-

އާންމު ގަވާއިދުތަކާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2008-06)

 

1 ވަނަ މާއްދާ – ތައާރުފާއި ނަން

(ހ) މި ގާނޫނަކީ، ދިވެހިރާއްޖޭގައި އަމަލުކުރަމުންގެންދާ ގަވާއިދުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސަކުރާ ގާނޫނަކުން އެ ގަވާއިދެއް ހެދުމުގެ ބާރު ލިބިގެން ނޫންގޮތަކަށް ހަދާފައިވާ ގަވާއިދުތަކުގެ ތެރެއިން، ދައުލަތުގެ ހިންގުމުގެ ނިޒާމް ކުރިއަށް ގެންދިއުމަށާއި، އާންމު ރައްޔިތުންނަށް ހިދުމަތްދިނުމަށާއި، ގާނޫނު ތަންފީޒުކުރުމަށް މުހިންމު ގަވާއިދުތައް ކަނޑައަޅައި، އެ ގަވާއިދުތައް ހިންގުމަށް ވަގުތީގޮތުން ގާނޫނީ ބާރު ލިބިދިނުމަށްޓަކައި އެކަށައަޅާފައިވާ ގާނޫނެކެވެ.

(ށ) މި ގާނޫނަށް ކިޔާނީ "އާންމު ގަވާއިދުތަކާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ – ޖަދުވަލްތަކުގައިވާ ގަވާއިދުތަކަށް ލިބިދޭ ގާނޫޏީ ބާރު

މި ގާނޫނުގެ ޖަދުވަލް 1 ގައާއި ޖަދުވަލް 2 ގައިވާ ގަވާއިދުތަކަކީ، ދައުލަތުގް ހިންގުމަށާއި، އާންމު ރައްޔިތުންނަށް ހިދުމަތްދިނުމަށާއި، ގާނޫނު ތަންފީޒުކުރުމަށް މުހިންމު ގަވާއިދުތަކެއްކަމަށް ކަނޑައަޅައި، އެ ގަވާއިދުތަކަކީ މި ގާނޫނުގެ ދަށުން ބާރު ލިބިގެން، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން އަމަލުކުރަމުންދާ ގަވާއިދުތަކެކެވެ.                               

                                 

3 ވަނަ މާއްދާ- ޖަދުވަލްތަކުގައިވާ ގަވާއިދުތައް ހިންގާ ފަރާތް

(ހ) މި ގާނޫނުގެ ޖަދުވަލް 1 ގައިވާ ގަވާއިދުތަކުގެ ތެރެއިން ކޮންމެ ގަވާއިދެއްވެސް ހިންގައި އެ ގަވާއިދަކާބެހޭ ކަންކަން ބަލަހައްޓާނީ، ޖަދުވަލް 1 ގައި އެ ގަވާއިދެއް ހިންގުމަށް ކަނޑައަޅާފައިވާ ފަރާތެއް ނުވަތަ ފަރާތަކުންނެވެ.

(ށ) މި ގާނޫނުގެ ޖަދުވަލް 2 ގައިވާ ގަވާއިދުތައް ހިންގައި އެ ގަވާއިދަކާއިބެހޭ ކަންކަން ބަލަހައްޓާނީ، އަދުލް އިންސާފު ގާއިމުކުރުމުގެ ބާރުން ކަމާބެހޭ ށަރުއީ ކޯޓުތަކުންނެވެ. އެހެންނަމަވެސް، މި ގާނޫނުގެ ޖަދުވަލް 2 ގައިވާ ގަވާއިދުތަކުގެ ތެރެއިން ކަނޑައެޅިގެން ވަކި ކޯޓަކަށް ނިސްބަތްނުވާ ގަވާއިދުތަކާއި، އެ ގަވާއިދަކީ ވަކި ކޯޓަކަށް ނުވަތަ ކޯޓުތަކަކަށް ނިސްބަތްވާ ގަވާއިދުތައް ހިންގައި އެ ގަވާއިދަކާބެހޭ ކަންކަން ބަލަހައްޓާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

 

4 ވަނަ މާއްދާ- ޖަދުވަލްތަކުގައިވާ ގަވާއިދަކަށް ބަދަލުގެނައުން

(ހ) މި ގާނޫނުގެ ޖަދުވަލު 1 ގައްޔާއި 2 ގައިވާ ގަވާއިދުތަކުގެ ތެރެއިން އެއްވެސް ގަވާއިދަކަށް އިސްލާހެއް ނުވަަަތަ ބަދަލެއް ގެނެވޭނީ ގަވާއިދު ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ށ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ގަވާއިދެއް ހިންގުމަށް ކަނޑައަޅާފައިވާ ފަރާތަކުން އެ ގަވާއިދަކަށް ބަދަލެއް ގެންނަން ބޭނުންވެއްޖެނަމަ، އެ ފަރާތަކުން އެކަމެއް ގަވާއިދު ކޮމިޓީއަށް ހުށަހެޅިދާނެއެވެ.

 

5 ވަނަ މާއްދާ- ޖަދުވަލްތަކުގައިވާ ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު

(ހ) މި ގާނޫނުގެ ޖަދުވަލް 1 ގައާއި ޖަދުވަލް 2 ގައިވާ ގަވާއިދުތަކަށް އަމަލުކުރާނީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތަކަށެވެ.

(ށ) މި ގާނޫނުގެ ޖަދުވަލް 1 ގައާއި ޖަދުވަލް 2 ގައިވާ ގަވާއިދުތަކުގެ ތެރެއިން ގަވާއިދަކަށް ނުވަތަ ގަވާއިދުތަކަކަށް 12 (ބާރަ) މަސްދުވަހަށްވުރެ އިތުރަށް އަމަލުކުރަން ގަވާއިދު ކޮމިޓީން މަށްވަރާ ދީފިނަމަ، ރއްޔިތުންގެ މަޖިލީހުން ނިންމާ ގޮތެއްގެ އެ މުއްދަތު އިތުރުކުރުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެންއޮތްނަމަވެސް، މި ގާނޫނުގެ ޖަދުވަލް 1 ގައާއި ޖަދުވަލް 2 ގައިވާ ގާވާއިދުތަކުގެ ތެރެއިން، ގަވާއިދަކާގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށް އެ ގާނޫނަކަށް އަމަލުކުރަން ފަށައިިފިނަމަ، އެ ގާނޫނަކަށް ނިސްބަތްވާ އެ ގަވާއިދުގެ އެ ބަޔަކަށް ނިމުން އަންނާނެއެވެ.

 

6 ވަނަ މާއްދާ – ގަވާއިދެއް ނުވަތަ ގަވާއިދުން ބަޔެއް ބާތިލްކުރުން

މި ގާނޫނުގެ ޖަދުވަލް 1 ގައާއި ޖަދުވަލް 2 ގައިވާ ގަވާއިދުތަކުގެ ތެރެއިން އެއްވެސއް ގަވާއިދެއް، ނުވަތަ އެ ގަވާއިދަކުން ބަޔަކީ ގާނޫނުއަސާސީއާ ނުވަތަ ދިވެހިރާއްޖޭގެ ގާނޫނަކާ ހިލާފު ގަވާއިދެއް ނުވަތަ ގަވާއިދުން ބަޔެއްކަމަށް، ގަވާއިދު ކޮމިޓީން ނުވަތަ ށަރުއީ ކޯޓަކުން ކަނޑައަޅައިފިނަމަ، އެ ގަވާއިދެއް ނުވަތަ އެ ގަވާއިދުގެ އެބަޔެއް ބާތިލުވާނެއެވެ.

 

7 ވަނަ މާއްދާ- ޖަދުވަލްތަކަށް ގަވާއިދެއް އިތުރުކުރުން

މި ގާނޫނުގެ ޖަދުވަލް 1 އަށޤ ނުވަތަ ޖަދުވަލް 2 އަށް ގަވާއިދެއް އިތުރުކުރަން ބޭނުންވެއްޖެނަމަ، އެކަމަށް އެދި ގަވާއިދު ކޮމިޓީއަށް ހުށަހެޅުމުން، ގަވާއިދު ކޮމިޓީން ކަނޑައަޅައި ނިންމާ ގޮތެއްގެ މަތިން، އެ ގަވާއިދެއް ޖަދުވަލް 1 އަށް ނުވަތަ ޖަދުވަލް 2 އަށް އިތުރުކުރެވިދާނެއެވެ.

 

8 ވަނަ މާއްދާ- ގަވާއިދުތައް އާންމުކޮށް ށާއިއުކުރން

މި ގާނޫނުގެ ޖަދުވަލް 1 ގައާއި ޖަދުވަލް 2 ގައިވާ ގަވާއިދުތައް މި ގާނޫނުގެ 3 ވަނަ މާއްދާގައި އެ ގަވާއިދުތައް މި ގާނޫނުގެ 3 ވަނަ މާއްދާގައި އެ ގަވާއިދެއް ހިންގުމަށް ކަނޑައަޅާފައިވާ ފަރާތަކުން އާންމުންނަށް ލިބެންހުންނާނެ ގޮތަކަށް އިންތިޒާމުކޮށް، އާންމުކޮށް ށާއިއުކުރެވޭނެއެވެ.

 

9ވަނަ މާއްދާ- ޖަދުވަލު 1 އާއި ޖަދުވަލް 2އަކީ މި ގާނުނުގެ ބައެއްކަމަށް ކަނޑައެޅުން

މި ގާނޫނަށް އަމަލުކުރަންފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

10 ވަނަ މާއްދާ- ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަންފަށާނީ ،މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

11 ވަނަ މާއްދާ – މާނަ

"ގަވާއިދު ކޮމިޓީ" ކަމަށ ބުނެފައިއެވަނީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން، އެކިއެކި އިދާރާތަކުން ހިންގާ ގަވާއިދުތައް ބަލައި ދިރާސާކޮށް ފެންނަގޮތް ބަޔާންކުރުމަށް ގާއިމުކޮށްފައިވާ ގަވާއިދު ކޮމިޓީއަށެވެ.



( މި ގަވާއިދާއި ގުޅޭ ޖަދުވަލު 1 އަދި ޖަދުވަލު 2 އެޓޭޗް ކުރެވިފައިވާ ޕީ.ޑީ.އެފް ފައިލްގައި ހިމެނިފައިވާނެއެވެ. އަދި ފަހުން ވޯރޑް ޑޮކިއުމެންޓްގައި އަޕްލޯޑު ކުރެވިގެންދާނެއެވެ.)

   

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. މާލެ ޕްލޭނިންގ ގަވާއިދު (ގަވާއިދު ނަންބަރު 140/2015)
  2. މާލެ ޕްލޭނިންގ ގަވާއިދު (ގަވާއިދު ނަންބަރު 192/2015)
  3. މާލޭ ޕްލޭނިންގ ގަވާއިދު (ގަވާއިދު ނަންބަރު 35/2014)
  4. ދޫނި އެތެރެކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 4/2012)
  5. ހުޅުމާލޭ ޕްލޭނިންގ އަދި އިމާރާތްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 3/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު