ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1/2002) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 4/2008)

0 occurrences found.

ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1/2002) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 4/2008)

 

ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އަށް ތިރީގައިވާ އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންތައް، ކަމާބެހޭ މިނިސްޓްރީތަކާ ހަވާލުކުރާނީ، މިނިސްޓްރީންނެވެ.

 

2 ވަނަ މާއްދާ – 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ބިމުގެ ދަފްތަރު، މިނިސްޓްރީން ލިޔެ ބަލަހައްޓަންވާނެއެވެ.

 

3 ވަނަ މާއްދާ - 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދިރިއުޅުމަށްޓަކައި ގެދޮރުއެޅުމަށާއި އިމާރާތްކުރުމަށް، މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިމުން، ދިރިއުޅުމަށް ގޯތި ދޫކުރާނީ، މިނިސްޓްރީން ކަނޑައަޅައި، އާންމުކޮށް ށާއިއުކުރާ އުސޫލުތަކާއި ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، މާލޭގައިނަމަ މިނިސްޓްރީގެ ލަފާގެ މަތިން މާލޭ މުނިސިޕަލްޓީން، ރާއްޖެތެރޭގައިނަމަ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ ލަފާގެ މަތިން، އެ އަތޮޅެއްގެ އަތޮޅު އޮފީހުންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކުރުން.

18 ވަނަ މާއްދާ - ގޯތި ވިއްކުމާއި ސަރުކާރަށް ދައްކަންޖެހޭ ޓެކްސް

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، އެ ގޯއްޗެއް ދޫކޮށްފައިވާ ފަރާތުން މި ގާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ގޯއްޗެއްގެ ބިން ގަތުމަށްފަހު އެހެން ފަރާތަކަށް ވިއްކަންވާނީ، ތިރީގައި ބުނެފައިވާ ގޮތުގެމަތިންނެވެ.

(ހ) ގޯތި ވިއްކަންއެދޭ މީހާއާއި އެމީހަކު ށަރުއީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން.

(ށ) ގޯތި ގަންނަ ފަރާތަކީ ދިވެހި ރައްޔިތެއްކަމުގައިވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އެ ކުންފުންޏެއްގެ ސަތޭކަ އިންސައްތަ ހިއްސާދާރުންނަކީ ދިވެހިން ކަމުގައި ހިމެނޭ ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ އަކަށްވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިންގެ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމުގައިވުން.

(ނ) ގޯއްޗެއް ނުވަތަ ބިމެއް ގަނެފައިވާ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ ކުންފުންޏެއްގެ ހިއްސާގެ އެއްވެސް މިންވަރެއް ބޭރުގެ ފަރާތަކަށް ނުވިއްކޭނެއެވެ.

(ރ) އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާނަމަ، އެ ގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15 ޓެކްސްގެ ގޮތުގައި، އެ ގޯއްޗެއް ނުވަތަ ބިމެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.

(ހ) ކުއްޔަށް ދެވޭނީ ގިނަވެގެން 35 އަހަރު ދުވަހުގެ މުއްދަތަށެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) އަންނަނިވިގޮތަށް އިސްލާހުކުރުން.

(ށ) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް، ނުވަތަ ގޯއްޗަކުން ބައެއް، ނުވަތަ އެފަދަ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތެއް، ނުވަތަ އިމާރާތަކުން ބައެއް، ދިރިއުޅުން ނޫން ބޭނުމަކު ކުއްޔަށްދެވޭނީ ގިނަވެގެން 35 އަހަރު ދުވަހުގެ މުއްދަތަށެވެ.

(ނ) ދިރިއުޅުމަށް ނޫން ގޮތަކަށް ދޫކުރެވޭ ބިން މި މާއްދާގެ  (ށ) ގައި ބުނެފައިވާގޮތަށް ދޫކުރެވޭނީ ބިން ބޭނުންކުރުމަށް ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން    އެ ބިމެއް ހިމެނޭ ސަރަހައްދުގައި ކުރުމަށް ހުއްދަދެވޭ ކަންތައްތައް ކުރުމަށެވެ.

 

7 ވަނަ މާއްދާ - 31 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެއްވެސްމީހަކު ނުވަތަ ބަޔަކު، އެމީހެއްގެ ނުވަތަ އެބައެއްގެ އަމިއްލަ ބިމެއްގައި، ނުވަތަ ބަންޑާރަ ގޯއްޗެއްގައި، ހަދާފައިވާ އިމާރާތް، އެއްމެދު އިމާރާތަކަށް ބަދަލުކުރުމަށް ބޭނުންނަމަ މި ގާނޫނުގެ ދަށުންހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެކަން މިނިސްޓްރީއަށް ހުށަހަޅައި، އެ އިމާރާތަކީ އެއްމެދު އިމާރާތެއްކަމަށް ރަޖިސްޓަރީ ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - 37 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދިވެހިރާއްޖޭގެ އެއްވެސް ބިމެއް، ނުވަތަ ބިމެއްގައި ހުންނަ، ނުއުފުލޭ މުދަލެއް ވަގުފު ކުރެވޭނީ، އެ ވަގުފު ކުރުމަކީ، އެ ރަށެއްގެ ބިން ބޭނުން ކުރުމާބެހޭގޮތުން، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތާ ހިލާފު ކަމަކަށް ނުވާނަމަ، އެ ވަގުފު ކުރުމަށް މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދައިގެންނެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 44 ވަނަ މާއްދާގައި މިހާރު އޮތްބައި އެއީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (ށ) އާއި (ނ) ގެ ގޮތުގައި އަންނަނިވިބައި އިތުރުކުރުން.

(ށ) މި ގާނޫނުގައި "ދިރިއުޅުމަށް ގޯތި ދޫކުރުން"  ކަމަށް ބުނެފައިއެވަނީ، ހިޔާވަހިކަން ތަނަވަސްކޮށްދިނުމުގެ ގޮތުން ނުވަތަ ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހަމަތަކާއި ށަރުތުތަކާއި އަދި އުސޫލުތަކުގެ މަތިން، އޭގެ ބަދަލުގައި އަގެއް ނެގުމަކާ ނުލައި ސަރުކާރުން ހިލޭ ބަންޑާރަ ގޯތި ދިނުމަށް ނުވަތަ ދޫކުރުމަށެވެ. އަދި ހިޔާވަހިކަން ތަނަވަސްކޮށްދިނުމުގެ ގޮތުން ނުވަތަ ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހަމަތަކާއި ށަރުތުތަކާއި އަދި އުސޫލުތަކުގެމަތިން، އަގުނަގާގޮތަށް ސަރުކާރުންދޭ ނުވަތަ ދޫކުރާ ގޯތިވެސް މި މާނައިގެ ތެރޭގައި ހިމެނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި "ދިރިއުޅުމަށް ގޯތި ދޫކުރުން" ކަމަށް ބުނެފައިވާ މާނައިގެ ތެރޭގައި، ވިޔަފާރީގެ ގޮތުގައި ފައިދާ ހޯދުމަށްޓަކައި އަގުނަގާގޮތަށް ސަރުކާރުން ދޫކުރާ ބިން ނުހިމެނޭނެއެވެ.

(ރ) މިނިސްޓްރީ ކަމަށް ބުނެފައިއެވަނީ، ބިމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ ސަރުކާރުގެ ވުޒާރާ އަށެވެ.

 

މައި ގާނޫނު

ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1/2002)

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com