-

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2006-02)

 

1 ވަނަ މާއްދާ – ތައާރުފު

މިއީ ދިވެހިރާއްޖޭގައި ކެޕިޓަލް މާރކެޓް ކުރިއެރުވުމަށާއި، ކެޕިޓަލް މާރކެޓުގެ ހަރަކާތްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުމަށާއި، އަދި ކެޕިޓަލް މާރކެޓުގެ ހަރަކާތްތަކާ ގުޅޭގޮތުން ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމާއި އެހެނިހެން ކަންތައްތައް ކުރުމަށްޓަކައި ދިވެހިރާއްޖޭގައި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއެއް ގާއިމުކޮށް ހިންގުމާގުޅޭގޮތުން ހެދުނު ގާނޫނެކެވެ. އަދި މިއީ ދިވެހިރާއްޖޭގައި ސެކިއުރިޓީޒްގެ ވިޔަފާރިކުރުމާބެހޭ ގާނޫނެވެ.

 

2 ވަނަ މާއްދާ – ނަން

މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު" އެވެ.

 

ޗެޕްޓަރ 1 

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

 

3 ވަނަ މާއްދާ - އޮތޯރިޓީ އުފެދުމާއި ހައިސިއްޔަތު

މި ގާނޫނުން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނަމުގައި ނަންދެވިފައިވާ ވަކި ގާނޫނީ ށަހްސެއް އުފެދުނީއެވެ. މިތަނަކީ މެދުކެނޑުމެއްނެތި ހިނގަމުންދާނެ ގޮތެއްގައި އުފައްދާފައިވާ ތަނެކެވެ. އަދި މިތަނަކީ، މިތަނުގެ ނަމުގައި ދައްވާ ކުރުމާއި، ދައްވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދުމާއި، ލިބިގަތުމާއި، އެކިއެކި މުއާމަލާތުކުރުމާއި، މިކަންކަމުގެ ހައްގު ލިބިގެންވާ ފަރާތެެކެވެ.

 

4 ވަނަ މާއްދާ - އޮތޯރިޓީގެ މައިގަނޑު މަގްސަދުތައް

އޮތޯރިޓީގެ މައިގަނޑު މަގްސަދުތަކަކީ:

(ހ) ހަރުދަނާ އަދި އިންސާފުވެރި ގޮތެއްގައި ސެކިއުރިޓީޒް އުފައްދައި، ނެރެ، ގަނެ ވިއްކޭނެ ބާޒާރެއް އުފެއްދުމާއި؛

(ށ) ސެކިއުރިޓީޒް ގަނެ ވިއްކާ ފަރާތްތަކާއި ގަނެ ވިއްކަން ހުށަހަޅާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށާއި އިލްތިޒާމްތައް ކަނޑައެޅުމާއި؛

(ނ) ސެކިއުރިޓީޒްގެ ބާޒާރު އިންތިޒާމުކޮށް، ހިނގާ ނުހިނގާގޮތް ބެލުމާއި؛

(ރ) ސެކިއުރިޓީޒްގެ މުއާމަލާތުތަކުގައި ނޭދެވޭ އަމަލުތައް ކުރިޔަ ނުދިނުމާއި، ސެކިއުރިޓީޒްގެ ބާޒާރާމެދު އިތުބާރު ގެއްލޭފަދަ އަމަލު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.

 

5 ވަނަ މާއްދާ - އޮތޯރިޓީގެ އާންމު ބާރުތައް

އޮތޯރިޓީގެ މަގްސަދުތައް ހާސިލު ކުރުމަށްޓަކައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ހުރިހާބާރު، ގާނޫނާ އެއްގޮތްވާގޮތުގެ މަތިން އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑު

(ހ) އޮތޯރިޓީގެ ސިޔާސަތު ކަނޑައެޅުމަށް، މަސްއޫލުވާންޖެހޭ، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑެއް އޮންނަންވާނެއެވެ.

(ށ) ބޯޑުގެ މެންބަރުން އައްޔަންކުރާނީ، ވަޒީރުންގެ މަޖިލީހުގެ މަށްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) ބޯޑު އެކުލެވިގެންވަނީ ތިރީގައިމިވާ 7 މީހުންގެ މައްޗަށެވެ.

  1. ބޯޑުގެ ޗެއަރމަން؛
  2. އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ؛
  3. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުށަހަޅާ އެއޮތޯރިޓީގެ މީހެއް؛
  4. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ހުށަހަޅާ އެމިނިސްޓްްރީގެ މީހެއް؛
  5. ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް؛
  6. ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ ޕްރައިވެޓް ސެކްޓަރގައި، އިގްތިސާދީ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ތަޖުރިބާހުރި ގާބިލް މީހުންގެ ތެރެއިން އައްޔަންކުރާ 2 މީހުން؛

(ރ) މިމާއްދާގެ (ނ) ގެ ދަށުން ބޯޑަށް އައްޔަންކުރެވޭ މެންބަރުންނަކީ ތިރީގައިމިވާ ސިފަތައްހުރި މީހުންކަމުގައި ވާންވާނެއެވެ.

  1. މާލީ އިދާރާއެއްގައި މަސައްކަތްކޮށްފައިވާ ނުވަތަ ވިޔަފާރީގެ ދާއިރާގައި ގިނަދުވަސްތަކަކު މަސައްކަތްކޮށް، މާލީކަންތައްތަކާބެހޭ ތަޖުރިބާ ލިބިފައިވާ، އަދި މާލީ ކަންތައްތަކާބެހޭ ދާއިރާއަކުން ނުވަތަ ގާނޫނީ ނުވަތަ ވިޔަފާރީގެ ދާއިރާއަކުން މަތީ ތައްލީމު ހާސިލްކޮށްފައިވާ މީހަކު ކަމުގައިވުން؛
  2. އެމީހަކީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ އިލްމީ ފެންވަރާއި ލަޔާގަތު އަދި މަސައްކަތުގެ އަހްލާގު ހުރި މީހަކުކަމުގައިވުން؛
  3. އިފްލާސް ކުރެވިފައިވާ މީހަކު ކަމުގައިނުވުން؛
  4. ވޭތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައި ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ހިޔާނާތް ނުވަތަ ރިށްވަތުގެ ކުށެއް ށަރީއަތުން ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން؛
  5. އޮތޯރިޓީން ރެގިއުލޭޓްކުރާ އިދާރާއެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހެއް ކަމުގައިނުވުން؛
  6. އޮތޯރިޓީގެ ގަވާއިދުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ނުވަތަ އެހެންވެސް މަގާމެއްގައި ހުރި، ނުވަތަ އެފަދަ އިދާރާއެއްގައި އެތަނެއްގެ ޖުމްލަ %5 އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ އެމީހެއްގެ އަމިއްްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އައްޔަން ކޮށްފައިވާ ފަރާތެއްގެ ނުވަތަ ގުޅިފައިވާ ފަރާތެއްގެ ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހެއްކަމުގައި ނުވުން.

(ބ) މިމާއްދާގެ (ނ) ގެ ދަށުން އައްޔަންކުރާ ކޮންމެމީހަކު ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެވޭ މުއްދަތަކީ 6 އަހަރުދުވަހެވެ. އެގޮތުން އައްޔަންކުރެވޭ ކޮންމެ މެންބަރެއްވެސް އައްޔަންކުރެވޭނީ އެންމެ ގިނަވެގެން ދެ ދައުރަށެވެ.

(ޅ) ޑިރެކްޓަރުންގެ ބޯޑުގެ 4 މެންބަރުން ހަމަވެއްޖެނަމަ ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ގާނޫނީ އަދަދު ހަމަވީކަމަށް ބެލެވޭނެއެވެ.

(ކ) ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ޗެއަރމަންއެވެ. އޭނާއަށް ހާޒިރުވެވެންނެތް ހާލަތެއްގައި އެމަގާމު ފުރާނީ އެޖަލްސާއަށް ހާޒިރުވި މެންބަރުން، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އިންތިހާބުކުރާ ބޯޑުގެ މެންބަރެކެވެ. މިގޮތުން އިންތިހާބުކުރެވޭ މެންބަރަކީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކަމުގައިވެގެން ނުވާނެއެވެ.

(އ) މަދުވެގެން ކޮންމެ ތިންމަހުން އެއްފަހަރު ބޯޑުގެ ޖަލްސާއެއް ބާއްވަންވާނެއެވެ.

 

7 ވަނަ މާއްދާ - އޮތޯރިޓީ ހިންގުން

މި ގާނޫނާ އެއްގޮތްވާގޮތުގެމަތިން އޮތޯރިޓީ ހިންގާނޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އޮތޯރިޓީ ހިނގާތޯ ބަލައި އަދި ޖަލްސާތައް ބޭއްވުމުގެ ގަވާއިދުތައްހަދައި، ޖަލްސާތައް ބާއްވައި، ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓައި، އޮތޯރިޓީގެ ބޭންކް އެކައުންޓުތައް ހުޅުވައި އަދި ބަންދުކޮށް، ހިސާބުތައް ބަލަހައްޓައި ހިސާބުތައް އޮޑިޓްކުރުވުމަށް ބޭނުންވާ ހުރިހާ ކަމެއް ކުރުވުމަކީ ޑިރެކްޓަރުންގެ ބޯޑުގެ  މަސްއޫލިއްޔަތެކެވެ.

 

8 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ބޯޑުގެ ޗެއަރމަން

(ހ) ބޯޑުގެ ޗެއަރމަން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ)  

  1.  އޮތޯރިޓީން ދުވަހުން ދުވަހަށް ހިންގާ މަސައްކަތްތައް ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ހިންގާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރއެވެ.
  2.  ޗީފް އެގްޒެކެޓިވް އޮފިސަރ އައްޔަންކުރާނީ ޑިރެކްޓަރުންގެ ބޯޑުގެ މަށްވަރާގެެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

 

9 ވަނަ މާއްދާ - އޮތޯރިޓީގެ މަސްއޫލިއްޔަތާއި ވާޖިބު

އޮތޯރިޓީގެ މަސްއޫލިއްޔަތާއި ވާޖިބުތަކަކީ:

(ހ) ސެކިއުރިޓީޒް އާންމުންނަށް ފޯރުކޮށްދެވެނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމާއި؛

(ށ) ސެކިއުރިޓީޒްގެ ބާޒާރާއި އަދި ސްޓޮކް އެކްސްޗޭންޖާގުޅޭ މުއާމަލާތުތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ސެކިއުރިޓީޒްއާ ގުޅޭ މުއާމަލާތުތައް ހިނގަނީ، މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ހުޅުވާލެވިފައިވާ، އަދުލުވެރި، ހަމަހަމަ އަދި ހަރުދަނާ އުސޫލެއްގެމަތިންތޯ ބެލުމާއި؛

(ނ) ސެކިއުރިޓީޒްގެ މުއާމަލާތު ކުރުމުގައި ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތަކާއި ނޭދެވޭ އަމަލުތައް ހިންގިޔަނުދީ ހުއްޓުވުމަށްޓަކައި ފިޔަވަޅުއެޅުމާއި؛

(ރ) ސެކިއުރިޓީޒްގެ ވިޔަފާރިކުރާ ފަރާތްތަކާއި، ސެކިއުރިޓީޒްގެ ވިޔަފާރިކުރާ ފަރާތްތައް ތަމްސީލުކުރާ މީހުންނާއި، އިންވެސްޓް ކުރުމާބެހޭ ލަފާދޭ މީހުންނާއި، މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ހުއްދަ ލިބިފައިވާ އެހެނިހެން ފަރާތްތަކުގެ މަސައްކަތާއި، ފެންވަރު ވަކި ފަންނީ މިންގަނޑެއްގެ ތެރޭގައި ދެމެހެއްޓުމަށްޓަކައި ކޮންޓްރޯލުކޮށް ބެލެހެއްޓުމާއި؛

(ބ) މިގާނޫނުގެ ދަށުން ހުއްދަދެވިފައިވާ މީހުންގެ މާލީ ހާލަތު ބެލުމާއި، އެފަދަ މީހެއްގެ މާލީ ހާލަތު ރަނގަޅުނޫންކަމަށް ށައްކު އުފެދިއްޖެނަމަ ހިދްމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކަށް އެކަމުގެ ސަބަބުން ލިބިދާނެ އުނިކަމަކުން ހިމާޔަތްކުރުމަށް ފިޔަވަޅުއެޅުމާއި؛

(ޅ) ސެކިއުރިޓީޒްގެ ބާޒާރު ހިންގުމާގުޅޭގޮތުން ކަންތައްތައް ކުރަންވީ ގޮތުގެ އިރުށާދު، ސްޓޮކް އެކްސްޗޭންޖް ކުންފުންޏަށް ދިނުމާއި؛

(ކ) ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރެވިފައިވާ ކުންފުންޏަކާ ގުޅޭގޮތުން، އެއްކުންފުންޏެއްގެ ބާރުގެދަށަށް އެހެން ކުންފުންޏެއް ގެނައުމާއި، އެއްކުންފުނި އަނެއް ކުންފުންޏާ އެއްކޮށްލުމާއި، އެއްކުންފުންޏަކުން އަނެއްކުންފުންޏެއް ގަތުމާއި، އަދި މިނޫނަސް ވިޔަފާރިތައް ގުޅާލެވޭ އެކި ގޮތްގޮތާ ބެހޭގޮތުން ގަވާއިދު ހަދައި ފާސްކޮށް ހިންގުމާއި؛

(އ) ސެކިއުރިޓީޒްގެ ބާޒާރު ކުރިއެރުވުމަށްޓަކައި ގަވާއިދުތައް ހެދުމާއި، އުސޫލުތައް ކަނޑައެޅުމާއި؛

(ވ) އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި ނުވަތަ މިނިސްޓަރ  އަންގައިފި ހިނދެއްގައި، ސެކިއުރިޓީޒް ބާޒާރާބެހޭ ކަންތައްތައް ހޯދައި ބެލުމެވެ.

 

10 ވަނަ މާއްދާ - އޮތޯރިޓީގެ މާލީ ކަންކަން

(ހ)

  1. އޮތޯރިޓީގެ ހުއްދަ ދެވިފައިވާ ރައުސްމާލަކީ ހަ މިލިޔަން ރުފިޔާއެވެ. ނަމަވެސް ބޭނުންވީ މިންވަރަކަށް ބޯޑުގެ ފަރާތުން ހުށަހަޅައި ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދިނުމުން މިއަދަދަކީ އެކިފަހަރުމަތިން އިތުރު ކުރެވިދާނެ އަދަދެކެވެ. މިގާނޫނަށް ގެނެވޭ އިސްލާހަކުން މެނުވީ މިރައުސްމާލު އުންޏެއް ނުކުރެވޭނެއެވެ.
  2. އޮތޯރިޓީ އުފެދުމާއެކު އޮތޯރިޓީގެ ހުއްދަ ދެވިފައިވާ ރައުސްމާލަށް ސަރުކާރުން ތިން މިލިޔަން ރުފިޔާ ދޫކުރާނެއެވެ. އަދި މީގެ އިތުރަށްވެސް އެކިފަހަރުމަތިން ބޭނުން މިންވަރަކަށް ބޯޑުގެ ފަރާތުން ހުށަހަޅައި، ރައީސުލްޖުމްހޫރިއްޔާ ހުއްދަދޭ އަދަދެއް ސަރުކާރުން އޮތޯރިޓީއަށް ދޫކުރާނެއެވެ.

(ށ) އޮތޯރިޓީގެ އާމްދަނީއަކީ މިމާއްދާގައި ބަޔާންކުރާ ގޮތްގޮތުން ލިބޭ ފައިސާއެވެ.

  1.  އޮތޯރިޓީން ދޫކުރާ ހުއްދަތަކާ ގުޅޭގޮތުން ލިބޭ ފައިސާ؛
  2. މި ގާނޫނުގައިވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅާ ޖޫރިމަނާއަށް ލިބޭ ފައިސާ؛
  3. ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ރާއްޖެއިންނާއި ރާއްޖެއިންބޭރުން ލިބޭ އެހެނިހެން ފައިސާ؛
  4. މިމާއްދާގެ (ށ) ގެ (1)، (2) އަދި (3) އިން ލިބޭ ފައިސާއިން އޮތޯރިޓީ ހިންގުމުގެ ހަރަދުތައް ހަމަނުޖެއްސޭނެކަމަށް ބޯޑަށް ފެންނަނަމަ، ބޯޑުން އެއިރަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ސަރުކާރުން ކަނޑައަޅާ ބަޖެޓުން ލިބޭ ފައިސާއެވެ.

(ނ)  

  1. އޮތޯރިޓީގެ އާންމު ރިޒާރވްއެއް ގާއިމްކޮށް، ކޮންމެ މާލީ އަހަރެއް ނިމުމާއެކު، އާންްމު ރިޒާރވްއަށް، އެއަަހަރެއްގެ އޮތޯރިޓީގެ ސާފު ފައިދާގެ ސަތޭކައަކުން ފަންސާސް ޖަމާކުރަންވާނެއެވެ. މިގޮތުން ޖަމާކުރެވޭނީ އޮތޯރިޓީގެ އާންމު ރިޒާރވް ހުއްދަ ދެވިފައިވާ ރައުސްމާލުގެ ދެގުނައާ އެއްވަރުވަންދެނެވެ. މިއަށްފަހު، ކޮންމެ އަހަރަކު ސާފު ފައިދާގެ ސަތޭކައަކުން ފަންސަވީސް، އާންމު ރިޒާރވްއަށް ޖަމާކުރަންވާނެއެވެ.
  2. މިމާއްދާގެ (ނ) ގެ (1) ގައި ބަޔާންކޮށްފައިވާފަދައިން ކޮންމެ އަހަރެއްގެ ސާފު ފައިދާގެ ތެރެއިން އާންމު ރިޒާރވްއަށް ޖަމާކުރަންވާބައި ޖަމާކުރުމަށްފަހު، ބާކީ އޮތްބައި ސަރުކާރަށް ދައްކަންޖެހޭނެއެވެ.
  3. މާލީ އަހަރެއް ހުސްވާއިރު، އޮތޯރިޓީގެ އާންމު ރިޒާރވްއަށްވުރެ ސާފު ގެއްލުން ބޮޑުވެއްޖެނަމަ، އެހެންފަރާތަކަށް އޭގެ މިލުކުވެރިކަން ބަދަލުނުކުރެވޭނެ، އަދި ފައިދާއާ ނުލާ ދޫކުރެވޭ ސެކިއުރިޓީން، އެ ބޮޑުވި އަދަދެއް ސަރުކާރުން އޮތޯރިޓީއަށް ދޫކުރާނެއެވެ.

 

11 ވަނަ މާއްދާ - އޮތޯރިޓީގެ އަހަރީ ރިޕޯޓާއި ހިސާބު

(ހ) ވޭތުވެދިޔަ އަހަރު އޮތޯރިޓީ ހިންގިގޮތުގެ ރިޕޯޓެއް، އޮޑިޓް ކުރެވިފައިވާ ހިސާބުތަކާއެކު، ކޮންމެ މާލީ އަހަރެއް ނިމޭތާ 4 މަސްދުވަހުގެ ތެރޭގައި އޮތޯރިޓީން ތައްޔާރުކޮށް ބޯޑަށް ހުށަހަޅައި ބޯޑުން ފާސްކުރަންވާނެއެވެ. އަދި އެ ރިޕޯޓު ބޯޑުން ފާސްކުރުމުން އާންމުކޮށް ށާއިއު ކުރަންވާނެއެވެ.

(ށ) ކޮންމެ އަހަރަކު އެއްފަހަރު އޮތޯރިޓީގެ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އަދި ބޯޑުން އެކަމަށް އައްޔަންކުރާ އެކައުންޓެންޓަކު ލައްވައި އޮޑިޓްކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - އޮތޯރިޓީ އަދި އޮތޯރިޓީގެ މުވައްޒަފުންނާއި އޮތޯރިޓީގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބިދޭ ގާނޫނީ ހިމާޔަތް 

މި ގާނޫނު ނުވަތަ މިގާނޫނުގެދަށުން ހަދާ ގަވާއިދަކާ ގުޅިގެން އޮތޯރިޓީއަށް ލިބިދޭ ބާރެއްގެ ބޭނުން ނުބައި ނިޔަތެއްނެތި  ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތަށް އެކަށީގެންވާ ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު، އެމަސްއޫލިއްޔަތެއް އަދާކުރުމުގައި ދިމާވާ، ނުވަތަ މެދުވެރިވާ ގެއްލުމެއްގެ ޒިންމާ، އޮތޯރިޓީ ނުވަތަ އޮތޯރިޓީގެ މުވައްޒަފުން އަދި އޮތޯރިޓީގެ ނަމުގައި މަސައްކަތްކުރާ ފަރާތްތަކުންވެސް އުފުލާކަށް ނުޖެހޭނެއެވެ. ނަމަވެސް އެމައްސަލައެއްގައި ށަރީއަތުން އެފަރާތެއްގެ މައްޗަށް ކުށެއް ސާބިތުވެއްޖެނަމަ، އެކުށެއްގެ ޒިންމާ އުފުލާނީ އެފަރާތެކެވެ.

 

13 ވަނަ މާއްދާ - މުވައްޒަފުންނާއި އޮފިސަރުން އައްޔަންކުރުމުގެ ބާރު

އޮތޯރިޓީގެ އެކިއެކި މަސައްކަތް އެދެވޭ ގޮތުގައި ހިންގުމަށް އެވަގުތަކު ބޭނުންވާ މީހުންނަށް ވަޒީފާދީ، ވަކިކޮށް، މުސާރަދޭނޭ މިންވަރާއި ގޮތްތައް ކަނޑައަޅައި، އަދި ވަޒީފާ ދިނުމާއި، ވަޒީފާ އަދާކުރުމުގެ ށަރްތުތައް އެކަށައަޅައި ހަދާނީ ބޯޑުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

 

14 ވަނަ މާއްދާ - މަގްސަދާ ހިލާފު އަމަލު

(ހ) ބޯޑުގެ އެއްވެސް މެންބަރަކު، މި ގާނޫނުގެ ދަށުން ހިންގާ އެއްވެސްކަމަކާ ގުޅިގެން އެމީހެއްގެ ވާޖިބު އަދާކުރުމުގައި، މާލީ، ނުވަތަ ޒިރާއީ، ނުވަތަ ސިނާއީ، ނުވަތަ ވިޔަފާރިއާއި ވިޔަފާރި ހިންގުމުގެ ދާއިރާގައި ހިމެނޭ ފަރާތެއްގެ، ނުވަތަ މިނޫންވެސް ފަރާތެއްގެ އިރުށާދު ލިބިގަނެ، ގަބޫލުކޮށްގެން ނުވާނެއެވެ. ނަމަވެސް، އޮތޯރިޓީއަށް ނުވަތަ ބޯޑަށް ލަފާދިނުމަށްޓަކައި އައްޔަންކުރެވޭ އެޑްވައިޒަރުންނާއި ކޮންސަލްޓަންޓުންނާއި އެކްސްޕާރޓުންނާ މަށްވަރާކޮށް އިރުށާދު ލިބިގަތުމަށް މި މާއްދާއިން ހުރަހެއް ނާޅައެވެ.

(ށ) ބޯޑުން ގޮތެއް ނިންމަންޖެހޭ މައްސަލައެއްގައި، ވިޔަފާރި ނުވަތަ ވިޔަފާރިއާގުޅޭ ރޮނގެއްގައި، ނުވަތަ މާލީ، ނުވަތަ ޒިރާއީ، ނުވަތަ  ސިނާއީ، ނުވަތަ މިނޫންވެސް ރޮނގެއްގައި، މި ބޯޑުގެ މެންބަރަކާ ސީދާ، ނުވަތަ ނުސީދާ ގޮތެއްގައި ގުޅުމެއްވާނަމަ، އެމައްސަލައެއް ނުވަތަ އެމައްސަލައަކާ ގުޅުންހުރި މައްސަލައެއް މަށްވަރާކުރާ ބޯޑުގެ ޖަލްސާއެއް ފެށުމުގެ ކުރިން، އެމެންބަރަކު އެކަން ބޯޑަށް ފުރިހަމައަށް ހާމަކޮށްދޭންވާނެއެވެ. އަދި އެމައްސަލައެއް ނުވަތަ އެމައްސަލައަކާ ގުޅުންހުރި މައްސަލައެއް މަށްވަރާކޮށް ނިންމާއިރު އެމެންބަރަކު ޖަލްސާގައި  ބައިވެރިވެގެންނުވާނެއެވެ.

(ނ) ބޯޑުގެ އެއްވެސް މެންބަރަކު، ނުވަތަ އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު، މި ގާނޫނުގެ ދަށުން އޭނާގެ ވާޖިބު އަދާކުރުމުގައި ވަކިފަރާތަކަށް ބުރަވެވިދާނެ ފަދަ ގޮތެއްގައި، އެއްވެސް ބާވަތެއްގެ   ހަދިޔާއެއް، ނުވަތަ މަންފާއެއް ލިބޭފަދަކަމެއް، އޭނާގެ އަމިއްލަ ނަމުގައި، ނުވަތަ އޭނާ އިނދެގެންއުޅޭ މީހެއްގެ، ނުވަތަ އޭނާގެ ދަރިއެއްގެ ނަމުގައި،  ނުވަތަ ވިޔަފާރީގެ ގޮތުން، ނުވަތަ މާލީގޮތުން އެމީހަކާ ގުޅުމެއްއޮތް މީހެއްގެ ނަމުގައި، ގަބޫލުކޮށްގެން ނުވާނެއެވެ.

(ރ) މި މާއްދާއާ ހިލާފުވުމަކީ ކުށެކެވެ. މިފަދަ ކުށެއްގެ އަދަބަކީ 25,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ، 3 މަހާއި 1 އަހަރާާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

15 ވަނަ މާއްދާ - ސިއްރު    

ގާނޫނީގޮތުން ކޯޓަކަށް ބޭނުންވެއްޖެ ހިނދެއްގައިމެނުވީ، ނުވަތަ މި ގާނޫނުގެދަށުން އޭނާގެ ވާޖިބުތައް އަދާކުރުމުގެ ގޮތުންމެނުވީ، ބޯޑުގެ އެއްވެސް މެންބަރަކު، ނުވަތަ އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު، އޮތޯރިޓީގައި އޭނާ އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގައި އެނގިފައިވާ، ނަމަވެސް އާންމުކޮށް ހާމަކޮށްފައިނުވާ އޮތޯރިޓީގެ މުހިންމު މައްލޫމާތެއް އެއްވެސް ފަރާތަކަށް ހާމަކުރުމަކީ ކުށެކެވެ. މިފަދަ ކުށެއްގެ އަދަބަކީ 1 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75,000 ރުފިޔާއިން ޖޫރިމަނާކުރުމެވެ.

 

ޗެޕްޓަރ 2 

ހިއްސާގެ ވިޔަފާރިކުރުމުގެ ވަގުތީ ވަސީލަތް

 

16 ވަނަ މާއްދާ - ހިއްސާގެ ވިޔަފާރިކުރުމުގެ ވަގުތީ ވަސީލަތް

(ހ) މިގާނޫނުގެ 3 ވަނަ ޗެޕްޓަރުގެ ދަށުން ހުއްދަ ކުރެވިފައިވާ ސްޓޮކް އެކްސްޗޭންޖެއް ގާއިމްކުރެވެންދެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކެޕިޓަލް މާރކެޓް ޑިވިޒަންގެ ދަށުން ހިންގާ ސެކިއުރިޓީޒް ޓްރޭޑިންގ ފްލޯރއާއި ހިއްސާގެ ޑިޕޮސިޓަރީ، އަދި ހިއްސާގެ ބާޒާރާބެހޭ އެހެނިހެން މަސައްކަތްތައް ހިއްސާގެ ވިޔަފާރިކުރުމުގެ ވަގުތީ ވަސީލަތްތަކަށް ބަދަލުވާނެއެވެ. އަދި މިވަސީލަތް ހިންގާނީ އޮތޯރިޓީންނެވެ. މިވަސީލަތް ހިންގޭނީ ގިނަވެގެން 2 އަހަރު ދުވަހުގެ މުއްދަތަށެވެ.

(ށ) މިގާނޫނުގެ 19 ވަނަ މާއްދާއާއި 24 ވަނަ މާއްދާ ފިޔަވައި، އެހެން ހުރިހާ މާއްދާއެއް މިމާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ހިއްސާގެ ވިޔަފާރިކުރުމުގެ ވަގުތީ ވަސީލަތުގެ މައްޗަށް ހިންގޭނެއެވެ.

(ނ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހިއްސާގެ ވިޔަފާރިކުރުމުގެ ވަގުތީ ވަސީލަތުގައި ސެކިއުރިޓީޒްގެ ވިޔަފާރި ރަނގަޅުގޮތުގައި ހިންގުމުގެ ބޭނުމުގަޔާއި، މިކަމާގުޅިގެން އިންވެސްޓަރުންގެ ރައްކަލަކަށްޓަކައި އެކަށޭނަކަމަށް އޮތޯރިޓީއަށް ފެންނަ ގަވާއިދު ހެދިދާނެއެވެ.

(ރ) މިގާނޫނުގެ ދަށުން ސްޓޮކް އެކްސްޗޭންޖެއް ގާއިމްކުރުމުން ހިއްސާގެ ވިޔަފާރިކުރުމުގެ ވަގުތީ ވަސީލަތުގެ ހިންގުން މިމާއްދާގެ (ނ) ގައި ބުނެފައިވާ ގަވާއިދުތަކާ އެއްގޮތަށް ސްޓޮކްއެކްސްޗޭންޖަށް ބަދަލުކުރެވޭނެއެވެ.

 

17 ވަނަ މާއްދާ - ހިއްސާގެ ބާޒާރު ގާއިމްކޮށް ބެލެހެއްޓޭނީ ހަމައެކަނި ސްޓޮކް އެކްސްޗޭންޖަކުން ނުވަތަ ހިއްސާގެ ވިޔަފާރި ކުރުމުގެ ވަގުތީ ވަސީލަތަކުން

(ހ) މި ޗެޕްޓަރުގައިވާ ގޮތުގެމަތިން ހުއްދަކުރެވިފައިވާ ހިއްސާ ވިއްކުމުގެ ވަގުތީ ވަސީލަތުން ނުވަތަ މި ގާނޫނުގެ ޗެޕްޓަރ 3 ގައިވާ ގޮތުގެމަތިން ހުއްދަކޮށްފައިވާ ސްޓޮކް އެކްސްޗޭންޖަކުން މެނުވީ، އެއްވެސް ފަރާތަކުން ހިއްސާގެ ބާޒާރެއް ގާއިމްކޮށްގެންނުވާނެއެވެ. ނުވަތަ އެފަރާތަކީ އެފަދަ ހިދުމަތް ބަލަހައްޓާ، ނުވަތަ އެފަދަ ތަނެއްގެ ހިދުމަތް ފޯރުކޮށްދޭފަދަ ފަރާތެއްކަމުގައި ދައްކައިދީގެން ނުވާނެއެވެ.

(ށ) މި ޗެޕްޓަރުގައިވާ ގޮތުގެމަތިން ހުއްދަކުރެވިފައިވާ ހިއްސާ ވިއްކުމުގެ ވަގުތީ ވަސީލަތުން ނުވަތަ މިގާނޫނުގެ ޗެޕްޓަރ 3 ގައިވާ ގޮތުގެމަތިން ހުއްދަކޮށްފައިވާ ސްޓޮކް އެކްސްޗޭންޖަކުން މެނުވީ އެއްވެސްފަރާތަކުން ހިއްސާގެ ބާޒާރެއް ގާއިމްކުރުމަށް އެހީތެރިވެދީގެން ނުވާނެއެވެ.

(ނ) މިމާއްދާއާ ހިލާފުވުމަކީ ކުށެކެވެ. މިމާއްދާގެ (ހ) އާ ހިލާފުވުމުގެ ކުށުގެ އަދަބަކީ ފަރުދެއްނަމަ 75,000 ރުފިޔާއާއި 150,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 1 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ މިދެކަންތަކެވެ. މިފަދަ ކުށެއްކުރި ކުންފުންޏެއް ނުވަތަ އެފަދަ ޖަމާއަތެއްގެ އަދަބަކީ 100،000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި މިމާއްދާގެ (ށ) އާ ހިލާފުވާ ފަަރާތެއްގެ ކުށުގެ އަދަބަކީ 125،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

ޗެޕްޓަރ 3

 ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖް

 

18 ވަނަ މާއްދާ - ސްޓޮކް އެކްސްޗޭންޖް ގާއިމުކުރުމަށް އޮތޯރިޓީން އިއްލާނު ކުރުން

(ހ) ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖް ގާއިމުކުރުމަށް ހަވާލުކުރާނީ ދިވެހިރާއްޖޭގެ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އާންމުކޮށް އިއްލާނު ކޮށްގެން ކަނޑައެޅިފައިވާ އުސޫލެއްގެމަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ފަރާތަކާއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެކަށީގެންވާ ރަނގަޅު ހުށަހެޅުމެއް ލިބިފައިނެތްކަމަށް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން، ސަރުކާރުގެ ސްޓޮކް އެކްސްޗޭންޖެއް އުފައްދާ ކުރިއަށް ގެންދެވިދާނެއެވެ. އަދި މިގޮތުން އުފެދޭ ސްޓޮކް އެކްސްޗޭންޖް، މިގާނޫނުގެ 19 ވަނަ މައްދާގެ (ހ) އިން އިސްތިސްނާވާނެއެވެ.

 

19 ވަނަ މާއްދާ - ސްޓޮކް އެކްސްޗޭންޖް ގާއިމުކުރުން

މިނިސްޓަރުގެ މަށްވަރާއާއެކު، މި ގާނޫނުގެ ދަށުން ސްޓޮކް އެކްސްޗޭންޖެއް ގާއިމުކޮށް ހިންގުމަށްޓަކައި ގާނޫނު ނަންބަރު 10/96 ގެ ދަށުން އުފެދިފައިވާ ކުންފުންޏަކަށް އޮތޯރިޓީން ހުއްދަދެވިދާނެއެވެ. ސްޓޮކް އެކްސްޗޭންޖެއްގެ ގޮތުގައި ހުއްދަ ހޯދަން ހުށަހެޅޭނީ، ތިރީގައިވާ ށަރްތުތައް ފުރިހަމަވާ ކުންފުންޏަކަށެވެ.

(ހ) ހުއްދަ ހޯދަން ހުށަހަޅާ ކުންފުނީގެ މަދުވެގެން ތިން މެންބަރުންނަކީ، އެކަކު އަނެކަކާ ވަކިން އަދި ވާދަވެރިގޮތުގައި ސެކިއުރިޓީޒްގެ ވިޔަފާރި ހިންގާނެ ކުންފުނިތަަކެއްކަމުގައިވުން.

(ށ) ހުއްދަ ހޯދަން ހުށަހަޅާ ކުންފުނީގެ ހިންގާގަވާއިދާއި އަސާސީ ގަވާއިދަކީ، އޮތޯރިޓީން އަންގާ ނުވަތަ ހުއްދަކުރާ ގޮތުގެމަތިން އެކުލެވިގެންވާ، އަދި އޮތޯރިޓީގެ ހުއްދަނެތި ބަދަލު ނުވަތަ އިސްލާހު ނުގެނެވޭނެ ގަވާއިދު ތަކަކަށްވުން.

(ނ) މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ސްޓޮކް އެކްސްޗޭންޖުގެ ގަވާއިދުގައި ކަނޑައެޅިފައިވުން.

 

20 ވަނަ މާއްދާ - ސްޓޮކް އެކްސްޗޭންޖް ކުންފުނި

(ހ) ސްޓޮކް އެކްސްޗޭންޖް އުފެއްދޭނީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 10/96) ގެ ދަށުންނެވެ.

(ށ) މި ގާނޫނުގައިވާ ގޮތުގެމަތިން ސްޓޮކް އެކްސްޗޭންޖް އެކުލަވާލުމުގައި ސްޓޮކް އެކްސްޗޭންޖުގެ މަގްސަދުތައް ހާސިލުކުރުމާއި، ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމާއި، އަދި އެހެނިހެން ބާރުތަކަށް އަމަލުކުރަންވާނީ، މި ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

(ނ) ތިރީގައިވާ ކަންތައްތައް ކުރުމުގެ ހައްގާއި ބާރު، ސްޓޮކް އެކްސްޗޭންޖް ކުންފުންޏަށް ލިބިދެވޭނެއެވެ.

  1.  ސްޓޮކް އެކްސްޗޭންޖް ހިންގައި ބެލެހެއްޓުން.
  2.  އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން، ސެންޓްރަލް ޑިޕޮސިޓަރީއެއް ހިންގުމަށް ކުންފުންޏެއް ގާއިމްކުރުން.

 

21 ވަނަ މާއްދާ - ސްޓޮކް އެކްސްޗޭންޖް ކުންފުނި ބަލަހައްޓައި ސުޕަވައިޒްކުރުން

(ހ) ސްޓޮކް އެކްސްޗޭންޖެއްގެ ގޮތުގައި ކުންފުންޏެއް ހުއްދަކުރެވިއްޖެނަމަ އޮތޯރިޓީގެ ފަރާތުން އެކަން ހުއްދަކުރިކަން އާންމުކޮށް އިއްލާނު ކުރަންވާނެއެވެ. އަދި މިގޮތުގެމަތިން ދެވޭ ހުއްދައެއް ބާތިލު ކޮށްފިނަމަ ނުވަތަ މެދުކަނޑާލައިފިނަމަ އެކަންވެސް އާންމުކޮށް އިއްލާނު ކުރަންވާނެއެވެ.

(ށ) ސްޓޮކް އެކްސްޗޭންޖް ކުންފުންޏަކުން، މި ގާނޫނާއި ނުވަތަ މި ގާނޫނުގެދަށުން ހަދާ ގަވާއިދަކާ ހިލާފުވެއްޖެނަމަ މި ގާނޫނުގެ 19 ވަނަ މާއްދާގެދަށުން އެފަރާތަކަށް އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ސްޓޮކް އެކްސްޗޭންޖް ކުންފުންޏަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލްކުރަންޖެހިއްޖެ ހިނދެއްގައި، ޑީލަރުކަމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާ ތަކަށް، ނުވަތަ އެކަށީގެންވާކަމުގައި އޮތޯރިޓީއަށް ފެންނަ  އެހެން ފަރާތަކަށް، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ އުސޫލުތަކެއްގެމަތިން، ސްޓޮކް އެކްސްޗޭންޖެއްގެ މަސައްކަތް މެދުނުކެނޑޭފަދަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ ވަގުތީ ހުއްދައެއް ދެވިދާނެއެވެ.

(ރ) މިމާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އޮތޯރިޓީން ސްޓޮކް އެކްސްޗޭންޖް ކުންފުންޏަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށްފިނަމަ، އެކަން   އަންގާތާ 30 ދުވަހުގެ ތެރޭގައި އެގޮތް ބަދަލުކޮށްދިނުން އެދި ށަރުއީ ކޯޓަށް ހުށަހެޅުމުގެ ހައްގު   އެކުންފުންޏަކަށް ލިބިގެންވެއެވެ.

 

22 ވަނަ މާއްދާ - ސްޓޮކް އެކްސްޗޭންޖް ކުންފުނީގެ މަގްސަދުތައް

ސްޓޮކް އެކްސްޗޭންޖް ކުންފުނީގެ މަގްސަދުތަކަކީ:

(ހ) ސްޓޮކް އެކްސްޗޭންޖުގައި ސެކިއުރިޓީޒްގަނެ ވިއްކުމަށާއި، ސެކިއުރިޓީޒްއާބެހޭ އެހެނިހެން މުއާމަލާތު ކުރުމުގެ އިންތިޒާމު  ފޯރުކޮށްދިނުން.

(ށ) ސްޓޮކް އެކްސްޗޭންޖުގައި ސެކިއުރިޓީޒްގެ މުއާމަލާތު ކުރުމުގައި ށާމިލުވާ ފަރާތްތަކާމެދު އިސްލާހީ ފިޔަވަޅުއަޅާނޭ ނިޒާމެއް ގާއިމުކޮށް ހިންގުން.

(ނ) ސްޓޮކް އެކްސްޗޭންޖުގައި ވިޔަފާރިކުރެވޭ ސެކިއުރިޓީޒް ނިންމުމުގެ ހިދުމަތް ގާއިމުކުރުން.

(ރ) ސެކިއުރިޓީޒްގެ ބާޒާރު ތަރައްގީކޮށް ކުރިއެރުވުން.

 

23 ވަނަ މާއްދާ - ސްޓޮކް އެކްސްޗޭންޖް ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދު

ސްޓޮކް އެކްސްޗޭންޖް ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދު އެކުލަވާލެވޭނީ އޮތޯރިޓީގެ ގަވާއިދުގައިވާ ގޮތުގެމަތިން ހުއްދަކުރާ ގޮތަކަށެވެ. ސްޓޮކް އެކްސްޗޭންޖް ކުންފުނިން އެކުންފުނީގެ އެއްވެސް ގަވާއިދެއް ހަދަންވާނީ ނުވަތަ ގަވާއިދަކަށް ބަދަލެއް ގެންނަންވާނީ  އޮތޯރިޓީން ހުއްދަކުރާ މިންވަރަކަށް އަދި ހުއްދަކުރާ ގޮތަކަށެވެ. އަދި މިކަން ސްޓޮކް އެކްސްޗޭންޖް ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުގައި ބަޔާންކުރެވިފައި އޮންނަންވާނެއެވެ.

 

24 ވަނަ މާއްދާ - ސްޓޮކް އެކްސްޗޭންޖް ކުންފުނީގެ ގަވާއިދުތައް ހަދައި އޮތޯރިޓީއަށް ހުށަހެޅުން

(ހ) ސްޓޮކް އެކްސްޗޭންޖް ކުންފުނިން ތިރީގައިވާ ކަންތައްތަކާބެހޭގޮތުން އެކަށީގެންވާ މާއްދާތައް ހިމެނޭ ގަވާއިދު ހަދަންވާނެއެވެ.

  1. ކުންފުނީގެ މެންބަރުކަމާބެހޭ.
  2. ސްޓޮކް އެކްސްޗޭންޖުގައި އެކިއެކި ކުންފުނި ލިސްޓުކުރުމާއި އަދި ލިސްޓުކުރެވިފައިވާ ސެކިއުރިޓީޒް ދޫކުރާ ފަރާތުގެ ޒިންމާއާބެހޭ.
  3. ސެކިއުރިޓީޒްގެ މުއާމަލާތު ކުރުމުގެ ށަރްތުތަކާބެހޭ.
  4. ސެކިއުރިޓީޒްގެ ކަންތައް ނިންމައި ބެލެހެއްޓުމާބެހޭ.

(ށ) ސްޓޮކް އެކްސްޗޭންޖް ކުންފުނީގެ އަދި 20 ވަނަ މާއްދާގެ (ނ) ގެ (2) ގެ ދަށުން އުފައްދާ ކުންފުނީގެ އެއްވެސް ގަވާއިދަކަށް އަމަލުކުރަންފަށަންވާނީ އެ ގަވާއިދެއް އޮތޯރިޓީން ފާސްކުރުމަށްފަހުގައެވެ.

 

25 ވަނަ މާއްދާ - ސްޓޮކް އެކްސްޗޭންޖް ކުންފުނީގެ މައްލޫމާތު، އޮތޯރިޓީއަށް ދިނުން

ސްޓޮކް އެކްސްޗޭންޖް ކުންފުނީގެ އާމްދަނީއާއި ވިޔަފާރި އާއި، ސެކިއުރިޓީޒްގެ މުއާމަލާތުތަކާއި އަދި މިނޫންވެސް މިފަދަ ކަންކަމާގުޅޭގޮތުން، އޮތޯރިޓީގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށްޓަކައި އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައި އެމައްލޫމާތެއް ސްޓޮކް އެކްސްޗޭންޖް ކުންފުނިން އޮތޯރިޓީއަށް ދޭންވާނެއެވެ. އަދި މިފަދަ މައްލޫމާތު އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައި، ފޯރުކޮށްދެވޭފަދަ ގޮތަކަށް މަދުވެގެން ހައަހަރުދުވަހުގެ މުއްދަތަށް ސްޓޮކް އެކްސްޗޭންޖުން ބަލަހައްޓަންވާނެއެވެ.

 

26 ވަނަ މާއްދާ - ސްޓޮކް އެކްސްޗޭންޖް ކުންފުންޏަށް އެންގުންތައް އެންގުމުގެ ބާރު

(ހ) އާންމު މަސްލަހަތަށްޓަކައި ސްޓޮކް އެކްސްޗޭންޖް ކުންފުންޏަށް އަންގަންޖެހޭ އެންގުންތައް ގަވާއިދުގައިވާ ގޮތުގެމަތިން އެންގުމުގެ އިހްތިޔާރާއި ބާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ދަށުން އޮތޯރިޓީން އަންގާ އެންގުމަކާ އެއްގޮތަށް އެކަށީގެންވާ ސަބަބަކާނުލައި ސްޓޮކް އެކްސްޗޭންޖުން އަމަލު ނުކުރުމަކީ، ކުށެކެވެ. މިކުށުގެ އަދަބަކީ 100,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި މީގެ އިތުރުން، މި ކުށްކުރާ ސްޓޮކްއެކްސްޗޭންޖް ކުންފުނީގެ ކޮންމެ ޑިރެކްޓަރެއް އަދި ކޮންމެ އޮފިސަރެއްގެ އަދަބަކީ، 25,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 3 މަހާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށެްލުމާއެކު 75,000 ރުފިޔާއިން ޖޫރިމަނާކުރުމެވެ. ނަމަވެސް އެކަން ހިނގީ، އެ ޑިރެކްޓަރަކަށް، ނުވަތަ އޮފިސަރަކަށް އެނގުމަކާނުލައި، ނުވަތަ އެމީހަކު ހުއްދަދީގެން ނޫންކަމަށް ސާބިތުކުރެވިއްޖެނަމަ، މި ކުށުން އެމީހަކު ބަރީއަވާނެއެވެ. ނަމަވެސް، އެކަމަކީ އެމީހެއްގެ ވަޒީފާގެ ވާޖިބުގެ ގޮތުން އެ މީހަކަށް އެނގެން ޖެހޭނެ ކަމަކަށްވާނަމަ، މި ބަރީއަވުމުން އިސްތިސްނާ ވާނެއެވެ.

 

27 ވަނަ މާއްދާ - ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުމުގެ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭ މީހަކު  އެ ގަވާއިދަށް އަމަލު ނުކުރުން

(ހ) ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުމުގެ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭ މީހަކު، ނުވަތަ ފަރާތަކުން އެ ގަވާއިދަށް އަމަލު ނުކޮށްފިނަމަ، ނުވަތަ އެގަވާއިދުގެ ދަށުން އަދާކުރަންޖެހޭ ވާޖިބެއް އަދާނުކޮށްފިނަމަ އެކަމުގެ ސަބަބުން ގެއްލުންލިބުނު ފަރާތުން އެކަމެއް، ނުވަތަ އެވާޖިބެއް އަދާކުރުމަށް އަންގައި ކޯޓުގެ އަމުރަކަށް އެދެވިދާނެއެވެ. ނުވަތަ އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އެ މައްސަލައެއް ކޯޓަށް ހުށަހެޅިދާނެއެވެ. ކޯޓުން އަމުރެއް ނެރެންވާނީ، އަމުރު ރައްދުވާފަރާތަށް ޖަވާބުދިނުމަށް އެކަށީގެންވާ ފުރުސަތެއް ދިނުމަށްފަހުއެވެ.

(ށ) ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރެވިފައިވާ ސެކިއުރިޓީޒް ދޫކުރާ ކޮންމެމީހަކު، އަދި އެމީހަކާ ގުޅިފައިވާ ކޮންމެ މީހަކު، ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

  

ޗެޕްޓަރ 4

 ސެކިއުރިޓީޒްގެ ވިޔަފާރިކުރާ ފަރާތްތަކަށް ލައިސަންސް ދޫކުރުން

 

28 ވަނަ މާއްދާ - ސެކިއުރިޓީޒްގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް

(ހ) މި މާއްދާގެ ދަށުން ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން މެނުވީ، ސެކިއުރިޓީޒް ގަނެ ވިއްކުމުގެ ވިޔަފާރިކޮށް، ނުވަތަ ސެކިއުރިޓީޒް ގަނެ ވިއްކުމުގެ ވިޔަފާރިކުރާކަން، ދައްކައިގެން ނުވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ސެކިއުރިޓީޒްގެ ވިޔަފާރިކުރުމުގެ ލައިސަންސް ދޫކުރެވޭނީ ކުންފުންޏާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށެވެ.

 

29 ވަނަ މާއްދާ - ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތްތައް ތަމްސީލުކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސް     

(ހ) އެއްވެސް ފަރާތަކުން ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތެއް ތަމްސީލުކުރަންވާނީ، އެފަރާތަކީ މި ގާނޫނުގެދަށުން އޮތޯރިޓީން އެކަމަށް ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތެއްކަމުގައި ވާނަމައެވެ.

 (ށ) މި މާއްދާގެދަށުން ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތެއް ތަމްސީލުކުރުމުގެ ލައިސަންސް ދޫކުރެވޭނީ، އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށެވެ.

 

30 ވަނަ މާއްދާ - އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސަންސް

(ހ) މި ގާނޫނުގެ ދަށުން އިންވެސްޓް ކުރުމަށް ލަފާދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން މެނުވީ، އިންވެސްޓްކުރުމަށް ލަފާދޭ ފަރާތެއްގެެގޮތުގައި މަސައްކަތްކޮށް ނުވަތަ ލަފާދޭ ފަރާތެއްގެގޮތުގައި މަސައްކަތްކުރާ ފަރާތެއްގެގޮތުގައި ދައްކައިގެން ނުވާނެއެވެ.

(ށ) އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސަންސް ދޫކުރެވޭ ފަރާތަކީ ކުންފުންޏެއްނަމަ، އެކުންފުންޏަކީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ  ކުންފުންޏަކަށް ވާންވާނެއެވެ. އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސަންސް ދޫކުރެވޭ ފަރާތަކީ، ފަރުދެއްނަމަ އެމީހަކީ، އުމުރުން 18 އަހަރުން މަތީ މީހަކަށް ވާންވާނެއެވެ.

 

31 ވަނަ މާއްދާ - ލައިސަންސް ދޫކުރުމުގެ ށަރްތު

(ހ)

  1. ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ލައިސަންސް ނުވަތަ އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސަންސް ދޫކުރެވޭނީ، ނުވަތަ އާކުރެވޭނީ މި ގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރެވިފައިވާ މާލީ މިންގަނޑު ފުރިހަމަވާ ފަރާތްތަކަށެވެ.
  2. މި ގާނޫނުގެ ދަށުން އެއްވެސް ފަރާތަކަށް ލައިސަންސް ދޫކުރެވޭނީ، މި ގާނޫނުގައިވާ ގޮތުގެމަތިން ށަރްތު ފުރިހަމަވެފައިވާ އަދި ވޭތުވެދިޔަ ދިހަ އަހަރުދުވަހުގެ ތެރޭގައި ހިޔާނާތެއް ނުވަތަ މަކަރާއި ހީލަތުގެ ކުށެއް ސާބިތުވެފައިނުވާ މީހުންނަށެވެ. ލައިސަންސް ދޫކުރެވޭ ފަރާތަކީ ކުންފުންޏެއްނަމަ، އެކުންފުނީގެ އެއްވެސް ޑައިރެކްޓަރަކީ ވޭތުވެދިޔަ ދިހަ އަހަރުދުވަހުގެ ތެރޭގައި އެފަދަ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެންނުވާނެއެވެ.
  3. މި ގާނޫނުގެ ދަށުން ލައިސަންސް ދޫކުރެވޭ ފަރާތަކީ، ފަރުދެއްނަމަ އެފަރާތަކީ، ދިވެހިރާއްޖޭގައި ނުވަތަ އެހެން ތަނެއްގައިވިޔަސް އިފްލާސްކުރެވިފައިވާ މީހަކަށް ވެގެންނުވާނެއެވެ. އެފަރާތަކީ، ކުންފުންޏެއްނަމަ އެކުންފުންޏަކީ އުވާލެވިފައިވާ، ނުވަތަ އުވާލުމަށް ކަނޑައެޅިފައިވާ ކުންފުންޏަކަށް ވެގެންނުވާނެއެވެ.

(ށ) އޮތޯރިޓީއަށް މުހިންމުކަމަށް ފެނިއްޖެ ހިނދެއްގައި ލިޔުމަކުން އެންގުމަށްފަހު ލައިސަންސްގެ ށަރްތު ބަދަލުކޮޮށް ނުވަތަ ލައިސަންސްއާ ގުޅިގެން އިތުރު ށަރްތު ކަނޑައެޅިދާނެއެވެ.

 

32 ވަނަ މާއްދާ - ލައިސަންސް ދޫކުރުމާއި ލައިސަންސް އާކުރުމާބެހޭ އެހެނިހެން ކަންތައް

(ހ) މި ގާނޫނުގެ ދަށުން އޮތޯރިޓީން ކަނޑައަޅާ ށަރްތުތަކެއްގެމަތިން ލައިސަންސް އާކޮށްދެވިދާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ލައިސަންސް ހޯދަން އެދި ނުވަތަ ލައިސަންސް   އާކުރުމަށް   ހުށަހެޅުމުގައި   ގަސްތުގައި،  ނުވަތަ އެނގިހުރެ ހަގީގަތާ ހިލާފު، ނުވަތަ ހަގީގަތް އޮޅޭފަދަ ބަޔާނެއް ދިނުމާއި، ބައެއް މައްލޫމާތު އުނިކޮށް ހުށަހެޅުމަކީ، ކުށެކެވެ. މިފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ25,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 3 މަހާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 75,000 ރުފިޔާއިން ޖޫރިމަނާކުރުމެވެ.

(ނ) އޮތޯރިޓީއަށް ލައިސަންސަށްއެދި، ނުވަތަ ލައިސަންސް އާކުރުމަށް ހުށަހެޅުމުން، ލައިސަންސް ދޫކޮށްނުދީފިނަމަ އެގޮތަށް ނިންމިތާ 30 ދުވަހުގެ ތެރޭގައި މިނިސްޓަރަށް އިލްތިމާސް ކުރެވިދާނެއެވެ. މިކަމުގައި މިނިސްޓަރުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ. އަދި އެނިންމުމަށް އޮތޯރިޓީން އަމަލުކުރަންވާނެއެވެ.

(ރ) އޮތޯރިޓީން ހުއްދަ އަތުލައިފިނަމަ، އެގޮތަށް ނިންމިތާ 30 ދުވަހުގެ ތެރޭގައި އެކަން ކޯޓަށް ހުށަހެޅިދާނެއެވެ.

 

33 ވަނަ މާއްދާ - ލައިސަންސް ދޫކުރެވޭ މުއްދަތު

މިގާނޫނުގައި އެހެންގޮތަކަށް ބަޔާންވެގެންނުވާހާ ހިނދަކު، ސްޓޮކް އެކްސްޗޭންޖަށް ދޫކުރެވިފައިވާ ހުއްދަ ފިޔަވައި، މި ގާނޫނުގެ ދަށުން ދޫކުރެވިފައިވާ، ނުވަތަ އާކުރެވިފައިވާ ހުއްދައާއި ލައިސަންސް ތަކުގެ މުއްދަތަކީ، ހުއްދަ ނުވަތަ ލައިސަންސް ދޫކުރި ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހެވެ.

 

34 ވަނަ މާއްދާ - ލައިސަންސް ބާތިލުކުރުން ނުވަތަ ވަގުތީގޮތުން ހިފެހެއްޓުން

(ހ) ތިރީގައި ބަޔާން ކުރެވިފައިވާ ކަމެއް ކުރިމަތިވެއްޖެނަމަ، ދޫކުރެވިފައިވާ ލައިސަންސެއް ބާތިލުވާނެއެވެ.

  1. ލައިސަންސް ދޫކުރެވިފައިވަނީ ފަރުދަކަށްނަމަ، އެމީހާ މަރުވުމުން ނުވަތަ އެމީހާ އިފްލާސްކުރެވުން.
  2. ލައިސަންސް ދޫކުރެވިފައިވަނީ ކުންފުންޏަކަށްނަމަ، އެ ކުންފުންޏެއް އުވާލުމަށް ކަނޑައެޅުން. ލައިސަންސް ދޫކުރެވިފައިވާ ކުންފުންޏެއް އުވާލުމަށް ކަނޑައަޅައިފިނަމަ، އެކަން އެކުންފުންޏެއް އުވާލުމުގެ ތިންމަސް ކުރިން އެކުންފުންޏަކުން އޮތޯރިޓީއަށް އަންގަންވާނެއެވެ.

(ށ) ތިރީގައި ބަޔާންކޮށްފައިވާ ކަމެއް މެދުވެރިވެއްޖެނަމަ، މިގާނޫނުގެ ދަށުން ދޫކޮށްފައިވާ ލައިސަންސް، އޮތޯރިޓީއަށް ބާތިލު ކުރެވިދާނެއެވެ.

  1. ލައިސަންސް ދޫކުރެވިފައިވަނީ ފަރުދަކަށްނަމަ:
    (ހ) އެމީހެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ސާބިތުވެ އެދަރަންޏެއް އަދާކުރުމަށް އަންގާ ކޯޓުގެ ހުކުމަކާ އެއްގޮތަށް އެމީހަކު އަމަލުކޮށްފައިނުވުން.
    (ށ) މި ގާނޫނުގެ ދަށުން ލައިސަންސް ހޯދުމަށްފަހު ލައިސަންސް ދެވިފައިވާ ވިޔަފާރިނުކޮށް ހުރުން، ނުވަތަ އެ ލައިސަންސުގެ ދަށުން ކުރަމުންއައި ވިޔަފާރި ނުކޮށްހުއްޓާލުން.
    (ނ) އެއްވެސް ގައުމެއްގައި އެމީހަކު އިފްލާސް ކުރެވިފައިވުން.
    (ރ) ސެކިއުރިޓީޒްގެ ވިޔަފާރިކުރާ ފަރާތެއް ތަމްސީލުކުރާ ފަރާތެއްނަމަ، އެމީހަކު ތަމްސީލުކުރާ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުވާ ތާރީހުން ފެށިގެން އެއްމަސްދުވަހުގެ ތެރޭގައި ސެކިއުރިޓީޒްގެ ވިޔަފާރިކުރުމުގެ ލައިސަންސް ލިބިފައިވާ އެހެންފަރާތެއް ތަމްސީލުކުރަން ނުފެށުން.
    (ބ) ލައިސަންސް ދެވިފައިވާ މީހަކު، އޭނާގެ މަސްއޫލިއްޔަތު ފުރިހަމައަށް ތެދުވެރިކަމާއެކު އަދި އިންސާފުވެރިކަމާއެކު އަދާނުކުރާކަމަށް  އޮތޯރިޓީއަށް ގަބޫލުކުރެވުން.
    (ޅ) ލައިސަންސް ދެވިފައިވާ ފަރާތެއްގެ މައްޗަށް މަކަރާއި ހީލަތުގެ ކުށެއް ސާބިތުވުން.
    (ކ) ލައިސަންސް ދެވިފައިވާ ފަރާތުން މި ގާނޫނުގެ އެއްވެސް މާއްދާއަކާ ހިލާފުވުން، ނުވަތަ ލައިސަންސުގެ ށަރްތުތަކާ ހިލާފުވުން.
    (އ) މި ގާނޫނުގެ  ދަށުން  ލައިސަންސް  ދެވިފައިވާ   މީހަކު، ހުކުމެއްގައި ހަމަސް ދުވަހަށްވުރެ ދިގުމުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ އެމުއްދަތަށް ގޭގައި ބަންދުކުރުން.

  2. ލައިސަންސް ދޫކުރެވިފައިވަނީ ކުންފުންޏަކަށްނަމަ:
    (ހ) ކުންފުންޏާބެހޭ ގާނޫނުގެ 93 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކުންފުނި އުވާލުމަށް ކަނޑައެޅުން، ނުވަތަ ކުންފުނި އުވާލުމުގެ މަސައްކަތް ކުރެވެމުން ދިއުން.
    (ށ) ކުންފުނީގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް އަދާކުރުމަށް ކޯޓުން ކޮށްފައިވާ ހުކުމަކާ އެއްގޮތަށް އަމަލު ނުކުރުން.
    (ނ) ދިވެހިރާއްޖޭގައި ނުވަތަ އެހެން ގައުމެއްގައި ކުންފުނީގެ މުދަލުގެ މައްޗަށް ރިސީވަރެއް ނުވަތަ ރިސީވަރަކާއި މެނޭޖަރެއް، ކޯޓަކުން ނުވަތަ ކުންފުނީގެ ދަރަނިވެރިން އައްޔަންކުރުން.
    (ރ) ކުންފުނީގެ ދަރަނިތަކާ ބެހޭގޮތުން ކުންފުނީގެ އަރަނިވެރިންނާއި ކުންފުންޏާދެމެދު އެއްބަސް ވުމަކަށް އައުން.
    (ބ) އެކުންފުންޏަކަށް މި ގާނޫނުގެ ދަށުން ކުރަން ހުއްދަ ދެވިފައިވާ ވިޔަފާރި ކުރުން ހުއްޓާލުން.
    (ޅ) ލައިސަންސް ދެވިފައިވާ ކުންފުންޏަކުން، ނުވަތަ ކުންފުނީގެ އެއްވެސް   ޑައިރެކްޓަރެއް ނުވަތަ މުވައްޒަފެއް  އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމައަށް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު އަދި އިންސާފުވެރިކޮށް، އަދާނުކުރާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން.
    (ކ) ލައިސަންސް ދެވިފައިވާ ކުންފުނިން މި  ގާނޫނުގެ އެއްވެސް މާއްދާއަކާ ހިލާފުވުން، ނުވަތަ މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދަކާ ހިލާފުވުން، ނުވަތަ ހުއްދައިގެ ށަރްތުތަކާ ހިލާފުވުން.
    (ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، ދެވިފައިވާ ލައިސަންސް ބާތިލުކުރުމުގެ ބަދަލުގައި ކަނޑައެޅިފައިވާ މުއްދަތަކަށް އޮތޯރިޓީން ލައިސަންސް ހިފެހެއްޓިދާނެއެވެ. އަދި އެހިފެހެއްޓުން އޮތޯރިޓީން ކޮންމެ ވަގުތެއްގައިވެސް ނިމުމަކަށް ގެނެވިދާނެއެވެ.
    (ރ) މި ގާނޫނުގެ ދަށުން ދެވިފައިވާ ލައިސަންސެއް ބާތިލު ކުރުމުގެ ސަބަބުން ނުވަތަ ހިފެހެއްޓުމުގެ ސަބަބުން:
  1. ލައިސަންސް ބާތިލު ކުރުމުގެ، ނުވަތަ ހިފެހެއްޓުމުގެ ކުރިން ނުވަތަ އޭގެ ފަހުންނަމަވެސް އެފަރާތަކުން ސެކިއުރިޓީޒްގަނެ ވިއްކުމާ ބެހޭގޮތުން ކޮށްފައިވާ އެއްބަސްވުމެއް ނުވަތަ މުއާމަލާތެއް ބާތިލުވީކަމަކަށް ނުބެލެވޭނެއެވެ.
  2. އަދި އެފަދަ އެއްވެސް އެއްބަސްވުމެއް، ނުވަތަ އެހެންވެސް މުއާމަލާތެއްގެ ދަށުން ލިބިދޭ ހައްގަކަށް ނުވަތަ ޒިންމާއަކަށް އުނިކަމެއް ނާންނާނެއެވެ.

 

35 ވަނަ މާއްދާ - ލައިސަންސްތަކުގެ ރަޖިސްޓަރީ

(ހ) މި ގާނޫނުގެ ދަށުން ދޫކުރެވޭ ހުރިހާ ލައިސަންސެއްގެ ރަޖިސްޓަރީއެއް އޮތޯރިޓީން ގާއިމުކޮށް ބަލަހައްޓަންވާނެއެވެ.

(ށ) ރަޖިސްޓަރީގައި ތިރީގައިވާ މައްލޫމާތު ހުންނަންވާނެއެވެ.

  1. ލައިސަންސް ދޫކުރެވޭ ފަރާތުގެ ނަން.
  2. ލައިސަންސް ދޫކުރެވޭ ފަރާތުގެ ވިޔަފާރިކުރާ އެޑްރެސް.
  3. ލައިސަންސް ދޫކުރެވޭ ފަރާތުގެ ވިޔަފާރި ނަން.
  4. ލައިސަންސް ދޫކުރެވޭ ވިޔަފާރީގެ ބާވަތް.
  5. ލައިސަންސް ދޫކުރެވިފައި ނުވަތަ އާކުރެވިފައިވާ މުއްދަތާއި މުއްދަތު ހަމަވާ ތާރީހު.

(ނ) މިގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން، އޮތޯރިޓީން ކަނޑައަޅާ ފީއެއް ދެއްކުމަށްފަހު، ރަޖިސްޓަރީ ބަލައި އެއިން ބައެއް ނަކަލުކޮށް އެބައެއް އޮތޯރިޓީން ތަސްދީގު ކޮށްދޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަންވާނެއެވެ.

 

36 ވަނަ މާއްދާ - އަންޑަރައިޓަރސްކަމުގެ ލައިސަންސް

(ހ) އަންޑަރައިޓަރސްކަމުގެ ލައިސަންސް ދޫކުރެވޭނީ، މާލީ އިދާރާއަކުން، ނުވަތަ ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތަކުން އަންޑަރައިޓަރސްކަމުގެ ލައިސަންސަށް އެދި ހުށަހެޅުމުން އޮތޯރިޓީންނެވެ.

(ށ) އަންޑަރައިޓަރސްކަމުގެ ލައިސަންސަށް އެދި ހުށަހަޅާ ފަރާތަކީ، މާލީގޮތުން ސެކިއުރިޓީޒް އަންޑަރައިޓް ކުރުމުގެ ގާބިލުކަން ހުރި އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ށަރްތުތައް ފުރިހަމަ ކޮށްފައިވާ ފަރާތެއްނަމަ އޮތޯރިޓީން ކަނޑައަޅާ ށަރްތުތަކާއެކު އަންޑަރައިޓަރސްކަމުގެ ލައިސަންސް އެފަރާތަކަށް ދޫކުރެވިދާނެއެވެ.

 

37 ވަނަ މާއްދާ - މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހުއްދަ ލިބިފައިވާ ބޭންކަކުން އަންޑަރައިޓް ކުރުމުގެ މުއާމަލާތުކުރުން ހުއްދަވުން

މި ގާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިވާނަމަވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ލައިސަންސް ލިބިފައިވާ ބޭންކަކުން އޮތޯރިޓީން ކަނޑައަޅާ ށަރްތުތަކެއްގެމަތިން ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރުމުގެ ލައިސަންސެއް، ނުވަތަ އަންޑަރައިޓަރސްކަމުގެ ލައިސަންސެއްނެތި ސެކިއުރިޓީޒް އަންޑަރައިޓް ކުރުމުގެ މުއާމަލާތުކޮށް އެއްބަސްވުންތައް ހެދިދާނެއެވެ.

 

38 ވަނަ މާއްދާ - ސެކިއުރިޓީޒްއާބެހޭ އެހެނިހެން ހިދްމަތްތައް ހިންގުމުގެ ހުއްދަ

(ހ) މި ގާނޫނުގެ 28، 29، 30، 36 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ލައިސަންސުގެ ބާވަތްތައް ފިޔަވައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން މާލީ އިދާރާތަކަށް ސެކިއުރިޓީޒްގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކުގެ ހައްގުތައް ބެލެހެއްޓުމުގެ ހިދްމަތްތަކާއި އަދިވެސް އެ ގަވާއިދުގެ ދަށުން ކަނޑައެޅޭ ސެކިއުރިޓީޒްއާބެހޭ އެހެނިހެން ހިދްމަތްތައް ހިންގުމުގެ ހުއްދަ ދެވިދާނެއެވެ.

(ށ) ސެކިއުރިޓީޒްގެ ހައްގުތައް ބެލެހެއްޓުމުގެ ހިދްމަތްތަކާއި ސެކިއުރިޓީޒްއާބެހޭ އެހެނިހެން ހިދްމަތްތައް ދޭންވާނީ، އޮތޯރިޓީން އެކަމަށް ދޫކުރާ ހުއްދައެއް ލިބިގެންނެވެ.

 

ޗެޕްޓަރ 5 

ސެކިއުރިޓީޒް ގަނެ ވިއްކުމުގެ ގަވާއިދުތައް

 

39 ވަނަ މާއްދާ - ސެކިއުރިޓީޒްގައި މަސްލަހަތެއްވާނަމަ އެކަން ހާމަކުރުން

(ހ) މި ގާނޫނުގެ ދަށުން ހުއްދަ ދެވިފައިވާ ފަރާތަކުން ސެކިއުރިޓީޒްއާމެދު، ނުވަތަ ވަކިދަރަޖައެއްގެ ސެކިއުރިޓީޒްއަކާ މެދު ސީދާކޮށް، ނުވަތަ ނުސީދާކޮށް ލަފައެއް ދޭނަމަ އެލަފައެއް ދޭފަރާތް، ނުވަތަ އެފަރާތާ ގުޅުންހުރި ފަރާތަކުން އެލަފައެއްގައި ބަޔާންކުރެވިފައިވާ ސެކިއުރިޓީޒް ގަނެ ވިއްކުމަށް، ނުވަތަ އެހެންވެސް މަސްލަހަތެއް ވާކަން ނުވަތަ ނުވާކަން، އެލަފައެއްގައި ފާޅުކޮށް ބަޔާންކުރަންވާނެއެވެ. މިގޮތުން އެ ބަޔާން އެލަފާގައި ހިމެނޭ ލިޔުންތަކެކޭ އެއްފަދައިން ފާޅުކޮށް ފެންނަން އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވުމުގެ ސަބަބުން ކުރާ ދައްވާއެއްގައި އެ ދައްވާ ލިބޭ ފަރާތަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ލަފައެއް ދިންއިރު، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް އެނގިފައި ނުވާކަން،  ނުވަތަ އެފަދަ ކަމެއް އެނގެންވީ ސަބަބެއް  ނެތްކަން ސާބިތުކޮށްދެވިއްޖެނަމަ، ކުށްވެރިއެއް ނުވާނެއެވެ.

  1. އެ ސެކިއުރިޓީޒްގައި އެއްވެސް މަސްލަހަތެއްވާކަން، ނުވަތަ އެދަރަޖައިގެ ސެކިއުރިޓީޒް ގަނެ ވިއްކުމުގައި އެފަރާތެއްގެ މަސްލަހަތެއް ހިމެނިފައިވާކަން.
  2. އެފަރާތެއްގެ ނުވަތަ އެފަރާތަކާ ގުޅުންހުރި ފަރާތެއްގެ ސެކިއުރިޓީޒްއެއްގައި އެފަރާތެއްގެ އެއްވެސް މަސްލަހަތެއްވާކަން، ނުވަތަ އެދަރަޖައިގެ ސެކިއުރިޓީޒް ގަނެ ވިއްކުމުގައި އެފަރާތެއްގެ މަސްލަހަތެއް ހިމެނިފައިވާކަން.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ބޭނުމަށްޓަކައި:

  1. ސެކިއުރިޓީޒް ވިއްކުމުގައި މަސްލަހަތެއްވުމޭ ބުނާ ބަހުގެ މާނައިގައި އެފަދަ ސެކިއުރިޓީޒްއެއްގެ ސަބަބުން ލިބޭ، ނުވަތަ ލިބިދާނެ ސީދާ އަދި ނުސީދާ މާލީ މަންފާއާއި އެހެނިހެން ފައިދާ ހިމެނެއެވެ.
  2. މި މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގައި ބުނެވޭ އެއްޗަކަށް އުނިނުވާގޮތުން ސެކިއުރިޓީޒްއަކާ ބެހޭގޮތުން އަންޑަރައިޓްކުރުމާބެހޭ އެއްބަސްވުމެއް ވެވިފައިވާނަމަ، އެ ސެކިއުރިޓީޒް ގަނެ ވިއްކުމުގައި އެފަރާތުގެ މަސްލަހަތެއްވާކަމަށް ބެލެވޭނެއެވެ.
  3. މިމާއްދާގެ ބޭނުމަށްޓަކައި، ގުޅުންހުރި ފަރާތެކޭ ބުނެފައިވާ ބަހުގެ މާނައިގައި، ދެފަރާތް ގުޅިފައިވަނީ ހަމައެކަނި ގާނޫނީ ށަހްސެއްގެ ޑައިރެކްޓަރެއްގެ ހައިސިއްޔަތުންނަމަ، އަދި އެ ދެ ށަހްސަކީ ސެކިއުރިޓީޒްގެ ވިޔަފާރިކުރާ، ނުވަތަ ނުކުރާ ފަރާތަކަށްވިޔަސް، ގުޅުންހުރި ފަރާތެއްކަމަކަށް ނުބެލެވޭނެއެވެ. ނަމަވެސް ލަފައެއްދީ، ނުވަތަ ލިޔުމެއް ފޮނުވާފައިވަނީ ދެފަރާތުން ބައިވެރިވެގެން، ނުވަތަ ދެފަރާތުގެ މެދުގައި ހަމަޖައްސާފައިވާ ގޮތެއްގެމަތިން ކަމުގައިވާނަމަ، ގުޅުންހުރި ފަރާތުގެ މާނައިގައި ހިމެނޭނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ލައިސަންސް ދީފައިވާ ފަރާތަކުން ސެކިއުރިޓީޒް ގަތުމަށް ހުށަހަޅާފައިވަނީ، ނުވަތަ ގަނެފައިވަނީ އެސެކިއުރިޓީޒް އެކުގައި ނުވަތަ އެއިން ބައެއް އާންމުންނަށް ވިއްކުމަށްކަމަށްވާނަމަ އެ ސެކިއުރިޓީޒް ވިއްކުމުގެ ކުރިން އެއްވެސް ގޮތަކަށް ލަފައެއް ދެވޭނީ،  އެ ސެކިއުރިޓީޒްއެއް ހޯދާފައިވަނީ ވިއްކާލުމުގެ ބޭނުމުގައިކަން އެފަރާތުން ލިޔުމަކުން، ނުވަތަ އަނގަބަހުން ހާމަކުރުމަށްފަހުއެވެ.

(ބ) މި ގާނޫނުގެ ދަށުން ލައިސަންސް ދީފައިވާ ފަރާތަކުން ސެކިއުރިޓީޒް ގަތުމަށް ހުށަހަޅާފައިވަނީ، ނުވަތަ ގަތުމަށް ހުށަހެޅުމުގެގޮތުން ފައިސާ ދީފައިވަނީ، އަންޑަރައިޓްކުރުމުގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ސަބްއަންޑަރައިޓް ކުރުމުގެ އެއްބަސްވުމެއްގެ ދަށުން ސެކިއުރިޓީޒްއެއް އެއްކޮށް، ނުވަތަ އެއިން ބައެއް ގަތުމަށް ހުށަހަޅާފައިނުވާތީ، ނުވަތަ ގަތުމަށް  ހުށަހެޅުމުގެގޮތުން  ފައިސާ ދައްކާފައި ނުވާތީކަމަށްވާނަމަ، އެ ސެކިއުރިޓީޒް ވިއްކުމަށް ހުށަހަޅަންވާނީ، ސްޓޮކް އެކްސްޗޭންޖެއް މެދުވެރިކޮށްގެންނެވެ. އަދި އެ ސެކިއުރިޓީޒްއާމެދު އެއްވެސް ބާވަތެއްގެ ލަފައެއްދޭނަމަ، އެ ސެކިއުރިޓީޒްއަކީ، އަންޑަރައިޓް ކުރުމުގެ ނުވަތަ ސަބް އަންޑަރައިޓް ކުރުމުގެ އެއްބަސްވުމެއްގެ ދަށުން އެފަރާތަށް ލިބިފައިވާ، ނުވަތަ ގަންނަންޖެހޭ ސެކިއުރިޓީޒްއެއްކަން ބަޔާންކުރަންވާނެއެވެ.

(ޅ) މި ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކުން ފޮނުވާ، މި މާއްދާގެ (ހ)، (ރ)، ނުވަތަ (ބ) ގައި ބަޔާންކޮށްފައިވާ ފަދަ ސަރކިއުލަރއެއް ނުވަތަ އެހެންވެސް ލިޔުމެއް ނުވަތަ ލިޔުމުންއޮތް ހުށަހެޅުމެއް، ނުވަތަ ލަފައެއް އެއްވެސްފަރާތަކަށް ފޮނުވާނަމަ ތިރީގައިވާ ފަރާތެއްގެ ސޮއި އޮންނަންވާނެއެވެ.

(ހ) ފަރުދެއްނަމަ، އެމީހާ.

(ށ) ގާނޫނީ ށަހްސެއްނަމަ، އެފަރާތެއްގެ ބޯޑު އޮފް ޑައިރެކްޓަރުން ހުއްދަ ދީފައިވާ މީހެއް.

(ނ) ޕާރޓްނަރށިޕެއްނަމަ، އެ ޕާރޓްނަރށިޕުގެ ބައިވެރިއެއް.

(ކ) ސެކިއުރިޓީޒްގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތެއް، ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތަކުން މި މާއްދާގެ (ހ)، (ރ)، ނުވަތަ (ބ) ގައި ބަޔާންކޮށްފައިވާފަދަ ސަރކިއުލަރއެއް ނުވަތަ އެހެންވެސް ލިޔުމެއް، ނުވަތަ ލިޔުމުންވާ ހުށަހެޅުމެއް، ނުވަތަ ލަފައެއް ފޮނުވާނަމަ އެފަދަ ލިޔުމެއްގެ ކޮޕީއެއް މި މާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން ސޮއިކުރުމަށްފަހު، ސޮއިކުރި ތާރީހުން ފެށިގެން ހައަހަރު ދުވަސް ވަންދެން އެފަރާތުގައި ބާއްވަންވާނެއެވެ.

(އ) މި މާއްދާގައި ހުށަހެޅުމޭ ބުނެވޭ ބަހުގެ ތެރޭގައި، ހުށަހެޅުމުގެ އިތުރަށް، ސީދާ ނުވަތަ ނުސީދާކޮށް ސެކިއުރިޓީޒް ގަތުމަށް ހުށަހެޅުމަށް މީހަކަށް ދެވޭ މުއްދަތު ހިމެނޭނެއެވެ.

 

40 ވަނަ މާއްދާ - ސެކިއުރިޓީޒްގެ ވިޔަފާރިކުރުމަށް ދޭ ލަފާ

(ހ) މި ގާނުނުގެ ދަށުން، ސެކިއުރިޓީޒްގެ ވިޔަފާރި ކުރުމަށް ލަފާދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ދޭ ލަފައަކީ، އެފަދަ ލަފައަކާ އެއްގޮތަށް އަމަލުކޮށްފާނޭ ފަރާތަކަށް ދޭ ލަފައެއްކަމަށްވާނަމަ، އެކަށީގެންވާ ބިންގަލެއްނެތި، އެލަފައެއް އެފަދަ ފަރާތަކަށް ދީގެން ނުވާނެއެވެ.

(ށ) ސެކިއުރިޓީޒްގެ ވިޔަފާރިކުރުމަށް ލަފާދޭ ފަރާތުން ލަފާދިނުމުގައި ލަފާ ލިބިގަންނަ ފަރާތުން އިންވެސްޓްކުރަން ބޭނުންވާ މަގްސަދުތަކާއި އެފަރާތުގެ މާލީ ހާލަތާއި އެހެންވެސް ބޭނުންތަކަށް ރިއާޔަތްކޮށް، ދެވޭ ލަފައަކީ، ރަނގަޅު ލަފައަކަށް ހެދުމަށްޓަކައި، އެކަމާގުޅޭ ހުރިހާ ހާލަތުތަކަށް ވިސްނައި ހޯދަންޖެހޭ ހުރިހާ މައްލޫމާތެއް ހޯދައި، އެލަފާ ބިނާކޮށްފައިވަނީ މަތީގައިވާ ކަންކަމުގެ މައްޗަށް ކަމުގައިވާނަމަ، އެލަފައަކީ މި މާއްދާގެ (ހ) އާ އެއްގޮތްވާގޮތުގެމަތިން އެކަށީގެންވާ ބިންގަލެއް އޮވެގެން ދިން ލަފައެއް ކަމުގައި ބެލެވޭނެއެވެ.

(ނ) ސެކިއުރިޓީޒްގެ ވިޔަފާރިކުރުމަށް ލަފާދޭ ފަރާތަކުން، އެލަފައެއްގެ މައްޗަށް ބިނާކޮށް، އަދި އެކަމާބެހޭ އެހެން ހާލަތުތަކުގެ މައްޗަށް، އަމަލުކުރުން ނުވަތަ އަމަލުނުކޮށް ދޫކޮށްލުން އެކަށީގެންވާ ލަފައެއް، މި މާއްދާގެ (ހ) އާ ހިލާފަށް ދީގެން، އެލަފާ ދެވުނު މީހަކު އެލަފައާ އެއްގޮތަށް އަމަލުކުރުމުން، އެކަމުގެ ސަބަބުން އެލަފާ ދެވުނު ފަރާތަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެގެއްލުމަކަށް، ސެކިއުރިޓީޒްގެ އެ ވިޔަފާރި ކުރުމަށް ލަފާދިން ފަރާތަކުން ޒިންމާ ވާންޖެހޭނެއެވެ.

(ރ) މި މާއްދާގައި:

  1. ސެކިއުރިޓީޒް ގަނެ ވިއްކުމަށް ލަފާދޭ ފަރާތެކޭ  ބުނެފައިވަނީ، ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތް، ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތް، ނުވަތަ އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކަށެވެ.
  2. ލަފައެއް ދިނުމޭ ބުނާ ބަހުގެ މާނައިގައި، ސީދާ ނުވަތަ ނުސީދާކޮށް ދެވޭ ލަފާ ހިމެނެއެވެ.

 

41 ވަނަ މާއްދާ - އިށްތިހާރުކުރުން މަނާކުރުމުގެ ބާރު

(ހ) ތިރީގައިވާ ހާލަތުތަކުގައި އިށްތިހާރެއް ނުވަތަ އޭގައިވާ ސެކިއުރިޓީޒްއާގުޅޭ އެހެން އިށްތިހާރެއް ކުރުން އޮތޯރިޓީން މަނާކުރެވިދާނެއެވެ.

  1. އެ އިށްތިހާރެއްގައި ހުށަހަޅާ ސެކިއުރިޓީޒްއާއި ނުވަތަ އެ ސެކިއުރިޓީޒްއާބެހޭ މައިގަނޑު ކަމަކާ ބެހޭގޮތުން އޮޅުންއަރާފަދަ އެއްޗެއް ހުރުން؛ ނުވަތަ
  2. އިށްތިހާރުގައި އިށާރާތްކޮށްފައިވާ ރަޖިސްޓަރީ ކުރެވިފައިވާ ހިއްސާގެ ބަޔާނަކާ ހިލާފު އެއްޗެއް ހުރުން؛ ނުވަތަ
  3. އެ އިށްތިހާރު މި ގާނޫނު، ނުވަތަ ކުންފުންޏާބެހޭ ގާނޫނާ ހިލާފަށް ހުރުން.

(ށ) މި މާއްދާގެ ދަށުން ނެރޭ އަމުރެއްގައި މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީއަށް ފެންނަ މާއްދާތަކާއި ށަރްތުތައް ހިމެނިދާނެއެވެ.

 

42 ވަނަ މާއްދާ - ހިއްސާ ބަޔާން ރަޒިސްޓަރީ ކުރުމާއި ވަގުތީގޮތުން ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރު

(ހ) ހިއްސާގެ ބަޔާނެއް ނެރެންވާނީ ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅައި، ރަޖިސްޓަރީ ކުރުމަށްފަހުއެވެ.

(ށ) ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ހުއްދަދެވިފައިވާ ހިއްސާގެ ބަޔާނެއް، މުހިންމު ބައެއް ހަގީގަތާ ހިލާފަށް، ނުވަތަ އޮޅުން އަރާފަދަ ގޮތަކަށް ނުވަތަ އުނިކޮށްފައިވާކަމަށް (އެ އުނިކަމެއް ގެނެވިފައިވަނީ، ހިއްސާގެ ބަޔާން ރަޖިސްޓަރީ ކުރިއިރު، ނުވަތަ އޭގެ ފަހުން ކަމުގައިވިޔަސް،) ނުވަތަ މި ގާނޫނާއި ކުންފުންޏާބެހޭ ގާނޫނާ ހިލާފުކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، ތިރީގައިވާ ގޮތުގެމަތިން އެހިއްސާގެ ބަޔާނާމެދު އޮތޯރިޓީއަށް އަމަލުކުރެވިދާނެއެވެ.

  1. އެފަދަ ބަޔާނެއް ވަގުތީގޮތުން ހިފެހެއްޓުމަކީ އެދެވިގެންވާ ކަމެއްކަމަށް އޮތޯރިޓީއަށް ފެނިއްޖެނަމަ، އެއްމަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އެބަޔާން ހިފެހެއްޓުން.
  2. އެފަދަ ބަޔާނެއް ނެރޭފަރާތަށް އެކަމެއް އިސްލާހު ކުރުމަށް ހަތްދުވަހަށްވުރެ މަދުނޫން މުއްދަތެއްގެ ނޯޓިސް ދިނުމަށްފަހު، އެފަރާތުން އެކަމެއް އިސްލާހު ނުކޮށްފިނަމަ، އެ ހިއްސާގެ ބަޔާނެއް އޮތޯރިޓީން ބާތިލު ކުރުން.

ރަޖިސްޓަރީ ކޮށްފައިވާ ހިއްސާގެ ބަޔާނެއް މި މާއްދާގެ ދަށުން އޮތޯރިޓީން ހިފަހައްޓައިފިނަމަ:

  1. އެކަން ކުރުމަށް މެދުވެރިވި ސަބަބު ލަސްނުކޮށް، އެ ހިއްސާގެ ބަޔާން ނެރުނު ފަރާތަށާއި، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް އަންގަންވާނެއެވެ.
  2. ހިއްސާގެ ބަޔާން ވަގުތީގޮތުން ހިފެހެއްޓިކަން، ނުވަތަ އެކަމާބެހޭ އެއްވެސް މައްލޫމާތެއް އޮތޯރިޓީ، ނުވަތަ ރެޖިސްޓްރާރ ނުވަތަ އެފަރާތުގެ އޮފިސަރެއް ނުވަތަ މުވައްޒަފެއް (އެބަޔާން ބާތިލު ކުރުމުން ނުވަތަ ޖިނާއީ ށަރީއަތެއްގެތެރޭގައި މެނުވީ) އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ބ) އާ ތައާރުޒު ނުވާނޭ ގޮތުގެމަތިން ރަޖިސްޓަރީ ކޮށްފައިވާ ހިއްސާގެ ބަޔާނެއް ވަގުތީގޮތުން ހިފެހެއްޓިއްޖެނަމަ:

  1. ހިފެހެއްޓުމުގެ ކުރިން، ނުވަތަ އޭގެފަހުންވިއަސް، ގަންނަން އެއްބަސްވެފައިވާ އެއްވެސް ސެކިއުރިޓީޒްއެއް ކުންފުނިން ވިއްކައިގެން ނުވާނެއެވެ. އަދި
  2. އެހިފެހެއްޓުމުގެ ކުރިން ވިއްކާފައިވާ ސެކިއުރިޓީޒްއަށް ލިބިފައިވާ ފައިސާ ފިޔަވައި އެބަޔާނާ ގުޅިގެން ސެކިއުރިޓީޒް ގަތުމަށް ހުށަހެޅުމުގެގޮތުން ދައްކާފައިވާ ފައިސާ ހިފެހެއްޓޭނެއެވެ.

(ބ) ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ހިއްސާގެ ބަޔާނެއް އޮތޯރިޓީން ބާތިލު ކޮށްފިނަމަ އެބަޔާން ބާތިލު ކުރިކަމާއި ބާތިލުކުރުމަށް މެދުވެރިވި ސަބަބު، ހިއްސާގެ ބަޔާން ނެރުނު ފަރާތަށާއި ރެޖިސްޓްރާރަށް އެންގުމަށްފަހު ލަސްނުކޮށް އާންމުކޮށް އިއްލާނު ކުރަންވާނެއެވެ.

(ޅ) ރަޖިސްޓަރީކޮށްފައިވާ ހިއްސާގެ ބަޔާނެއް ބާތިލުކޮށްފިނަމަ:

  1. އެބާތިލު ކުރުމުގެ ކުރިން ނުވަތަ ފަހުން ވިޔަސް، ގަންނަން އެއްބަސްވެފައިވާ އެއްވެސް ސެކިއުރިޓީޒްއެއް ކުންފުނިން ވިއްކައިގެން ނުވާނެއެވެ. އަދި
  2. މި މާއްދާގެ (ރ) ގެ (2) ގެ ދަށުން ހިފެހެއްޓިފައިވާ ފައިސާއާއި، އެފައިސާ ދެއްކި ފަރާތްތަކަށް ސެކިއުރިޓީޒް ގަތުމަށް ހުށަހެޅުމުގެގޮތުން ދައްކާފައިވާ ފައިސާ އެފަރާތަށް ލަސްނުކޮށް އަނބުރާ ހަވާލުކުރަންވާނެއެވެ.

(ކ) ސެކިއުރިޓީޒް ގަތުމަށް ހުށަހަޅާފައިވާ، ނުވަތަ ހުށަހެޅުމުގެގޮތުން ފައިސާ ދައްކާފައިވާ ފަރާތަކަށް އަނބުރާ ރައްދުކުރަންޖެހޭ ފައިސާ، ހިއްސާގެ ބަޔާނެއް ބާތިލުކުރެވޭ ތާރީހުންފެށިގެން އެއްމަސްދުވަހުގެ ތެރޭގައި ރައްދުނުކޮށްފިނަމަ، ހިއްސާގެ ބަޔާން ނެރުނު ފަރާތަށް ސެކިއުރިޓީޒް ގަތުމަށް ހުށަހެޅި ހުށަހެޅުން ލިބުނު ތާރީހުން ފެށިގެން، ނުވަތަ ހުށަހެޅުމުގެގޮތުން ދައްކާފައިވާ ފައިސާ ލިބުނު ތާރީހުން ފެށިގެން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ގޮތުން، ސަރވިސް ޗާޖާއެކު، އެފައިސާ އަނބުރާ ދެއްކުމަށް ހިއްސާގެ ބަޔާން ނެރުނު ފަރާތުން ޒިންމާ ވާނެއެވެ. މިގޮތުން ހިއްސާގެ ބަޔާން ނެރުނު ފަރާތަކީ، ކުންފުންޏެއްނަމަ، އެކުންފުނީގެ ހުރިހާ ޑައިރެކްޓަރުން އެކުގައި އަދި ވަކިވަކިންވެސް ޒިންމާ ވާނެއެވެ.

(އ) ހިއްސާ ބަޔާން ނެރޭ ފަރާތެއްގެ ޑައިރެކްޓަރަކު، ހިއްސާގަތުމަށް ހުށަހަޅާފައިވާ ހުށަހެޅުމެއް އަނބުރާ ދައްކާފައިނުވަނީ އެފަރާތުގެ އިހުމާލުން ނޫންކަން، ނުވަތަ އެފަރާތުން ނުރަނގަޅު ގޮތަކަށް އަމަލުކުރުމުގެ ސަބަބުން ނޫންކަން ސާބިތުކޮށްދީފިނަމަ މި މާއްދާގެ (ކ) ގެ ދަށުން އެ ޑައިރެކްޓަރަކު ޒިންމާއެއް ނުވާނެއެވެ.

 

ޗެޕްޓަރ 6 

ސެކިއުރިޓީޒްއާއި މަސްލަހަތުގެ ދަފްތަރު

 

43 ވަނަ މާއްދާ - މިބަޔަށް އަމަލުކުރަންޖެހޭ ފަރާތްތައް

ތިރީގައިވާ ފަރާތްތަކުން މި ޗެޕްޓަރުގައިވާ މާއްދާތަކަށް އަމަލުކުރަންޖެހޭނެއެވެ.

  1. ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތްތައް؛
  2. ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތްތައް ތަމްސީލުކުރާ ފަރާތްތައް؛
  3. އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތައް؛
  4. މާލީ ކަންތައްތަކާބެހޭ ނޫސްވެރިންނާއި ރިޕޯޓަރުން؛
  5. 28، 29، 36 ވަނަ މާއްދާގެ ދަށުން ދޫކުރެވިފައިވާ ހުއްދަ ލިބިފައިވާ ފަރާތްތައް؛
  6. ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކުގެ އިތުރުން، ލިސްޓް ކުރެވިފައިވާ ކުންފުނިތަކުގެ ޑިރެކްޓަރުންނާއި މެނޭޖްމަންޓްތައް.

 

44 ވަނަ މާއްދާ - ސެކިއުރިޓީޒްއާ ގުޅޭ މަސްލަހަތެއްވާނަމަ ނުވަތަ ގުޅުމެއްވާނަމަ އެކަމުގެ ދަފްތަރެއް ބެލެހެއްޓުން

(ހ) މިބަޔަށް އަމަލުކުރަންޖެހޭ ފަރާތްތަކުން އެފަރާތެއްގެ ވިޔަފާރީގެ މައި އިދާރާގައި އެފަރާތުގެ މަސްލަހަތެއް ނުވަތަ ގުޅުމެއްހުރި ސެކިއުރިޓީޒްގެ ދަފްތަރެއް ކަނޑައެޅިފައިވާ ގޮތެއްގެމަތިން ބަލަހައްޓަންވާނެއެވެ.

(ށ) މިބަޔަށް އަމަލުކުރަންޖެހޭ ފަރާތްތަކުން، އެފަރާތެއްގެ މަސްލަހަތެއްހުރި، ނުވަތަ މަސްލަހަތާ ގުޅުމެއްހުރި ސެކިއުރިޓީޒްގެ އަދި އެމަސްލަހަތުގެ ތަފްސީލު، އެމަސްލަހަތެއް އުފެދޭތާ 15 ދުވަހުގެ ތެރޭގައި ދަފްތަރުގައި ބަޔާންކުރަންވާނެއެވެ.

(ނ)

  1. މިބަޔަށް އަމަލުކުރަންޖެހޭ ފަރާތެއްގެ ސެކިއުރިޓީޒްގެ މަސްލަހަތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެބަދަލެއްގެ ތަފްސީލާއި އެ ބަދަލެއް އައި ތާރީހު، އަދި ބަދަލު އައުމަށް މެދުވެރިވި ސަބަބު، ދަފްތަރުގައި ބަޔާންކުރަންވާނެއެވެ.
  2. އެބަދަލެއް އަންނަތާ 15 ދުވަހުގެ ތެރޭގައި، އެބަދަލެއް މި މާއްދާއާ އެއްގޮތްވާގޮތުގެމަތިން ދަފްތަރުގައި ލިޔަންވާނެއެވެ.
  3. މި މާއްދާގެ ބޭނުމަށްޓަކައި ސެކިއުރިޓީޒްއެއް ގަނެފިނަމަ ނުވަތަ ވިއްކައިފިނަމަ، ބެލެވޭނީ އެސެކިއުރިޓީޒްއަކާ ގުޅިގެން އެފަރާތެއްގެ މަސްލަހަތަށް ބަދަލެއް އައީކަމަށެވެ.

 

45 ވަނަ މާއްދާ - މާލީ ކަންތައްތަކާބެހޭ މުރާސިލުން

މާލީ ކަންތައްތަކާބެހޭ މުރާސިލެއްގެ ގޮތުން މަސައްކަތްކުރެވޭނީ، މާލީ ކަންތައްތަކާބެހޭ ގޮތުން ލަފާދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށެވެ.

 

46 ވަނަ މާއްދާ - މާލީ މުރާސިލުންނާބެހޭ މައުލޫމާތު އޮތޯރިޓީއަށް ދިނުން

(ހ) ނޫހެއް ނުވަތަ މަޖައްލާއެއްގައި ށާއިއު ކޮށްފައިވާ ރިޕޯޓެއް، ނުވަތަ އެފަދަ ލިޔުމެއް ތައްޔާރުކުރި، ނުވަތަ ތައްޔާރުކުރުމުގައި ބައިވެރިވި މާލީ ކަންތައްތަކާ ބެހޭ މުރާސިލެއްގެ ނަމާއި އެޑްރެސް، އޮތޯރިޓީއަށް، ނުވަތަ އޮތޯރިޓީން އެކަމަށް ހުއްދަދެވިފައިވާ ފަރާތްތައް ބޭނުންވެ ލިޔުމުން ނޯޓިހެއް ފޮނުވައިފިނަމަ، އެ ނޯޓިހުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، އެ ނޯޓިސް ފޮނުވުނު ފަރާތުން، ފޮނުވި ފަރާތަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމަކަށް މަގްބޫލު އުޒުރެއްނެތި އެލިޔުމެއް ށާއިއުކުރި ނޫހަކުން، ނުވަތަ މަޖައްލާއަކުން އެފަދަ މައްލޫމާތު ދިނުމުގެ ޒިންމާ އުފުލަންވާނެއެވެ.

 

47 ވަނަ މާއްދާ - ދަފްތަރު ހާމަކުރުން

(ހ) އޮތޯރިޓީން ނުވަތަ އޮތޯރިޓީން ހުއްދަދޭ ފަރާތަކުން އެދިއްޖެނަމަ، މި ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ބެލެހެއްޓުމަށް ލާޒިމުކުރާ ދަފްތަރު، އެ ދަފްތަރު ބަލަހައްޓަންޖެހޭ ފަރާތުން ހާމަކުރަންވާނެއެވެ. އަދި އޮތޯރިޓީން، ނުވަތަ އޮތޯރިޓީން ހުއްދަދޭ ފަރާތަކުން ބޭނުންވެއްޖެނަމަ އެ ދަފްތަރުގެ ނަކަލެއް ހެދިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ އެއްވެސް ފަރާތަކަށް، މި މާއްދާގެ (ހ) ގައިވާ ފަދައިން، ދަފްތަރު ނުދެއްކުމަކީ، ނުވަތަ ނަކަލުކުރުމަށް ނުދިނުމަކީ ކުށެކެވެ.

(ނ) މިމާއްދާގެ (ހ) އާ ގުޅިގެން އޮތޯރިޓީއަށް ލިބޭ ދަފްތަރުގެ ނަކަލުގައިވާ ސެކިއުރިޓީޒްގެ މުއާމަލާތާ ބެހޭ މައްލޫމާތު، އާންމުވެގެންވާ މަންފާއަކަށްޓަކައި މިފަދަ މައްލޫމާތެއް ލިބެންޖެހޭ ކަމަށް އޮތޯރިޓީއަށް ފެންނަ ފަރާތަކަށް ހާމަ ކުރެވިދާނެއެވެ.

 

 

ޗެޕްޓަރ 7

(ހިސާބުތައް ބެލެހެއްޓުމާއި އޮޑިޓްކުރުން)

 

48 ވަނަ މާއްދާ - ހިސާބާއި މައްލޫމާތު ހުށަހެޅުމުގެ މަސްއޫލިއްޔަތު

މި ގާނޫނުގެ ދަށުން ހުއްދަ ލިބިގެން ވިޔަފާރިކުރާ، ނުވަތަ މަސައްކަތެއްކުރާ ކޮންމެ ފަރާތަކުން އެފަރާތެއްގެ ވިޔަފާރި، ނުވަތަ މަސައްކަތާ ގުޅޭގޮތުން ހުށަހެޅުމަށް އޮތޯރިޓީން އަންގާ މާލީ ހިސާބުތަކާއި އެހެނިހެން މައްލޫމާތާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނާ އެފަދަ މައްލޫމާތު އެގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

49 ވަނަ މާއްދާ - ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތްތަކުން ބަލަހައްޓަންޖެހޭ ހިސާބުތައް

(ހ) ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ކޮންމެ ފަރާތަކުންވެސް ތިރީގައިމިވާ ލިޔުންތައް ބަލަހައްޓަންވާނެއެވެ.

  1. އެފަރާތަކުން ހިންގާ ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރީގެ މާލީ ހާލަތާއި އެވިޔަފާރީގެ މުއާމަލާތުތައް ހަގީގަތާ އެއްގޮތަށް ބަޔާންކޮށް، ދައްކައިދޭނެ ހިސާބުތައް އެކުލެވޭ ލިޔުންތައް.
  2. އެފަރާތަކުން ތައްޔާރުކުރަންޖެހޭ ފައިދާއާއި ގެއްލުމުގެ ހިސާބާއި، ބެލެންސް ށީޓްތައް، ހަގީގަތާ އެއްގޮތަށް ތައްޔާރުކުރުމަށްޓަކައި ބޭނުންވާނޭ ހިސާބުތައް އެކުލެވޭ ލިޔުންތައް.
  3. އެފަރާތަކުން ހިންގާ ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރީގެ  ފައިދާއާއި ގެއްލުމުގެ ހިސާބާއި ބެލެންސް ށީޓްތައް ފަސޭހަކަމާއެކު ރަނގަޅަށް އޮޑިޓްކުރެވޭ ފަދަ ގޮތަކަށް އެފަރާތުގެ ހިސާބުތައް އެކުލެވޭ ލިޔުންތައް.

(ށ) ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތަކުން މި މާއްދާގެ (ހ) ގައި ބުނެފައިވާ ލިޔުންތައް މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް ބަލަހައްޓާފައިވާކަމަށް ބެލެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެލިޔުންތައް ބަލަހައްޓާފައި ވާނަމައެވެ.

  1. ލިޔުންތައް ދިވެހިބަހުން، ނުވަތަ އިނގިރޭސިބަހުން ހުރުން، ނުވަތަ ލިޔުންތައް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން ލިބޭގޮތަށް، ނުވަތަ ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން ލިޔުމަށް ބަދަލުކުރެވޭ ފަދަ ގޮތަކަށް ހުރުން.
  2. ތިރީގައި ބުނެފައިވާ ތަފްސީލާއެކު ލިބެން ހުރުން.

    (ހ) މި ގާނޫނުގެ 50 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ބަލަހައްޓާ އެކައުންޓަށް ލިބޭ ފައިސާއާއި، އެކައުންޓުން ހަރަދުކުރާ ފައިސާ ހިމެނޭގޮތުން ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތަށް ލިބޭ ހުރިހާ ފައިސާއާ އެފަރާތަކުން ހަރަދުކުރާ ހުރިހާ ފައިސާގެ ތަފްސީލު.
    (ށ) ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތުން ގަނެދޭ ހުރިހާ ސެކިއުރިޓީޒްއާއި، ވިއްކައިދޭ ހުރިހާ ސެކިއުރިޓީޒްއާއި އެސެކިއުރިޓީޒްއަށް ލިބެންޖެހޭ ފައިސާއާއި، އެ ސެކިއުރިޓީޒްއާ ގުޅިގެން ދައްކަންޖެހޭ ފީއާއި، ކޮންމެ ސެކިއުރިޓީޒްއެއް ގަންނަ ފަރާތާއި ކޮންމެ ސެކިއުރިޓީޒްއެއް ވިއްކާ ފަރާތުގެ ތަފްސީލު.
    (ނ) ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތަށް ކޮމިށަންގެ ގޮތުންނާއި އިންޓަރެސްޓަށާއި އެހެނިހެން ގޮތްގޮތުން ލިބޭ ހުރިހާ އާމްދަނީއާއި، ކުރާ ހުރިހާ ހަރަދުގެ ތަފްސީލު.
    (ރ) ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތުން ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފުލަންޖެހިދާނެ ޒިންމާތައް ހިމެނޭގޮތުން އެފަރާތުގެ ފައިސާއާއި މުދަލާއި، ދަރަންޏާއި އެހެނިހެން ޒިންމާތަކުގެ ތަފްސީލު.
    (ބ) ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތުގެ މިލްކުގައިވާ ސެކިއުރިޓީޒްގެ ތަފްސީލާއި އެ ސެކިއުރިޓީޒް ނުވަތަ އެ ސެކިއުރިޓީޒްގެ މިލްކުވެރިކަމުގެ ލިޔުންތައް ހަވާލުކުރެވިފައިވާ ފަރާތްތަކުގެ ތަފްސީލާއި އެތަކެތި އެހެން ފަރާތެއްގެ ހަވާލުގައި ވާނަމަ، އެތަކެތިވަނީ ރަހުނު ކުރެވިފައިކަން، ނުވަތަ ނޫންކަން.
    (ޅ) ސެކިއުރިޓީޒްގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތުގެ މިލްކުގައިވާ، ސެކިއުރިޓީޒް ފިޔަވައި އެފަރާތް، ނުވަތަ އެފަރާތުން އައްޔަންކޮށް އަދި އެފަރާތުގެ އަމުރުގެ ދަށުގައިވާ ފަރާތެއް ޒިންމާވާންޖެހޭ ސެކިއުރިޓީޒްގެ ތަފްސީލާއި، އެ ސެކިއުރިޓީޒް ނުވަތަ އެ ސެކިއުރިޓީޒްގެ މިލްކުވެރިކަމުގެ ލިޔުން ހަވާލުކުރެވިފައިވާ ފަރާތާއި، ހަވާލުކުރި ފަރާތާއި، އެތަކެތި ހަވާލުކުރެވިފައިވަނީ، ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކަމުގައިވާނަމަ، އެކަމާއި، އެތަކެތި އެހެން ފަރާތެއްގައި ރަހުނު ކުރެވިފައިވާނަމަ، އެކަމުގެ ތަފްސީލު.
    (ކ) ދެ އެކްސްޗޭންޖެއްގައި އެއް ސެކިއުރިޓީއެއް ގަނެ ވިއްކަމުންދާ ހާލަތެއްގައި، އެ ސެކިއުރިޓީއެއް އެއް އެކްސްޗޭންޖަކުން ގަނެ އަނެއް އެކްސްޗޭންޖެއްގައި ވިއްކުމުގެ މުއާމަލާތެއް ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތުން ކޮށްފައިވާނަމަ އެކަމުގެ ތަފްސީލު.
    (އ) ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތުން ހިންގާފައިވާ ހުރިހާ އަންޑަރައިޓް ކުރުމުގެ މުއާމަލާތުތަކުގެ ތަފްސީލު.

  3. ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތުން ހިންގާ ކޮންމެ މުއާމަލާތެއްގެ ތަފްސީލު ވަކިވަކިން އެނގޭނޭހެން އެ މުއާމަލާތުތަކާބެހޭ މައްލޫމާތު ލިބެންހުރުން.
  4. ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތުން ހިންގާ ކޮންމެ މުއާމަލާތެއް ހިންގާފައިވާ ތާރީހު، ނުވަތަ މުއްދަތު އެނގެން އޮތުން.
  5. ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތްތަކުން ހަވާލުކުރާ ސެކިއުރިޓީޒްތައް ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުގެ ނަން އެނގޭނޭހެން އެ ސެކިއުރިޓީޒް ލިބިފައިވާކަން ބަޔާންކުރާ ރަސީދުގެ ކޮޕީ އޮތުން.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ މައްލޫމާތުގެ އިތުރުން، ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތަކުން، ތިރީގައި ބުނެފައިވާ ފަރާތްތައް ނުވަތަ އެއިން ފަރާތަކާއެކު، ނުވަތަ އެފަރާތްތަކާ ނުވަތަ އެއިން ފަރާތަކާ ގުޅޭގޮތުން ކުރާ ހުރިހާ މުއާމަލާތުތަކެއް ވަކިވަކިން އެނގޭނޭހެން ހިސާބުތައް އެކުލެވޭ ލިޔުންތައް ބަހައްޓަންވާނެއެވެ.

  1. ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތުގެ ހިދްމަތް ހޯދާ ފަރާތްތައް.
  2. ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތް.
  3. ދިވެހިރާއްޖޭގައި ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ އެހެން ފަރާތްތައް.
  4. ރާއްޖޭން ބޭރުގައި ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތްތައް.
  5. ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތުގެ މުވައްޒަފުން.

(ރ) މި މާއްދާގެ ދަށުން ބަލަހައްޓާފައިވާ ހުރިހާ ހިސާބުތައް އެކުލެވޭ ލިޔުންތަކާއި، އެނޫން މައްލޫމާތު އެކުލެވޭ ލިޔުންތަކުގައި ހިމެނޭ ހުރިހާ ހިސާބުތަކަކީ، ނުވަތަ މައްލޫމާތުތަކަކީ ސެކިއުރިޓީޒް ގަނެ ވިއްކާ ފަރާތުން، ނުވަތަ އެފަރާތުގެ ހުއްދަ ލިބިގެން ބަލަހައްޓާފައިވާ ހިސާބު ނުވަތަ މައްލޫމާތުކަމުގައި ބެލެވޭނެއެވެ.

(ބ) ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތްތަކުން، އެފަރާތެއްގެ ހިސާބުތައް އެކުލެވޭ ލިޔުންތައް ދިވެހިރާއްޖޭން ބޭރުގައި ބަލަހައްޓަމުން ގެންދާނަމަ، އެފަރާތުން ތައްޔާރުކުރަންޖެހޭ ފައިދާއާއި ގެއްލުމުގެ ހިސާބާއި ބެލެންސް ށީޓްތައް ހަގީގަތާއެއްގޮތަށް ތައްޔާރުކުރުމަށް ބޭނުންވާ ހިސާބުތައް އެކުލެވޭ ލިޔުންތަކާއި އެނޫން މައްލޫމާތު ހިމެނޭ ލިޔުންތަކުގެ ކޮޕީ، ދިވެހިރާއްޖޭގައި ހުރި ތަނަކަށް ފޮނުވައި އެތަނެއްގައި އެކޮޕީތައް ބަލަހައްޓާނެ ގޮތް ހަމަޖައްސަންވާނެއެވެ.

 

50 ވަނަ މާއްދާ - ވަކި ބޭންކް އެކައުންޓްތައް

(ހ) ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ކޮންމެފަރާތަކުން، ސެކިއުރިޓީޒް ގަނެދިނުމަށްޓަކައި ލިބޭ ފައިސާއާއި ވިއްކައިދިނުމަށްޓަކައި ލިބޭ ފައިސާ ބަލަހައްޓަންވާނީ، އެކަމަށްޓަކައި ހުޅުވާ ވަކި އެކައުންޓެއްގައެވެ.

(ށ) ތިރީގައިވާ ބޭނުންތަކަށް މެނުވީ މި މާއްދާގެ (ހ) ގައި ބުނެފައިވާ ބޭންކު އެކައުންޓުގައި ބަހައްޓާފައިވާ ފައިސާ ބޭނުންކޮށްގެން ނުވާނެއެވެ.

  1. މި އެކައުންޓުން ފައިސާ ލިބިގަތުމުގެ ހައްގު އޮތް ފަރާތަށް، ނުވަތަ އެފަރާތަކުން އެކަމަށްޓަކައި އައްޔަންކުރާ ފަރާތަށް މި އެކައުންޓުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް.
  2. ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ފީ އަށާއި، އަދި އެ މުއާމަލާތާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމަށް.

(ނ)   ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތެއްގެ ދަރަންޏެއް އަދާކުރުމަށްޓަކައި، ނުވަތަ އެފަދަ ދަރަންޏެއް އަދާކުރުމަށް ކޯޓުން ނެރޭ އަމުރެއްގެދަށުން، ފައިސާ ދެއްކުމަށްޓަކައިވިޔަސް، މި މާއްދާގެ (ހ) ގައި ބުނެފައިވާ އެކައުންޓުގައިވާ ފައިސާގެ ބޭނުމެއް ނުކުރެވޭނެއެވެ.

 

51 ވަނަ މާއްދާ - އޮޑިޓަރެއް އައްޔަންކުރުން

ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ކޮންމެ ފަރާތަކުންވެސް ތިރީގައިވާ ކަންތައްތައް ތިރީގައިވާ ގޮތަށް ކުރަންވާނެއެވެ.

(ހ) ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރީގެ ހިސާބުތައް އޮޑިޓް ކުރާނެ، ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އެކައުންޓެންޓެއް އައްޔަންކުރުން.

(ށ) ކޮންމެ މާލީ އަހަރެއް ނިމޭތާ ތިންމަސް ހަމަވުމުގެ ކުރިން، ނުވަތަ އޮތޯރިޓީން ނުވަތަ ސްޓޮކް އެކްސްޗޭންޖް ކުންފުނިން ހުއްދަކުރާ މުއްދަތެއްގެ ތެރޭގައި، އޮޑިޓަރުގެ ރިޕޯޓު، އޮތޯރިޓީ އަށާއި ސްޓޮކް އެކްސްޗޭންޖް ކުންފުންޏަށް ހުށަހެޅުން.

 

51 ވަނަ މާއްދާ - އޮޑިޓަރުގެ ވާޖިބުތައް

(ހ) ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތުގެ އޮޑިޓަރަކު، އެމީހަކު ކުރާ މަސައްކަތުގެ ތެރޭގައި، ތިރީގައި ބުނެފައިމިވާ ކަންތައްތަކުގެ ތެރެއިން ކަމެއް އެނގިއްޖެނަމަ، އެކަން ލަސްނުކޮށް ސްޓޮކް އެކްސްޗޭންޖް ކުންފުންޏަށާއި އޮތޯރިޓީއަށް އަންގަންވާނެއެވެ.

  1. އޮޑިޓަރުގެ ނަޒަރުގައި ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތުގެ މާލީ ހާލަތަށް އަސަރުކޮށްފާނެ ކަންތައްތައް.
  2. އޮޑިޓަރުގެ ނަޒަރުގައި މިގާނޫނުގެ އެއްވެސް މާއްދާއަކާ ހިލާފުވާ، ނުވަތަ މަކަރާއި ހީލަތުގެ ނުވަތަ ހިޔާނާތުގެ އަމަލެއްކަމަށް ބެލެވޭ ކަންތައްތައް.
  3. ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތުގެ ހިދްމަތް ހޯދާ ފަރާތްތަކުގެ ފައިސާއާއި، މުދަލަށް ގެއްލުމެއް ލިބިދާނޭގޮތުން ކުރާ ގަވާއިދާ ހިލާފު ކަންތައްތަކާއި، އެފަރާތުގެ ހިސާބުތަކަށް އަސަރުކޮށްފާނޭ ގަވާއިދާ ހިލާފު ކަންތައްތައް.

(ށ) މި މާއްދާގެ (ހ) އާ އެއްގޮތްވާގޮތުގެމަތިން ހެޔޮނިޔަތުގައި އޮޑިޓަރު ކުރާ އެއްވެސްކަމަކާ ގުޅިގެން، އޭނާއާމެދު މަދަނީ ނުވަތަ ޖިނާއީ ދައްވާއެއް ނުއުފުލޭނެއެވެ.

 

ޗެޕްޓަރ 8

ކުންފުނީގެ %5 އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ ގަނެފައިވާ ފަރާތްތަކުގެ ދަފްތަރު

 

53 ވަނަ މާއްދާ - ކުންފުނީގެ %5 އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ ގަނެފައިވާ ފަރާތްތަކުގެ ދަފްތަރު

(ހ) ރާއްޖޭގައި ހިއްސާވިއްކާ ކޮންމެ ޕަބްލިކް ކުންފުންޏެއްގައިވެސް އެކުންފުންޏެއްގެ %5 އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާގެމައްޗަށް ސީދާގޮތުން، ނުވަތަ ނުސީދާގޮތުން ބާރުހިންގޭ ފަރާތްތަކުގެ ދަފްތަރެއް އޮންނަންވާނެއެވެ. މި ދަފްތަރުގައި އެ ހިއްސާދާރު ގަނެފައިވާ ކޮންމެ ހިއްސާއަކާއި، އެ ހިއްސާދާރުގެ މަސްލަހަތެއް ސީދާ ނުވަތަ ނުސީދާގޮތުން ހިމެނޭ ކޮންމެ ހިއްސާއަކާ ގުޅޭގޮތުން މި މާއްދާގެ (ށ) ގައި ބުނެފައިވާ މައްލޫމާތު ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ދަފްތަރުގައި ތިރީގައިވާ މައްލޫމާތު ހިމަނަންވާނެއެވެ.

  1. ހިއްސާދާރުގެ ނަމާއި އެޑްރެސް؛
  2. އެ ހިއްސާއެއްގައި ހިއްސާދާރުގެ މަސްލަހަތެއްވާ ކޮންމެ ހިއްސާއެއްގެ، ނަންބަރާއި ދަރަޖަ އަދި މޫނުމަތީއަގު؛
  3. 5% އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާގަނެފައިވާ ފަރާތަކީ، ހިއްސާގެ ވެރިފަރާތް ނޫންނަމަ، އެ ހިއްސާގެ ވެރިފަރާތުގެ ނަން؛
  4. ހިއްސާގައި ހިމެނޭ އެ ހިއްސާދާރެއްގެ މަސްލަހަތާއި މުއްދަތެއްވާނަމަ އެމުއްދަތު؛
  5. ހިއްސާގައި ހިމެނޭ އެ ހިއްސާދާރެއްގެ މަސްލަހަތު ލިބިގަތް ތާރީހު؛
  6. ހިއްސާގައި ހިމެނޭ އެ ހިއްސާދާރެއްގެ މަސްލަހަތު ދޫކޮށްލި ތާރީހު ނުވަތަ ހިއްސާގައި ހިމެނޭ އެ ހިއްސާދާރެއްގެ މަސްލަހަތަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ، އެބަދަލެއް އައި ތާރީހު؛

(ނ) މި މާއްދާގެ (ރ) އާ އެއްގޮތްވާގޮތުގެމަތިން، %5 އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ ގަނެފައިވާ ފަރާތެއް، ނުވަތަ މިނޫންވެސް ގޮތަކުން ދަފްތަރުގައި ނަން ހިމަނަންޖެހޭ ފަދަ ކަމެއް މެދުވެރިވެއްޖެ ކޮންމެ ފަރާތަކުންވެސް %5 އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ ގަންނަތާ، ނުވަތަ މިނޫންވެސް ގޮތަކުން ދަފްތަރުގައި ނަން ހިމަނަންޖެހޭ ފަދަ ކަމެއް މެދުވެރިވާތާ 14 ދުވަހުގެ ތެރޭގައި، އެކަން މި މާއްދާގެ (ށ) ގައިވާ ތަފްސީލާއެކު ލިޔުމަކުން ކުންފުންޏަށް އަންގަންވާނެއެވެ.

(ރ) މި ގާނޫނަށް އަމަލުކުރަންފަށާއިރު %5 އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ ގަނެފައިވާ ފަރާތްތަކުން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުންފުންޏަށް ހުށަހަޅަންވާނެއެވެ.

  1. 5% އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ ގަނެފައިވާ ފަރާތެއްގެ ގޮތުގައި ހުންނަހުރުން ނިމުމަކަށް އައިނަމަވެސް %5 އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ ގަނެފައިވާ ފަރާތްތަކުގެ ދަފްތަރުގައި ކުރިން ހިމެނިފައިވާ ނަމެއް އެ ދަފްތަރުން އުނިކޮށްގެން ނުވާނެއެވެ.
  2. 5% އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ ގަނެފައިވާ ފަރާތެއްގެ ގޮތުގައި ހުންނަހުރުން ނިމުމަކަށް އަތުވެއްޖެނަމަ، އެއަށްފަހު މެދުވެރިވާ ކަމަކާގުޅޭ މައްލޫމާތު، ދަފްތަރުގައި ހިމެނިދާނެއެވެ.

(ބ) މި މާއްދާގެ (ނ) އާއި (ރ) އާ އެއްގޮތްވާގޮތުގެމަތިން އަމަލުކުރަންޖެހޭ ފަރާތްތަކުން ކުންފުންޏަށް ހުށަހަޅަންޖެހޭ މައްލޫމާތުގެ ކޮޕީ، ހަމަ އެދުވަހު ސްޓޮކް އެކްސްޗޭންޖަށާއި އޮތޯރިޓީއަށް   ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) އާ އެއްގޮތްވާގޮތުގެމަތިން މައްލޫމާތު ހުށަހަޅަންޖެހޭ ފަރާތަކުން، މައްލޫމާތު ހުށަހަޅަންޖެހޭ މުއްދަތު އިތުރުކޮށްދިނުމަށް އެދި އޮތޯރިޓީއަށް ހުށަހަޅައިފިނަމަ، މުއްދަތު އިތުރު ކޮށްދިނުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގެ (ނ) އާއި (ރ) އާ އެއްގޮތްވާގޮތުގެމަތިން އަމަލުކުރަންޖެހޭ ފަރާތްތަކުން، ކުންފުންޏަށް ހުށަހަޅަންޖެހޭ މައްލޫމާތު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ ކުންފުންޏަކުންވެސް އޮތޯރިޓީން އަންގާ ގޮތެއްގެމަތިން ބަލަހައްޓަންވާނެއެވެ.

(އ) ކުންފުނީގެ %5 އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ ގަނެފައިވާ ފަރާތްތަކުގެ ދަފްތަރު ބަލަހައްޓަންވާނީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 16 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެމަތިން އެ ރަޖިސްޓަރީއާ އެއްތަނެއްގައެވެ.

(ވ) މި ގާނޫނުގައި ބަޔާންކުރެވިފައިވާ ކަމެއް ކުރުމުގެ ސަބަބުން ހިއްސާއަކާ ބެހޭގޮތުން އެއްވެސް ފަރާތެއްގެ ހައްގަކާބެހޭ ނޯޓިހެއް އެއްވެސް ކުންފުންޏަކަށް ލިބިފައިވާކަމަށް، ނުވަތަ އެ ހިއްސާއާބެހޭގޮތުން އެ ކުންފުންޏަކުން މައްލޫމާތު ސާފުކުރަންޖެހޭ ކަމަށް ބެލެވިގެން ނުވާނެއެވެ.

(މ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުންފުންޏެއްގެ ހިއްސާ، އެކުންފުންޏެއްގެ ޑިރެކްޓަރުންނަށް ބަދަލުކޮށް ދަފްތަރުގައި ލިޔުމުގެ ސަބަބުން، އެޑިރެކްޓަރަކީ އެކުންފުންޏެއްގެ %5 އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ ގަނެފައިވާ ފަރާތަކަށް ބަދަލުވެދާނެނަމަ، ނުވަތަ އެފަދަ ފަރާތަކަށް ބަދަލުވެދާނެކަމަށް ގަބޫލުކުރެވޭ ފަދަ ސަބަބުތަކެއް ހުރިކަމަށް ފެނިއްޖެނަމަ، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަމަލުކުރުމަށްޓަކައި މިކަން އެކުންފުންޏަކުން އެފަރާތެއްގެ ސަމާލުކަމަށް ގެންނަންވާނެއެވެ.

 

ޗެޕްޓަރ 9 

މަނާކުރެވިފައިވާ މުއާމަލާތުތައް

 

54 ވަނަ މާއްދާ- ގުޅުންހުރި ފަރާތަކުން ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރުން މަނާވުން

(ހ) ތިރީގައިވާ ފަރާތްތަކުގެ މައްޗަށް މި މާއްދާ ހިނގާނެއެވެ.

  1. ސްޓޮކް އެކްސްޗޭންޖެއްގެ ރަސްމީ ލިސްޓުގައި އެފަރާތުގެ ސެކިއުރިޓީޒް ލިސްޓުކުރެވިފައިވާ ކޮންމެ ފަރާތެއް.
  2. ކުންފުންޏާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮންމެ ޕަބްލިކް ކުންފުންޏެއް.

(ށ) މި މާއްދާގެ ދަށުން އަމަލުކުރަންޖެހޭ ކުންފުންޏަކާ ބެހޭގޮތުން އާންމުކޮށް ލިބެންނެތް، އަދި އެމައްލޫމާތެއް އާންމު ވެއްޖެނަމަ، ސެކިއުރިޓީޒްގެ އަގަށް ބަދަލު އަތުވެދާނެ ފަދަ މައްލޫމާތެއް އެފަދަ ކުންފުންޏަކާ ގުޅިފައިވާ، ނުވަތަ އެއްވެސް އިރެއްގައި ގުޅުމެއްހުރި ފަރާތަކަށް ލިބިފައިވާނަމަ، އެފަދަ ފަރާތަކުން ސެކިއުރިޓީޒް ގަނެ ވިއްކުމުގެ މުއާމަލާތެއް ކޮށްގެން ނުވާނެއެވެ.

(ނ) މި މާއްދާގެ ދަށުން އަމަލުކުރަންޖެހޭ ކުންފުންޏަކާ ގުޅިފައިވާ، ނުވަތަ އެއްވެސް އިރެއްގައި ގުޅުމެއްހުރި ފަރާތަކަށް އެގުޅުމެއްގެ ސަބަބުން އެހެން ކުންފުންޏަކާބެހޭ ތިރީގައިވާ ފަދަ މައްލޫމާތެއް ލިބިފައިވާނަމަ، އެމައްލޫމާތާގުޅޭ ކުންފުންޏެއްގެ ސެކިއުރިޓީޒް ގަނެ ވިއްކުމުގެ މުއާމަލާތެއް ކޮށްގެން ނުވާނެއެވެ.

  1. އާންމުކޮށް ލިބެންނެތް މައްލޫމާތެއް ހާމަވެއްޖެނަމަ، އޭގެ ސަބަބުން އެކުންފުންޏެއްގެ ސެކިއުރިޓީޒްގެ އަގަށް އަސަރެއް ކޮށްފާނެ މައްލޫމާތެއް، އަދި
  2. ދެކުންފުންޏެއްގެ ދެމެދުގައި ނުވަތަ އެ ދެކުންފުނި ބައިވެރިވާގޮތަށް ހިނގާފައިވާ، ނުވަތަ ހިނގާނޭ މުއާމަލާތެއް، ނުވަތަ އެއްކުންފުންޏަކުން އަނެއް ކުންފުނީގެ ސެކިއުރިޓީޒްއާ ގުޅޭގޮތުން ކުރާ މުއާމަލާތުގެ މައްލޫމާތު.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައިވާ ފަދަ މައްލޫމާތު ލިބިފައިވާ މީހަކަށް، ލިބިފައިވާ މައުލޫމާތަކީ އެމައްލޫމާތު އާންމުވެއްޖެނަމަ ސެކިއުރިޓީޒްގެ އަގަށް އަސަރެއްކޮށްފާނެ މައްލޫމާތެއް ކަމަށްވެފައި އެފަދަ މައްލޫމާތު ލިބިފައިވާ ފަރާތަކުން ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރުން މި މާއްދާގެ (ށ) ނުވަތަ (ނ) ގެ ދަށުން މަނާކޮށްފައި ނުވިނަމަވެސް، ތިރީގައިވާ ހާލަތުތަކުގައި އެފަދަ ފަރާތަކުން ސެކިއުރިޓީޒް ގަނެ ވިއްކުމުގެ މުއާމަލާތެއް ކޮށްގެން ނުވާނެއެވެ.

  1. އެފަރާތަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށްނަމަވެސް މައްލޫމާތެއް ލިބިފައިވަނީ މި މާއްދާގެ (ށ) ނުވަތަ (ނ) ގެ ދަށުން ސެކިއުރިޓީޒް ގަނެ ވިއްކުމުގެ މުއާމަލާތުކުރުން މަނާވެފައިވާ ފަރާތަކުން ކަމަށްވެފައި، އަދި އެމައްލޫމާތު ދިން ފަރާތަކީ، އެފަދަ ފަރާތެއްކަން މައްލޫމާތު ލިބުނުފަރާތަށް އެނގޭ، ނުވަތަ އެނގޭނޭކަމަށް ގަބޫލުކުރެވޭފަދަ ސަބަބުތަކެއް ހުރިކަމަށް ބެލެވުމާއި؛
  2. އެމައްލޫމާތެއް ލިބުނުއިރު އެމައްލޫމާތު ދިން ފަރާތާއި ލިބުނު ފަރާތާ ދެމެދު ގުޅުމެއް ހުރުން، ނުވަތަ ސެކިއުރިޓީޒްއާމެދު އެދެފަރާތުން ނުވަތަ އެދެފަރާތުންކުރެ ފަރާތަކުން މުއާމަލާތުކުރުމުގެ މަގްސަދުގައި މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކުރެވިފައިވާ މައްލޫމާތެއް ބަދަލުކުރުމަށް ގޮތެއް ހަމަޖައްސާފައިވުން.

(ބ) މި މާއްދާގެ (ށ) ނުވަތަ (ނ) ގެ ދަށުން، ސެކިއުރިޓީޒް ގަނެ ވިއްކުމުގެ ވިޔަފާރިކުރުން މަނާކުރެވިފައިވާ ފަރާތަކުން، އެއްވެސް ހާލަތެއްގައި އެހެންފަރާތެއް މެދުވެރިކޮށް އެ ސެކިއުރިޓީޒްގެ ވިޔަފާރިކޮށްގެން ނުވާނެއެވެ.

(ޅ) އެއްވެސް ފަރާތަކަށް ލިބިފައިވާ މައްލޫމާތެއްގެ ސަބަބުން، އެފަރާތަކުން ސެކިއުރިޓީޒްގެ މުއާމަލާތު ހިންގުން މި މާއްދާގެ (ށ)، (ނ)، ނުވަތަ (ރ) ގެ ދަށުން މަނާކުރެވިފައިވާނަމަ، ތިރީގައިވާ ހާލަތުތަކުގައި އެހެންފަރާތަކަށް އެމައްލޫމާތު ހާމަކޮށްގެން ނުވާނެއެވެ.

  1. އެ ސެކިއުރިޓީޒްއަކީ ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގެ ސްޓޮކް އެކްސްޗޭންޖެއްގައި ގަނެ ވިއްކުން ހުއްދަކުރެވިފައިވާ ސެކިއުރިޓީޒްއެއް ކަމުގައިވުން.
  2. އެމައްލޫމާތު ލިބޭފަރާތުން، ނުވަތަ އެހެންފަރާތެއް މެދުވެރިކޮށް، އެ ސެކިއުރިޓީޒްގެ މުއާމަލާތު ކުރުމަށް އެމައްލޫމާތު ބޭނުން ކުރާނެކަން، މައްލޫމާތުދޭ ފަރާތަށް އެނގުން، ނުވަތަ އެނގޭނެކަމަށް ގަބޫލުކުރެވޭފަދަ ސަބަބުތަކެއް ހުރިކަމަށް ބެލެވުން.

(ކ) މި މާއްދާގެ (ށ)، (ނ)، ނުވަތަ (ރ) ގެ ދަށުން ސެކިއުރިޓީޒްގެ މުއާމަލާތުކުރުން، ކުންފުންޏެއްގެ އޮފިސަރަކަށް މަނާކޮށްފައިވާ ވަގުތެއްގައި އެ ކުންފުންޏަކުން އެ ސެކިއުރިޓީޒްގެ މުއާމަލާތެއް ކޮށްގެން ނުވާނެއެވެ.

(އ) އެ ކުންފުންޏެއްގެ އޮފިސަރަކަށް ލިބިފައިވާ މައްލޫމާތެއްގެ ސަބަބުން އެކަނި ސެކިއުރިޓީޒްގެ ވިޔަފާރިކުރުން މި މާއްދާގެ (ކ) ގެ ދަށުން އެ ކުންފުންޏަކަށް މަނާކުރެވިފައިވިނަމަވެސް، ތިރީގައިވާ ހާލަތުތަކުގައި އެ ކުންފުންޏަކުން ސެކިއުރިޓީޒްގެ މުއާމަލާތުކުރުމަށް މި މާއްދާގެ (ކ) ހުރަހެއް ނާޅައެވެ.

  1. އެ މުއާމަލާތެއް ހިންގުމަށް ނިންމާފައިވަނީ، އެ މައްލޫމާތު ލިބިފައިވާ އޮފިސަރުނޫން އެހެންފަރާތަކުން ކަމަށްވުން.
  2. ސެކިއުރިޓީޒްގެ މުއާމަލާތެއް ކުރުމަށް ނިންމިފަރާތަކަށް އެ މައްލޫމާތެއް ނުލިބޭނޭ ގޮތްތަކެއް ހަމަޖެހިފައިވުމާއި، އަދި އެފަދަ މައްލޫމާތެއް ލިބިފައިވާ ފަރާތަކުން އެނިންމުމެއް ނިންމިފަރާތަކަށް އެކަމާބެހޭ ގޮތުން އެއްވެސް މައްލޫމާތެއް ލަފައެއް ދެވިފައިނުވުން.
  3. އެފަދަ މައްލޫމާތެއް އެފަރާތަކަށް ލިބިފައި ނުވުމާއި، އަދި އެފަދަ ލަފައެއް ދީފައި ނުވުން.

(ވ) މި މާއްދާއަށް އަމަލުކުރަންޖެހޭ ކުންފުންޏެއްގެ އޮފިސަރަކަށް ލިބިފައިވާ މައްލޫމާތު އޭނާއަށް ލިބިފައިވަނީ، އެކުންފުނީގައި އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި އެ ކުންފުންޏެއްގެ އޮފިސަރެއްގެ ހައިސިއްޔަތުންކަމަށްވެފައި، އަދި މި މައްލޫމާތަކީ އޭނާ ހިމެނޭ ކުންފުނިން އެހެން ކުންފުންޏެއްގެ ސެކިއުރިޓީޒްއާމެދު ހުށަހެޅިފައިވާ މުއާމަލާތަކާ ގުޅިގެން ލިބިފައިވާ މައްލޫމާތެއްނަމަ، ހަމައެކަނި އެމައްލޫމާތުގެ ސަބަބުން އޭނާ ހިމެނޭ ކުންފުނިން އަނެއް ކުންފުނީގެ ސެކިއުރިޓީޒްގެ ވިޔަފާރިކުރުން މި މާއްދާގެ (ކ) ގެ ދަށުން މަނައެއް ނުވާނެއެވެ.

(މ) މި މާއްދާގެ ބޭނުމަށްޓަކައި ކުންފުންޏަކާ ގުޅުންހުރި ފަރާތެކޭ ބުނެފައިވަނީ، ފަރުދެއްނަމަ؛

  1. އެ ކުންފުންޏެއް ނުވަތަ ގުޅިފައިވާ ކުންފުންޏެއްގެ އޮފިސަރެއް.
  2. އެ ކުންފުންޏެއްގެ ނުވަތަ ގުޅިފައިވާ ކުންފުންޏެއްގެ %5 އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާގެ މައްޗަށް ބާރުހިންގޭ ފަރާތެއް.
  3. މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކުރެވިފައިވާ ފަދަ މައްލޫމާތެއް ތިރީގައިވާ ސަބަބުތަކާހުރެ ލިބުން އެކަށީގެންވާ މަގާމެއްގައި ހުރި މީހެއް.

    (ހ) ފަންނީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޭނާއާ ނުވަތަ އޭނާއަށް ވަޒީފާ ދިން ފަރާތާ، ނުވަތަ މުވައްޒަފެއް ނުވަތަ އޮފިސަރެއްގެ ގޮތުގައި އޭނާ ހިމެނޭ ކުންފުންޏަކާ، ނުވަތަ އެކުންފުންޏަކާ ގުޅިފައިވާ ކުންފުންޏަކާމެދު އޮތުން.

    (ށ) އޭނާއަކީ އެ ކުންފުންޏެއްގެ، ނުވަތަ ގުޅިފައިވާ ކުންފުންޏެއްގެ %5 އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާގެ މައްޗަށް ބާރުހިންގޭ ފަރާތެއްގެ އޮފިސަރެއްކަމަށްވުން.

 

(ފ) ތިރީގައިވާ ހާލަތުތައް ފުރިހަމަވާނަމަ، މިގާނޫނުގެ 28 ވަނަ މާއްދާއާއި 29 ވަނަ މާއްދާގެ ދަށުން ހުއްދަ ދެވިފައިވާ ފަރާތަކުން، ކުންފުންޏެއްގެ ސެކިއުރިޓީޒްގެ މުއާމަލާތެއްކުރުން މަނައެއް ނުކުރެއެވެ.

  1. ހުއްދަ ދެވިފައިވާ ފަރާތަކުން މުއާމަލާތު ކޮށްފައިވަނީ، އެހެން ފަރާތަކުން ވަކިގޮތަކަށް އަމަލުކުރުމަށް އަންގާ އެންގުމެއްގެ ދަށުން އެފަރާތުގެ އެޖެންޓެއްގެ ހައިސިއްޔަތުންކަމަށްވުން.
  2. އެ ކުންފުނީގެ ސެކިއުރިޓީޒްއާ އެއްދަރަޖައިގައި ހިމެނޭ ސެކިއުރިޓީޒްގެ މުއާމަލާތުކުރުމާ ބެހޭގޮތުން، ނުވަތަ އެފަދަ ސެކިއުރިޓީޒްއާ ގުޅޭ ހައްގަކާއި، ނުވަތަ މަސްލަހަތަކާ ބެހޭގޮތުން، އެއްވެސް ލަފައެއް، ހުއްދަ ދެވިފައިވާ ފަރާތުން އަނެއްފަރާތަށް ދީފައިނުވުން.
  3. އަނެއްފަރާތަކީ ހުއްދަ ދެވިފައިވާ ފަރާތާ އެއްވެސް ގުޅުމެއްހުރި ފަރާތަކަށް ނުވުން.

(ދ) މި މާއްދާއާ ހިލާފަށް އެއްވެސް ފަރާތަކަށް މައްލޫމާތެއް ލިބިހުރެ ކުރާ މުއާމަލާތެއްގެ ސަބަބުން އެފަރާތަކާމެދު ކުރާ ކުށެއްގެ ދައްވާއެއްގައި، އެފަދަ މުއާމަލާތެއްގައި ހިމެނޭ ދެވަނަ ފަރާތަށް މިފަދަ މައްލޫމާތެއް އެމުއާމަލާތު ހިނގުމުގެ ކުރިން އެނގޭނޭކަން، ނުވަތަ އެނގުން އެކަށީގެންވާނޭކަން، ކޯޓަށް ސާބިތުކޮށްނުދެވިއްޖެނަމަ، ކުށްވެރުިވާނެއެވެ.

(ތ) މި މާއްދާގެ (ވ) ގެ ބޭނުމަށްޓަކައި ކުންފުންޏެއްގެ "އޮފިސަރ" ކަމަށް ބުނެފައިއެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް ހިމެނޭގޮތަށެވެ.

  1. އެ ކުންފުންޏެއްގެ ޑައިރެކްޓަރުން، ސެކްރެޓަރީން، އެގްޒެކެޓިވް އޮފިސަރުން، މެނޭޖަރުން އަދި ކުންފުނީގެ އެހެނިހެން މުވައްޒަފުން.
  2. ކުންފުނީގެ މުދާ ލިބިގަންނަ ރިސީވަރ އަދި/ނުވަތަ މެނޭޖަރ.
  3. ކޯޓުގެ އަމުރަކުން އައްޔަންކުރެވޭ ކުންފުނީގެ މެނޭޖަރުން.
  4. ކުންފުނި އުވާލުމުގެ މަސައްކަތާ ހަވާލުވާ ފަރާތްތައް.
  5. ކުންފުންޏާއި އެހެންފަރާތަކާމެދު އެއްބަސްވެވޭ ގޮތެއްގެމަތިން، ނުވަތަ އެރޭންޖްމަންޓެއްގެ ދަށުން ކުންފުނި ހިންގުމަށް އައްޔަންކުރެވޭ ފަރާތެއް.

(ލ) މި މާއްދާއާ ހިލާފުވުމަކީ ކުށެކެވެ. މިފަދަ ކުށެއްގެ އަދަބަކީ ފަރުދެއްނަމަ25,000  ރުފިޔާއާއި 100,000 ރުފިޔާާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 3 މަހާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުުން ނުވަތަ މިދެކަންތަކެވެ. މިފަދަ ކުށެއްކުރި ކުންފުންޏެއް ނުވަތަ އެފަދަ ޖަމާއަތެއްގެ އަދަބަކީ 50,000 ރުފިޔާއާއި 200,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ގ) މި މާއްދާއާ ހިލާފަށް ހިންގާ ސެކިއުރިޓީޒްގެ މުއާމަލާތަކާ ގުޅިގެން، އެއްވެސް ފަރާތަކަށް މަންފާއެއް ލިބިއްޖެނަމަ، އެމަންފާއެއް ހޯދި ކޮންމެ ފަރާތަކުން ތިރީގައި ބަޔާންކުރެވިފައިވާ ކަންކަމަށް ޒިންމާވާނެއެވެ.

  1. އެމަންފާއެއް ހޯދުމުގެ ސަބަބުން އެހެން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެފަރާތަކަށްލިބޭ ގެއްލުމަށް؛
  2. ސެކިއުރިޓީޒް ދޫކުރި، ނުވަތަ ލިބޭނޭގޮތް ހަދައިދިން ކުންފުންޏަށް އެފަރާތުން ހޯދި ފައިދާއެއް، ނުވަތަ މަންފާއެއްގެ ސަބަބުން އެފަރާތަކުން ސަލާމަތްވި ގެއްލުމަށް؛
  3. ތިރީގައިވާ ދެގޮތުންކުރެ އަގުބޮޑު ގޮތުގެ އަގުގެ މިންވަރަށްވުރެން އިތުރު ނުވާނޭ ގޮތުގެމަތިން، ށަރްއީ ކޯޓަކުން ކަނޑައަޅާ ޖޫރިމަނާއެއް.

    (ހ) އެ ސެކިއުރިޓީޒްއެއް ގަތުމަށްދޭ ފައިސާ ނުވަތަ ފައިސާގެ ބަދަލުގައި ދޭ އެއްޗެއް ނުވަތަ،
    (ށ) ސެކިއުރިޓީޒް ގަނެ ވިއްކުމުގައި ލިބިފައިވާ ފައިދާއެއްގެ، ނުވަތަ ސަލާމަތްވި ގެއްލުމެއްގެ ތިންގުނަ.

(ޏ) މި މާއްދާގެ (ގ) ގައި ބުނެފައިވާފަދަ ގެއްލުމެއް، ނުވަތަ މަންފާއެއް ލިބިފައިވަނީ، ސެކިއުރިޓީޒްއާބެހޭ މުއާމަލާތެއް ހިންގައިގެން ލިބުނު ފައިދާއެއްގެ ސަބަބުންނަމަ، އެގެއްލުމެއް ނުވަތަ މަންފާއެއްގެ މިންވަރުކަމަށް ބެލެވޭނީ، ތިރީގައިވާ ދެއަގުގެ ތެރެއިން މިދެއަގުގެ ތަފާތެވެ.

  1. އެމުއާމަލާތު ކުރެވުނު އަގާއި؛ އަދި
  2. އެމުއާމަލާތެއް ހިންގުނު އިރުގައި އެފައިދާ ހޯދުމަށް ބޭނުންކުރެވުނު މައްލޫމާތަކީ، އެވަގުތު އާންމުކޮށް އެނގެންހުރި މައްލޫމާތެއްނަމަ، އެ ސެކިއުރިޓީޒްގެ އަގު އެވަގުތު ބާޒާރުގައި ހުންނާނޭކަމަށް އެގެއްލުން، ނުވަތަ މަންފާގެ ބަދަލު ހޯދަން ހުށަހެޅިފައިވާ ކޯޓަށް ގަބޫލުކުރެވޭ އަގު.

(ސ) މި މާއްދާގެ (ގ) ގައި ބުނެފައިވާ ގެއްލުމެއް، ނުވަތަ ފައިދާއެއް ހިމެނޭ މުއާމަލާތަކާ ގުޅިގެން ސެކިއުރިޓީޒްގެ ބާޒާރުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި، އޮތޯރިޓީން ދައްވާ ކުރެވިދާނެއެވެ.

(ޑ) މި މާއްދާގެ (ގ) ގައި ބުނެފައިވާ ގެއްލުމެއް، ނުވަތަ ފައިދާއެއް އަނބުރާ ހޯދުމަށް ތިރީގައިވާ ދެމުއްދަތުންކުރެ ފުރަތަމަ ފާއިތުވާ މުއްދަތެއް ހަމަވުމުން، އެފަދަ ގެއްލުމެއް ނުވަތަ ފައިދާއެއް އަނބުރާ ހޯދުމަށް ދައްވާއެއް ނުކުރެވޭނެއެވެ.

  1. އެދައްވާއާގުޅޭ މުއާމަލާތެއް ހިނގިފަހުން ތިން އަހަރުދުވަސް؛ ނުވަތަ
  2. ގެއްލުން ލިބުނު ފަރާތަށް، ނުވަތަ ފައިދާ އަނބުރާ ހޯދުމަށް ދައްވާކުރާ ފަރާތަށް، އެކަން އެނގުނުތާ 12 މަސްދުވަސް.

(ޒ) މި މާއްދާއާ ހިލާފަށް އެއްވެސް ފަރާތަކަށް މައްލޫމާތެއް ލިބިހުރެ ކުރާ މުއާމަލާތެއްގެ ސަބަބުން، އެއްވެސް ފަރާތަކާމެދު ކުށުގެ ދައްވާއެއް ހުށަހެޅިއްޖެނަމަ، އެ މުއާމަލާތަކާ ގުޅިގެން އެއިރަކު ހުށަހެޅިފައިވާ، ނުވަތަ އޭގެ ފަހުން ހުށަހެޅޭ މަދަނީ މައްސަލަ ކުރިއަށް ގެންދެވޭނީ، ޖިނާއީ މައްސަލަ ހުށަހެޅިފައިވާ ކޯޓުން އެމައްސަލަ ވަކިގޮތަކަށް ނިންމުމަށް ފަހުގައެވެ.

(ޓ) އެހެން ގާނޫނެއްގެ ދަށުން އުފުލަންޖެހޭ ޒިންމާއަކަށް މި މާއްދާގެ (ޑ) ގެ ސަބަބުން ބަދަލެއް ނާންނާނެއެވެ.

(ޔ)މި މާއްދާގެ (ގ) ގެ ބޭނުމަށްޓަކައި "ފަރާތެއް" ކަމަށް ބުނެފައި އެވަނީ ކުންފުނިވެސް ހިމެނޭ ގޮތަށެވެ.

 

55 ވަނަ މާއްދާ- އިންވެސްޓްކުރުމަށް މަކަރާއި، ހީލަތުން ބާރުއެޅުން

(ހ) މަކަރާއިހީލަތުން އެހެން މީހަކު ލައްވައި ތިރީގައި މިވާ ކަމެއް ކުރުމަށް ބާރުއެޅުމަކީ، ނުވަތަ ބާރު އެޅުމަށް މަސައްކަތްކުރުމަކީ ކުށެކެވެ.

  1. ސެކިއުރިޓީޒް ހޯދުމަށް ނުވަތަ ދޫކޮށްލުމަށް، ނުވަތަ ސެކިއުރިޓީޒް ގަތުމަށް އެއްބަސްވުމަށް، ނުވަތަ އަންޑަރައިޓްކުރުމަށް އެއްބަސްވުމެއްގައި ބައިވެރިވުން، ނުވަތަ ބައިވެރިވުމަށް ހުށަހެޅުން؛ ނުވަތަ
  2. އެއްވެސް ފަރާތަކަށް ސެކިއުރިޓީޒްއިން ނުވަތަ ސެކިއުރިޓީޒްގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން، ފައިދާއެއް ހޯދައި ދިނުމަށް އެއްބަސްވުމެއްގައި ބައިވެރިވުން، ނުވަތަ ބައިވެރިވުމަށް ހުށަހެޅުން.

(ށ) މި މާއްދާގައި ބުނެފައިވާފަދަ ކުށެއްގެ އަދަބަކީ 25,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ، 3 މަހާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 75,000 ރުފިޔާއިން ޖޫރިމަނާކުރުމެވެ.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި މަކަރާއި ހީލަތް  ހެދުމުގެ ތެރޭގައި ތިރީގައިވާ ކަންތައްތައް ހިމެނޭނެއެވެ.

  1. ހަގީގަތް އޮޅޭފަދަ، ނުވަތަ ހަގީގަތާ ހިލާފު، ނުވަތަ އޮޅުވާލުމެއްކަން އެނގިހުރެ، އެއްވެސް ބަޔާނެއް ދިނުން، ނުވަތަ ވައުދެއްވުން ނުވަތަ އަންދާސީއެއް ކުރުން.
  2. ތެދުވެރިނޫން ގޮތަކަށް އެއްވެސް ހަގީގަތެއް ފޮރުވުން.
  3. ބަލަންވާވަރަށް ނުބަލައި ފަރުވާކުޑަ ގޮތެއްގައި ހަގީގަތް އޮޅޭފަދަ، ނުވަތަ ހަގީގަތާ ހިލާފު ނުވަތަ އޮޅުވާލާފައިވާ ބަޔާނެއް، ވައުދެއް ނުވަތަ އަންދާސީއެއް އެކުލަވައިލުން.

 

56 ވަނަ މާއްދާ- ހަގީގަތާ ހިލާފު ބަޔާނާއި، މުއާމަލާތުތައް

(ހ) އެނގިހުރެ ނުވަތަ ބަލަންވާވަރަށް ނުބަލައި، އެއްވެސްމީހަކު ތިރީގައިވާފަދަ ކަމެއް ކުރުމަކީ ކުށެކެވެ.

  1. ހަގީގަތާ ހިލާފު ވާހަކަ ފަތުރައިގެން، ސެކިއުރިޓީޒްގެ އަގަށް އެއްވެސް ބަދަލެއް ގެނައުން.
  2. ހަގީގަތާ ހިލާފު ބަޔާނެއް ބޭނުންކޮށްގެން، ސްޓޮކް އެކްސްޗޭންޖެއްގެ ރަސްމީ ލިސްޓުގައި ހިމެނުން.
  3. ސްޓޮކް އެކްސްޗޭންޖް ކުންފުނީގައި ހިމަނާފައިވާ ސެކިއުރިޓީޒްގެ ވިޔަފާރި ކުރިކަމަށް ހަގީގަތެއްކަމަށް ދެއްކުން.

(ށ) މި މާއްދާގައި ބުނެފައިވާފަދަ ކުށެއްގެ އަދަބަކީ 25,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 3 މަހާއި 1 އަހަރާ ދެމެދުގެ މުއްދަތަކަަށް ޖަލަށްލުުމާއެކު 75,000 ރުފިޔާއިން ޖޫރިމަނާކުރުމެވެ.

 

57 ވަނަ މާއްދާ- ހަގީގަތް އޮޅޭފަދަ ލިޔުން

(ހ) ތިރީގައިވާ ކަމަކާ ގުޅޭ ކަމެއް ހިމެނޭކަން އެނގިހުރެ އެލިޔުމެއް ބެހުންް ނުވަތަ ބެހުމަށް މަގުފަހިވާފަދަ ކަމެއް ކުރުމަކީ ކުށެކެވެ.

  1. ހަގީގަތް އޮޅޭފަދަ، ނުވަތަ ހަގީގަތާ ހިލާފު ނުވަތަ އޮޅުވާލާފައިވާ ބަޔާނެއް ނެރުމާއި، ނެރުމަށް ބާރުއެޅުުމާއި، ބާރުއަޅަން އުޅުން.
  2. އެފަދަ މައްލޫމާތެއް ލިބޭ ފަރާތަކުން މި މާއްދާގެ (ހ) ގެ (1) ގައި ބުނެފައިވާ ކަމެއްކުރުމަށް ސީދާ، ނުވަތަ ނުސީދާގޮތުން މަގުދައްކައިދޭކަމަށް ބެލެވޭ މައްލޫމާތެއް.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 25,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން، ނުވަތަ 3 މަހާއި 1 އަހަރާ ދެމެދުގެ މުއްދަތަަކަށް ޖަލަށްލުމާއެކުު 75,000 ރުފިޔާއިން ޖޫރިމަނާކުރުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާފަދަ ލިޔުމެއްކަން އެނގިހުރެ އެފަދަ ލިޔުމެއް އަތުގައި ބެހެއްޓުމަކީ ކުށެކެވެ. މިފަދަ ކުށެއްގެ އަދަބަކީ 10,000 ރުފިޔާއާއި 75,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

58 ވަނަ މާއްދާ- ސްޓޮކް މާރކެޓަށް ބަދަލު ގެނައުމަށް މަސައްކަތްކުރުން

(ހ) އެއްވެސް މީހަކު މަކަރާއި ހީލަތުން އެހެން މީހަކުލައްވައި، ކުންފުންޏެއްގެ، ނުވަތަ ގުޅިފައިވާ އެފަދަ އެހެން ފަރާތެއްގެ ސެކިއުރިޓީޒް ގަތުމަށް، ނުވަތަ ގަތުމަށް އެއްބަސްވުމަށް ސީދާ ނުވަތަ ނުސީދާގޮތުން ކުންފުންޏެއްގެ ސެކިއުރިޓީޒްގެ ދެ ނުވަތަ އެއަށްވުރެ ގިނަ މުއާމަލާތުގައި އެއްވެސް ގޮތަކަށް ބައިވެރިވެ، ސްޓޮކް އެކްސްޗޭންޖުގައި ވިއްކަމުންދާ އެކުންފުނީގެ، ނުވަތަ އެކުންފުންޏާ ގުޅިފައިވާ ކުންފުންޏެއްގެ ސެކިއުރިޓީޒްގެ އަގު އާދަޔާ ހިލާފު ގޮތަކަށް، ނުވަތަ ހަގީގަތާ ހިލާފު ގޮތަކަށް މައްޗަށް ހިނގައިދާނެކަމެއް ނުވަތަ އެފަދަގޮތަކަށް ސެކިއުރިޓީޒްގެ އަގު ދަށްވެދާފަދަ ކަމެއް، ނުވަތަ ސެކިއުރިޓީޒްގެ އަގު އާދަޔާ ހިލާފު ގޮތަކަށް ހިފެހެއްޓިދާފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގައި ކުންފުންޏެއްގެ ސެކިއުރިޓީޒްއާ ގުޅޭ މުއާމަލާތެކޭ ބުނެވޭ ކޮންމެ ތަނެއްގައި، ތިރީގައިވާ ކަންތައްތައް ހިމެނެއެވެ.

  1. އެކުންފުންޏެއްގެ ސެކިއުރިޓީޒް ވިއްކުމަށް، ނުވަތަ ގަތުމަށް ހުށަހެޅުން.
  2. އެކުންފުންޏެއްގެ ސެކިއުރިޓީޒް ވިއްކުމަށް، ނުވަތަ ގަތުމަށް ހުށަހެޅުމަށް ސީދާ ނުވަތަ ނުސީދާގޮތުން ދައުވަތުދިނުން.

(ނ) މި މާއްދާއާއި  ހިލާފުވުމަކީ  ކުށެކެވެ. މިފަދަ ކުށެއްގެ އަދަބަކީ 25,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ  އަދަދަކުން ޖޫރިމަނާކުރުން ނުވަތަ، 3 މަހާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 75,000 ރުފިޔާއިން ޖޫރިމަނާކުރުމެވެ.

 

ޗެޕްޓަރ 10 

އެހެނިހެން ކަންތައްތައް

 

59 ވަނަ މާއްދާ- އެހެނިހެން އަދަބު

(ހ) މި ގާނޫނާ ހިލާފުވާ ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ވަކި އަދަބެއް ކަނޑައެޅިފައިނުވާ ކަމެއް ކުރުމުގެ ސަބަބުންވާ ހިލާފުވުމެއްނަމަ، އެފަދަ ކަމެއް ކުރި މީހެއްގެ އަދަބަކީ 25,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 3 މަހާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު 75,000 ރުފިޔާއިން ޖޫރިމަނާކުރުމެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދާ އެއްވެސް ގަވާއިދަކާ ހިލާފުވުމަކީ ކުށެކެވެ. އެ ގަވާއިދެއްގައި ވަކި އަދަބެއް ކަނޑައެޅިފައި ނުވާނަމަ، މިފަދަ ކުށެއްކުރި މީހެއްގެ އަދަބަކީ 15,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

(ނ) މި ގާނޫނުގެ ދަށުން އޮތޯރިޓީން އަންގާ އެންގުމަކަށް އެކަށީގެންވާ ސަބަބެއްނެތި ހިލާފުވާ ކޮންމެމީހަކު ކުށްވެރިވާނެއެވެ. މިފަދަކުށެއް ކުރި މީހެއްގެ އަދަބަކީ 15,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އޮތޯރިޓީގެ އެންގުމާ އެއްގޮތަށް އަމަލުކުރުމަށް އެފަރާތަކަށް ކޯޓުން އެންގިދާނެއެވެ.

 

60 ވަނަ މާއްދާ- ގަވާއިދު

(ހ) މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދާނީ އޮތޯރިޓީންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ބާރު އުނިނުވާފަދަ ގޮތަކަށް ތިރީގައިވާ ކަންކަމާބެހޭ ގޮތުން ގަވާއިދުތައް ހެދިދާނެއެވެ.

  1. ފީނެގުމާއި އެކިއެކި އަގުނެގުމާ ބެހޭގޮތުން.
  2. ސެކިއުރިޓީޒް ލިސްޓު ކުރުމާބެހޭ ކަންތައް ހިންގުމާބެހޭ ގޮތުން.
  3. ސެކިއުރިޓީޒްގެ އަގުދިނުމާއި (ސެޓްލް ކުރުމާއި) ކްލިއަރ ކުރުމާބެހޭ ހިދްމަތް ދިނުމާ ބެހޭގޮތުން.
  4. ސެކިއުރިޓީޒް ގަނެވިއްކުމާބެހޭ ކަންތައް ބަލަހައްޓާ ހިންގުމާ ބެހޭގޮތުން.
  5. ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތްތަކުންނާއި، އެފަރާތްތައް ތަމްސީލު ކުރާ ފަރާތްތަކުންނާއި، އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތްތަކުން ހިންގާ ހަރަކާތްތަކާއި، އެކަންކަމާބެހޭ މިންގަނޑުތައް ކަނޑައަޅާ ބެލެހެއްޓުމާ ބެހޭގޮތުން.
  6. ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއް، ނުވަތަ އެފަރާތެއް ތަމްސީލު ކުރާ ފަރާތެއް، ނުވަތަ އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތެއް، ނުވަތަ އެފަދަ ފަރާތެއްގެ މުވައްޒަފެއް، ނުވަތަ ސްޓޮކް އެކްސްޗޭންޖުގެ މުވައްޒަފެއް، ނުވަތަ އޮފިސަރެއް ހިންގާ ހިޔާނާތުގެ، ނުވަތަ މަކަރާއި ހީލަތުގެ އަމަލަކުން މާލީ ގެއްލުން ލިބޭ ފަރާތްތަކަށް ބަދަލުދިނުމާބެހޭ ފަންޑެއް އުފައްދައި ހިންގުމާބެހޭގޮތުން.
  7. މި މާއްދާގެ (ށ) ގެ (5) ގައި ބުނެފައިވާ ކަންކަމުގެ އިތުރުން، ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކާއި، އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތްތަކާއި، މި ގާނޫނުގެ ދަށުން ލައިސަންސެއް ނުވަތަ އެހެންވެސް ހުއްދައެއް ދެވިފައިވާ ފަރާތަކުން އޮތޯރިޓީން ހުއްދަކުރާ މާއްދާތަކާއި، ށަރްތުތަކާ އެއްގޮތްވާ ގޮތުގެމަތިން ފިޑެލިޓީ އިންށޫރަންސް ހޯދުމާބެހޭގޮތުން.

(ނ) އޮތޯރިޓީގެ ފަރާތުން ތަހްގީގުތައް ހިންގުމަށާއި، ހެކިބަސް ދިނުމަށްޓަކައި މީހުން ހާޒިރުކުރުމަށާއި، ތަންތަނާއި ފޮތްތައް ބަލައި ފާސްކުރުމާއި، ވިޔަފާރި ކުރުން މަނާކުރުމުގެ ބާރު އަދި މިނޫންވެސް ބޭނުންވާނެ ބާރުތައް ލިބިދޭ ގޮތުގެ ގަވާއިދުތައް ހަދާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީންނެވެ.

 

61 ވަނަ މާއްދާ- އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ތާރީހެއްގައެވެ. މި ގާނޫނުގެ އެކިބައި، ނުވަތަ މާއްދާތައް އެކި ތާރީހުގައި އަމަލުކުރަން ފަށާގޮތަށް ކަނޑައެޅިދާނެއެވެ.

 

62 ވަނަ މާއްދާ- މާނަ

(ހ) މި ގާނޫނުގައި:

"އައްޔަންކޮށްފައިވާ ފަރާތެއް" ކަމަށް ބުނެފައިއެވަނީ، ހިއްސާއަކަށް ނުވަތަ ޑިބެންޗަރަކަށް، ނުވަތަ އެހެންވެސް މިލްކިއްޔާތެއްގެ މައްޗަށް ލިބިފައިވާ ހައްގެއް ބޭނުންކުރުމުގައި އެހެން މީހަކު ސީދާކޮށް، ނުވަތަ އޭނާ ތަމްސީލުކުރާ އެހެން ފަރާތެއް، ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް އަންގާ އެންގުމަކާ އެއްގޮތަށް އަމަލުކުރަންޖެހޭ ފަރާތަށެވެ. އަދި އެފަދަ ހައްގެއް ބޭނުންކުރުމުގައި ބޭނުންކުރެވޭނީ، އެހެންމީހަކު އަންގާ އެންގުމަކާ އެއްގޮތަށް އެކަނިނަމަ އެފަދަ ފަރާތަކީވެސް އައްޔަންކޮށްފައިވާ ފަރާތެކެވެ. 

"ރެޖިސްޓްރާރ" ގެ މާނައަކީ، ކުންފުންޏާބެހޭ ގާނޫނުގައި ބުނެފައިވާ ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއެވެ.

"ކުންފުންޏާބެހޭ ގާނޫނު" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) އަށެވެ. މީގެތެރޭގައި، އެއިރަކަށް އެ ގާނޫނަށް ގެނެވޭ އިސްލާހުތަކާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ހިމެނޭނެއެވެ. 

"އިށްތިހާރު" ކަމަށް ބުނެފައިއެވަނީ، ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ނެރޭ ހިއްސާގެ ބަޔާން ފިޔަވައި، ދޫކުރާ ފަރާތުން، ނުވަތަ އެފަރާތުގެ ހުއްދަ ލިބިގެން، ނުވަތަ ދޫކުރާ ފަރާތާ ގުޅިގެން ތިރީގައިމިވާ މައްލޫމާތު ހިމެނޭގޮތަށް ތައްޔާރުކޮށް، އެއްވެސް މީހަކަށް އެއްވެސް ގޮތަކަށް ދޭ، ފޮނުވާ ނުވަތަ ލިބޭގޮތަށް ބަހައްޓާ މައްލޫމާތެވެ.

  1. ސެކިއުރިޓީޒް ގަތުމަށް އާންމުންނަށް ހުށަހެޅުމެއް ހިމެނޭ ނުވަތަ އެކަމަށް ހަވާލާދޭ  މައްލޫމާތު.
  2. އެ މައްލޫމާތަކީ އާންމުން ގަތުމަށް ހުށަހެޅިފައިވާ، ނުވަތަ ހުށަހަޅާނެ ސެކިއުރިޓީޒްގެ މައްލޫމާތަކަށް ވެފައި، އަދި ދޫކުރާ ފަރާތުގެ ސެކިއުރިޓީޒް ގަތުމަށް، ނުވަތަ ގަތުމަށް ހުށަހެޅުމަށް، މީހުން ށައުގުވެރިވާ ނުވަތަ ށައުގުވެރި ކުރުވާފާނެކަމަށް އެކަށީގެންވާ މައްލޫމާތު.

 

"އޮތޯރިޓީ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ތިންވަނަ މާއްދާގައި ބުނެފައިވާ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއެވެ. 

"އިންވެސްޓްކުރުމަށް ލަފާދޭ ފަރާތް" ކަމަށް ބުނެފައިއެވަނީ، ތިރީގައިވާ ފަރާތްތަކަށެވެ.

  1. އެކި ފަރާތްތަކަށް ސެކިއުރިޓީޒްއާ ބެހޭގޮތުން ލަފާދޭ ފަރާތް، ނުވަތަ ފަރާތްތައް.
  2. އާންމު ވިޔަފާރިއެއްގެގޮތުން ސެކިއުރިޓީޒްއާބެހޭ ދިރާސާއާއި ރިޕޯޓް ށާއިއުކޮށްހަދާ ފަރާތް، ނުވަތަ ފަރާތްތައް.
  3. އެއްވެސް ފަރާތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ލިބޭ އިހްތިޔާރުގެ ދަށުން އިންވެސްޓް ކުރުމަށްޓަކައި، ސެކިއުރިޓީޒްގެ ޕޯޓްފޯލިއޯ ބަލަހައްޓާ ފަރާތް.

"އޮފިށަލް ލިސްޓް" ކަމަށް ބުނެފައިއެވަނީ، ސްޓޮކް އެކްސްޗޭންޖުގައި އަގުކިޔުމަށް ހިމެނިފައިވާ ހުރިހާ ސެކިއުރިޓީޒް ހިމެނޭ ލިސްޓަށެވެ.

"އޮފިސަރ" ގެ ތެރޭގައި، ޑިރެކްޓަރުންނާއި ސެކްރެޓަރީންނާއި، މެނޭޖަރުންނާއި، އެގްޒެކެޓިވުން އަދި ޕާރޓްނަރށިޕެއްނަމަ، ޕާރޓްނަރުން ހިމެނޭނެއެވެ.

"އަންޑަރައިޓްކުރުން" ކަމަށް ބުނެފައިއެވަނީ، ދޫކުރެވޭ ކޮންމެ ސެކިއުރިޓީޒްއެއް ގަނެ ވިއްކައިދިނުން، ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް ވަގުތުން، ނުވަތަ ލަސްނުކޮށް ސެކިއުރިޓީޒް އާންމުކޮށް ބެހުމަށް، ގަތުން ނުވަތަ ގަތުމަށް އެއްބަސްވުމަށެވެ. 

"އިށޫއަރ" ކަމަށް ބުނެފައިއެވަނީ، އެއްވެސް ސެކިއުރިޓީޒްއެއް ނެރޭ ފަރާތަށެވެ. 

"މާލީ އިދާރާ" ކަމަށް ބުނެފައިއެވަނީ، ބޭންކުތަކާއި، ބޭންކިންގގެ ވިޔަފާރިކުރާ ފަރާތްތަކާއި، އޮތޯރިޓީން ހުއްދަކޮށްފައިވާ މާލީ ވިޔަފާރީގައި އާންމުކޮށް ހަރަކާތްތެރިވާ ނުވަތަ އާންމުކޮށް ހަރަކާތްތެރިވުމަށް ގަސްތުކުރާ، ނުވަތަ އެފަރާތެއްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި މިފަދަ ވިޔަފާރީގައި އާންމުކޮށް ހަރަކާތްތެރިވުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށެވެ. 

"މާލީ ކަންކަމާބެހޭ މުރާސިލުން" ކަމަށް ބުނެފައިއެވަނީ، ސެކިއުރިޓީޒްއާބެހޭ ލަފާ، ނުވަތަ ދިރާސާ ނުވަތަ ރިޕޯޓުތައް ށާއިއު ކުރުމަށް ހުށަހަޅާ ފަރާތް، ނުވަތަ ފަރާތްތަކަށެވެ. 

"މި ގާނޫނު" ނުވަތަ "ގާނޫނު" މިބަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުވެސް ހިމެނޭނެއެވެ. 

"ފޮތް" ކަމަށް ބުނެފައިވާ ތަކެތީގެ ތެރޭގައި، ލިޔެފައި ނުވަތަ ޗާޕުކޮށްފައި، ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން އުފައްދާފައިވާ، ނުވަތަ އެނޫން ގޮތަކުން ހަދާފައިވާ މައިކްރޯ ފިލްމުގައި އެކުލަވާލާފައިވާ، ނުވަތަ ރެކޯޑުކޮށްފައިވާ، ނުވަތަ ރައްކާކޮށްފައިވާ ރަޖިސްޓަރއާއި، ލިޔެކިޔުމާއި، މައްލޫމާތުގެ ރެކޯޑާއި، ހިސާބުތަކާއި އަދި ހިސާބުތަކާބެހޭ ލިޔެކިޔުންތައް ހިމެނޭނެއެވެ. 

"ލިސްޓުކޮށްފައިވާ ކުންފުނި" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން، ސްޓޮކް އެކްސްޗޭންޖް ކުންފުނީގެ ލިސްޓުކުރުމާބެހޭ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ވިޔަފާރިކުރުމަށް ސެކިއުރިޓީޒް ލިސްޓުކޮށްފައިވާ ކުންފުންޏަށެވެ. 

"ލިސްޓުކުރުމާބެހޭ ގަވާއިދު" ކަމަށް ބުނެފައިއެވަނީ، ތިރީގައިވާ ކަންކަމާބެހޭ ގަވާއިދަށެވެ.

  1. ކުންފުނިތަކުން ހިއްސާގެ ބާޒާރު، ނުވަތަ ސްޓޮކް މާރކެޓުގައި އަގު ކިޔުމަށްޓަކައި ސްޓޮކް އެކްސްޗޭންޖުގެ ރަސްމީ ލިސްޓުގައި ހިމެނުމާ ބެހޭގޮތުން ހަދާ ގަވާއިދާއި، ރަސްމީ ލިސްޓުން ވަކިކުރުމާއި އެހެނިހެން ބޭނުންތަކާބެހޭ ގަވާއިދު.
  2. ލިސްޓުގައި ހިމަނާފައިވާ ކުންފުނިތަކުން ހިންގާ ހަރަކާތްތަކާބެހޭގޮތުން ތިރީގައިވާފަދަ ގޮތަކަށް ހަދާ ގަވާއިދު.

(ހ) ކުންފުންޏަކުން ހަދާ، ނުވަތަ އެ ކުންފުނީގެ އަސާސީ ލިޔެކިޔުންތަކުގައި ހިމަނާފައިވާ ގަވާއިދު؛ ނުވަތަ

(ށ) އެހެން ފަރާތަކުން ހަދާ އަދި ކުންފުނިން ފާސްކުރާ ގަވާއިދު. 

"ގުޅިފައިވާ ކުންފުނި" ގެ މާނައަކީ، ކުންފުންޏާބެހޭ ގާނޫނުގައި ދެވިފައިވާ މާނައެވެ. 

"ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެހެން ވިޔަފާރިއެއް ކުރިނަމަވެސް، ސެކިއުރިޓީޒް ގަނެ ވިއްކުމުގެ ވިޔަފާރިކުރުމަށް މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ހުއްދަ ލިބިފައިވާ ކޮންމެ ފަރާތެކެވެ.

"ސެކިއުރިޓީޒް ގަނެ ވިއްކުމުގެ ވިޔަފާރި" ކަމަށް ބުނެފައިއެވަނީ، އެފަރާތެއްގެ އަމިއްލަ ނަމުގައި، ނުވަތަ އެހެން ފަރާތެއް ތަމްސީލުކުރާ ފަރާތެއްގެ ގޮތުގައިވިޔަސް، ތިރީގައިވާ ފަދަ އެއްބަސްވުމެއް އެހެން ފަރާތަކާއެކު ވުން، ނުވަތަ ވުމަށް ހުށަހެޅުން، ނުވަތަ އެހެން ފަރާތެއް މިފަދަ އެއްބަސްވުމަކަށް އައުމަށް ށައުގުވެރިކުރުވުން، ނުވަތަ ށައުގުވެރިކުރުވުމަށް މަސައްކަތް ކުރުމަށެވެ.

  1. ސެކިއުރިޓީޒް ލިބިގަތުމަށް، ނުވަތަ ދޫކޮށްލުމަށް، ނުވަތަ ގަތުމަށް އެއްބަސްވުމަށް، ނުވަތަ މި ގާނޫނުގެ ދަށުން ސެކިއުރިޓީޒް އަންޑަރައިޓް ކުރުމަށް ހެދޭ އެއްބަސްވުން؛
  2. ސެކިއުރިޓީޒްއިން ލިބޭ ފައިދާއިން، ނުވަތަ ސެކިއުރިޓީޒްގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން، ސެކިއުރިޓީޒްއިން އެއްވެސް ފަރާތަކަށް މަންފާ ލިބިގަތުމުގެ ބޭނުމުގައި، ނުވަތަ މަގްސަދުގައި ހެދޭ އެއްބަސްވުން

"ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތް  ތަމްސީލުކުރާ ފަރާތް" ކަމަށް ބުނެފައިއެވަނީ: 

  1. ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ  ފަރާތެއްގެ ދަށުން، ސީދާގޮތެއްގައި ވަޒީފާ އަދާކުރާ، ނުވަތަ އެފަރާތުން ނުވަތަ އެފަރާތަކާ ދެމެދު އޮންނަ އެއްބަސްވުމެއްގެ ދަށުން އެކައުންޓެންޓުންނާއި، ކާތިބުންނާއި ކޭށިއަރުން ކުރާ މަސައްކަތް ފިޔަވައި، ސެކިއުރިޓީޒްގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތުގެ މަސައްކަތް މުސާރައަށް، އުޖޫރައަށް، ކޮމިށަނަށް ނުވަތަ އެނޫންވެސް އެފަދަ ގޮތަކަށް ކޮށްދޭ ފަރާތެވެ. އަދި
  2. ސެކިއުރިޓީޒްގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތަކަށް މިފަދަ އެއްވެސް މަސައްކަތެއް ކޮށްދޭ އެފަރާތެއްގެ ޑައިރެކްޓަރުންނާއި އޮފިސަރުން، މީގެތެރޭގައި ހިމެނޭނެއެވެ.

 

"ސެކިއުރިޓީޒް ދޫކުރާ ފަރާތް" ކަމަށް ބުނެފައިއެވަނީ، އެއްވެސް ސެކިއުރިޓީއެއް ދޫކުރާ ފަރާތަށެވެ.

"ސެކިއުރިޓީޒް" ގެ މާނަކަމަށް ބުނެފައިއެވަނީ:

  1. ސަރުކާރުން ނެރޭ ނުވަތަ ނެރުމަށް ހުށަހަޅާ ޑިބެންޗަރ އާއި ބިލް ނުވަތަ ބޮންޑް؛ އަދި
  2. ކުންފުންޏަކުން ނުވަތަ އެހެން ޖަމާއަތަކުން ނެރޭ، ނުވަތަ ނެރުމަށް ހުށަހަޅާ ޑިބެންޗަރއާއި، ސްޓޮކާއި، ހިއްސާ އާއި، ބޮންޑާއި، ނޯޓާއި، މިއިން އެއްޗަކާބެހޭ ހައްގެއް، ވޮރަންޓެއް ނުވަތަ އޮޕްށަނަކާއި؛
  3. މި ގާނޫނުގެ ބޭނުމަށް ސެކިއުރިޓީޒް ކަމުގައި އޮތޯރިޓީން ކަނޑައަޅާ ކޮންމެ ލިޔުމަކަށެވެ.

"ސްޓޮކް އެކްސްޗޭންޖް" ގެ މާނައަކީ، ސެކިއުރިޓީޒް ވިއްކުމަށް، ނުވަތަ ގަތުމަށް، ނުވަތަ ބަދަލުކުރުމަށް ހުށަހެޅޭ، އަދި މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އޮތޯރިޓީން ހުއްދަ ދީފައިވާ ކުންފުންޏަކުން، ސެކިއުރިޓީޒް ކްލިއަރ ކުރުމާއި، އަގު ދެއްކުމަށާއި، ބަދަލުކުރުމުގެ ހިދްމަތްދޭ ބާޒާރެއް، ނުވަތަ އެކްސްޗޭންޖެއް، ނުވަތަ އެހެންވެސް ތަނެކެވެ. 

"ޑިބެންޗަރ" ގެ މާނައަކީ، ކުންފުންޏާބެހޭ ގާނޫނުގައި ޑިބެންޗަރއަށް ދީފައިވާ މާނައެވެ.

"ހިއްސާގެ ބާޒާރު" ގެ މާނައަކީ، ސެކިއުރިޓީޒް ވިއްކުމަށާއި، ގަތުމަށާއި، ބަދަލުކުރުމަށް ހުށަހެޅޭ ބާޒާރެއް، ނުވަތަ އިންތިޒާމެވެ.

"5% އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ ގަނެފައިވާ ފަރާތްތައް" ކަމަށް ބުނެފައިއެވަނީ، އެމީހަކު އަމިއްލައަށް، ނުވަތަ އައްޔަންކޮށްފައިވާ ފަރާތެއް، ނުވަތަ ގުޅިފައިވާ ފަރާތެއް މެދުވެރިކޮށް އެމީހަކަށް ކުންފުނީގެ އާންމު ޖަލްސާއެއްގައި ޖުމުލަ ގޮތެއްގައި މަދުވެގެން %5 ވޯޓު ދިނުމުގެ ބާރު ލިބިދޭ ހިއްސާއެއް، ނުވަތަ ހިއްސާއެއްގެ މަސްލަހަތު އޮންނަ ފަރާތްތަކެވެ.

"މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ނުވަތަ އޭނާގެ މަސްއޫލިއްޔަތު އެހެންފަރާތަކާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފިނަމަ އެ ހަވާލުކުރި ފަރާތަކަށެވެ.

"މާލީ އަހަރު" ކަމަށް ބުނެފައި އެވަނީ މީލާދީ އަހަރެެއްގެ 1 ޖެނުއަރީ އިން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މިމުއްދަތު ގުނުމުގައި، އެމުއްދަތުގެ ފެށޭ ދުވަހާއި ނިމޭދުވަސް ހިމެނެއެވެ.

"ސެންޓްރަލް ޑިޕޮސިޓަރީ" ކަމަށް ބުނެފައި އެވަނީ މަރުކަޒީގޮތުން ހިއްސާ ޖަމާކޮށް ބަލަހައްޓާ ނިންމުމުގެ ކަންތައްތައް ކުރުމަށް ކަނޑައެޅޭ ނިޒާމަކަށެވެ.

 

63 ވަނަ މާއްދާ- ގުޅިފައިވާ ފަރާތެއް

(ހ)"ގުޅިފައިވާ ފަރާތެއް" ކަމަށް މި ގާނޫނުގައި ބުނެވޭ ބުނުން މާނަކުރަނީ، ތިރީގައިވާ ގޮތަށެވެ.

  1. އަނެއް ފަރާތަކީ، ކުންފުންޏެއްނަމަ؛

    (ހ) އެކުންފުނީގެ ޑިރެކްޓަރެއް، ނުވަތަ ސެކްރެޓަރީއެއް؛

    (ށ) އެފަރާތާ ގުޅިފައިވާ ކުންފުންޏެއް؛ ނުވަތަ

    (ނ) އެފަދަ ގުޅިފައިވާ ކުންފުންޏެއްގެ ޑިރެކްޓަރެއް ނުވަތަ، ސެކްރެޓަރީއެއް.

  2. އެމީހަކީ ނުވަތަ އެފަރާތަކީ، ކުންފުންޏެއްގެ ވޯޓުލެވޭނޭ ހިއްސާއާގުޅިގެން ލިބިފައިވާ ވޯޓުލުމުގެ ބާރު ހިންގަން ލިބޭ މިންވަރު، ނުވަތަ އެފަދަ ބާރުގެ މިންވަރު ހިފަހައްޓަން އެހެން މީހަކާއެކު، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ގޮތަކަށް އަމަލުކުރުމުގެ މަގްސަދުގައި ސީދާ، ނުވަތަ ނުސީދާ، ރަސްމީ ނުވަތަ ނުރަސްމީ، އެއްބަސްވުމެއް، ނުވަތަ މިފަދަ އެހެން އަހްދެއް ވެފައި، ނުވަތަ ވާން އުޅެފައިވާ މީހެއް ނުވަތަ ފަރާތެއް.

    (ހ) ދެފަރާތުންކުރެ ފަރާތަކުން ކުންފުނީގެ ހިއްސާއަކާ ގުޅިފައިވާ ވޯޓުލުމުގެ ބާރު، ސީދާ ނުވަތަ ނުސީދާގޮތުން ވަކިގޮތަކަށް ހިންގުމަށް، ނުވަތަ ހިންގުމުގެ ބާރު ހިފެހެއްޓުމަށް، ނުވަތަ އެކަށީގެންވާ މިންވަރަކަށް އަސަރު ފޯރުވުމަށް.

    (ށ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުމުގެ މުއާމަލާތުތައް ހިންގުމަށް އަސަރު ފޯރުވުމަށް، ނުވަތަ އެކަން ހިފެހެއްޓުމަށް.

    (ނ) އެއިން އެއްވެސް ފަރާތަކުން، އެކުންފުނީގައިވާ އަނެއް ފަރާތުގެ ހިއްސާ ގަންނަންޖެހޭ، ނުވަތަ އެއްފަރާތުގެ އެންގުމަކަށް ކުންފުނީގެ ހިއްސާ، އަނެއް ފަރާތަށް ދޫކޮށްލުމަށް މަޖުބޫރުވުން.

  3. އެފަރާތަކީ، އެބުނެވޭ ގުޅުންހުރި ކަމެއްގައި އަނެއް ފަރާތަކާ އެއްގޮތަކަށް އަމަލުކުރާ، ނުވަތަ އަމަލުކުރަން ގަސްތުކުރާ ފަރާތެއް.

  4. މި މާއްދާގެ (2) އާ ތައާރުޒު ނުވާ ގޮތުގެމަތިން، އެގުޅުންހުރިކަމަށް ބުނެވޭ ކަމަކީ، ކުންފުންޏެއްގެ ވޯޓުލެވޭނޭ ހިއްސާއާ ގުޅިގެން ލިބިފައިވާ ވޯޓުލުމުގެ ބާރު ހިންގަން ލިބޭ މިންވަރު، ނުވަތަ އެފަދަ ބާރު ހިންގަން ހިފެހެއްޓުން ފިޔަވައި އެހެންކަމެއްގައިނަމަ، ދެފަރާތަކީވެސް އެއްކުންފުންޏެއްގެ ޑިރެކްޓަރުން ކަމުގައިވުން.

  5. އެއްވެސް ގާނޫނެއްގެ ސަބަބުން، ދެމީހުންނަކީ، އެބުނެވޭ ކަމަކާ ގުޅޭގޮތުން ގުޅިފައިވާ ދެމީހުންކަމަށް ބެލެވުން.

  6. އެފަރާތަކީ ރަސްމީކޮށް، ނުވަތަ ނުރަސްމީކޮށް، މީގައި އެބުނެވޭ ކަމަކާ ގުޅޭގޮތުން އެހެން އެއްވެސް ގޮތަކުން ގުޅިފައިވާ، ނުވަތަ ގުޅެން ގަސްތުކުރާ މީހެއްކަމުގައިވުން.

  7. މި މާއްދާގެ (ހ) ގައި ބުނެފައިވާފަދަ ގޮތަކަށް، އެމީހަކާ ގުޅުމުގެ ބޭނުމުގައި، އަނެއް ފަރާތުން މުއާމަލާތެއް ކޮށްފައިވުން، ނުވަތަ ކުރަން ގަސްތުކުރާނަމަ، ނުވަތަ އެއްވެސް ކަމެއްކުރުން ނުވަތަ ކުރަން ގަސްތުކުރުން.

    (ށ)މި ގާނޫނުގެ ދަށުން ހިންގޭ ދައްވާއެއްގައި މި މާއްދާގެ (ހ) ގެ (4)، (5)، (6) ގައި ބުނެފައިވާ މީހަކު ވަކި ވަގުތެއްގައި އެހެން ފަރާތަކާ ގުޅިފައިވާ ކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އޭނާއަށް އެމައްސަލައަކާބެހޭ މުހިންމު މައްލޫމާތުތަކެއް އޭރު އެނގޭކަން، ނުވަތަ އެނގުން އެކަށީގެންވާކަން އެފަދަ ތުހުމަތެއް ކުރާމީހާއަށް ސާބިތުކޮށް ނުދެވިއްޖެނަމަ، ފުރަތަމަ ބުނެވުނު މީހާއަކީ ދައްވާގައި ހިމެނިފައިވާ، އެމައްސަލައިގައި ގުޅިފައިވާ މީހެއްކަމަށް ނުބެލެވޭނެއެވެ.

    (ނ) އެމީހަކާ އަނެއް ފަރާތާދެމެދު އޮންނަ ވިޔަފާރީގެ ގުޅުމުގެ ސަބަބުން، ނުވަތަ އޭނާގެ ފަންނީ ހައިސިއްޔަތާ ގުޅިގެން ގަވާއިދުން އަދާކުރަންޖެހޭ ވާޖިބުތަކާ ގުޅިގެން، އެކަކު އަނެކަކަށް ދޭ ލަފާ، ނުވަތަ ބަދަލުގައި ހަރަކާތްތެރިވުމަކާ ގުޅިގެން އެއީ މި މާއްދާގެ (ހ)ގެ (4)، (5)، (6) ނުވަތަ (7) ގައި ބުނެފައިވާފަދަ ގުޅިފައިވާ މީހެއްކަމަކަށް ނުބެލެވޭނެއެވެ.

 

64 ވަނަ މާއްދާ - މަސްލަހަތެއް އޮތުން

(ހ) އަމާނާތެއްގެ ގޮތުގައި ބެހެއްޓިފައިވާ މުދަލަކީ، ނުވަތަ އޭގައި ސެކިއުރިޓީޒް ހިމެނޭކަން އަދި އެ ސެކިއުރިޓީޒްއާމެދު އޭނާގެ މަސްލަހަތެއް އޮތްކަން މީހަކަށް އެނގޭނަމަ، ނުވަތަ އެނގުމަކީ އެކަށީގެންވާ ކަމެއްނަމަ، އެމީހަކީ، އެ ސެކިއުރިޓީޒްއާމެދު މަސްލަހަތެއް އޮތް މީހެއްކަމަށް ބެލެވޭނެއެވެ.

  1. ސެކިއުރިޓީޒްއަކާމެދު ކުންފުންޏެއްގެ މަސްލަހަތެއް އޮތްކަމަށްވެފައި، އެކުންފުނި ނުވަތަ އެކުންފުނީގެ ޑިރެކްޓަރުން ރަސްމީގޮތުން، ނުވަތަ ނުރަސްމީގޮތުންވިޔަސް، މީހަކު އަންގާ ގޮތަށް،    ނުވަތަ އެމީހަކު ދޭ އިރުށާދަށް، ނުވަތަ އެމީހަކު އެދޭ ގޮތަށް އެ ސެކިއުރިޓީޒްއާ ގުޅޭގޮތުން އަމަލުކުރާނަމަ، ނުވަތަ އަމަލުކުރަން ޖެހޭނަމަ، އެމީހެއްގެ މަސްލަހަތެއް އެ ސެކިއުރިޓީޒްއަކާ ގުޅޭގޮތުން އޮތްކަމަށް ބެލެވޭނެއެވެ.
  2. ސެކިއުރިޓީޒްއަކާމެދު، ކުންފުންޏެއްގެ މަސްލަހަތެއް އޮވެފައި، އެއްވެސް މީހަކީ އެކުންފުނީގެ މައްޗަށް ބާރު ފޯރުވޭފަދަ މީހެއްކަމަށްވާނަމަ، އެމީހެއްގެ މަސްލަހަތެއް، އެ ސެކިއުރިޓީޒްއާ ގުޅޭގޮތުން އޮތްކަމަށް ބެލެވޭނެއެވެ.
  3. ސެކިއުރިޓީޒްއަކާމެދު، ކުންފުންޏެއްގެ މަސްލަހަތެއް އޮވެފައި، އެއްވެސް މީހަކަށް، ނުވަތަ އެމީހަކާ ގުޅިފައިވާ މީހަކަށް، އެކުންފުންޏެއްގެ ހިއްސާއާ ގުޅިގެން ލިބޭ ވޯޓުގެ %30 އަށްވުރެ މަދުނޫން އަދަދެއްގެ ވޯޓުގެ ބޭނުން ހިފޭނަމަ، ނުވަތަ ބޭނުން ހިފުމުގެ ބާރު އެމީހަކަށް ލިބިފައިވާނަމަ، އެމީހެއްގެ މަސްލަހަތެއް އެ ސެކިއުރިޓީޒްއަކާ ގުޅިގެން އޮތްކަމަށް ބެލެވޭނެއެވެ.

(ށ) ސެކިއުރިޓީޒްއަކާމެދު، މީހެއްގެ މަސްލަހަތެއް އޮތްކަމަށް ތިރީގައިވާ ކޮންމެ ހާލަތެއްގައި ބެލެވޭނެއެވެ.

  1. ސެކިއުރިޓީޒްއެއް ގަތުމަށް އެއްބަސްވުމެއް ވުން.
  2. އަމާނަތެއްގެ ދަށުން ލިބިފައިވާ މަސްލަހަތެއް ނޫން ގޮތަކުން އޭނާއަށް، ނުވަތަ އޭނާގެ އެންގުމެއްގެމަތިން، ސެކިއުރިޓީޒްއެއް ބަދަލުކުރުމުގެ ހައްގުގެ ބޭނުން އެވަގުތު، ނުވަތަ ފަހުން، ނުވަތަ ވަކި ށަރްތެއް ފުރިހަމަވުމުން، ނުވަތަ ނުވުމުންވިޔަސް ބޭނުން ކުރެވޭގޮތަށް އޮތްކަމުގައިވިޔަސް ލިބިފައިވުން.
  3. އޮޕްށަނެއްގެ ދަށުން ސެކިއުރިޓީޒް، ނުވަތަ ސެކިއުރިޓީޒްއެއްގެ މަސްލަހަތެއް ހޯދުމުގެ ހައްގުގެ ބޭނުން އެވަގުތަކު ނުވަތަ، ފަހުން ނުވަތަ ވަކި ށަރްތެއް ފުރިހަމަ ވުމުން، ނުވަތަ ނުވުމުންވިޔަސް، ބޭނުން ކުރެވޭ ގޮތަށް އޮތްކަމުގައިވިޔަސް ލިބިފައިވުން.
  4. އެމީހެއްގެ މައްޗަށް ރަޖިސްޓަރީ ކޮށްފައިވާ  ސެކިއުރިޓީޒްއަކާ ގުޅިފައިވާ ހައްގެއްގެ ބޭނުން، މީހަކު އައްޔަންކޮށްފައިވާ ފަރާތެއްގެގޮތުން ނޫންގޮތަކަށް ހިފޭނަމަ، ނުވަތަ ހިފުމުގެ ބާރު  ލިބިފައިވުން.
  5. އެމީހަކާ އެހެން މީހަކާ ބައިވެރިވާ ސެކިއުރިޓީޒްއެއް ވާނަމަ، އެ ސެކިއުރިޓީޒްއާމެދު އެމީހެއްގެ މަސްލަހަތެއް އޮތްކަމަށް ބެލެވޭނެއެވެ.
  6. މީހަކު ސެކިއުރިޓީޒްއަކާމެދު މަސްލަހަތެއް އޮތްތޯ ބެލުމުގައި، އެމަސްލަހަތެއް ވަކި ސެކިއުރިޓީޒްއަކާ ގުޅުން ނެތުމަކުން، އެމީހެއްގެ މަސްލަހަތު ނެތީކަމަކަށް ނުބެލެވޭނެއެވެ.
  7. ތިރީގައިވާ ހާލަތުތަކުގައި، ސެކިއުރިޓީޒްއާމެދު މީހެއްގެ މަސްލަހަތެއް އޮތްކަމަކަށް ނުބެލެވޭނެއެވެ.

    (ހ) އެމީހަކަށް އެ ސެކިއުރިޓީޒްއެއް ލިބިފައިވަނީ، ހަމައެކަނި އަމާނާތެއްގެގޮތުން ކަމުގައިވުން.
    (ށ) އެމީހެއްގެ އާންމު ވިޔަފާރިއަކީ، ފައިސާ ދޫކުރުންކަމަށްވެފައި، އެ ސެކިއުރިޓީޒްއާ ގުޅިގެން އޮންނަ، އެމީހެއްގެ މަސްލަހަތަކީ، ފައިސާ ދަރަންޏަށް ދޫކުރުމާގުޅިގެން ވެފައިވާ މުއާމަލާތެއް ރައްކާތެރި ކުރުމުގެ ގޮތުން، އެ ސެކިއުރިޓީޒްގައި އޮތް މަސްލަހަތެއް ކަމަށްވުން.
    (ނ) އެ މަސްލަހަތަކީ، އެމީހަކު އަދާކުރާ ވަޒީފާގެގޮތުން ގެންގުޅޭ އެ ސެކިއުރިޓީޒްގައިވާ މަސްލަހަތެއް ކަމަށްވުން.
    (ރ) ސެކިއުރިޓީޒްއެއްގައިވާ މަސްލަހަތު ކަނޑައެޅޭ މީހަކު، ނުވަތަ ބަޔަކުކަމުގައި ވުމުގެ ސަބަބުން، ސެކިއުރިޓީޒްގައިވާ މަސްލަހަތު.

  8. ހަމައެކަނި ތިރީގައި

    ބުނެފައިވާ ސަބަބެއް އޮތުމަކުން ސެކިއުރިޓީޒްއެއްގައި މަސްލަހަތެއް ނެތްކަމަށް ނުބެލެވޭނެއެވެ.


    (ހ) އެ މަސްލަހަތެއް އޮތުމަކީ، ދުރުކަމަކަށްވުން.
    (ށ) އެ މަސްލަހަތެއް އުފެދިފައިވާ ގޮތުން.
    (ނ) އެ މަސްލަހަތެއްގެ ސަބަބުން ލިބޭ ހައްގަކީ، ހިފެހެއްޓޭނެ، ނުވަތަ އެހައްގުގެ ދާއިރާ ކުޑަކުރެވޭނެ ހައްގަކަށްވުން.

 

ކޮންސޮލިޑޭޓެޑް ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2006-02)

 

މި ގާނޫނަށް ގެނެވިފައިވާ އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ސަރުކާރުގެ ސެކިއުރިޓީޒް ސެކަންޑަރީ މާކެޓުގައި މުޢާމަލާ ތުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-181)
  2. އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-91)
  3. ޑީލިންގ ކުންފުނި (ޑީލާޒް) އާއި ޑީލާޒް ތަމްސީލުކުރާ ފަރާތް (ބްރޯކާޒް) ތަކަށް ލައިސަންސް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-15)
  4. ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-126)
  5. ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-63)
  6. ސެކިއުރިޓީޒް ހުށަހެޅުމާ ވިއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1051)
  7. ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1050)
  8. ލިސްޓުކޮށްފައިވާ ހިއްސާ، ހިއްސާގެ ބާޒާރުން ބޭރުގައި ގަނެވިއްކުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1049)
  9. އިންވެސްޓްމަންޓް ފަންޑް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-57)
  10. ސެކިއުރިޓީޒްއާބެހޭ ވިޔަފާރި ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-383)
  11. އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2014-375)
  12. ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-585)
  13. އިސްލާމިކް ސެކިއުރިޓީޒް ސްކްރީންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-55)
  14. ށަރީއާ އެޑްވަރިޒުން ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-54)
  15. ސުކޫކް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-53)
  16. ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 2013-50)
  17. ސެންޓްރަލް ޑިޕޮސިޓަރީއަށް ލައިސަންސް ދިނުމާއި ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-19)
  18. ސްޓޮކްއެކްސްޗޭންޖު ކުންފުންޏަށް ލައިސަންސް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-18)
  19. މާރކެޓް މެދުވެރިނުކޮށް ސެކިއުރިޓީޒްގެ މިލްކުވެރިކަން ބަދަލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2011-52)
  20. ކްރެޑިޓް ރޭޓިންގ އެޖެންސީތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2011-44)
  21. ސެކިއުރިޓީޒްއާބެހޭ މުއާމަލާތުތަކުގައި މަނީ ލޯންޑަރކުރުން މަނާކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2011-38)
  22. ކަސްޓޯޑިއަލް ހިދްމަތްދޭ މުއްސަސާތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-36)
  23. ސެކިއުރިޓީޒް ދޫކުރާ ކުންފުނިތަކުން މައުމޫލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު 2010 (ގަވާއިދު ނަންބަރު 2011-10)
  24. މާލީ ސެކިއުރިޓީޒްއާބެހޭ އާންމު ގަވާއިދު 2009 (ގަވާއިދު ނަންބަރު 2011-06)

 

ގުޅުން ހުރި ގާނޫނު/ގަވާއިދު

ޑީލިންގ ކުންފުނި (ޑީލާޒް) އަދި ޑީލާޒް ތަމްސީލުކުރާ ފަރާތްތަކަށް (ބްރޯކާޒް) ލައިސަންސް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-50)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު