-

ބިިމާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2002-01)

(މި ގާނޫނުގެ 19، 31-36 ވަނަ މާއްދާވަނީ ގާނޫނު ނަންބަރު ގާނޫނު ނަންބަރު 2021-33 ގެ 124 ވަނަ މާއްދާއިން އުވާލެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ބިން އެކިކަންކަމަށާއި ބޭނުންތަކަށް އެކަށައެޅުމާއި، ދޫކުރުމާއި، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި، ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯތި ގެންގުޅުމާއި، ބޭނުންކުރުމާއި، ވިއްކުމާއި، ދިނުމާއި، ކުއްޔަށް ދިނުމާއި، އަދި މިކަންކަމާ ގުޅޭ އެހެނިހެން ކަންތައްތަކާ ބެހޭ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔަނީ، "ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު"އެވެ.

 

2 ވަނަ މާއްދާ - ބިމާ ބެހޭ މުއާމަލާތް ކުރުން

ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުއާމަލާތު ކުރަންވާނީ، މިގާނޫނު އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

3 ވަނަ މާއްދާ - ސިޔާސަތު ކަނޑައަޅާ ފަރާތާއި ބިން އެކަށައަޅައި ފަރާތް

(ހ) ދިވެހިރާއްޖޭގެ ބިމާބެހޭ ސިޔާސަތު ކަނޑައަޅާނީ، ވަޒީރުންގެ މަޖުލީހުގެ މަށްވަރާއާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ، ބިމާބެހޭ ސިޔާސަތު އެއްގޮތްވާ ގޮތުގެމަތިން، އެކި ބޭނުންތަކަށާއި، އެކިކަންކަމަށް ބިން އެކަށައަޅައި، މިގޮތުން އެކަށައަޅައި ބިން އެއްބައިން އަނެއްބަޔަަށް ބަދަލުކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

 

4 ވަނަ މާއްދާ - ބިން އެކަށައެޅޭ ބޭނުންތަކާއި ކަންތައްތައް

މި ގާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ބިން އެކަށައެޅޭނީ، ތިރީގައި ބުނެފައިމިވާ ބޭނުންތަކަށާއި ކަންކަމަށެވެ.

(ހ) ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި، އިމާރާތްކުރުމަށް.

(ށ) އިގތިސާދީ ބޭނުންތަކަށް.

(ނ) އިޖުތިމާއި ބޭނުންތަކަށް.

(ރ) ތިމާވެށި ރައްކާތެރިކުރުމަށް.

(ބ) ދައުލަތުގެ ބޭނުމަށް.

 

އެކިއެކި މިނިސްޓްރީ ތަކާ ހަވާލުކުރާ ބިން

 

5 ވަނަ މާއްދާ - މިނިސްޓްރީ ތަކާ ބިން ހަވާލުކުރުން

މިގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެކިބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންތައް، ކަމާ ބެހޭ މިނިސްޓްރީތަކާ ހަވާލުކުރާނީ، މިނިސްޓްރީ އޮފް ހޯމްއެފެއާރޒު، ހައުސިންގ އެންޑް އެންވަޔަރަންމަންޓުންނެވެ.

 

6 ވަނަ މާއްދާ - ބިމުގެ ދަފުތަރު

(ހ) މި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ބިމުގެ ދަފުތަރު، މިނިސްޓްރީ އޮފް ހޯމްއެފެއާރޒު، ހައުސިންގ އެންޑް އެންވަޔަރަންމަންޓުން ލިޔެ ބަލަހައްޓަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ދިވެހިރާއްޖޭގެ ބިމުގެ ދަފުތަރުގައި، ތިރީގައި ބުނެފައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެކި ބޭނުންތަކަށާއި ކަންކަމަށް ބިން އެކަށައަޅާފައިވާ ގޮތް.
  2. ބިން އޮތް ތަނަކާއި، ބިމުގެ މިންތައް.
  3. މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ބިން ހަވާލުކުރެވޭ މިނސިޓްރީއާއި، ބިން ހަވާލުކުރެވޭ މަގސަދާއި، ހަވާލުކުރެވޭ ތާރީހު.
  4. އަމިއްލަ ގޯތިތަކާއި، ބިންތަކާއި، އެބިންތަކުގެ މިލްކުވެރި ފަރާތްތައް.

 

7 ވަނަ މާއްދާ - މިނިސްޓްރީތަކުން ބިމާބެހޭ މުއާމަލާތުކުރުން

މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ބިން ހަވާލުކުރެވޭ މިނިސްޓްރީތަކުން، ބިން ދޫކޮށް، ކުއްޔަށްދީ، ބިމާބެހޭ އެހެނިހެން މުއާމަލާތު ކުރަންވާނީ، މި ގާނޫނާއި، އެކިބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ގޮތުން ހަދާ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

8 ވަނަ މާއްދާ - އެކިބޭނުންތަކަށާއި ކަންކަމަށް ބިން ދޫކުރުން

މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެކި މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް، ބޭނުންކުރަންވާނީ، އަދި އެކި ފަރާތްތަކަށް ދޫކުރަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެ ބިމެއް އެކަށައަޅާފައިވާ ބޭނުމަކަށް، ނުވަތަ ކަމަކަށެވެ.

 

9 ވަނަ މާއްދާ - ދިރިއުޅުން ނޫން އެހެން ބޭނުންތަކަށާއި ކަންކަމަށް ބިން ދޫކުރުން

(ހ) ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތްކުރުމަށް މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިންބިން ފިޔަވައި، މި ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ކަމާބެހޭ މިނސްޓްރީތަކާ ހަވާލުކުރެވޭ ބިން، އެމިނިސްޓްރީއަކުން ދޫކުރަންވާނީ، މި ގާނޫނާއި، އެކި ބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ގާނޫނުތަކާއި، މި ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެމިނިސްޓްރީއާއި ބިންދޫކުރެވޭ ފަރާތާ ދެމެދު، ލިޔުމަކުން ކުރެވޭ އެގްރީމަންޓެއްގެ ދަށުންނެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން، ބިމެއް ދޫކުރެވޭ ފަރާތަށް އެބިމެއް ބޭނުން ކުރެވޭނީ، އަދި އެބިމަކާ ބެހޭގޮތުން މުއާމަލާތު ކުރުމުގެ ައްގު ލިބިދެވޭނީ، މި ގާނޫނާއި، އެކި ބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ގާނޫނުތަކާއި، މި ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެފަރާތަކަށް އެބިމެއް ދޫކުރެވޭ މުއްދަތަކަށް، އެބިމެއް ދޫކުރެވޭ އެގްރީމަންޓުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިންނެވެ. 

 

 

ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން

10 ވަނަ މާއްދާ - ދިރިއުޅުމަށް ގޯތި ދޫކުރުން

ދިރިއުޅުމަށް ޓަކައި ގެދޮރު އެޅުމަށާއި އިމާރާތް ކުރުމަށް، މިގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިމުން، ދިރިއުޅުމަށް ގޯތި ދޫކުރާނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓުން ކަނޑަައަޅައި، އާންމުކޮށް ށާއިއުކުރާ އުސޫލުތަކާއި ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، މާލޭ ގައި ނަމަ މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓުގެ ލަފާގެ މަތިން މާލޭ މުނިސިޕަލްޓީން، ރާއްޖެ ތެރޭގައިނަމަ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭށަންގެ ލަފާގެ މަތިން، އެ އަތޮޅެއްގެ އަތޮޅު އޮފީހުންނެވެ.

 

11 ވަނަ މާއްދާ - ދިރިއުޅުމަށް ގޯތި ދޫކުރެވޭ ގޮތް

މިގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ، ތިރިގައި ބުނެފައިމިވާ ގޮތުގެ މަތިންނެވެ.

(ހ) ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ، ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ މިގާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ، ދިވެހި ރައްޔިތުންނަށެވެ. ނަމަވެސް، މިގާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަކު އެބަޔެއް ނުވަތަ ފުލެޓެއް ދޫކޮށްލުމުން، ނުވަތަ ދޫކޮށްލުން ށަރުތުކޮށް، އެމީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރުމަކަށް، މިމާދާ ހުރަހެއް ނާޅާއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ދިރިއުޅުމަށް ދުކުރެވޭ އެއްވެސް ގޯއްޗެއް، 4،000 އަކަފޫޓަށްވުރެ ބޮޑުވެގެނެއްނުވާނެއެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އެއްވެސް މީހަކަށް، އެއްރަށަކުން، ދިރިއުޅުމަށް އެއް ގޯއްޗަށްވުރެ ގިނަ ގޯތި ދުލެއް ނުކުރެވޭނެއެވެ. މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން، ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރެވޭނީ، ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް، މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

(ރ) ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރަންވާނީ، މިގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގވައިދުގައިވާ ގޮތުގެ މަތިންނެވެ.

 

12 ވަނަ މާއްދާ - ބަންޑާރަ ގޯއްޗަށް އެދުން

(ހ) ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތްކުރުމަށް، މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިމުން، ގޯތި ދޫކުރުމަށް، އެފަހަރަކު ކަނޑައަޅާ ސަރަހައްދަކުން ގޯއްޗަކަށް އެދެވޭނީ، އެސަރަހައްދަކުން ގޯތިދޫކުރަން ހަމަޖެހިއްޖެކަމާއި، ގޯއްޗަށް އެދި ހުށަހެޅުމަށް  އާންމުކޮށް އިއްލާނު ކުރުމުން، ގޯއްޗަށް އެދޭމީހާ ގޯއްޗަށް އެދޭ ފޯމް ފުރިހަމަކޮށް، ގޯތި ދޫކުރަން އިއުލާނު ކުރި އޮފީހަކަށް ހުށަހެޅުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިބުނެފައިވާ ގޮތުގެމަތިން، ބަންޑާރަ ގޯތި ދޫކުރަން އިއްލާނު ކުރުމުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރްތތައް ފުރިހަމަވާ ކޮންމެ މީހަކު، ބަންޑާރަ ގޯއްޗަކަށް އެދި، މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ހުށަހެޅިދާނެއެވެ.

 

13 ވަނަ މާއްދާ - ގޯއްޗާއި އިމާރާތް ރަޖިސްޓަރީ ކުރުން

(ހ) ދިރިއުޅުމަށް ދޫކުރެވޭ ކޮންމެ ބަންޑާރަ ގޯއްޗެއް، އެ ގޯއްޗެއް ދޫކުރާ އޮފީހުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ރަޖިސްޓަރީކޮށް، އެ ގޯއްޗެއް ދޫކުރެވޭ ފަރާތަށް، އެ ގޯއްޗެއްގެ ރަޖިސްޓަރީއެއް ހަދައި ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރެވޭ ކޮންމެ ބަންޑާރަ ގޯއްޗެއްގައި ހަދާ އިމާރާތް، އެ ގޯއްޗެއް ދޫކުރާ އޮފީހުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށް، އެ އިމާރާތެއްގެ ރަޖިސްޓަރީއެއް ހަދައިދޭންވާނެއެވެ.

 

14 ވަނަ މާއްދާ - ބަންޑާރަގޯތި ވަކިކުރުން

(ހ) ބަންޑާރަ ގޯއްޗެއް ދޫކުރެވޭ ތާރީހުން ފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި، އެ ގޯއްޗެއްގައި ދިރިއުޅެން ނުފަށައިފިނަމަ، އެ ގޯއްޗެއް ދޫކޮށްފައިވާ މީހާގެ ކިބައިން، އެ ގޯއްެޗެއް ވަކި ކުރުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.

(ށ) ބަންޑާރަ ގޯއްޗެއް ލިބިފައިވާ މީހަކު، ތަކުރާރުކޮށް މި ގާނޫނާ ހިލާފުވެއްޖެނަމަ، ނުވަތަ ގޯޅި ދޫކުރެވުނުއިރު ށަރްތތުކޮށްފައިވާކަމަކާ ހިލާފުވެއްޖެނަމަ، އެގޯއްޗެއް ދޫޫކުރެވިފައިވާ މީހާގެ ކިބައިން، ގާނޫނުގައިވާ ގޮތުގެމަތިން އެގޯއްޗެއް ވަކިކުރުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - ބަންޑާރަ ގޯތި ދޫކުރެވިފައިވާ މީހާ މަރުވުން

(ހ) ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ ބަޔެއްގެ މެދުގައި، އެގޯއްޗެއް ވަކިގޯތިތަކަކަށް ބައިކޮށް ވަކިކޮށް ދެވޭނީ، ތިރީގައި ބުނެފައިމިވާ ގޮތުގެމަތިންނެވެ.

  1. ބައިކުރެވޭ އެއްވެސް ބަޔެއް 600 އަކަފޫޓަށްވުރެ ކުޑަވެގެނެއް ނުވާނެއެވެ.
  2. ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ މީހުންގެ މެދުގައި ގޯއްޗެއް ބައިކުރެވޭއިރު އޭގެތެރެއިން، ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބަޔެއް ލިބިފައިވާ މީހަކަށް ޖެހޭބައި 600 އަކަފޫޓަށްވުރެ ކުޑަވެއްޖެނަމަ ބައިކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް ނުލިބޭނެއެވެ.

(ށ) ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ އެންމެންގެ ނަމުގައި، އެ ބަޔަކު އެދޭނަމަ، އެ ގޯއްޗެއް ރަޖިސްޓަރީކޮށް، އެެ ގޯއްޗެއްގައިވާ އިމާރާތް، މި ގާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވިދާނެއެވެ.

 

 

ބަންޑާރަ ގޯތި ގަތުމާއި ވިއްކުމާއި ދިނުން

16 ވަނަ މާއްދާ - ބަންޑާރަ ގޯތި ގަތުން

ބަންޑާރަ ގޯތި ދޫކުރެވިފައިވާ ފަރާތަކަށް، އެއްފަހަރާ އަގު ދެއްކުމަށްފަހު، ނުވަތަ އެކި ފަހަރުމަތިން ފައިސާ ދައްކައި އަގު އަދާކުރާ އުސޫލުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން، އަގު ދައްކައި ނިންމުމަށްފަހު، އެ ގޯއްޗެއް ގަނެވިދާނެއެވެ. މިގޮތުން ގަނެވޭ ގޯތީގެ އަގު ކަނޑައަޅާނީ، މި ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިންނެވެ.

 

17 ވަނަ މާއްދާ - ހިބައިން ނުވަތަ ވަސިއްޔަތުން ދިނުން

ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ އިމާރާތުން ބަޔެއް ހިބައިން ނުވަތަ ވަސިއްޔަތުން ދެވޭނީ، ތިރީގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.

(ހ) ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭފަރާތަކީ، ހިބައިން ނުވަތަ ވަސިއްޔަތުން ދޭ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިއެއް ނުވަތަ އެމީހާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ އެމީހާގެ މަރުވެފައިވާ ދަރިއެއްގެ އުފަންދަރިއެއް ކަމުގައިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ކުރެ ފަރާތަކުން އިއްތިރާޒެއް ނުކުރާނަމަ، ނުވަތަ އެއިން އެއްވެސް ފަރާތެއް ދުނިޔޭގައި ނެތްނަމަ، ހިބައިން ނުވަތަ ވަސިއްޔަތުން ދޭ މީހާއަށް އޭނާގެ ދަރިއަކަށް ނުވަތަ އޭނާއާ ބަފައިފުށުން ނުވަތަ މައިފުށުން ތިމާގެކަމުގެ ގުޅުން ހުރި ފަރާތަކަށް ހިބައިން ނުވަތަ ވަސިއްޔަތުން ދެވިދާނެއެވެ.

(ނ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ފަރާތްތަކުން ކުރެ ފަރާތަކަށް ހިބައިން ނުވަތަ ވަސިއްޔަތުން ދޭދިނުމުގައި، މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ އުސޫލުތަކެއް ނުހިނގާނެއެވެ. އަދި މި ގާނޫނުގައި އެހެން ގޮތަކަށް ބުނެފައި ނުވާހާ ހިނދަކު، މިމާއްދާގެ (ށ) ގައި ބުނެފައިވާ ފަރާތްތަކުން ކުރެ ފަރާތަކަށް ހިބައިން ނުވަތަ ވަސިއްޔަތުން ދެވޭނީ މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަރާތްތަކުގެ ތެރެއިން ވަކި ފަރާތަކަށް ނުވަތަ ވަކި ފަރާތްތަކަކަށް ހިބައިން ނުވަތަ ވަސިއްޔަތުން ދެވޭނީ މި މާއްދާގެ (ހ) ގައި ބުނެފައިވާ މީހުންގެ ތެރެއިން ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭ ފަރާތް ނުވަތަ ފަރާތްތައް ފިޔަވައި، މި މާއްދާގެ (ހ) ގައި ބުނެފައިވާ އެހެންމީހުންގެ ބިމުގެ ތަނަވަސްކަން ހުރިނަމައެވެ. އަދި، މި މާއްދާގެ (ހ) ގައި ބުނެފައިވާ މީހުންގެ ތެރެއިން ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭ ފަރާތް ނުވަތަ ފަރާތްތައް ފިޔަވައި، މި މާއްދާގެ (ހ) ގައި ބުނެފައިވާ އެހެންމީހުންގެ ބިމުގެ ތަނަވަސްކަމެއް ނެތްނަމަ، ވަކިފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ދިނުމާމެދު، އެފަރާތްތަކުގެ އިއްތިރާޒެއް ނެތްނަމައެވެ. ނަމަވެސް ހިބައިން ނުވަތަ ވަސިއްޔަތުން ދޭ ފަރާތުގެ ދަރިން ނުވަތަ އެމީހެއްގެ މަރުވެފައިވާ ދަރިންގެ އުފަންދަރިންނަށް ދޭ ހާލަތުތަކުގައި ދޭމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ މަންމަ ނުވަތަ ބައްޕަ އިއްތިރާޒްކުރި ކަމުގައިވިޔަސް މިބުނި މީހުންނަށް ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ބ) ހިބައިން ނުވަތަ ވަސިއްޔަތުން ދޭ ހާލަތުގައި ދޭ މީހާއާއި، އެމީހަކު ށަރްއީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން.

(ޅ) ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭ ފަރާތަކީ، ދިވެހި ރައްޔިތެއްކަމުގައިވުން.

 

18 ވަނަ މާއްދާ - ގޯތި ވިއްކުމާއި ސަރުކާރަށް ދައްކަންޖެހޭ ޓެކްސް

(ހ) ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް، އެ ގޯއްޗެއް ދޫކޮށްފައިވާ މި ގާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެގޯއްޗެއްގެ ބިން ގަތުމަށްފަހު، އެހެން ފަރާތަކަށް ވިއްކާލެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އާންމުކޮށް ށާއިއުކޮށްފައިވާ އުސޫލާ އެއްގޮތްވާގޮތުގެމަތިން ކަނޑައެޅޭ އަގަކަށް، ތިރީގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.

(ށ) ގޯތި ވިއްކަންއެދޭ މީހާއާއި އެމީހަކު ށަރްއީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން.

(ނ) ގޯތި ގަންނަ ފަރާތަކީ، ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ މި ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ބައިކުރެވޭ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ލިބިފައިނުވާ މީހަކު ކަމުގައިވުން. ނުވަތަ ގޯތި ގަންނަ ފަރާތަކީ، ގެދޮރުއެޅުމާއި ތަންތަން ބިނާކޮށް ތަރައްގކުރުމަށް ހާއްސަވެފައިވާ، އަދި ސަރުކާރުގެ ހިއްސާ އެކުލެވިފައިވާ ކުންފުންޏެއް ކަމުގައިވުން.

(ރ) ގޯތި ގަންނަ ފަރާތަކީ ދިވެހި ރައްޔިތަކުކަމުގައިވުން.

(ބ) އެއްޗެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާނަމަ، އެ ގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15 ޓެކްސްގެ ގޮތުގައި، އެގޯއްޗެއް ނުވަތަ ބިމެއް ވިއްކާފަރާތުން ސަރުކާރަށް ދައްކަންޖެހޭނެއެވެ.

 

19 ވަނަ މާއްދާ - ބިމާ ވަކިން އިމާރާތް ވިއްކުން އަދި ރަހުނު ކުރުން

އެއްވެސް ގޯއްޗެއް ނުވަތަ ބިމެއްގައިވާ އިމާރާތެއް، އެ ބިމާ ވަތްކަކުން ނުވިއްކޭނެއެވެ. އަދި، އެއްވެސް ގޯއްޗެއް ނުވަތަ ބިމެއްގައިވާ އިމާރާތެއް އެބިމާ ވަތްކަކުން ރަހުނެއް ނުކުރެވޭނެއެވެ.

 

20 ވަނަ މާއްދާ - ބެލުން ށަރްތކޮށް، ދިނުން

(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، ނުވަތަ ގޯއްޗަކުން ބަޔެއްވެސް، ނުވަތަ އެފަދަ ގޯއްޗެއްގައިވާ އިމާރާތެއް، ނުވަތަ އިމާރާތަކުން ބަޔެއްވެސް، މި ގާނޫނަށް އަމަލު ކުރަން ފެށުމަށްފަހު، ބެލުން ށަރްތކޮށް، އެއްވެސް ފަރާތަކަށް ނުދެވޭނެއެވެ.

(ށ) މި ގާނޫނަށް އަމަލު ކުރަން ފަށާއިރު، ބެލުން ށަރްތކުރުމާ ބެހޭގޮތުން ރަޖިސްޓަރީ ކޮށްފައިވާ އެގްރީމަންޓުތަކަށް އަމަލު ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. އަދި މި ގާނޫނަށް އަމަލު ކުރަން ފަށާއިރު، ރަޖިސްޓަރީ ކޮށްފައިވާ، ބެލުން ށަރްތކޮށް ގޯތިދިނުމާބެހޭ އެގްރީމަންޓެއްގެ ދަށުން، ބެލުން ށަރްތކޮށް ގޯއްޗެއް ލިބޭ މީހަކަށް، އެގޯއްޗެއް ރަޖިސްޓަރީ ކޮށްދެވޭނެއެވެ.

 

21 ވަނަ މާއްދާ - ގަންނަ މީހަކަށް ނުވަތަ ލިބޭމީހަކަށް ރަޖިސްޓަރީ ކޮށްދިނުން

މި ގާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައިވާ ގޮތުގެމަތިން ގޯއްޗެއް ވިއްކާލައިފިނަމަ، ނުވަތަ ދީފިނަމަ، އެގޯއްޗެއް ގަތްފަރާތަކަށް، ނުވަތަ ލިބުނު ފަރާތަކަށް، އެގޯތީގެ ރަޖިސްޓަރީއެއް، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީން، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށުއޮފީހުން ހަދައިދޭންވާނެއެވެ.

 

އަމިއްލަ ގޯތި

22 ވަނަ މާއްދާ - އަމިއްލަ ގޯތިގޯތީގެ މައްޗަށް މި ގާނޫނު ހިނގުން

މި ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން، ދިވެހިރާއްޖޭގައި ހުރި އަމިއްލަ ބިންބިމާއި ގޯތިގޯތީގެ މައްޗަށާއި، މި ގާނޫނުގެ ދަށުން ގަނެ އަމިއްލަކުރާ ބަންޑާރަ ގޯތިގޯތީގެ މައްޗަށްވެސް، މިގާނޫނު ހިނގާނެއެވެ.

 

23 ވަނަ މާއްދާ - އަމިއްލަ ބިންބިމާއި، ގޯތި ރަޖިސްޓަރީ ކުރުން

(ހ) އަމިއްލަ ބިންބިމާއި، ގޯތިގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތްތައް، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީގައި، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށުއޮފީހުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ރަޖިސްޓަރީ ކުރެވޭ ބިންބިމާއި ގޯތިގޯއްޗާއި އިމާރާތުގެ ރަޖިސްޓަރީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހަދައި، އެގޯއްޗެއްގެ ވެރިފަރާތަށް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއްގެ މިލްކުވެރިކަން ބަދަލުވެއްޖެނަމަ، އެކަމުގެ ށަރްއީ ލިޔުމަކާއެކު، މާލޭގައި ނަމަ މާލޭ މުނިސިޕަލްޓީއަށް، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށުއޮފީހަށް ހުށަހަޅައި، އެ ބިމެއް ނުވަތަ ގޯއްޗެއްގެ ރަޖިސްޓަރީ، އެ ބިމެއް ނުވަތަ ގޯއްޗެއްގެ މިލްކުވެރިކަން ލިބުނު ފަރާތަށް ބަދަލުކުރަންވާނެއެވެ. އަދި އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓަރީ ކުރެވިފައިވާ މީހަކު މަރުވެއްޖެނަމަވެސް، ހަމަ މިގޮތުގެމަތިން އެ ބިމެއް ނުވަތަ ގޯއްޗެއްގެ މިލްކުވެރިކަން ހަމަޖެހުނުގޮތް އެނގޭނެ ށަރްއީ ލިޔުމަކާއެކު، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީއަށް، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށުއޮފީހަށް ހުށަހަޅައި، އެ ބިމެއް ނުވަތަ ގޯއްޗެއްގެ މިލްކުވެރިކަން ލިބުނު ފަރާތަށް، މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ބިމެއް ނުވަތަ ގޯއްޗެއްގެ ރަޖިސްޓަރީ ބަދަލުކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - އަމިއްލަ ބިމާއި ގޯތި ވިއްކުން

މި ގާނޫނު ފާސްވުމުގެ ކުރިން ހުރި އަމިއްލަ ބިންބިމާއި، ގޯތިގޯއްޗާއި، މި ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު، އަމިއްލަކުރާ ބިންބިމާއި ގޯތިގޯތި ވިއްކަންވާނީ، ނުވަތަ ހިބަޔަކުން، ނުވަތަ ވަސިއްޔަތަކުން، ނުވަތަ އެނޫންވެސް ގޮތަކުން ދެނީނަމަ ދޭންވާނީ، މި ގާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، އަދި އެމާއްދާތަކުގައި ބުނެފައިވާ ށަރްތތަކުގެ މަތިންނެވެ.

 

25 ވަނަ މާއްދާ - އަމިއްލަ ބިމާއި، ގޯއްޗެއްގެ ވެރިމީހާ މަރުވުން

(ހ) އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް އޮތް މީހަކު މަރުވެއްޖެނަމަ، އެމީހެއްގެ ވާރިސުންގެ މެދުގައި، އެބިމެއް ނުވަތަ ގޯއްޗެއް ވަކި ގޯތިތަކަކަށް ބައިކޮށް ވަކިކޮށްދެވޭނީ، ބައިކުރެވޭ އެއްވެސް ބަޔެއް 600 އަކަފޫޓަށްވުރެ ކުޑަނުވާނެ ގޮތެއްގެމަތިންނެވެ.

(ށ) އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް އޮތް މީހަކު މަރުވެއްޖެނަމަ، އެ ބިމާއި ނުވަތަ ގޯއްޗާއި، އެ ބިމެއް ނުވަތަ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ އެންމެންގެ ނަމުގައި، އެބަޔަކު އެދޭނަމަ، އެ ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓަރީކޮށް، އެ ބިމެއް ނުވަތަ ގޯއްޗެއްގައިވާ އިމާރާތް، މި ގާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދެވިދާނެއެވެ.

 

26 ވަނަ މާއްދާ - އަމިއްލަ ގޯތި ކުއްޔަށްދިނުމާއި ދިރިއުޅުންނޫން ކަމަކަށް ބޭނުންކުރުން

އަމިއްލަ ގޯއްޗެއް ކުއްޔަށްދީ، ނުވަތަ ދިރިއުޅުން ނޫން ބޭނުމަކު ބޭނުންކުރަންވާނީ، މި ގާނޫނުގެ 27 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ) އާއި އަދި މި ގާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިންނެވެ. 

 

ކުއްޔަށް ދިނުން

27 ވަނަ މާއްދާ - ދިރިއުޅުމަށް ގޯތި ކުއްޔަށް ދިނުން

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް، ނުވަތަ ބަންޑާރަ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތެއް، ނުވަތަ އިމާރާތުގެ ބަޔެއް، ކުއްޔަށް ދެނީ ދިރިއުޅުމަށް ކަމަށްވާނަމަ، ކުއްޔަށްދޭންވާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

(ހ) ކުއްޔަށް ދެވޭނީ ގިނަވެގެން 15 އަހަރު ދުވަހުގެ މުއްދަތަށެވެ.

(ށ) މުޅިގޯތި ނުވަތަ ގޯތީގައި ކޮށްފައިވާ މުޅި އިމާރާތް ކުއްޔަށް ދޭންވާނީ ކުއްޔަށް ދިނުމާ ބެހޭގޮތުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ކުއްޔަށް ދޭފަރާތާއި ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި، އެގްރީމަންޓެއް ކުރުމަށްފަހުގައެވެ.

(ނ) ކުއްޔަށްދެނީ ގޯއްޗެއްގެ ބަޔެއް، ނުވަތަ އިމާރާތެއްގެ ބަޔެއް ކަމަށްވާނަމަ، އަދި އެތަނެއް ކުއްޔަށް ދެނީ 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ކަމަށްވާނަމަ، އެތަނެއް ކުއްޔަށްދޭންވާނީ، އެތަނެއް ކުއްޔަށްދިނުމާ ބެހޭގޮތުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެގްރީމަންޓެއް ކުރުމަށްފަހުގައެވެ.

(ރ) ދިރިއުޅުމަށް ކުއްޔަށްދޭ ކޮޓަރިއާއި، އިމާރާތްތަކާއި، ކުއްޔަށް ދިނުމަށް އިމާރާތްކޮށްފައިވާ ތަންތަން، މި ގާނޫނަށް އަމަލު ކުރަންފަށާ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީގައި، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށުއޮފީހުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ބ) ސަރުކާރުން ކުއްޔަށްދޭ ފުލެޓުތަކާއި، ގެދޮރު އެޅުމާއި ދިރިއުޅޭނެ ތަންތަން ބިނާކޮށް ތަރައްގކުރުމަށް ހާއްސަ ވެފައިވާ، ސަރުކާރުގެ ހިއްސާ އެކުލެވިފައިވާ ކުންފުނިތަކުން ހަދައި، ކުއްޔަށްދޭ ފުލެޓުތައް މި މާއްދާގެ (ހ) އިން އިސްތިސްނާ ވެއެވެ.

 

28 ވަނަ މާއްދާ - ދިރިއުޅުން ނޫން އެހެން ބޭނުމަކު ކުއްޔަށް ދިނުން

(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް، ނުވަތަ އިމާރާތެއް، ނުވަތަ އިމާރާތަކުން ބަޔެއް، ދިރިއުޅުންނޫން ބޭނުމަކު ކުއްޔަށް ދެވޭނީ، ތިރީގައި ބުނެފައިމިވާ ށަރްތތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

  1. ގޯއްޗެއް ނުވަތަ ގޯއްޗަކުން ބަޔެއް، ދިރިއުޅުން ނޫން ބޭނުމަކު ކުއްޔަށް ދިނުމަށް، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީން، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށުއޮފީހުން ހުއްދަ ހޯދުން.
  2. ކުއްޔަށްދޭ ބޭނުމަކީ، އެރަށެއްގެ ބިން ބޭނުން ކުރުމާ ބެހޭގޮތުން، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތާ ހިލާފު ބޭނުމެއް ކަމަށް ނުވުން.

(ށ) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް، ނުވަތަ ގޯއްޗަކުން ބަޔެއް، ނުވަތަ އެފަދަ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތެއް، ނުވަތަ އިމާރާތަކުން ބަޔެއް، ދިރިއުޅުންނޫން ބޭނުމަކު ކުއްޔަށް ދެވޭނީ ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތަށެވެ.

 

 

ދިރިއުޅުން ނޫން އެހެން ބޭނުންކުރުން

29 ވަނަ މާއްދާ - ދިރިއުޅުން ނޫން އެހެން ބޭނުންކުރުން

(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، ދިރިއުޅުން ނޫން ބޭނުމަކު ބޭނުން ކުރަންވާނީ، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީން، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށު އޮފީހުން އެކަމަކަށް ހުއްދަ ހޯދައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ހުއްދަ ދެވޭނީ، އެގޯއްޗެއްގައި ކުރާ، ނުވަތަ ހިންގާ މަސައްކަތަކީ، ނުވަތަ އެގޯއްޗަކުން ކުރާ ބޭނުމަކީ، އެރަށެއްގެބިން ބޭނުން ކުރުމާ ބެހޭގޮތުން، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތާ ހިލާފު މަސައްކަތެއް، ނުވަތަ ބޭނުމެއްކަމަށް ނުވާނަމައެވެ.

 

އެއްމެދު އިމާރާތް

30 ވަނަ މާއްދާ - އެއްމެދު އިމާރާތް

އެއްމެދު އިމާރާތަކީ، އެއްބިސީއަށް ވުރެ ގިނަ ބިސީއަށް ވަކިން ދިރިއުޅެވޭ ގޮތަށް ވަކި ފުލެޓުތަކަކަށް ހަދައި، އެކަކަށްވުރެ ގިނަމީހުންނަށް މިލްކުވެފައިވާ އިމާރާތެވެ.

 

31 ވަނަ މާއްދާ - އެއްމެދު އިމާރާތުގެ ގޮތުގައި ރަޖިސްޓަރީ ކުރުން

އެއްވެސް މީހަކު ނުވަތަ ބަޔަކު، އެމީހެއްގެ ނުވަތަ އެބަޔެއްގެ އަމިއްލަ ބިމެއްގައި، ނުވަތަ ބަންޑާރަ ގޯއްޗެއްގައި، ހަދާފައިވާ އިމާރާތް، އެއްމެދު އިމާރާތަކަށް ބަދަލު ކުރުމަށް ބޭނުންނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން، އެކަން މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓަށް ހުށަހަޅައި، އެ އިމާރާތަކީ އެއްމެދު އިމާރާތެއް ކަމަށް ރަޖިސްޓަރީ ކުރަންވާނެއެވެ.

 

32 ވަނަ މާއްދާ - އެއްމެދު އިމާރާތް ހުންނަ ގޯތި

އެއްމެދު އިމާރާތެއްގައިވާ ފުލެޓެއްގެ މިލްކުވެރިޔަކު ކަމުގައި ހިމެނޭ ކޮންމެ މީހަކު، އެ އިމާރާތެއް ބިނާކޮށްފައިވާ ގޯތީގެ ވެރިޔެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނެއެވެ. އަދި އެއްމެދު އިމާރާތެއް ބިނާކޮށްފައިވާ ބިމަކީ، ބަންޑާރަ ބިމެއް ނަމަ، އެފަދަ އިމާރާތެއްގައިވާ ފުލެޓެއްގެ މިލްކު ވެރިޔަކު ކަމުގައި ހިމެނޭ ކޮންމެ މީހަކު، އެ ބަންޑާރަ ބިމެއް ދޫކޮށްފައިވާ މީހެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނެއެވެ.

 

33 ވަނަ މާއްދާ - ފުލެޓު ގަންނަ ފަރާތުގެ ހައްގު

(ހ) މި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން އިމާރާތެއް، އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީވުމުން، އެ އިމާރާތެއްގައި ހަދާފައިވާ ފުލެޓުތައް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ވިއްކައި، ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ އެނޫންވެސް ގޮތަކުން ދީ، ކުއްޔަށްދީ ހެދުމުގެ އިހްތިޔާރު އެ ފުލެޓެއްގެ ވެރިފަރާތަށް ލިބިގެންވެއެވެ.

(ށ) ބަންޑާރަ ގޯއްޗެއްގައި ހަދާފައިވާ އެއްމެދު އިމާރާތެއްގެ ފުލެޓެއް، އެގޯއްޗެއް ސަރުކާރުން ދޫކޮށްފައިވާ މީހުންނޫން އެހެން މީހަކަށް ވިއްކޭނީ، ނުވަތަ ދެވޭނީ، ސަރުކާރުގެ ކަމާބެހޭ ފަރާތުގެ ހުއްދަ ހޯދުމަށްފަހު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

 

34 ވަނަ މާއްދާ - އެއްމެދު އިމާރާތާއި ބިން ބެލެހެއްޓުން

އެއްމެދު އިމާރާތުގައިވާ އާންމު ތަންތަނާއި ވަސީލަތްތައް ބަލަހައްޓައި، އެތަންތަނާބެހޭ ކަންތައްތައް ހިންގާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ އިމާރާތުގެ މިލްކުވެރިންނެވެ.

 

35 ވަނަ މާއްދާ - ފުލެޓު ދޫކޮށްލުން

އެއްމެދު އިމާރާތެއްގެ ފުލެޓެއް ދޫކޮށްލުމުގެ ނުވަތަ ވިއްކާލުމުގެ އިހްތިޔާރު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ފުލެޓެއް ލިބިފައިވާ ނުވަތަ ގަނެފައިވާ ފަރާތަކަށް ލިބިގެންވެއެވެ. އަދި މިގޮތުން ދޫކޮށްލާ ނުވަތަ ވިއްކާލާ ފުލެޓެއް ގަންނަ މީހާ ނުވަތަ ލިބިގަންނަމީހާ، އެ ފުލެޓެއްގެ މިލްކުވެރިޔެއްގެ ގޮތުގައި، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީ ކޮށްދެވޭނެއެވެ.

 

އެހެނިހެން ކަންތައްތައް

36 ވަނަ މާއްދާ - ރަހުނު ކުރުން

ދިވެހިރާއްޖޭގެ އެއްވެސް ބިމެއް ރަހުނު ކުރެވޭނީ، އެބިމެއް ރަހުނު ކުރުމުގެ ހައްގު، އެބިމެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކަށް ލިބިފައިވާނަމަ، ތިރީގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.

 

  1. މި ގާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައިވާފަދަ އެގްރީމަންޓެއްގެ ދަށުން ލިބިފައިވާ ބިމެއްނަމަ، ރަހުނު ކުރެވޭނީ އެ އެގްރީމަންޓު ހުއްދަކުރާ ގޮތެއްގެ މަތިންނެވެ.
  2. އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް، އެގޯއްޗެއް ނުވަތަ ބިމެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން ނުވަތަ ފަރާތްތަކަކުން، ރަހުނު ކުރެވޭނީ ތިރީގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.

(ހ) ރަހުނު ހިފާ ފަރާތަކީ، ވިޔަފާރި ބޭންކެއް ނުވަތަ ސަރުކާރު ގަބޫލުކުރާ މާލީ އިދާރާއަކަށްވުން.

(ށ) ރަހުނު ކުރުމުގެ ކުރީގައި، ރަހުނުގެ މުއާމަލާތާއި، މުއާމަލާތު ކުރުމުގެ ނަތީޖާ، މުސްތަގިއްލު ދެ ހެކިންގެ ހާޒިރުގައި، ރަހުނު ބަހައްޓާ ފަރާތަށް ރަހުނު ހިފާފަރާތުން އޮޅުންފިލުވައިދިނުން.

(ނ) އެކަކަށްވުރެ ގިނަ މީހުންނަށް ރަޖިސްޓަރީކޮށްފައިވާ ގޯއްޗެއް ނުވަތަ ގޯއްޗާއި ގޯތީގައިވާ އިމާރާތެއް ރަހުނު ކުރަނީނަމަ، އެ ގޯތި ރަޖިސްޓަރީ ކުރެވިފައިވާ ހުރިހާ ފަރާތެއްގެ ރުހުން އޮތުން. ނަމަވެސް މިފަދަ ގޯއްޗަކީ އެ ގޯތި ރަޖިސްޓަރީ ކުރެވިފައިވާ މީހުންގެ މެދުގައި ބަހައި، އެކަން ގޯތީގެ ރަޖިސްޓަރީގައި ފާހަގަކޮށްފައިވާ ގޯއްޗެއްނަމަ، އެމީހަކަށް ލިބިފައިވާބައި ރަހުނު ކުރުމުގައި ގޯތި ރަޖިސްޓަރީ ކުރެވިފައިވާ އެހެން ފަރާތްތަކުގެ ރުހުން ހޯދާކަށް ނުޖެހޭނެއެވެ.

(ށ) މި މާއްދާގެ ދަށުން ރަހުނު ކުރެވޭ ކޮންމެ ރަހުނު ކުރުމެއް، އެ ގޯއްޗެއް ނުވަތަ އެ ބިމެއް ދޫކޮށްފައިވާ އޮފީހުގައި ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.

(ނ) މި މާއްދާގައި ބުނެފައިވާފަދަ ރަހުނެއް ތަންފީޒުކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ތިރީގައި ބުނެފައިވާ ށަރްތތަކުގެ މަތިންނެވެ.

ރަހުނެއް ތަންފީޒުކުރުމަށްޓަކައި އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާލެވޭނީ، ށަރީއަތުން ހުއްދަ ލިބިގެން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ސަރުކާރުން ކަނޑައަޅާ ފަރާތަކުން ބާއްވާ ހުޅުވާލެވިފައިވާ ބީލަމެއްގައެވެ.
ރަހުނު ބަހައްޓާ ފަރާތާއި، ރަހުނުހިފާ ފަރާތުން ލިޔެކިޔުމުން އެއްބަސްވެފައިވާ ހާލަތުތައް ފިޔަވައި، ރަހުނާގުޅޭ ލޯނުގެ އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ހޯދުމަށް ދައުވާ ކޮށްފައިވުން.
ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހަށް އަމަލުކުރަން ފެށުމުގެކުރިން ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ މައްސަލަތުގައި، ރަހުނު ބަހައްޓާ ފަރާތުން ލިޔެކިޔުމުން އެއްބަސްވެފައިވާ ހާލަތުތައް ފިޔަވައި، އެ އިސްލާހަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ހޯދުމަށް ދައުވާކޮށްފައިވުން.
މިމާއްދާގައި ބުނެފައިވާފަދަ ރަހުނެއްކޮށް، ލޯނު ނަގާފައިވާ ހާލަތެއްގައި ލޯނުގެ ފައިސާ ނުދެއްކިގެން، ރަހުނު ވިއްކާލަން ރަހުނު ބެހެއްޓި ފަރާތުން ބޭނުންވެއްޖެނަމަ، އެފަރާތަކުން ށަރީއަތަށް މައްސަލަ ހުށަހަޅައިގެން ރަހުނު ނުވަތަ ރަހުނުގެ ބައެއް ވިއްކާލުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ރ) ބިމެއް ނުވަތަ ބިމެއްގައި ހުރި އިމާރާތެއް، އެއްފަހަރާ އެއްރަހުނަށްވުރެ ގިނަ ރަހުނު ކޮށްފައިވާ ހާލަތްތަކުގައި، ރަހުނު ތަންފީޒު ކުރުމުގައި އިސްކަންދެވޭނީ، މިމާއްދާގެ ދަށުން ރަހުނު ރަޖިސްޓަރީކުރި ތަރުތީބުންނެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރީގައި ކޮށްފައިވާ މިފަދަ ރަހުނުތައް ތަންފީޒު ކުރުމުގައި އިސްކަންދިނުމަށް ބެލެވޭނީ، ރަހުނު ކުރެވުނު އެގްރީމަންޓުގައިވާ ތާރީހަށެވެ.

(ބ) މި މާއްދާގެ ދަށުން ރަހުނެއް ތަންފީޒުކޮށްގެން ލިބޭ ފައިސާ ބޭނުން ކުރަންވާނީ، ތިރީގައި ބުނެފައިވާ ކަންކަމަށް، ތިރީގައި ބުނެފައިވާ ތަރުތީބުންނެވެ.

  1.  މިމާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައިވާ ބީލަން ބޭއްވުމަށްޓަކައި ސަރުކާރުން ހިނގި ހަރަދު އަނބުރާ ދެއްކުމަށް.
  2. 2. މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމަށް.
  3. ރަހުނު ބަހައްޓައިގެން ނަގާފައިވާ ދަރަނި އަދާކުރުމަށް.
  4. ބަންޑާރަ ބިމެއްގެ ރަހުނު ތަންފީޒު ކުރަނީނަމަ، ބިމުގެ އަގުކަމުގައި މި ގާނޫނުގެ ދަށުން ކަނޑައެޅޭ އަގު ސަރުކާރަށް ދެއްކުމަށް.

(ޅ) މި މާއްދާގެ (ބ) ގައިވާ ކަންތައްތަކަށް ފައިސާ ނެގުމަށްފަހު، އިތުރަށް ފައިސާ ހުރެއްޖެ ހާލަތުގައި އެ ފައިސާ ރަހުނު ބެހެއްޓި ފަރާތަށް ލިބިދެވޭނެއެވެ.

(ކ) ރަހުނެއް ތަންފީޒު ކުރުމަށްޓަކައި މި މާއްދާގެ ދަށުން ބަންޑާރަ ބިމެއް ވިއްކާލާ ހާލަތުގައި، އެ ބިމެއްގެ މިލްކުވެރިކަން ރަހުނު ގަންނަފަރާތަށް ލިބިދެވޭނެއެވެ.

(އ) މި މާއްދާގެ ދަށުން ރަހުނެއް ތަންފީޒު ކުރުމަށްޓަކައި ބިން ނުވަތަ އިމާރާތެއް ވިއްކާލާ ހާލަތުތަކުގައި، މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާއި (ނ) އަށް އަމަލުކުރާކަށް ނުޖެހޭނެއެވެ.

(ވ) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހަށް އަމަލުކުރަން ފެށުމުގެކުރިން ރަހުނުކޮށްފައިވާ، ބަންޑާރަ ގޯތީގައިވާ އިމާރާތްތަކުގެ ރަހުނު ތަންފީޒު ކުރުމުގައިވެސް އަމަލުކުރެވޭނީ، މި މާއްދާގައިވާ ގޮތުގެ މަތިންނެވެ.

 

37 ވަނަ މާއްދާ - ވަގުފު ކުރުން

(ހ) ދިވެހިރާއްޖޭގެ އެއްވެސް ބިމެއް، ނުވަތަ ބިމެއްގައި ހުންނަ، ނުއުފުލޭ މުދަލެއް ފަގުފުކުރެވޭނީ، އެފަގުފުކުރުމަކީ، އެރަށެއްގެ ބިން ބޭނުންކުރުމާ ބެހޭގޮތުން، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތާ ހިލާފު ކަމަކަށް ނުވާނަމަ، އެ ފަގުފުކުރުމަށް، މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓުގެ ހުއްދަ ލިޔުމަކުން ހޯދައިގެންނެވެ.

(ށ) މާލޭގެ އެއްވެސް ބިމެއް ނުވަތަ މާލޭގެ ބިމެއްގައި ހުންނަ ނުއުފުލޭ މުދަލެއް ވަގފެއް ނުކުރެވޭނެއެެވެ.

 

38 ވަނަ މާއްދާ - ބިން ކޮންނަނިކޮށް ފެންނަ ތަކެތި

(ހ) މީހުންގެ އަމިއްލަ ރުއްގަސް ފިޔަވައި، ބިމުގައިވާ އެހެން ހުރިހާ ގދުރަތީ ވަސީލަތްތަކާއި، ރާއްޖޭގެ ބިން ކޮންނަނިކޮށް ފެންނަ، ގާނޫނީ މިލްކުވެރިޔަކުނުވާ ރަނާއި، ރިއްސާއި، ގަހަނާއާއި، ފައިސާއާއި، ގެވެހި ކަންވާރާއި، އާސާރީ އެންމެހައި ތަކެއްޗާއި، ރާއްޖޭގެ ބިމުގައިވާ އެންމެހައި މައުދަންތަކަކީ، ދައުލަތުގެ މިލްކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގަހަނާއެއް، ނުވަތަ ކަންވާރެއް، ނުވަތަ ފައިސާއެއް، ނުވަތަ އާސާރީ އެއްޗެއް، ނުވަތަ މައުދަނެއް، ރާއްޖޭގެ ބިމުން ފެނިއްޖެނަމަ، އެއެއްޗެއް ފެނުނު ފަރާތަކުން، އެކަން މާލޭގައިނަމަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށު އޮފިހަށް، ލަސްނުކޮށް އަންގަންވާނެއެވެ.

 

39 ވަނަ މާއްދާ - ވެއްޔާއި ގާ ނެގުން

އެކިފަރާތްފަރާތަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި، ބިމާއި، އަމިއްލަ ގޯތީގެ ބިމުން ގަލާއި ވެލިނަގައި، ވިއްކައި، ދީ ހެދޭނީ މާލޭގައިނަމަ މާލޭ މުނިސިޕަލްޓީގެ ހުއްދަ، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށުއޮފީހުގެ ހުއްދަ ހޯދުމަށްފަހު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

40 ވަނަ މާއްދާ - އެކެއްގެ ބިމުގައި ހުންނަ އަނެއްގެ ތަކެތި

(ހ) އެހެން ފަރާތެއްގެ އެއްޗެއްކަން ށަރީއަތަށް ސާބިތުވާފަދަ ލިޔުމެއްނެތި، އެކި ފަރާތްފަރާތުގެ އަމިއްލަ ބިމުގައި، ނުވަތަ މީހަކަށް ނުވަތަ ފަރާތަކަށް ދޫކޮށްފައިވާ، ބަންޑާރަ ބިމެއްގައި ހުންނަ އިމާރާތާއި، ރުއްގަސް ފަދަ ބިމާ ގުޅިފައިވާ ތަކެއްޗަކީ، އެބިމުގެ ވެރިފަރާތުގެ ނުވަތަ އެއީ ބަންޑާރަ ބިމެއްނަމަ، އެބިމެއް ދޫކުރެވިފައިވާ ފަރާތުގެ ތަކެއްޗެވެ.

(ށ) ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ ފަރާތް ނޫން އެހެން ފަރާތަކަށް މިލްކުވެރިކަން ލިބޭ ގޮތަށް ބަންޑާރަ ގޯއްޗެއްގައި، އެގޯތި ދޫކުރެވިފައިވާ ފަރާތްނޫން އެހެން ފަރާތަކުން އިމާރާތް ކޮށްގެނެއް ނުވާނެއެވެ.

 

41 ވަނަ މާއްދާ - ގަވާއިދު ހެދުން

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ އެކަމަށް ކަނޑައަޅާ ފަރާތަކުން ނުވަތަ ފަރާތްތަކަކުންނެވެ.

 

42 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރާތާ 1 އަހަރު ހަމަވާ ދުވަހުން ފެށިގެންނެވެ.

 

43 ވަނަ މާއްދާ - އިސްތިސްނާ

މި ގާނޫނުގެ ދަށުން، ބަންޑާރަ ބިން ހިމެނިގެން ކުރާ މުއާމަލާތުތައް ގާނޫނު ނަންބަރު 9/1968 (މިލްކުވެރިކަން ބަދަލުކުރުމުގެ ގާނޫނު) ގެ 1 ވަނަ މާއްދާގެ (ކ) އިން އިސްތިސްނާ ވާނެއެވެ.

 

44 ވަނަ މާއްދާ - މާނަ

މި ގާނޫނުގައި، އެ އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާނަމަ، "ރަހުނު ތަންފީޒުކުރުން" ކަމަށް ބުނެފައިވަނީ، ރަހުނު ބެހެއްޓި ފަރާތުން، ރަހުނު ބެހެއްޓުމުގައި ކޮށްފައިވާ ށަރުތތަކާ ނުވަތަ ވައުދަކާ ހިލާފުވުމުން، ރަހުނު ހިފާފައިވާ ފަރާތަށް ލިބިދޭ ހައްގުތައް ހޯދުމަށް އެފަރާތުން ކުރާ މަސައްކަތް ކުރުމަށެވެ.

 

45 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 1970-02ޖ (މާލޭގައިވާ ފަގުފު ބިންތައް އެހެން ރަށަކަށް ބަދަލުކުރުމާއި މާލެއިން ބިން ވަގުފުކުރުން މަނާކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 1971-28ޖ. (އެއްފަރާތަކަށް މިލްކުވެފައިވާ ބިމެއްގައި އެހެން ފަރާތެއްގެ ތަކެތި ހުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 1972-15ޖ. (އެކަށީގެންވާ އިމާރާތެއް ނުހަދައި އަދި މީހުން ނޫޅޭ ބިން ސަރުކާރަށް ހިފުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 1978-52 (މާލޭގެ ގޯތިގޯއްޗާއި ބިންބިމާއި އިމާރާތް ރަޖިސްޓަރީ ކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 1978-55 (މާލޭގެ ބަންޑާރަ ގޯތިގޯއްޗާއި ބިންބިމުން ވެލި، ގާ ނަގާ، ދީ، ވިއްކާ ހެދުން މަނާކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 1978-59 (ރާއްޖޭގެ ބިން ކޮންނަނިކޮށް ފެންނަ ތަކެއްޗާ ބެހޭ ގާނޫނު) އުވުނީއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

7 ވަނަ އިސްލާހު

8 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ބިިމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2002-01)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ބިމާއި އިމާރާތާއި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-186)
  2. ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-181)
  3. ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫން ދަނޑުބިން ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 1023/2019)
  4. ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 69/2018)
  5. އަލިމަސް އުފާ ކާނިވަލުގެ ސްޓޭޖް ހުރި ސަރަހައްދު ކުއްޔަށް ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރ 8/2018)
  6. ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ހިންގައި ބެލެހެއްޓުމަށް ކައުންސިލްތަކާ ހަވާލުކުރުމާއި، ކައުންސިލްތަކުން ބިން މިލްކުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 57/2017)
  7. ލޯކަލް ކައުންސިލުތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލުތަކާ ހަވާލުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 24/2011)
  8. މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރީގެ އުސޫލުން މުއާމަލާތު ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 137/2015)
  9. ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭގަވާއިދު (ގަވާއިދު ނަންބަރު 88/2016)
  10. ވިލިގިލީގައި ހުރި ސިނާއީ ބިންތައް ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 56/2017) 
  11. ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާބެހޭ ގަވާއިދު - 2008
  12. ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާއިބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2008-00)
  13. ބަންޑާރަ ގޯއްޗާއި އިމާރާތް ރަޖިސްޓަރީ ކުރުމާއި ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 0000-00)
  14. އެއްމެދު އިމާރާތާބެހޭ ގަވާއިދު (21 މޭއި 2006)
  15. ވިޔަފާރި ބަންޑާރަ ބިން އަމިއްލަ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2006-00)
  16. ނުއުފުލޭމުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2003-00)
  17. ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2003-00)
  18. ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2002-00)
  19. ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު