-

ޖަމްއިއްޔާތަކާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2003-01) 

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2022-03 ގެ 81 ވަނަ މާޢްދާއިން އުވާލެވިފައި)

(މި ގާނޫނުގެ 40 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 1982-26 އުވާލެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި ކްލަބު ފަދަ ތަންތަން ހެދުމާއި، ރަޖިސްޓްރީކުރުމާއި، ހިންގުމާބެހޭ ގާނޫނެވެ.

(ށ) މިގާނޫނަށް ކިޔާނީ "ޖަމްއިއްޔާތަކާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ޖަމްއިއްޔާ ހެދުމާއި ހިންގުން

ދިވެހިރާއްޖޭގައި އެއްވެސް ޖަމްއިއްޔާއެއް ހަދައި، ހިންގަންވާނީ،މިގާނޫނުގެ ދަށުން އެ ޖަމްއިއްޔާއެއް ރަޖިސްޓްރީކޮށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

3 ވަނަ މާއްދާ - ސަރުކާރުގެ ދާއިރާތަކުން ކުރަންޖެހޭ ކަންތައްތައް

ސަރުކާރުގެ އެކި ދާއިރާތަކުން، އެ ދާއިރާތަކުގެ ސިޔާސަތު ކަނޑައެޅުމުގައާއި، ވިލަރެސް

ކުރުމުގައާއި، ތަންފީޒުކުރުމުގައި، ރާއްޖޭގެ ތަރައްގީއަށް މަސައްކަތްކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފަައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތައް، ގާނޫނާއި ގަވާއިދުތައް ތަންދޭ ގޮތެއްގެ މަތިން، ކުރިއެރުވޭނެ ގޮތްތަކާއި، އެ ޖަމްއިއްޔާތަކަށް ހިތްވަރުދެވޭނެ ގޮތްތައް ހޯދައި ބަލައި، އެ ވަގުތުތަކަށް އެޅެންހުރި ފިޔަވަޅުތަކެއް އަޅަންވާނެއެވެ.

 

4 ވަނަ މާއްދާ - ހިންގާ ގަވާއިދު

ކޮންމެ ޖަމްއިއްޔާއެއްގައިވެސް، މިގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެކަށައަޅާފައިވާ ހިންގާ ގަވާއިދެއް އޮންނަންވާނެއެވެ.

 

5 ވަނަ މާއްދާ - ހިންގާ ގަވާއިދުގައި ހުންނަންވީ މައުލޫމާތާއި ބައިތައް

ކޮންމެ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދުގައި، ތިރީގައިވާ މައުލޫމާތާއި، ބައިތައް ހުންނަން ވާނެއެވެ.

(ހ)  ޖަމްއިއްޔާގެ ނަން

(ށ)  ޖަމްއިއްޔާގެ އޮފީސްކަމުގައި ރަޖިސްޓަރީކޮށްފައިވާ ތާނގެ ފުރިހަމަ އެޑްރެސް

(ނ)  ޖަމްއިއްޔާގެ މަގްސަދު ނުވަތަ މަގްސަދުތައް

(ރ)  ޖަމްއިއްޔާގެ އާމްދަނީއާއި މުދަލަކީ ޖަމްއިއްޔާގެ މެންބަރުންނާއި ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުންގެ މެދުގައި ބަހާލެވޭ އެއްޗެއް ނޫންކަން

(ބ)  ޖަމްއިއްޔާގެ މެންބަރުންނާއި، ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި ޖަމްއިއްޔާގެ މުއައްސިސުންނަށް، ޖަމްއިއްޔާގެ މުދަލާއި ފައިސާގެ މައްޗަށް މިލްކުވެރިކަމުގެ އެއްވެސް ހައްގެއް ލިބިފައިނުވާކަން

(ޅ)  ޖަމްއިއްޔާ އުވާލެވޭ ހާލަތެއްގައި، ޖަމްއިއްޔާގެ ދަރަނިތަކާއި ޒިންމާތައް އަދާކުރުމަށްފަހު، ޖަމްއިއްޔާގެ މިލްކުގައި އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ހުރިނަމަ، އެ މުދަލެއް ނުވަތަ ފައިސާއެއްގެ މިލްކުވެރިކަން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއަކަށް ނުވަތަ ސަރުކާރު ގަބޫލުކުރާ ހައިރާތު ފަންޑަކަށް ބަދަލު ކުރާނެކަން

(ކ)  ޖަމްއިއްޔާގެ މެންބަރުންނަށް ވެވޭގޮތާއި، މެންބަރުންގެ ގިންތީތައް

(އ)  މެންބަރުކަމުން ވަކިވެވޭ ގޮތާއި، ވަކިކުރެވޭގޮތް

(ވ)  މެންބަރުންގެ އަތުން ޗަންދާއެއް ނަގާކަން ނުވަތަ ނޫންކަން، ޗަންދާއެއް ނަގާނަމަ، ޗަންދާ ނަގާ އުސޫލާއި ޗަންދާގެ މިންވަރު

(މ)  ޖަމްއިއްޔާ ހިންގުމަށާއި، ޖަމްއިއްޔާގެ ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދާނެގޮތް

(ފ)  ޖަމްއިއްޔާގެ ހިންގާ ކޮމިޓީއާއި، ހިންގާ ކޮމިޓީގައި ހިމެނޭ މަގާމުތަކާއި، އެ މަގާމުތަކުގެ މަސްއޫލިއްޔަތުތައް

(ދ)  ހިންގާ ކޮމިޓީއަށް މެންބަރުން އައްޔަންކުރެވޭ ނުވަތަ އިންތިހާބުކުރެވޭ ގޮތާއި، ވަކިކުރެވޭގޮތް

(ތ)  ޖަމްއިއްޔާގެ އާންމު ޖަލްސާތަކާއި، އެ ޖަލްސާތައް ބޭއްވުމާއި، އެ ޖަލްސާތަކުގެ ގާނޫނީ އަދަދާއި، އެ ތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، އެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއިބެހޭ ގަވާއިދު

(ލ)  ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ ޖަލްސާތަކާއި، އެ ޖަލްސާތައް ބޭއްވުމާއި، އެ ޖަލްސާތަކުގެ ގާނޫނީ އަދަދާއި، ތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، އެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއިބެހޭ ގަވާއިދު

(ގ)  ޖަމްއިއްޔާގެ އާންމު ޖަލްސާތަކާއި ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ ޖަލްސާތަކުގައި ވޯޓުދެވޭގޮތާއި، އެ ޖަލްސާތަކުގައި ކަންކަން ފާސްކުރެވޭގޮތް

(ޏ)  ޖަމްއިއްޔާ އުވާލެވޭގޮތް

(ސ)  ހިންގާ ގަވާއިދަށް ބަދަލުގެނެވޭގޮތް

(ޑ)  ހިންގާ ގަވާއިދުގައި ހިމަނަންވާނެކަމަށް، މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ އެހެނިހެން މައުލޫމާތު

 

6 ވަނަ މާއްދާ - ޖަމްއިއްޔާ ރަޖިސްޓަރީކުރުން

(ހ)  ޖަމްއިއްޔާއެއް ރަޖިސްޓަރީ ކުރަން އެދޭ، މަދުވެގެން ދެމީހުން، ރަޖިސްޓަރީކުރަން އެދޭ ޖަމްއިއްޔާގެ ހިންގާ ގަވާއިދު، މިމާއްދާގެ (ނ) ގައި ބުނެފައިވާ ރަޖިސްޓަރީ ފީއާއެކު، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޖަމްއިއްޔާ ރަޖިސްޓަރީކުރުމަށް އެދި، ޖަމްއިއްޔާގެ ރަޖިސްޓްރާރަަށް ހުށަހަޅަންވާނެއެވެ. މިގޮތުން، ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭ ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްދެވޭނީ، އެ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައްތަކަކީ، އިސްލާމްދީނުގެ އުސޫލަކާ ނުވަތަ މިގާނޫނާ ނުވަތަ ރާއްޖޭގެ އެހެން ގާނޫނަކާ ހިލާފުކަންތައްތަކެއްކަމަށް ނުވާނަމައެވެ.

(ށ)  މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޖަމްއިއްޔާއެއް ރަޖިސްޓަރީކުރަން އެދި ހުށަހަޅާ މީހުންނަކީ، އުމުރުން 18   އަހަރު ފުރިފައިވާ މީހުން ކަމުގައި ވާންވާނެއެވެ.

(ނ)  މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ކޮންމެ ޖަމްއިއްޔާއަކުން، ރަޖިސްޓަރީ ފީގެ ގޮތުގައި 100 (އެއްސަތޭކަ) ރުފިޔާ ދައްކަންވާނެއެވެ.

 

7 ވަނަ މާއްދާ - ރަޖިސްޓަރީ ކޮށްދީފިކަން ބަޔާންކުރާ ސެޓްފިކެޓް

މިގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާޏްކޮށްފައިވާ ގޮތުގެމަތިން ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްދިނުމާ ގުޅިގެން އެ ޖަމްއިއްޔާއެއް ރަޖިސްޓަރީ ކޮށްފިކަން ބަޔާންކުރާ ސެޓްފިކެޓެއް އެ ޖަމްއިއްޔާއަކަށް ރެޖިސްޓްރާރ ދޫކުރައްވާނެއެވެ.

 

8 ވަނަ މާއްދާ - ހިންގާ ގަވާއިދު ބަދަލުކުރަން އެންގުން

8- ރަޖިސްޓަރީކުރުމަށް ހުށަހަޅާ ޖަމްއިއްޔާގެ ހިންގާ ގަވާއިދު ރަޖިސްޓަރީކޮށްދިނުމަށް ކުރިން، މިގާނޫނުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ ގަވާއިދަށް ބަދަލުގެނައުމަށް އެންގުމުގެ އިހްތިޔާރު ޖަމްއިއްޔާގެ ރެޖިސްޓަރާރަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ޖަމްއިއްޔާގެ ނަން

(ހ)  ޖަމްއިއްޔާއަށް ކިޔާ ނަމަކީ، ޖަމްއިއްޔާގެ ރެޖިސްޓްރާރ ގަބޫލުކުރާ ނަމަކަށް ވާންޖެހޭނެއެވެ. ޖަމްއިއްޔާއަށް ކިޔަން ހުށަހަޅާ ނަމަކީ، އެކަށީގެންނުވާ ނަމެއްކަމަށް ޖަމްއިއްޔާގެ ރެޖިސްޓަރާރަށް ފެނިއްޖެނަމަ އެ ނަމެއް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.

(ށ)  ކޮންމެ ޖަމްއިއްޔާ އަކުންވެސް، އެޖަމްއިއްޔާއެއްގެ އޮފީސް ހިންގާ ތަނެއްގައި އެ ޖަމްއިއްޔާގެ ނަން، ބޭރަށް ފެންނާނެހެން، ތާނައަކުރުން  ލިޔެފައި ބަހައްޓަންވާނެއެވެ.

 

10 ވަނަ މާއްދާ – ނަން ބަދަލުކުރުން

މިގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއެއްގެ އާންމު ޖަލްސާއަކުން ފާސްކުރާ ހާއްސަ ގަރާރަކުން އެ ޖަމްއިއްޔާއެއްގެ ނަން ބަދަލުކުރުމަށް ނިންމިދާނެއެވެ.

 

11 ވަނަ މާއްދާ - އާ ނަމެއް ރަޖިސްޓަރީ ކުރުން

10 ވަނަ މާއްދާގައި ބަޔާންކޮށްފައިވ ާގޮތުގެމަތިން، ޖަމްއިއްޔާއެއްގެ ނަން ބަދަލުކުރުމަށް ނިންމުމަށްފަހު، އެ ޖަމްއިއްޔާއަށް ކިޔުމަށް އެދޭ އާ ނަން ޖަމްއިއްޔާގެ ރެޖިސްޓްރާރަށް ހުށަހަޅުމުން، އެ ނަމަކީ އެކަށީގެންވާ ނަމެއް ކަމަށް ޖަމްއިއްޔާގެ ރެޖިސްޓްރާރަށް ފެނިއްޖެނަމަ،އެ ނަން ރަޖިސްޓަރީކޮށް، އެނަމުގައި ޖަމްއިއްޔާގެ

ރަޖިސްޓަރީއެއް، ޖަމްއިއްޔާގެ ރެޖިސްޓްރާރ ހަދައިދޭން ވާނެއެވެ. ޖަމިއްޔާގެ ނަން ބަދަލުކުރި ތާރީހު ކަމުގައި ބަލާނީ، އެ ނަމުގައި އެ ޖަމްއިއްޔާއެއްގެ ރަޖިސްޓަރީ ހަދައިދޭ ތާރީހެވެ.

 

12 ވަނަ މާއްދާ - ނަން ބަދަލުވުމުގެ ނަތީޖާ

މި ގާނޫނުގެ 10 ވަނަ މާއްދާއާއި 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޖަމްއިއްޔާގެ ނަން ބަދަލުކުރުމަކުން އެ ޖަމްއިއްޔާގެ އެއްވެސް ހައްގަކަށް ނުވަތަ ވާޖިބަކަށް، ނުވަތަ އެ ޖަމްއިއްޔާއަކުން ކުރާ، ނުވަތަ ކޮށްފައިވާ، ނުވަތަ އެޖަމްއިއްޔާއެއްގެ މައްޗަށް ކުރެވޭ، ނުވަތަ ކޮށްފައިވާ ދައްވާއަކަށް ބަދަލެއް ނާންނާނެއެވެ.

 

13 ވަނަ މާއްދާ - ރަޖިސްޓަރީވުމުގެ ނަތީޖާ

(ހ)  މިގާނޫނުގައިވާ ގޮތުގެމަތިން، ޖަމްއިއްޔާއެއް ރަޖިސްޓަރީވުމުން، އެ ޖަމްއިއްޔާއަކީ، އެ ޖަމްއިއްޔާއެއް ރަޖިސްޓަރީވެފައިވާ ނަމުގައި، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދުގައިވާ ކަންތައްތައް ހިންގުމާއި، ދައްވާ ކުރުމާއި، ދައްވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދުމާއި، ލިބިގަތުމާއި، ދެމިގެންވާގޮތަށް މުދ ާލިބިގަތުމާއި، މިކަންކަމުގެ ހައްގު ލިބިގެންވާ، މެންބަރުންނާ ވަކިން އުފެދިފައިވާ، ގާނޫނީގޮތުން އަމިއްލަ ށަހްސެކެވެ.

(ށ)  ޖަމްއިއްޔާގެ ހިންގާ ގަވާއިދު ރަޖިސްޓަރީވުމުން،އެ ގަވާއިދުގައިވާ މާއްދާތަކަށް އަމަލުކުރުމަކީ،އެ ޖަމްއިއްޔާއެއްގެ މައްޗަށާއި، އެ ޖަމްއިއްޔާއެއްގެ ކޮންމެ މެންބަރެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.

 

14 ވަނަ މާއްދާ - ނިށާން، ދިދަ، ކުލަ، މޮޓޯ

(ހ)  މިގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއަކަށް ވަކި ނިށާނެއް ނުވަތަ ދިދައެއް ނުވަތަ ކުލައެއް ނުވަތަ މޮޓޯއެއް ބޭނުންކުރެވޭނީ، އެ ނިށާނެއް ނުވަތަ ދިދައެއް ނުވަތަ ކުލައެއް ނުވަތަ މޮޓޯއެއް ޖަމްއިއްޔާގެ ރެޖިސްޓްރާރަށް ހުށަހަޅައި، ރަޖިސްޓްރީކުރުމަށް ފަަހުގައެވެ.

(ށ)  މިމާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވާ ނިށާނަކީ، ނުވަތަ ދިދައަކީ ނުވަތަ ކުލައަކީ ނުވަތަ މޮޓޯއަކީ އެކަށީގެންނުވާ އެއްޗެއްކަމަށް ޖަމްއިއްޔާގެ ރެޖިސްޓްރާރަށް ފެނިއްޖެނަމަ، އެ ނިށާނެއް ނުވަތަ ދިދައެއް ނުވަތަ ކުލައެއް ނުވަތަ މޮޓޯއެއް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.

 

15 ވަނަ މާއްދާ - ޖަމްއިއްޔާގެ މުއައްސިސުން

(ހ)  މި ގާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ޖަމްއިއްޔާއެއް ރަޖިސްޓަރީކުރަން އެދި ހުށަހަޅާ މީހުންނަކީ، އެ ޖަމްއިއްޔާއެއްގެ މުއައްސިސުންނެވެ.

(ށ)  މި ގާނޫނުގައިވާ ގޮތުގެމަތިން ޖަމްއިއްޔާއެއް ރަޖިސްޓަރީވާ ތާރީހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި، އެ ޖަމްއިއްޔާއެއްގެ އާންމު ޖަލްސާއެއް ބާއްވައި، އެ ޖަމްއިއްޔާއެއްގެ ގަވާއިދުގައިވާ ގޮތުގެމަތިން އެ ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީ އައްޔަންކޮށް، ނުވަތަ އިންތިހާބުކޮށް، ހިންގާ ކޮމިޓީއަށއައްޔަންކުރެވުނު ނުވަތަ އިންތިހާބު ކުރެވުނު މެންބަރުންގެ މައްލޫމާތު، އެ ޖަލްސާއެއްބާއްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޖަމްއިއްޔާގެ ރެޖިސްޓްރާރަށް އަންގަންވާނެއެވެ. އަދި އެއަށްފަހު ޖަމްއިއްޔާގެ ހިންގާ ކޮމިޓީއަށް އަންނަ ބަދަލުތަކާއި ގެނެވޭ ބަދަލުތައްވެސް، އެބަދަލެއް އަންނަ ދުވަހުން ނުވަތަ ގެނެވޭ ދުވަހުންފެށިގެން 30 ދުވަހުގެ ތެރޭގައި ޖަމްއިއްޔާގެ ރަޖިސްޓްރާރަށް އަންގަންވާނެއެވެ.

(ނ)  މި ގާނޫނުގައިވާ ގޮތުގެމަތިން ޖަމްއިއްޔާ ރަޖިސްޓްރީ ކުރުމުގައާއި، ޖަމްއިއްޔާ ރަޖިސްޓަރީވުމަށްފަހު، މި މާއްދާގެ (ށ) ގައި ބުނެފައިވާ އާންމު ޖަލްސާ ބާއްވައި، ޖަމްއިއްޔާގެ ފުރަތަމަ ހިންގާ ކޮމިޓީ އައްޔަން ކުރެވެންދެން ނުވަތަ އިންތިހާބުކުރެވެނެދެން،ޖަމްއިއްޔާގެ އެންމެހައި ކަންތައްތަކުގައި މަސްއޫލުވެ،ޒިންމާ އުފުލާނ،ީޖަމްއިއްޔާގެ މުއައްސިސުންނެވެ.ހިންގާ ކޮމިޓީ އައްޔަންވުމަށްފަހު،ނުވަތަ އިންތިހާބުވުމަށްފަހު، ޖަމްއިއްޔާގެ އެންމެހައި ކަންތައްތަކުގައި މަސްއޫލުވެ ޒިންމާ އުފުލާނީ، ޖަމްއިއްޔާގެ ހިިންގާ ކޮމިޓީންނެވެ.

 

16 ވަނަ މާއްދާ - މެންބަރުންގެ ރަޖިސްޓަރީ

(ހ)  ކޮންމެ ޖަމްއިއްޔާގައިވެސް،އެ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން އެޖަމްއިއްޔާއެއްގެ މެންބަރުކަން ލިބިފއިވާ މީހުންގެ ނަމާއި އެޑްރެސް އެނގޭގޮތަށް މެންބަރުންގެ ރަޖިސްޓަރީއެއް އޮންނަން ވާނެއެވެ.

(ށ)  ޖަމްއިއްޔާގެ ރެޖިސްޓަރާރ އެދިއްޖެ ހިނދެއްގައި، ޖަމްއިއްޔާގެ މެންބަރުންގެ ރަޖިސްޓަރީގެ ނަަކަލެއް ނުވަތަ ޖަމްއިއްޔާގެ މެންބަރުންގެ ލިސްޓެއް، އެ ޖަމްއިއްޔާއަކުން ޖަމްއިއްޔާގެ ރެޖިސްޓްރާރަށް ދޭންވާނެއެވެ.

 

17 ވަނަ މާއްދާ – ޗަންދާ

ކޮންމެ ޖަމްއިއްޔާއަކުންވެސް އެ ޖަމިއްއިއްޔާއެއްގެ ހިންގާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، އެ ޖަމްއިއްޔާއެއްގެ މެންބަރުންގެ އަތުން އެ ޖަމްއިއްޔާއަަކަށް ޗަންދާ ނެގިދާނެއެވެ.

 

18 ވަނަ މާއްދާ - ހިންގާ ގަވާއިދު ބަދަލުކުރުން

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި، ޖަމްއިއްޔާގެ އާންމު ޖަލްސާއެއްގައި ފާސްކުރާ ހާއްސަ ގަރާރަކުން ޖަމްއިއްޔާގެ ހިންގާ ގަވާއިދަށް ގެންނަން ކަނޑައަޅާ ބަދަލަކަށް ޖަމްއިއްޔާގެ ރެޖިސްޓަރާރުގެ ހުއްދަ ލިބުމުން، ޖަމްއިއްޔާގެ ހިންގާ ގަވާއިދަށް ބަދަލު ގެނެވިދާނެއެވެ.

 

19 ވަނަ މާއްދާ - ޖަމްއިއްޔާ ހެދުން މަނާކުރުން

މި މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދުތަކުގެ ތެރެއިން މަގްސަދެއްގައި އެއްވެސް ޖަމްއިއްޔާއެއް ހެދުމަކީ، ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަން ދެމެހެއްޓުމާއި އާންމު މަސްލަހަތު ހިފެހެއްޓުމަށްޓަކައި މަނާކަމެކެވެ.

(ހ)  އިސްލާމްދީނުގެ އަސްލަކާ ހިލާފުވުން، ނުވަތަ އިސްލާމްދީނަށް އިހާނެތިކޮށް ހިތުން، ނުވަތަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަނ ނަގާލުން، ނުވަތަ އެ އެއްބައިވަންތަކަމަށް އުނިކަމެއް ގެނައުން، ނުވަތަ އިސްލާމްދީން ނޫން އެހެން ދީނެއްގެ ފިކުރާއި ށިއާރު ދިވެހިރާއްޖޭގައި ފައުޅުކުރުން، ނުވަތަ ފެތުރުން

(ށ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއ ނުވަތަ ދިވެހިރާއްޖޭގެ ގާނޫނާ ހިލާފުވާ އެއްވެސް ކަމެއް ކުރުން

(ނ) ދިވެހިރާއްޖޭގެ ނުވަތަ ދިވެހި ދައުލަތުގެ މިނިވަންކަމާއި އަމިއްލަ ވެރިކަމާއި ސިޔާދަތަށް އެއްވެސް ކަހަލަ އުނިކަމެއް ލިބިދާނެ އެެއްވެސް ކަމެއް ކުރުން

(ރ) ދިވެހިރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް، ނުވަތަ ދިވެހިރައްޔިތުންގެ ތެރެއިން އެއްވެސް ބަޔަކު، ދިވެހި ދައުލަތުގެ ބާރުގެ ދަށުން ވަކިކުރުން

(ބ) ދިވެހި ދައުލަތުގެ ބޭނުމަކު މެނުވީ، އެއްވެސް ބާވަތެއްގެ އަސްކަރީ ތަމްރީނެއް ލިބިދިނުން، ނުވަތަ ލިބިގަތުން، ނުވަތަ އެއްވެސް ބާނަތެއްގެ އަސްކަރީ ހަރަކާތެއް ހިންގުން

(ޅ) ދިވެހި ރައްޔިތުންގެ ނުވަތ ދިވެހި ރައްޔިތުންގެ ތެރެއިން ވަކި ބައެއްގެ ހައްގުތަކަށް އުނިކަން ދިނުން، ނުވަތަ ރައްޔިތުންގެ ތެރޭގައި ފިތުނަވެރިކަން އުފެއްދުން

(ކ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، (ބ)، (ޅ)، ގައި ބުނެފައިވާ އެއްވެސް ކަމަކަށް ހިތްވަރުދޭ، ނުވަތަ އެއިންކަމެއް ކުރުމަށް ބާރު އެޅުން

 

20 ވަނަ މާއްދާ – ޖަމްއިއްޔާގެ މަސައްކަތް

މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންްކޮށްފައިވާ ގޮތުގެމަތިން ޖަމްއިއްޔާއެއް ރަޖިސްޓަރީވުމާއެކު، އެ ޖަމްއިއްޔާއެއްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި ޖަމްއިއްޔާގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކުރަން ފެށުމުގެ އިހްތިޔާރު، އެ ޖަމްއިއްޔާއަކަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ – ޖަމްއިއްޔާގެ ނަމުގައި ވިޔަފާރިކުރުން

(ހ)  މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ މަގްސަދެއް ހާސިލުކުރުމަށްޓަކައި ފައިސާ ހޯދުމުގެގޮތުން، އެ ޖަމްއިއްޔާއެއްގެ މެންބަރުންނަށް އާމްދަނީ ހޯދުމަށް ކުރެވޭ ކަމަކަށް ނުވާގޮތަށް، އަދި އެ ކުރެވޭ މުއާމަލާތެއްގެ ވިޔަފާރި ފައިދާ، އެ ޖަމްއިއްޔާއެއްގެ މެންބަރުންނަށް ނުލިބޭގޮތަށް، ދިވެހިރާއްޖޭގެ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެމަތިން، އެ ޖަމްއިއްޔާއަކުން ވިޔަފާރީގެ އެކިއެކި މުއާމަލާތު ހިންގުމަކީ، ހުއްދަ ކަމެކެވެ.

(ށ)  ޖަމްއިއްޔާއަކުން ހިންގާ މި މާއްދާގެ (ހ) ގައި ބުނެފައިވާފަދަ ވިޔަފާރީގެ މުއާމަލާތުތައް، އެ ޖަމްއިއްޔާއެއްގެ އެހެނިހެން މަސައްކަތްތަކާއި ހަރަކާތްތަކަށް ވުރެ އިތުރުވެ ފުޅާވެގެން ނުވާނެއެވެ. އަދި އެފަދަ ކޮންމެ މުއާމަލާތެއް އަބަދުވެސް ވާންޖެހޭނީ، އެ ޖަމްއިއްޔާގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި އެ ޖަމްއިއްޔާއަށް ފައިސާ ހޯދުމަށް  ހިންގޭ ވަކި މުއާމަލާތަކަށެވެ.

 

22 ވަނަ މާއްދާ - ބޭރުގެ އެހީ ހޯދުމާއި ބަލައިގަތުން

މި ގާނޫނުގެ ދަށުްނ ރަޖިސްޓަރީކޮށްފައިވާ އެއްވެސް ޖަމްއިއްޔާއަކުން ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކުން އެހީއެއް ހޯދަންވާނީ، ނުވަތަ ބަލައިގަންނަންވާނީ، ސަރުކާރުގެ ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

23 ވަނަ މާއްދާ - ޖަމްއިއްޔާގެ ދަރަނި

(ހ)  އެއްވެސް ޖަމްއިއްޔާއަކަސް އެއްވެސް ދަރަންޏެއް ނުވަތަ އެފަދަ ޒިންމާއެއް ނެގޭނީ، އެ ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީން ފާސްކޮށް، އެ ދަރަންޏެއް އަދާކުރާނެގޮތް ކަނޑައަޅާ ހަމަޖެއްސުމަށްފަހު، އެ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

(ށ) އެއްވެސް ޖަމްއިއްޔާއަކުން، އެ ޖަމްއިއްޔާއެއްގެ މިލްކުގައިވާ ފައިސާއާއި މުދަލުގެ ޖުމްލަ އަގަށްވުރެ ބޮޑު ދަރަންޏެއް ނުވަތަ މާލީ ޒިންމާއެއް ނެގޭނީ، އެ ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީން ފާސްކުރުމަށްފަހު، އެ ޖަމްއިއްޔާއެއްގެ އާންމު ޖަލްސާގެ ހާއްސަަ ގަރާރަކުން އެ ފާސްކުރުމަށް ތާއީދު ލިބިގެންނެވެ.

 

24 ވަނަ މާއްދާ - ހިންގާ ކޮމިޓީގެ މެންބަރުކަން

ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީގެ މެންބަރުކަށް ވެވޭނީ، މީލާދީގޮތުން 18 އަހަރު ފުރިފައިވާ، އެ ޖަމްއިއްޔާއެއްގެ މެންބަރަކު ކަމުގައިވާ މީހަކަށް، ނުވަތަ މެންބަރަކީ އެއްވެސް ބާވަތެއްގެ ޖަމާއަތެއްނަމަ، އެ މެންބަރުން އެ ޖަމްއިއްޔާއެއްގައި ތަމްސީލިކުރުމަށް އެ ޖަމާއަތްތަކުން އައްޔަންކޮށްފައިވާ މީހަކަށެވެ.

 

25 ވަނަ މާއްދާ - ޖަމްއިއްޔާގެ ގާނޫނީ ށަހްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން

ޖަމްއިއްޔާއެއް ރަޖިސްޓަރީވުމުން، އެ ޖަމްއިއްޔާއަކީ މި ގާނޫނުގެ 13 ވަނަ މާއަދާގައި ބަޔާންކޮށްެފައިވާ ގޮތުގެ މަތިން މެންބަރުންނާ ވަކިން އުފެދިފައިވާ، އަދި ގާނޫނީ ގޮތުން އަމިއްލަ ށަހްސިއްޔަތެއް ލިބިގެންވާ ފަރާތަކަށްވި ނަމަަވެސް، ނިވާފަތްގަނޑެއްގެގޮތުގައި އެ ށަހްސިއްޔަތުގެ ބޭނުން ހިފައިގެން ގާނޫނާ ހިލާފުކަމެއް ކޮށްފިނަމަ، އެކަމެއްގެ ޒިންމާ އުފުލަންޖެހޭނީ، އެކަމެއްކުރި މީހަކު، ނުވަަތަ ބަޔެކެވެ.

 

26 ވަނަ މާއްދާހިސާބުތައް ބެލެހެއްޓުން

ކޮންމެ ޖަމްއިއްޔާއަކުންވެސް، އެ ޖަމްއިއްޔާއަކަށް ލިބޭ އާމްދަނީއާއި، ފައިސާއާއި، ހަރަދުކުރާ ފައިސާގެ ތަފްސީލާއި، ޖަމްއިއްޔާގެ މުދަލާއި، ދަރަންޏާއި، އެހެނިހެން ޒިންމާތަކާބެހޭ ތަފްސީލު ސާފުކޮށް އެނގޭނެހެން، އެ ޖަމްއިއްޔާއެއްގެ ހިސާބުތައް ބަލަހައްޓަންވާނެއެވެ.

 

27 ވަނަ މާއްދާހިސާބުތައް އެކުލެވޭ ލިޔުންތައް ހުންނަންވީ ތަނާއި މުއްދަތު

ކޮންމެ ޖަމްއިއްޔާއެއްގެވެސް ހިސާބުތައް އެކުލެވޭ ލިޔުންތައް އެ ޖަމްއިއްޔާއެއްގެ ރަޖިސްޓަރީކޮށްފައިވާ އޮފީހުގައި، އެ ޖަމްއިއްޔާއެއްގެ މެންބަރުން އެދުމުން، އެ މެންބަރުންނަށް ބެލޭނެގޮތަކަށް، އެ ހިސާބުތައް ތައްޔާރުކުރާ ތާރީހަކުން ފެށިގެން، 5 އަހަރު ދުވަހުގެ މުއްދަަތަށް ބަހައްޓަންވާނެއެވެ.

 

28 ވަނަ މާއްދާ - އަހަރީ ހިސާބާއި އަހަރީ ރިޕޯޓް

ކޮންމެ ޖަމްއިއްޔާއަކުންވެސް، ކޮންމެ އަހަރަކުވެސް، އެޖަމްއިއްޔާއެއްގެ އާމްދަނީއާއި ހަރަދުގެ ހިސާބާއި، އެ ޖަމްއިއްޔާއެއް ހިނގިގޮތާއި، އެ ޖަމްއިއްޔާއެއްގެ މަސައްކަތުގެ އަހަރީ ރިޕޯޓެއް ތައްޔާރުކޮށް، އެ ހިސާބުތަކާއި، ރިޕޯޓް ހިންގާ ކޮމިޓީން ފާސްކޮށ،ް އެ ހިސާބުތަކާއި ރިޕޯރޓުގައި، ހިންގާ ކޮމިޓީގެ މެންބަރުން ސޮއިކޮށް، ޖަމްއިއްޔާގެ އާންމު ޖަލްސާއަކަށް ހުސަހަޅައި ފާސްކުރަންވާނެއެވެ.

 

29 ވަނަ މާއްދާ – ހިސާބުތަކާއި ރިޕޯޓު ރެޖިސްޓްރާރަށް ހުށަހެލުން

ކޮންމެ ޖަމްއިއްޔާއަކުންވެސް، މި ގާނޫނުގެ 28 ވަނަ މާއްދާގައި ބުނެފައިވާ އަހަރީ ހިސާބާއި އަހަރީ ރިޕޯޓާއި، މި ގާނޫނުގެ 30 ވަނަ މާއްދާގައި ބުނެފައިވާ އޮޑިޓަރުގެ ރިޕޯޓު، އެ މާއްދާތަކުގައި ބުނެފައިވާ ގޮތުގެމަތިން ހުށަހެޅުމަށް ބާއްވާ އާންމު ޖަލްސާ ބާއްވާތާ 30 ދުވަހުގެ ތެރޭގައި، ޖަމްއިއްޔާގެ ރެޖިސްޓްރާރަށް ހުށަހަޅަން ވާނެއެވެ.

 

30 ވަނަ މާއްދާ – އޮޑިޓްކުރުން

މި ގާނޫނުގެ ދަށުން ރަޖިސްޓްރީކުރާ ޖަމްއިއްޔާތަކުގެ ތެރެއިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އޮޑިޓްކުރަންޖެހޭކަމަށް ބުނާ ޖަމްއިއްޔާތައް، އެ ގަވާއިދުގައިވާ ގޮތުގެމަތިން އޮޑިޓްކޮށް، އޮޑިޓަރުގެ ރިޕޯޓު، ޖަމްއިއްޔާގެ އާންމު ޖަލްސާއަށް ހުށަހަޅަންވާނެއެވެ.

 

31 ވަނަ މާއްދާ – ޖަމްއިއްޔާއަކުން އެ ޖަމްއިއްޔާއެއް އުވާލުން

(ހ)  ޖަމްއިއްޔާއެއް އުވާލުމަށް އެ ޖަމްއިއްޔާއަކުން ކަނޑަނޭޅޭނީ، އެ ޖަމްއިއްޔާއެއް އުވާލުމަށްޓަކައި އެ ޖަމްއިއްޔާއެއްގެ ހިންގާ ގަވައިދުގައިވާ ގޮތުގެމަތިން އަމަލުކޮށް، އެ ޖަމްއިއްޔާއެއްގެ އާން ޖަލްސާއަކުން ފާސްކުރާ ހާއްސަ ގަރާރަކުންނެވެ.

(ށ)  މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަމްއިއްޔާއެއް އުވާލުމަށް އެ ޖަމްއިއްޔާއަކުން ކަނޑައެޅުމާއެކު، އެކަން އާންމުކޮށް އަންގާ އިއްލާނުކޮށް، އެ ޖަމްއިއްޔާއެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައްވާއެއް އޮތްތޯ ބެލުމަށްފަހު، އެ ޖަމްއިއްޔާއަކުން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ  ދަރަންޏެއް ނުވަތަ އެ ޖަމްއިއްޔާގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދައްވާއެއް އޮތްނަމަ، އެކަމެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހަމަޖެއްސުމަށްފަހު، އެ ހުށަހެޅުމުން، ޖަމްއިއްޔާއެއް އުވާލުމަށް އެދި ޖަމްއިއްޔާގެ ރެޖިސްޓްރާރަށް ހުށަހެޅުމުން، ޖަމްއިއްޔާ އުވާލުމަށްޓަކައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކޮށްފައިވާނަަމަ، ރެޖިސްޓްރާރ އެ ޖަމްއިއްޔާއެއް އުވާލައްވާނެއެވެ.

 

32 ވަނަ މާއްދާ - ޖަމްއިއްޔާގެ ރަޖިސްޓަރީ ބާތިލުކުރުން

(ހ)  ޖަމްއިއްޔާއެއް ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން 2 އަހަރު ވާއިރު، އެ ޖަމްއިއްޔާއަކުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ނުކުރާނަމަ، ނުވަތަ އެއިން އެއްވެސް ކަމެއް ނުކޮށް ވިދިވިދިގެން 2 އަހަރި ވެެއްޖެނަމަ ނުވަތަ އެއްވެސް ޖަމްއިއްޔާއަކުން ތަކުރާރުކޮށް މި ގާނޫނާ ނުވަތަ މިގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް އަމަލުކުރާނަމަ، ނުވަތަ މި ގާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއްކޮށްފިނަމަ، އެ ޖަމްއިއްޔާއެއްގެ ދަރަންޏާ މުދަލުގެ ކަންތައްތައް ހަމަޖެއްސުމަށް މުއްދަތެއް ކަނޑައަޅައި، އެ ޖަމްއިއްޔާއެއްގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު ޖަމްއިއްޔާގެ ރެޖިސްޓްރާރަށް ލިބިގެންވެއެވެ.

(ށ)  މި މާއްދާގެ (ހ) ގެ ދަށުން ޖަމިއިއްޔާއެއްގެ ރަޖިސްޓްރީ ބާތިލުކުރުމުން، އެ ޖަމްއިއްޔާއަކަށް، އެ ޖަމްއިއްޔާއަކަށް، އެ ޖަމިއިއްޔާއެއް މި ގާނޫނުގެ ދަށުން ރަޖިސްޓަރީވުމުން ލިބުނު އެންމެހައި ހައްގުތަކާއި އިމްތިޔާޒުތައް ނިމުމަކަށް އައިސް، އެ ޖަމްއިއްޔާއެއް އުވުނީއެވެ.

 

33 ވަނަ މާއްދާ ކޯޓުގެ އަމުރަކަށް ޖަމްއިއްޔާ އުވާލުން

މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއަކީ އެ ޖަމްއިއްޔާއެއްގެ ދަރަނި އަދާނުކުރެވޭ ޖަމްއިއްޔާއެއްކަމަށް ނުވަތަ އެ ޖަމްއިއްޔާއެއް ހިންގަނީ ގައިރު ގާނޫނީ މަގްސަދަކަށްޓަކައިކަމަށް ށަރީއަތަށް ސާބިތުވުމުން ނުވަތަ އެނޫންވެސް ސަބަބަކަށްޓަކައި ޖަމްއިއްޔާއެއް އުވާލުމަށް ކަމާބެހޭ ކޯޓަކުން އަމުރުކޮށްފިނަމަ އެ ޖަމްއިއްޔާއެއްގެ ދަރަންޏާއި މުދަލުގެ ކަންތައްތައް ހަމަޖެއްސުމަށް މުއްދަތެއް ކަނޑައަޅައި، އެ ޖަމްއިއްޔާއެއް، ޖަމިއިއްޔާގެ ރަޖިސްޓަރާރ އުވާލައްވާނެއެވެ.

 

34 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ޖަމްއިއްޔާ

(ހ)  ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި، ދިވެހި ސަރުކާރާވެވޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ދިވެހިރާއްޖޭގައި ހިންގާ ބޭރުގެ ޖަމްއިއްޔާތަކާއި ޖަމާއަތްތައް ފިޔަވައި، ދިވެހިރާއްޖެއިން ބޭރުގައި އުފައްދާފައިވާ ނުވަތަ ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއެއް ދިވެހިރާއްޖޭގައި ހިންގަންވާނީ، އެ ޖަމްއިއްޔާއެއް ދިވެހިރާއްޖޭގައި ހިންގުމުގެ ހުއްދަ، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ހޯދުމަށްފަހު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ބުނެފައިވާ މައްލޫމާތު، ޖަމްއިއްޔާގެ ރެޖިސްޓަރާރަށް ހުށަހަޅައި، ދިވެހިރާއްޖޭގައި ހިންގާ ބޭރު ޖަމްއިއްޔާއެއްގެ ގޮތުގައި، އެ ޖަމްއިއްޔާއެއް ރަޖިސްޓަރީ ކުރުމަށްފަހުއެވެ.

(ށ)  މި މާއްދާގެ (ހ) ގެ ދަށުން، ދިވެހިރާއްޖޭގައި، ހިންގާ ބޭރު ޖަމްއިއްޔާގެ ގޮތުގައި ރަޖިސްޓަރީކުރާ ޖަމްއިއްޔާތައްވެސް ދިވެހިރާއްޖޭގައި ހިންގަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރާ ޖަމްއިއްޔާތަކާއި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަންތައްތަކުގައި ތަފާތުކުރުމެއް ނެތިއެވެ.

 

35 ވަނަ މާއްދާ – އިސްތިސްނާ

ސާނަވީ މަދުރަސާތަކުން ފެށިގެން ދަށުގެ މަދުރަސާތަކުގެ ދަރިވަރުންގެ މެދުގައި އެ މަދުރަސާތަކުގައި ހިންގާ ޖަމްއިއްޔާތައް މި ގާނޫނުގައި އިސްތިސްނާ ވާނެއެވެ.

 

36 ވަނަ މާއްދާ - މިގާނޫނަށް އަމަލުކުރަން ފެށިއިރު ހުރި ޖަމްއިއްޔާ

(ހ)  މި ގާނޫނަށް އަމަލުކުރަން ފަށާއިރު، މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓުގައި، ގާނޫނު ނަންބަރު 1982-26 (ޖަމްއިއްޔާ، ކްލަބް، ޕާޓީފަދަ ޖަމާއަތްތައް ރަޖިސްޓަރީ ކުރުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ޖަމްއިއްޔާ، ކްލަބް، ޕާޓީފަދަ ޖަމާއަތްތައް، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

(ށ)  މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓުގައި ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާތަކުގެ ހިންގާ ގަވާއިދުތަކަށް މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބަދަލުގެނައުމަށްްފަހު، މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން، މީލާދީ 1 އަހަރު ދުވަހުގެ ތެރޭގައި އެ ގަވާއިދުތައް، ޖަމްއިއްޔާގެ ރެޖްސްޓްރާރަށް ހުށަހަޅަންވާނެއެވެ.

 

37 ވަނަ މާއްދާ – އަދަބު

(ހ)  މިގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ޖަމްއިއްޔާއަކުން ކުރަންޖެހޭ ކަމެއް ނުކޮށްފިނަމަ ނުވަތަ ވަކި މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭކަމެއް އެ މުައްދަތެއްގެ ތެރޭގައި ކުރަންޖެހޭކަމެއް އެ މުއްދަތެއްގެ ތެރޭގައި ނުކޮށްފިނަމަ، ނުވަތަ މިގާނޫނުގެ ދަށުުން ޖަމްއިއްޔާގެ ރެޖިސްޓްރާރަށް ލިބިފައިވާ އިހްތިޔާރެއްގެ ދަށުން އޭނާ ކުރާ އަމުރަކަށް ނުކިޔަމަންތެރި ވެއްޖެނަމަ، އެ ޖަމްއިއްޔާއެއް 500 (ފައްސަތޭކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު، ޖަމްއިއްޔާގެ ރެޖިސްޓްރާރަށް ލިބިގެންވެއެވެ. 

(ށ)  މި ގާނޫނުގައި ބުނެފައިވާ ގޮތުގެމަތިން ރަޖިސްޓްރީނުކޮށް ނުވަތަ މި ގާނޫނުގައި ބުނެފައިވާ ގޮތުގެމަތިން މެނުވީ، ދިވެހިރާއްޖޭގައި ޖަމްއިއްޔާއެއް ހަދައިފި ނުވަތަ ހިންގައިފި މީހެއްގެ އަދަބަކީ 2 އަހަރާއި، 5 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

38 ވަނަ މާއްދާ - ގަވާއިދު ހެދުން

މިގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ އެކަމަށް ކަނޑައަޅާ ފަރާތަކުންނެވެ.

 

39 ވަނަ މާއްދާ – މާނަ

މި ގާނޫނުގައި، އެ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާނަމަ:

(ހ) "ޖަމްއިއްޔާ" ކަމަށް ބުނެފައިވަނީ، ވިޔަފާރިކުރުމާއި ވިޔަފާރި ފައިދާ ނޫން މަގްސަދުތަކުގައި ގާނޫނުގައިވާ ގޮތުގެމަތިން ހަދާ ޖަމްއިއްޔާ، ކްލަބް ފަދަ ޖަމާއަތްތަކަށެވެ.

(ށ) "ޖަމްއިއްޔާގެ ރެޖިސްޓްރާރ" ކަމަށް ބުނެފައިވަނީ، މި ގާނޫނުގައި، ޖަމްއިއްޔާގެ ރެޖިސްޓަރާރ ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަށެވެ.

(ނ) "ހާއްސަ ގަރާރު" ކަމަށް ބުނެފައިވަނީ، ޖަމްއިއްޔާގެ އާންމު ޖަލްސާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރާ ކޮންމެ ގަރާރަކަށެވެ.

(ރ) "މީހާ" ނުވަތަ "މީހުން" ކަމަށް ބުނެފައިވަނީ، ގާނޫނީ ށަހްސުތައްވެސް ހިމެނޭގޮތަށެވެ.

(ބ) "އާންމުކޮށް އިއްލާންކުރުން" ކަމަށް ބުނެފައިވަނީ، މިގާނޫނުގެ ދަށުން ހަދާާ ގަވާއިދުގައި ކަނޑައަޅާފައިވާާ ގޮތުގެމަތިން، ރާއްޖޭގައި އާންމުކޮށް ނުކުންނަ ދުވަހު ނޫހެއްގައި ށާއިއުކޮށް، ރޭޑިއޯއާއި ޓެލެވިޒަނުން ފޮނުވުމަށެވެ.

(ޅ) "ހިންގާ ކޮމިޓީ" ކަމަށް ބުނެފައިވަނީ، ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދުގައިވާގޮތުގެމަތިން އެ ޖަމްއިއްޔާއެއް ހިންގުމަށް އައްޔަންކުރާ ނުވަތަ އިންތިހާބުކުރާ މަގާމުތަކަށް ޖުމްލަކޮށެވެ.

(ކ) "ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާ" މި ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޖަމްއިއްޔާތަކުގެ ތެރެއިން އާންމުވެގެންވާ މަންފާއަކަށް އުފައްދާފައިވާ ކޮންމެ ޖަމްއިއްޔާއަކަށެވެ.

 

40 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 1982-26 (ޖަމްއިއްޔާ، ކްލަބް،ޕާޓީ ފަދަ ޖަމާއަތްތައް ރަޖިސްޓަރީ ކުރުމުގެ ގާނޫނު) އުވުނީއެވެ.

 

އުވި ގާނޫނު

ޖަމްއިއްޔާތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2022-03)

 

އުވުނު ގާނޫނު

ޖަމްއިއްޔާ، ކްލަބް،ޕާޓީ ފަދަ ޖަމާއަތްތައް ރަޖިސްޓަރީ ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 1982-26)  

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ޖަމްއިއްޔާތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-180)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު