-

ސިވިލް ސަރވިސް ގެ ގާނޫނު

(ގާނޫނު ނަންބަރު 2007-05)  

 

1 ވަނަ މާއްދާ – ތައާރުފާއި ނަން

(ހ) މި ގާނޫނަކީ، ދިވެހި ސިވިލް ސަރވިސްގެ ނަމުގައި، މުސްތަގިއްލު ހިދުމަތެއް ގާއިމުކޮށް، އެހިދުމަތުގެ ގާނޫނީ ހައިސިއްޔަތާއި، މަގުސަދުތަކާއި، މަސްއޫލިއްޔަތުތަކާއި ހުދޫދުތައް އެކަށައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހި ސިވިލް ސަރވިސްގެ ގާނޫނު" އެވެ.

 

ޗެޕްޓަރ 1

ދިވެހި ސިވިލް ސަރވިސް

2 ވަނަ މާއްދާ – ދިވެހި ސިވިލް ސަރވިސް އެކުލެވިގެންވާގޮތް

ދިވެހި ސިވިލް ސަރވިސްގައި ހިމެނެނީ، ސަރުކާރުގެ މަސްއޫލު އޮފީސްތަކުގެ ޒިންމާދާރު އިސް ވެރިންނާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ.

 

3 ވަނަ މާއްދާ – ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ފަރާތްތައް

ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތައް ދިވެހި ސިވިލް ސަރވިސްއަކު ނުހިމެނެއެވެ.

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިސްކޮށް، ވަކިކުރާ ފަރާތްތައް.

(ށ) ވަޒީރުންގެ ނާއިބުން.

(ނ) ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީ.

(ރ) ދިވެހި ސިފައިން.

(ބ) ދައުލަތުގެ ވިޔަފާރި ތަންތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުން.

(ޅ) އެހެން ގާނޫނަކުން ސިވިލް ސަރވިސްގައި ނުހިމެނޭ ފަރާތްތައްކަމުގައި ކަނޑައަޅާ ފަރާތްތައް.

 

4 ވަނަ މާއްދާ – ދިވެހި ސިވިލް ސަރވިސްގެ އަސާސީ ސިފަތައް

ދިވެހި ސިވިލް ސަރވިސްއަކީ ދައުލަތުގެ ފަރާތުން، ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތަކަށް ވާންވާނެއެވެ. އަދި ދިވެހި ސިވިލް ސަރވިސްގައި، ތިރީގައިމިވާ އަސާސީ ސިފަތައް އެކުލެވެންވާނެއެވެ.

(ހ) ސަރުކާރުން އެކަށައަޅާ ސިޔާސަތުތަކާއި ހިންގާ ޕްރޮގްރާމްތައް ހިންގުމުގެ ގާބިލުކަން.

(ށ) ސަރުކާރަށް ބޭނުންވާ މަޢުލޫމާތުތައް، އެ މަޢުލޫމާތެއް ބޭނުންވަގުތަކު ލިބިދެވޭނެ ގާބިލުކަން.

(ނ) އިންސާފުވެރިކަމާއި، ތެދުވެރިކަމާއެކު ވަކިފަރާތަކަށް ނުޖެހި، ދިވެހި ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ލިބިދެވޭނެ ގާބިލުކަން.

(ރ) މަސައްކަތުގެ މާހައުލާގުޅޭ ކަންކަމުގައި، މުވައްޒަފުން ފާޅުކުރާ ހިޔާލާއި، ދޭ ލަފާ، އަދި މުވައްޒަފުންގެ އެއްބާރުލުމާއި ބައިވެރިވުމުގެ އަގުވަޒަންކުރުން.

(ބ) މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކޮށް، އެ ހައްގުތަކަށް ރައްކާތެރިވާ، މުވައްޒަފުންގެ ބޭނުންތަކަށް އިސްކަންދޭ، ކުރާ މަސައްކަތުގެ ހެޔޮ ބަދަލު ލިބިދެވޭނެ ނިޒާމުތަކެއް ގާއިމުކޮށް، ހަމަހަމަކަން ކުރިއަރުވާ، ކެރިއަރ ބޭސްޑް ނިޒާމެއް ގާއިމުވެފައި އޮތުން.

(ޅ) މުވައްޒަފުންނާ ގުޅޭގޮތުން ނިންމާ ނިންމުންތައް، ފަހުން ބަލަންޖެހިއްޖެ ހިނދެއްގައި ބެލޭނޭފަދައިން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން، ހާމަކަންބޮޑު ގޮތެއްގައި ނިންމާނެ ނިޒާމެއް ގާއިމުވެފައި އޮތުން.

(ކ) މުވައްޒަފަކާ ގުޅޭގޮތުން ނިންމާ ނިންމުމަކާބެހޭގޮތުން އެ މުވައްޒަފަކު ހިތްހަމަ ނުޖެހިއްޖެ ހިނދެއްގައި، އެ ނިންމުމާމެދު އިލްތިމާސްކުރެވޭނޭ، އެކަށީގެންވާ ނިޒާމެއް ގާއިމުވެފައިއޮތުން.

(އ) ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު، ފާޅުކަންބޮޑު ގޮތެއްގައި ހުޅުވާލައި، އެކަށީގެންވާ، ހަމަހަމަ ފުރުސަތު މުޖުތަމަޢުގެ ހުރިހާ ފަރާތަކަށްވެސް ލިބިދެވޭނެ ނިޒާމެއް ގާއިމުވެފައި އޮތުން.

 

5 ވަނަ މާއްދާ - ދިވެހި ސިވިލް ސަރވިސް ހިންގުން

ދިވެހި ސިވިލް ސަރވިސް ހިންގަންވާނީ:-

(ހ) ސިޔާސީ މަސްލަހަތުތަކުން އެކަހެރިވެފައިވާ، ވަކިފަރާތެއްގެ ނުފޫޒަކަށް ތަބާނުވާ، އަދި ވަކިފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތްނުކުރާ، ޕްރޮފެށަނަލް މިންގަނޑުތަކަކުން ހިދުމަތް ފޯރުކޮށްދޭ؛ އަދި

(ށ) ދޭދޭ މުވައްޒަފުންގެ ތެރޭގައި ތަފާތުކުރުން ނުގެންގުޅޭ މަސައްކަތުގެ މާހައުލެއް ގާއިމުކުރެވިފައިވާ؛ އަދި

(ނ) މަސައްކަތުގެ އަހުލާގުގެ އެންމެރަނގަޅު މިންގަޑުތައް ދަމަހައްޓާ؛ އަދި

(ރ) ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި ދިވެހިރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީވާ ހިދުމަތެއްގެގޮތުގައާއި؛ އަދި

(ބ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ވަޒީފާ ދޭންވާނީ ތިރީގައިވާ ގޮތުގެ މަތިން އެމީހުންގެ ގާބިލުކަމާއި، ތަޖުރިބާއަށް ބެލުމަށްފަހުގައެވެ. 

  1.  ވަޒީފާތަކަށް މީހުން ޢައްޔަނު ކުރުމުގައި އިސްކަންދޭންވާނީ ޢިލްމީގޮތުން އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ފަރާތްތަކަށެވެ.
  2.  ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޢިލްމީ ފެންވަރު އެއްވަރުވެއްޖެ ހާލަތެއްގައި އިސްކަންދޭންވާނީ އެދާއިރާއެއްގެ މަސައްކަތުގެ ފެންވަރާއި ތަޖުރިބާގެ މައްޗަށް ބަލާ އެންމެ ރަނގަޅު ފަރާތަކަށެވެ.

 

6 ވަނަ މާއްދާ – ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ކަނޑައަޅާ ފަރާތް

ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ، މި ގާނޫނުގެ 43 ވަނަ މާއްދާގައި ވާގޮތުގެމަތިން، ސިވިލް ސަރވިސް ކޮމިށަނުންނެވެ.

 

7 ވަނަ މާއްދާ – ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭފަރާތްތަކުގެ މުސާރަ ކަނޑައަޅާ ފަރާތް

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ފަރާތްތަކުގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) އެހެން ގާނޫނަކުން ވަކިފަރާތަކުން މުސާރަ ކަނޑައެޅުމަށް ބަޔާންކޮށްފައިވާ ފަރާތެއްގެ މުސާރަ ކަނޑައަޅާނީ އެ ގާނޫނެއްގައި ބުނެފައިވާ ފަރާތަކުންނެވެ.

 

ޗެޕްޓަރ 2

ސިވިލް ސަރވިސް ކޮމިށަން

8 ވަނަ މާއްދާ – ދިވެހި ސިވިލް ސަރވިސް ކޮމިށަނާއި، ކޮމިށަނުގެ ހައިސިއްޔަތު

މި ގާނޫނުގެ ދަށުން، އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރާއި، އަމިއްލަ ނަމުގައި މުޢާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، އަދި ވަކި ސިއްކައެއް އޮންނަ، މިނިވަން ގާނޫނީ ށަހްސެއްގެ ގޮތުގައި، "ސިވިލް ސަރވިސް ކޮމިށަން" އެއް އުފައްދަންވާނެއެވެ.

 

9 ވަނަ މާއްދާ – ސިވިލް ސަރވިސް ކޮމިށަނުގެ ބާރުތައް

ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، އަންނަނިވި ބާރުތައް ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) މި ގާނޫނަށާއި، މި ގާނޫނުގެ 18 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ޢަމަލު ކުރޭތޯ ބެލުމަށްޓަކައި ކުރަންޖެހޭ ތަހުގީގުތައް ކުރުމަށާއި، މި ގާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ ހިލާފުވާކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ތިރީގައިމިވާ ބާރުތައް ސިވިލް ސަރވިސް ކޮމިށަނަށް ނުވަތަ ސިވިލް ސަރވިސް ކޮމިށަނުން ހުއްދަދޭ، ކޮމިށަނުގެ މުވައްޒަފަކަށް ލިބިގެންވެއެވެ.

  1.  ހެކިބަސް ހޯދުމަށްޓަކައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި އެނޫން ފަރާތްތައް ހާޒިރުކުރުން.
  2.  1 ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ހޯދަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ހޯދުން.
  3.  ތަހުގީގު ކުރުމަށްޓަކައި ވަންނަންޖެހޭ، މި ގާނޫނުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނަށް، ނޯޓިސް ދިނުމަކާނުލައި ވަނުން.

(ށ) މި ގާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ސިވިލް ސަރވިސް ކޮމިށަނުން އެކުލަވާލާ ގަވާއިދެއްގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) މި ގާނޫނުގެ 18 ވަނަ މާއްދާގައި ސިވިލް ސަރވިސް ކޮމިށަނާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން، ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ކަންތައްތަކެއް، މި ގާނޫނުގެ 61 ވަނަ މާއްދާގައިވާ އޮފީސްތަކާ ހަވާލުކުރުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ރ) ސެމިނާރާއި، މަސައްކަތު ބައްދަލުވުމާއި، އެހެނިހެން ޕްރޮގްރާމްތައް ހިންގައިގެން ސިވިލް ސަރވިސްއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުވައި، އެކިއެކި ދިރާސާތައްކޮށް، އެ ދިރާސާތައް ހާމަކޮށް ށާއިޢުކުރުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ބ) ސިވިލް ސަރވިސްގެ ކަންތައްތަކާ ގުޅޭގޮތުން ޢާންމުކޮށް ހާމަކުރަންޖެހޭ ކަންކަން ހާމަކުރުމާއި، ކަމާ ގުޅޭގޮތުން ށާއިޢު ކުރަންޖެހޭ ބަޔާންތައް ށާއިޢުކުރުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ޅ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިވާނެ އެންމެހައި ކަންކަން ކުރުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ – ކޮމިށަން އެކުލެވިގެންވާ ގޮތް

ސިވިލް ސަރވިސް ކޮމިށަން އެކުލެވިގެންވާނީ، 5 މެންބަރުންގެ މައްޗަށެވެ.

 

11 ވަނަ މާއްދާ – ކޮމިށަނުގެ މެންބަރުންގެ މަގާމުގެ މުއްދަތު

(ހ) ކޮމިށަނަށް ޢައްޔަނު ކުރެވޭ މެންބަރަކު، އެ މަގާމުގައި ދެމިހުންނާނީ އެ މެންބަރަކު ޢައްޔަނު ކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ ކޮމިށަނުގެ މެންބަރުން ފިޔަވައި، އެހެން ކޮންމެ މެންބަރަކު އަލުން 5 އަހަރުދުވަހުގެ ދައުރަކަށް ޢައްޔަނު ކުރެވިދާނެއެވެ. އަދި އެގޮތުން ޢައްޔަނު ކުރެވޭ މެންބަރަކު ކޮންމެ 5 އަހަރަކުން ޢައްޔަނު ކުރަމުން ގެންދެވިދާނެއެވެ.

 

12 ވަނަ މާއްދާ – ކޮމިށަންގެ މެންބަރުންގައި ހުރުން ލާޒިމްވާ ސިފަތައް

ކޮމިށަނުގެ މެންބަރުކަމަށް ޢައްޔަނު ކުރާ މީހުންގައި ތިރީގައިވާ ސިފަތައް ހުންނަން ވާނެއެވެ.

(ހ) ދިވެހި ރައްޔިތަކު ކަމުގައިވުން.

(ށ) މުސްލިމަކު ކަމުގައިވުން.

(ނ) ބުއްދި ސަލާމަތުން ހުރުން.

(ރ) އުމުރުން 30 އަހަރުވެފައިވުން.

(ބ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ށަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން، އަދި ޖިނާއީ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ށަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

(ޅ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.

(ކ) އެއްވެސް އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.

(އ) ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކުރުމަށްފަހު، ސަރުކާރުގައި ނުވަތަ ސަރުކާރު ނޫން ފަރާތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ހިދުމަތްކޮށްފައިވުން.

 

13 ވަނަ މާއްދާ – ކޮމިށަނަށް މެންބަރުން އައްޔަންކުރުން

(ހ) ކޮމިށަނުގެ މެންބަރުން ޢައްޔަނު ކުރާނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުން ދޭ މަށްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މަށްވަރާ ހޯދުމަށް އެދޭނީ، އަދި ރައްޔިތުންގެ މަޖިލީހުން މަށްވަރާ ދޭނީ، އަންނަނިވި ގޮތުގެމަތިންނެވެ.

  1. ކޮމިށަނަށް މެންބަރުން ޢައްޔަނު ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ލިޔުމަކުން، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
  2. ކޮމިށަނަށް އެފަހަރަކު ޢައްޔަނު ކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ މަދުނޫން ޢަދަދަކަށް މީހުންގެ ނަމާއި، އެމީހުންގެ ވަނަވަރު އެ ލިޔުމާއެކު ހިމެނުން.
  3. އެމައްސަލަ މަޖިލީހަށް ހުށަހެޅުމުން، އެ ނަންތައް ދިރާސާކޮށް، ފެންނަ ގޮތެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި، 7 (ހަތެއް) މެންބަރުންގެ ވަގުތީ ކޮމިޓީއެއް ހޮވުން.
  4. 7 (ހަތެއް) މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފެންނަ ގޮތެއް ނިންމުމަށްޓަކައި ހުށަހެޅިފައިވާ މީހުންނާ ބައްދަލުކޮށް ވާހަކަދެއްކުމަށްފަހު، މަޢުލޫމާތުތައް ދިރާސާކޮށް، ނިންމާގޮތުގެ ރިޕޯޓެއް މަޖިލީހަށް ހުށަހެޅުން.
  5. 7 (ހަތެއް) މެންބަރުންގެ ވަގުތީ ކޮމިޓީގެ ރިޕޯޓުގެ މައްޗަށް ބިނާކޮށް، މަޖިލީހަށް ފެންނަ ގޮތެއް ކަނޑައެޅުން.
  6. މަޖިލީހުން ކަނޑައަޅާ ގޮތް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުވާ ލިޔުމަކުން، ރައީސުލްޖުމްހޫރިއްޔާއަށް އެންގުން.

(ނ) ކޮމިށަނުގެ މެންބަރުކަމަށް ޢައްޔަނު ކުރަންވާނީ، ކޮމިށަނުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭ ފަދަ ލަޔާގަތާއި ގާބިލިއްޔަތު ހުރި މީހުންގެ ތެރެއިން، މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަވާ މީހުންނެވެ.

(ރ) ކޮމިށަނަށް ޢައްޔަނު ކުރާނެ މެންބަރުންނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މަށްވަރާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކަކީ ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ މީހުންނާއި، ޢާންމުކޮށް އިޢްލާނުކޮށްގެން، އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަންތަކެއް ކަމުގައި ވާންވާނެއެވެ. އަދި އެގޮތުން ހުށަހެޅޭ ނަންތަކުގެ ތެރޭގައި، ވީހާވެސް ބޮޑަށް ގައުމުގެ އެކިދާއިރާތައް ތަމްސީލުވާނެ ގޮތެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ބާރުއަޅަންވާނެއެވެ.

 

14 ވަނަ މާއްދާ – ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުންގެ ހުވާ

 (ހ) ކޮމިށަނުގެ މެންބަރަކަށް އެމީހެއްގެ މަގާމާ ހަވާލު ވެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި އަންނަނިވި ހުވާކުރުމުންނެވެ.

"އަހުރެން ....................... އިސްލާމްދީނަށް  ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ  ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހި ސިވިލްސަރވިސް ކޮމިށަނުގެ މެންބަރެއްގެގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މިނިވަންކަމާއި، ޢަދުލުވެރިކަމާއި، އިންސާފުވެރިކަމާއެކު، އެއްވެސް ނުފޫޒަކަށް ލެނބުމެއްނެތި އިހްލާސްތެރިކަމާއެކު އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވާކުރަމެވެ."

(ށ) ކޮމިށަނުގެ މެންބަރެއްކަމުގައި ބެލޭނީ މި މާއްދާގެ (ހ) ގައި އެވާ ހުވާ ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި ކުރުމުންނެވެ.

 

15 ވަނަ މާއްދާ – ކޮމިށަނުގެ މެންބަރުން ވަޒީފާއިން ވަކިކުރުން

(ހ) ކޮމިށަނުގެ މެންބަރަކު އޭނާގެ މަގާމުން ވަކިކުރެވޭނީ، އަންނަނިވި ހާލަތުތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ އެކަމެއް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ އަޣްލަބިއްޔަތުން އެގޮތަށް އެކަމެއް ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާ އެ މެންބަރަކަށް ފޮނުވާ ލިޔުމަކުންނެވެ.

  1. ށަރްޢީ ހުކުމަކުން އިފްލާސްކުރުން.
  2. ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދުން؛ ނުވަތަ ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބާ ތަޢާރުޟުވާ ފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް ނުވަތަ ދައުރެއް އޮތް ހާލަތެއް ދިމާވުން.
  3. މެންބަރެއްގެ މައްޗަށް ސާބިތުވާ ކުށެއްގެ ސަބަބުން، ކޮމިށަނުގެ މެންބަރަކު ހިފަހައްޓަންޖެހޭ އަބުރުވެރިކަމަށް އުނިކަން އަތުވެއްޖެކަމަށް ފެނުން.
  4.  ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވުމާއި، އެކަމަށް ދޭންވާ ސަމާލުކަން ނުދިނުން.
  5. ހުވަޔާ ހިލާފުވުން.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މެންބަރަކު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅޭ މައްސަލައެއްގައި، އެ މެންބަރަކު ކުރިކަމަށް ބެލެވޭކަމަކީ، ނުވަތަ އެ މެންބަރަކު ވަކިކުރުމުގެ މައްސަލަ ހުށަހެޅުނުކަމަކީ، އެ މެންބަރަކަށް އިސްލާހުކުރެވިދާނެ ބާވަތުގެ ކަމެއް ކަމުގައިވާނަމަ، އެ މެންބަރަކު ކޮމިށަނުން ވަކިކުރުމުގެ ބަދަލުގައި މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް، މަޖިލީހުން ކަނޑައަޅާ ށަރުތުތަކެއްގެމަތިން، އެ މެންބަރަކު ކޮމިށަނުގެ މެންބަރުކަމުން ވަގުތީގޮތުން އެކަހެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅިދާނެއެވެ. އަދި މިގޮތަށް ހުށަހެޅިއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާ އެ މެންބަރަކާމެދު ޢަމަލުކުރާނީ އެގޮތުގެ މަތިންނެވެ.

 

16 ވަނަ މާއްދާ – މަގާމް ހުސްވުން

ކޮމިށަނުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތުތަކުގައެވެ.

  1. މެންބަރުކަމުގެ މުއްދަތު ހަމަވުމުން.
  2. އިސްތިޢުފާ ދިނުމުން.
  3. މި ގާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮމިށަނުގެ މެންބަރުކަމުން ވަކިކުރުމުން.
  4. ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން.
  5. މަރުވުމުން.
  6. ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމުކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން.

 

17 ވަނަ މާއްދާ – ކޮމިށަނުގެ ރައީސާއި ނާއިބު ރައީސް

(ހ) ކޮމިށަނުގެ މެންބަރުންގެ ތެރެއިން، ކޮމިށަނުގެ ރައީސަކާއި ނާއިބުރައީސެއް ޢައްޔަނު ކުރަން ވާނެއެވެ.

(ށ) ކޮމިށަނުގެ ރައީސާއި ނާއިބުރައީސް ޢައްޔަނު ކުރާނީ، ރައްޔިތުންގެ މަޖިލީހުން ދޭ މަށްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މަށްވަރާ ހޯދުމަށް އެދޭނީ، އަދި ރައްޔިތުންގެ މަޖިލީހުން މަށްވަރާ ދޭނީ، އަންނަނިވި ގޮތުގެމަތިންނެވެ.

  1. ކޮމިށަނުގެ ރައީސަކު ނުވަތަ ނާއިބުރައީސަކު ޢައްޔަނު ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ލިޔުމަކުން، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
  2. ކޮމިށަނުގެ ރައީސަކު ނުވަތަ ނާއިބުރައީސަކު ޢައްޔަނު ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، އެފަހަރަކު ޢައްޔަނު ކުރަންޖެހޭ މަގާމަކަށް، ނަމެއް އެ ލިޔުމާއެކު ހިމެނުން.
  3. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، އެ ނަމެއް ދިރާސާކޮށް، ފެންނަ ގޮތެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި، 7 (ހަތެއް) މެންބަރުންގެ ވަގުތީ ކޮމިޓީއެއް ހޮވުން.
  4. 7 (ހަތެއް) މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފެންނަ ގޮތުގެ ރިޕޯޓެއް، މަޖިލީހަށް ހުށަހެޅުން.
  5. 7 (ހަތެއް) މެންބަރުންގެ ވަގުތީ ކޮމިޓީގެ ރިޕޯޓުގެ މައްޗަށް ބިނާކޮށް، މަޖިލީހަށް ފެންނަ ގޮތެއް ކަނޑައެޅުން.
  6. މަޖިލީހުން ކަނޑައަޅާ ގޮތް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުވާ ލިޔުމަކުން، ރައީސުލްޖުމްހޫރިއްޔާއަށް އެންގުން.

(ރ) ކޮމިށަނުގެ ރައީސްގެ މަގާމު ނުވަތަ ނާއިބުރައީސްކަމުގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އެއިން މަގާމެއްގައި ހުންނަ މީހަކު އެމީހެއްގެ މަގާމުން އިސްތިޢުފާދިނުމުން ނުވަތަ އެއިން މީހަކު ކޮމިށަނުގެ މެންބަރުކަމުން ވަކިވާ ހާލަތެއް މެދުވެރިވުމުންނެވެ.

 

18 ވަަނަ މާއްދާ – ކޮމިށަނުގެ މަސައްކަތް

ދިވެހި ސިވިލް ސަރވިސް ކޮމިށަނުގެ މައިގަނޑު މަސައްކަތްތަކަކީ:-

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، މި ގާނޫނުގެ 3 ވަނަ މާއްދާއިން ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ފަރާތްތައްކަމަށް ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި ދިވެހި ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ލިބިދޭންޖެހޭ ހިދުމަތްތައް ފޯރުވައިދިނުމަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، އެ މުވައްޒަފުންނަށް މުސާރައާއި ވަޒީފާއާ ގުޅިގެން ދެވޭ އިނާޔަތްތައް ކަނޑައެޅުމާއި، މިކަންކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.

(ށ) ދިވެހި ސިވިލް ސަރވިސްގައި ހިދުމަތްކުރާ މުވައްޒަފުންނަކީ ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރަށާއި، ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ވަފާތެރިކަމާއި އިހްލާސްތެރި ކަމާއެކު ހިދުމަތްކުރާ، ސިޔާސީގޮތުން ވަކިފަރާތަކަށް ނުޖެހޭ، ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށްހިތާ، ގާބިލު ބަޔަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

(ނ) ދިވެހި ސިވިލް ސަރވިސްގައި ހިދުމަތްކުރާ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އިންސާފުވެރި މާހައުލެއް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

(ރ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި، ހައްގުތަކާއި، ބާރުތަކާއި، ޒިންމާތައް އެކަށައެޅުން.

(ބ) ސަރުކާރުގެ އޮފީސްތަކުން ސިވިލް ސަރވިސްގެ އަސާސީ ސިފަތަކަށް ހުރުމަތްތެރިކޮށްހިތާ، އަދި ހިފަހައްޓާ މިންވަރު ބެލުން.

(ޅ) ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު އެކުލަވާލުން.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން އެކުލަވާލެވޭ ކޯޑް އޮފް ކޮންޑަކްޓާއި، ދިވެހި ސިވިލް ސަރވިސްގެ އަސާސީ ސިފަތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް ސަރުކާރުގެ މަސްއޫލު އޮފީސްތަކުގައި ގާއިމުކުރެވިފައިވާ ނިޒާމުތަކަކީ އެކަމަށް އެކަށީގެންވާ ނިޒާމުތަކެއްތޯ ބެލުން.

(އ) މި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކާއި ރިޕޯޓުތައް ބަލައި ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ވ) ދިވެހި ސިވިލް ސަރވިސްގެ ކަންތައްތަކާ ގުޅޭގޮތުން މި ގާނޫނުގެ 24 ވަނަ މާއްދާއާއި 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރިޕޯޓުކުރުން.

(މ) މި ގާނޫނާއި، ސިވިލް ސަރވިސްގެ ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓް ތަންފީޒުކުރުން.

(ފ) ސަރުކާރުގެ މަސްއޫލުވެ ޒިންމާވާ އޮފީސްތަކުގެ ޒިންމާދާރު އިސްވެރިންނާއި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން މި ގާނޫނާއި، ކޯޑް އޮފް ކޮންޑަކްޓާ ހިލާފަށް ޢަމަލުކުރާކަމަށް ހުށަހެޅޭ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން.

(ދ) ދިވެހި ސިވިލް ސަރވިސްއަކީ ކެރިއަރ ބޭސްޑް ނުވަތަ ވަޒީފާގައި ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭ ހިދުމަތެއްގެ ގޮތުގައި ބައްޓަންކުރުން.

(ތ) ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރޭގައި އިސްނެގުމާއި، ލީޑަރށިޕް ކުރިއަރުވައި، މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނު ހޯދައިދިނުމާއި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ މަސައްކަތަށް ގާބިލުބަޔަކަށް ހެދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުން.

(ލ) ދިވެހި ސިވިލް ސަރވިސްއާ ގުޅޭ ކަންތައްތަކުގައި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ލަފައާއި އިރުށާދު ދިނުން.

(ގ) ދިވެހި ސިވިލް ސަރވިސްގެ މަގާމުތައް އުފައްދައި އުވާލާނެ އުސޫލުތައް އެކުލަވާލުމާއި، އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މަގާމު އުފައްދައި އުވާލުމުގެ ކަންތައްތައް ހިންގުން.

 

19 ވަނަ މާއްދާ - ރިޕޯޓު ހުށަހަޅަންޖެހޭ ފަރާތް

މި ގާނޫނުގެ 18 ވަނަ މާއްދާގެ (އ) އަދި (ފ) ގެ ދަށުން ކޮމިށަނުންކުރާ ތަހުގީގަށްފަހު އެކުލަވާލެވޭ ރިޕޯޓު ހުށަހަޅަންޖެހޭ ފަރާތްތަކަކީ:-

  1. ތަހުގީގުކުރެވޭ އޮފީހެއްގެ އިސްވެރިޔަކީ ވަޒީރެއްނަމަ، ރައީސުލްޖުމްހޫރިއްޔާއަށް.
  2. ތަހުގީގުކުރެވޭ އޮފީހެއްގެ އިސްވެރިޔަކީ އެ އޮފީހެއް ހިންގުމާ ހަވާލުވެހުރި އެންމެ އިސްވެރިޔާނަމަ، އެ އޮފީހެއް ޖަވާބުދާރީވާންޖެހޭ މިނިސްޓްރީއެއްގެ މިނިސްޓަރަށް، ނުވަތަ އެފަދަ ވުޒާރާއެއް ނެތްނަމަ، ރައީސުލްޖުމްހޫރިއްޔާއަށް.

 

20 ވަނަ މާއްދާ – ކޮމިށަނުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް

ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

 

21 ވަނަ މާއްދާ – ކޮމިށަނަށް މުވައްޒަފުން އައްޔަނުކުރުން

ސިވިލް ސަރވިސް ކޮމިށަނުގެ އިދާރީ ކަންތައްތައް ބެލެހެއްޓުމަށާއި، ކޮމިށަނަށް އެހީވުމަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދީ، އެއް މަގާމުން އަނެއް މަގާމަށް ބަދަލުކޮށް، އެމީހުން ވަޒީފާއިން ވަކިކުރާނީ، އެކަމަށް ސިވިލް ސަރވިސް ކޮމިށަނުން އެކުލަވާލާ ގަވާއިދެއްގެ މަތިން ސިވިލް ސަރވިސް ކޮމިށަނުންނެވެ.

 

22 ވަނަ މާއްދާ – ކޮމިށަނުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް

ކޮމިށަނުގެ މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް،  މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަށްވަރާއާއެކު ކަނޑައަޅާނީ ސިވިލް ސަރވިސް ކޮމިށަނުންނެވެ.

 

23 ވަނަ މާއްދާ – ތަޖުރިބާކާރުންނާއި ލަފާދޭމީހުންގެ އެހީ ހޯދުން

(ހ) ސިވިލް ސަރވިސްގެ މަސައްކަތުގައި، ވަކި ހާއްސަ ދާއިރާއަކުން ފަންނީ އެހީ ބޭނުންވެއްޖެ ހިނދެއްގައި، އެފަދަ އެހީ، ކޮންޓްރެކްޓް އުސޫލުން ހޯދުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ހިދުމަތް ހޯދަންވާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެމަތިން، އެ ހިދުމަތުގެ އަގު އަދާކުރެވޭނެގޮތް ހަމަޖެއްސުމަށް ފަހުގައެވެ.

 

24 ވަނަ މާއްދާ - ކޮމިށަނުގެ އަހަރީ ރިޕޯޓު

(ހ) ކޮންމެ މާލީއަހަރެއް ނިމުމުން، އެއަހަރު ސިވިލް ސަރވިސް ކޮމިށަނުގެ މަސައްކަތްތައް ހިނގިގޮތުގެ ރިޕޯޓެއް، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އަހަރު ނިމޭތާ 2 މަސް ދުވަހުގެ ތެރޭގައި ސިވިލް ސަރވިސް ކޮމިށަނުގެ ރައީސް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި އެއަހަރުގެ ތެރޭގައި ސިވިލް ސަރވިސްގެ ކަންތައްތައް ހިނގިގޮތް ހިމެނިފައި އޮންނަންވާނެއެވެ. މީގެތެރޭގައި ދިވެހި ސިވިލް ސަރވިސްގެ ކަންތައްތައް އިސްލާހުކޮށް، ތަރައްގީކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ކުރިމަގަށް ރާވާފައިވާ ކަންތައްތައް ހިމަނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ތައްޔާރު ކުރުމަށްޓަކައި ކޮމިށަނަށް ބޭނުންވާ މަޢުލޫމާތުތައް އޮފީސްތަކުގެ ޒިންމާދާރު އިސްވެރިން ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެމަތިން، ކޮމިށަނަށް ފޮނުވަންވާނެއެވެ.

 

25 ވަނަ މާއްދާ - ހާއްސަ ރިޕޯޓު

ކޮމިށަނުގެ މަސައްކަތުގެ ދާއިރާއާއި ބާރުތަކުގެތެރޭގައި ހިމެނޭ ކަމެއްގައި ރައްޔިތުންގެ މަޖިލީހަށް އަވަސް ގޮތެއްގައި ހުށަހަޅަންޖެހޭކަމަށް ކޮމިށަނަށް ފެނިއްޖެކަމެއް، އަހަރީ ރިޕޯޓު ހުށަހަޅަންޖެހޭ ތާރީހާ ހަމައަށް ލަސްނުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

ޗެޕްޓަރ 3

ދިވެހި ސިވިލް ސަރވިސްގެ ހިދުމަތުގެ މިންގަނޑުތައް

26 ވަނަ މާއްދާ – ސިވިލް ސަރވިސްގެ މުވައްޒަފުންގެ ދައުރު

ދިވެހި ސިވިލް ސަރވިސްގައި ހިދުމަތްކުރާ މުވައްޒަފުންގެ ދައުރަކީ، ތެދުވެރިކަމާއި ޢިހްލާސްތެރިކަމާއެކު، ވަކިފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތްކުރުމެއްނެތި ސަރުކާރުން އެކަށައަޅާ ސިޔާސަތުތަކާއި، ހިންގާ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުމެވެ. މިގޮތުން އެންމެހައި ސިޔާސީ ނުފޫޒުތަކުން އެއްކިބާވެތިބެ، އެ ހިނދަކު ވެރިކަން ހިންގުމާ ހަވާލުވެއޮތް ސަރުކާރެއްގެ ސިޔާސަތު

އެކަށައެޅުމުގައާއި، އެ ސިޔާސަތުތަކަށް އަމަލީސިފަ ގެނައުމުގައި އެހީތެރިވެދޭން ވާނެއެވެ.

 

27 ވަނަ މާއްދާ - ހިދުމަތްކުރުމުގެ އުސޫލުތައް

ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުން ސަރުކާރަށް ހިދުމަތް ކުރުމުގައި ޢަމަލުކުރަންވާނީ ތިރީގައިވާ އުސޫލުތަކުގެ މަތިންނެވެ.

(ހ) އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހެއްގައި އެމީހަކު ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށާއި، އެ އޮފީހެއްގެ އެންމެ އިސްފަރާތަކަށާއި، އެ އޮފީހެއްގައި ދިވެހި ސިވިލް ސަރވިސް ތަމްސީލުކުރާ އެންމެ އިސް ފަރާތަކަށް ޖަވާބުދާރީވުން.

(ށ) އެ މުވައްޒަފެއްގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ދިވެހިރާއްޖެ ބައިވެރިވާ، އަދި، ދިވެހިރާއްޖެއިން ޢަމަލުކުރަންޖެހޭ ބައިނަލްއަގްވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ހިތުން.

(ނ) އެ މުވައްޒަފެއްގެ ޒިންމާތައް އަދާކުރުމުގައި އެ މުވައްޒަފެއްގެ މަސައްކަތުގެ ދާއިރާގެ ޕްރޮފެށަނަލް މިންގަނޑުތަކެއް

އެކުލަވާލެވިފައިވާނަމަ، އެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުން.

 

28 ވަނަ މާއްދާ – މަޢުލޫމާތު ހާމަކުރުމުގެ އުސޫލުތައް

ދިވެހި ސިވިލް ސަރވިސްގައި ވަޒީފާއަދާކުރާ މުވައްޒަފުން، އެމީހުންގެ ވަޒީފާގެ ވާޖިބުތައް އަދާކުރުމުގައާއި، މަޢުލޫމާތު ހާމަކުރުމުގައި ޢަމަލުކުރަންވާނީ ތިރީގައިވާ އުސޫލުތަކުގެ މަތިންނެވެ.

(ހ) ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، މަޢުލޫމާތު ދޭންޖެހޭ ކޮންމެ ހާލަތެއްގައި ތެދު މަޢުލޫމާތު ދިނުން.

(ށ) މި މާއްދާގެ (ހ) ގައި ވާގޮތަށް، އެކިފަރާތްތަކަށް ފޯރުކޮށްދެވޭ މަޢުލޫމާތު ފޯރުކޮށްދިނުމުގައި، ޖެހިލުންވުމެއްނެތި، ނިންމުންތައް ނިންމާ ފަރާތަށް އެ ނިންމުން ނިންމުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ލިބިދިނުން.

(ނ) މި މާއްދާގެ (ހ) ގައި ވާގޮތަށް، އެކިފަރާތްތަކަށް ފޯރުކޮށްދެވޭ މަޢުލޫމާތު ފޯރުކޮށްދިނުމުގައި، ފައިދާއެއް ހޯދުމުގެ ބޭނުމުގައި އެފަދަ ފައިދާއެއް ހޯދަން މަގުފަހިވާގޮތަށް ވަކިމަޢުލޫމާތެއް ފޯރުކޮށްދީގެން ނުވާނެއެވެ. ނުވަތަ އެ ބޭނުމުގައި އެފަދަ މަޢުލޫމާތެއް ފޯރުކޮށްނުދީ ހިފަހައްޓައިގެން ނުވާނެއެވެ.

(ރ) ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކު، އެނގިހުރެ ގަސްތުގައި، އެއްވެސް މަޢުލޫމާތެއް، އެއްވެސް ފަރާތަކަށް އޮޅުވާލައިގެން ނުވާނެއެވެ.

(ބ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ އެއްވެސް މުވައްޒަފަކު، އެ މުވައްޒަފެއްގެ ރަސްމީ މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ މަޢުލޫމާތެއް، އެ މަޢުލޫމާތެއް ހާމަކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެމަތިން، އެ މުވައްޒަފެއްގެ ރަސްމީ ހައިސިއްޔަތުން މެނުވީ ހާމަކޮށްގެން ނުވާނެއެވެ.

 

29 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ސަރުކާރުން ސިއްރު ލިޔުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ލިޔުންތަކާއި، ސިއްރު ލިޔުމެއްގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ އެއްވެސް ލިޔުމެއް ހާމަކޮށްގެންނުވާނެއެވެ.

(ށ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ސަރުކާރުގެ އިދާރާތަކުގެ މެދުގައި މުޢާމަލާތުކުރެވޭ "ސިއްރު" ގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތަކާއި، ސަރުކާރުގެ އިދާރާތަކަށް ލިބޭ "ސިއްރު" ގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ހާމަކޮށްގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި މިގޮތަށް ބަޔާންކުރެވިފައި ވީނަމަވެސް، އެ މާއްދާގައި ބަޔާންކޮށްފައިވާފަދަ ސިއްރެއް ގާނޫނީގޮތުން ހާމަކުރަން ޖެހިއްޖެ ހާލަތެއްގައި، ހާމަކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

30 ވަނަ މާއްދާ – ގަވާއިދާ ހިލާފަށް ހިންގާ ކަންތައްތައް ރިޕޯޓްކުރުން

(ހ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ގާނޫނާ ގަވާއިދާ ހިލާފު ކަމެއް ކުރާކަމަށް ނުވަތަ ކުރަންއުޅޭކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއަށް، އެކަމެއް އަންގަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) އަކުން، ގާނޫނާ ހިލާފަށް ހިންގާ ކަންތައްތައް، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަކަށް ހުރަހެއްނާޅައެވެ.

 

31 ވަނަ މާއްދާ – ގަވާއިދާ ހިލާފަށް ހިނގާ ކަންތައްތައް ކޮމިށަނަށް ރިޕޯޓްކުރުން

މި ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން މުވައްޒަފަކު އޮފީހުގެ ޒިންމާދާރު އިސްވެރިޔާއަށް ހުށަހެޅި މައްސަލައެއްގައި އެ މުވައްޒަފަކު ހިތްހަމަޖެހޭ ނަތީޖާ ހާސިލު ނުވެއްޖެނަމަ، އެ މައްސަލަ ލިޔުމަކުން ސިވިލް ސަރވިސް ކޮމިށަނަށް ހުށަހެޅުމުގެ އިހްތިޔާރު އެ މުވައްޒަފަކަށް ލިބިގެންވެއެވެ.

 

32 ވަނަ މާއްދާ – ކޮމިށަނުގެ ނިންމުންތަކަށް އަމަލުކުރުން

މި ގާނޫނުގެ 31 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ހުށަހެޅޭ މައްސަލައެއް ސިވިލް ސަރވިސް ކޮމިށަނުން ނިންމާ ގޮތާދޭތެރޭ މުވައްޒަފުން ޢަމަލުކުރަން ޖެހޭނީ ތިރީގައިވާ ގޮތްތަކުންކުރެ އެއްގޮތަށެވެ.

(ހ) ސިވިލް ސަރވިސް ކޮމިށަނުގެ ނިންމުމަކީ އެ މުވައްޒަފަކަށް ގަބޫލުކުރެވޭ ނިންމުމެއްނަމަ ވަޒީފާގެ ވާޖިބުތައް އަދާކުރުމުގައި ދެމިހުރުން.

(ށ) ސިވިލް ސަރވިސް ކޮމިށަނުގެ ނިންމުމަކީ އެ މުވައްޒަފަކު ގަބޫލުކުރާ ނިންމުމެއްކަމަށް ނުވާނަމަ، އެ މައްސަލައެއް، ވަޒީފާއާބެހޭ ޓްރައިބިއުނަލަކަށް ހުށަހެޅުން.

 

33 ވަނަ މާއްދާސިވިލް ސަރވިސްގެ މުވައްޒަފުން ކޯޑް އޮފް ކޮންޑަކްޓަށް ޢަމަލުކުރުން ލާޒިމްވުން

ދިވެހި ސިވިލް ސަރވިސްގައި ވަޒީފާއަދާކުރާ މުވައްޒަފުން ޢަމަލުކުރަންވާގޮތުގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް، ސިވިލް ސަރވިސްގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޢަމަލުކުރަންވާނެއެވެ.

 

34 ވަނަ މާއްދާ – މި ގާނޫނާއި، ސިވިލް ސަރވިސް ގަވާއިދާ، ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވުން

(ހ) މި ގާނޫނާއި، ސިވިލް ސަރވިސްގެ ގަވާއިދާއި، ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެފައިވާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފަކާމެދު، އެމީހަކު ކުރި ކުށެއްގެ ކުޑަ ބޮޑުމިނަށް ބަލައިގެން ދިވެހި ސިވިލް ސަރވިސް ގަވާއިދުގައި ކަނޑައަޅާފައިވާގޮތުގެ މަތިން، ކޮމިށަނުން ތިރީގައިވާ ގޮތްތަކުން ކުރެ ގޮތަކަށް ޢަމަލު ކުރެވިދާނެއެވެ.

  1. ނަސޭހަތް ދިނުން.
  2. އިންޒާރުކުރުން.
  3. ހަވާލުކޮށްފައިވާ މަސައްކަތް ބަދަލުކުރުން.
  4. ޖޫރިމަނާކުރުން.
  5. ވަޒީފާގެ ފަންތީގައި އެ މުވައްޒަފެއްގެ މަގާމު ދަށްކުރުން.
  6. ވަޒީފާއިން ވަކިކުރުން.

(ށ) ސިވިލް ސަރވިސްގެ މުވައްޒަފެއް، މި ގާނޫނާއި، ސިވިލް ސަރވިސް ގަވާއިދާއި، ސިވިލް ސަރވިސް ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ވެއްޖެކަން ކަނޑައަޅައި، އެކަމަކާ ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމާނީ އެމީހަކު ކުރި ކުށެއްގެ ކުޑަ ބޮޑު މިނަށް ބަލައިގެން ދިވެހި ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

 

35 ވަނަ މާއްދާ – ގަވާއިދާ ހިލާފު ކަންތައްތައް ރިޕޯޓުކުރާ ފަރާތްތަކަށް ލިބިދެވޭ ހިމާޔަތް

މި ގާނޫނާއި، ދިވެހި ސިވިލް ސަރވިސް ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ މުވައްޒަފަކު ހިލާފުވެއްޖެކަމަށް ތުހުމަތުކުރެވިގެން ނުވަތަ ހިލާފުވެއްޖެކަމަށް ގަބޫލުކުރެވިގެން އެކަން، އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއަށް ނުވަތަ ސިވިލް ސަރވިސް ކޮމިށަނަށް ރިޕޯޓުކުރި މުވައްޒަފަކާބެހޭ އެއްވެސް މަޢުލޫމާތެއް އެއްވެސް މުއައްސަސާއަކުން ހާމަކޮށްގެންނުވާނެއެވެ. އަދި، އެފަދަ ރިޕޯޓެއްކުރިކަން ދެނެހުރި އެއްވެސް މީހަކު، އެ މުވައްޒަފަކާ މެދުގައި ނިކަމެތިކޮށްހިތައި، ނުވަތަ އެ މުވައްޒަފަކު ނިކަމެތިކުރުމުގެ ގޮތުން ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެއެވެ.

 

36 ވަނަ މާއްދާ – މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މަގްސަދެއް ހާސިލްކުރުން މަނާކުރުން

މި ގާނޫނު ނުވަތަ ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ ދަށުން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާގުޅޭ މަސައްކަތްތައްކޮށް، ސިވިލް ސަރވިސްގެ މުވައްޒަފުންނާގުޅޭ ކަންތައްތައް ތަންފީޒުކުރާ މުވައްޒަފަކު، އެމަސައްކަތްކުރަނީ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އަމިއްލަ ބޭނުމެއް ހާސިލުކުރުމުގެ މަގްސަދުގައިކަމަށް ވެގެން ނުވާނެއެވެ. 

 

ޗެޕްޓަރ 4

ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން 

37 ވަނަ މާއްދާ – މުވައްޒަފުންނަށް ވަޒިފާ ދިނުމާއި ވަކިކުރުން

ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި އެއްވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ސިވިލް ސަރވިސް ކޮމިށަނަށެވެ.

 

38 ވަނަ މާއްދާވަޒީފާ ދިނުމުގެ އަސާސީ މިންގަނޑު

(ހ) ދިވެހި ސިވިލް ސަރވިސްގެ މަގާމަކަށް ސިވިލް ސަރވިސްގައި ހިމެނޭ މީހަކުވިޔަސް އަދި ނުހިމެނޭ މީހަކުވިޔަސް ޢައްޔަނު ކުރަންވާނީ ސިޔާސީ ނުފޫޒުތަކުން އެކަހެރިވެފައިވާ ގޮތެއްގައި މެރިޓް އަކީ އަސާސީ މިންގަނޑު ކަމަށް ބަލައިގެންނެވެ.

(ށ) އަސާސީ މިންގަނޑަކީ މެރިޓް ކަމަށް ބަލައިގެން ވަޒީފާ ދިންކަމަށް ބެލެވޭނީ އެ މުވައްޒަފު ޢައްޔަނު ކުރެވިފައިވަނީ ތިރީގައިވާ ގޮތަށްކަމުގައިވާ ނަމައެވެ.

  1. ޢައްޔަނު ކުރެވުނު މީހަކީ ވަޒީފާގެ ށަރުތުތައް ފުރިހަމަވާ މީހެއްކަމުގައިވުން.
  2. ޢައްޔަނު ކުރެވުނު މީހަކީ އެމީހެއްގެ ތަޢުލީމީ ފެންވަރަށާއި، މަސައްކަތުގެ ހުނަރަށް އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން ޢައްޔަނު ކުރެވިފައިވާ، މީހަކު ކަމުގައިވުން.

 

39 ވަނަ މާއްދާ – ވަޒީފާގެ ކުރިއެރުން ދިނުމުގައި ބަލަންޖެހޭ ކަންތައްތައް

ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި ބަލާނީ ތިރީގައިވާ ކަންކަމަށެވެ.

(ހ) މަގާމުގެ މަސްއޫލިއްޔަތުތަކަށް އެ މުވައްޒަފަކު އެކަށީގެންވާ މިންވަރު.

(ށ) އެ މުވައްޒަފެއްގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާ.

(ނ) އޮފީހުގެ މަގްސަދު ހާސިލުކުރުމަށް މުވައްޒަފު ހިއްސާކޮށްފައިވާ މިންވަރު.

(ރ) މުވައްޒަފު ހުރި މަގާމުގެ ވާޖިބުތައް އަދާކޮށްފައިވާ މިންވަރާއި ފެންވަރު.

 

40 ވަނަ މާއްދާ - ވަޒީފާގެ ގިންތި ކަނޑައެޅުން

(ހ) ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދޭންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ފެތޭގޮތަށެވެ.

  1. ގިންތި  : 1ދާއިމީ މުވައްޒަފުން.
  2. ގިންތި  : 2ވަގުތީ މުވައްޒަފުން.

(ށ) މި މާއްދާގެ (ހ) ގެ (2) ގައި ބަޔާންކޮށްފައިވާ "ގިންތި" އަށް ފެތޭގޮތަށް ވަޒީފާދެވޭނީ ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއިން ނުކުންނަ ވަގުތީ ބޭނުންތައް ފުއްދުމަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތެއް ކުރުމަށެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) އަދި (2) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަޒީފާ ލިބިދެވޭ ހާލަތުތައް، ސިވިލް ސަރވިސް ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. މިގޮތުން ވަޒީފާގެ ޕްރޮބޭށަންގެ މުއްދަތާއި، އެ މުއްދަތުގެ ތެރޭގައި ޢަމަލުކުރެވޭނެގޮތާއި އެ މުއްދަތު އިތުރުކުރެވިދާނެ ހާލަތުތައް ބަޔާންކުރަންވާނެއެވެ.

 

41 ވަނަ މާއްދާ – ވަޒީފާއަށް އައްޔަނު ކުރުމުގެ ށަރުތުތައް

(ހ) ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ޢައްޔަނު ކުރެވޭނީ، ތިރީގައިމިވާ ށަރުތުތައް ފުރިހަމަވާ މީހުންނެވެ.

  1. ދިވެހި ރައްޔިތަކަށްވުން.
  2. އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގޭ މީހަކުކަމުގައިވުން.
  3. ވަޒީފާއަށްއެދި ހުށަހަޅާއިރު، މި ގާނޫނުގައި ބަޔާންކޮށްފައިވާ ވަޒީފާއިން މުސްކުޅިކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިދޭ އުމުރަށްވުރެ ދޮށީ މީހަކުކަމުގައި ނުވުން.
  4. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތްހެދުން، އަދި ހިޔާނާތްފަދަ ބޮޑު ކުށެއްކުރިކަން، ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، ށަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.
  5. ޣައިރުގާނޫނީ ޖަމާޢަތެއްކަމުގައި ށަރީޢަތުން ކަނޑައަޅާފައިވާ ޖަމާޢަތެއްގެ މެންބަރެއްކަމުގައި ނުވުން.
  6. ވަޒީފާ އަދާކުރަންޖެހޭ އޮފީހުގެ ޒިންމާދާރު އިސްވެރިޔާއަކީ، ވަޒީފާއަށް ކުރިމަތިލާ މީހާގެ މަންމައަށް، ބައްޕައަށް، ދަރިއަކަށް، އަންބަކަށް، ފިރިއަކަށް، އެއްބަނޑުއެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ނުވުން.
  7. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބު ކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.

(ށ) ވަޒީފާއަށް ޢައްޔަނު ކުރެވޭ ފަރާތްތަކަށް ވަޒީފާ ދިނުމުގެކުރިން ތިރީގައިވާ ކަންތައްތައް ބެލުމަށްފަހު، އެކަށީގެންވާ ގޮތަކަށް ވަޒީފާ އަދާނުކުރެވޭނެކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެމީހަކަށް ވަޒީފާ ނުދިނުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

  1. ވަޒީފާ އަދާކުރެވޭވަރުގެ ސިއްހަތެއްގައި ހުރި މީހެއްތޯ.
  2. އަހްލާގީ މިންގަނޑާއި ގައުމީ ސަލާމަތާ ގުޅޭގޮތުން ބަލަންޖެހޭ މިންގަނޑުތަކަށް ފެތޭ މީހެއްތޯ.

(ނ) ސިވިލް ސަރވިސްގެ މަގާމެއްގެ މަސްއޫލިއްޔަތު ދިވެހި ރައްޔިތެއްކަމުގައި ނުވާ މީހަކާ ހަވާލުކުރެވޭނީ، އެ މަގާމުގެ މަސައްކަތަށް އެކަށޭނަ ދިވެއްސަކު ލިބެން ނެތް ހާލަތެއްގައި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

42 ވަނަ މާއްދާ - މުވައްޒަފުންގެ ފަންތި

(ހ) މުވައްޒަފުންގެ ފަންތިތައް ކަނޑައަޅާނީ ކޮމިށަނުންނެވެ.

(ށ) އެއްވެސް މުވައްޒަފެއްގެ ފަންތި، އެ މުވައްޒަފަކު ހުރި ފަންތިއަކަށްވުރެ ދަށް ފަންތިއަކަށް އެ މުވައްޒަފުގެ އެދުމަކަށް ނުވަތަ ރުހުމާ އެކުގައި މެނުވީ ބަދަލުކުރެވޭނީ ތިރީގައިވާ ހާލަތުތަކުގައެވެ.

  1. މި ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން އެޅޭ ފިޔަވަޅެއްގެގޮތުން.
  2. އެ މުވައްޒަފަކު ހުރި ފަންތީގައި މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު ށަރުތެއް މުވައްޒަފުގެ ކިބައިން އުނިވުން.
  3. އެ މުވައްޒަފަކު ހުރި ފަންތީގައި މަސައްކަތް ކުރަންވާ މިންވަރަށް ނުވަތަ ފެންވަރަށް މަސައްކަތް ނުކުރުން.
  4. ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން އެ މުވައްޒަފަކު ހުރި ފަންތީގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ނުކުޅެދުން.
  5. ދިވެހިރާއްޖޭގައި ޢަމަލުކުރާ ގާނޫނުތަކާއި، ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އެހެން ހާލަތެއް މެދުވެރިވުން.

 

43 ވަނަ މައްދާ – މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް

(ހ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބިދެވޭ މުސާރައާއި މާލީ އިނާޔަތްތައް ކަނޑައަޅާނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެމަތިން ކޮމިށަނުންނެވެ.

(ށ) މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ މަޢުލޫމާތު ޢާންމުކުރަން ވާނެއެވެ.

(ނ) މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެމަތިން، މި މާއްދާގެ (ހ) ގެ ދަށުން ދެވޭ މުސާރައާއި އިނާޔަތްތައް، ކުރިމަތިވާ ހާއްސަ ހާލަތެއްގެ ސަބަބުން، ބަޔާންވެގެންވާ ވަކިމުއްދަތަކަށް، ބަދަލުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ނިންމާ ނިންމުންތައް، މަދުވެގެން ކޮންމެ 3 މަހަކުން އެއްފަހަރު، ކޮމިށަނުން މުރާޖަޢާކުރަންވާނެއެވެ. އަދި، އެބަދަލު ގެންނަން މެދުވެރިވީ ސަބަބު ނިމުމަކަށް އައިސްފައިވާނަމަ، އެބަދަލުގެ ކުރިން އެމީހަކަށް ލިބެމުންއައި އިނާޔަތްތައް، ކުރިޔެކޭ އެއްފަދައިން ލިބޭނެގޮތް ހަމަޖައްސަންވާނެއެވެ.

 

44 ވަނަ މާއްދާ- މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުން

އޮފީހުގެ ޒިންމާދާރު އިސްވެރިޔާ، ނުވަތަ އޭނާ ކަނޑައަޅާ މުވައްޒަފަކު، އޮފީހުގެ އެހެން މުވައްޒަފުންނަށް، އެ މުވައްޒަފުންގެ ވަޒީފާގެ ޒިންމާތަކާއި، ވާޖިބުތައް ލިޔުމުން އަންގަންވާނެއެވެ.

 

45 ވަނަ މާއްދާމުވައްޒަފުން އެދިގެން އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުން

ސަރުކާރުގެ އެއް އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފަކު، އެހެން އޮފީހަކަށް ބަދަލުވާން ބޭނުންވެފައި، މުވައްޒަފު ހުރި އޮފީހުގެ ޒިންމާދާރު އިސްވެރިޔާ އެކަމަށް އިޢުތިރާޟް ނުކުރާނަމަ، އަދި، ބަދަލުވާން ބޭނުންވާ އޮފީހުގެ ޒިންމާދާރު އިސްވެރިޔާވެސް އެ މުވައްޒަފުގެ ހިދުމަތް ބޭނުންވާނަމަ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މުވައްޒަފަކު ވަޒީފާއަދާކުރާ އޮފީހަކުން އެހެން އޮފީހަކަށް ބަދަލުކުރެވިދާނެއެވެ.

 

46 ވަނަ މާއްދާމުވައްޒަފުން އޮފީހަށް ނިކުތުން މަނާކުރުން

(ހ) މުސާރަ ދޭގޮތަށް ނުވަތަ މުސާރަ ނުދޭގޮތަށް މުވައްޒަފުން އޮފީހަށް ނިކުތުން މަނާކުރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ކޮމިށަނަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މުވައްޒަފަކު އޮފީހަށް ނިކުތުން މަނާކުރަންވާނީ، ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

47 ވަނަ މާއްދާމުވައްޒަފުން ވަޒީފާއިން ވަކިކުރުން

(ހ) ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން، ވަޒީފާއިން ވަކިކުރެވޭނީ، މި ގާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ކޮމިށަނަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ސަބަބު ނުވަތަ ސަބަބުތައް، އެ މުވައްޒަފަކަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) ދިވެހި  ސިވިލް ސަރވިސްގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިކުރެވިދާނެ ސަބަބުތައް ތިރީގައި އެވަނީއެވެ.

  1. މި ގާނޫނުގެ 42 ވަނަ މާއްދާގެ (ށ) ގެ (4) އަދި (5) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވުން.
  2. ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނު ކޯހަކުން ފާސްނުވުން، ނުވަތަ ކޯސް ފުރިހަމަ ނުކުރުން.
  3. މި ގާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަން ސިވިލް ސަރވިސް ކޮމިށަނަށް ސާބިތުވުން.
  4. އެ މުވައްޒަފަކަށް ވަޒީފާ ލިބިފައިވަނީ ވަޒީފާ ދިނުމުގައި މި ގާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި މުވައްޒަފުން ޢައްޔަނު ކުރުމަށް ހަމަޖެހިފައިވާގޮތާ ހިލާފަށްކަމަށް ސިވިލް ސަރވިސް ކޮމިށަނުން ކުރި ތަހުގީގަކަށް ސާބިތުވުން.
  5. މުވައްޒަފަކު  އެވަޒީފާއިން ވަކިވާން އެދުން.
  6. އެ މުވައްޒަފަކު ނިޔާވުން.
  7. މި ގާނޫނުގެ 51 ވަނަ މާއްދާގެ (ށ) ގައިވާ ހާލަތެއް މެދުވެރިވުން، ނުވަތަ އެހެން ގާނޫނެއްގެ ދަށުން، ދިވެހި ސިވިލް ސަރވިސްގައި ވަޒީފާއަދާ ނުކުރެވޭނެ ހާލަތެއް މެދުވެރިވުން.

(ރ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ، މި ގާނޫނުގެ 40 ވަނަ މާއްދާގައި ބުނެފައިވާ ގިންތި 2 ގެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ އުސޫލުތަކާއި ސަބަބުތައް ސިވިލް ސަރވިސް ގަވާއިދުގައި ހިމަނަންވާނެއެވެ.

 

48 ވަނަ މާއްދާ - ލިޔުންތައް ހަވާލުކުރުން

ދިވެހި ސިވިލް ސަރވިސްގައި ވަޒީފާއަދާކުރާ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިއްޖެނަމަ، ނުވަތަ އެހެން ވަޒީފާއަކަށް ބަދަލުކުރެވިއްޖެނަމަ، އެ މުވައްޒަފަކު އަދާކުރަމުންދިޔަ މަގާމެއްގެ ހައިސިއްޔަތުން އޭނާގެ ބެލުމުގެ ދަށުގައިހުރި ހުރިހާ ލިޔެކިޔުމެއް އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއާއި، ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކާ ހަވާލުކުރަން ވާނެއެވެ.

 

49 ވަނަ މާއްދާ – ވަޒީފާއިން މުސްކުޅިކުރުމުގެ އުމުރު

ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން މުވައްޒަފަކު މުސްކުޅިކުރުމުގެ އުމުރުތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

(ހ) މުވައްޒަފެއްގެ އުމުރުން 55 އަހަރު ވުމުން މި ގާނޫނުގެ 50 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ގޮތުގެމަތިން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މުވައްޒަފެއްގެ އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވޭނެއެވެ.

 

50 ވަަނަ މާއްދާ – މުސްކުޅިކުރެވޭ ފަރާތްތަކަށް ލިބިދެވޭ އިނާޔަތްތައް

(ހ) ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްގެ އުމުރުން 55 އަހަރުވުމުން ކޮމިށަނަށް، އެ މުވައްޒަފަކު ވަޒީފާއިން ވަކިވުމަށް ހިތްވަރު ދެވިދާނެއެވެ. މިގޮތުން، ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ވަޒީފާއިން ވަކިވެއްޖެނަމަ، ކަނޑައަޅާ ވަކި އަދަދަކަށް ފައިސާ ލިބިދޭ ގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުން އުމުރުން 55 އަހަރު ވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ މުވައްޒަފުންނާއި، ކޮމިށަނަށް ލިބިދޭ އިހްތިޔާރުގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ގާނޫނުގައިވާ ގޮތުގެމަތިން މުސްކުޅިކުރުމުގެ އިނާޔަތް ލިބިދޭންވާނެއެވެ.

(ނ) މި ގާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ގާނޫނުގައިވާ ގޮތުގެމަތިން މުސްކުޅިކުރުމުގެ އިނާޔަތް ލިބިދޭންވާނެއެވެ.

 

51 ވަނަ މާއްދާ – އިންތިހާބުތަކަށް ކުރިމަތިލާ މުވައްޒަފުން ވަޒީފާއިން އިސްތިއުފާ ދިނުން

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ޢާންމު އިންތިހާބެއްގައި ވާދަކުރުމަށް ގަސްތުކުރާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން އެ އިންތިހާބެއް ބާއްވާ ތާރީހުގެ މީލާދީ 6 މަސްދުވަސް ކުރިން އެ މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިޢުފާ ދޭންވާނެއެވެ.

(ށ) މަގާމުން އިސްތިޢުފާ ނުދީހުރެ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިހާބަކަށް ކުރިމަތިލައިފިނަމަ ވަޒީފާއިން ވަކިކުރެވޭނެއެވެ.

 

52 ވަނަ މާއްދާ – އިންތިހާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުން އެނބުރި ވަޒީފާއަށް އައުމުގެ ހައްގު

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ޢާންމު އިންތިހާބެއްގައި ވާދަކުރުމަށްޓަކައި މި ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަކުން އިސްތިޢުފާ ދީފައިވާ މީހަކު، އެމީހަކު ކުރިމަތިލާ އިންތިހާބު ކާމިޔާބު ނުކުރެވުނުނަމަ، ނުވަތަ އެ އިންތިހާބަކުން އެމީހެއްގެ ނަން އަނބުރާ ގެނެސްފިނަމަ، އެމީހަކަށް ސިވިލް ސަރވިސްގެ ވަޒީފާއަކަށް ކުރިމަތިލުމުގެ ހައްގު ލިބިގެންވެއެވެ.

 

53 ވަނަ މާއްދާ – ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން

ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.

 

ޗެޕްޓަރ 5

ޕަރމަނަންޓް ސެކްރެޓަރީން

54 ވަނަ މާއްދާ – ޕަރމަނަންޓް ސެކްރެޓަރީގެެ މަގާމު އުފެއްދުމާއި އުވާލުން

(ހ) މި ގާނޫނުގެ 61 ވަނަ މާއްދާގެ (ހ) ގައިވާ ކޮންމެ އޮފީހެއްގައި މި މާއްދާގެ ދަށުން ޕަރމަނަންޓް ސެކްރެޓަރީގެ މަގާމު އުފައްދައި، އެ މަގާމަށް މީހަކު ހަމަޖައްސަންވާނެއެވެ.

(ށ) ސަރުކާރުގެ އެއްވެސް މިނިސްޓްރީއެއް އުވާލެވިއްޖެނަމަ އެ މިނިސްޓްރީއެއްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމު އުވުނީއެވެ.

 

55 ވަނަ މާއްދާ – ޕަރމަނަންޓް ސެކްރެޓަރީންގެ ޒިންމާ

(ހ) ޕަރމަނަންޓް ސެކްރެޓަރީގެ ޒިންމާއަކީ، އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން އެ މިނިސްޓްރީއެއް ހިންގާ ބެލެހެއްޓުމާއި، އެ މިނިސްޓްރީއެއްގެ މަސައްކަތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދީ އެހީތެރިވެދިނުމެވެ.

(ށ) މިނިސްޓަރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ކަންތައްތަކުގައި، އެ މިނިސްޓްރީއެއްގެ ދާއިރާއާގުޅޭ ކަންތައްތަކުގައި މިނިސްޓަރަށް އެހީތެރިވެދޭނީ ޕަރމަނަންޓް ސެކްރެޓަރީއެވެ.

(ނ) ޕަރމަނަންޓް ސެކްރެޓަރީ ވަޒީފާއަދާކުރާ ދާއިރާގެ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ އެންމެހާ ކަންތައްތައް ހިންގައި ބަލަހައްޓާނީ ޕަރމަނަންޓް ސެކްރެޓަރީއެވެ.

 

56 ވަނަ މާއްދާ – ޕަރމަނަންޓް ސެކްރެޓަރީން އައްޔަނުކުރުން

(ހ) ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް މީހުން ޢައްޔަނު ކުރާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ.

(ށ) ޕަރމަނަންޓް ސެކްރެޓަރީން ޢައްޔަނު ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.

(ނ) މި ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ ޕަރމަނަންޓް ސެކްރެޓަރީން ފިޔަވައި، އެހެން ކޮންމެ ޕަރމަނަންޓް ސެކްރެޓަރީއެއް އަލުން 5 އަހަރު ދުވަހުގެ ދައުރަކަށް ޢައްޔަނު ކުރެވިދާނެއެވެ. އަދި، އެގޮތުން ޢައްޔަނު ކުރެވޭ ޕަރމަނަންޓް ސެކްރެޓަރީއެއް ކޮންމެ 5 އަހަރަކުން ޢައްޔަނު ކުރަމުން ގެންދެވިދާނެއެވެ.

 

57 ވަނަ މާއްދާ – ޕަރމަނަންޓް ސެކްރެޓަރީ ވަޒީފާއިން ވަކިކުރުން

(ހ) ޕަރމަނަންޓް ސެކްރެޓަރީން ވަޒީފާއިން ވަކިކުރެވޭނީ، ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ކޮމިށަނުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕަރމަނަންޓް ސެކްރެޓަރީއަކު ވަޒީފާއިން ވަކިކުރާނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ސަބަބު ނުވަތަ ސަބަބުތައް، އެ މުވައްޒަފަކަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) ޕަރމަނަންޓް ސެކްރެޓަރީން ވަޒީފާއިން ވަކިކުރެވިދާނެ ސަބަބުތައް ތިރީގައި އެވަނީއެވެ.

  1.  ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނު ކޯހަކުން ފާސްނުވުން، ނުވަތަ ކޯސް ފުރިހަމަ ނުކުރުން.
  2. މި ގާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، އަދި ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަން ދިވެހި ސިވިލް ސަރވިސް ކޮމިށަނަށް ސާބިތުވުން.
  3. އެ މުވައްޒަފަކަށް ޕަރމަނަންޓް ސެކްރެޓަރީގެ ވަޒީފާ ލިބިފައިވަނީ މި ގާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ ހިލާފަށްކަމަށް ސިވިލް ސަރވިސް ކޮމިށަނުންކުރި ތަހުގީގަކަށް ސާބިތުވުން.
  4. ނިޔާވުން.
  5. މި ގާނޫނުގެ 51 ވަނަ މާއްދާގެ (ށ) ގައިވާ ހާލަތެއް މެދުވެރިވުން.

(ރ) މި މާއްދާ މިހެން އޮތްކަމުގައިވީނަމަވެސް، ދިވެހިރާއްޖޭގައި ޢަމަލުކުރާ އެހެން  ގާނޫނެއްގެ ދަށުން، ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާނުކުރެވޭނޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ޕަރމަނަންޓް ސެކްރެޓަރީއަކު ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ބ) ޕަރމަނަންޓް ސެކްރެޓަރީއަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން، ވަޒީފާއިން ވަކިކުރަން ގަސްތު ކުރާކަން، ވަކިކުރާ ސަބަބު އެނގޭގޮތަށް ބަޔާންކޮށް އެ ސެކްރެޓަރީއަކު ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

 

58 ވަނަ މާއްދާ – ވަގުތީ ޕަރމަނަންޓް ސެކްރެޓަރީން ހަމަޖެއްސުން

ތިރީގައިވާ ހާލަތުތަކުގައި، ވަގުތީ ޕަރމަނަންޓް ސެކްރެޓަރީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ މީހަކު، ކޮމިށަނުން ޢައްޔަނު ކުރެވިދާނެއެވެ.

(ހ) ޕަރމަނަންޓް ސެކްރެޓަރީގެ މަގާމު ހުސްވުމުން.

(ށ) ވަޒީފާގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅޭފަދަ ހާލަތެއް ދިމާވުން.

 

59 ވަނަ މާއްދާ - އަހަރީ ރިޕޯޓު

(ހ) ކޮންމެ މީލާދީ އަހަރެއް ނިމުމުން، އެއަހަރުގެ ތެރޭގައި އެ މިނިސްޓްރީގެ ހަރަކާތްތަކާއި ގުޅޭގޮތުން އަހަރީ ރިޕޯޓެއް، ޕަރމަނަންޓް ސެކްރެޓަރީ ތައްޔާރުކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެ މިނިސްޓްރީގެ މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

(ށ) މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ތައްޔާރު ކުރެވިފައިވާ ރިޕޯޓަކަށް ވާންވާނެއެވެ.

 

 

ޗެޕްޓަރ 6

ސިވިލް ސަރވިސް އެޑްވައިޒަރީ ކޮމިޓީ

60 ވަނަ މާއްދާ – ސިވިލް ސަރވިސް އެޑްވައިޒަރީ ކޮމިޓީ

(ހ) ދިވެހި ސިވިލް ސަރވިސްގެ ހިންގުމާ ގުޅޭ ކަންތައްތަކުގައި ސަރުކާރަށް ލަފާދިނުމަށްޓަކައި، މި ގާނޫނުގެ ދަށުން އުފެދިފައިވާ ސިވިލް ސަރވިސް އެޑްވައިޒަރީ ކޮމިޓީއެއް އޮންނަންވާނެއެވެ.

(ށ) މި ކޮމިޓީ އެކުލެވިގެންވަނީ ތިރީގައިމިވާ މަގާމުތަކުގައި ތިބޭ މީސްމީހުންގެ މައްޗަށެވެ.

  1. މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީން.
  2. ސިވިލް ސަރވިސް ކޮމިށަނުގެ ރައީސް.
  3. ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުން.

(ނ) މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ ސިވިލް ސަރވިސް ކޮމިށަނުގެ ރައީސް ނުވަތަ ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުންގެ ތެރެއިން އޭނާ ކަނޑައަޅާ މީހެކެވެ.

 

ޗެޕްޓަރ 7

ސަރުކާރުގެ އޮފީސްތައް

61 ވަނަ މާއްދާ - ސަރުކާރުގެ އޮފީސްތައް

މި ގާނޫނުގެ ބޭނުމަށްޓަކައި، ސަރުކާރުގެ މަސްއޫލު އޮފީސްތައް ކަމުގައި ބަލާނީ އަންނަނިވި ތަންތަނެވެ.

(ހ) ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީތަކާއި އެޓަރނީ ޖެނެރަލްގެ އޮފީސް.

(ށ) އިދާރީގޮތުން ވަކި އޮފީހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އޮފީސްތައް.

 

62 ވަނަ މާއްދާ – ސަރުކާރުގެ މަސްއޫލު އޮފީހެއްގެ ގޮތުގައި ނުބެލެވޭ ތަންތަނުގެ އިދާރީ ކަންތައްތައް

ސަރުކާރުގެ މަސްއޫލު އޮފީހެއްގެގޮތުގައި ނުބެލެވޭ ސަރުކާރުގެ ކޮންމެ އޮފީހެއްގެ އިދާރީ ކަންތައްތައް އޮންނަންވާނީ އެ އޮފީހަކާ ގުޅޭ ސަރުކާރުގެ މަސްއޫލުވެ ޒިންމާވާ އޮފީހެއްގެ ބެލުމުގެދަށުގައެވެ.

 

63 ވަނަ މާއްދާޒިންމާދާރު އިސްވެރިޔާ އައްޔަނު ކުރުމާއި އޭނާގެ މަސްއޫލިއްޔަތުތައް

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި، ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހެއްގައި، މި ގާނޫނުގެ ދަށުން ހިންގަންޖެހޭ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ ޒިންމާދާރު އިސްވެރިޔަކު ހުންނަންވާނެއެވެ.

(ށ) މަސްއޫލު އޮފީހަކީ މިނިސްޓްރީއެއްނަމަ، އެ މިނިސްޓްރީގެ ޒިންމާދާރު އިސްވެރިޔަކީ ޕަރމަނަންޓް ސެކްރެޓަރީއެވެ. މިނިސްޓްރީތައް ފިޔަވައި އެހެން އޮފީސްތަކުގެ ޒިންމާދާރު އިސްވެރިޔަކީ އެ މަގާމަށް ކޮމިށަނުން ޢައްޔަނު ކުރާ މުވައްޒަފެކެވެ.

(ނ) މި މާއްދާގެދަށުން ކަނޑައަޅާ ޒިންމާދާރު އިސްވެރިޔާގެ މަސްއޫލިއްޔަތުތައް، ސިވިލް ސަރވިސް ގަވާއިދުގައި ބަޔާންކުރަން ވާނެއެވެ.

 

64 ވަނަ މާއްދާ – ސަރުކާރުގެ އޮފީސްތައް އުފެއްދުމާއި އެހެނިހެން ކަންތައްތައް

(ހ) ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިޢުކުރާ ލިޔުމަކުން ތިރީގައި ބަޔާންކޮށްފައިވާ ކޮންމެ ކަމެއް ކުރުމުގެ އިހްތިޔާރު

ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

  1. ސަރުކާރުގެ މިނިސްޓްރީތަކާއި ޑިޕާޓްމަންޓުތަކާއި އޮފީސްތަކާއި އަދި މިނޫންވެސް ސަރުކާރުގެ ތަންތަން އުފެއްދުމާއި އުވާލުން.
  2. މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ތަންތަނުން ކުރާނޭ މަސައްކަތްތައް ކަނޑައެޅުން.
  3. މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ މިނިސްޓްރީތަކަށް ޒިންމާވާނެ މިނިސްޓަރަކު ކަނޑައެޅުން.
  4. މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ތަންތަނުގެ އެންމެ އިސްވެރިޔާގެ މަގާމަށް މީހަކު ޢައްޔަ ނުކުރުން.

(ށ) މި ގާނޫނުގެ ބޭނުމަށްޓަކައި މި މާއްދާގެ  (ހ) ގެ (1) ގެ ދަށުން އުފައްދާ އޮފީސްތައް އެކުލެވިގެންވަނީ އެ އޮފީހެއްގެ އެންމެ އިސްވެރިޔާއާއި، އެފަރާތަށް އެހީތެރިވެދޭ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މައްޗަށެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޢައްޔަނު ކުރާ ފަރާތަކީ، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ނުހިމެނޭ ފަރާތެއްނަމަ، އެ މަގާމަކީ ދިވެހި ސިވިލް ސަރވިސްގެ މަގާމެކެވެ.

 

65 ވަނަ މާއްދާ- ސަރުކާރުގެ އޮފީސްތަކުގެ އިސްވެރިންގެ ޒިންމާ

(ހ) ސަރުކާރުގެ އޮފީހެއްގެ ކަންތައްތައް ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ މިނިސްޓަރުގެ ލަފަޔާއި އިރުށާދުގެ ދަށުން އެ އޮފީސް ހިންގާ ބެލެހެއްޓުމަށް ޒިންމާވާ ފަރާތަކީ އެ އޮފީހުގެ އިސްވެރިޔާއެވެ.

(ށ) ސަރުކާރުގެ އޮފީހެއް ހިންގުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މަޢުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި އެ ޒިންމާ އަދާކުރުމަށް އެ އޮފީހެއްގެ އިސްވެރިޔާ، އެ އޮފީހެއް ބަލަހައްޓާ މިނިސްޓަރަށް އެހީތެރިވެދޭން ވާނެއެވެ.

 

 

ޗެޕްޓަރ 8

އިދާރީ އިންތިޒާމުތައް

66 ވަނަ މާއްދާ – އަތޮޅުތަކާއި އަތޮޅުތަކުގައި ވަޒީފާ އަދާކުރުމުގެ އިންތިޒާމް ހަމަޖެއްސުން

ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފަކު، ކުރާ މަސައްކަތުގެ ބާވަތުން ނުވަތަ އެހިނދަކަށް ސަރުކާރުން ބޭނުންވާ ކަމެއް ކުރުމަށްޓަކައި ވަކި ރަށެއްގައި ވަޒީފާ އަދާކުރާގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއަށް ލިބިގެންވެއެވެ.

 

67 ވަނަ މާއްދާ - އިދާރީ ބަދަލުތައް ގެނައުން

(ހ) އިދާރީ ގޮތުން ގެނެވޭ ބަދަލެއްގެ ސަބަބުން ސަރުކާރުގެ އޮފީހެއްގެ ހިންގުމަށް އެދެވޭ ބަދަލެއް ގެނެވިދާނެކަމަށް މިނިސްޓަރަށް ނުވަތަ ޒިންމާދާރު އިސްވެރިއަކަށް ގަބޫލުކުރެވިގެން ކޮމިށަނަށް ހުށަހެޅިއްޖެ ހިނދެއްގައި، ތިރީގައިމިވާ ގޮތްތަކުންކުރެ ގޮތަކަށް ކޮމިށަނުން ޢަމަލު ކުރެވިދާނެއެވެ.

  1. ކޮމިށަނުން ލިޔުމަކުން ކަނޑައަޅާ ކަނޑައެޅުމަކުން ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފަކު އެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުން.
  2. މި ގާނޫނާއި، ސިވިލް ސަރވިސް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފެއް ނޫންގޮތުގައި އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފެއް ސިވިލް ސަރވިސްގެ މުވައްޒަފެއް ކަމުގައި ހަމަޖެއްސުން.
  3. މި ގާނޫނާއި، ސިވިލް ސަރވިސް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ގޮތުގައި ކޮމިށަނަށް ފެންނަ މީހަކު ހަމަޖެއްސުން.

 

ޗެޕްޓަރ 9

އެހެނިހެން ކަންތައްތައް

68 ވަނަ މާއްދާ – ސާބިތު ދަރަންޏެއް އަދާކުރުމަށް މުސާރަ ހަވާލުކުރުން

ދިވެހި ސިވިލް ސަރވިސްގައި ވަޒީފާއަދާކުރާ މުވައްޒަފެއްގެ މައްޗަށް ށަރުޢީ ކޯޓަކުން ދަރަންޏެއް ނުވަތަ ހަރަދެއް ސާބިތުވެފައި އެ ދަރަނި އަދާކުރުމަށްޓަކައި އެ މުވައްޒަފެއްގެ މުސާރަ ނުވަތަ މުސާރައިން ބައެއް ކޯޓަށް ދެއްކުމަށް ހުކުމެއް ކޮށްފިހިނދެއްގައި، އެ މުވައްޒަފަކަށް މުސާރަ ލިބިދެވޭނީ ކޯޓަށް ދައްކަންޖެހޭ ފައިސާ ކެނޑުމަށްފަހުގައެވެ.

 

69 ވަނަ މާއްދާ – މުވައްޒަފުންގެ ޒާތީ މައުލޫމާތު ހާމަކުރުން

ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޒާތީ މަޢުލޫމާތު ހާމަކުރަންވާނީ އެކަމަށް ހެދިފައިވާ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

 

70 ވަނަ މާއްދާ – އިނާޔަތެއްގެ ގޮތުގައި ވަޒީފާ ނުދިނުން

ދިވެހި ސިވިލް ސަރވިސްގެ އެއްވެސް މަގާމެއް، އިނާޔަތެއް ލިބިދިނުމުގެ ގޮތުން މީހަކަށް ހަމަޖައްސައިދީގެން ނުވާނެއެވެ. އަދި، ދިވެހި ސިވިލް ސަރވިސްގެ މަސައްކަތަށް ނިކުންނަން ނުޖެހޭގޮތަށް ވަޒީފާއެއް ހަމަޖައްސައިދީގެން ނުވާނެއެވެ.

 

71 ވަނަ މާއްދާގާނޫނު ނަންބަރު 29/1976  ގެ ދަށުން ހިދުމަތްކުރަންޖެހޭ ފަރާތްތައް ސިވިލް ސަރވިސްގައި ހިދުމަތްކުރުން

މި ގާނޫނަށް ޢަމަލުކުރަންފެށުމުން، ގާނޫނު ނަންބަރު 29/1976 (ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީސްމީހުން ސަރުކާރަށް ހިދުމަތްކުރުމާބެހޭ ގާނޫނު) ގައި ސަރުކާރަށް ހިދުމަތްކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އެވަގުތަކަށް ދިވެހި ސިވިލް ސަރވިސްއަށް ބޭނުންވާ ފަރާތްތައް ހިދުމަތްކުރާނީ ދިވެހި ސިވިލް ސަރވިސްގައެވެ.

 

ޗެޕްޓަރ 10

މި ގާނޫނަށް އަމަލުކުރަންފެށުން

72 ވަނަ މާއްދާ – ކޮމިށަން އެކުލަވާލުމާއި ކޮމިށަނުގެ މެންބަރުންނާއި ރައީސާއި، ނާއިބުރައީސްގެ ނަންތައް ހުށަހެޅުން

(ހ) މި ގާނޫނު ތަސްދީގުކުރާ ދުވަހުން ފެށިގެން 180 (އެއްސަތޭކަ އަށްޑިހަ) ދުވަހުގެތެރޭގައި ސިވިލް ސަރވިސް ކޮމިށަން އުފައްދައި، ކޮމިށަނުގެ މެންބަރުންނާއި ރައީސާއި ނާއިބުރައީސް މި ގާނޫނުގައިވާ ގޮތުގެމަތިން ޢައްޔަނުކޮށް ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޢަމަލުކުރުމަށްޓަކައި:

  1. މި ގާނޫނު ތަސްދީގުކުރާ ދުވަހުން ފެށިގެން 45 (ސާޅީސްފަސް) ދުވަހުގެތެރޭގައި ކޮމިށަނުގައި ހިމަނަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
  2. 1 ވަނަ ނަންބަރުގައިވާ ފަދައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނަންތައް މަޖިލީހުން ފާސްކޮށް، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގާދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެތެރޭގައި ކޮމިށަނުގެ ރައީސްކަމާއި ނާއިބުރައީސްކަމުގެ މަގާމަށް ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
  3. 1، 2 އަދި 4 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަމެއް ނުވަތަ ނަންތަކެއް ހުށަހަޅާދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މަޖިލީހުން ވަކިގޮތެއް ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.
  4. މި މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމެއް މަޖިލީހުން ފާސްނުކޮށްފިނަމަ، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގާދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައު ނަމެއް ނުވަތަ ނަންތަކެއް މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

73 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފެށުން

(ހ) މި ގާނޫނު ފާސްވެ ތަސްދީގުކުރާތާ 12 މަސްދުވަހުގެ ތެރޭގައި މި ގާނޫނަށް ޢަމަލުކުރަން ފަށަންވާނެއެވެ.

(ށ) މި ގާނޫނަށް ޢަމަލުކުރަންފަށާތާ 6 މަސްދުވަހުގެ ތެރޭގައި ދިވެހި ސިވިލް ސަރވިސްގެ ހުރިހާ މަގާމެއް އުފައްދައި، އެ މަގާމުތަކުގެ ކޮލިފިކޭށަންތައް ކަނޑައަޅަންވާނެއެވެ.

(ނ) މި ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރު މުވައްޒަފުންގެ ގޮތުގައިތިބި، ނަމަވެސް މި ގާނޫނުގެދަށުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށްނުވާ ހުރިހާ ފަރާތްތަކާއި އޮންނަ ހިދުމަތުގެ ގުޅުމަށް ނިމުންގެންނަން ވާނެއެވެ. މިގޮތުން ކޮމިށަނުން ލިޔުމުން ފޮނުވާ ނޯޓިހަކުން މިކަން ރައްދުވާ ފަރާތްތަކަށް އަންގަންވާނެއެވެ.

(ރ) މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި، މި ގާނޫނުގެދަށުން ދިވެހި ސިވިލް  ސަރވިސްގެ މުވައްޒަފުންކަމަށް ކަނޑައަޅާ މުވައްޒަފުންނަށް ދިވެހި  ސިވިލް ސަރވިސްގެ ވަޒީފާ ހަމަޖައްސަން ވާނެއެވެ.

 

74 ވަނަ މާއްދާ - މި ގާނޫނު މުރާޖައާކުރުން

މި ގާނޫނުގެ 73 ގެ (ހ) ގައިވާ ގޮތުގެމަތިން މި ގާނޫނުގެ ހުރިހާ ބައިތަކަށް ޢަމަލުކުރަން ފަށާތާ 1 އަހަރު ފުރިހަމަވާ  ތާރީހުން ފެށިގެން ގިނަވެގެން 90 ދުވަހުގެ ތެރޭގައި، މި ގާނޫނު އަލުން ދިރާސާކޮށް، މި ގާނޫނަށް ޢަމަލުކުރުމުގައި ދިމާވާ މައްސަލަތަކާއި،  ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާއެކު ސިވިލް ސަރވިސް ކޮމިށަނުން ރިޕޯޓެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

75 ވަނަ މާއްދާ – މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން

މި ގާނޫނު ތަސްދީގުކުރާ ތާރީހުންފެށިގެން 12 މަސްދުވަހުގެ ތެރޭގައި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

76 ވަނަ މާއްދާ - ގާނޫނުތަކުގެ ބައެއް މާއްދާ

މިގާނޫނަށް ޢަމަލުކުރަން ފެށުމާއެކު:-

(ހ) ގާނޫނު ނަންބަރު 13/1980 ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގެ ގާނޫނުގެ 1 ވަނަ މާއްދާ އުވުނީއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މުސާރަ ފިޔަވައި ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ."

(ށ) ގާނޫނު ނަންބަރު 1/1968ޖ. އޮފިށަލް ކަންތައް ޗެޕްޓަރ 1 ގެ 3 ވަނަ މާއްދާ އުވުނީއެވެ.

"ދައުލަތުގެ ކަންކަމަށް މީހުން އިސްކޮށް، އެކަންކަމުން ދުރުކޮށް، އެއްކަމުން އަނެއްކަމަށް ބަދަލުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ ތިރީގައި މި ނަންގަނެވޭ ކަންކަމުގެ ތެރެއިން ސީދާ ރައީސުލްޖުމްހޫރިއްޔާ ހަވާލުވާ ކަންތައްތައް ފިޔަވައި އެހެން ކަންކަމަށް ވެރީން އިސްކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ދޭ ފަތަކުންނެވެ. މި ނަންގަނެވޭ ކަންތަކުގެ ތެރެއިން ސީދާ ރައީސުލްޖުމްހޫރިއްޔާ ހަވާލުވާ ކަންތައްތައް ފިޔަވައި އެހެންކަމަކުން މީހަކު ވަކިކުރެވޭނީ އެކަމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ލިޔުމަކުންނެވެ.

  1. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން
  2. އުއްތަމަ ފަނޑިޔާރުކަން
  3. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން
  4. މިނިސްޓަރުކަމާއި އެޓަރނީ ޖެނެރަލްކަން
  5. އަތޮޅުވެރިކަން
  6. ބޭރު ތަންތާނގައި ތިބޭ ދިވެހި ދައުލަތުގެ ސަފީރުކަމާއި އެފެންވަރުގެ ވަކީލުކަން"

 

77 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި ޢިބާރާތެއް ހިމެނިފައިވާގޮތުން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާހާ ހިނދަކު:-

"ވަގުތީ މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއިން ނުކުންނަ ވަގުތީ ބޭނުންތައް ފުއްދުމަށް ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތެއް ކުރުމަށް ވަޒީފާދެވޭ ފަރާތްތަކަށެވެ. 

"ސަރުކާރުގެ އޮފީސް" ކަމުގައި ބުނެފައި އެވަނީ ގާނޫނަކުން، ނުވަތަ އިދާރީގޮތުން ސަރުކާރުގެ ބޭނުންތަކަށްޓަކައި އުފައްދައި ނުވަތަ ހިންގަމުންގެންދާ އޮފީސްތަކަށާއި، މަގާމުތަކަށާއި، އިދާރާތަކަށެވެ.

"ސަރުކާރު" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ސަރުކާރަށެވެ.

"ކޮމިށަން" ކަމަށް ބުނެފައި އެވަނީ ދިވެހި ސިވިލް ސަރވިސް ކޮމިށަނަށެވެ.

"ޒިންމާދާރު އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ ސަރުކާރުގެ މަސްއޫލު އޮފީސްތަކުގައި، މި ގާނޫނުގައިވާ ކަންކަން ހިންގުމަށްޓަކައި ކަނޑައަޅާފައިވާ ވެރިޔާއަށެވެ.

"ދައުލަތުގެ ވިޔަފާރި ތަންތަން" ކަމަށް ބުނެފައި އެވަނީ:

(ހ) ދައުލަތުގެ ކުންފުންޏާއި، ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާނަމަ އެ ކުންފުނިތައް: އަދި

(ށ) ކޮންޓްރޯލް ކުރުމުގެ ބާރު ދައުލަތަށް ލިބިގެންވާ ޕްރައިވެޓް ކުންފުންޏާއި، އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނިތައް: އަދި

(ނ) ކޮންޓްރޯލް ކުރުމުގެ ބާރު ދައުލަތަށް ލިބިގެންވާ ޢާންމުކޮށް ހިއްސާ ވިއްކާ ކުންފުންޏާއި، ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއްވާނަމަ އެ ކުންފުނިތައް: އަދި

(ރ) ކޮންޓްރޯލްކުރުމުގެ ބާރު ދައުލަތަށް ލިބިގެންވާ ބިދޭސީ ކުންފުންޏާއި، އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާނަމަ އެ ކުންފުނިތައް: އަދި

(ބ) ދައުލަތުގެ ހިއްސާ %50 އަށްވުރެ ގިނައިން އޮތް ޕާޓްނަރށިޕް ތަކާއި ފައިދާ ބެހުމުގެ އެއްބަސްވުމެއް އޮވެގެން ޖަމާޢަތްތަކާއި، އެފަދަ ޕާޓްނަރށިޕެއްގެ ނުވަތަ ޖަމާޢަތެއްގެ ސަބްސިޑިއަރީއެއް ވާނަމަ އެ ސަބްސިޑިއަރީއެއް: އަދި

(ޅ) އެނޫންވެސް ވަކި ށަހުސެއް ލިބިފައިވާ ނުވަތަ އެފަދަ ށަހުސެއް ލިބިފައިނުވާ ތަންތަން ނުވަތަ، ދައުލަތަށް އާމްދަނީ ހޯދުމުގެ މަގުސަދުގައި ނުވަތަ ވިޔަފާރީގެ އުސޫލުން ފައިދާ ބެހުމުގެ ނިޔަތުގައި ގާނޫނެއްގެ ދަށުން ނުވަތަ އިދާރީގޮތުން އުފައްދާފައިވާ ފަރާތްތައް.

"މަޖިލިސް" ކަމަށް ބުނެފައި އެވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

"ޕްރޮބޭށަން" ކަމަށް ބުނެފައި އެވަނީ ވަޒީފާ ދެވޭ މުއްދަތުން ފެށިގެން ވަޒީފާ ދެވޭ ފަރާތަކީ އެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަން ހުރި ފަރާތެއްތޯ ބެލުމަށްފަހު ވަޒީފާ ދާއިމީ ކުރުމަށް ނަގާ މުއްދަތަށެވެ.

"ސިޔާސީ ހަރަކާތް" ކަމަށް ބުނެފައި އެވަނީ ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ހަރަކާތެއް ނުވަތަ ޢަމަލެއްގައި ބައިވެރި ވުމަށެވެ.

(ހ) އެއްވެސް ސިޔާސީ ފަރާތަކަށް ތާއީދު ކުރުމުގެ ގޮތުން ނުވަތަ ތާއީދު ހޯދުމުގެ ގޮތުން އެއްވެސް ހަރަކާތެއް ހިންގުމާއި އެފަދަ ހަރަކާތެއްގައި ބައިވެރިވުން.

(ށ) އެއްވެސް ސިޔާސީ ފަރާތަކާ ދެކޮޅަށް އެއްވެސް ހަރަކާތެއް ހިންގުމާއި އެފަދަ ހަރަކާތެއްގައި ބައިވެރިވުން.

(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން ބާއްވާ އެއްވެސް އިންތިހާބެއްގައި ބައިވެރިވާ ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ގޮތުންނާއި ތާއީދު ހޯދުމުގެގޮތުން ނުވަތަ އެއްވެސް ކެންޑިޑޭޓަކާއި ދެކޮޅަށް އެއްވެސް މަސައްކަތެއްކުރުން.

(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުގައި ކަނޑައެޅިފައިވާ އިންތިހާބަކަށް ކެންޑިޑޭޓެއްގެ ގޮތުން ކުރިމަތިލުމާއި، ކެންޑިޑޭޓަކަށް ވުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއްކުރުން.

"ސިޔާސީ ނުފޫޒު" ކަމަށް ބުނެފައި އެވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އެދުމަކަށް ނުވަތަ މަސްލަހަތަކަށްޓަކައި އެއްވެސް ކަމެއް ކުރުން ނުވަތަ ނުކޮށް ދޫކޮށްލުމަށެވެ.

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ފަރާތެއް.

(ށ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިންތިހާބުކުރެވޭ އެއްވެސް މަގާމެއްގައި ހުރިފަރާތެއް.

(ނ) ސިޔާސީ ޕާޓީއެއް ނުވަތަ ޖަމާޢަތެއް.

"ލިޔެކިޔުމެއް" ކަމުގައި ބުނެފައި އެވަނީ މި ގާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހި ސިވިލް ސަރވިސްގައި ވަޒީފާއަދާކުރާ މުވައްޒަފަކު އޭނާ ވަޒީފާއަދާކުރި މުއްދަތުގެ ތެރޭގައި އޭނާގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ތަކެއްޗަށެވެ. 

"ސިވިލް ސަރވިސްގެ މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިންނާއި، އެފަރާތްތަކުގެ ދަށުން ވަޒީފާއަދާކުރާ ސަރުކާރުގެ މުވައްޒަފުންނާއި، ރާއްޖެއިން ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިށަނުންނާއި މިށަން ފަދަ ތަންތަނުގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށެވެ.

"މަސްއޫލު އޮފީސް" ކަމުގައި ބުނެފައި އެވަނީ މި ގާނޫނުގެ 61 ވަނަ މާއްދާގައިވާ އޮފީސްތަކަށެވެ.

"ކޯޑް އޮފް ކޮންޑަކްޓް" ކަމުގައި ބުނެފައި އެވަނީ ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި އެމީހުންގެ އަހްލާގީ މިންގަނޑާއި ސުލޫކު ބަހައްޓަންވީ ގޮތެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

7 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ސިވިލް ސަރވިސް ގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2007-05)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1.  ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311)
  2. އެވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ ޕްރޮމޯށަން ގަވާއިދު (ގަވާއިދު ނަންބަރު 2013-943)
  3. ޕްރިޒަންސް އޮފިސަރުންގެ ސުލޫކީ މިންގަނޑާއި ޔުނިފޯމް އެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-22)
  4. ޑީޕީއާރުއެސްގެ އިސްވެރިޔާއާއި ސިވިލް ސަރވިސް ކޮމިށަނާ ދެމެދު މުވާސަލާތުތައް މަގު ކުރުކޮށް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-56)
  5. ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 2010-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު