ކުރެވޭ ށަރީއަތެއްގައި އެމީހަކު ރިށްވަތު ހިފިކަން ސާބިތުވެފައި، އެމީހަކަށް ލިބޭކަމަށް އެނގިފައިވާ އާމްދަނީއާ އެކަށީގެންވާ ވަރަށްވުރެ ގިނަ މުދަލާއި ފައިސާ އެމީހެއްގެ މިލްކުގައި ހުރެއްޖެނަމަ، އެމީހަކު، އެއީ ރިށްވަތުގެ ގޮތުން ލިބިފައިވާ މުދަލެއް ނުވަތަ ފައިސާއެއް ނޫންކަން ސާބިތުކޮށްނުދޭހާ ހިނދަކު ބެލޭނީ، އެމުދަލާއި ފައިސާއަކީ، ރިށްވަތުގެ ގޮތުން އެމީހަކު ހޯދާފައިވާ މުދަލާއި ފައިސާ ކަމުގައެވެ.

 

12 ވަނަ މާއްދާ - ސަރުކާރުގެ މުވައްޒަފުން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށް

(ހ) ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު، އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ އެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ހޯދައިދިނުމަކީ، ކުށެކެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

13 ވަނަ މާއްދާ - ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލު ކުރުމުގެ ކުށް

(ހ) ސަރުކާރުގެ އެއްވެސް މުވައްޒަފަކު، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް އެއްވެސް ކަމެއްގެ ފައިދާއެއް ލިބެންއޮތް އެއްވެސް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭގޮތަކަށް، ނުވަތަ ލިބެންއޮތް ފައިދާއަށް އެއްވެސް އުނިކަމެއް ލިބޭގޮތަކަށް، ނުވަތަ އެކަމެއްގެ ފައިދާ ނުވަތަ ފައިދާއިން ބައެއް، އެ މުވައްޒަފަކަށް ނުވަތަ އެ މުވައްޒަފެއްގެ އަންބަކަށް ނުވަތަ ފިރިއަކަށް ލިބޭގޮތަށް ކުރުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

14 ވަނަ މާއްދާ - އަމިއްލަ ފައިދާ ލިބޭ ގޮތަށް ސަރުކާރުގެ ތަކެތި ބޭނުންކުރުމާއި ސަރުކާރަށް ތަކެތި ހޯދުމާއި ސަރުކާރުގެ މަސައްކަތް ހަވާލުކުރުމުގެ ކުށް

ސަރުކާރުގެ އެއްވެސްއެއްޗެއް އެއްވެސް މީހެއްގެ އަމިއްލަ ފައިދާއަކަށްޓަކައި، ނުވަތަ އާމްދަނީއެއް ހޯދުމަށްޓަކައި، ސަރުކާރުގެ ގަވާއިދާ ހިލާފަށް ބޭނުންކުރުމަކީ، ކުށެކެވެ. އަދި ސަރުކާރުގެ މުވައްޒަފެއްގެ ރަސްމީގަޑީގައި، އެ މުވައްޒަފަކު ލައްވައި ސަރުކާރުގެ އެހެން އެއްވެސް މުވައްޒަފަކު އަމިއްލަ ފައިދާއަކަށްޓަކައި، ނުވަތަ އާމްދަނީއެއް ހޯދުމަށްޓަކައި، ސަރުކާރުގެ ގަވާއިދާ ހިލާފަށް އަމިއްލަ މަސައްކަތެއް ނުވަތަ ކަމެއް ކުރުވުމަކީ، ކުށެކެވެ.

(ށ) ސަރުކާރުގެ އެއްވެސް މުވައްޒަފަކު، އެމީހަކު ވަޒީފާ އަދާކުރާ އޮފީހަކަށް ނުވަތަ އެމީހެއްގެ ބެލުމުގެ ދަށުން ހިނގަމުންދާ ތަނަކަށް އެމީހެއްގެ އަމިއްލަ އެއްޗެއް، ނުވަތަ އެމީހަކު ބައިވެރިވާ ފަރާތެއްގެ އެއްޗެއް، ނުވަތަ އެމީހަކު ބައިވެރިވާ ވިޔަފާރިއަކުން ނުވަތަ އެމީހަކަށް މަންފާއެއް ލިބޭގޮތަށް ހިންގާ ތަނަކުން އެއްވެސްއެއްޗެއް، ސަރުކާރުގެ ގަވާއިދާ ހިލާފަށް ގަތުމާއި، ކުއްޔަށް ހިފުމާއި، ލިބިގަތުމާއި، ހޯދުމަކީ، ކުށެކެވެ.

(ނ) ސަރުކާރުގެ އެއްވެސް މުވައްޒަފަކު، އެމީހެއްގެ އަމިއްލަ ތަނަކުން، ނުވަތަ އެމީހަކު ބައިވެރިވާ ތަނަކުން، ނުވަތަ އެމީހަކަށް މަންފާ ލިބޭގޮތަށް ހިންގާ ތަނަކުން، އެމީހަކު ވަޒީފާ އަދާކުރާ އޮފީހަކަށް ނުވަތަ އެމީހެއްގެ ބެލުމުގެ ދަށުން ހިނގަމުންދާ ތަނަކަށް ބޭނުންވާ އެއްވެސް މަސައްކަތެއް، ސަރުކާރުގެ ގަވާއިދާ ހިލާފަށް ކުރުވުމަކީ، ކުށެކެވެ.

(ރ) މިމާއްދާގެ (ހ) އާއި، (ށ) އާއި، (ނ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 3 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ. އަދި މިކުށް ކުރުމުގެ ސަބަބުން ކުށްކުރި މީހާ ހޯދި މަންފާއާއި ސަރުކާރަށް ލިބުނު ގެއްލުމެއްގެ ބަދަލު، އެމީހާގެ ކިބައިން އަތުލެވޭނެއެވެ.

 

15 ވަނަ މާއްދާ - އުއްތަމަފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންނާއި ސަރުކާރު މުވައްޒަފުން ވިޔަފާރިކުރުން

(ހ) އުއްތަމަ ފަނޑިޔާރު، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނުވަތަ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު، ނުވަތަ ދައުލަތުގެ ވަޒީރަކު، ނުވަތަ އެފެންވެރުގެ އެހެން މީހަކު، ނުވަތަ އޮޑިޓަރު ޖެނެރަލް، ނުވަތަ ކޮމިށަނަރ އޮފް އިލެކްށަންސް، ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރަކު، ނުވަތަ އަތޮޅުވެރިޔަކު، ނުވަތަ އެއިން މީހެއްގެ އަންބަކު، ނުވަތަ ފިރިއަކު، އަދި ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މީހުންނާއި، އެއިންމީހެއްގެ އަންބަކު ފިރިއަކު، އެއްވެސް ބިދޭސީއަކާ ބައިވެރިވެގެން އެއްވެސް ބާވަތެއްގެ އަމިއްލަ ވިޔަފާރިއެއް ކުރުމަކީ، ނުވަތަ ހިންގުމަކީ، ކުށެކެވެ.

(ށ) ސަރުކާރުން ކަމަކަށް އެދިގެން އެޅޭ ބިދޭސީއަކާ، ނުވަތަ ސަރުކާރާ ގުޅިގެން ނުވަތަ ބައިވެރިވެގެން އެކި ކަންކަންކުރާ ނުވަތަ ކުރަންއުޅޭ ބިދޭސީއަކާ ބައިވެރިވެގެން، ނުވަތަ ގުޅިގެން، އެއިން ފަރާތަކާ ނުވަތަ ކަމަކާބެހޭ ސަރުކާރުގެ މުވައްޒަފަކު، ނުވަތަ އެފަދަ މުވައްޒަފެއްގެ އަންބަކު، ނުވަތަ ފިރިއަކު، އެއްވެސްބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ، ނުވަތަ ހިންގުމަކީ، ކުށެކެވެ.

(ނ) މިމާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ، ނުވަތަ މި މާއްދާގައި ބުނެފައިވާ ގޮތާ ހިލާފަށް އަމަލުކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

16 ވަނަ މާއްދާ - ސަރުކާރުން ކަމަކަށް އެދޭ ފަރާތަކުންދޭ ހަދިޔާ

(ހ) ސަރުކާރުން ކަމަކަށް އެދިގެން އުޅޭ މީހެއްގެ ކިބައިން، ނުވަތަ ސަރުކާރާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއްކުރާ ނުވަތަ ކުރަންއުޅޭ މީހެއްގެ ކިބައިން، އެކަމާބެހޭ ސަރުކާރުގެ މުވައްޒަފަކު، ނުވަތަ މުވައްޒަފެއްގެ އަންބަކު، ނުވަތަ ފިރިއަކު، އެއްވެސްބާވަތެއްގެ އަމިއްލަކަމެއް ކޮށްދިނުމަށް އެދުމަކީ، ނުވަތަ އެފަދަ މީހަކު ލައްވާ އަމިއްލަކަމެއް ކުރުވުމަކީ، ކުށެކެވެ.

(ށ) ސަރުކާރުން ކަމަކަށް އެދިގެންއުޅޭ މީހެއްގެ ކިބައިން، ނުވަތަ ސަރުކާރާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއްކުރާ ނުވަތަ ކުރަންއުޅޭ މީހެއްގެ ކިބައިން، އެކަމާބެހޭ ސަރުކާރުގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފެއްގެ އަންބަކަށް، ނުވަތަ ފިރިއަކަށް، ހަދިޔާއެއްގެ ގޮތުގައި އެއްވެސްއެއްޗެއް ލިބިއްޖެނަމަ، ލަސްނުކޮށް އެއެއްޗެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކަށް ރައްދުކުރަން ވާނެއެވެ.

(ނ) ސަރުކާރުން ކަމަކަށް އެދިގެން އުޅޭ މީހަކު ނުވަތަ އެފަދަ މީހެއްގެ ކިބައިން، ނުވަތަ ސަރުކާރާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއްކުރާ ނުވަތަ ކުރަންއުޅޭ މީހަކު ނުވަތަ އެފަދަ މީހެއްގެ ކިބައިން، އެކަމާބެހޭ ސަރުކާރުގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފެއްގެ އަންބަކަށް، ނުވަތަ ފިރިއަކަށް، ހަދިޔާއެއްގެ ގޮތުގައި އެއްވެސްއެއްޗެއް ދިނުމަށް ހުށަހަޅައިފިނަމަ، ލަސްނުކޮށް އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކަށް އަންގަން ވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 1 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ. އަދި މިމާއްދާގެ (ށ) އާއި (ނ) ގައި ބުނެފައިވާ ގޮތާ ހިލާފަށް އަމަލުކޮށްފި މީހަކަށްވެސް، މި އަދަބު ދެވޭނެއެވެ.

 

17 ވަނަ މާއްދާ - ލިޔެކިޔުމާއި ހެކި ފޮރުވުމާއި މައްލޫމާތު ސިއްރުކުރުމުގެ ކުށް

(ހ) މިގާނޫނުގައި ކުށެއްކަމަށް ބުނެފައިވާ ކަމެއްގެ، ނުވަތަ މި ގާނޫނުގައި މަނާކޮށްފައިވާ ކަމެއްގެ ތަހްގީގަށް ނުވަތަ ށަރީއަތަށް ބޭނުންވާ މައްލޫމާތު ދިނުމަށް އެދުމުން، އެ މައްލޫމާތު އެނގިހުރެ ސިއްރުކުރުމާއި، މިގާނޫނުގައި މަނާކޮށްފައިވާ ކަމެއްގެ ތަހްގީގަށް ނުވަތަ ށަރީއަތަށް ބޭނުންވެދާނެ މައްލޫމާތު ހިމެނޭ ލިޔެކިޔުމާއި އެހެނިހެން ހެކި ފޮރުވުމާއި، ނައްތާލުމަކީ، ކުށެކެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 2 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

18 ވަނަ މާއްދާ - މައްލޫމާތުދޭ ފަރާތް ހިމާޔަތްކުރުން

(ހ) މި ގާނޫނުގައި ބުނެފައިވާ ކުށެއް ކޮށްފިކަމަށް ތުހުމަތު ކުރެވިގެން އެކަމުގެ މައްލޫމާތުދޭ މީހަކު، އެމީހަކީ ކާކުކަން ސިއްރުކުރުމަށް އެދިއްޖެނަމަ، ތަހްގީގު ހިންގުމަށް ކޮންމެހެން އެނގެންޖެހޭ ފަރާތްތަކާއި އެމައްސަލައެއްގައި ދައްވާކުރާ ނުވަތަ ށަރީއަތްކުރާ ފަރާތް ފިޔަވައި، އެހެން އެއްވެސްފަރާތަކަށް އެމީހަކީ ކާކުކަން އެނގޭފަދަ އެއްވެސް މައްލޫމާތެއް، އެ މައްލޫމާތު ލިބޭ އެއްވެސްފަރާތަކުން ހާމަކޮށްގެން ނުވާނެއެވެ. އަދި މިފަދަ މީހެއްގެ މައްލޫމާތު އެނގޭ މީހެއްގެފުށުން، އެ މައްލޫމާތު އެހެންމީހަކަށް އެނގިއްޖެނަމަ، އެމީހެއްގެ ފުށުން އެ މައްލޫމާތު އެހެންމީހަކަށް އެނގިޖެނަމަ، އެމީހެއްގެ ފުށުން އެ މައްލޫމާތެއް ހާމަވީ މީހަކު ކުށްވެރި ވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ މައްލޫމާތު ދީފައިވާނީ، އެމައްލޫމާތަކީ ދޮގު މައްލޫމާތެއްކަން އެނގިހުރެ، ނުވަތަ އެ މައްލޫމާތަކީ ހަގީގަތާ ހިލާފު މައްލޫމާތެއްކަން، އެ މައްލޫމާތު ދޭ މީހާއަށް ގަބޫލުކުރެވޭފަދަ ގޮތްތަކެއް މެދުވެރިވެފައި ވަނިކޮށްކަމަށް ވާނަމަ، އެ މައްލޫމާތު ދޭ މީހާއަކީ ކާކުކަން، މިމާއްދާގެ (ހ) ގެ ދަށުން ސިއްރުކުރާކަށް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުށްވެރިވާ މީހެއްގެ އަދަބަކީ، ގިނަވެގެން 1 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

19 ވަނަ މާއްދާ - މައްލޫމާތުދޭ ފަރާތް ކުށް ކުރުމުގައި ބައިވެރިވުން

މި ގާނޫނުގައި ބުނެފައިވާ ކުށެއް ކޮށްފިކަމަށް، ނުވަތަ މި ގާނޫނުން މަނާކޮށްފައިވާ ކަމެއް ކޮށްފި މީހަކާބެހޭ މައްލޫމާތު ދޭ ފަރާތަކީ، މިގާނޫނުގައި މަނާކޮށްފައިވާ ކަމެއްކުރި، ނުވަތަ ކުރުމުގައި ބައިވެރިވި މީހަކުކަމުގައި ވާނަމަ، އެކަމެއް ތަހްގީގު ކުރުމަކަށް އަދި އެމީހެއްގެ މައްޗަށް ދައްވާކުރުމަކަށް، މިގާނޫނުގެ 18 ވަނަ މާއްދާ ހުރަހެއް ނާޅައެވެ.

 

20 ވަނަ މާއްދާ - ދޮގު މައްލޫމާތު ދިނުމުގެ ކުށް

(ހ) މިގާނޫނުގައި ބުނެފައިވާ ކުށެއް ކޮށްފިކަމަށް ނުވަތަ މިގާނޫނުގައި މަނާކޮށްފައިވާކަމެއް  ކޮށްފިކަމަށް ބުނެ، ސަރުކާރުގެ ކަމާބެހޭ ފަރާތައް ނުވަތަ މިއިން ކަމެއްގެ ތަހްގީގަށް، އެއީ ދޮގު މައްލޫމާތެއްކަން އެނގިހުރެ، ހަގީގަތާ ހިލާފު މައްލޫމާތު ދިނުމާއި، ހަގީގަތް އޮޅޭފަދަ މައްލޫމާތު ދިނުމަކީ، ކުށެކެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 1 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

21 ވަނަ މާއްދާ - ތަހްގީގަށް ހާޒިރުނުވުން

(ހ) މިގާނޫނުގެ ދަށުން ކުށެއް ކޮށްފިކަމަށް، ނުވަތަ މި ގާނޫނުގައި މަނާކޮށްފައިވާ ކަމެއް ކޮށްފިކަމަށް ތުހުމަތުކުރެވޭ މީހަކު ތަހްގީގަށް ހާޒިރުވުމަށް އެންގުމުން، ނުވަތަ އެފަދަ މައްސަލައެއްގެ ހެކިބަހަކަށް ބޭނުންވެގެން ތަހްގީގަށް ހާޒިރުވުމަށް އެއްވެސް މީހަކަށް އެންގުމުން، ތަހްގީގަށް ހާޒިރު ނުވުމަކީ، ކުށެކެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 1 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

22 ވަނަ މާއްދާ - ވާޖިބަށް ހުރަސްއެޅުން

(ހ) މިގާނޫނު ހިންގުމުގައި، ގާނޫނީގޮތުން ބާރު ލިބިފައިވާ އެއްވެސް ފަރާތަކުން އަދާކުރަންޖެހޭ ވާޖިބަކަށް ހުރަސް އެޅުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

23 ވަނަ މާއްދާ - ކުށެއްކުރަން އުޅުން

މިގާނޫނުގައި ބުނެފައިވާ ކުށެއްކުރަން އުޅުނު މީހަކު، އެ ކުށެއް ކުރިމީހަކާ އެއްފަދައިން ކުށްވެރި ވާނެއެވެ. އަދި އެމީހެއްގެ މައްޗަށް ކަނޑައަޅާނީ، އެ ކުށް ކުރިމީހެއްގެ މައްޗަށް ކަނޑައެޅުމަށް މިގާނޫނުގައި ބުނެފައިވާ އަދަބެވެ.

 

24 ވަނަ މާއްދާ - ކުށްކޮށްގެން ހޯދާ ފައިސާއާއި މުދަލާއި ތަކެތި

(ހ) މި ގާނޫނުގައި ބުނެފައިވާ ކުށެއް ސާބިތުވެއްޖެ މީހަކަށް، އެމީހަކު ކުރި ކުށުގެ ސަބަބުން، އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާނަމަ، އެގޮތުން ލިބުނު މުދަލާއި، ފައިސާއާއި، އެފައިސާއިން ހޯދާފައިވާ މުދަލާއި ތަކެތި، ކޮންމެ މީހެއްގެ އަތުގައި ނުވަތަ ކޮންމެތަނެއްގައި ހުރިނަމަވެސް، ނުވަތަ އެހެންމީހަކަށް ވިއްކައި ނުވަތަ ދީފައިވިޔަސް، އެ އެއްޗެއް އަތުލެވޭނެއެވެ.

(ށ) މިގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކާމެދު މީހެއްގެ މައްޗަށް ތުހުމަތު ކުރެވިއްޖެނަމަ، ނުވަތަ ދައްވާ އުފުލިއްޖެނަމަ، އެކުށެއް ކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މުދަލާއި، ފައިސާއާއި ތަކެތި، އެ މައްސަލައެއް ށަރީއަތުން ވަކިގޮތަކަށް ނިމެންދެން ހިފެހެއްޓުމަށް، ނުވަތަ އެމީހެއްގެ ބެލުމުގެ ދަށުން އެ އެއްޗެއް ދިޔަނުދިނުމަށް، ނުވަތަ އެ އެއްޗަކުން އެއްވެސް ތަސައްރުފެއް ނުކުރުމަށް، ނުވަތަ ވަކިފަރާތެއްގެ ހަވާލުގައި އެ އެއްޗެއް ބެހެއްޓުމަށް އަންގައި، އަމުރުކުރުމުގެ ބާރު، ގާސީއަށް ލިބިގެންވެއެވެ.

(ނ) މިގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކާމެދު، މީހެއްގެ މައްޗަށް ތުހުމަތު ކުރެވިއްޖެނަމަ، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކޯޓުގެ އަމުރެއް ލިބެންދެން، އެ ކުށެއް ކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާއާއި މުދަލާއި ތަކެތި ހިފެހެއްޓުމާއި، ހިފަހަށްޓަން އެންގުމުގެ ބާރު، އެ މައްސަލައެއް ތަހްގީގުކުރާ ސަރުކާރުގެ ކަމާބެހޭ ފަރާތަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - ބޭންކް އެކައުންޓް ބެލުން

މިގާނޫނުގައި ބުނެފައިވާ ކުށެއް، މީހަކު ނުވަތަ ބަޔަކު ކޮށްފިކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެމީހެއްގެ ނުވަތަ އެބައެއްގެ ބޭންކު އެކައުންޓުތަކާއި، ބޭންކް މެދުވެރިވެގެން ފޮނުވާފައިވާ ފައިސާއާއި، ލިބިފައިވާ ފައިސާއާއި، ބޭންކް މެދުވެރިވެގެންކުރާ އެހެނިހެން މުއާމާލާތްތައް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ މެދުވެރިކޮށް ބެލުމާއި، އޭގެ ތަފްސީލް ހޯދުމާއި، ތަހްގީގަށް ބެނުންވާ ނުވަތަ ށަރީއަތަށް ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ ހޯދުމުގެ ބާރު، ސަރުކާރުން އެ މައްސައެއް ތަހްގީގުކުރާ ފާރަތަށް ލިބިގެންވެއެވެ.

 

26 ވަނަ މާއްދާ - ބޭންކް އެކައުންޓް ހިފެހެއްޓުން

މީހެއްގެ ނުވަތަ ބައެއްގެ ބޭންކް އެކައުންޓުގައި ހުރި ފައިސާއަކީ، މި ގާނޫނުގައި ބުނެފައިވާ ކުށެއް ކޮށްގެން ލިބިފައިވާ ފައިސާއެއްކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެ މައްސަލައެއްގެ ތަހްގީގު ނުވަތަ ށަރީއަތް ނިމެންދެން، އެ އެކައުންޓުން މުއާމަލާތުކުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ މެދުވެރިކޮށް މަނާކުރުމާއި، އެ ފައިސާ ހިފެހެއްޓުމުގެ ބާރު، ސަރުކާރުން އެ މައްސަލައެއް ތަހްގީގުކުރާ ފަރާތަށާއި، އެ މައްސަލައެއްގެ ށަރީއަތްކުރާ ކޯޓަށް ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ - މި ގާނޫނު ހިންގުމާއި ގަވާއިދު ހެދުން

މި ގާނޫނުގައިވާ ކަންތައް ހިންގައި، ބަލަހަށްޓައި މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކުން ނުވަތަ ފަރާތްތަކަކުންނެވެ.

 

28 ވަނަ މާއްދާ - މާނަ

މިގާނޫނުގައި، އެ އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާނަމަ:

(ހ) "ރިށްވަތު" ކަމަށް ބުނެފައިވަނީ، ކަމެއްކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް ނުވަތަ ވަކިފަރާތަކަށް ލުޔެއް، ފަސޭހައެއް، ހެވެއް، ނުވަތަ އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިދިނުމަށްޓަކައި، ނުވަތަ ނުވަތަ އެއްވެސްފަރާތަކަށް ބުރައެއް ޖެއްސުމަށް، އުނދަގުލެއް ކުރުމަށް، ނުވަތަ އެއްވެސްބާވަތެއްގެ ގެއްލުމެއް ދިނުމަށްޓަކައި، ނުވަތަ މިއިންކަމަކަށް ށައުގުވެރި ކުރުމަށްޓަކައި، ނުވަތަ މިއިން ކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން، ނުވަތަ މިނޫންގޮތަކުންވިޔަސް، މީހަކަށް، އެމީހަކު ކުރާމަސައްކަތުގެ މުގާބިލުގައި، ވަޒީފާދޭ ނުވަތަ މަސައްކަތް ހަވާލުކުރާ ފަރާތުން ކަނޑައަޅާ މުސާރައާއި، އުޖޫރައާއި، އެހެނިހެން އިނާޔަތްތަކާއި، ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް ލިބިދޭ އެކިއެކި ފަސޭހަތަކާއި މަންފާތައް ފިޔަވައި، ދޭ ނުވަތަ ލިބިގަންނަ ފައިސާއަށާއި، މުދަލަށާއި، ތަކެއްޗަށާއި، ފަސޭކަތަކަށާއި، މިނޫންވެސް މަންފާތަކަށެވެ.

(ށ) "ނާޖާއިޒު ފައިދާ" ކަމަށް ބުނެފައިވަނީ، އެމީހަކު އަދާކުރާ ވަޒީފާއެއްގެ ނުވަތަ ކުރާ މަސައްކަތެއްގެ މުގާބިލުގައި، ވަޒީފާދޭ ނުވަތަ މަސައްކަތް ހަވާލުކުރާ ފަރާތުން ކަނޑައަޅާ މުސާރައާއި، އުޖޫރައާއި، އެހެނިހެން އިނާޔަތްތަކާއި، ވަޒީފާދޭ ފަރާތުން އެ މުވައްޒަފަކަށް ލިބިދޭ އެކިއެކި ފަސޭހަތަކާއި މަންފާތަކުގެ އިތުރުން، އެމީހަކު މަގާމުގެ ނުފޫޒުބޭނުން ކޮށްގެން ނުހައްގުން ހޯދާ، ނުވަތަ ހޯދައިދޭ، ނުވަތަ ގަބޫލުކުރާ ރިށްވަތު ކަމުގައި ނުހިމެނޭ ކޮންމެ މަންފާއަކަށެވެ.

(ނ) "ނިޔާކަނޑައެޅުން" ކަމަށް ބުނެފައިވަނީ، ށަރިއަތާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ށަރީއަތުގެ މަޖިލީހުން ކަނޑައަޅާ ހުކުމަކަށެވެ.

(ރ) "ވިޔަފާރި" ކަމަށް ބުނެފައިވަނީ މާލީފައިދާ ނުވަތަ އާމްދަނީ ހޯދުމަށް ކުރާ ކޮންމެ މަސައްކަތަކަށް ނުވަތަ ކަމަކަށެވެ. މީގެތެރޭގައި، މީހެއްގެ އަމިއްލަ މުދަލަކުން، ވިޔަފާރި ހިންގުންކަމަށް ނުވާގޮތަށް މުއާމަލާތު ކުރުމެއް ނުހިމެނެއެވެ.

 

29 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލު ކުރަން ފެށުމުން، ގާނޫނު ނަންބަރު 1968-04ޖ. (އާންމު ގާނޫނުތަކެއް) ގެ (2) ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 1978-10 (ދައުލަތާގުޅޭ ކަމަކަށް ނުވަތަ ދައުލަތުން ކަމަކަށް އެދޭ މީހުންނާއި، ދައުލަތާ ގުޅިގެން ކަންތައްކުރާ މީހުންނާއި، ދައުލަތާ ބައިވެރިވެގެން ކަންތައްކުރާ މީހުންގެ ކިބައިން، ކަންތަކަށް އެދުމާއި އެފަދަ ފަރާތްތަކުން ލިބޭތަކެއްޗާއިބެހޭ ގާނޫނު) އާއި، ގާނޫނު ނަންބަރު 1978-12 (ދައުލަތާގުޅޭ ކަމަކަށް ނުވަތަ ދައުލަތުން ކަމަކަށްއެދޭ ބިދޭސީންނާއި، ދައުލަތާ ގުޅިގެން ކަންތައްކުރާ ބިދޭސީންނާއި، ދައުލަތާ ބައިވެރިވެގެން ކަންތައްކުރާ ބިދޭސީންނާއި ބައިވެރިވެގެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ހިންގުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 1978-97 (ސަރުކާރުގެ މުވައްޒަފުން މަގާމުގެ ބޭނުން ކޮށްގެން ކުރާ ކުށުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 1978-98 (ސަރުކާރުގެ ވެރިން، ގާނޫނާއި ހިލާފުވުމާއި ރައްޔިތުންނަށް ނުވަތަ ސަރުކާރަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި، އެނޫންގޮތަކަށް އަމަލުކުރުމާބެހޭ ގާނޫނު) އުވުނީއެވެ.

  

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2000-02)

 

އުވި ގާނޫނު

ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2014-09) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2021-04)

 

އުވުނު ގާނޫނު

  1. ސަރުކާރުގެ ވެރިން ގާނޫނާއި ހިލާފުވުމާއި، ރައްޔިތުންނަށް ނުވަތަ ސަރުކާރަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމާއި ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-98)
  2. ސަރުކާރުގެ މުވައްޒަފުން މަގާމުގެ ބޭނުންކޮށްގެން ކުރާ ކުށުގެ ގާނޫނު (ގާނޫނު ނަންބަރު 1978-97)
  3. ދައުލަތާއި ގުޅޭކަމަކަށް ނުވަތަ ދައުލަތުން ކަމަކަށްއެދޭ ބިދޭސިންނާއި، ދައުލަތާއި ގުޅިގެން ކަންތައްކުރާ ބިދޭސިންނާއި، ދައުލަތާއި ބައިވެރިވެގެން ކަންތައްކުރާ ބިދޭސިންނާއި ބައިވެރިވެގެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 1978-12)
  4. ދައުލަތާއި ގުޅޭ ކަމަކަށް ނުވަތަ ދައުލަތުން ކަމަކަށް އެދޭ މީހުންނާއި، ދައުލަތާއި ގުޅިގެން ކަންތައްކުރާ މީހުންނާއި ދައުލަތާއި ބައިވެރިވެގެން ކަންތައްކުރާ މީހުންގެ ކިބައިން، ކަންތައް އެދުމާއިބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-10)
  5. ގާނޫނު ނަންބަރު 4/1968ޖ. (އާންމު ގާނޫނުތަކެއް) ގެ (2) ވަނަ މާއްދާ

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު